Support Us

ކޮލަމް ކޯދު: "އިންޑިޔާ-އައުޓު"- މި ގޮވުމުގެ މައްޗަށް ބަލައިލުމެއް- 2

ހަތްދިހައިގެ ފަހުގެ އަހަރުތަކަށް އެޅި، ރާއްޖޭގައި އައު ސަރުކާރެއް، އާދެ، ރައީސް މައުމޫނުގެ ސަރުކާރު ގާއިމުވެ، އެ ސަރުކާރުގެ ފަރާތުން ރާއްޖެ ދުނިޔެއަށް ހުޅުވާލުމުގެ ސިޔާސަތު ފެށުމުން، އިންޑިޔާއިން ރާއްޖެއަށް ބާރު ފޯރުކުރުމުގެ މަގުފަހިކުރުމުގެ މަސައްކަތް، އިންޑިޔާއިން ފެށިއެވެ. އަދި، ނޮވެމްބަރު ތިނެއްގެ ހާދިސާގައި އިންޑިޔާއިން އަދާކުރަން ލިބުނު ދައުރުވީ މި މަސައްކަތް ކުރުމަށް ލިބުނު ރަނުގެ ފުރުސަތަކަށެވެ. މި ހާދިސާއާ ވިދިގެން، ރައީސް މައުމޫނުގެ ސަރުކާރުގެ ދުވަސްވަރު، އިންޑިޔާގެ ބާރުގެ ދަށަށް ރާއްޖެ ގެނައުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ކުރެވުނެވެ. މި ގޮތުން، ދާދި ފަހުން، އެއްބަސްވެވުނު އުތުރު ތިލަފަޅުގެ މަޝްރޫއު ހިންގުމަށްޓަކައި، އެކަމާ ބެހޭ ހުށަހެޅުން އިންޑިޔާއިން ރާއްޖެއަށް ހުށަހެޅިއެވެ. ނަމަވެސް، ރާއްޖެއިން އެކަމާ އޭރު އެއްބަސްނުވުމުން، އެކަން އިންޑިޔާއަށް، އެއިރު، ކާމިޔާބުވާ ގޮތް ނުވީއެވެ. ރާއްޖޭގެ ޚާރިޖީ ސިޔާސަތު އޭރު ބިނާވެފައި އޮތީ، ބޭރުގެ އެއްވެސް ކޮޅަކަށް ބުރަނުވެ، މިނިވަންކޮށް ބޭއްވުމުގެ މައްޗަށް ކަމުންނާއި، އަދި އެފަދަ މަޝްރޫއެއް ހިންގުމަކީ، އިންހިޔާދީ މި ޚާރިޖީ ސިޔާސަތާ އިދިކީލަވުމުގެ އިތުރުން، ރާއްޖޭގެ މިނިވަންކަމާ ވެސް ފުށުއަރާނޭ ކަމެއް ކަމުގައި، އޭރުގެ ރާއްޖޭގެ ވެރިކަމުގައި އިސްކޮށް ތިއްބެވި ބޭފުޅުން ދެކެވަޑައިތުމުގެ ސަބަބުންނެވެ. އިންޑިޔާއިން ބޭނުންވާހާ ގޮތަކަށް ކަންތައް ކުރުމަށް ރާއްޖެއިން އިޖާބަނުދިނުމުން، ބައެއް ފަހަރު، އިންޑިޔާއިން ރާއްޖެއާ މެދު ނުރުހުން ފާޅުކުރިއެވެ. އަދި، މިފަދަ ދުވަސްވަރު، ރާއްޖެއާއި އިންޑިޔާއާ ދެމެދުގައި މަތީ ފެންވަރުގައި ވާހަކަ ދެއްކުން ހުއްޓިފައި ވެސް އޮންނަތަން ފެނުނެވެ. އެފަދަ ދުވަސްވަރެއްގައި، ރާއްޖޭގެ ރައްޔިތުންގެ މަޖުލީހުގެ ވަފްދެއް އިންޑިޔާއަށް ދިޔުމުން، އިންޑިޔާގެ މަޖުލީހުގެ ރައީސް އެ ވަފްދާ ބައްދަލު ކުރުމަށް އިންކާރުކުރުން ވެސް، އިންޑިޔާގެ މި ނުރުހުންވުން ފާޅުވެގެން ދިޔަކަމުގެ ހެއްކަކަށް ފުދެއެވެ.

