...

Support Us

ބުއްދިވެރި ބަސްކޮޅެއް

  1. ތިމާ ގަޔާ ނުވެ ކުރާ މަސައްކަތަކީ އަޅުވެތިކަމުގެ މަސައްކަތެކެވެ.
  2. އުފާވެރިކަމާއެކު އަނެކުންނާ ކުރާ މުއާމަލާތަކީ އެއިން ފުރާނަތައް ހިފޭ ލޯބީގެ ދަލެކެވެ.
  3. ތިމާ އުފަލުގައި ދިރިއުޅުމަށްޓަކައި ތުއްތު މައުސޫމު ފުރާނައެއްގެ ވެރި ކުއްޖަކު ނެތިކޮށްލަން ނިންމުމަކީ ނަފްސުގެ ފަގީރުކަން އަންގައިދޭ ކަމެކެވެ.
  4. ދުނިޔެއަށް ދުޅަހެޔޮކަން ލިބިދިނުން ހޯދައިދޭން ފަށާނެ ގޮތަކީ އެކަން ކަލޭގެ އަމިއްލަ އާއިލާއަށް ހޯދައިދިނުމުގެ މަސައްކަތް ކުރުމެވެ.
  5. އެހެން މީހުންގެ ހެވާ މެދު ވިސްނާލާނެ ފުރުސަތެއް ނުލިބޭހާ ވަރަށް އަވަދިނެތި އުޅެން ޖެހިފައިވާ ކަމުގައި ނުދެކޭށެވެ.
  6. ކުދިކުދި ކަންކަމާ މެދު ވަފާތެރިވާށެވެ. ކަލޭގެ ހިތުގެ ބާރު ބިނާވެގެންވަނީ އެކަމުގެ މައްޗަށެވެ.
  7. ހިތުގެ އެންމެ ފުންމިނުން އުފެދޭ ވަރުގަދަ ލޯބީގައި ހުދޫދެއް، މިނެއް ކަނޑައެޅިފައި ނުވެއެވެ. އެ ފަދަ ލޯތްބަކީ މިނެއް ނެތި އެންމެނަށް، އަބަދުވެސް، ދެމުން ގެންދާ އެއްޗެކެވެ.
  8. އެއްކަމެއް ކުރެވޭތޯ އެކަމުގެ މައްޗަށް އަހަރުމެންގެ އަމާޒު ހުއްޓާލަމާ ހެއްޔެވެ؟ ހިނިތުންވެލަން އުނދަގޫވާ ވަގުތުގައިވެސް، އާއިލާގެ މީހުންނާ ބައްދަލުވާ ހިނދު، ހިނިތުންވެލާށެވެ! އެމީހުންނާ ބައްދަލުކުރުމަށް ވަގުތު ހޯދައި، އެމީހުންނާ ބައްދަލުކޮށް އެކަކު އަނެކަކަށް ހިނިތުންވެލެވޭތޯ ބަލަމާ އަންނާށެވެ!
  9. ލޯތްބަކީ އެންމެންގެ އަތްފޯރާ ފަށުގައިވާ، އަދި ހުރިހާ މޫސުމެއްގައި ވެސް ބިނދެވެން ހުންނަ މޭވާއެކެވެ.
  10. އަޅާލުމާއި ކަމޭހިތުން ހައްގު ނުވާ މީހުންނަށް ވެސް، އަޅާލުމާއި ކަމޭހިތުން ވެސް ހަމަ އެންމެ ރަނގަޅެވެ.
  11. ބޮޑެތި މޮޅު ކަންކަން ކުރާނޭ ގިނަ ބަޔަކު އުޅެފާނެއެވެ. ނަމަވެސް އާދައިގެ ކުދިކުދި ހެޔޮކަންތައް ކުރާ މީހުން މަދުވެދާނެއެވެ.
  12. ސަތޭކަ މީހުންނަށް ކާ އެއްޗެހި ފޯރުކޮށްލަދިނުމަށް ނުކުޅެދިއްޖެ ނަމަ، ހަމަ އެންމެ މީހަކަށް ކާ އެތިކޮޅެއް ފޯރުކޮށްލަ ދޭށެވެ!
  13. އުފާވެރި ހިތަކީ އެ ހިތުގައި ލޯބީގެ ހުޅުކޮޅު ރޯވެ އަނދަމުންދާ ހިތެކެވެ. އުފަލާއެކު ސަދަގާތްކުރާ ހިތަކީ އެންމެ ގިނައިން ސަދަގާތްކުރާ ހިތެވެ.
  14. ނަބަވީ އިރުޝާދެއްގައި ވަނީ "تحابوا"، ކަލޭމެން އެކަކު އަނެކަކަށް ލޯބިކުރާށެވެ!، މިހެންނެވެ. އެ ގޮތަށް ކަންތައް ކުރެވިއްޖެ ނަމަ، ދުނިޔޭގެ އެންމެނަށް ވެސް ލޯބިކޮށް، އިހުތިރާމުކުރަން ދަސްވާނެއެވެ.
