Support Us

ދިރާސާގެ ހަގީގަތް

ދުނިޔޭގައި ދިރާސާވެރިން ކޮށްފައިވާ އަދި ކުރަމުންދާ ތަފާތު ދިރާސާތައް ވަރަށް ގިނައެވެ. އެއް ދިރާސާއެއްގެ މަޢުލޫމާތު ލިބި ހިނދުކޮޅެއް ވާއިރަށް ހަމަ ސީދާ އެއާ އިދިކޮޅު އެހެން ދިރާސާއެއްގެ މަޢުލޫމާތު ލިބިދާނެއެވެ. އެހެންވީމާ ކަންކަމުގެ އެއެއް މިއެއް، އެގަހުކޭލެއް މިގަހު ކޭލެއް، ވާއެއް ނުވާއެއް ނޭނގޭނެއެވެ.

މިފަހަރު މިއޮތީ ބޮއް ފުންމުމާ ބެހޭ ގޮތުން ހަދައިފައިވާ ދިރާސާއެކެވެ. މިއީ އެކަމަކު ޖޯކެކެވެ. ބޮކަކީ ހަތަރެސްފައި ލިބިފައިވާ އެއްޗެކެވެ.

ބޮއް ފުންމާވަރު ބަލަން ސައިންސްވެރިން ހެދި ދިރާސާއެއްގައި ބޮކެއް ގެނެސްފައި "ފުންމާލާށޭ" ބުނުމެފައި ދޫކޮށްލުމުން އެ ސޮރު ފަސް ފޫޓަށް ފުންމާލިއެވެ. ބޮކުގެ އެއްފައި ކަނޑާލާފައި ފުންމާލާށޭ ކިޔާފައި ދޫކޮށްލުމުން އެ ފަހަރު ހަތަރު ފޫޓަށް ފުންމާލިއެވެ. ބޮކުގެ އަނެއް ފައި ކަނޑާލާފައި ފުންމާލާށޭ ބުނުމުން ތިން ފޫޓަށް ފުންމާލިއެވެ. ތިންވަނަ ފައި ކަނޑާލާފައި ފުންމާލާށޭ ބުނުމުން ފުންމާލެވުނީ ފޫޓަކަށެވެ. ބޮކުގެ އެންމެ ފަހު ފައި ކަނޑާލުމަށްފަހު ފުންމާލާށޭ ކިޔާ ބޮއް ދޫކޮށްލުމުން ބޮއް ފުންމައެއްނުލިއެވެ. ކަހާބިހި ހިރުވައޭ ވެސް އެސޮރަކަށް ހިޔެއް ނުވެއެވެ.

އެހިސާބުން ސައިންސްވެރިންގެ ދިރާސާ ނިމުނީއެވެ. ނަތީޖާ އިޢުލާންކޮށް ޝާއިޢުކޮށްފިއެވެ. ނަތީީޖާއަކީތޯއެވެ؟ ބޮކެއްގެ ހަތަރެސްފައި ކެނޑުމުން އެސޮރަކަށް އަޑެއް ނީވޭނެއެވެ. މި ދިރާސާ ނޫސްވެރިންގެ އަތްމައްޗަށް އަރަންފެށިއެވެ. ބޮޑެތި ސުރުޚީތައް ހަދައި ނޫހުގައި ޖަހަންފެށިއެވެ.

އާ ހޯދުންތަކާއި އާ ދިރާސާތައް މި ޒަމާނުގައި ވަރަށް ގިނައެވެ. އެއީ ވަރަށް އަގުހުރި މުހިންމު މަސައްކަތެކެވެ. މި ޒަމާނުގައި މީހަކު މިއޮތީ ދިރާސާއަކުން ނުވަތަ ތަހުލީލަކުން ދެއްކި ނަތީޖާއެކޭ ބުންޏަކަސް، އަދި އެއްޗެއްގައި ލިޔުނަސް އެކަން ގަބޫލުކުރާކަށް ނުޖެހެއެވެ. ދުނިޔޭގައި ޢިލްމީ ދިރާސާތައް ކަނޑައެޅުމުގައި ބަލާ ހަމަތަކާއި އުސޫލުތަކުގެ ތެރެއިން ހަދާ ދިރާސާތައް ޝާއިޢުކުރާ އިތުބާރުކުރެވޭ ޖާނަލްތައް އެބަހުއްޓެވެ. މިގޮތަށް ޖާނަލް ތަކުގައި ޝާއިޢުކުރެވޭ ދިރާސާތަކުގައި ވެސް އެއް ދިރާސާއާއި އަނެއް ދިރާސާގެ ތަފާތު ހުރުމަކީ އެކަށީގެންވާ ކަމެކެވެ. ޢިލްމީ ހަމަތަކާއިި އުސޫލުތަކާ އެއްގޮތަށް ހެދޭ ދެ ދިރާސާއެއްގެ ނަތީޖާއަށް އަންނަ ބަދަލު ބެލެވެނީ ޢިލްމަށް ހުޅުވޭ ދޮރެއްކަމަށެވެ. ދިރާސާ ކުރުމަށް އިތުރަށް އޮންނަ ފުރުސަތެއް ކަމަށެވެ. އެއީ އެއްވެސް މީހަކު ކަންބޮޑުވެ ހާސްވާންޖެހޭ ސަބަބެއް ނޫނެވެ.

  • މައުލޫމާތު: އަބްދުﷲ ސަޢީދުގެ ލިއުއްވުމަކުން ނަގައިފައި
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *