ވަރަށް ގިނަ ބޭފުޅުންގެ ވާހަކަފުޅު ތަކުގައާއި ތަޤުރީރުތަކުގައި އަދި ޚިޠާބުތަކާއި ޚާއްޞަ މުނާސަބަތު ތަކުގައި ފޮނުއްވާ ތަހުނިޔާގެ ކާޑުތަކާއި މެސެޖުތަކުގައި ދިވެހި ރައްޔިތުންނަށް ނިސްބަތްކުރައްވައި "ލޮބުވެތި" މި ލަފުޒު ބޭނުން ކުރައްވައެވެ. މި ލަފުޒު އެކި ފަރާތްތަކުން އެކި ފަހަރު އެކިގޮތަށް ބޭނުން ކުރާތީ ބައެއް މީހުން ސުވާލު ކުރެއެވެ. "ލޮބުވެތި" އޮންނާނީ ކޮންތާކުތޯއެވެ؟
"ލޮބުވެތި ރައްޔިތުން"ނޭ ބުނުމަކުން ނުވަތަ ލިޔުމަކުން ލޮބުވެތި އޮންނަންވީ ތަނާމެދު ސުވާލެއް ނޫފެދެއެވެ. ސުވާލު އުފެދެނީ ދިވެހި ރައްޔިތުންނާއެކު ލޮބުވެތި ބޭނުން ކުރާ ގޮތުގައެވެ. ލޮބުވެތި ދިވެހި ރައްޔިތުންތޯ ނުވަތަ ދިވެހި ލޮބުވެތި ރައްޔިތުންތޯއެވެ؟ ބައެއް ފަހަރު މި ލަފުޒުތަކާއެކު އެންމެހާ ވެސް ބޭނުން ކުރެއެވެ. މިއީ ވެސް އޮންނަންވީ ތަނާމެދު ސުވާލު އުފައްދާ ލަފުޒެކެވެ.
މި މައްސަލައިގައި ބައެއް މީހުން ދެކޭގޮތުގައި މި ދެގޮތް ވެސް ރަނގަޅެވެ. އަނެއް ބަޔަކަށް ކަމުދަނީ ކޮންމެ ހާލަތެއްގައި ވެސް ރައްޔިތުންގެ ކުރިއަށް ލޮބުވެތި ގެނައުމެވެ. އެއީ ރައްޔިތުންނަށް ލޮބުވެތި ރައްދުކުރުމަށް ކަމަށް އެފަދަ ފަރާތްތަކުން ބުނެއެވެ.
އަޅުގަނޑު ބުރަވަނީ "ލޮބުވެތި ދިވެހި ރައްޔިތުން" މިގޮތަށެވެ. "އެންމެހާ ލޮބުވެތި ދިވެހި ރައްޔިތުން" މިގޮތަށެވެ. ދިވެހި ރައްޔިތުން އެއީ އެއް ބައެއް، އެއް ނަމެއް، އެއް ލަފުޒެއްގެ ގޮތުގައި ބޭނުންކުރުމެވެ. ދިވެހި އާއި ރައްޔިތުން އެ ދެމެދަށް އެހެން ލަފުޒެއް ނުގެނެވޭނެ ޚާއްޞަ ނަމެއް ކަމަށް ބަލައިގަތުމެވެ. ދިވެހިރާއްޖެ، ދިވެހި ބަސް، ދިވެހި ދިދަ ފަދަ ލަފުޒެއްގެ ގޮތުގައި ދިވެހި ރައްޔިތުން ދުށުމެވެ.
"ދިވެހި ރައްޔިތުން" ނޫން ގޮތަށް ދިވެހިރައްޔިތުންނަށް މުޚާއްޠަބު ކުރެވޭ އެހެން ހާލަތްތަކުގައި ލޮބުވެތި ބޭނުންކުރާ ނަމަ އޮންނާނީ ރައްޔިތުންގެ ކުރިއަށެވެ. މިސާލަކަށް "ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން"، "ދިވެހިރާއްޖޭގެ އުޚުއްވަތްތެރި އަދި ލޮބުވެތި ރައްޔިތުން" މިގޮތްގޮތަށެވެ. "އެންމެހާ" އިތުރުކުރެވޭނަމަ އަބަދުވެސް އެ ލަފުޒު ވަންނަންވާނީ ރައްޔިތުންގެ ކުރިއަށެވެ. "ދިވެހިރާއްޖޭގެ ލޮބުވެތި އެންމެހާ ރައްޔިތުން" މިގޮތަށެވެ.
- މައުލޫމާތު: އަބްދުﷲ ސަޢީދުގެ ލިއުއްވުމަކުން ނަގައިފައި



advertisment