  15. އެކަކު އަނެކަކާ ބައްދަލުވާ ހިނދު، ހިނިތުންވެލުމަށް ވެސް ނަބަވީ އިރުޝާދެއްގައި ވެއެވެ. އެހެނީ އެކަކު އަނެކަކަށް ލޯބިކޮށް އަޅާލުމުގެ ފެށުމަކީ އެކަކު އަނެކަކަށް ހިނިތުންވެލުމެވެ.
  16. ކަލެއަށް އެހީތެރިކަން ފޯރުކޮށްދެވޭ މީހުންގެ އަދަދުގެ ކުޑަ ބޮޑުކަން ހަނދާން ނައްތާލާށެވެ. ނަމަވެސް، އަބަދުވެސް، އެކަކަށް އެހީތެރިކަމެއް ފޯރުކޮށްދެވޭތޯ ބަލާށެވެ! އަދި އެކަން ކުރުމުގައި ކަލޭގެ އެންމެ ކައިރީގައި ހުންނަ މީހާއަށް އިސްކަން ދޭށެވެ!
  17. ލޯބި ހަގީގަތަކަށް ވުމަށްޓަކައި އަގެއް ދައްކަން ޖެހެއެވެ. ވޭން އުފުލަން ޖެހެއެވެ. ހިތުން މަވެތިކަން ހުސްކޮށްލަން ޖެހެއެވެ.
  18. ބޭނުން ނެތިފައިވުމާއި، ލޯބި ނުލިބި ވުމާއި ހަދާންނައްތާލެވިފައިވުމަކީ ކާނޭ އެއްޗަކުން މަހުރޫމު ވެފައިވުމަށް ވުރެވެސް ބޮޑު ހައިހޫނުކަމަކާއި ފަގީރުކަމެކެވެ. އެކަކަށް ވެސް، ވަކިން ޚާއްސަކޮށް ތިމާގެ ގާތް ތިމާގެ މީހުންނަށް މިފަދަ ހާލެއް ޖެހުނަ ނުދޭށެވެ.
  19. އިންސާނުންނަކީ އަމިއްލަ އެދުމާއި ހަމަ ނޫން ގޮތްތަކާއި އަދި، އެމީހުން އެދޭ ކަންކަމުގައި ހައްދުފަހަނައަޅާދާ ބައެކެވެ. އެހެންވިޔަސް، އެމީހުންނާ މެދުވެސް އަޅާލައި އެމީހުންނަށް ވެސް ލޯބިދީ އެމީހުންނަށް ވެސް އިހުތިރާމުކުރާށެވެ.
  20. އަމިއްލަ ނަފްސަށް ތެދުވެރިވެ، ހިތުން ރުހުމުން، ބަލިވެއްޖެ ހިނދެއްގައި ބަލިވެއްޖެކަން ގަބޫލުކުރުމަކީ މޮޅުވުމުގެ ފެށުމެވެ. އަމިއްލަ ނަފްސުގައި ހުންނަ ނުރަނގަޅު ކަންތައް ދެނެގަތުމަކީ އަމިއްލަ ނަފްސު އިސްލާހުވުމުގެ މަގަށް އެޅުވުމުގެ ފެށުމެވެ. ބަލިވެއްޖެ ހިނދެއްގައި ބަލިވެއްޖެކަން ގަބޫލު ނުކުރެވޭ ނަމަ، ނުވަތަ ތިމާގެ ކިބައިގައިވާ ނުރަނގަޅު ސިފަތައް ދެނެނުގަނެވިއްޖެ ނަމަ، އަދި މިކަންކަން ފޫބެއްދުމަށްޓަކައި ބަހަނާތައް ދައްކަން ވެއްޖެ ނަމަ، ކާމިޔާބީއާއި އިސްލާހުގެ މަގުގައި މަސައްކަތް ކުރުން ދަތިވާނެއެވެ.
  21. ނުބައިގެ ކޮޅަށް ކާމިޔާބު ލިބުން އެއި ކާމިޔާބަށް ނުވެވެސް ހިނގައިދާނެއެވެ. އެފަދައިން ކަންތައް ވުން އަންގައިދެނީ ތަނުގައި ފަސާދައާއި ނުބައި ގޮތްތައް ބިންވަޅު ނެގި، ފެތުރި، އަދި ހެވާއި އިސްލާހުގެ މަގަށް ތަން އެޅުވުން އުނދަގޫވެފައިވާ މިންވަރެވެ. އެހެން ވިޔަސް، އިޚުލާސްތެރިކަމާއެކު، އެންމެންގެ ހެވަށްޓަކައި، ތެދު ނިޔަތަކައިގެ މަދު ބަޔަކު ތެދުވެއްޖެ ނަމަ، ހެވާއި އިސްލާހުގެ މަގަށް ތަން އަނބުރާލެވޭނެއެވެ.

