Support Us

ކޮލަމް ކޯދު: އަޅުގަނޑުމެންނަށް ދަސްވި ގިނަ ޕާޓީތަކުގެ ޑިމޮކުރަސީގެ ގޮތް- އެކެއްގެ މުސްތަބިއްދުކަމުން ޕާޓީގެ މުސްތަބިއްދުކަމަށް!

އިއްޔެގެ ނޫހުގައި އަޅާލާފައި އޮތް ސުރުޚީއެކެވެ. އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ވެރިޔަކު ބުނިކަމަށް އޮތް ވާހަކައެކެވެ. ތިމަންމެނަށް ވެރިކަން ލިބިއްޖެ ނަމަ، ސަރުކާރުގެ ކުންފުނިތަކަށާއި މުއައްސަސާތަކުގެ ވަޒީފާތަކަށް ހޮވާނީ ވަކި ޕާޓީއެއްގެ މީހުންކަމެވެ! އޭނާ މިހެން ބުނިކަމަށް ޚަބަރުގައި އޮތީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް ކުރިމަތިލީ އޭނާގެ ޕާޓީގެ މެމްބަރަށް ތާއީދު ހޯދުމުގެ ގޮތުން ވާހަކަ ދައްކަމުންނެވެ.

މިއިން ދޭހަވަނީ ކޮން އެއްޗެއް ހެއްޔެވެ؟ އެންމެ ފުރަތަމަ ކަމަކަށް، ފާހަގަކޮށްލަން ޖެހެނީ އެހެން ބުނި މީހެއްގެ ޕާޓީ ޑިމޮކުރަސީގެ މަފްހޫމެވެ. އެކަމުގައި އޭނާގެ ވިސްނުން ހުރި ގޮތެވެ. އޭނާގެ ނަޒަރުގައި ގައުމަކީ ވިޔަފާރި ގެއެއް ކަހަލަ ތަނެއް ކަމެވެ. އެ ތަނަކީ ވެރިކަމަށް އަންނަ ބައެއްގެ މިލްކެއް ކަމެވެ. އެހެންވެ، ވެރިކަމަށް އަންނަ ބަޔަކު، އެ ވިޔަފާރިގެއާ ދޭތެރޭ ބޭނުން ގޮތަކަށް ކަންތައް ކުރަންވީއެވެ.

ދެވަނަ ކަމަކީ ގައުމުގެ މުވާތިނުންނޭ ކިޔާ ބައެއް ނުތިބެއެވެ. ތިބެނީ ޕާޓީތަކަކަށް ނިސްބަތްވާ، ޕާޓީގެ މެމްބަރުންނެވެ. ތިމާގެ އަމިއްލަ ޕާޓީގެ މެމްބަރުންނާއި އެހެން ޕާޓީތަކުގެ މެމްބަރުންނެވެ. އެހެންވެ، ވެރިކަމަށް އަންނަ ބަޔަކު ބަލަހައްޓަން ޖެހެނީ ތިމާމެންގެ ޕާޓީގެ މީހުންނެވެ. މަސްއޫލުވާން ޖެހެނީ ހަމައެކަނި އެމީހުންނަށެވެ. އެހެން މުވާތިނުންނަކީ ގައުމުގެ ބައެއް ނޫނެވެ. އެމީހުންގެ ބޭނުންތަކަށް އަޅާލާކަށް ނުޖެހެއެވެ!

ތިންވަނަ ކަމަކީ ތަން ބައިކުރާ، ތަނުގެ މުވާތިނުންނަކީ ހަމައެކަނި ތިމާގެ އަމިއްލަ ޕާޓީގެ މީހުން ކަމަށް ދެކި، ތިމާގެ އަމިއްލަ ނޫން ޕާޓީތަކުގެ މީހުންނަކީ ނުވަތަ ޕާޓީތަކާ ނުގުޅެ އުޅޭ މީހުންނަކީ މުވާތިނުން ނޫންކަމަށް ދެކި، ވޯޓު ހޯދަން މަސައްކަތްކުރުމުގައި ކުރަން ޖެހޭ ކަމަކީ 'ރިޝްވަތު' ދިނުން ކަމެވެ. ފަހަރެއްގައި ވެސް، އެންމެނަށް ފައިދާ ކުރާނެ، ރަނގަޅު ސިޔާސަތުތަކެއް ހުށަހަޅާލައި އެކަން ހިންގާލާނެ ގޮތް ބުނެދީ، އެންމެނަށްޓަކައި ގައުމު ބިނާކުރާނޭ ކުރެހުމެއް ހުށަހަޅާލުމެއް ނޫނެވެ.

މިފަދައިން ވިސްނައި، ގައުމަކީ ތިމާގެ އަމިއްލަ ޕާޓީގެ މިލްކެއް ކަމަށް ދެކޭ މީހުންނަކީ ސިޔާސީ ލީޑަރުންކަމުގައި ބެލެވިދާނެ ހެއްޔެވެ؟ ތަން ބައިބައިކޮށް، ބައެއް މީހުންނަކީ ތަނުގެ މުވާތިނުން ކަމަށް ބަލައި އަނެއްބައި މީހުންނަކީ ތަނުގެ މުވާތިނުން ނޫންކަމަށް، އެކަމުގެ އެއްވެސް އިހުސާސުވުމެއް ވެސް ނެތި، ހަދާލައި، ތަނުގެ ގާނޫނު އަސާސީއާ ޚިލާފުވެވޭ އިރުވެސް، އެކަމުގެ އިހުސާސެއްވެސް ނެތް މީހުންނަކީ ސިޔާސީ ލީޑަރުން ކަމުގައި ނުބެލެވޭނެއެވެ. އެފަދަ މީހުންނަށް ތާއިދުކުރުން ވެސް ވާނީ ބޮޑު ގޯހަކަށެވެ. ވަރަށް ވެސް މޮޔަކަމަކަށެވެ.

މިއީ ވަކީ ޕާޓީއެއްގެ ކަންތައް ހުރި ގޮތެއް ނޫނެވެ. ކޮމަންޑޫ ދާއިރާއަށް ކުރިމަތިލީ ސަރުކާރުގެ ކެންޑިޑޭޓަށް ތާއީދު ހޯދަން ސަރުކާރުގައި ހިމެނޭ ޕާޓީތަކުގެ މީހުންގެ ކަންތައް ވެސް ހުރީ ހަމަ މިފަދަ ގޮތަކަށެވެ. އޭގެ ތެރެއިން އެކަކު ބުނަނީ ދާއިރާއާ ބެހޭ ތަރައްގީގެ ކަންކަން ކުރެވެން އޮންނާނީ ސަރުކާރުގެ ކެންޑިޑޭޓު ހޮވައިގެން ކަމެވެ. ނުހޮވަފައިފި ނަމަ އާސަންދަގެ ޚިދުމަތް ވެސް ނުލިބިދާނޭ ކަމެވެ! އާދެ، އެ ނޫން މީހަކު ހޮވައިފި ނަމަ، ދާއިރާގެ މީހުން، އާންމުންނަށް ލިބިދޭން އޮންނަ ޚިދުމަތްތަކުން މަހުރޫމުކޮށް އަދަބު ދެވޭނޭ ކަމެވެ. އަނެކަކު ބުނަނީ ބޭރަށް ރަނގަޅު މެސެޖެއް ދެވޭނީ ސަރުކާރުގެ ކެންޑިޑޭޓު ހޮވައިގެން ކަމެވެ. މާނައަކީ، ސަރުކާރުގެ ކެންޑިޑޭޓު ނުހޮވިއްޖެ ނަމަ، ސަރުކާރަށް އޮތް ތާއީދާއި އިތުބާރު ކުޑަވަމުންދާ ކަމާއި އެކަމުގެ ސަބަބުން ސަރުކާރު ލަދުގަންނަން ޖެހޭނޭ ކަމެވެ. ތިންވަނަ މީހަކު ބުނަނީ ހަމައެކަނި ރަނގަޅު ފިކުރަކީ ތިމާމެންގެ ފިކުރު ކަމެވެ. އެ ފިކުރު ރަނގަޅުވާ ގޮތެއް، ސާފުވާ ގޮތަކަށް، ބަޔާނެއް ނުކޮށްދެވެއެވެ! މީގެ އިތުރުން، ސަރުކާރުގެ 'ހެޔޮފުޅުކަން' ދައްކާލުމުގެ ގޮތުން، ދާއިރާގައި ހިމެނޭ، އެއް ފަޅުގައި އޮންނަ ދެ ރަށެއް ގުޅުވާލުން ފަދަ ކުއްލި މަޝްރޫއުތައް ހިންގާލިއެވެ! ދާއިރާގެ މީހުންގެ ވޯޓު ހޯދުމުގެ ގޮތުން، ފަހަރެއްގައި ވެސް، ދާއިރާގެ އެންމެނަށް ފައިދާ ހުރި ހަރުދަނާ ރަނގަޅު ސިޔާސަތުތަކެއް ހުށަހަޅާލައި އެކަން ހިންގާނެ ގޮތް ބުނެދިނުމެއް ނެތެވެ. މީހުންގެ ކުރި މައްޗަށް ހުށަހަޅާލެވޭ ހަމައެކަނި ސިޔާސަތަކީ ބިރުދެއްކުމާއި، މޮޅު ބަސް ބުނުމާއި ރިޝްވަތު ދިނުމުގެ ސިޔާސަތެވެ. މިކަމުގައި ވެރިކަން ކުރާ ޕާޓީއާއި އެ ޕާޓީއަށް ތާއިދުކުރާ ޕާޓީތަކާއި އިދިކޮޅު ޕާޓީތަކުގެ ވެސް އެއްވެސް ތަފާތެއް ނެތެވެ.

