Support Us

ޕްރޮފެސަރ އުގައިލްގެ ކޮލަމް:

ޕްރޮފެސަރ އުގައިލްގެ ކޮލަމް: ވަގުތީ އުފާ ހޯދުމަކީ ދިރިއުޅުން ބާއްޖަވެރިކުރުވާ ކަމެއްބާ؟

ފަހުން ލިބިދާނެ ބޮޑު އިނާޔަތަކަށްޓަކައި ތިބާ އެވަގުތު ލިބޭ އުފަލެއް ފަސްކޮށްލާނަން ހެއްޔެވެ؟ ނުވަތަ ފަހުން ލިބިދާނެ އިނާޔަތެއްގެ ބަދަލުގައި ވަގުތީ އުފަލަކަށް އިސްކަންދީފާނަން ހެއްޔެވެ؟ އެހެންގޮތަކަށް ބުނާނަމަ، ތިބާއަށް މީހަކު މިއަދު 100 ރުފިޔާ ދޭން ހުށައެޅުމަށްފަހު، އެފައިސާ އަތުނުލާ މަޑުކޮށްފިނަމަ މިއަންނަ އަހަރުގެ ހަމަ މިދުވަހު 140 ރުފިޔާ ދޭނެ ކަމަށް ބުނެފިނަމަ ތިބާ މިދެގޮތުން ޚިޔާރު ކުރާނީ ކޮންގޮތެއް ހެއްޔެވެ؟ ގިނަ މީހުން ބޭނުންވާނީ 100 ރުފިޔާ ވަގުތުން ހޯދުމަށެވެ. އަދި ގިނަ މީހުން ދެކޭނީ އަހަރެއް ފަހުން އިތުރަށް ލިބޭ 40 ރުފިޔާ ހޯދުމަށް އިންތިޒާރުކުރުމަކީ ބޭކާރުކަމެއް ކަމަށެވެ.

މިކަމާ ގުޅޭގޮތުން ސައިންސްވެރިން މީގެ 50 އަހަރުކުރިން ކޮށްފައިވާ ތަހްލީލެއް ހިއްސާކޮށްލާނަމެވެ. މި ތަހްލީލުގައި ބޭނުންކުރެވުނީ ހަތަރު އަހަރުގެ ކުޑަކުދިންނެވެ. މިތަހްލީލުގައި އެއިން ކޮންމެ ކުއްޖެއްގެ އަތަށް ސައިންސްވެރިން މެޓައެއް ދިނެވެ. އަދި މެޓާ ނުކައި އިތުރު 20 މިނެޓް ވަންދެން މަޑުކޮށްފިނަމަ އިތުރު މެޓައެއް ލިބޭނެ ކަމުގެ ފުރުސަތު އޮތް ކަމަށް އެކުދިން ގާތު ބުނެވުނެއެވެ. ކޮންމެއަކަސް، އެތަނުން ގިނަ ކުދިން ވަގުތުން މެޓާ ކައިލިއެވެ. ބާކީ ތިބި މަދު ކުދިންކޮޅު މަޑުކުރީ 20 މިނެޓްފަހުން އިތުރު މެޓައެއް ހޯދުމަށެވެ. މި ތަހްލީލުގައި ބޭނުންކުރެވުނު ހުރިހާ ކުދިންވެސް ބޮޑުވަންދެން އެމީހުންގެ ދިރިއުޅުން ވަރަށް ރަނގަޅަށް ސައިންސްވެރިން މޮނިޓަރ ކުރިއެވެ. އެކުދިންގެ ތެރެއިން 20 މިނެޓްވަންދެން ފުރަތަމަ ދެވުނު މެޓާ ނުކައި މަޑުކުރި ކުދިން ސްކޫލްގައި އެކުދިންގެ ކިޔެވުމުގައި ރަނގަޅު ވަނަތައް ހޯދިއެވެ. އަދި ކިޔަވާ ނިމިގެން ދިރިއުޅުމެއް ފެށިއިރު ވަޒީފާގެ ގޮތުން ވެސް ރަނގަޅު ދަރަޖައިގެ ވަޒީފާތަކަށް ދިޔައެވެ. އަދި ޖުމްލަ ގޮތެއްގައި އެމީހުންގެ ދިރިއުޅުން ބާކީ ތިބި (މެޓާ ވަގުތުން ކާލަން ޚިޔާރު ކުރި) ކުދިންނާ އަޅާ ބަލާއިރު ބާއްޖަވެރިއެވެ.

މި ދެންނުވުނު ތަހްލީލު އެހެނިހެން ތަފާތު ގޮތްގޮތަށްވެސް ސައިންސްވެރިން ތަކުރާރު ކޮށްފައިވެއެވެ. މިގޮތުން ތަކުރާރުކޮށް ކުރެވުނު ތަހްލީލުތަކުގެ ނަތީޖާ ވެސް ހަމަ އެއްގޮތެވެ. އަދި މިފަދަ ދެ ގްރޫޕެއްގެ މީހުންގެ ސިކުނޑީގެ ސްކޭންތަކުން ދައްކާގޮތުގައި، ސިކުނޑީގެ ހަރަކާތްތައް ވެސް ޖުމްލަ ގޮތެއްގައި ތަފާތެވެ. މިގޮތުން، ސިކުނޑީގެ "ޕްރިފްރޮންޓަލް ކޯޓެކްސް"ގެ ހަރަކާތްތައް މެޓާ ނުކައި ފަސްކުރި ކުދިންގެ ގިނައެވެ. އަދި ބާކީ ތިބި ކުދިންގެ ކަންކަމަށް ދެވިހިފުމާ ބެހޭ ސިކުނޑީގެ ހިސާބުގެ މަސައްކަތްކުރާ ބައިގެ ހަރަކާތްތައް ހަލުއްވެވެ. އެހެންކަމުން، އިންސާނާގެ މިފަދަ އާދަތަކަކީ އުމުރު ދުވަހަށްވެސް ދެމިގެންދާ ފަދަ އާދަތަކެއްކަމަށް މިދިރާސާއިންނާ މިއާ ގުޅޭ އެހެނިހެން ދިރާސާތަކުން ހާމަވެއެވެ.

މިފަދަ ދިރާސާތަކުން އެނގޭގޮތުގައި، ވަގުތީ އުފަލަކަށްޓަކައި ކަންތައްތައް ކުރުމަކީ އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންގެ ގައިގައި ހަރުލާފައިވާ އާދައެކެވެ. އެއީ މުސްތަގްބަލަށް މިކަމުގެ އަސަރުކޮށްފާނެ ކަންވެސް ގިނަ ފަހަރަށް އެނގި ހުރެއެވެ. މިކަން އެންމެ ރަނގަޅަށް ދޭހަވާ އެއް މިސާލަކީ އެއްފަހަރާ ބޮޑު ލާރިގަނޑެއް ލިބުމުން އަހަރެމެން އަމަލުކުރާ ގޮތުންނެވެ. ލާރި ހުރިނަމަ، ކުރިއަށް އޮތް ތަނަށް ނުބަލައި ގިނަމީހުން ލާރި ހޭދަކޮށްލައެވެ. މިކަމުގެ ނަތީޖާއަކަށްވެގެން ދަނީ ދިރިއުޅުމުގެ ފެންވަރު ދަށްވެގެން ދިޔުމެވެ.

މިކަމާ ގުޅޭ ކަންތައް ދެނެގަތުމަށް ތާރީޚުގެ ތެރެއަށް ނަޒަރު ހިންގާލި ކަމުގައި ވިނަމަވެސް އަހަރެމެންނަށް އެއްކަމެއް ފާހަގަވާނެއެވެ. އެއީ އެންމެ ބޮޑެތި ކާމިޔާބީތައް ހޯދާފައިވާ މީހުންނާއި އެންމެ މުއްސަނދި މީހުން އެ ކަންތައްތައް ހާސިލްކޮށްފައިވަނީ ބުރަ އަދި ގިނަ ދުވަހުގެ މަސައްކަތުންނެވެ. މިފަދަ މީހުންނަކީ މިސާލަކަށް އެއްފަހަރާ ކުއްލިއަކަށް ގިނަ އަދަދެއްގެ ފައިސާ ލިބިއްޖެނަމަ ފަހަށް ވިސްނައިގެން އެ އެއްޗެހީގެ ބޭނުން ފުރިހަމަ ގޮތުގައި ހިފަން މަސައްކަތް ކުރާ މީހުންނެވެ. (ނޯޓް، މިތާނގައި މުއްސަނދި މީހުންގެ ގޮތުގައި މި ހިމަނާލީ ރަނގަޅު ގޮތުގައި ފައިސާ ހޯދަން މަސައްކަތް ކުރާ އަދި މުޖްތަމައުގެ އިހްތިރާމާއި ގަދަރު އެމީހުންނަށް ލިބޭ މީހުންނެވެ.)

ސައިކޮލޮޖިސްޓުން އިންސާނުންގެ މިޒާޖަށް ބަލައިގެން އިންސާނުން ތިން ބަޔަކަށް ބަހާލައިފައި ވެއެވެ. އެއީ "ފިއުޗަރ ފޯކަސްޑް" ނުވަތަ މުސްތަގްބަލާމެދު ވިސްނާ މީހުން، "ޕްރެޒެންޓް ފޯކަސްޑް"، ނުވަތަ ވަގުތީ އުފާތަކަށް ސަމާލުކަންދޭ މީހުން އަދި "ޕާސްޓް ފޯކަސްޑް" ނުވަތަ އިސްވެދިޔަ ކަންތައްތަކާމެދު ސަމާލުކަންދޭ މީހުންނެވެ.

މީގެ ތެރެއިން މުސްތަގްބަލާމެދު ވިސްނާ މީހުން މުސްތަގްބަލުގައި ހާސިލްކުރަން ބޭނުންވާ ކަންތައް ކުރުމަށް އެހީތެރިކަން ހޯދަނީ މިއަދު ނިންމާނިންމުން ތަކުން ކަމަށް ގަބޫލުކުރެއެވެ. އެހެންކަމުން އެމީހުންގެ އުންމީދުތައް ހާސިލްކުރުމަށް ބުރަ މަސައްކަތްތައް ކުރުމާއި ފަހަށް ރައްކާކުރުމާއި، ދިރިއުޅުން ބާއްޖަވެރިކުރުމުގެ މަސައްކަތުގައި މި މީހުން އަވަދިނެތި އުޅެއެވެ. ގިނަ ފަހަރަށް، މުސްތަގްބަލާމެދު ވިސްނާ މީހުންނަކީ ތައުލީމީ ގޮތުންވެސް އަދި އަދާކުރާ ވަޒީފާގެ ގޮތުންވެސް އެހެން މީހުންނަށް ވުރެ ކާމިޔާބު މީހުންނެވެ. އަދި އެ މީހުންނަކީ ދުޅަހެޔޮ ސިއްހަތަށްވެސް ލޯބިކުރާ ބަޔެކެވެ. އެހެންނަމަވެސް، ގިނަ ފަހަރަށް މުސްތަގްބަލަށް އެމީހުންނަށް މާބޮޑަށް ސަމާލުކަން ދެވުމުގެ ސަބަބުން ވަގުތީ އުފާތަކާއި ހިތްހަމަޖެހުމަށް އެމީހުނަށް މާބޮޑު ސަމާލުކަމެއް ނުދެވެއެވެ.

ވަގުތީ އުފާތަކަށް ސަމާލުކަންދޭ މީހުން ބޮޑަށް ސަމާލުކަންދެނީ ގުޅުންތައް ބަދަހިކުރުމާއި، ވަގުތީ ހިތްހަމަޖެހުންތަކަށެވެ. ބުރަ މަސައްކަތް ކުރަންޖެހޭ ކަންތައްތަކަށް އެމީހުން މާބޮޑު ސަމާލުކަމެއް ނުދެއެވެ. މިގޮތުން، މިފަދަ މީހުން ބޮޑަށް އިސްކަންދެނީ މުނިފޫހިފލުވުމަށެވެ. އަދި މިފަދަ މީހުންނަކީ އެންމެ ފަސޭހައިން މަސްތުވާތަކެއްޗާ ދިމާލަށްދާ މީހުންނެވެ. އަދި ކަސްރަތުކުރުމާއި ދުޅަހެޔޮ ސިއްހަތަކަށްޓަކައި ކުރަންޖެހޭ ކަންތައްތަކުންވެސް މިފަދަ މީހުން އާންމު ގޮތެއްގައި ދުރުހެލިވެއެވެ.

ކޮންމެ މީހަކުވެސް އެމީހެއްގެ މާޒީއާ މެދު ދެކޭގޮތަކީވެސް މުސްތަގްބަލް ބިނާކުރުމަށްޓަކައި ވަރަށް މުހިންމު ރޯލެއް އަދާކުރާ އެއްޗެކެވެ. އެމީހެއްގެ މާޒީ އުފާވެރި މާޒީއެއްގެ ގޮތުގައި އެމީހަކު ދެކޭނަމަ (ނުވަތަ މާޒީގައި ކުރެވިފައިވާ ހިތި ތަޖްރިބާތައް ފަސޭހައިން ހަނދާން ނައްތާލެވޭނަމަ)، އެމީހަކަށް ލަފާކުރެވޭނީ މުސްތަގްބަލްވެސް އުފާވެރިކޮށެވެ. އަދި ހިތާމަވެރި މާޒީއެއް ނަމަ، އެމީހަކަށް މުސްތަގްބަލް ސިފަވާނީ ހިތާމަވެރި ގޮތުގައެވެ.

މިދެކެވުނު ވާހަކަތަކުން ދޭހަކުރެވެނީ މާބޮޑަށް އެއް ކަމަކަށް ގޮސް ހުސްވުމަށް ވުރެ ދިރިއުޅުމުގެ ހުރިހާ ކަމައްގައިވެސް މެދު މިންގަނޑެއް ޚިޔާރު ކުރުމުގެ މުހިންމު ކަމެވެ. ދިރިއުޅުމަށް މަޖަލާއި ހިތްހަމަޖެހުން ގެނެއުމަށްޓަކައި، ކޮންމެވެސް ވަރަކަށް ވަގުތީ އުފާތަކަށް ސަމާލުކަންދޭ މީހަކަށް ވުމަކީވެސް ރަނގަޅު ގޮތެކެވެ. އެހެންނަމަވެސް، މާބޮޑަށް މި ދިމާލަށް ދެވޭނަމަ، މީހާގެ ދިރިއުޅުން ބާއްޖަވެރިވެގެނެއް ނުދާނެއެވެ. އަދި ހަމަ އެހެންމެ، އަޅުގަނޑުމެންގެ ކަށީގައި މުސްތަގްބަލާމެދު ވިސްނާ ފިކުރުކުރުމުގެ އާދަވެސް ހަރުލާފައި ހުރުން މުހިންމެވެ. އެންމެ ކާމިޔާބު އަދި އެންމެ އުފާވެރި މީހުންނަކީ އެމީހުންގެ ދިރިއުޅުމުގައި މި ހުރިހާ ކަންތައްތައް އެއް ހަމައެއްގައި ބަހައްޓާ މީހުންނެވެ. މިގޮތުން، ނިންމަން ބޭނުންވާ މަސައްކަތެއް އޮތްނަމަ، މުސްތަގްބަލާމެދު ވިސްނާ "ފިއުޗަރ ފޯކަސްޑް" މީހަކަށްވާށެވެ. އަދި މަސައްކަތް ނިމުމުން، "ޕްރެޒެންޓް ފޮކަސްޑް" މީހަކަށްވާށެވެ. އޭރުން، މީހާ ހަމައަކަށް އެޅި ހުސް ވަގުތުގައި ހިތްހަމަޖެހޭ ކަންތައްތަކުގައި މަސްއޫލުވެގެން އުޅެވޭނެއެވެ. އާއިލާއާއި ރައްޓެހިންނާ އެކު ވަގުތުތައް ހޭދަކުރާއިރު، އިސްވެދިޔަ ކަންތައްތަކާމެދު ވިސްނާ "ޕާސްޓް ފޯކަސްޑް" މީހަކަށް ވާށެވެ. އޭރުން އާއިލީ އަދި ދުނިޔެވީ އާދަކާދަތަކަށް އިސްކަންދެވި އާއިލާއާއި ރައްޓެހިންނާ އެކު އުފާވެރި ވަގުތުތަކެއް ހޭދަކުރެވޭނެއެވެ.