މި ހަގީގަތް ކީރިތި ގުރުއާނުގައި، (އަލްއަންޢާމު ސޫރަތުގެ 45-42) މިފަދައިން ބަޔާންކުރެވިފައި ވެއެވެ. ފަސާދައާއި ނުބައި ކަމުގެ ތެރެއަށް ޣަރަގުވެ، އަޚުލާގީ އިންތައް ހުރަސްކޮށް، އެއިންތައް ފަހަނައަޅާ ދިޔުމުން، އެކިއެކި ގޮތްގޮތުން، އެކަން އުއްމަތްތަކަށް ހަނދާންކޮށްދެވެއެވެ. މި ހަނދާންކޮށް ދިނުމުން، އިބުރަތް ލިބިނުގަނެވިއްޖެ ނަމަ، ދެން، އެމީހުން އެދޭ ގޮތްގޮތަށް ކަންތައް ނިމިދެއެވެ. ދެން، އެއަށް ފަހު، އެމީހުންގެ ކާމިޔާބުތަކުގެ މަސްތަކުގައި ބޮޑާކަމާއެކު ފަޚުރުވެރިވެފައި މަޖާކުރުމުގައި ތިއްބައި، ކުއްލި ގޮތަކަށް އެމީހުން ނެތިކުރައްވައި، އެމީހުންގެ ނިމުން ގެންނަވައެވެ. މިކަން އިތުރަށް ފަހުމުވެ ދިޔުމަށްޓަކައި މިއާޔަތްކޮޅުގެ މައްޗަށް ނަޒަރު ހިންގާލާލުން މުހިއްމެވެ.

ولقد أرسلنا إلى أمم من قبلك ހަމަކަށަވަރުން، ކަލޭގެފާނުގެ (އެބަހީ މުހައްމަދުގެފާނުގެ އުއްމަތުގެ) ކުރިން ވެސް، އެހެން އުއްމަތްތަކަށް، ގައުމުތަކަށް، ތިމަން ރަސްކަލާނގެ، ރަސޫލުބޭކަލުން ފޮނުއްވީމުއެވެ. فأخذناهم بالبأساء والضراء لعلهم يتضرعون އަދި (ދިރިއުޅުމުގެ) ދަތި އުނދަގޫތަކާއި (މިސާލަކަށް، ވާރޭނުވެހުމުގެ ސަބަބުން ދަނޑުގޮވާން ނުކުރެވުން، ނައަމްސޫފިތައް މަރުވެދިޔުން، ނޫނީ މަސްނުބޭނުން، އެއްޗެތީގެ އަގު ބޮޑުވުން، މިފަދަ މަޢީޝީ އުނދަގޫތަކާއި) އަދި ބަލިމަޑުކަން (ބަލިތައް ފެތުރި އާންމުވުން، އަދި އެކަމުގެ ސަބަބުން މީސްތަކުން މަރުވަމުން ދިޔުން، އަދި ދިރިތިބީންނަށް އުނދަގޫތައް ކުރިމަތިވުން) އެ އުއްމަތްތަކާއި ކުރިމަތިކުރެއްވީމެވެ. އެއީ އެ އުއްމަތްތަކުގެ މީސްތަކުން(ގެ ހިތްތައް) މަޑުމޮޅިވެ، (އެމީހުން ހަމަ މަގަށް އެޅި)ދޭތޯއެވެ. فلولا إذ جاءهم بأسنا تضرعوا ތިމަންރަސްކަލާނގެ މެދުވެރިކުރެއްވި ދަތިތަކާއި ބަލިމަޑުކަމުގެ އިމްތިހާނު އެމީހުންނާ ކުރިމަތިވި ހިނދު، އެބައިމީހުން(ގެ ހިތްތައް) މަޑުމޮޅިވެ، (ހަމަ މަގަށް އެމީހުން އެޅި)ދިޔަނަމައެވެ! ولكن قست قلوبهم وزين لهم الشيطان ما كانوا يعملون ނަމަވެސް، (ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ! އެމީހުންގެ ކަންތައް ހުރީ މިއާ ދިމާއިދިކޮޅަށެވެ!) އެމީހުންގެ ހިތްތައް (އިތުރަށް) ހަރުކަށިވެ، (އެމީހުން ބޮޑާވެގަނެ، އިތުރަށް ނުބައިވުން ނޫންކަމެއް އެމީހުންގެ ކިބައިން ނުފެނުނެވެ.) އެހެނީ، ޝައިތާނާ، (އެބަހީ، ނުބައި ކަންކަމަށް އަރައިގަތުމަށް، ހިތްވަރުދޭ، އަމިއްލަ އެދުމާއި އަމިއްލަ މަސްލަހަތާއި ދަހިވެތިކަން ފަދަ، ނުބައި ބާރުތައް،) އެމީހުން ކުރަމުން ގެންދިޔަ ކަންތައްތަކީ ރީތި، މޮޅު، ކަންތައްތަކެއްގެ ގޮތުގައި އެމީހުންނަށް ދެއްކިއެވެ. فلما نسوا ما ذكروا به فتحنا عليهم أبواب كل شيء ދެން، އެމީހުންނަށް ހަނދާންކޮށްދެވުނު ކަންތައްތައް މަތީން އެމީހުން ހަނދާން ނައްތާލައި (އެކަމުން އިބުރަތްލިބި ނުގަތުމުން، އެމީހުން އެދޭ) ހުރިހާ ކަމެއްގެ ދޮރުތައް އެމީހުންގެ މައްޗަށް ހުޅުވާލެވި (އެމީހުން ބޭނުންވާ ގޮތަށް ކަންތައްތައްވެ، އެމީހުންގެ ބޭނުންވާ ގޮތްތައް މެދުވެރިވެ، އެމީހުންގެ އެދުންތައް ހާސިލުވިއެވެ.) حتى إذا فرحوا بما أوتوا أخذناهم بغتة فإذاهم مبلسون އަދި މިކަމާމެދު (އެބަހީ އެމީހުންނަށް ލިބުނު މި ނަންގަތް ކާމިޔާބީއާ މެދު، ފަޚުރުވެރިވެ، ބޮޑާވެގަނެ،) އުފާފާޅުކުރުމުގައި ވަނިކޮށް، (އެމީހުން ނުވެސް ދެނެ ތިއްބާ،) ހަމަ ކުއްލިއަކަށް ތިމަން ރަސްކަލާނގެ އެމީހުން ހިއްޕަވައި ގެންދެވީމުއެވެ. (އެބަހީ، އެމީހުންގެ މައްޗަށް އަޒާބު ފޮނުއްވައި، އެމީހުންގެ ނިމުން ގެންނެވީމުއެވެ.) އެހިނދު، އޮޅުންއަރައި، ހަދާނެ ގޮތެއް، ކުރާނެ ކަމެއް، ނޭނގި، އެމީހުން (މުޅިން މާޔޫސް)ވިއެވެ. فقطع دابر القوم الذين ظلموا ދެން، މިފަދައިން ކަންތައްވެވި، އަނިޔާވެރި(ވެ، ބޮޑާވެގަތް) މީސްތަކުންގެ އެންމެ ފަހު މީހާއަށް ދާންދެން، (އެބަހީ، ހަމަ އެކަކުވެސް ބާކީ ނުކޮށް، އެ އެންމެން އެއްކޮށް،) ނެތިކުރެވުނެވެ. والحمد لله رب العالمين އަދި (މިކަން މިގޮތަށް ނިމިދިޔުމުގެ) ހުރިހާ ތައުރީފެއްގެ، މޮޅެއްގެ، ހައްގުވެރި ފަރާތަކީ (ހަމައެކަނި) އާލަމްތުގެވެރި މާތް ރަސްކަލާނގެއެވެ.

އާދެ، ހެޔޮ މަގުން ފައި ކައްސާލި ހިނދު، އެމީހުންނަށް ހަނދާންކޮށްދީ، ހެޔޮ މަގަށް އައުމަށް ގޮވާލެވުމުން ވެސް، ބީރު ކަންފަތެއް ދެވުމުން އެމީހުން ނިމިދިޔައީއެވެ. ނިންމާލަމުން، މަރްހޫމު މުހައްމަދު އަބްދުއްލަތީފުގެ 'ހަގީގަތަކީ މިއީއެވެ' މިޅެމުން ނެގިފައިވާ ހިކަމުގެ މިއިބުރަތްތެރި ބަސްކޮޅު ލިޔެލާނަމެވެ.

"ކާކުތޯ ނުދާނެނީ މި ގުލްޝަނުން ވަކިވެ ހިނގާ

ކާކުތޯއެ ހަރުލަނީ ނުދާނެހެން މިތާކުގައި

އިއްޔެ ދުށް އެރީތިހައި މަނާޒިރާ އުފާތަކާ

ދާނުދާ ތަނެއް ނުއެނގި ހިނގައިދެޔޭ ފަނާވެގެން

ދާރަޔާ ސިކަންދަރާ ސީޒަރާ ނެޕޯލިޔަން

މާ ދުރަށް ވިދާލި ނަން އޮބައިފިޔޭ އެ ފަނޑުވެގެން

ހެދިޔަކަސް ބޮޑެތި ވިހައި އިމާރަތާއި ގުއްބުތައް

އެކަނި ތިންފިލާގައޭ ދަނީ ތިމާ އެ މަރުވެގެން

ހެޔޮކަމުގެ އަމަލުތަކުން ލިބެވިދާ އެ ޝުހުރަތުން

ފެހިކަމާއެކީ އަބަދު ދެމިހުރޭ މި ދުނިޔެއިން

ހީނ އުފާ އަބަދުކުރާ މީހުނޭ، މި ދާރުގައި!

ބީވެގެން ހިނގައިދެއޭ ހަށިގަނޑާ ފުރާނަ ދެން

އިއްޔެގައި އެކީ އުޅުނު މިތުރުނާ އަޒީޒުނާ

ވިއްޔެ ވަކި، މިފާލަމުން، ކުރި ދަތުރު އެ ނިންމަމުން

ކުރިކަމެއްގެ ނަންވަނީ ހެޔޮކަމޭ، އެ ދިރިވަނީ!

ބުނި ލަތީފު ބަސްތަކުން އެނގިދެއޭ އެ ވިސްނުމުން

 

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.