Support Us

ކޮލަމް ކޯދު: ހަރުބަހަކާއި އޭގެ މާނައިގެ މައްޗަށް ބަލައިލުން

އަރަބި ހަރުބަހެއްގައި އޮވެއެވެ. فاقد الشيء لا يعطيه. މާނައަކީ އެމީހެއްގެ އަތުގައި ނެތް އެއްޗެއް، އޭނާއަކަށް [އެހެން މީހަކަށް] ނުދެވޭނެއެވެ.

މިއީ އޭގެ މާނަ ވިސްނައިގަތުމަށް މާ އުނދަގޫ އިބާރާތެއް ހެނެއް ހިޔެއް ނުވެއެވެ. މިސާލަކަށް މީހަކު އެހެން މީހަކަށް އެއް ހާސް ރުފިޔާ ދޭން ބޭނުންވިއެވެ. ނަމަވެސް، އޭނާ އަތުގައި އެ ފައިސާ ނެތް ނަމަ، އެ ފައިސާ އޭނާއަކަށް ދެވޭނޭ ގޮތެއް ނޯންނާނެތާއެވެ.

މިމާނަ ހަމައެކަނި ގުޅެނީ މާއްދީ ކަންކަމާއެއް ނޫނެވެ. މީގެ އިތުރުން، ހުނަރުތަކާއި މަސައްކަތްތަކާ ވެސް މި މާނަ ގުޅެއެވެ. މިސާލަކަށް، މީހަކަށް ވަޑާމުގެ މަސައްކަތް ދަސްކޮށްދޭން ތިމާ ބޭނުންވެއްޖެ ނަމަ، އެންމެ ފުރަތަމަ ތިމާއަށް އެ ހުނަރު ލިބިފައި އޮންނަން ޖެހެއެވެ. ތިމާއަށް ވަޑާންކުރަން އެނގެން ޖެހެއެވެ. އެ ހުނަރު ތިމާގެ ކިބައިގައި ނެތް ނަމަ، ތިމާއަށް ވަޑާންކުރަން ނޭނގޭ ނަމަ، ތިމާއަށް އެހެން މީހަކަށް ވަޑާންކުރަން ދަސްކޮށްދެވިދާނެ ހެއްޔެވެ؟ ޝައްކެއް ނެތް ގޮތުގައި އެކަން ތިމާ އަމިއްލައަކަށް ނުކުރެވޭނެއެވެ.

މި ހަރުބަސް، فاقد الشيء لا يعطيه، އެމީހެއްގެ އަތުގައި ނެތް އެއްޗެއް، އޭނާއަކަށް [އެހެން މީހަކަށް] ނުދެވޭނެއެވެ، ހިތަށް އައީ ފެނުނު ސުރުޚީއެއްގެ ސަބަބުންނެވެ. އެ ސުރުޚީގައި އޮތީ 'އިދިކޮޅުން އުޅެނީ އިންޑިޔާއިން ގެނެސްދޭ ތަރައްގީ ހުއްޓުވަން' މިހެންނެވެ. މި ކަން ގުޅުވާލެވިފައި އޮތީ 'އިންޑިޔާ އައުޓު’ގެ ހަމަލާއާއެވެ. އެ ހަމަލާގެ ބޭނުމަކީ އިންޑިޔާއިން ރާއްޖެއަށް ގެންނަން އުޅޭ ތަރައްގީ ހުއްޓުވާލުން ކަމުގައި މި ސުރުޚީގެ ދަށުގައި ލިޔެވިފައި އޮތް ޚަބަރު ބުނެއެވެ.

މި މަގާމުގައި ނަޒަރު ހިންގާލަން ބޭނުންވަނީ 'އިންޑިޔާ އައުޓު’ގެ ހަމަލާގެ މައްޗަކަށް ނޫނެވެ. ނަމަވެސް، މަތީގައި ލިޔެވުނު ހަރުބަހުގެ އަލީގައި، އިންޑިޔާއިން ރާއްޖެއަށް 'ތަރައްގީއެއް' ގެނެވިދާނެތޯގެ މައްޗަށެވެ. މި ކަމުގެ މައްޗަށް ނަޒަރު ހިންގާލަން ގަސްދުކުރާ އިރު، ކޮންލަން ޖެހޭ ސުއާލެއް އެބަ އޮތެވެ. އިންޑިޔާގެ ކިބައިގައި އެހެން ގައުމެއް ތަރައްގީކޮށް، ކުރިއަރުވައި، އެއްވަނަ ދުނިޔޭގެ ގައުމަކަށް ހަދާލުމުގެ ގާބިލުކަން އެބަހުރިތޯ، މިސުއާލެވެ؟

މިސުއާލުގެ ޖަވާބު ހޯދަން ޚުދް އިންޑިޔާގެ ހާލަތުގެ މައްޗަށް ބަލާލާށެވެ! އެމީހުންގެ ތެރޭގައި، ނިސްބަތުން، ރާއްޖެއަށް ވުރެ ފަގީރުކަން ބޮޑެވެ. އެމީހުންނަށް އަދިވެސް އެމީހުންގެ އާންމު މީހުންނަށް ސިއްހީ ގޮތެއްގައި ފާޚާނާކުރެވޭނޭ ފަދަ ނިޒާމެއް ހަމައެއް ނުޖެއްސެއެވެ. ތަރައްގީގެ މަގުގައި ހަތްދިހަ ވަރަކަށް އަހަރު ހޭދަކުރި އިރު، އަދިވެސް އިންޑިޔާ އޮތީ ތިން ވަނަ ދުނިޔޭގެ ގައުމެއްގެ ގޮތުގައެވެ. މީގެ މާނައަކީ އިންޑިޔާގައި ފަރުދީ ހުނަރުވެރި މީހުން ނުތިބޭ ވާހަކައެއް ނޫނެވެ. އަދި، ފަރުދީ ބޮޑެތި މުއްސަނދިން ވެސް ނުތިބޭ ވާހަކައެއް ނޫނެވެ. އެކަންކަން އެތަނުގެ މީހުން ހާސިލުކުރީ އެމީހުންގެ އަމިއްލަ މަސައްކަތުންނެވެ. ނަމަވެސް، ޖަމާއީ ސިފައެއްގައި، ތަރައްގީގެ ފަސޭހަތައް ހުރިހާ ރައްޔިތުންނަށް ލިބިގެންދާ ފަދަ ތަރައްގީއެއް ގެނައުމަށް އިންޑިޔާ ވަނީ އަދި ނުކުޅެދިފައެވެ. މިވާހަކަތައް މިއީ ޚުދް އިންޑިޔާގެ ފިކުރީ މީހުން ދައްކާ ވާހަކައެކެވެ. މިކަމުގެ ހަގީގަތް ބުނެދޭ ބޮލީވުޑުގެ ދެލަވައެއް، ދިވެހި ތަރުޖަމާއާއެކު، ތިރީގައި ހިމަނާލެވިފައިވާނެއެވެ. ޚުލާސާއަކީ އިންޑިޔާއިން މިހާ ތަނަށް އެތަން ތަރައްގީ ކުރާނޭ ގޮތެއް އެނގިފައި އޮތްކަން ސާބިތުކޮށެއް ނުދެވޭ ކަމެވެ.

އިންޑިޔާއަށް އިންޑިޔާ ތަރައްގީ ކުރާނެ ގޮތެއް ނޭނގޭ އިރު، އަދި، އެކަމުގެ ހުނަރު އެމީހުންގެ ކިބައިގައި ހުރިކަން މިހާ ތަނަށް ސާބިތުކޮށްދެވިފައި ނެތް އިރު، އެހެން ގައުމެއް ތަރައްގީކޮށް ކުރިއެރުވުމުގެ ގާބިލުކަމެއް ނުވަތަ އެދުމެއް އެމީހުންގެ ކިބައިގައި ހުންނާނެ ހެއްޔެވެ؟ މިތަނުގައި މި އިޝާރަތްކުރެވެނީ ގައުމު ބިނާކޮށް ތަރައްގީ ކުރުމުގެ ވާހަކައެވެ. އެކަމުގެ ހުނަރެއް އެމީހުންގެ ކިބަޔަކުން އަދި ނުފެންނަ އިރު، ބީރައްޓެހި އެމީހުންގެ ދީނާއި އާދަކާދައާ ވެސް މުޅިން ތަފާތު އެހެން ގައުމެއް ބިނާކޮށް ތަރައްގީ ކުރަން އެމީހުންނަށް އުޅެވިދާނެ ހެއްޔެވެ؟ އެއް ހާސް ރުފިޔާ އަތުގައި ނެތް މީހަކަށް، އެއްހާސް ރުފިޔާ ދެވިދާނެ ހެއްޔެވެ؟ ވަޑާންކުރަން ނުދަންނަ މީހަކަށް ވަޑާންކުރަން ދަސްކޮށްދެވިދާނެ ހެއްޔެވެ؟ ޝައްކެއް ނެތް ގޮތުގައި އެއީ ވާނޭ ކަމެއް ނޫނެވެ.

ދެން ސުއާލަކީ، އިންޑިޔާ އައުޓުގެ ހަމަލާ، އިންޑިޔާއިން ރާއްޖެ ތަރައްގީ ކުރުމާ ގުޅުވާލެވިދާނެ ހެއްޔެވެ؟ فاقد الشيء لا يعطيه، އެމީހެއްގެ އަތުގައި ނެތް އެއްޗެއް، އޭނާއަކަށް ނުދެވޭނެއެވެ، މި ހަރުބަހުގެ އަލީގައި މިސުއާލުގެ ޖަވާބު ލިބިގަންނާށެވެ!

* މި ލަވައިގައި ތަރައްގީގެ މަގުގައި ކުރިއެރިފައިވޭތޯ ސުއާލުކޮށްލާ އިރު، އާންމުގެ އާންމު ހާލަތުގެ މައްޗަށް ބަލާލަން ޖެހޭކަން ފާހަގަކުރެވިފައި ވެއެވެ. އާންމުންގެ ގެދޮރު ނެތިފައި ވުމުން، އެތައް ބަޔަކު ނިދާ ހަދަން ޖެހެނީ އާންމު ތަންތަނުގައްޔާއި މަގުގެ ދުވާރުތަކުގެ މަތީގައެވެ! މި ލަވައިގައި ފާހަގަކޮށްލެވޭ މުހިއްމު އެހެން ނުކުތާއެއް ވެސް ވެއެވެ. ތަރައްގީގެ މަސައްކަތަކީ އަމިއްލައަށް ކުރަން ޖެހޭ ކަމެއް ކަމެވެ. އެއީ އެހެން ބަޔަކަށް ކޮށްދެވޭނޭ ކަމެއް ނޫން ކަމެވެ.
* މި ލަވައިގެ ޚުލާސާއަކީ ރަނގަޅު ތަރައްގިއެއް ލިބިގަތުމަށްޓަކައި ކުރެވުނު މަސައްކަތް އަދިވެސް ކާމިޔާބު ނުވާ ވާހަކައެވެ. އެކަން ހާސިލުވި ކަމުގައި ބެލެވޭނީ އެންމެނަށް ވެސް ހަމަޖެހިގެން ދިރިއުޅެވޭނޭ ގޮތް މެދުވެރިވާ ނިޒާމެއް އުފެއްދިގެންނެވެ.