Support Us

ކޮލަމް ކޯދު: "އިންޑިޔާ-އައުޓު"- މި ގޮވުމުގެ މައްޗަށް ބަލައިލުމެއް- 3

މި ސިލްސިލާގެ ދެވަނަ ބައިގައި، 'އިންޑިޔާ-އައުޓު’، މި ހަމަލާގެ ތާރީޚީ އޮނިގނަޑެއް ގެނެސްދެވުނެވެ. އިންޑިޔާއާއި ޗައިނާއާ ދެމެދު އޮތް ވާދަވެރިކަމަކާއި ދެކޮޅުވެރިކަމެއްގެ ސަބަބުން، އިންޑިޔާއިން އެ ގައުމުގެ އަވައްޓެރި ގައުމުތަކުގެ ތެރެއިން، އެ ގައުމުތަކަށް ބާރު ފޯރުވައި، އިންޑިޔާގެ ސީދާ ނުވަތަ ނުސީދާ ނުފޫޒުގެ ދަށަށް ގެނައުމުގެ ސިޔާސަތެއްގެ ދަށުން، 1965ވަނަ އަހަރުން ފެށިގެން، އިންޑިޔާގެ ބާރުގެ ދަށަށް ރާއްޖެ ވެސް ގެންނަން އިންޑިޔާއިން ބޭނުންވެ، އެކަމަށް އަމަލީ ސިފަ ގެނައުމުގެ މަސައްކަތް އަށްޑިހައިގެ އަހަރުތަކުން ފެށިގެން ކުރަމުން ގޮސް، ދެހާހުގެ އަހަރުތަކުގެ ފުރަތަމަ ދިހަ އަހަރު ނިމުނު އިރު މިކަން ވުމުގެ މަގުފަހިވެގެން ދިޔައެވެ.

ކުރިން ވެސް ބަޔާންކުރި ފަދައިން އެކަމުގެ ފެށުމަކަށްވީ އިންޑިޔާގެ ކުންފުންޏެއް ކަމުގައިވާ ޖީ.އެމް.އާރަށް ރާއްޖޭގެ މައި ވައިގެ ބަނދަރު ދިނުމާއި، ދެ އަހަރުން އެއްހަރު އާކުރާ ގޮތަށް، ރާއްޖެއާއި އިންޑިޔާއާ ދެމެދު ވެވެނު އަސްކަރީ އެއްބަސްވުމެއްގެ ދަށުންނެވެ. ދެން އައި އަށެއްކަ އަހަރު ދުވަހުގެ ތެރޭގައި މި މަސައްކަތަށް ބުރުލެއް އެރިއެވެ. ޖީ.އެމް.އާރު. އަތުން ރާއްޖޭގެ ވައިގެ ބަނދަރު އަތުލުމާއި އަދި، އަސްކަރީ އެއްބަސްވުން އާނުކުރެވި ދިޔުމުންނެވެ. ނަމަވެސް، އިންޑިޔާއިން 'ހަދިޔާކުރި' ކަމަށް ބުނާ ދެ ހެލިކޮޕްޓަރާއި އެ ދުއްވަން ތިބި އިންޑިޔާގެ ސިފައިން ރާއްޖެއިން ގެންދިޔުމަށް އެންގުމުން އެކަން ނުކޮށް، ރާއްޖޭގެ ގަވާއިދުތަކާ ޚިލާފަށް، ވިސާ ވެސް ނެތި، އިންޑިޔާގެ ސިފައިން ރާއްޖޭގައި ތިއްބެވެ. މި ގޮތަށް ކަންތައް ކުރަން އެމީހުންނަށް ހިއްވަރު ލިބުނީ، އޭރުގެ އިދިކޮޅު ބައެއް ދިވެހި ސިޔާސީ ޕާޓީތަކާއި އިންޑިޔާއާ އޮތް ގުޅުމާއި، އިންޑިޔާ އަންދާޒާކުރި ގޮތުން، އޭރު އޮތް ސަރުކާރު ބަދަލުވެ، ރާއްޖޭގެ މައްޗަށް އިންޑިއާ ބާރުވެރިކުރުމުގެ މަސައްކަތަށް ތާއީދު ކުރާނޭ މި ޕާޓީ، ދެން އޮތް އިންތިޚާބު ކާމިޔާބުކޮށް ވެރިކަމަށް އަންނާނޭ ކަމުންނެވެ. މި އަންދާޒާކުރުން ފެނިގެންދަނީ، އެއިރުގެ އިދިކޮޅު ސިޔާސީ ޕާޓީގެ ވެރިން، ރާއްޖޭގައި އޭރު އޮތް ސަރުކާރު ބަދަލުކުރުމަށް ކެތްކުޑަވެ، އިންޑިޔާއިން އަސްކަރީން ފޮނުވުމަށް އެދުމުން، އޭގެ ރައްދުގައި އިންޑިޔާގެ އިސް ބޭކަލަކު ބުނި ބުނުމުންނެވެ. އެ ބޭކަލަކު، ރާއްޖޭގެ އިދިކޮޅު ސިޔާސީވެރިޔާއާ މުޚާތަބުކޮށް ބުނީ ކެތްކުރުމަށާއި، އެމީހުން ޒުވާންކަމަށާއި ވެރިކަން އަދި ލިބޭނޭ ކަމަށެވެ!' (މި ކަންކަމަށް އިޝާރަތްކުރެވިފައިވާ ލިޔުމެއް ދާދި ފަހުން ޕާކިސްތާނުގެ 'ހިލާލު' މި ނޫހުގައި "ޖެނެސިސް އޮފް 'އިންޑިޔާ-އައުޓު މޫވްމެންޓު އިން މޯލްޑިވްސް: މި ސުރުޚީގެ ދަށުގައި އޮތް ލިޔުމެއްގައި ވެސް، ޖުމްލަ ގޮތެއްގައި އިޝާރަތްކުރެވިފައި ވެއެވެ. އެ ލިޔުމުގެ ލިންކު

ކޮންމެ އަކަސް ކަންތައް ވެގެން ދިޔައީ އިންޑިޔާއިން ވެސް އަންދާޒާކުރި ގޮތަށެވެ. ދެހާސް ނަވާރައިގައި ވެރިކަން ބަދަލުވެ، ކުރީގައި އިދިކޮޅު ޕާޓީގެ ގޮތުގައި އޮތް ޕާޓީ ވެރިކަމަށް އައެވެ. މި ބަދަލު އައުމަށް ފަހު، އެންމެ ފުރަތަމަ ކަމަކަށް ހަމަޖެހުނު ކަމަކީ ރާއްޖެއާއި އިންޑިޔާއާ ދެމެދު އެއްބަސްވުން ތަކެއްގައި ސޮއިކުރުމެވެ. ރިޔާސީ އާ ދައުރެއްގެ ހުވާކުރުން ނިންމުމަށް ފަހު، ހަމަ ވަގުތުން، އެ އެއެއްބަސްވުމުގައި ސޮއިކުރުމަށް ރާއްޖެ އައިސް ހުރި އިންޑިޔާގެ ބޮޑުވަޒީރު ރައީސް އޮފީހަށް ގޮސް އެ އެއްބަސްވުމުގައި ސޮއިކުރެވުނެވެ. މިކަމުން އެނގޭ އެއްޗަކީ، ވެރިކަން ބަދަލުވުމުގެ ކުރިން، މިކަމާ ބެހޭ ލިޔުންތައް ލިޔެވި މިކަން އޮތީ ހަމަޖެހިފައި ކަމެވެ. އެހެންވެ، ރިޔާސީ އާ ދައުރު އިފްތިތާހު ކުރި ޖަލްސާގައި ބައިވެރިވުމުގެ ނަމުގައި އިންޑިޔާގެ ބޮޑުވަޒީރު އައީ ހަގީގަތުގައި މި އެއްބަސްވުން ތަކުގައި ސޮއި ކުރުމަށްޓަކައި ކަމުގައި ބެލެވެއެވެ.

ދެހާސް ނަވާރައިގެ ނޮވެމްބަރު މަހު މި އެއްބަސްވުންތަކުގައި ސޮއި ކުރެވުނު ކަމުގައި ވިޔަސް، މިކަމުގެ ހަގީގަތެއް އޭރަކު އާންމުންނަކަށް ނޭނގެއެވެ. ދެން، ދޭތެރެދޭތެރެއިން، އިންޑިޔާގެ އަސްކަރީން ރާއްޖޭގައި ތިބެން އުޅޭ ވާހަކަ ދެކެވެން ފެށިއެވެ. ލަފާކުރެވޭ ގޮތުގައި، ވެރިކަން ކުރާ ސަރުކާރުގެ ޕާޓީގެ ތެރޭގައި ވެސް މިކަމާ ނުރެހޭ ބަޔަކު ތިބުމުން، އެފަދަ ބަޔަކު މި އެއްބަސްވުމާ ބެހޭ ވާހަކަތައް ބޭރުކުރަން ފެށުމުންނެވެ. މިވާހަކަތައް ބޭރުވުމުން، އެންމެ ފުރަތަމަ ސަރުކާރުގެ އިސް ފަރާތްތަކުން އެކަން ދޮގުކޮށް، އިންކާރު ކުރިއެވެ. ރާއްޖޭގައި އިންޑިޔާގެ ސިފައިން ނެތްކަމާއި ނުތިބޭނޭ ކަމުގެ ވާހަކަ ގަދަ އަޅައި ބުނެއެވެ. ނަމަވެސް، އުތުރު ތިލަފަޅުގެ އެއްބަސްވުން އެއްބަސްވެ، އެ އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު، އެ ލިޔުމުގެ ދެލިކޮޕީއެއް ބޭރުވުމުން، އެކަން އިންކާރު ނުކުރެވޭ ހިސާބަށް ދިޔައެވެ. ދެން، ރާއްޖޭގައި އިންޑިޔާގެ އަސްކަރީން ތިބި ކަމަށް ސަރުކާރުން އެއްބަސްވިއެވެ. އަދި، އިންޑިޔާ ސިފައިން ރާއްޖޭގައި ތިބެން ޖެހޭނޭކަން ތަބުރީރުކުރުމުގެ (ރަނގަޅުކުރުމުގެ، ޖަސްޓިފައިކުރުމުގެ) ވާހަކަތައް ދެކެވެން ފެށުނެވެ.

ދެން ބަލާލަން ޖެހެނީ މިކަން ތަބުރީރުކުރުމަށް ދެކެވޭ ވާހަކަތަކުގެ މައްޗަށެވެ. މިކަމުގައި، އާދެ، ރާއްޖޭގައި އިންޑިޔާގެ އަސްކަރީން ތިބުމުގައި، ރާއްޖެއަށާއި އިންޑިޔާއަށް އޮތް ފައިދާއާ މެދު ދައްކާ ވާހަކަތަކުގެ މައްޗަށެވެ. މިކަމުގެ މައްޗަށް ބަލައިލުމުން، އިންޑިޔާ އައުޓޭ ގޮވާ މީހުން ގޮވަނީ ކީއްވެކަން ކޮންމެވެސް ވަރަކަށް ނަމަވެސް ސާފުވެގެން ދާނެހެން ހީވާތިއެވެ.

މި ތަބުރީރުގެ ވާހަކަ ފެށުމުގެ ކުރިން، ފާހަގަކޮށްލަން ޖެހޭ ނުކުތާއެއް އެބައޮތެވެ. އެއީ ރާއްޖޭގެ ގާނޫނު ނިޔާކުރާ ގޮތުން، ބޭރު ސިފައިންގެ ބަޔަކު ބޭތިއްބޭނީ، އެކަމާ ބެހޭ އިޖުރާއާތުތަކެއް ފުރިހަމަ ކުރެވިގެންނެވެ. ރައްޔިތުންގެ މަޖުލީހަށް މައްސަލަ ހުށަހެޅި، އޮންނަ އުސޫލެއްގެ މަތިން، މަޖުލީހުން ފާސްވެގެންނެވެ. ނަމަވެސް، ކަންތައް ނިމިގެން ދިޔައީ މިހެންނެއް ނޫނެވެ. ޑިމޮކުރަސީގެ އުސޫލުތަކުގައި ހިފަހައްޓައި ޑިމޮކުރަސީ ފަތުރައި އަށަގަންނަވަން ތިބި ކަމަށް ދައުވާކުރާ މީހުންގެ ކަންތައް ނިމުނީ ކާޅު ކޮންފަރެންސުގެ އުސޫލުންނެވެ. ނަޖިސް ނުކެއުމަށް ކާޅުތައް ނިންމާފައި، އުދުއްސައިގެން ތަނުން، އަތިރިމަތިން ތާޒާ ނަޖިސް ފެނުމުން، ހަމަ ކުރިން ވެސް އޮތްގޮތަށޭ ބުނެ ނަޖިސް ކާން ނިންމި ގޮތަށެވެ. އާދެ، ވެރިކަމަށް އަންނަން ބޭނުންވީމާއި ޑިމޮކުރަސީއޭ ގޮވައި، ވެރިކަމުގެ ގޮނޑީގައި އިށީނދެވުމުން، ޑިމޮކުރަސީއާއި ގާނޫނުތަކުގެ މަތިން ހަނދާން ނެތި، ހަމަ ކުރިއެކޭ އެއްގޮތަށް އިސްތިބްދާދީ ސިފައެއްގައި (އެކެއްގެ ނުވަތަ މަދު ބައެއްގެ ބާރުގެ ދަށުން، ޑިކްޓެޓޯރިއަލް)، ކަންތައް ހަމަޖެހިގެން ދިޔައީއެވެ.

ދެން، އިންޑިޔާ ސިފައިން ރާއްޖޭގައި ބޭތިއްބުން ތަބުރީރުކޮށް އެކަން ރަނގަޅުކުރުމަށް ދައްކަނީ ކޮން ވާހަކައެއް ހެއްޔެވެ؟ އެ ގޮތުން ތަފާތު ވާހަކަތައް ދައްކާއިރު، އޭގެ މައްޗަށް ބަލާލުން އެންމެ ރަނގަޅު ދެ ވާހަކަ އެބަ އޮތެވެ.

ފުރަތަމަ ވާހަކައަކީ ރާއްޖޭގެ ސަލާމަތްކަން ދެމެހެއްޓެން އޮތީ އިންޑިޔާގެ ސިފައިން ރާއްޖޭގައި ތިބެގެންނެވެ. މިހެން ބުނާއިރު، މިކަން ބިނާވަނީ ދޮގު، ހަގީގަތެއް ނެތް، ފަރުލުކޮށްލުމެއްގެ މައްޗަށެވެ. އެއީ ރާއްޖެ ހިފަން އުޅޭ ބަޔަކު އުޅޭ ކަމުގެ ފަރުލުކޮށްލުމެވެ. މިއީ ދޮގު ފަރުލުކޮށްލުމެކޭ ބުނަނީ މިފަދަ ބަޔަކީ ކޮބައިކަން ސާފުކޮށް ބަޔާންކޮށް ނުދެވޭތީއެވެ. ރާއްޖެ ހިފަން އުޅެނީ ލަންކާއިން ހެއްޔެވެ؟ ނޫނީ ޗައިނާއިން ހެއްޔެވެ؟ ނޫނީ ޕާކިސްތާނުން ހެއްޔެވެ؟ ނޫނީ އެމެރިކާއިން ހެއްޔެވެ؟ މިފަދަ ގައުމަކުން ރާއްޖެ ހިފަން އުޅޭ ކަމުގެ އެއްވެސް ހެއްކެއް ނެތެވެ. އަދި އެހެން ނޫނަސް، ލަންކާ ފިޔަވައި މިނަންގަތް ފަދަ ގައުމަކާއި ކުރިމަތިލުމުގެ ބާރެއް ނުވަތަ ކުރިމަތިލުމުގެ އެދުމެއް އިންޑިޔާގެ ކިބަޔަކު ނެތެވެ. ދެން، މަގުފޭރޭ މީހުން، ނުވަތަ ރާއްޖޭގެ ކަނޑުތަކުގައި ގަވާއިދާ ޚިލާފަށް މަސްބާނާ ބޭރުގެ މީހުން، ނުވަތަ، ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުން، މިފަދަ މީހުން ހުއްޓުވުމަށްޓަކައި ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި އިންޑިޔާގެ އަސްކަރީ މަރުކަޒުތައް ގާއިމުކޮށްގެން އިންޑިޔާގެ ސިފައިން ތިބެން ޖެހޭ ހެއްޔެވެ؟ މިހާރު ވެސް ގާއިމުކޮށްފައި އޮތް ކަނޑުތަކަށް ފާރަވެރިވެ ބެލެހެއްޓުމުގެ ނިޒާމުގެ ދަށުން، މިކަން ދެނެގަނެވި ރާއްޖޭގެ ސިފައިންނަށް ވެސް މިކަން ކުރެވޭނެއެވެ. ސަބަބަކީ އެކަން ކުރުމަށް ކުރިމަތިލާން ޖެހެނީ ބަރު ހަތިޔާރުގެ ދައުލަތެއްގެ ލަޝްކަރަކާ ނޫނެވެ. ގިނަވެގެން ދެތިން އުޅަނދާއެވެ. މިއީ މީގެ ކުރިން ވެސް ރާއްޖޭގެ މަސްވެރިންނާއި ސިފައިން ކުރަމުން ގެންދިޔަ ކަމެކެވެ.

އިންޑިޔާގެ ސިފައިން ރާއްޖޭގައި ބޭތިއްބުން ތަބުރީރުކުރުމަށް ދެން ދައްކާ ވާހަކައަކީ އެކަމަކީ ރާއްޖޭގެ ތަރައްގީއާ ގުޅިފައިވާ ކަމެކެވެ. ތަރައްގީގެ މާނަ އަކީ ކޮބައި ހެއްޔެވެ؟ އެއީ އިމާރާތެއް އެޅުން ނޫނީ ރަށެއްގެ މަގު ހެދުމާއި ނަރުދަމާ ވަޅުލުން ފަދަ ތަހުތީ ބިނާ (އިންފުރާ ސްޓްރަކްޗާ) އާ ގުޅޭ ކަމެއް ނަމަ، އެކަން ކުރަން ރާއްޖޭގެ ހަތަރު ފަސް ދިމާއެއްގައި އިންޑިޔާގެ ސިފައިން ތިބެން ޖެހޭ ހެއްޔެވެ؟ އެފަދަ މަސައްކަތް ކުރުމުގައި އަމަލީ ގޮތުން އިންޑިޔާގެ ސިފައިން ބައިވެރިވަނީ ހެއްޔެވެ؟ އެފަދަ ތަހުތީ ބިނާގެ މަސައްކަތްތަކަށް އިންޑިޔާއިން އެހީވެދޭން ބޭނުން ނަމަ، އެހެން ބޭރުގެ ގައުމުތަކާއި މުއައްސަސާތައް ފަދައިން، ލޯނުގެ އެހީ ދިނުމުން އެކަން ކުރެވޭނެއެވެ. ލޯނުގެ އެހީ ފޯރުކޮށް ދިނުމަށްޓަކައި، ރާއްޖޭގައި އިންޑިޔާގެ ސިފައިން ބައިތިއްބަން ޖެހޭ ހެއްޔެވެ؟

ތަރައްގީގެ މާނައަކީ މުޅި ގައުމު ކުރިއަރުވައި، ތިންވަނަ ދުނިޔޭގެ ގައުމަކުން އެއްވަން ދުނިޔޭގެ ގައުމަކަށް ރާއްޖެ ގެންދިޔުން ކަމަށްވާ ނަމަ، މިއީ އިންޑިޔާއަށް ކުރުމުގެ ގާބިލުކަން އަދި ލިބިފައި ނެތް ކަމެކެވެ. އެ ގާބިލުކަން އިންޑިޔާއަށް ލިބިފައި އޮތް ނަމަ، އިންޑިޔާ އޮންނާނީ އެއްވަނަ ދުނިޔޭގެ ގައުމެއްގެ ގޮތުގައެވެ. ތަރައްގީގެ މަގުގައި ހަތްދިހަ އެތެއް އަހަރެއްވެ، ތަނުގައި މޮޅެތި ގާބިލު ސިކުނޑިތަކެއް އުފެދިދިޔަ އިރު ވެސް، އިންޑިޔާއަކަށް މިކަމެއް އަދި ނުވެއެވެ. އެހެންކަމަށްވާ އިރު، މި ނަންގަތް މާނައިގައި، އިންޑިޔާއަށް ރާއްޖެ ތަރައްގީ ކުރެވިދާނެ ހެއްޔެވެ؟ އިންޑިޔާގެ ސިފައިން ރާއްޖޭގައި ބޭތިއްބިޔަސް ނޫނީ ނެތަސް، އެއީ އަދި އިންޑިޔާއަށް ކޮށްދެވޭނޭ ކަމެއް ނޫނެވެ.

އިންޑިޔާގެ ސިފައިން ރާއްޖޭގައި ބޭތިއްބުން ތަބްރީރުކުރުމުގެ ގޮތުން މި ނޫން އެހެން ވާހަކަތައް ވެސް ދައްކައެވެ. އިންޑިޔާ ކަނޑުގައި ރާއްޖެ އޮތުމާއި އިންޑިޔާއިން ބޭނުން ނަމަ، އިންޑިޔާއަށް ރާއްޖެ ހިފިދާނޭކަން ފަދަ، ހަމަނުޖެހޭ ވާހަކައެވެ. އިންޑިޔާ ކަނޑަށް އިންޑިޔާ ކަނޑޭ ކިޔުމަކުން އެއީ އިންޑިޔާގެ ތަނަކަށް ނުވެއެވެ. އިންޑިޔާގެ މީހުން ގިނަވެފައި، ބާރުގަދަ އަސްކަރިއްޔާއެއް އޮތުމުން، އިންޑިޔާއިން ބޭނުން ވެއްޖެ ހިނދެއްގައި ބޭނުން ތަނެއް ހިފުމުގެ ގާނޫނީ ބާރެއް އިންޑިޔާއަށް ލިބިގެން ނުވެއެވެ. ބައިނަލް އަގުވާމީ ގާނޫނުތަކާއި ހަމަތަކަށް އިންޑިޔާއިންވެސް އެއްބަސްވެފައިވާ އިރު، އެކަންކަމާ ޚިލާފުވާ ގޮތަށް އަމަލުކޮށްގެން އިންޑިޔާއަކަށް ކުރިއެއް ނުލިބޭނެތީއެވެ.

އިންޑިޔާގެ ސިފައިން ރާއްޖޭގައި ތިބުމުން، އެކަމަށް ތާއީދުކުރާ ސިޔާސީ ޕާޓީއަކަށާއި ސިޔާސީ ބަޔަކަށް ވަގުތީ ފައިދާއެއް ކޮށްފާނެއެވެ. އެއީ އެމީހުން ވެރިކަމުގައި ބޭތިއްބުމަށް އިންޑިޔާއިން އެހީވެދޭނެތީއެވެ. އެންމެ ފަހުން އޮތް ބައި އިލެކްޝަންއިން ވެސް މިކަން ފެނިއްޖެއެވެ. ވަކި ޕާޓީއެއްގެ މެމްބަރު ހޮވުމަށް އިންޑިޔާގެ އެމްބަސީން ބާރުއެޅުމުންނެވެ. ނަމަވެސް، ގިނަ ފަހަރަށް ފެންނަ މަންޒަރަކީ އެގޮތަށް ތާއީދުކުރާ މީހުން، އާޚިރުގައި ބިކަވުމެވެ. ރައްޔިތުންގެ ކުރިމަތީގައި އެމީހުންގެ ހަގީގަތް ހާމަވެ، އެމީހުންގެ ތާއީދު ނެތިދިޔުމުން، ބާރާއި ނުފޫޒު ފޯރުވަން އުޅޭ މީހުން، އެފަދަ އެހެން ސިޔާސީވެރިން ހޯދަން އުޅުމެވެ. އަދި، އެމީހުންނަށް ބާރު ލިބުމުން މިފަދަ ޣައްދާރުންނަކީ ޣައްދާރުން ކަމަށް އެމީހުން ވެސް ގަބޫލުކުރާތީ އެފަދަ ހުރިހާ މީހުންގެ ބޭނުން ކެނޑި އެމީހުން ބާކީވަނީއެވެ. ދެވަނަ ބޮޑު ހަނގުރާމައިގައި ހިޓްލަރު ޔޫރަޕުގެ ގައުމުތައް ހިފައި އެތަންތަނަށް ގޮނޑިކޮއްކޮ ވެރިން ހަމަޖެއްސިއިރު މިކަން ފެނިގެން ދިޔައެވެ. އަދި ހަމަ އެހެންމެ، ވިހިވަނަ ގަރުނުގެ ކުރީކޮޅު މެދު އިރުމައްޗަށް އިނގިރޭސިން ވެރިވާން އުޅުނު އިރު ވެސް މި މަންޒަރު ފެނުނެވެ. ޝަރީފު ހުސައިން ބާކީވި ގޮތް ހިތަށް ގެންނާށެވެ! މީގެ އިތުރުން 2003ގައި އިރާގުން ވެސް މި މަންޒަރު ފެނުނެވެ. އިރާގަށް އަރަން ބޭނުންވި ބަހަނާ ދެއްކުމުގެ މަގުފަހިކޮށްދިން އަހުމަދު ޗަލަބީ ބާކީކޮށްލެވުނު މަންޒަރުގެ ތެރެއިންނެވެ.

ދެން، އިންޑިޔާގެ ސިފައިން ރާއްޖޭގައި ބޭތިއްބުމުގައި އިންޑިޔާއަށް އޮތް ފައިދާއަކީ ކޮބައި ހެއްޔެވެ؟ އިންޑިޔާގެ ސިފައިން ރާއްޖޭގައި ބޭތިއްބުމުގައި އިންޑިޔާއަށް ފައިދާކުރާނޭ ތިން ކަމެއް ފާހަގަކުރެވިދާނެއެވެ. ފުރަތަމަ ކަމަކީ އިންޑިޔާގެ ފުރިހަމަ ބާރުގެ ދަށުގައި ރާއްޖެ ބޭއްވޭނޭ ގޮތް މެދުވެރިވުމެވެ. މިކަން އޮންނާނީ ކިހިނެއްކަން ދެނެގަންނަން ބޭނުން ވެއްޖެ ނަމަ، އިންޑިޔާއާއި ބޫޓާނާ އޮތް ގުޅުމުގެ މައްޗަށް، ނުވަތަ ސިއްކިމް އިންޑިޔާގެ ބަޔަކަށްވީ ގޮތުގެ މައްޗަށް ނަޒަރު ހިންގާލާށެވެ. ވިޔަފާރީގެ ގޮތުންނާއި އަސްކަރީ ގޮތުންނާއި އަދި ޚާރިޖީ ސިޔާސަތު އެކުލަވާލުމުގައި ބޫޓާނުގެ އަމިއްލަ މިނިވަންކަމެއް ނޯވެއެވެ. އެ ހުރިހާ ކަމެއް ވެސް ކުރަން ޖެހެނީ އިންޑިޔާ ރުހޭ ގޮތަކަށެވެ. ގައުމެއްގެ މި ތިންކަން ބޭރުގެ ގައުމަކުން ކޮންޓުރޯލު ކޮށްފި ނަމަ، އެގައުމު އެ ބޭރު ގައުމުގެ ދަށަށް ދެއެވެ. ބޫޓާނު އެ އޮތީ މިހާރު މިފަދަ ގޮތަކަށެވެ. އެހެންވެ، ބައެއް މީހުންގެ ނަޒަރުގައި ބޫޓާނަކީ ފުރިހަމަ މިނިވަންކަން ލިބިފައި އޮތް ގައުމެއް ނޫނެވެ.

ސިއްކިމުގެ މައްޗަށް ނަޒަރު ހިންގާލާއިރު، އިންޑިޔާގެ މިނިވަންކަން ހޯދައިދިން ލީޑަރުންގެ ތެރޭގައި ހިމެނޭ ނެހެރޫ ބުނެފައި އޮތީ އެއީ އިންޑިޔާގެ ބައެއް ނޫންކަމެވެ. ނަމަވެސް، 1975 ގައި ސިއްކިމްގެ ބައެއް ސިޔާސީ ލީޑަރުންގެ އެދުމުގެ މަތިންނާއި އަދި، ފަހުން ސިއްކިމްގެ ބޮޑު އަޣުލަބިއްޔަތެއްގެ ވެސް އެދުމުގެ މަތިން، އިންޑިޔާގެ ބަޔަކަށް ސިއްކިމް ވެގެން ދިޔައީއެވެ. އާދެ، ތަނުގައި އުފެދުނު ސިޔާސީ ކޯޅުމެއްގައި ތަނުގެ ބަޔެއް ސިޔާސީވެރިންނާއި އަދި އެމީހުންނަށް ތާއީދުކުރި މީހުން އިންޑިޔާއަށް ތާއީދުކޮށް، އިންޑިޔާގެ ބަޔަކަށް ވުމަށް ނިންމި ނިންމުމާ ވިދިގެންނެވެ. އަޅުގަނޑުމެންގެ ތެރޭގައި މިހާރު މިއޮތް ސިޔާސީ ޕާޓީތަކުގެ ކޯޅުންތައް ވެސް މިފަދަ ހާލަތަކަށް ނުދާނެޔޭ ބުނެވޭކަށް ނެތެވެ. ފާޅުގައި މިހާރު ރާއްޖޭގެ ސިޔާސީ ކަންތައްތަކުގެ ތެރެއަށް އިންޑިޔާއިން ވަދެއްޖެއެވެ. ފާޅުގައި ވަކި ޕާޓީއެއްގެ މީހަކަށް ވޯޓުލާން އިންޑިޔާއިން ބުނާ ވާހަކަ ނޫސްތަކުން ފެނެއެވެ. މިފަދަ ސިޔާސީ ޕާޓީތަކާއި އެމީހުންނަށް ތާއީދުކުރާ މީހުން، ސިއްކިމުގެ މީހުން ފަދައިން، އިންޑިޔާގެ ދަށަށް ރާއްޖެ ގެންދިޔުމަށް އެދުމަކީ ދުރުކަމެއް ނޫނޭ ބުނެވިދާނޭ ބާވައެވެ!

އިންޑިޔާގެ ބާރުގެ ނުވަތަ ނުފޫޒުގެ ދަށުގައި ރާއްޖެ އޮތުމުން ދެން އިންޑިޔާއަށް ލިބެން އޮތް ފައިދާއަކީ ބައިނަލް އަގުވާމީ މައިދާނުގައި އިންޑިޔާގެ ސިޔާސަތުތަކަށް ކަނު ސިފައެއްގައި ތާއީދުކުރާނޭ ބަޔަކު ލިބުމެވެ. މިކަން މިހާރު ވެސް ފެނިގެން ހިނގައްޖެއެވެ. މިސާލަކަށް އޯގަނައިޒޭޝަން އޮފް އިސްލާމިކް ކަންޓްރީސް (އޯ.އައި.ސީ.) ގައި އިންޑިޔާގެ ދިފާއުގައި ރާއްޖެ ތެދުވިއެވެ. އިންޑިޔާއިން ކަޝްމީރުގައި ހިންގާ އަނިޔާވެރި އަމަލުތައް އޯ.އައި.ސީން ކުށްވެރިކުރަން އުޅުމުން އެކަން ހުއްޓުވަން ރާއްޖެ މަސައްކަތްކުރިއެވެ. ހަމަ އެހެންމެ، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ތިމާވެށްޓަށް ލިބޭ ގެއްލުންތައް ހުއްޓުވުމަށްޓަކައި އެންމެ ފަހުން ބޭއްވުނު ބައިނަލް އަގުވާމީ ބޮޑު ޖަލްސާގައި ވެސް، ރާއްޖެއަށް ޖެހުނީ އިންޑިޔާގެ ސިޔާސަތާ އެއްގޮތަށް ވޯޓުދިނުމަށެވެ. މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ގެއްލުން ލިބޭ ކަމަށް ރާއްޖެއިން ދައުވާ ކުރި ކަމުގައި ވިޔަސް، އެކަން ހުއްޓުވުމަށްޓަކައި އަޅަން ޖެހޭ ފިޔަވަޅުތަކަށް އިންޑިޔާއިން ތާއީދު ނުކުރުމުން، ރާއްޖެއިން ވެސް އިންޑިޔާއާ އެއްގޮތަށް އަމަލުކުރަން ޖެހުނެވެ.

މީގެ އިތުރުން ވެސް، އިންޑިޔާގެ ބާރުގެ ދަށަށް ރާއްޖެ ދިޔުމުން، އިންޑިޔާއަށް އިގުތިސާދީ ގޮތުން ވެސް ފައިދާކުރެއެވެ. ހުރިހާ ބާވަތެއްގެ މުދާ އިންޑިޔާއިން އެކަނި ކަހަލަ ގޮތަކަށް ރާއްޖެއަށް އެތެރެކުރެވޭ ގޮތަށް ކަންތައް ހަމަޖެހިފައި އޮތުމެވެ. ދެން، ބޭރު މީހުންނަށް ވަޒީފާ ދިނުމުގައި އިންޑިޔާގެ މީހުންނަށް އިސްކަން ދޭނޭ ތަނަކަށް ރާއްޖެ ވުމެވެ. މިކަން މީގެ ކުރިން ދެފަހަރެއްގެ މަތިން ފެނިފައިވެއެވެ. އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލަށް 250 ނަރުހުންނާއި ޑޮކްޓަރުން ޑިޕްލޮމެޓުންގެ ގޮތުގައި ފޮނުވަން އުޅުމެވެ. އަދި، ޖީ.އެމް.އާރުގެ ދަށުން އެއާޕޯޓު ހިންގި އިރު، ދިވެހިން ވަކިކޮށްފައި އިންޑިޔާގެ މީހުންނަށް ވަޒީފާ ދިނުމެވެ. އަދި، މިހާރު ވެސް ބައެއް ރިސޯޓުތަކުން މިކަން ފެނެއެވެ. ވަޒީފާތަކަށް މީހުން ހޯދަން އިޝްތިހާރު ކުރާއިރު، އިންޑިޔާގެ މީހުންނަށް އިސްކަންދޭނޭ ކަމަށް ބުނެ ކުރާ ބައެއް އިޝްތިހާރުތަކެވެ.

މަތީގައިވާ ކަންކަމަށް ބަލާލުމުން، "އިންޑިޔާ-އައުޓު"ގެ ހަމަލާ ފެއްޓި ބަޔަކު ފައްޓައި އެކަން ކުރިއަށް ގެންދަނީ ކީއްވެގެންކަން ސާފުވެއެވެ. އެއީ ރާއްޖެއަކީ އިންޑިޔާގެ ސީދާ އަސްކަރީ ބާރުގެ ދަށުގައި އޮތް ތަނަކަށް ވެދާނެތީވެ، އެކަން ހުއްޓުވުމުގެ ގޮތުންނެވެ. އާދެ، ރާއްޖޭގެ އިސްތިގުލާލާއި މިނިވަންކަން ދެމެހެއްޓުމަށްޓަކައެވެ. އިންޑިޔާގެ އަސްކަރީ ބާރުގެ ދަށަށް ހިނގައްޖެ ނަމަ، ސިއްކިމް ނޫނީ ބޫޓާނަށް ޖެހުނު ހާލަތު ރާއްޖެއަށް ވެސް ޖެހިދާނެތީއެވެ. ފުރަތަމަ ހާލަތު މެދުވެރިވެއްޖެ ނަމަ، މުޅި މިނިވަންކަން ގެއްލިގެން ދިޔައީއެވެ. ދެވަނަ ހާލަތު މެދުވެރިވެއްޖެ ނަމަ، އަޅުވެތިވީއެވެ. އޭރުން، އިންޑިޔާ ރުހޭ ގޮތެއް ނޫން ގޮތެއްގައި ނޭވާ ވެސް ނުލެވޭނެއެވެ.

ނިންމާލުމުގެ ކުރިން ދެ ނުކުތާއެއް ތަކުރާރުކޮށްލަން ޖެހެއެވެ. އިންޑިޔާ-އައުޓުގެ ހަމަލާއަކީ އިންޑިޔާގެ ފަރުދުންނާ ދެކޮޅަށް ކުރެވޭ ކަމެއް ނޫނެވެ. އަދި، އިންޑިޔާއިން ލިބޭ އެހީއާ ދެކޮޅަށް ކުރެވޭ ކަމެއް ވެސް ނޫނެވެ. އެއީ، އެހެން ގައުމުތަކަށް ވެސް، ބޭރުގެ އަސްކަރީ ސިފައިން އަރައި އެތަންތަން ހިފުމުގެ ބިރު ހީވުމުން، އެ ގައުމުތަކުގެ މީހުންވެސް ކަންތައް ކުރާ ފަދައިން އެކަމާ ދެކޮޅަށް ކުރާ ކަމެކެވެ. މިސާލަކަށް، އިންޑިޔާގެ ސިޔާސީ ޕާޓީއެއްގެ އެހީގައި، އިންޑިޔާ ތަރައްގީ ކުރާށޭ ކިޔައިގެން ޗައިނާގެ ނުވަތަ ޕާކިސްތާނުގެ އަސްކަރީ މަރުކަޒުތަކެއް އިންޑިޔާގައި ގާއިމުކުރަން އުޅެފި ނަމަ، ޚުދް އިންޑިޔާ މީހުން ކަންތައް ކުރާނީ ކިހިނެއް ހެއްޔެވެ؟ އެއްވެސް ޝައްކެއް ނެތް ގޮތުގައި އެމީހުން ވެސް، ޗައިނާ އައުޓު ނުވަތަ ޕާކިސްތާނު އައުޓުގެ ކެމްޕޭނުތައް ކުރާނެއެވެ. ކުރިން، މަހަތުމާ ގާނދީއާ ދެކޮޅުވެގަނެ އޭނާ މަރާލި ފަދައިންނެވެ!

ދެވަނަ ނުކުތާއަކީ އިންޑިޔާ އައުޓު ކިޔާ މީހުންގެ ތެރޭގައި ހަމައެކަނި ވެރިކަމުގެ ދަހިވެތިކަމުގައި މިހާރުގެ ސަރުކާރާ ދެކޮޅު ހެދުމުގެ ގޮތުން އުޅެފާނޭ ބަޔަކުވެސް ހިމެނިދާނެއެވެ. މީގެ މާނައަކީ އިންޑިޔާ-އައުޓުގެ އަސްލު މަގުސަދު ގޯސްވުމެއް ނޫނެވެ. އެފަދައިން ކަންތައް ކުރާ މީހުންގެ ނިޔަތް ގޯސްވުމެވެ. ގައުމުގެ ބަޔަކަށް އެމީހުންގެ ގައުމުގެ އިސްތިގުލާލާއި މިނިވަންކަން ގެއްލޭހެން ހީވެއްޖެ ނަމަ، އެކަން ބަޔާންކޮށް އެކަމާ ދެކޮޅު ހަދައި އިހުތިޖާޖު ކުރުމުގެ މިނިވަންކަން ނޯންނާނޭ ބުނެވޭނޭ އެއްވެސް ހަމައެއް އޮވެދާނެ ހެއްޔެވެ؟ އެހެންވެއްޖެ ނަމަ، ފަނަރަވަނަ ގަރުނުގައި މުސްލިމުންގެ އަތުން އަންދަލުސް ބީވެގެންދިޔަ ފަދައިން، އަދި، ވިހިވަނަ ގަރުނުގައި މުސްލިމުންގެ އަތުން ފަލަސްތީނާއި އަގްސޯ މިސްކިތް ގެއްލިގެން ދިޔަފަދައިން، ރާއްޖެވެސް ގެއްލިގެން ދިޔުން ދުރެއް ނޫނޭ ބުނާކަށް ނުކެރޭނެއެވެ!

(އެންމެނަށް ވެސް އެނގޭނޭ ފަދައިން މަތީގައިވާ ތަސްވީރުން އެފެންނަނީ މަރްހޫމު ޝަހީދު ހުސައިން އާދަމްއެވެ. އޭނާއަކީ ރާއްޖޭގެ ފަހުގެ ތާރީޚުގައި ރާއްޖޭގެ މިނިވަންކަމަށްޓަކައި އޭނާގެ ފުރާނަ ގުރުބާންކޮށްލި ބަތޮލެކެވެ. މިނިވަންކަމުގެ ވަރުގަދަ ރަމްޒެކެވެ. އޭނާގެ ފޮޓޯއަކީ އިންޑިޔާ-އައުޓު ކެމްޕޭނުގައި ބޭނުންކުރުމުން މިކަމާ ބަޔަކު ނުރުހުން ފާޅުކުރި ފޮޓޯއަކަށް ވިއެވެ. ނަމަވެސް، އެ ޝަހީދުގެ ފޮޓޯއަކީ ރާއްޖޭގެ މިނިވަންކަން ރަމްޒުކޮށްދޭ ވަރުގަދަ ރަމްޒަކަށް ވުމުން، އެ ފޮޓޯ މިތަނުގައި ބޭނުންކުރަން ވަރަށް ވެސް މުނާސަބު ފޮޓޯއަކަށް ވުމުން އެ ފޮޓޯ މިލިޔުމާއެކު ހުށަހަޅާލަމެވެ.)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
51

One Response

  1. މިފަދަ މުހިންމު މައުލޫމާތު ލިބިދޭ ލިއުންތައް ލިއުއްވާ އާންމު ކުރެއްވުމަކީވެސް، ދިވެހި ގައުމާއި ދިވެހިންގެ ދީނަށްޓަކާ ކުރެވޭ ވަރަށް ބޮޑު ޖިހާދެއް.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *