އެއް ސަހަރެއްގައި އެތަކާއި ރާމާމަކުނަކާއި ކާޅެއް އުޅުނެވެ. އެ ސޮރުމެންގެ ގެއަކީ ވަލުތެރޭގައި ހުރި ދުވަސްވީ ބޮޑު ބަނބުކެޔޮ ގަހެކެވެ. ކާޅު އުޅެނީ ގަހުގައެވެ. އެތާއި ރާމާމަކުނު އުޅެނީ ގަސްދޮށުގައެވެ. ދޭތެރެއަކުން ފޫހިފިލުވާލަން މަކުނު ގަހަށްއަރައި އުޅެއެވެ.
މި ތިން އެކުވެރިންގެ ތެރެއިން ވެރިއަކު ހޮވަން ނިންމި ހިސާބުން އެކަކު އަނެކަކާ ދެބަސްވެ އަބަދުވެސް އުޅެނީ ކޮންމެ ވެސް އަރާރުމެއްގައެވެ. މައިގަނޑު ޒުވާބަކީ އެކަކަށްވުރެ އަނެކަކުގެ މޮޅު ވާހަކައާއި މަޤާމަށް އެކަށޭނަ ވާހަކައެވެ.
އެތައް ދުވަހަކު ޒުވާބުތައްކޮށް އަރާރުންވުމަށްފަހު އެއްބަސްވުމަކަށް އާދެވުނީ އެ މީހުންގެ ތެރެއިން އެންމެ ދުވަސްވީ މީހަކަށް ވެރިކަން ދޭގޮތަށެވެ. އެ މީހަކު ޢިލްމާއި ޙިލްމުގެގޮތުން ކުރިއަރައި ދުނިޔެވީ ތަޖުރިބާ ވެސް ބޮޑުވާނެ ކަމަށް ބަލާފައެވެ. ވަރަށް ވިސްނަން އިނދެފައި ރާމާމަކުނު ބުންޏެވެ. އަހަރެމެންގެ ތެރެއިން ދުވަސްވީ މީހަކު ދެނެގަންނާނީ ކިހިނެއް ހެއްޔެވެ؟
އިރުކޮޅަކު ވިސްނަން އިނދެފައި އެއް އެބަބުނެއެވެ. އަހަރެމެންގެ އުމުރު ދެނެގަންނާނީ މި ބަނބުކެޔޮ ގަހުންނެވެ. ކޮންމެ މީހަކަށް ވެސް އެންމެ ފުރަތަމަ މި ގަސް ފެނުނުއިރު ހުރިގޮތް ބުނީމާ އެ މީހެއްގެ އުމުރު އެނގޭނެއެވެ. އެހެން ބުނުމުން ރާމާމަކުނާއި ކާޅުވެސް ބޯޖަހާލިއެވެ. ކޮންމެ މީހަކު ވެސް ހިތުގައި އޮތީ ވެރިކަމެވެ. ކޮންމެ ގޮތަކުން ވެސް ވެރިކަން ހޯދުމެވެ.
ނިކަން ހަމަޖެހިލާފައި މޫނުމައްޗަށް ރުލެއްވެސް އަރުވާނުލައި އެއް ބުންޏެވެ. އަހަރެން އެންމެ ފުރަތަމަ މި ގަސް ދުށްއިރު މިއީ ވަރަށް ކުޑަކުޑަ ގަހެކެވެ. މިހެންލާފައި އަހަރެން ހިނގާއިރު ބައެއް ފަހަރު ބަނޑުދަށުގައި ގަހުގެ ފަތްތައް ކޭއްތެއެވެ. އެހާ ވެސް މި ގަސް ކުޑައެވެ. އެތުގެ ވާހަކަ ނިމުމުން ރާމާމަކުނު ބުންޏެވެ. އަހަރެން އެންމެ ފުރަތަމަ މި ގަސް ދުށީ އަހަރެންގެ މަންމައާއެކު މި ހިސާބަށް ކުރި ޒިޔާރަތެއްގައެވެ. މަންމަ އެ ދުވަހު ބުނި ވާހަކައެއް މިއަދުވެސް ހަނދާން އެބަހުއްޓެވެ. މަންމަ ބުންޏެވެ. ދަރިފުޅާއެވެ. ފުމެފުމެފައި ތިޔަހެން އުޅޭއިރު މި ނިރަށް ބަލައިގެން އުޅެއްޗެވެ. މި އިނީ ވަރަށް ކުޑަކުޑަ ބަނބުކެޔޮ ނިރެކެވެ. ރާމާމަކުނު ހިތަށް އެރިއެވެ. ވެރިކަން އަހަރެންނަށް މި ލިބުނީއެވެ. ރާމާމަކުނުގެ ވާހަކަ އަޑުއަހަން އިނދެފައި ކާޅު ބުނެއްޕެވެ. މިއީ ކައިރީގައި މިއޮތް ރަށުން އަހަރެން ތުނބުލައިގެން ގެނައި ނިކަން ބޮޑު ބަނބުކެޔޮ އޮށެއް ވެއްޓި ވަޅުޖެހިގެން ފެޅި ގަހެކެވެ.
ކާޅަށް މިހިސާބަށް ބުނެވުނުތަނުން އެތާއި ރާމާމަކުނު ބުންޏެވެ. އާދޭހެވެ. ކާޅަކީ އަހަރެމެންގެ ތެރެއިން އެންމެ ދުވަސްވީ މީހާއެވެ. އަދި ކީއްހެއްޔެވެ؟ ޢިލްމާއި ޙިލްމަށް އެންމެ އަރާހުރި އަދި އެންމެ ޤާބިލު މީހާއެވެ. އަހަރެމެންގެ ވެރިއަކީ ތިއީއެވެ.
އެވަގުތު ބަނބުކެޔޮގަސް ހިތަށް އެރިއެވެ. މި ޒަމާނުގައި ވެރިކަމާ ދެމެދުގައި މި ހުންނަނީ އެންމެ ބޮޑު ދޮގާ ހުންނަ ދުރުމިނެވެ. މި ސޮރުމެން ދުނިޔެއަށް އުފަންވީ ވެސް އަހަރެން މުސްކުޅިވި ފަހުންނެވެ. އެހެން ނޫނަސް މަށަކީ އެހެން ގަހެއްގެ މުލުން ފެޅި ނިރެކެވެ.
ނޯޓު: މިފަދަ ވާހަކަތަކަކީ ވަރަށް ގިނަ ބަސްބަހުން ވަރަށް ގިނަ މުޖުތަމަޢުތަކުގައި ކުދިކުދި ތަފާތުތަކާއެކު ކިޔަމުން އަންނަ މަޝްހޫރު ވާހަކަތަކެވެ. ކާކުގެ ކޮން ދުވަސްވަރެއްގެ ފިކުރެއްކަން ނޭނގޭ ވާހަކަތަކެވެ. މި ވާހަކަ އަޅުގަނޑު މި ލިޔުނީ އަޅުގަނޑުކީ ތަފާތު ރަޔުއުތަކަށް ބިނާކޮށް އަމިއްލަ އިބާރާތުންނެވެ.
- މައުލޫމާތު: އަބްދުﷲ ސަޢީދުގެ ލިއުއްވުމަކުން ނަގައިފައި



advertisment