އިދިކޮޅު ޕާޓީގެ ވެރިޔާގެ ވާހަކައަށާއި ސަރުކާރުގެ ސިޔާސީ މީހުންގެ ވާހަކަތަކަށް ބަލާލުމުން، އަޅުގަނޑުމެންގެ ތެރެއަށް ތައާރުފުވެ، އަޅުގަނޑުމެންނަށް ދަސްވި ގިނަ ޕާޓީތަކުގެ ޑިމޮކުރަސީގެ ގޮތް ހާމަވެ، ފާޅުވެގެން ދެއެވެ. އެއީ ޕާޓީތަކުގެ އިސްތިބުދާދީ، (ޑިކްޓަޓޯރިއަލް)، ވެރިކަމެވެ. އިހުގައި ރާއްޖޭގައި އޮންނަނީ އެންމެ މީހެއްގެ އިސްތިބްދާދީ ވެރިކަމެވެ. ޕާޓީތައް އުފަން ވުމުން، ކުރިން އޮތް އިސްތިބްދާދިއްޔަތަކަށް ބަދަލެއް ނާދެއެވެ. އެކެއްގެ އިސްތިބްދާދިއްޔަތަށް ނިމުން އައިސް ވަކި ޖަމާއަތެއްގެ، ޕާޓީގެ، އިސްތިބްދާދިއްޔަތަށް ބަދަލުވެ، އެކަން ފެށުނީއެވެ.

ގިނަ ސިޔާސީ ޕާޓިތަކުގެ ޑިމޮކުރަސީ އުފެއްދުމުގެ އެންމެ ބޮޑު މަގުސަދަކަށް ވެފައި އޮންނަނީ ވަކި މީހެއްގެ ނުވަތަ ވަކި ބަޔެއްގެ އިސްތިބްދާދިއްޔަތުން ގައުމު ސަލާމަތް ކުރުމެވެ. އަދި، ގިނަ މީހުން ބައިވެރިވެގެން، ފަގީރުކަމާއި މުހުތާދުކަން ގައުމުން ނައްތާލައި، ހުރިހާ މުވާތިނުންނަށް ވެސް، ގައުމުގެ ހުރިހާ އެންމެނަށް ވެސް، އެމީހުންގެ އަސާސީ ޚިދުމަތްތައް– ކެއުމާއި ބުއިން، އުނުއަންނަތަކެތި، ބޯހިޔާވެހިކަން، ސިއްހީ، ތައުލީމީ ޚިދުމަތްތައް– މުވާތިނުންގެ މެދުގައި އެއްވެސް ތަފާތުކުރުމެއް ނެތި ލިބިދޭނޭ ހަރުދަނާ ރަނގަޅު ނިޒާމެއް ގާއިމުކުރުމެވެ.

ނަމަވެސް، އަޅުގަނޑުމެންގެ ތެރެއަށް ތައާރުފުވި ގިނަ ޕާޓީތަކުގެ ސިޔާސީ ނިޒާމު މި އަމާޒާ ހަމައަށް ވާސިލުވާން އޮތީ މުޅިން ނުކުޅެދިފައޭ މިހާރު ބުނެވިދާނެއެވެ. މަތީގައި ފާހަގަކުރެވި ދިޔަ ފަދައިން، ގިނަ ޕާޓީގެ ނިޒާމު ތަން ބައިބައިކޮށްލީއެވެ. މުވާތިނުންނަކީ އެ ވަގުތު ވެރިކަމުގައި އޮންނަ ޕާޓީގެ މެމްބަރުންނަށްވެ، އެނޫން މީހުންނަކީ މުވާތިނުން ނޫން ކަމަށް ހަދާލީއެވެ. އޭގެ ހަގީގީ މާނައިގައި، ގައުމު ތަރައްގީ ކުރުމުގެ އެއްވެސް ކަމެއް ނުފެނެއެވެ. ތަރައްގީގެ ހަގީގީ މާނައޭ ބުނެ މިއިޝާރާތްކުރަނީ ކޮން ކަމަކަށް ހެއްޔެވެ؟ އެއީ ހަމައެކަނި އިމާރާތްތަކެއް، ނުވަތަ ބިނާތަކެއް، އޭގެ ޒާތަށްޓަކައި އެޅުމެއް ނޫނެވެ. ހަގީގީ ތަރައްގީގެ އަމާޒަކީ މުވާތިނުންނެވެ. ރައްޔިތުންނެވެ. ތަނުގެ އެންމެނެވެ. އެ މުވާތިނުންނަށް، ރައްޔިތުންނަށް، ދިރިއުޅުމުގެ މަގު ފަސޭހަ ކޮށްދިނުމެވެ. ކުރިން ނަންގަނެވި ދިޔަ އަސާސީ ޚިދުމަތްތައް، އަބަރުވެރި ގޮތެއްގައި، މުވާތިނުންގެ އިންސާނީ ކަރާމަތް ނުގެއްލޭ ފަދަ ގޮތެއްގައި، ފުއްދޭނޭ ނިޒާމެއް ގާއިމު ކުރުމެވެ. މަތީގައި ބަޔާން ކުރެވިދިޔަ ސިޔާސީވެރިންގެ ވާހަކަތަކުން މިފަދަ އިހުސާސެއް ވެސް އެމީހުންގެ ކިބައިގައި ނެތްކަން ފާހަގަވެގެން ދެއެވެ. އެމީހުންގެ ސިޔާސަތުގެ ވާހަކަތައް ބިނާވަނީ، ކުރިން ވެސް ބުނި ފަދައިން، އޭގައި އެއްވެސް ހަގީގަތެއް ނެތް، ހޮޅި ވާހަކަތަކާއި، ބިރު ދެއްކުމާއި، ރިޝްވަތުދީ، ވޯޓު ގަތުމުގެ މައްޗަށެވެ! މިހެން ކަންތައް ކުރަނީ ކީއްވެގެން ހެއްޔެވެ؟ މިފަދަ ސިޔާސީ ވެރިންގެ ނަޒަރުގައި ވެރިކަމުގެ ގޮނޑިއަކީ ގައުމު ބިނާކުރުމަށްޓަކައި، ދެންމެ މިބުނި މާނައިގައި ގައުމު ތަރައްގީކުރުމަށްޓަކައި، ހޯދާ ގޮޑިއެއް ނޫނެވެ. ހަމައެކަނި ތިމާމެންގެ އަމިއްލަ މާއްދީ ފައިދާއަށާއި ޖާހަށްޓަކައި ހޯދާ ގޮނޑިއެކެވެ. އެ ގޮނޑީގައި އިށީނުމުން، ފަގީރު މީހާ މުއްސަނދިވެ، ޖާހިލު މީހާ އިލްމުވެރިވެ، ތަންދޮރު ނުދަންނަ މީހާއަށް ހުރިހާ ކަމެއް އިނގޭ ޖާދޫގެ ގޮނޑިއަކަށް ވެރިކަމުގެ ގޮނޑިވާތީއެވެ! ރާއްޖޭގައި އެކެއްގެ އިސްތިބްދާދީ ވެރިކަން އޮތް އިރުވެސް އަދި މިހާރު މިއޮތް ގިނަ ޕާޓީތަކުގެ ވެރިކަމުން ވެސް ފެންނަނީ ހަމަ މި މަންޒަރެވެ!

އަޅުގަނޑުމެންގެ ސިޔާސީ މި ސަގާފަތް ބަދަލުކުރެވިދާނެ ހެއްޔެވެ؟ ޝައްކެއްނެތް ގޮތުގައި، މިފަދަ، އެއްވެސް ކަމަކީ ބަދަލު ނުކުރެވޭނޭ ކަމެކޭ ބުނާ ހިތެއް ނުވެއެވެ. އެހެންވެ، މި ސަގާފަތަކީ ވެސް ބަދަލު ނުކުރެވޭ ކަމެކޭ ބުނެ ނިންމާލެވިގެން ނުވާނެއެވެ. ނަމަވެސް، މިއީ ދާދި ފަސޭހައިން ވެދާނޭ ކަމެކޭ ވެސް ބުނުމަކީ ހަގީގަތާ އެއްގޮތް ވާނޭ ކަމެއް ނޫނެވެ. މިކަން ބަދަލުވުން ފެށެން ޖެހޭނީ އާންމު ރައްޔިތުންނާ ހަމައިންނެވެ. އެކަން ހިނގައިގަންނާނީ މައްސަލަތަކާ މެދު އާންމު ރއްޔިތުން އަމިއްލައަށް ވިސްނައި ފިކުރުކުރަން ފެށިގެންނެވެ. އަދި އެކަމުގެ އަލީގައި މަތީގައި އިޝާރަތްކުރެވުނު ފަދަ ހަރުދަނާ ރަނގަޅު، މާނައަކީ އެންމެނަށް ވެސް ފައިދާކުރަނިވި، އަޅުގަނޑުމެންނާ މުނާސިބު، ސިޔާސީ ނިޒާމަކީ ކޮބައިކަމާ މެދު ބަހުސްކޮށް އެފަދަ ނިޒާމެއްގެ ތަސައްވުރެއް ހިތަށް ގެނެސް، ކުރަހާލެވިގެންނެވެ. ދެން، އެކަން ރަނގަޅަށް ވިސްނި ގަބޫލުކުރާ، އަދި އެއަށްފަހު، އެކަން ގާއިމު ކުރާނޭ ހަގީގީ ސިޔާސީ ލީޑަރުންތަކެއް އުފެދިގެންނެވެ! އަދި، މިހާރު މިއުޅޭ ކަސްބީ އިންތިހާޒީ ސިޔާސީވެރިން– އެއީ ސަރުކާރުގެ ސިޔާސީ ވެރިންކަމުގައި ވިޔަސް، ނުވަތަ އިދިކޮޅު ސިޔާސީވެރިން ކަމުގައި ވިޔަސް، އެމީހުންގެ ބިރު ދެއްކުމާއި ރިޝްވަތު ދިނުމަށް، ޖެހިލުންނުވެ، ފުރަގަސްދީ އެމީހުންނާއި އަދި އެފަދަ އެހެން މީހުނަށް ވެސް ހަރު އަޑުން ނޫނެކޭ ބުނެވިގެންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
211

2 Responses

  1. މިހާރު ވެރިކަންކުރާ ޕާޓީގެ ޖަލްސާއެއްގައި އެޕާޓީގެ އިސްފަރާތެއް ހަރުއަޑުން ބުނި "ތިމަންމެންގެ ވެރިކަމެއްގައި ތިމަންމެންގެ ޕާޓީގެ މީހުންނަށް ފްލެޓް ދީފަ ބާކީ ހުރިއްޔާއޭ އެހެން ޕާޓީއެއްގެ މީހަކަށް ފްލެޓް ދެވޭނީ". ސަރުކާރުގެ ވަޒީފާތައް ދިނުމުގައި ވެސް ގެންގުޅެނީ ހަމަ އެއުޞޫލު. އެހެން ޕާޓީތަކަށް ނިސްބަތްވާ މީސްމީހުންގެ އެއްވެސް ކުށެއްނެތީސް ބައިބަޔަށް ޖަމާޢަތް ޖަމާޢަތަށް ވަޒީފާތަކުން ވަކިކޮށް ތިމާމެންނަށް މަދަޙަ އާއި ސަނާކިޔާ މީހުން އެ ޖާގަތަކަށް ލަމުން ދަނީ އެއްވެސް ލަދެއް ބިރެއް ނެތިއެވެ.

  2. ތިމާމެންގެ ނޫހުގައި ކުރީގައި މޮޅުހާގޮތް ބަލައިގެން ލިޔުނު ސިޔާސީވާހަކަތައް މަތިން މިހާރު ހަނދާންނެތީތަ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *