Support Us

ކުރުވާހަކަ: ޖުހާއާއި ޑރ. ޑަކުޓަރު

ވަރަށް ކަންބޮޑުވެ ހުރެ، ޖުހާ ގާތަށް ޑޮކްޓަރު ދިޔައެވެ. ޑޮކްޓަރާ ވަރަށް ވެސް ބޮޑު މައްސަލައަކާ ކުރިމަތިވެގެން، އެކަމުގެ ހައްލެއް ހޯދުމުގެ ގޮތުން ޖުހާއާ މަޝްވަރާކޮށްލުމަށްޓަކައެވެ. ޖުހާއަކީ ބޮޑެތި މައްސަލަތަކުގެ ހައްލު ހޯދައިދީ އަދި، މީސްމީހުންގެ ކަރަށް މެހޭ މަޅިތަކުން ބޯ ދަމައިގަންނާނޭ ގޮތް ވެސް ބުނެދޭ ބުއްދިވެރި ހަކީމަކަށްވާތީއެވެ.

އިތުރަށް ވާހަކައައިގެ ކުރިއަށް ދިޔުމުގެ ކުރިން، އަޅުގަނޑުމެންގެ ޑޮކްޓަރު ސާހިބުގެ ކުރު ތައާރުފެއް ލިޔެލަން ޖެހެއެވެ. ޑޮކުޓަރަކީ ކުރެހުމުގެ ދާއިރާއިން ޕީ.އެޗް.ޑީ ހާސިލުކުރައްވައިގެން ހުންނެވި ޑޮކްޓަރެކެވެ. އެކަން ވެސް އޭނާ ހާސިލުކުރީ ކިޔަވައިގެން، ތައުލީމީ މަރުހަލާތައް ކަޑައްތުކޮށް، އުނގެނި، ބުރަ މަސައްކަތްތަކެއް ކޮށްގެނެއްނޫނެވެ. އެ ސަނަދު އޭނާއަށް ލިބުނީ ކުރެހުމާ ބެހޭ ގެލެރީއެއްގައި އެތައް ދުވަހެއް ވަންދެން މަސައްކަތްކުރުމުގެ ނަތީޖާއެއްގެ ގޮތުންނެވެ. އާދެ، އެތަނުގައި ފަންސަވީހަކަށް އަހަރު، ކުރެހުންތަކާއި އެކިއެކި ތަސްވީރުތަކަށް ބެލުމާއި އަދި އެތަނަށް ޒިޔާރަތްކުރާ ކުރެހުމުގެ ފަންނީ މީހުން ދައްކާ އިލްމީ ވާހަކަތައް އަޑުއެހުމުގެ ފުރުސަތު ލިބިފައި އޮތުމުން ކުރެހުމާ ބެހޭގޮތުން ކޮންމެ ވެސް މިންވަރަކަށް އެއްޗެއް އެނގިފައި އޮވެދާނޭ ކަމަށް ބަލައި، އޭނާގެ ރައްޓެހިން ލައްވައި، ސެޓުފިކެޓު ވިއްކާ އެކި ޔުނިވަރސިޓީތަކަށް ލިޔެގެން، މި ނަންގަތް ތަޖުރިބާގެ މައްޗަށް ބަލާފައި، މިނަންގަތް ފަދަ ޔުނިވަސިޓީއަކުން އޭނާއަށް ދީފައި އޮތް ސެޓުފިކެޓެކެވެ. ކޮންމެ އަކަސް، 'މރ. ބީން’ގެ ފިލްމުގައި ފެންނަ ފަދައިން، ކުރެހުމުގެ ގެލެރީގައި ގިނަ ވަގުތު މރ. ބީން ހޭދަކުރަނީ ނިދުމުގައި ކަމަށް ވިޔަސް، މރ. ބީންގެ 'ބީން' މި ފިލްމުގައި، މރ. ބީން، ޑރ. ބީންއަކަށް ބަދަލުވި ފަދައިން، އަޅުގަނޑުމެންގެ ޑރ. ސާހިބު ވެސް ޑޮކްޓަރަކަށް ވީއެވެ.

ދެން، އަޅުގަނޑުމެންގެ ޑޮކްޓަރު ސާހިބާ ކަންތައް ދިމާކުރީ ވަރަށް ވެސް ނަސީބުވެރި ގޮތަކަށެވެ. އަޅުގަނޑުމެންގެ ޑޮކްޓަރު ސާހިބުގެ ރަހުމަތްތެރިއަކު ހިންގާ ކުލިނަކުން ބޭސްކުރާ ޑަކުޓަރެއްގެ ވަޒީފާ ލިބުނީއެވެ. އެކަން ވާން ދިމާވީ، މިނަންގަތް ކުލިނިކު ހިންގާ ޑަކުޓަރު ބޭނުންވީ އޭނާގެ ކުލިނިކަށް، ފެންވަރު ހުންނަ ރަނގަޅު ޑަކުޓަރުން ނުގެނައުމުގެ ސިޔާސަތެއް ކަނޑައެޅުމުންނެވެ. ސަބަބަކީ، ފަހަރެއްގައި ވެސް، ފެންވަރު ހުންނަ ޑަކުޓަރުންނަށް ބޮޑު މުސާރައާއި އިނާޔަތްތައް ދޭން ޖެހުމެއް ނޫނެވެ. އެފަދަ ޑަކުޓަރުންގެ މައްޗަށް ނުހައްގުން ބާރުފޯރުވައި އެމީހުން ކޮންޓުރޯލު ނުކުރެވޭނެތީއެވެ. ނަމަވެސް، އެއްވެސް ފެންވަރެއް ނެތް، ކަމުގެ އަހުލުވެރި ނޫން ބަޔަކަށް ވަޒީފާ ދިނުމުން، އެފަދަ މީހުން ކޮންޓުރޯލުކުރަން ފަސޭހަވާނެތީއެވެ. އަދި، އެފަދަ މީހުންނަށް އެންގޭ ކޮންމެ ކަމެއް ވެސް އެއްވެސް ގާނޫނަކަށް ގަވާއިދަކަށް ރިއާޔަތް ކުރުމެއް ނެތި، ކުރާނެތީއެވެ.

ކޮންމެއަކަސް، ކުލިނިކުގެ ވެރިޔާ ނިންމީ އަޅުގަނޑުމެންގެ ކުރެހުމުގެ ޕީ.އެޗް.ޑީ ޑޮކްޓަރަށް ބޭސްވެރިކަމުގެ ޑަކުޓަރުކަންދީ ކުލިނިކުން ވަޒީފާ ދޭށެވެ. ކުލިނިކުގެ ވެރިޔާ އަޅުގަނޑުމެންގެ ޑޮކްޓަރު ގާތު ބޭސްކުރާނޭ ގޮތް ކިޔައިދިނެވެ. އޭނާ ބުންޏެވެ. ބޭސްކުރުމަކީ އެހާ އުނދަގޫ ކަމެއް ނޫނެވެ. މީހުން އަންނާނީ މިވެނި އެވެނި ކަންކަމާ ބަލިވެގެންނާއި، އެކަންކަމަށް ބޭސްދޭނީ މިވެނި ގޮތަކަށްކަން ވެސް އޭނާ އަޅުގަނޑުމެންގެ ޑަކްޓަރު ގާތު ބުންޏެވެ. ބޭސްތައް ބެހިފައި ހުންނާނީ މިވެނި އެވެނި ބައިތަކަށް ކަމަށާއި، އެއީ ރިހުން ކަނޑުވާ ބޭހާއި، ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަ ކުރަންދޭ ބޭސް ފަދަ ބައިތަކަށް ބެހިފައިވާ ބޭސްތައްކަން ކުލިނިކުވެ ވެރިޔާ އަޅުގަނޑުމެންގެ ޑަކްޓަރަށް ކިޔައިދިނެވެ. އަދި، ކަށިގަނޑު ޖައްސާނޭ ގޮތާއި ލޭގެ ޕުރެޝަރު ބަލާނޭ ގޮތް ވެސް އޭނާއަށް ދަސްކޮށްދިނެވެ. ދެން، ކޮންމެއަކަސް، އަޅުގަނޑުމެންގެ ޑޮކްޓަރު، ބޭސްވެރި ޑަކުޓަރަކަށްވެ، ބޭސް ކުރަން ފެށިއެވެ.

ނަމަވެސް، މާގިނަ ދުވަސްތަކެއް ނުވަނީސް، އަޅުގަނޑުމެންގެ ބޭސްވެރި ޑަކުޓަރަށް ކަންކަން އޮޅި، ކުލިނިކަށް، އޭނާ ގާތަށް، ބޭސްކުރަން އަންނަ ބަލި މީހުންގެ ފުރާނައަށް ގެއްލުންވާ ހިސާބަށް ގޮސް، ކަމާ ބެހޭ ރަސްމީ ފަރާތުގައި ޝަކުވާކޮށް، އަޅުގަނޑުމެންގެ ބޭސްވެރި ޑަކުޓަރު އެ ފަރާތުގެ އިދާރާއަށް ހާޒިރުވާން ޖެހިއްޖެއެވެ. ދެން، މިކަމާ ކަންބޮޑުވެގެން މިކަމުން ބޯދަމައިގަންނަން ކަންތައް ކުރާނީ ކިހިނެއްކަން ހަކީމު ޖުހާއާ މަޝްވަރާކޮށްލުމުގެ ގޮތުން ހަކީމު ޖުހާ ގާތަށް ދާން ނިންމީއެވެ.

އަޅުގަނޑުމެންގެ ބޭސްވެރި ޑަކުޓަރު އޭނާގެ މައްސަލަ، ޖުހާއަށް ކިޔައިދީފައި ބުންޏެވެ. ޖުހާއެވެ! އަހަރެން ދެން ކަންތައް ކުރާނޭ ގޮތް ނިކަން އަޅެ ބުނެދީބަލާށެވެ.

ޖަވާބުގައި ޖުހާ ބުންޏެވެ. ތީ މާ ބޮޑު މައްސަލައެއް ނޫނެވެ. ހެދުނު ގޯހަށް އިއުތިރާފުވުމުން މައްސަލަ ނިމުނީއެވެ. އަދި، ދެން، އެކަމާ ވިދިގެން އަންނަ އަދަބު ވެސް ގަބޫލުކޮށް ދެވަނަ ފަހަރަށް ތިކަހަލަ ކަންތައްތައް ނުކުރީމާ ނިމުނީއެވެ.

ޖަވާބުގައި އަޅުގަނޑުމެންގެ ބޭސްވެރި ޑަކުޓަރު ބުންޏެވެ. ތިޔަހެން ކަންތައް ކުރެވޭނީ ކިހިނެއް ހެއްޔެވެ؟ ބޭސްވެރި ޑަކުޓަރެއްގެ ގޮތުގައި އަހަރެން މަސައްކަތް ކުރާތާ ދެތިން މަސް ވެއްޖެއެވެ. އަދި، އެދުވަސްކޮޅު އަހަންނަކީ ޑަކުޓަރެކޭ މީސްތަކުންގެ ދުލުން ކިޔަން ފެށުމުން، އަހަންނަށް ވެސް އަހަންނަކީ ޑަކުޓަރެއްކަން ޔަގީންވެއްޖެއެވެ. ދެން، އެހާ ފަސޭހައިން، މި މަގާމު ދޫކޮށްލައި، މިކަމާ ގުޅިފައި އޮންނަ ޖާހާއި އިއްޒަތާއި އަދި މާއްދީ ފައިދާއާ ވަކިވެވޭނީ ކިހިނެއް ހެއްޔެވެ؟ އަހަންނަށް މި ވަޒީފާ އެންމެ ފުރަތަމައިން ދިން ކުލިނިކުގެ ވެރިޔާގެ ބޮލަށް މިކަން މަހާލެވޭނޭ ގޮތެއް ނޯންނާނެ ހެއްޔެވެ؟ އަދި، އެއަށް ފަހު ދުރު ރަށަކަށް ގޮސް ޔޫނާނީ ބޭސްކުރުމުގެ ކުލިނިކެއް ހުޅުވައިގެން އަހަންނަށް ޑަކުޓަރުކަން ކުރެވިދާނެ ނޫން ހެއްޔެވެ؟

ޖަވާބުގައި ޖުހާ ބުންޏެވެ. އަހަރެން އެއްޗެއް ބުނުމުގެ ކުރިން، ތި ޔޫނާނީ ބޭހުގެ ކުލިނިކުގެ ވާހަކަ ކިޔައިދީ ބަލާށެވެ.

ޖަވާބުގައި ޑރ. ޑަކުޓަރު ބުންޏެވެ. އެއީ ވަރަށް ފަސޭހަކަމެވެ. އަހަރެންގެ އެ ބޭސްވެރިކަން ބިނާވާނީ ބިހާ މާމުޔާއި ހިކަނދިފަތާއި ފެން ކިޔެވުމުގެ މައްޗަށެވެ. ކޮންމެ ބައްޔަކަށް ވެސް، މި އެއްޗެހިން ބޭސް ކުރުމަށް ބޭސް ލިޔެވިދާނެ ނޫން ހެއްޔެވެ؟ އެއިން ވާނޭ ގެއްލުމެއް ނޯންނާނެ ނޫން ހެއްޔެވެ؟ ބަލި ފަސޭހަވުމާއި ނުވުން އެއީ އެހެން ކަމެއް ނޫން ހެއްޔެވެ؟ ބޮޑުވަރު ވީމައި ހޮސްޕިޓަލަށް ދާށޭ ބުނެވިދާނެ ނޫން ހެއްޔެވެ؟

ދެން ޖުހާ ބުންޏެވެ. ތީ ވެސް ކުރެވިދާނޭ ކަމެކެވެ. އަމިއްލަ ވިސްނުން ބޭނުންކޮށް ނޫޅޭ ތަނެއްގައި ތިޔައީ ވެސް ހަމަ ރަނގަޅަށް ހިނގާފާނެ ވިޔަފާރިއެކެވެ. މިހާރު ވެސް ބައެއް ތަންތަނުގައި ފެން ކިޔަވައި، އެ ފެން ފުޅިފުޅިއަށް އަޅައި، ވިއްކައިގެން ވިޔަފާރިކޮށް އުޅޭ ނޫން ހެއްޔެވެ؟ ނަމަވެސް، ތިބުނާ ގޮތަށް ކަންތައްކޮށްގެން ވެސް ކަލޭގެ އަސްލު މައްސަލަ ހައްލެއް ނުވެއެވެ. ބޭސްވެރިކަން ނޭނގި ބޭސްވެރިކަން ކުރުމުގެ މައްސަލައެވެ.

ދެން އަޅުގަނޑުމެންގެ ތިން ބިހުގެ ޔޫނާނީ ބޭސްވެރިކަން ކުރަން އުޅޭ ޑަކުޓަރު ބުންޏެވެ. އެއީ އަހަރެން އަމިއްލައަށް ކުރި ކަމެއް ނޫނެވެ. އަހަންނާ އެކަން ހަވާލުކުރީ އެހެން މީހެއް ނޫން ހެއްޔެވެ؟ އެހެންވީމާ އެކަމުގައި ކުށްވެރިވާން ޖެހޭނީ ވެސް އޭނާ ނޫން ހެއްޔެވެ؟

ޖަވާބުގައި ޖުހާ ބުންޏެވެ. ތިޔަ ބުނާ ވާހަކަ މުޅިން ގޯހެއް ނޫނެވެ. އެއްވެސް ޝައްކެއް ނެތް ގޮތުގައި، ވަޒީފާގެ އަހުލުވެރިކަން ނެތް މީހަކަށް ވަޒީފާ ދިނުމަކީ ބޮޑު ގޯހެކެވެ. އެފަދަ ކަމެއް ކޮށްފި މީހާ ކުށްވެރިވާން ޖެހޭނެއެވެ. ހަމަ އެފަދައިން، ތިމާގެ ކިބައިގައި އެފަދަ ވަޒީފާއެއް އަދާކުރުމުގެ އަހުލުވެރިކަން ނެތްކަން ތިމާއަށް އެނގޭ އިރު ވެސް، އެ ވަޒީފާއާ ހަވާލުވުމަކީ ހަވާލުވާ މީހާގެ ވެސް ކުށެކެވެ! އަހަންނަށް ބުނެވެން އޮތީ ހަމަ މިހެންނެވެ. ފަހަރެއްގައި، ކަލޭ އެދޭ ގޮތަށް ފަތުވާ ނެރޭނޭ ބަޔަކު ވެސް އުޅެފާނެއެވެ. އެހެންވީމާ، ދެން އޮތް ގޮތަކީ، އެފަދަ މީހަކު ހޯދަން އުޅުމެވެ! ނަމަވެސް، މިހެން ކަންތައް ކޮށްގެން ވެސް، ރަސްމީ ފަރާތާ ކުރިމަތިލައި އެފަރާތުން އަދަބު ލިބުމުން ރެކިގަނެވިދާނެޔޭ ބުނާކަށް ހަމަ ނޭނގެއެވެ. ސަބަބަކީ ކުލިނިކު ފަސާދަވެ، ބަނގުރޫޓުވެ، މީހުންނަށް ވެސް އެތައް އެތައް ގެންލުންތަކެއް ވުމެވެ! މިކަމަށް އޮތް އަނެއް ހައްލަކީ ކުލިނިކުގެ ބޮޑު މީހާ މަރުވަންދެން ފިލައިގެން އުޅުމެވެ. އޭނާ މަރުވީމައި ދެން ހުރިހާ ކަމެއް އޭނާގެ ބޮލުގައި އަޅުވައި އޭނާގެ މަހާނަ މައްޗަށް މަޑިއަކަށް ޖެހުނީމާ ރަނގަޅުވާނެ ނޫން ހެއްޔެވެ؟

ނޯޓު: ޖުހާގެ ވާހަކަތަކަކީ މުޅިން ވެސް ޚިޔާލީ ފުލޯކު ވާހަކަތަކެކެވެ!