Support Us

ކޮލަމް ކޯދު: މަހަތުމާ ގާނދީއަށް ނިސްބަތް ކުރެވޭ ބުއްދިވެރި ބަސްކޮޅެއްގެ މާނަކޮށްލުމެއް

މަހާތުމާ ގާނދީއަކީ އިންޑިޔާގެ މިނިވަންކަމުގެ ބާނީއެވެ. ވިހިވަނަ ގަރުނަށް އެޅުނު އިރު، ދުނިޔޭގެ އެންމެ ބޮޑު ބާރު ކަމުގައި އޮތް އިނގިރޭސީންގެ ވަރުގަދަ އެމްޕަޔަރު- އާދެ، އެ އެމްޕަޔަރެއްގެ މައްޗަށް އިރުނޯއްސޭ އެމްޕަޔަރު- މި ވަރުގަދަ ދައުލަތާ ކުރިމަތިލައި އެމީހުންގެ އަޅުވެތިކަމުން އިންޑިޔާ މިނިވަންކުރި ބަތަލެވެ. މިކަމުގައި އެންމެ ހައިރާންވާންޖެހޭ ކަމަކީ، އިނގިރޭސީން ބަލިކުރީ ކަނޑިބަޑީގެ ބޭނުން ނުކޮށެވެ! އޭނާގެ ފިކުރު ބޭނުންކޮށްގެން، މަދަނީ ބަސްނޭހުމުގެ އެހީގައެވެ.

މިކަމުން ލިބޭ ފިލާވަޅަކީ ކޮބައިހެއްޔެވެ؟ ކިތައްމެ ބާރުގަދަ، ކިތަންމެ ބޮޑު ގައުމެއް ވެސް، ކިތައްމެ ނިކަމެތި ކިތައްމެ ކުޑަ ގައުމެއްގެ އަތުން ވެސް ބަލިވެދާނޭ ކަމެވެ. އެއްޗަކީ ރަނގަޅު ހަރުދަނާ ވިސްނުމެއް ލިބިގަތުމާއި އަދި ހައްގުގެ މަގުގައި ހުރުމެވެ! ގާނދީގެ ތަޖުރިބާގެ އަލީގައި އޭނާ ބުނެފައިވާ ބައެއް ވާހަކަތައް ލިޔެލަމެވެ!

  1. ގުޅުންތައް ބިނާވަނީ ހަތަރު އުސޫލެއްގެ މައްޗަށެވެ. އެއީ އެކަކު އަނެކަކަށް އިހުތިރާމުކުރުމާއި އެކަކު އަނެކަކުގެ ރައުޔު ދެނެގަނެ ފަހުމުކޮށް ގަތުމާއި އެކަކު އަނެކަކު ބަލައިގަތުމާއި އެކަކު އަނެކަކުގެ އަގު ވަޒަންކުރުމެވެ.
  2. އަހަރެމެންނަށް އެއްވެސް ކަމެއް ނުކުރެވޭނޭ ދެ ދުވަހެއް ވެއެވެ. އެއީ އިއްޔެއާއި މާދަމާއެވެ.
  3. މުޖުތަމައެއްގެ ހަގީގީ ބަރުދަން ފެންނަނީ އެ މުޖުތަމައުގެ އެންމެ ނިކަމެތި މީހުންނާ ދޭތެރޭ އެ މުޖުތަމައަކުން ކަންތައް ކުރާ ގޮތުންނެވެ.
  4. އަހަރުމެން އިންސާނުންނަށް ލިބިފައިވާ އެންމެ މަތިވެރި ހުނަރަކީ ދުނިޔެ ބައްދަލުކޮށްލުމުގެ ކުޅަދާނަކަމެއް ނޫނެވެ. ނަމަވެސް، އަހަރުމެންގެ އަމިއްލަ ނަފްސު ބަދަލުކޮށްލުމުގެ ކުޅަދާނަ ކަމެވެ. އެހެންވީމާ ދުނިޔެ އިސްލާހުކޮށް ބަދަލުކުރަން އެދޭ ނަމަ، ކަލޭގެ މުޖުތަމައު އިސްލާހުކޮށް، ބަދަލުކުރަން ބޭނުން ނަމަ، އެންމެ ފުރަތަމައިނުން ކަލޭ ބަދަލުވެ، ހެޔޮ މަގުގައި ހިނގަން ފަށާށެވެ!
  5. ތިމާގެ ޖަމާއަތާ އެކުގައި ކޮޅަށް ތެދުވެ ހުރުމަކީ ދާދި ފަސޭހަ ކަމެކެވެ. ނަމަވެސް، ތިމާ ވަކިން، އެކަނި ތެދުވެ ހުރުމަށް ހިއްވަރު ބޭނުން ވެއެވެ.
  6. މާދަމާ ވެސް މަރުވެދާނޭ ކަމަށް ހީކޮށްގެން ހުރެ ދިރިއުޅެމުންދާށެވެ! ނަމަވެސް، އަބަދުވެސް ދިރިހުންނާނޭ ކަމަށް ހީކޮށްގެން ހުރެ، ކިޔަވަމުންދާށެވެ!
  7. އެންމެންގެ މުހުތާދުތައް ފުއްދައިދިނުމުގެ އެކަށޭނަކަށް ދުނިޔެއަށް ލިބިގެންވެއެވެ. ނަމަވެސް، އެންމެންގެ ދަހިވެތިކަން ފިލުވައިލަދެވޭނޭ އެކަށޭނަ ކަމެއް ދުނިޔެއަށް ލިބިގެނެއް ނުވެއެވެ. ހަމަ އެހެންމެ، އެންމެންގެ އަސާސީ ބޭނުންތައް ފުއްދައި ދިނުމުގެ އެކަށޭނަކަށް ކަލޭމެންގެ ގައުމަށް ލިބިގެން ވެއެވެ. ނަމަވެސް، އެންމެންގެ އަމިއްލަ އެދުންތައް ފުއްދައިދިނުމުގެ އެކަށޭނަ ކަމެއް ކަލޭމެންގެ ގައުމަށް ލިބިގެން ނުވެއެވެ.
  1. ކަލޭ ދަތުރުކުރަމުން ދަނީ ނުބައި ދިމާއަށް ކަމަށް ވަންޏާ، ކަލޭގެ ދަތުރުކުރުމުގެ ބާރުމިނުގެ މާނައެއް ނެތެވެ. މަޑުން ނޫނީ ބާރަށް ދަތުރުކޮށް ދިޔަޔަސް، ކަލޭގެ މަންޒިލަކަށް ކަލެއަކަށް ވާސިލެއް ނުވެވޭނެއެވެ.
  2. ކަލޭގެ ނަފްސު ހޯދައި ދެނެގަތުމަށް އޮތް އެންމެ ރަނގަޅު ގޮތަކީ އެހެން މީހުންނަށް ޚިދުމަތް ކުރުމުގައި ކަލޭގެ ނަފްސު ގެއްލުވާލުމެވެ.
  3. އަހަރުމެން ކަންތައްކުރާ ގޮތަކީ އަހަރުމެންގެ ސޫރަ އެހެން މީހުންނަށް ދައްކާލަދޭ މޫނުބަލާ ލޯގަނޑެވެ.
  4. ކަލޭގެ އަމަލުތަކުގެ ނަތީޖާ އޮންނާނީ ކިހިނެއްކަން، ކުރިން، ކަލެއަށް ނޭނގިދާނެއެވެ. ނަމަވެސް، އެއްވެސް އަމަލެއް ނުކޮށް ހުރެގެން އެއްވެސް ނަތީޖާއެއް ނުލިބޭނެއެވެ.
  5. ފަސާދަ އާންމުކޮށް، ގާނޫނުތައް ބޭކާރުކޮށްލާ ސަރުކާރެއް އަތުވެއްޖެ ނަމަ، އެފަދަ ސަރުކާރަކާ ދެކޮޅު ހެދުމަކީ ކޮންމެ މުވާތިނެއްގެ ވެސް މުގައްދަސު ވާޖިބެކެވެ. އެފަދަ، ސަރުކާރަކާ ދެކޮޅު ނުހަދައި، އެކަން ހިންގާ ސަރުކާރެއްގެ މީހުންނާ މުއާމަލާތްކޮށް ހަދާ ނަމަ، އެފަދައިން އަމަލުކުރާ މުވާތިނު ވެސް، ފަސާދައާއި ގާނޫނުތައް ބޭކާރުކޮށްލުމުގައި ބައިވެރިވެއްޖެއެވެ.
  6. ހައްގު ގޮތުގައި ކަލޭ ހުރި ނަމަ، ރުޅިއައުމުގެ ބޭނުމެއް ނެތެވެ. ކަލޭ ހުރީ ބާތިލާ އެއްކޮޅުގައި ނަމަ، ރުޅިއައުމުގެ ހައްގެއް ކަލެއަކަށް ލިބިގެން ނުވެއެވެ.
  7. ބާރުވެރިކަން ގުޅިފައި އޮންނަނީ ޖިސްމާނީ ކުޅަދާނަކަމަކާ ނޫނެވެ. ބާރު ގުޅިފައި އޮންނަނީ ނުގުޑާ ހުންނަ ވަރުގަދަ އަޒުމަކާއެވެ.
  8. އަމިއްލައަށް ވިސްނާ ފިކުރުކުރަން ދަސްވެއްޖެ ނަމަ، ދެން، އެދުރެއްގެ ބޭނުން ނެތިދާނެއެވެ.
  9. އެހެން މަޚުލޫގުތަކުންނާ އަޅާ ބަލާއިރު، އިންސާނުންގެ މަތިވެރިކަން ބިނާވެފައި އޮންނަނީ އެމީހުން އިންސާނުންނަށްވީތީކީ ނޫނެވެ. ނަމަވެސް، އެމީހުންގެ ކިބައިން ފެންނަ އިންސާނިއްޔަތުކަމުގެ މައްޗަށެވެ. އާދެ، އެހެން މީހުންނަށް އަޅާލައި އޯގާތެރިވުމުގެ މައްޗަށެވެ.
  10. ކަލޭގެ އަމަލުތައް، ކަލޭގެ އައުލަވިއްޔާތު، ކަލޭ އެންމެ ބޮޑަށް ބޭނުންވަނީ ކޮންކޮން ކަމެއްތޯ ބުނެދެއެވެ.
  11. އަބަދުވެސް ތެދުވެރިވާށެވެ! އަދި، ބިރުގަތުމެއް ނެތި، މަޑުމައިތިރިކަމާއެކު ކަންކަން ކުރުމުގައި ދެމިހުންނާށެވެ!
  12. އިއްޔެގެ ނާކާމިޔާބުތަކާ މެދު ދެރަވެ، ފިކުރު ކުރަން ވެއްޖެ ނަމަ، މިއަދު ހާސިލުކުރެވޭނޭ ކާމިޔާބީތައް ވަރަށް ވެސް މަދުވާނެއެވެ. އަބަދުވެސް ހަނދާން ކުރަން ޖެހެނީ، މުސްތަގުބަލުގެ ކާމިޔާބީތައް ބިނާވެފައި އޮންނަނީ މިއަދު އަހަރުމެން ކުރާ ކަމެއްގެ މައްޗަށެވެ! އެހެންވީމާ، މާދަމާއާ މެދު ވިސްނައި ފިކުރުކޮށް، މާދަމާއަށްޓަކައި މިއަދު އަމަލުކުރާށެވެ!
  13. ހަގީގީ މުއްސަނދިކަމަކީ މީހާގެ ހެޔޮ ސިއްހަތެވެ. އޭނާއަށް ލިބޭ ރަނާއި ރިއްސެއް ނޫނެވެ.
  14. ކަލެއަށް އަހަރެން ގައިގައި ހިލިހިލާ އެޅިދާނެއެވެ. އަދި އަހަރެންގެ ޖިސްމަށް އަނިޔާދީ މަރާވެސް ލެވިދާނެއެވެ. ނަމަވެސް، ފަހަރެއްގައި ވެސް، ކަލެއަކަށް އަހަރެންގެ ސިކުނޑި އަޅުވެއްޗެއް ނުކުރެވޭނެއެވެ.
  15. ކަލޭގެ އިޒުނައާ ނުލާއި އެކަކަށް ވެސް ކަލޭ ހިތުގައި ޖައްސައި ދެރައެއް ނުކޮށްލެވޭނެއެވެ.
  16. އެއްވެސް މީހެއްގެ ކިލާ ފަޔައިގެން، އަހަރެންގެ ހިތުތެރޭގައި އޭނާ ހިނގިޔަކަ ނުދޭނަމެވެ.
  17. އެއް ފިކުރެއްގެ އަދި ނުގުޑާ ވަރުގަދަ އަޒުމެއްގެ، ވެރި މަދު މީސްކޮޅެއްގެ ޖަމާއަތެއްގެ މަސައްކަތުން ދުނިޔޭގެ ތާރީޚުގެ ހިނގުން ބަދަލުކޮށްލެވިދާނެއެވެ.

މީގެ އެންމެ ވަރުގަދަ ހެކި ފެންނަނީ އިސްލާމީ ތާރީޚުންނެވެ. މައްކާއާއި މަދީނާއިން ނިކުތް، އެއް އަގީދާއެއްގެ މަދު މީސްކޮޅެއް، ފަންސާހަކަށް އަހަރު ދުވަހުގެ ތެރޭގައި، އެ ދުވަސްވަރުގެ ދުނިޔޭގެ އެންމެ ބޮޑު ބާރަށް ވިއެވެ. ދެން، ވިދިގެން އައި ދޮޅު ގަރުނެއްހާ ދުވަހުގެ ތެރޭގައި، އިލްމީ ސަގާފަތެއް އުފައްދައި އަދި އޭގެ މައްޗަށް ވަރުގަދަ ހަޟާރަތެއް ބިނާކުރިއެެވެ. އަދި މިއަދު މިފެންނަ ހުޅަނގުގެ ހަޟާރަތް އުފަންވުމަށް އިސްލާމީ އެ ހަޟާރަތް މެދުވެރިވިއެވެ.

އެހެންވެ، ގައުމެއް އިސްލާހުގެ މަގަށް އެޅުވުމަށް މާ ގިނަ ބަޔަކު ބޭނުމެއް ނުވެއެވެ. އެކަން ފަށައިގަތުމަށް، ހަރުދަނާ ރަނގަޅު ފިކުރެއްގެ، އަދި، ނުގުޑާ ވަރުގަދަ އަޒުމެއްގެ، ވެރި މަދު މީސްކޮޅެއް ފުދެއެވެ!

  1. ކަންކަމާ މެދު ކަންބޮޑުވެ، ހާސްވުމަށް ވުރެ ބޮޑަށް އިންސާނާގެ ހަށިގަނޑުގެ ދުވަސްދުއްވާލާ ކަމެއް ނޯވެއެވެ. އެމީހެއްގެ ހިތުގައި މާތްﷲއަށް އީމާންވާކަމުގެ ޒައްރެއްގެ މިންވަރު ވެސް އޮތް މީހާ، އެއްވެސް ކަމަކާ މެދު ކަންބޮޑުވެ ހާސްވާން ޖެހުމަކީ އޭނާ ލަދުގަންނަންޖެހޭ ކަމެކެވެ.