Support Us

މާތްﷲ އަށް އިސްތިޣުފާރު ކުރުމުގައި ދެމިހުރި ރޮށިފިހާ މީހާގެ ވާހަކަ

އިމާމް އަހުމަދު ބުން ހަމްބަލް އަކީ އެކަލޭގެފާނުގެ ޒަމާނުގައި ދުނިޔޭގައި ހުންނެވި އެންމެ ބޮޑު އެއް މުހައްދިސެވެ. އެއްމެ ބޮޑު އެއް ފިޤުހުވެރިޔާއެވެ. މުސްލިމުންގެ އިމާމެވެ.

އެއް ދުވަހަކު އިމާމް އަހުމްދު ބުން ހަމްބަލް ޔަމަނު ކަރަޔަށް ވަޑައިގަތެވެ. ޔަމަނުގެ ސަންޢާގައި ހުންނަވާ ވަރަށް ބޮޑު އިލްމުވެެރިޔެއް ކަމަށްވާ އަބުދުއްރައްޒާޤް އައްސަންޢާނީއާ ބައްދަލުކޮށްލެއްވުމަށެވެ. ދެންފަހެ ދިގު ދަތުރެއްކުރައްވާފައި އިރާޤުގެ ބަޣްދާދުން ޔަމަނުގެ ސަންޢާއާ ހަމަޔަށް ވާސިލުވެވުނު އިރު އެކަލޭގެފާނު ހުންނެވީ ނުހަނު ބޮޑަށް ވަރުބަލިފުޅުވެފައެވެ. އަދި އެކަލޭގެފާނު ހުންނަވާނެ ގެޔެއްވެސް އެރަށުގައި ނެތުމުންނާއި ވެފައިވާ ވަރުބަލިފުޅު ފިލުވާލައްވައި ކުޑަކޮށް އަރާމްކޮށްލެއްވުމަށް ގަސްތުކުރައްވައިގެން މިސްކިތަކަށް ވަޑައިގަތެވެ.

ފަހެ އެކަލޭގެފާނު މިސްކިތުގައި އަރާމްކޮށްލެއްވުމަށް އޮންނަވަނިކޮށް މިސްކިތް ސާފުކުރާ މަސައްކަތު މީހަކަށް ފެނުނެވެ. އަދި މި މީހާ އެކަލޭގެފާނު މިސްކިތުން ބޭރުކުރިއެވެ. އެހެންކަމުން އެކަލޭގެފާނު އަނެއްކާވެސް މިސްކިތާ ތަންކޮޅެއް ދުރުގައި، މިސްކިތުގެ ގޯތިތެރޭގައި އަރާމްކޮށްލެއްވުމަށް އޮށޯވެވަޑައިގަތެވެ. ނަމަވެސް މިސްކިތް ސާފުކުރާ މީހާ އަނެއްކާވެސް އެކަލޭގެފާނު ދަމާހަލައި ގެންގޮސް މިސްކިތުގެ ގޯތިތެރެއިންވެސް ނެރެ މަގުމަތިކޮށްލިއެވެ. މި މީހާއަށް ފަހަރެއްގައިވެސް މިއީ މުސްލިމުންގެ އިމާމް, އިމާމް އަހުމަދު ބުން ޙަމްބަލް ކަމެއް ނޭނގެއެވެ.

މި މަންޒަރު ބަލަން ރޮށިފިހާ މީހަކު ހުއްޓެވެ. އަދި ހިތުތެރޭގައި ރަހުމް އުފެދި އޭނާ މަސައްކަތްކުރާ ތަނުގައި އެރޭ ނިދިކުރެއްވުމަށް އެ ކަލގޭފާނަށް ދައުވަތު އެރުވިއެވެ. ނަމަވެސް ރޮށިފިހާ މީހާއަކަށްވެސް އެއީ ކާކު ކަމެއް ނޭނގެއެވެ.

ކޮންމެއަކަސް އެކަލޭގެފާނު މި ރޮށިފިހާމީހާއާ އެކު ވަޑައިގަތެވެ. އަދި އޭނާގެ ކިބައިން އެކަލޭގެފާނަށް ކަމެއް ފާހަގަކުރެއްވުނެވެ. އޭނާ އަބަދުވެސް އިސްތިޣުފާރު ކުރާތީއެވެ. އަބަދުވެސް މާތްﷲ އަށް ޒިކުރު ކުރާތީއެވެ. ރޮށިދަމާއިރާއި ރޮށިފިހާ އިރުވެސްމެއެވެ. އެހެންކަމުން އެކަލޭގެފާނު ޚައިރާންވެ ވަޑައިގެން ރޮށި ފިހާ މީހާއާ ސުވާލުކުރެއްވިއެވެ. "ތިބާ އަބަދުވެސް ޒިކުރުކޮށް އިސްތިޣުފާރު ކުރާތީ ތިމަންކަލޭގެފާނަށް ފެނެއެވެ. ފަހެ ތިކަމުގެ ހެޔޮ އަސަރު ތިބާގެ ދިރިއުޅުމުން ތިބާއަށް ފެނޭ ހެއްޔެވެ؟"

ރޮށިފިހާމީހާ ޖަވާބުގައި ބުންޏެވެ. "އާނއެކެވެ. ﷲ ގަންދީ ހުވާކޮށްފައި ބުނަމެވެ. އަހަރެން ﷲ ސުބުހާނަހޫ ވަތަޢާލާގެ ހަޟުރަތުގައި ދުޢާއެއް ކޮށްފިނަމަ އެކަލާނގެ އެ ދުޢާއެއް އިޖާބަނުކޮށް ދޫކޮށް ނުލައްވައެވެ. އެންމެ ދުޢާއެއް ފިޔަވައެވެ."

އެ ހިނދު އިމާމް އަހުމަދު އެއްސެވިއެވެ. "އެއީ ކޮން ދުޢާއެއް ހެއްޔެވެ؟"

ޖަވާބުގައި ރޮށިފިހާ މީހާ ބުންޏެވެ. "އަހަރެން މުސްލިމުންގެ އިމާމް، އިމާމް އަޙްމަދުބުން ހަމްބަލްއާ ބައްދަލްވުމަށް އެދިގެން ދުޢާކުރީމެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އިޖާބަ ނުކުރައްވާ ދުޢާއަކީ އެއީއެވެ."

ރޮށިފިހާމީހާގެ އެ ޖަވާބާއެކު އިމާމް އަހުމަދު ބުން ޙަމްބަލް އަށް ވަގުތުން ކީރިތިކުރެއްވުނެވެ. އަދި ވިދާޅުވިއެވެ. "އޭ އަޚާއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ތިބާގެ އެ ދުޢާ އިޖާބަކުރައްވައި ތިބާގެ ގާތަށް އިމާމް އަހުމަދު ބުން ހަމްބަލް ގެންނެވީ ދަމާ ކޫއްތާފައެވެ. މިސްކިތުގައި އޮއްވައި އެތަނުން ގަދަކަމުން ނެރެ ބިމުގައި ދަމައިފައެވެ." ސުބުހާނަﷲ އެވެ.

ނޯޓް:-

މި ވާހަކައިން އަޅުގަނޑުމެންނަށް ލިބޭ ޢިބުރަތަކީ އިސްތިޣުފާރު ކުރުމުގެ މުހިންމުކަމެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާގެ ހަޟްރަތުގައި ދުޢާކުރުމުގެ މުހިންމުކަމެވެ. ދުޢާއަކީ މުސްލިމުންގެ އެންމެ ބޮޑު ހަތިޔާރެވެ. އަދި އެކަލާނގެ މަތިން ހަނދުމަކުރާ އަޅެއްގެ މަތިން އެކަލާނގެ ހަނދުމަ ނައްތާ ނުލައްވާނެކަމެވެ. ބަޤަރާ ސޫރަތުގެ 152 ވަނަ އާޔަތުގައި އެކަލާނގެ ވަޢުދުކުރައްވާފައިވާ ފަދައިންނެވެ.

فَاذْكُرُونِي أَذْكُرْكُمْ وَاشْكُرُوا لِي وَلَا تَكْفُرُونِ

ފަހެ، ތިޔަބައިމީހުން ތިމަންރަސްކަލާނގެ ހަނދުމަ ކުރާށެވެ! އޭރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހަނދުމަކުރައްވާ ހުށީމެވެ. އަދި ތިމަންރަސްކަލާނގެއަށް ތިޔަބައިމީހުން شكر ކުރާށެވެ! އަދި ތިމަންރަސްކަލާނގެއަށް ތިޔަބައިމީހުން كافر ނުވާށެވެ!

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *