Support Us

ކޮލަމް މާޒީ: އަތުކުށް– 18 

އަޅުގަނޑަކީ ހަތަރު މަތިފުށް ވެސް ދިވެހި، ދިވެއްސަކީމެވެ. އަޅުގަނޑަކީ ކިޔުންތެރިކަމަށް ލޯބިކުރާ މީހަކީމެވެ. ކިޔުންތެރިކަމަށް ހުންނަ ލޯތްބެއްގެ ސަބަބުން ވަރަށް ގިނަ ލިޔުންތައް ކިޔައި ހެދެއެވެ. ފޫހިފިލާތީއެވެ. އާ ކަންތައްތައް ދަސްވާތީއެވެ. މަޢުލޫމާތު އަދާހަމަވާތީއެވެ. މަޢުލޫމާތު މުއްސަނދިވާތީއެވެ. އެކި ލިޔުންތައް އަޅައިބަލައި ދިރާސާކުރެވޭތީއެވެ. އަދިވެސް ކިތަންމެ ސަބަބަކަށް ޓަކައެވެ.

މިއަދަކީ އޮންލައިނުގެ ޒަމާނެވެ. އޮންލައިނުކޮށް ޝާއިޢުކުރެވޭ އެތައް ސަތޭކަ ނޫހަކާއި މަޖައްލާއަކާއި ވެބްސައިޓެއް ކޮންމެ ދުވަހަކު ވެސް އަދާހަމަކުރެވެވުން އާދެއެވެ. އެ ހުރިހާ އެއްޗެއް ނުކިޔުނަސް ވަގުތު ވީވަރަކުން ގިނަ ލިޔުންތައް ކިޔެއެވެ. އެންމެ ކުޑަމިނުން ސުރުޚީތައް ކިޔައިލެވެއެވެ. ސުރުޚީ ކިޔައިލުމަށް ފަހު ޝައުޤުވެރިކަން އުފެދޭ ގޮތަކުން ގިނަ ލިޔުންތައް މަތިމަތީން ނަމަވެސް ބަލައިލެވެއެވެ. އިސްވެ ދެންނެވުނު ސަބަބުތަކުގެ ތެރެއިން ކޮންމެވެސް ސަބަބަކަށް ޓަކައެވެ.

މި ފަހަކަށް އައިސް އަޅުގަނޑަށް ކިޔައިލެވޭ ސުރުޚީތަކުން ވަރަށް ގިނައިން ފެންނަ އާ ލަފުޒަކާ މެދު ނުވަތަ ދެ ލަފުޒަކާ މެދު، މިއަދު އެއްޗެއް ދަންނަވައިލާ ހިތް ވީއެވެ. އެއީ "ހާބަ"އާއި "ބޭސިން"އެވެ.

"ފޯކައިދޫ ހާބަ ބޭސިން ފުން ކުރުމުގެ ބޮޑު ބައެއް ނިމިއްޖެ." "މާޅޮހުގެ ހާބަ ބޭސިން ފުން ކުރުމުގެ މަސައްކަތް ނިންމާލައިފި." "ތިލަދުންމަތީ ދިއްދޫ ބަނދަރުގެ އާ ހާބަ ބޭސިން ފުން ކުރުމުގެ މަސައްކަތް ފަށައިފި." މި ފަދަ ވަރަށް ގިނަ ސުރުޚީތައް އަޅުގަނޑުގެ ލޮލުގައި އަޅައިގަތެވެ. މި ތިން ސުރުޚީގެ ތެރެއިން ފުރަތަމަ ދެ ސުރުޚީ ކިޔައިލި އިރު، "ހާބަ ބޭސިން"އަށް ޚާއްސަ ސަމާލުކަމެއް ދެވުނެވެ. އެއީ ކޮން އެއްޗެއްކަން އަޅުގަނޑަށް ނޭނގޭތީއެވެ. އެހެންވެ "ހާބަ"އާއި "ބޭސިން"ގެ މާނަ ފެނޭތޯ ދިވެހިބަހުގެ އެކެޑަމީގެ "ބަސްފޮތް ޑޮޓް ކޮމް" އަށް ޒިޔާރަތްކޮށްލީމެވެ. މިއިން އެއް ލަފުޒު ވެސް އެ ވެބްސައިޓަކުން ނުފެނުނެވެ. އަދި އެއީ ދިވެހި ލަފުޒު ނޫންކަން ވެސް ސާފުވިއެވެ. އެހެންކަމުން އުޅެއުޅެ ވެސް މި ފުންކުރަނީ ކޮން އެއްޗެއް ކަމެއް ޔަގީނެއް ނުވިއެވެ. ވީ ޝައްކެކެވެ. ކުއްލިއަކަށް އަޅައިގަތީ ތިންވަނަ ސުރުޚީގައެވެ. "ތިލަދުންމަތީ ދިއްދޫ ބަނދަރުގެ އާ ހާބަ ބޭސިން ފުން ކުރުމުގެ މަސައްކަތް ފަށައިފި" ކަމަށް އޮތް ޚަބަރުގެ ސުރުޚީ ކިޔައިލީމާ އެ ޚަބަރު ވެސް ކިޔައިލާ ހިތް ވެއްޖެއެވެ. ކިޔައިލި އިރު އެ ޚަބަރުގެ އެއް ޕެރެގްރާފުގައި ލިޔެފައި އޮތެވެ. "މި މަޝްރޫއުގެ ދަށުން، 78,000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 616 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 185 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރާނެއެވެ. އަދި 326 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުން ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ." މި ޕެރެގްރާފު ކިޔައިލީމާ ވިސްނުނީ އެއީ މުޅި މި މަޝްރޫޢުގައި ކުރާން ޖެހޭ ހުރިހާ މަސައްކަތެއްކަމެވެ. މީގެ ތެގޭގައި "ހާބަ"އެއްގެ ވާހަކައެއް "ބޭސިން"އެއްގެ ވާހަކައެއް ގެންނަވައިފައެއް ނެތެވެ. ޚަބަރުގެ ފަހު ޕެރެގްރާފުގެ ފުރަތަމަ ޖުމުލައިގައި ވަނީ "އެމްޓީސީސީން ބުނީ، އެ މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ އާ ހާބަރު ބޭސިން ފުންކުރުމުގެ މަސައްކަތް ކަމަށެވެ." މިހެންނެވެ.

އެކިއެކި ލިޔުން ކިޔާއިރު، އެ ލިޔުމެއްގައި ހުންނަ ހުރިހާ ލަފުޒެއްގެ މާނަ ވަކިވަކީން އެކަކަށް ވެސް ނޭނގިދާނެއެވެ. އަޅުގަނޑަށް ވެސް ވީ އެހެންނެވެ. މި ފަދަ ލަފުޒުތަކުގެ މާނަ ދެނެގަނެވޭނީ ޢިބާރާތުގައި ދެން ހުރި ލަފުޒުތަކުގެ އެހީގައެވެ. ކިޔުންތެރިކަމުގެ ސަބަބުން ބަސްކޮށާރު މުއްސަނދިވަނީ އެހެންވެގެންނެވެ.

މި ހުރިހާ ޚަބަރުތަކެއް މި ދެންނެވި ނަޒަރުން ކިޔައިލީމެވެ. އަޅުގަނޑަށް އެ ޢިބާރާތްތަކުން މާނަކުރެވުނީ "ހާބަ ބޭސިން"އޭ މި ކިޔަނީ ބަނދަރުގެ ހަތަރު ފަރާތުގެ އެތެރޭގައި ފުންކުރާ ބަޔަށް ކަމެވެ. އެހެން ގޮތަކަށް ދަންނަވާނަމަ، ބަނދަރަށެވެ. މިއީ އެ ދެ ލަފުޒުގެ ވަށައިގެން ހުރި ލަފުޒުތައް ކިޔައިލުމުން އަޅުގަނޑަށް އެ ދެ ލަފުޒު މާނަކުރެވުނު ގޮތެވެ.

އަޅުގަނޑު ހިތަށް އެރިއެވެ. ދިވެހިރާއްޖޭގައި ފަޅު ކޮނެ، ފުންކުރުމާއި ޞިނާޢީ ބަނދަރުތައް ހެދުމުގެ މަޝްރޫޢުތައް ހިންގާތާ އެތައް ދަހަރެއް ވެއްޖެއެވެ. ހަމަ ގައިމު ވެސް އެކަން ކުރަމުން އަންނަތާ ތިން ދަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ. "ހާބަ"އާއި "ބޭސިން" މި ދެ ލަފުޒު ބޭނުން ނުކޮށް އެ ވާހަކަތައް އޭރު ނޫސްނޫހުގައި ލިޔެ ހަދައިފައިހުރެއެވެ. ފަޅު ފުންކުރުމާއި ބަނދަރު ހަދާކަމުގެ މަޢުލޫމާތު އަޅުގަނޑުމެންގެ ސިކުނޑިތަކާ ހަމައަށް އޮޅުމެއް ނެތި ފޯރުކޮށްދިނުމުގެ ޤާބިލުކަން އެ ޚަބަރުތަކުގައި ހުރެއެވެ. އެ ބުނަނީ ރަށުގެ ކަނޑު އުޅަނދުފަހަރު ވަދެ އަޅައިފައި ބާއްވާ ބަނދަރެއް ހަދާ ވާހަކަކަން އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް އެނގެއެވެ.

އޭރު ބޭނުންކޮށްފައި ހުންނަނީ، އަޅުގަނޑުމެން މައް ދިވެހީންނަށް އެނގޭ ފަދަ ލަފުޒުތަކެވެ. ފަޅު ފުންކުރާ ވާހަކައެވެ. ބަނދަރު ހަދާވާހަކައެވެ. ކޮންނަ ބޯޓުން ނުވަތަ ހައިމާކުން ކޮންނަ ވާހަކައެވެ. ބޭރު ތޮށްޓާއި މަގަތު ތޮށިލުމުގެ ވާހަކައެވެ. ބަނދަރު ތިލަވެގެން އަލުން ކޮނެ ފުންކުރި ވާހަކައެވެ. ނެރު ފުންކުރާ ވާހަކައެވެ. ލަފައި ފުރުން ފަސޭހަކޮށްދޭ ވާހަކައެވެ. މި ފަދަ ސާދާ ލަފުޒުތައް ބޭނުންކޮށްގެން އަޅުގަނޑުމެން މައް ދިވެހީންނަށް ރޭކައިލާވަރަށް، އޮޅުން ފިލާވަރަށް، އޭރުގެ ނޫސްތަކުގައި ވަރަށް ޞަރީޙަކޮށް އޮޅުމެއް ނާރާހައި ތިލަކޮށް ސާދާކޮށް ލިޔެފައި ހުރެއެވެ.

އަޅުގަނޑަށް ގަބޫލުކުރެވިފައި އޮންނަ ގޮތުން ދިވެހިބަހުން ތާނައިން ޚަބަރު ލިޔާނީ ދިވެހީންނަށް މައުލޫމާތު ފޯރުކޮށްދޭށެވެ. ވީމާ ދިވެހީންގެ އެންމެ އާދައިގެ މީހާއަށް ވެސް އެނގޭ ގޮތަކަށް ޚަބަރު ލިޔުމަކީ މުހިންމު ކަމަކަށް ނުވޭ ބާވައެވެ.

އަޅުގަނޑު ވެސް ގަބޫލުކުރަމެވެ. ޢިލްމީ ނުވަތަ ފަންނީ ބައެއް ލަފުޒުތަކާއި އިޞްޠިލާޙުތައް ދިވެހިބަހުގައި ނުހުރެދާނެއެވެ. (ނުހުންނަކަމަށް ނިންމާން ވާނީ ރަދީފު ވެސް ބަލައިލައިފައެވެ.) ދިވެހިބަހުގައި ނުހުންނަ އެ ފަދަ ލަފުޒުތައް ބޭނުންކުރާންޖެހޭނެއެވެ. އެ ފަދަ ވަގުތުތަކުގައި ވެސް އެ ލަފުޒެއްގެ މާނަ އޮޅުންފިލުވައިދެއްވުމަކީ ލިޔުންތެރީންނަށް ކޮށްދެއްވިދާނެ ހެޔޮ ކަމެކެވެ. ނަމަވެސް "ހާބަ" (ހާބަރ) (harbour) އާއި "ބޭސިން" (basin)އަކީ ދިވެހިބަހުގައި ލަފުޒު ނެތިގެން ބޭނުންކުރާންޖެހޭ ދެ ލަފުޒެއް ނޫނެވެ. ރަށެއްގެ ބަނދަރު ފުންކުރާ ވާހަކަ ލިޔާކަށް މިއިން ލަފުޒެއް ބޭނުންކުރާން ޖެހޭ އެއްވެސް މަޞްލަޙަތެއް އޮތްކަމަކަށް ހަމަ ގައިމު ވެސް އަޅުގަނޑަކަށް ނުވިސްނުނެވެ. މި ވީހައިތައް ދުވަހު ވެސް ބަނދަރު ހަދައި، ފަޅު ފުންކޮށް، ނެރު ގޮއްވައި، ބިން ހިއްކައި، ތޮށިލައި، މި ބާވަތުގެ މަޝްރޫޢުތައް ހިންގި ޚަބަރުތައް ފަތުރައިފައި ވަނީ "ހާބަ"އާއި "ބޭސިން"ގެ އެހީގައެއް ނޫނެވެ. އެއިން ލަފުޒެއް ބޭނުންކޮށްގެނެއް ނޫނެވެ.

"ހާބަ"އާއި "ބޭސިން" ފަދަ ލަފުޒުތައް ބޭނުންކޮށްގެން ޚަބަރެއް ލިޔާން ބޭނުންވެއްޖެ ނަމަ އެ ޚަބަރު އެ ބަހަކުން އެ ޚަބަރެއް ލިޔެލީމާ އެ ބަހުގެ އަހުލުވެރީންނަށް އޮޅުމެއް ނެތި ދޭހަވާނެތާއެވެ. އެއީ ފަރަންސޭސި ލަފުޒު ނަމަ ފަރަންސޭސިބަހުން، ނުވަތަ އިނގިރޭސި ލަފުޒު ނަމަ އިނގިރޭސިބަހުން ނުވަތަ އެ ނޫން ބަހެއް ނަމަ އެ ބަހަކުން ޚަބަރު ލިޔެލީމާ އެ ވެރީންނަށް ފަސޭހައިން ކިޔައިލެވޭނެތާއެވެ. ދޭހަ ވެސް ވާނެތާއެވެ. އެއީ ރަނގަޅު ކަމެކެވެ. މި ކަމަށް ޓަކައި ވީހައި ގިނަ ބަސްތައް ދަސްކުރުމަކީ މުހިންމު ކަމެކެވެ. ނަމަވެސް ދިވެހީން ކިޔާން ދިވެހިބަހުން ލިޔެފައި ހުންނަ ޚަބަރުތައް ދިވެހީންނަށް އޮޅުން ނާރާ ގޮތަށް ލިޔުމަކީ އެ ޚަބަރެއް ލިޔުމުގެ މަޤުޞަދު މާ ރަނގަޅަށް ހާސިލުވާނޭ ކަމަކަށް ނުވާނެ ބާވައެވެ.

އަޅުގަނޑުމެން އަބަދު ވެސް ޝަކުވާކުރާ ހިތްވެއެވެ. ދިވެހިބަހުގައި ލަފުޒުތައް ނުހުންނާތީއެވެ. އަޅުގަނޑުގެ ނަޒަރުގައި ލަފުޒު ނެތް ކަމުގެ ޝަކުވާ ކުރާންވާނީ ބަހުގައި ހުންނަ ލަފުޒުތައް ބޭނުންކުރާނަމައެވެ. ދިވެހިބަހުގައި އެންމެ އިހު ޒަމާނުއްސުރެ ހުންނަ ލަފުޒުތައް އަޅުގަނޑުމެންނަށް ނޭނގި ހުއްޓައި ބޭރު ބަހަކުން ލަފުޒެއް އިވުނީމާ، އެ ލަފުޒުގެ ބަދަލުގައި ބޭނުންކުރާނޭ ލަފުޒެއް ނެތްކަމަށް ބަލައި ފެންނަ ނުވަތަ އިވޭ އެހެން ބަހެއްގެ ލަފުޒެއް އަޅުގަނޑުމެން ބޭނުންކުރާން ފަށަނީއެވެ. އަދި ދިވެހިބަހުން ކުރީއްސުރެ ކިޔާ ނަން އޮތްތާ އޮއްވައި މިވެނިކަމެއް ކުރާ އެއްޗޭ ކިޔައިގެން ވެސް އަޅުގަނޑުމެން ބައެއް އެއްޗިއްސަށް ނަން އެބަ ކިޔަމުއެވެ. މިސާލަކަށް "ކިބާވަރު" މި ނަން ހަމަ ރަދީފުގައި އޮއްވައި "ރޮށިދަމާއެތި" ވެސް ކިޔައި އާންމުކޮށްފީމުއެވެ. ދުވަސްކޮޅަކުން ތެއްޔަށް "ބަތްކައްކާއެތި"، ގަލަމަށް "ލިޔާއެތި" ނުކިޔާނެ ކަމެއް ވެސް ނޭނގެއެވެ.

ހަމަ މި ފަދައިން ކާބަފައިންގެ ޒަމާނުއްސުރެ، ދިވެހިބަހުގައި ހުރި ނަންތައް އަޅުގަނޑުމެންނަށް ނޭނގުނީމާ، ނުވަތަ އެނގުނަސް އެނގޭން ބޭނުން ނުވީމާ، ނުވަތަ ބޭރުބަސް ދަންނަ މީހެއްކަން އެހެން މީހުންނަށް އަންގައިދެވޭނީ ބޭރު ބަހެއްގެ ލަފުޒެއް ބޭނުންކޮށްގެންކަމަށް ހީކޮށް، އެ އެއްޗަކަށް ކޮންމެވެސް އެހެން ބަހަކުން ކިޔާ ނަމެއް އަޅުގަނޑުމެން އެބަ ކިޔަމުއެވެ. މިސާލަކަށް: "އޮކްރާ" (ނުވަތަ އޭގެ ވަނަން: ލޭޑީޒް ފިންގަރ) ގަނެގެން ރިހަ ކައްކާއިރު، އެއީ އެންމެ އިހުޒަމާނުއްސުރެ ދިވެހީން ބޭނުންކުރަމުން އަންނަ (ރަދީފުގައި އޮންނަ) "ބާމިޔާތޮޅި"ކަން އަޅުގަނޑުމެންނަށް ނޭނގުމަކީ ބަހުގެ މައްސަލައެއް ނޫނެވެ. އަދި ކާސިންޖީފަތަށް "ލެމަން ގްރާސް" ފަދަ ނަންނަން ކިޔުމަކީ ދިވެހި ލަފުޒު ނެތުމެއް ނޫނެވެ. ހަބަރުފަތް ބޭނުންކޮށްގެން އުފައްދައިފައި ހުންނަ އެކި ބާވަތުގެ މުދާ ތަޢާރަފުކުރާން ވެގެން، އެ މުދަލެއް އުފެއްދި ބަޔެއްގެ ބަހުން އެލޯވެރާ ކިޔުމަކީ ބަހުގައި ލަފުޒު ނެތުމެއް ނޫނެވެ. އަދި "މޭބިސްކަދުރު" ނުކިޔާން ވެގެން "ގްރޭޕްސް" ކިޔުމަކީ އަޅުގަނޑުމެންގެ ތަޢުލީމީ ފެންވަރުގެ މަތިކަން އަންގައިދޭ ކަމެއް ވެސް ނޫނެވެ. އަދި ބަށްޓަށް އެހެން ނުކިޔާން ވެގެން "އޮބަރޖީން" ނުވަތަ "ގިނީ ސްކުވާޝް" ނުވަތަ "ސޮލޭނަމް މެލޮނޖީނާ" ނުވަތަ އެގްޕްލާންޓް" ވެސް ބައެއް މީހުން ނުކިޔާ ކަމެއް ނޭނގެއެވެ. ދިވެހި ނަންތައް ކިޔާން އުނދަގުލީކީ ވެސް ނޫނެވެ. އަދި ހަތަރުބައިކުޅައެއްބައަށް "ކުއާޓަރ" މިހެން ނޫސް ނޫހާއި ސަރުކާރުގެ އިދާރާތަކުންނާއި ވިދާރާތަކުން ލިޔާއިރު އަހަރެއްގެ ހަތަރުބައިކުޅަ އެއްބަޔަށް ނުވަތަ މިއަރުގެ ފުރަތަމަ ކުއާޓަރޭ ލިޔެ ކިޔައި ހަދަނީ ދިވެހި ރަދީފުގައި "ކާލު" މި ރީތި ރަފުޒު އޮންނަކަން ނޭނގިގެންބާވައެވެ؟ އަހަރުގެ ފުރަތަމަ ކާލުގައޭ ލިޔުނިއްޔާ އަޅެ ގައިން އެއްޗެއް އުނިވަނީބާވައެވެ؟ މި ލަފުޒު ކިޔައިލާށާއި ލިޔެލާން ވެސް މާ ފަސޭހަ ނޫންތޯއެވެ!

ދިވެހި އަދަބިއްޔާތުގެ މި ޒަމާނުގެ ބާނީ ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ، ސުމުއްވުލްއަމީރު މުޙަންމަދު އަމީންގެ ލިޔުއްވުންތައް ކިޔައިލުމުން އެއީ ބޭރު ބަހެއް ދެނެވަޑައިނުގަންނަވާ ބޭފުޅެއްކަމަށް ބައެއް މީހުންނަށް ހީވެދާނެއެވެ. އެއީ މައް ދިވެހިބަހުން ލިޔުއްވައިފައި ހުންނާތީއެވެ. ނަމަވެސް އެއީ ދެބަހަށް ވުރެ ގިނަ ބަސް (އެތައް ބަހެއް) ދެވެވަޑައިގަންނަވާ ގިނަބައްސަ ބޭފުޅެއްކަން އަޅުގަނޑުމެން ހަނދާންކުރާންޖެހެއެވެ. އެ މަނިކުފާނުގެ ލިޔުއްވުންތަކުން އެ ފެންނަނީ ދިވެހިބަހަށް ވެވަޑައިގަންނަވާ ލޯތްބެވެ. ދިވެހި ޤައުމިއްޔަތަށް ކުރައްވާ އިޙުތިރާމެވެ. އެހެން ނޫނަސް އެ މަނިކުފާނު ލިޔުވާ ލިޔުއްވުންތައް އަމާޒުކުރައްވަނީ މައް ދިވެހީންނަށްކަން އެ މަނިކުފާނު ހަނދުމަފުޅު ހުރެއެވެ. ދިވެހިބަހުން ރީތިކޮށް ޢިބާރާތްކުރައްވާން އެނގިވަޑައިނުގަތުމަކީ ފަޚުރެއް ނޫންކަމާއި އެއީ ލަދުވެތި ކަމެއްކަން އެ މަނިކުފާނު ގަބޫލުފުޅުކުރައްވައެވެ.

ވީމާ، މުހަންމަދު އަމީން ފަދަ، މާޒީގެ ކުޅަދާނަ އަދީބުންގެ އަގުހުރި ލިޔުއްވުންތައް ކިޔައި ދިރާސާކޮށް ދިވެހިބަހުން ދިވެހީންނަށް ލިޔާން އަޅުގަނޑުމެން އަޒުމު ކަނޑައަޅަމާތޯއެވެ! އަދި ބޭރު ބަސްބަހުން ލިޔާން ބޭނުންވާނަމަ ވީހައި ގިނަ ބޭރު ބަހެއް ވެސް ދަސްކުރަމާތޯއެވެ! ވަކި ކަމަކަށް ނުވަތަ އެއްޗަކަށް ބޭނުންކުރާނެ ދިވެހި ލަފުޒެއް އަޅުގަނޑުމެންނަށް ނޭނގޭނަމަ ދިވެހިބަހުގެ އެކެޑަމީއާ މަޝްވަރާ ކޮށްލުމުގެ ހިތްވަރު ލިބިގަންނަމާތޯއެވެ! އަދި ޒަމާނީ ލަފުޒުތަކުން އަދާހަމަކުރައްވަމުން ގެންދަވާ އެ ވިދާރާގެ ވެބްސައިޓް www.basfoiy.com އަށް ޒިޔާރަތްކޮށްލުމުގެ އާދަ އަޅުގަނޑުމެންގެ ކިބައިގައި އަށަގަނޭތޯ މަސައްކަތް ކުރަމާތޯއެވެ! އަޅުގަނޑުމެން ދިވެހިބަހުން ލިޔަނީ ދިވެހީންނަށް އަމާޒުކޮށްގެން ކަމަށް ވާނަމައެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
4

One Response

  1. ވަރަށް ރަނގަޅު ލިޔުމެއް. އަޅުގަނޑަށް ނޭނގޭ އެތައް ބަހެއް ދަސްވެއްޖެ. ޝުކުރިއްޔާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *