...

Support Us

ކޮލަމް ކަލާވެހި: "ހުރިހާ ކަމެއް ޑިޖިޓަލް" އޭ ކިތަންމެ ބާރަށް ވިދާޅުވިޔަސް… ދެންނެވޭނީ ސޮރީއޭ!

 

’ޑިޖިޓަލް‘ މިލަފުޒަކީ މިހައިރަކަށް އައިސް ބައެއް މުއައްސަސާތަކުގެ އިސްވެރީން ދޫފުޅުފަރިތަކަމާއެކު މާގިނައިން ވިދާޅުވާ ލަފުޒެކެވެ. ހިންގެވުމާ ޙަވާލުވެވަޑައިގެން ހުންނަވާ އޮފީީހުގެ ކަންކަން ފުރިހަމަޔަށް ހިންގަވައި، ރައްޔިތުންނަށް ދެއްވާ ޚިދުމަތް ހަލުއިކުރައްވައި، ޒަމާނީ ކުރެއްވިއްޖެކަން ދައްކަވަން ގެންގުޅުއްވާ ލަފުޒެއް މެއެވެ. އެހެންނަވަމަވެސް،…ކަމާ ބަހާ ދިމާނުވާ ފަހަރު އައުން ގިނަވުމަކީ އަދި އެހެން ކަމަކަމަށް ވާތީ، މިދެންނެވި ޒާތުގެ ގިނަ ބޭފުޅުންނަށް އަދި ދެންނެވެން އޮތީ ހަމަ ސޮރީއޭ އެވެ! ސަބަބު ދަންނަވާނަމެވެ.

ދައުލަތުގެ ބައެއް މުއައްސަސާތަކުން މިހައިރަކަށް އައިސް އާދައިގެ ރައްޔިތުންނަށް އެކި ކަންކަމުގައި ޚިދުމަތްދެއްވާ ދެރަވަރު  ގޮތުންނާވެސް އެކު، އަޅުގަނޑަކީ މިހައިރަކަށްއައިސް އެފަދަ މުއައްސަސާތަކަށް ކަންކަމު ގޮސްއުޅެން ބޭނުން މީހަކީމެއްވެސް ނޫނެވެ. އެހެންނަމަވެސް، އެނޫން މަގެއް ނެތް ތާކު، މަޖުބޫރު އައިސް ކުރިމަތީގައި ހުއްޓުނީމައި، އެކަހަލަ ތަންތަނަށްވެސް ދާން ޖެހޭނެ، ދެއްތޯއެވެ؟ ކުޑަކުޑަ ސޮރީއަކާ އެކުގައިވިޔަސް ހެޔޮކަމަށެވެ.

ކޮންމެއަކަސް، މިދެންނެވި މަގުން، އަޅުގަނޑު  ވަކި މުއައްސަސާޔަކަށް ކަމަކު ދާން ޖެހުނުތަނާ، ނޫހަކުން އަޅުގަނޑަށް އެ ފެނުނީ ހައުދަހައި އުފާވެރި ޚަބަރެކެވެ. އެ ޚަބަރަކީ ތޯއެވެ؟ އެއީ، އަޅުގަނޑު ދާން ނިންމި މުއައްސަސާ އިސްވެޑައިގެން ހިންގަވަން ވަޑައިގަތް ބޭފުޅާ މޮޅު އެއްޗެއް ވިދާޅުވި ވާހަކައެވެ. އޭނާ  ޙަވާލުވެވަޑައިގަތް މުއައްސަސާގެ ޚިދުމަތްތަކަށް އެދުމާއި،  އެތަނަށް ސިޓީބިޓީ ފޮނުވުމާއި، ޖަވާބު ލިބުމާއި، މިހެންގޮސް މުޅި ތަން ކަހަލަ ގޮތަކަށް ’ޑިޖިޓަލް‘ ކުރެއްވި ވާހަކައެވެ.

އަޅުގަނޑު ވީ އުފަލުން އަވަހަށް ނެޓަށް ވަދެއްޖައިމެވެ. އަދި އެ މުއައްސަސާގެ ވެބްސައިޓު ހޯދައިލައިފީމެވެ. އަދި ދުނިޔޭގެ ބޮޑެތި ޤައުމުތަކުގެ ދައުލަތުގެ މުއައްސަސާތަކުގެ ވެބްސައިޓުތަކުގައި ނުހުންނަހާ ފުރިހަމަ ކުލަމަޖާ އެތައް އެނިމޭޝަނަކާއި ވިޑިޔޯއަކަށް ފަހު، ފަނަރަ ވަރަކަށް މިނިޓުގެ ފޫހިފިލަނިވި ހާވައިގަތުމެއްގެ ނަތީޖާއެއްގެގޮތުން އަޅުގަނޑު ބޭނުން ޚިދުމަތުގެ ފޯމު ޑައުންލޯޑު ކުރެވިއްޖެއެވެ. އެކަމަކު އެހިސާބުން ދެން ދަންނަވަން އެ ޖެހުނީ ސޮރީއެެކެވެ.

ފޯމު އޮތީ ޕީ.ޑީ.އެފް އެއްގެ ގޮތުގައެވެ. ހުސް ޖާގަތަށް ނުފުރޭ (އަންފިލަބްލް) ގޮތަށެވެ. އެހެންވީމައި، ދެން މިޖެހުނީ ޑައުންލޯޑުކުރި ފޯމު ކޮންމެވެސް ތާކުން ޕުރިންޓު ކުރުވައިގެން ގެޔަށް ގެނެސް ގަލަމުން އޭގައި ލިޔެގެން، އަތުން ސޮއިކޮށްގެން ހިފައިގެން ގޮސް ތަންކޮޅެއް ދުރުގައި ހުންނަ ތާކަށް ލާށެވެ. އެތަން ހުޅުވައިފައި ހުންނަ ދުވަސްތަކާއި ގަޑިިތައްވެސް ފޯމުގެ ތިރީގައި އޮތެވެ. އެހިސާބުން އަޅުގަނޑު އަޅުގަނޑުގެ އަމިއްލަ ނަފުސާ މުޚާޠަބްކޮށް ބުނީމެވެ. ސޮރީއެވެ! މިރާއްޖޭގައި ކަންކަން ޑިޖިޓަލް ވުމުގެ މާނަ އަހަރެންނަށް އޮޅުނީތީ އަހަރެންނަށް މަޢާފުކުރާށެވެ!

އެހިސާބުން ހަތިޔާރު ބަހައްޓާކަށް އަޅުގަނޑުގެ ހިތެއް ހަމަ ނުރުހުނެވެ. އެހެންކަމުން، އަޅުގަނޑަކީ އައި.ޓީ އަށް އެހައި ނުފަރިތަ  މީހަކަށް ނުވާތީ، އެއްކަލަ ޕީ.ޑީ.އެފް ގައި ލިޔެވޭނޭ ގޮތެއް ހޯދައިލައިފީމެވެ. އަދި ފޯމުގައި ފުރަން ހުރި ތަންތަން ފުރައިފައި، ނޫކުލައިގެ ދެލިއަޅާ ގަލަމަކުން ސޮއިކުރީމައި އޮންނަގޮތަށް ފެންނާނެހެން ސޮޔެއްވެސް އޭގައި ހިއްޕައިފައި، ހަމަ އަނެއް ޕީ.ޑީ.އެފް  ތައްޔާރުކޮށްލައިފީމެވެ. އެހިސާބުން ފޯމު އެއޮތީ އަތުން ފުރައި، ގަލަމުން ސޮއިކުރީމާ އޮންނާނެ ގޮތަށެވެ.

ދެން އޮތީ އެބުނާ ތާކަށް ފޯމު ފޮނުވުމެވެ. އެކަމުގައިވެސް އަޅުގަނޑު ވިސްނީ އަދި އެހެން ގޮތަކަށެވެ. އެއީ، ދައުލަތުގެ މުއައްސަސާޔަކަށް އީމެއިލްގެ ޚިދުމަތް ފޯރުކޮށްދެވެނީ ރައްޔިތުންގެ ފައިސާއިން ޚަރަދުކޮށްގެން ކަމަށް ވާތީ، ރައްޔިތުން ފޮނުވާ އީމެއިލް ބަލައިގަތުމަކީ ޤާނޫނީ ގޮތުން އެތަނުގެ މައްޗަށް ލާޒިމުވާނެ ކަމެއްކަމަށް ފެންނާތީ، އަޅުގަނޑު ރަސްމީ ސިޓީއެއް ތައްޔާރު ކޮށްލައިފީމެވެ. ހަމަ ޑިޖިޓަލްކޮށެވެ. ސޮޔާވެސް އެކުގައެވެ. ދެން، އެއްކަލަ މުއައްސަސާގެ ވެރިޔާގެ ބިޔުރޯއަށާއި ތަނުގެ ސެކްރެޓޭރިއެޓްއަށް (ކޮޕީކޮށް) ސިޓީއާއެކު ފޯމު ފޮނުވައިލައިފީމެވެ. ސޮރީއަކާ ނުލައެވެ.

އަޅުގަނޑު ފޮނުވި އީމެއިލްގެ ޖަވާބެއް އީމެއިލް އަކުން އަދިވެސް އަޅުގަނޑަކަށް ނުލިބެއެވެ. އެޔާ ޚިލާފަށް އަޅުގަނޑުގެ ފޯނަށް ލިބުނީ އެސް.އެމް.އެސް އެކެވެ. އޭގައި އޮތީ މިދަންނަވާހެނެވެ. ”(މިވެނި ދުވަހަކު ކަލޭ) މިތަނަށް ފޮނުވި އީމެއިލްއާ އެކު ފޮނުވި ސިޓީއާއި ފޯމުގެ ޖަވާބު، މިމުއައްސަސާގެ (މިވެނި މަގެއްގައި) ހުންނަ ގޮތްޕަށް ބަންދުނޫން ދުވަހަކު ހެނދުނު 10:00 އާއި މެންދުރު 12:00 އާ ދެމެދު ހާޒިރުވުމުން ލިބޭނެއެވެ.“

އެހިސާބުން އަދި ދުލެއް ނުދޭނަމޭ، ވެރިޔާ ވިދާޅުވި ޑިޖިޓަލް އެއީ ކިހައިވަރެއްގެ ޑިޖިޓަލްއެއްތޯ ބަލައިލަން އަނެއްކާ އަނެއް އީމެއިލް ފޮނުވައިލައިފީމެެވެ. އަޅުގަނޑަކީ ކޯވިޑު-19ގެ ހިރާސް ބޮޑު މީހެއް ކަމާއި، އެޗް.ޕީ.އޭ ގެ އެންގެވުންތަކަށް އިޙްތިރާމްކުރާ  މީހެއްކަމާއި، ހިނގައި އުޅުމުގައި ކުޑަ ދަތިކަމެއް ހުންނަ މީހަކަށް ވާއިރު، މާލޭގައި ޓެކްސީއެއް ހޯދުމުގެ ދަތިކަމާ ބެހޭ ވާހަކަވެސް ނޫސްތަކުން ބަލައިފައި އެއީވެސް އެހައި ފަސޭހަ ކަމަކަށް ނުވާތީ، އަޅުގަނޑު ފޮނުވި އީމެއިލްގެ ޖަވާބުގައި އީމެއިލްއެއް ފޮނުއްވައިދެއްވައިތޯ އާދޭސް ދަންނަވައިފައެވެ. އޭގެ ނަތީޖާ؟ ….ސޮރީއެވެ!

ޖަވާބު މިފަހަރު އައީ ފޯނުންނެވެ. ވާހަކަދެއްކި މީހާގެ ރާގުގައި ހުރީ، މިހައިރުގެ ބަހުރުވައިންނަމަ، އިންތިހާޔަށް ފުއްޕުމެވެ. ތަންކޮޅެއް ކުރީގެ ބަހުރުވައިންނަމަ، ތިމާޔަށް ތިމާފެނުމެވެ. ޢުމުރުން އަދި ތަންކޮޅެއް ހަގުވެފައި، ރައްޔިތުންގެ ޚިދުމަތަށް މުޅިން އައު ނަމަވެސް، ސިޔާސީ ގޮތުން ކުފޫހަމަވެ އިތުރުވެފައިވުމުގެ ފޮނިކަމާއި ބޮޑާކަމެވެ. އޭނާ އަޅުގަނޑަށް ދިން ޖަވާބުގެ ފެށުމުގައި އޮތީ އަޅުގަނޑުމެން ކަހަލަ މީހުންނަށް ރަސްމީ ކަންކަން ހިނގާނުހިނގާ ގޮތް ނޭނގޭނެ ކަން އަޅުގަނޑަށް ކިޔަވައިދިނުމެވެ. އެޔަށް ފަހު، ދެން ބުނީ، ”ހަމަޖެހިފަ އިންނަ ގޮތަކީ މިތަނުން ބުނާ ޓައިމްއަކަށް މިތަނުން ބުނާ ތަނަކަށް ބަރާބަރަށް ހާޒިރުވާން. އޯކޭ؟ އެހެންވީމާ ކަލޭ ޖަވާބު ބޭނުމިއްޔާ ކަލެޔަށް ޖެހޭނީ އަންގާފަ އިން ގޮތަށް އަންނަން! ދޯ؟“ މިހެންނެވެ.

އަޅުގަނޑު އެތާކަށް ނުދާނަމެވެ. އޭގެ ބަދަލުގައި، ތޮށަލި ދުޅައިގެ އެނބުރުމުގެ އިންތިޒާރުގައި މަޑުކޮށްލާނީއެވެ. އެހައިތަނަށް، މިހައިރު މުގުލުގައި ހުންނެވި ބޭފުޅާޔަށް ދަންނަވަން އޮތީ ހަމަަ އެންމެ އެއްޗެކެވެ. އެއީ މިއެވެ. ހުރިހައި ކަމެއް ޑިޖިޓަލް ވެއްޖެޔޭ ކިތަންމެ ބާރަށް ވިދާޅުވިޔަސް… އަޅުގަނޑަށް ދެންނެވޭނީ ސޮރީއޭ އެވެ. މަނިކުފާނުންގެ އެނގިވަޑައިނުގަތުމުގެ ތެރެއިން ނަމަވެސް، އިތުރުފުޅު ނުހައްދަވާށޭއެވެ. ވަރަށް މަޢާފާ އެކުގައެވެ. މިޒަމާނުގެ ’ލޮލް‘ އަކާވެސް އެކުގައެވެ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.