Support Us

ކުރު ވާހަކަ: ދޮގުގެ ވާފަށް ވަރަށް ވެސް ކުރެވެ.

އެއް ދުވަހަކު މީހަކު ކުކުޅެއް ގަންނަން ފިހާރައަކަށް ދިޔައެވެ. ފިހާރައިގެ ސޭޓުކުރެން ކުކުޅެއް ނެތްތޯ އެހުމުން، އައިސްއަލަމާރި ހުޅުވާލައިފައި ސޭޓު ކުކުޅެއް ނެގިއެވެ. ކުކުޅު ތަންކޮޅެއް ކުޑަވުމުން، ބޮޑު ކުކުޅެއް އޮތްތޯ އެމީހާ ސޭޓުކުރެން އެއްސެވެ. އިތުރު އެހެން ކުކުޅެއް ނެތް ކަމުގައި ވިޔަސް، ސޭޓު އަލަމާރިއަށް އަތް ބާނާފައި ހަމަ ކުރިން ވެސް ނެގި ކުކުޅު ދެއްކިއެވެ. އަދި މިފަހަރު ކުކުޅު ކިރުމުގައި މަކަރެއް ހަދާލައި ކުކުޅުގެ ބަރުދަން އިތުރުވާހެން ކަންތައް ކުރިއެވެ. އަދި، ކުކުޅު ގަންނަން އައި މީހާ ގާތު ކުކުޅު ކަމުދޭތޯ އެއްސެވެ.

ބަރުދަން ބަރުކޮށްލުމުގެ ގޮތުން ސޭޓުގެ އިނގިލި ތިލަފަތުގައި އަޅުވާލިތަން ކުކުޅު ގަންނަން އައި މީހާއަށް ފެނުނެވެ. މިކަން ނުދެނެހުރި ކަމަށް ހަދާފައި، ކުކުޅު ދިއްކޮށްލުމުން އެ މީހާ ބުންޏެވެ. ތިވީ މާ ރަނގަޅަށެވެ! އަހަރެން ދެ ކުކުޅު ވެސް ބޭނުމެވެ! އާދެ، މި ހިސާބުން ސޭޓުގެ މަކަރު ބޭޒާރުވާ ގޮތް ވިއެވެ. އަދި، އެކަމާ ލަދުގަނެ، މާފަށް އެދި، ކުކުޅު ގަންނަން އައި މީހާއަށް ހިލޭ ކުކުޅު ދިނެވެ!

މިއީ ހަމައެކަނި ޚިޔާލީ ދުނިޔޭގައި ދިމާވާ ކަންކަމެއް ނޫނެވެ. ރާއްޖޭގެ ސިޔާސީ ދުނިޔޭގައި މިއީ މިހާރު އާންމު ކަމެކެވެ. ރޯ ބުހުތާނު ދޮގު ހެދުމަކީ ރާއްޖޭގެ ސިޔާސީ މައިދާނުގައި މިހާރު މަގްބޫލު ކަމެކެވެ. އެންމެ ފަހުން، މިކަން ފެނިގެން ދިޔައީ ސިޔާސީ ޕާޓީއެއްގެ ވެރިޔަކު، އޭނަވެސް އެ ސަރުކާރުގައި ހިމެނޭ، މިއަދުގެ ސަރުކާރުން ޗައިނާއިން ރާއްޖޭގައި ހިންގަން އުޅުނު އެތައް މަޝްރޫއުތަކެއް ހުއްޓި ވާހަކަ ބުނުމާއި ސަރުކާރުގެ ކަމާ ބެހޭ އިދާރާއަކުން، އެ އިދާރާގެ މިނިސްޓަރު މިކަން ދޮގުކުރުމެވެ. މީގެ އިތުރުން، މި ދޮގު ހެދި މީހަކީ، މަޖުލީހުގެ މެމްބަރުކަމަށް ކުރިމަތިލައިގެން އުޅުނު ދުވަސްވަރު، އޭނައާ ވާދަކުރި ކެންޑިޑޭޓަކީ ދީނީ ތައުލީމުގެ މީހަކަށް ވުމުން، އޭނާގެ އަބުރު ކަތިލުމުގެ ގޮތުން، އެ ކެންޑިޑޭޓު ދީން ކިޔަވާށޭ ކިޔާފައި ޕާކިސްތާނުގެ ސަލަފިއްޔާ މަދަރުސާއަށް ގޮސް، އެއްޖިންސުންގެ ގުޅުން ހިންގަން އުޅެފައި ރާއްޖެއައި ވާހަކަ ވެސް ބުންޏެވެ. މިވާހަކަތައް އެ ދުވަސްވަރު ނޫސްތަކުގައި ވެސް ޝާއިކުކުރެވުނެވެ. (ތިރީގައި މިވާ ވީޑިޔޯ ކުލިޕުން ވެސް ފެންނަން އޮންނާނެއެވެ!)

ވީޑިއޯ ކްލިޕް:

ސަލަފިއްޔާއަކީ ފަހަރެއްގައި ވެސް އޭނާ އެބުނި ފަދަ އަމަލުތައް ހިންގުމަށް ހިއްވަރުދޭ ތަނެއް ނޫނެވެ! އާދެ، އޭނާ އެ ފަދަ ބުހުތާނު ދޮގު ހަދަން ޚިޔާރު ކުރީ، ކުރިން ވެސް ބުނިފަދައިން، އޭނާއާ ވާދަކުރާ ކެންޑިޑޭޓުގެ އަބުރު ކަތިލައި އޭނާގެ އަގު ވައްޓާލުމުގެ ގޮތުންނެވެ!

މަތީގައި ލިޔެވުނު ސޭޓުގެ ދޮގު ހެދުމާއި ޕާޓީގެ ރައީސްގެ ދޮގު ހެދުމުގައި ވަރަށް ބޮޑު ތަފާތެއް އެބަ ހުއްޓެވެ. ސޭޓުގެ ކިބައިގައި ކޮންމެ ވެސް މިންވަރެއްގެ ރީތި އަޚުލާގީ ސިފަތަކެއް ހުރިކަން ފާހަގަވައެވެ. އޭނާގެ ކުށަށް އިއުތިރާފުވެ، މާފަށް އެދި، އޭނާގެ ކުށަށް 'ކައްފާރާއެއް' ދިނުމުން މިކަން ފެނިގެން ދެއެވެ. ނަމަވެސް، ސިޔާސީ ވެރިންގެ ކިބައިގައި މިފަދަ އެއްވެސް އަޚުލާގީ ރީތި ސިފައެއް ނެތެވެ. އެތައް ފަހަރަކު އެއް ދޮގެއް ހެދުމަކީ ވެސް އެބައި މީހުން ޖެހިލުންވާ ކަމެއް ނޫނެވެ!

ނަމަވެސް މިއިން އެއްވެސް ހާލަތެއްގައި އެ ހެދި ދޮގުގެ ހަގީގަތް ވަންހަނާ ނުކުރެވެއެވެ. އެ ދެމީހުންވެސް، ހެދީ ދޮގުކަން ފާޅުވެ، ހަގީގަތް ފެނިގެން ދިޔައެވެ! އާދެ، ދޮގަކީ އޭގެ ވާފަށް ވަރަށް ވެސް ކުރު އެއްޗެކެވެ. ދޮގެއް ހަދައިގެން ހަގީގަތް ފޮރުވައި ތިމާ ބޭނުންވާ މަންޒިލަށް ދެވޭ ގޮތެއް އަބަދަކު ނުވެއެވެ! ނަމަވެސް ހިތާމައަކީ، ގަސްދުގައި، ތަކުރާރުކޮށް، މިފަދަ ރޯ ބުހުތާނު ދޮގު ހަދާ، އަދި، ބައެއް ބޭރުގެ ރިޕޯޓަރުން ސިފަކުރާ ގޮތުގައި، ދާ ހެދުން ބަދަލުކުރާ ފަދައިން، ތިމާގެ އުސޫލުތައް ބަދަލުކުރާ މީހުންނަކީ ގައުމަށް ތެދުވެރިވާނޭ މީހުން ކަމުގައި އާންމުންގެ ބައެއް މީހުން ދެކި އެފަދަ ދޮގުވެރިންނަކީ ބަތަލުންކަމަށް ހަދާ ކަމެވެ!