Support Us

ޕްރޮފެސަރ އުގައިލްގެ ކޮލަމް:

ޕްރޮފެސަރ އުގައިލްގެ ކޮލަމް: ސައެންސްގެ އަލީގައި ކުލަ

ލޮލަށް ފެންނަ ކުލަތައް އަޅުގަނޑުމެންގެ ދިރިއުޅުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރެއެވެ. ކުލަތަކުން އަޅުގަނޑުމެންގެ ވިސްނުމުގެ އިތުރުން ކުރާ ކަންތައްތައްވެސް ބަދަލުކުރުވައެވެ. ބައެއް ކުލަތަކުން އަޅުގަނޑުމެންގެ ލޮލަށް ފިނިކަން ގެނެސްދޭއިރު، އަނެއްބައި ކުލަތަކުން އަޅުގަނޑުމެންގެ މޫޑަށް ބަދަލުތަކެއް ގެނުވައި ކާހިތްވެސް ކަނޑުވާލައެވެ! މީހުންނާ މުއާމަލާތްކޮށް މެސެޖްތައް ދިނުމުގައިވެސް ކުލަތައް ވަރަށް މުހިންމު ދައުރެއް އަދާކުރެއެވެ. ޓްރެފިކްލައިޓަކީ މީގެ އެއް މިސާލެވެ. މިސާލަކަށް، ޓްރެފިކް ލައިޓްގެ ކުލަ ރަތަށް ބަދަލުވުމުން، އޭގެ މާނައަކީ ހުއްޓޭށެވެ. އަދި ފެހިކުލައަކީ ކުރިއަށް ދިޔުމަށް އަންގައިދޭ ކުލައެކެވެ. މީގެ އިތުރުންވެސް، އަލަށް އުފައްދާ އެއްޗެއް ނުވަތަ ވެބްސައިޓެއް، ނުވަތަ ލޯގޯއެއްގައި އެކުލެވޭ ކުލައަކުން އެ އެއްޗަކަށް މީހުންދޭ ސަމާލުކަން އިތުރުވެ ނުވަތަ ކުޑަވެގެން ދެއެވެ.

އަޅުގަނޑުމެންގެ ލޮލަށް ފެންނަ ކުލަތަކާއި ބެހޭގޮތުން ވާހަކަދައްކާއިރު ދުވާލުގެ އަލި ނުވަތަ 'ވައިޓްލައިޓް' އާއި ކުލަތަކާ ވަރަށް ބޮޑު ގުޅުމެއް ވާކަން ފާހަގަކޮށްލަންޖެހެއެވެ. މިގޮތުން ދުވާލުގެ އަލި ނުވަތަ ވައިޓްލައިޓްގައި އެކުލެވެނީ ހަތް ކުލަކަމަށް 1665 ވަނަ އަހަރުގައި ސާރ އައިސަކް ނިއުޓަން ވަނީ ހާމަކޮށްދެއްވާފައެވެ. މިގޮތުން، އެއްޗެއްގެ ހުންނަ ކުލައަކީ އަލި އެ އެއްޗަކަށް އެޅުމުން ރިފްލެކްޓް ވެގެން އަންނަ ކުލައެއްކަން ސައެންސުވެރިން ވަނީ ސާބިތު ކޮށްދީފައެވެ. މިސާލަކަށް، ގަހެއްގެ ފަތްތަކުގައި ފެހި ކުލަ ހުންނަނީ އިރުގެ އަލީގައި ހިމެނޭ ކުލަތަކުގެ ތެރެއިން ފެހިކުލަ ފިޔަވައި އެހެން ހުރިހާ ކުލަތަކެއް ފަތުގެ ތެރެއަށް ދަމައިގަތުމުން ނުވަތަ އެބްޒޯބް ކުރުމުންނެވެ. އެހެންކަމުން އަޅުގަނޑުމެންނަށް ފަތުގެ ކުލަ ފެންނަނީ ފެހިކުލައިގައެވެ.

އަޅުގަނޑުމެންގެ ލޮލަށް ފެންނަ ކުލަތަކަކީ އޭގެ ސަބަބުން އަޅުގަނޑުމެންނަށް ތަފާތު އިޙްސާސްތައް ކުރުވައިދޭ އެއްޗެކެވެ. މިގޮތުން ތަފާތު ދެތިން ކުލައަކަށް ބަލައިލަމާ ހިނގާށެވެ.

ނޫ ކުލަ:

ނޫކުލަ އަކީ ދުނިޔޭގެ އެންމެ ގިނަ މީހުންނަށް އެންމެ ރީތި ކުލައެވެ. މިއީ މަނޑުމައިތިރިކަމާ ގުޅިފައިވާ ކުލައެކެވެ. ދުނިޔޭގެ އެންމެ ބޮޑުބައެއް ވަނީ ނޫކުލައިގައެވެ. މިގޮތުން، ކަނޑުތަކާއި އުޑުވެސް އަޅުގަނޑުމެންނަށް ފެންނަނީ ނޫކުލައިގައެވެ. ނޫކުލައަކީ އިތުބާރާއި ވަފާތެރިކަމުގެ ކުލައެކެވެ. ނޫކުލަ ހުރި ތަނެއްގައި މަސައްކަތްކުރާއިރު، މީހުންގެ އުފެއްދުންތެރިކަން އިތުރުވެ މީހާ މަޑުމައިތިރިވެއެވެ. އަދި ކުރަން ބޭނުންވާ މަސައްކަތަށް މީހާގެ ވިސްނުން ފަސޭހަކަމާއެކު ފޯކަސް ކުރެވެއެވެ. ބައެއް ހޯދުންތަކުން ދައްކާގޮތުން ބޮޑީ ބިލްޑް ކުރާ މީހުންނަށް ނޫކުލަ ހުރި ތަނެއްގައި އާދަޔާ ޚިލާފަށް ބޮޑު ބަރުތައް އުފުލެއެވެ.

ފެހި ކުލަ:

މިއީ ހެދިބޮޑުވުމާއި، އަޅުގަނޑުމެންގެ ވަށައިގެންވާ މާހައުލުގައިވާ ގަސްގަހާގެހީގެ ކުލައެވެ. މިއީ އެކަކު އަނެކަކަށް އެހީތެރިވުމާއި، ސުލްހައާއި މަސަލަސްކަމާ ގުޅިފައިވާ ކުލައެކެވެ.

ރީނދޫ ކުލަ:

ރީނދޫ ކުލައަކީ އިރުގެ ކުލައެވެ. މިކުލައަކީ އުފާވެރިކަމާ ގުޅިފައިވާ ކުލައެވެ. ރީނދޫ ކުލަ ހުރި ތަނެއްގައި ހުރި މީހަކަށް އިހްސާސްކުރެވޭނީ އުފާވެރިކަމެވެ. ސަބަބަކީ ރީނދޫ ކުލަ ހުރި ތަނެއްގައި ހުރުމުން ސިކުނޑީގައި އުފާވެރިކަން އިހްސާސް ކުރުވައިދޭ ކެމިކަލް މާއްދާތައް އިތުރުވާތީއެވެ. އެހެންނަމަވެސް، ރީނދޫ ކުލަ މާބޮޑަށް ގަދަވުމުން އަލިފާނުގެ ކުލައަށް ބަދަލުވެގެންދެއެވެ. ހޯދުންތަކުން ދައްކާ ގޮތުގައި ގަދަ ރީނދޫ ކުލަ ހުރި ތަނެއްގައި ކުޑަކުދިން ބޭތިއްބުމުން އެކުދިން ރުއިމާއި ރުޅިގަދަވުމުގެ ފުރުސަތު އެހެން ކުލަތަކާ އަޅާބަލާއިރު އިތުރުވެއެވެ.

ވިޔަފާރީގެ ބާޒާރުގައި މާކެޓް ކުރެވޭ ޕްރޮޑަކްޓްތައް މީހުން ބަލައިގަތުމުގައިވެސް އޭގައި ހުންނަ ކުލަތައް ވަރަށް މުހިންމު ދައުރެއް އަދާކުރެއެވެ. ދިރާސާ ކުރާ ފަރާތްތަކުން ހާމަ ކުރާގޮތުގައި މީހަކު އެއްޗަކާ ނުވަތަ ތަނަކާ މެދު ދެކޭގޮތް ފުރަމަތަ ނަޒަރުގެ 90 ސިކުންތުގެ ތެރޭގައި ނިންމައެވެ. މި ނިންމުމުގެ ގާތްގަނޑަކަށް 62 އިންސައްތަ ހިމެނިފައިވަނީ އެ އެއްޗެއްގައި ހުންނަ ކުލައަށެވެ. މާކެޓްތައް ދިރާސާކުރާ ފަރާތްތަކުން ހާމަ ކުރާގޮތުގައި މީހުން ތަކެތި ގަންނަ ގޮތާ ވެސް ކުލައާ ވަރަށް ބޮޑު ގުޅުމެއް ވެއެވެ. މިގޮތުން، އެއްޗެއް ފެންނަ އިރަށް އެ ރީތިވެގެން ނުވަތަ ކަމުގޮސްގެން ގަންނަ ފަރާތްތަކަށް އެންމެ ބޮޑަށް ކަމުދަނީ ރަތާއި އޮރެންޖަށް ދާ ކުލަތައް، އަދި ކަޅު އަދި ރޯޔަލް ބްލޫ އިން ހުންނަ ތަކެއްޗެވެ. އެއާ ޚިލާފަށް ބަޖެޓަށް ބަލައިގެން ތަކެތި ގަންނަ މީހުންނަށް ކަމުދަނީ ފިޔާތޮށި، ޓީލް، މަޑުނޫ، އަދި ނޭވީ ކުލަތަކުގެ ތަކެއްޗެވެ.

ފާހަގަ ކުރެވިފައިވާނެ ފަދައިން ކުޑަކުދިންގެ ކުޅޭ ތަކެއްޗާއި، ކުޑަކުދިންނާ ބެހޭ ވަރަށް ގިނަ ތަކެތި ހުންނަނީ ގަދަ ކުލަތަކެއްގައެވެ. މިސާލަކަށް ރަތް، ފެހި، ނޫ، އަދި ރީނދޫކުލައިގައެވެ. ސަބަބަކީ ކުޑަކުދިން މިފަދަ ކުލަތަކަށް މާގަޔާވުމެވެ. އެހެންނަމަވެސް، ކުންފުންޏަކުން، ކުޑަކުދިންނާ ގުޅޭ ފޮތްތަކާއި އެހެނިހެން ތަކެތި އުފައްދާއިރު، އެކުދިންގެ ބެލެނިވެރިންވެސް އެ ތަކެއްޗަށް ގަޔާވާ ފަދަ ކުލަތަކެއް ހިމަނައިގެން އުފައްދައެވެ. މިފަދަ ހާލަތްތަކުގައި އެ ކުންފުނީގެ އުފެއްދުންތަކުގައި ނޫކުލަ (އިތުބާރާއި ޔަގީންކަމުގެ ކުލަ)، ފިޔާތޮށިކުލަ (އަޅާލުމާއި، ހިމާޔަތްދިނުމުގެ ކުލަ)، އަދި ރީނދޫ (އުފަލާއި، މަޖަލުގެކުލަ) ހިމަނައިގެން ތަކެތި އުފައްދައެވެ.

ކުލަތަކާއި މީހާގެ މޫޑަށް އަންނަ ބަދަލުތަކާވެސް ވަރަށް ބޮޑު ގުޅުމެއް ވާކަން ސައެންސްވެރިން ވަނީ ހޯދައިފައެވެ. މިގޮތުން، ރަތްކުލަ މީހެއްގެ މޫނަށް އެޅުމުން މީހާގެ، ހިތް އަވަސްވެ، ނޭވާލުންވެސް އަވަސްވެ އެސްފިޔަޖަހާ މިންވަރުވެސް އަވަސްވެއެވެ. އަދި ލޭގެ ޕްރެޝަރުވެސް މައްޗަށް ޖެހިލައެވެ. އެއާ ހިލާފަށް، ނޫކުލަ އެޅުމުން މީހާގެ ލޭގެ ޕްރެޝަރު ހަމައަކަށް އެޅި ނޭވާލުމާއި އެސްފިޔަޖަހާ މިންވަރުވެސް ހަމައަކަށް އެޅެއެވެ. އެހެންކަމުން، ރަތާއި، އޮރެންޖް، އަދި ރީނދޫ ފަދަ "ހޫނު" ކުލަތަކުން އަޅުގަނޑުމެންގެ ހަށިގަނޑު "ހޫނު" ކޮށްދޭއިރު، ނޫކުލައާއި، ފެހިކުލަ އަދި ހުދުކުލަ ފަދަ "ފިނި" ކުލަތަކުން އަޅުގަނޑުމެން ހަމައަކަށް އަޅުވައިދެއެވެ.

ކުލައާއި ކާހިތްވުމާ ވެސް ވަރަށް ބޮޑު ގުޅުމެއްވެއެވެ. މިގޮތުން ނޫކުލައަކީ ކާހިތް ކަނޑުވައިދޭ ކުލައެކެވެ. ގުދުރަތުން ލައްވާފައިވާ ކާ އެއްޗެތީގެ ތެރޭގައިވެސް ނޫކުލައިގެ ކާތަކެތި (މޭވާ އަދި ތަރުކާރީ) ހިމެނެނީ ވަރަށްވެސް މަދުންނެވެ. ނޫކުލައިގެ މޭވާ އަދި ނޫކުލައިގެ ތަރުކާރީ ވަރަށްވެސް މަދުވާނެއެވެ. އެހެންކަމުން، ނޫކުލައިގައި ހުންނަ ކާތަކެއްޗަށް މީހުން އެހާ ގަޔާނުވެއެވެ. ބަރުދަން ލުއި ކުރުމަށް މަސައްކަތް ކުރާއިރު، ނޫކުލައިގެ ތަށްޓަކަށް ކާއެއްޗެތި އަޅައިގެން ކެއުމަށް އަދި ކާތަނުގައި ނޫކުލައިގެ އައްޔެއް ބޭނުން ކުރުމަށް ތަޖުރިބާކާރުން ލަފާދެއްވަނީވެސް މިސަބަބާ ހުރެއެވެ.

ކުލަތައް އަޅުގަނޑުމެންގެ ސިކުނޑިއާ ކުޅެލާކަމުގެ އަނެއް މިސާލަކީ ކުލައާއި އަޅުގަނޑުމެންނަށް ވަގުތު އިޙްސާސް ކުރުމުގައިވެސް ވާ ގުޅުމެވެ. ފަހުގެ ހޯދުމަކުން ދައްކާ ގޮތުގައި އިންސާނާގެ ސިކުނޑީގައި އެއް މިނެޓުގެ ވަގުތަކީ އަންހެނުނަށް ވުރެ ފިރިހެނުންނަށް ގާތްގަނޑަކަށް 11 ސިކުންތު ދިގު މިންވަރެކެވެ. އެހެންނަމަވެސް، ރަތްކުލަ ހުރި ތަނެއްގައި ހުރުމުން ނޫކުލައާ އަޅާބަލާއިރު، ދެޖިންސުގެ މީހުންގެ ސިކުނޑިއަށްވެސް ވަގުތު ދިގުވާކަން ފާހަގަ ކުރެވެއެވެ.

ކޮންމެއަކަސް، ކުލަތަކާ އަޅުގަނޑުމެންނާ ދެމެދު ވަރަށް ޚާއްސަ ގުޅުމެއް ވާކަން ކަށަވަރެވެ. ކުލައަކީ އޭގައި އާދަޔާ ޚިލާފު ބާރުތަކެއް އެކުލެވޭ އެއިން އިންސާނާގެ ސިކުނޑިއާ ތަފާތު ގޮތްގޮތަށް ކުޅެލާ އެއްޗެއްކަންވެސް ކަށަވަރެވެ.