...

Support Us

ކުރު ވާހަކަ: ދަރިފުޅު ކަދުރުކޮޅު ގެނައިއިރު އޭގެ އޮށްތައް ހުރީ ނުނެގިއެވެ.

ފަތިސް ނަމާދަށް ފަހު، އަބޫ ބަކުރުގެފާނު، ކޮންމެ ދުވަހަކު ވެސް، މަދީނާގެ ރަށް ބޭރަށް ވަޑައިގެން، ކުޑަކުޑަ ގެގަނޑަކަށް ވަންނަވައި، ވަގުތުކޮޅެއް ހޭދަކޮށްލައްވާތީ އުމަރުގެފާނުގެ ސަމާލުކަން އެކަމާ ދިމާއަށް ގެންދެވިއެވެ. އާންމު ގޮތެއްގައި، އަބޫ ބަކުރުގެފާނު ކުރައްވާ ކަންކަން އުމަރުގެފާނު ދެނެވަޑައިގަނެއެވެ. ނަމަވެސް، ރަށްބޭރުގައި ހުންނަ މި ގެއަށް އަބޫބަކުރުގެފާނު ވެދެވަޑައިގަންނަވީ ކީއްވެގެން ކަމެއް، އެކަމުގެ ސިއްރަކީ ކޮބައި ކަމެއް، އެއްގޮތަކަށް ވެސް އުމަރުގެފާނަކަށް އެނގިވަޑައިގެން ނުވެއެވެ.

ކޮންމެއަކަސް، މި ގޮތުގައި، ދުވަސްތައް ހޭދަވަމުން ދިޔައެވެ. އަބޫ ބަކުރުގެފާނުގެ އާދައިގެ މަތިން ކޮންމެ ދުވަހަކުވެސް، ފަތިސް ނަމާދަށް ފަހު، އެއްކަލަ ގެއަށް ވަދެވަޑައިގަންނަވަމުން ގެންދެވިއެވެ. ނަމަވެސް، އެކަމުގެ ސިއްރު އުމަރުގެފާނަށް އެނގިވަޑައިގަންނަވާ ގޮތެއް ހަމަ ނުވިއެވެ. އެންމެ ފަހުން، އުމަރުގެފާނު ނިންމެވީ އެގެއަށް ޒިޔާރަތްކުރައްވައި އެކަމުގެ ސިއްރު ހޯއްދެވުމަށެވެ.

ދެން، އެއް ދުވަހު، އުމަރުގެފާނު އެގެއަށް ވަޑައިގަތެވެ. އެގެއިން އެކަލޭގެފާނު ދެކެވަޑައިގަތީ، އެނދެއްގެ މަތީ އޮތް ވަރަށް މުސްކުޅި އަންހެނެކެވެ. މުސްކުޅިވެ، ގައިގެ ބާރު ނެތުމުގެ ސަބަބުން ހިރިވެސް ނުލެވޭހާ ޟައީފު، ބަލިކަށި، އަދި، ދެ ލޯ ވެސް އަނދިރި، ލޮލަށް އެއްގޮތަކަށް ވެސް ނުވެސް ފެންނަ، މުސްކުޅި މީހެކެވެ.

އުމަރުގެފާނު އޭނާއާ ސުއާލުކުރެއްވިއެވެ. ދައްތަގެ ގެއަށް ކޮންމެ ދުވަހަކު ހެނދުނު ޒިޔާރަތްކުރާ ބޭކަލަކު ދައްތަގެ ގޭގައި ކުރައްވަނީ ކޮން ކަމެއް ހެއްޔެވެ؟

ދެން، އެ މުސްކުޅި ދައްތަ ބުންޏެވެ. ދަރިފުޅާއެވެ! އެއީ ކާކުކަމެއް ދައްތައަކަށް ހަމަ ނޭނގެއެވެ. ނަމަވެސް، އެ ބޭކަލަކު ވަޑައިގެން، އަދި، ކަންކަން ނިމުމުން، އެއްވެސް ބަހެއް ވިދާޅުނުވެ، ނިކުމެވަޑައިގެން އޭނާ ވަޑައިގަނެއެވެ.

ދެން، އަބޫ ބަކުރުގެފާނު އަވަހާރަވުމުން، އެކަލޭގެފާނު ފަދައިން، އުމަރުގެފާނު، އެއްކަލަ މުސްކުޅި ލޯ އަނދިރި ދައްތައަށް ޚިދުމަތް ކުރައްވަން ފެއްޓެވިއެވެ. އޭނާގެ ގެ ސާފުކޮށްދެއްވައި، އޭނާއަށް ކާނާ ގެންދެވިއެވެ.

އެގޮތުން، އެގެއަށް އުމަރުގެފާނު ވަޑައިގެން ފުރަތަމަ ދުވަހު ކަންކަން ނިންމާލުމުން މުސްކުޅި ދައްތަ އުމަރުގެފާނަށް ދެންނެވިއެވެ. ދަރިފުޅާއެވެ! ދަރިފުޅުގެ އެކުވެރިޔާ ނިޔާވީ ހެއްޔެވެ؟

ދެން އުމަރުގެފާނު ވިދާޅުވިއެވެ؟ އެކަން ދައްތައަށް އެނގެނީ ކިހިނެއް ހެއްޔެވެ؟

ޖަވާބުގައި ދައްތަ ދެންނެވިއެވެ. ދަރިފުޅު ކަދުރުކޮޅު ގެނައިއިރު، އޭގެ އޮށްތައް ހުރީ ނުނެގިއެވެ.

ދެން އުމަރުގެފާނު ފެންކަޅިވެ، އެކަލޭގެފާނުގެ މަޝްހޫރު ބަސްފުޅު ވިދާޅުވިއެވެ. "އޭ އަބޫބަކުރުގެފާނެވެ! ކަލޭގެފާނަށް ފަހު ވަޑައިގަންނަވަން ތިއްބެވި ޚަލީފާވެރި ބޭކަލުންގެ މަސައްކަތްޕުޅު ބުރަކޮށް، ކަލޭގެފާނު އެ ޚަލީފާއިން ވަރުބަލިކޮށްލައްވައިފީމުއެވެ!"

މި ކުރު ވާހަކައިން ގަސްދުކުރެވޭ މާނައަކީ ކޮބައިހެއްޔެވެ؟ އިހުގެ ޚަލީފާވެރި ބޭކަލުން، އެ ބޭކަލުންގެ ވެރިކަމުގެ މަސްއޫލިއްޔަތު ދެކެވަޑައިގެން ގޮތެވެ. އެއީ ބޮޑު އަމާނާތެއް ކަމެވެ. އެ އަމާނާތް އަދާކުރެވެނީ، އެބޭކަލުންގެ ދަށުގައި ތިބޭ އެންމެ ނިކަމެތިންގެ އަސާސީ ބޭނުންތައް ފުއްދައިދެވިގެން ކަމެވެ. އެބޭކަލުންގެ އަގު އުފުލި، އެންމެންގެ ލޯތްބާއި އިހުތިރާމު އެބޭކަލުންނަށް ހައްގުވީ މިފަދައިން ކަންތައް ކުރެއްވުމުގައި ދެމިތިއްބެވުމުންނެވެ! މާތްރަސްކަލާނގެ އެބޭކަލުންނަށާއި އަދި އެބޭކަލުންގެ ސިޔަރަތާ އެއްގޮތުގެ މަތިން ކަންތައް ކުރާ އެންމެނަށް ވެސް ރަހުމަތް ލައްވާށިއެވެ. އަދި، އެފަދަ ވިސްނުން ހުރި ބަޔަކު، އާދެ، ވެރިކަމަކީ އަމާނާތެއް ކަމާއި، ތިމާމެން މުއްސަނދިވެ، ތަރަފުގެ ދިރިއުޅުމެއް އުޅެން ލިބޭ ވަސީލަތެއް ކަމަށް ދެކި، އެ އަމާނާތަށް ޚިޔާނަތްތެރި ނުވާނޭ ބަޔަކު، އަޅުގަނޑުމެންގެ ތެރެއިން ވެސް އުފަންވާނޭ ގޮތް މެދުވެރިކުރައްވާށިއެވެ! އާމީން!

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.