ދެން، ރާއްޖޭގައި، އެކިއެކި އެހެން މަޝްރޫއުތައް ކުރިއަށް ގެންދިޔުމަށް ވެސް އިންޑިޔާއިން ހުށަހެޅިއެވެ. ޔޫ.އެން.އަށް މާލެއިން ބިމެއް ދިނުމުން، އިންޑިޔާ އެމްބަސީއަށް ވެސް މާލެއިން ބިމެއް ހޯދަން އުޅުނެވެ. މީގެ އިތުރުން، ހޮޓެލް އިސްކޫލަށް އިންވެސްޓު ކުރުމަށާއި ހަސްފަތާލެއް އެޅުމުގެ މަޝްރޫއެއް ކުރިއަށް ގެންދިޔުމުގެ ވާހަކަ ވެސް ދެކެވުނެވެ. މީގެ ތެރެއިން، މިހާރު އެންމެނަށް ވެސް އެނގޭނޭ ފަދައިން، ހަސްފަތާލު އެޅުމުގެ މަޝްރޫއު އިންޑިޔާއަށް ކާމިޔާބުވިއެވެ. އިންޑިޔާގެ މި މަޝްރޫއުގެ ހަގީގީ ބޭނުމަކީ، ހަމައެކަނި އީސާތީ (އަލްޓުރުއިސްޓިކް، ބޭނަފްސީ، އަމިއްލަ އެދުމެއް ނެތް،) ހަމައެކަނި ރަހުމަތްތެރިކަމުގެ ގުޅުން ދެމެހެއްޓުމުގެ ގޮތުން ކުރެވުނު ކަމެއް ނޫންކަން ފަހުން ސާފުވެގެން ދިޔައެވެ.

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް– (މި ނަމާ މެދު ވެސް އެންމެ ފުރަތަމަ ރާއްޖެއިން ދެކޮޅު ހެދިއެވެ)– އަޅާ ނިމުމުން، އިންޑިޔާއިން ހުށަހެޅީ އިންޑިޔާގެ 250 ޑަކްޓަރުންނާއި ނަރުހުން، ޑިޕްލޮމެޓުންގެ ގޮތުގައި، ރާއްޖޭގައި ބޭތިއްބުމަށެވެ! މިއީ ހެޔޮ ނިޔަތުގައި، އަމިއްލަ އެދުމެއް ނެތި، ރާއްޖޭގެ ތަރައްގީއަށްޓަކައި ކޮށްދޭ ކަމެއްގެ ފަހަތުގައި އޮންނަން ޖެހޭނޭ ކަމެއް ބާވައެވެ؟ މިސާލަކަށް، ޖަޕާނުގެ ސަރުކާރުގެ ފަރާތުން ރާއްޖޭގެ އެކިއެކި އަތޮޅުތަކުގައި އެޅި ކޮމިޔުނިޓީ އިސްކޫލްތައް މަތިން ހަދާންކޮށްލާށެވެ! މި ހުރިހާ އިސްކޫލުތައް އެޅުމަށް ހިނގި ޚަރަދު، އެ ހަސްފަތާލު އެޅުމަށް ހިނގި ޚަރަދަކަށް ވުރެ ވަކިން ކުޑަވާނެހެނެއް ހިޔެއްނުވެއެވެ. ނަމަވެސް، ޖަޕާނުގެ ސަރުކާރުގެ ފަރާތުން މި އިސްކޫލުތަކުގައި އެތަނުގެ މީހުން، ޑިޕްލޮމެޓުންގެ ގޮތުގައި، ބައިތިއްބައި ރާއްޖޭގެ ދާޚިލީ ކަންކަމާ ބެހެމުގެ ފުރުސަތު ހޯދަން މަސައްކަތެއް ނުކުރެއެވެ.

ކޮންމެއަކަސް، ޑިޕްލޮމެޓުންތަކެއްގެ ދަރަޖަ ދީގެން، އެ ހަސްފަތާލުގައި އިންޑިޔާގެ ބަޔަކު ބޭތިއްބުމުގައި އިންޑިޔާގެ ދެ ބޭނުމެއް އޮތްކަން ފާހަގަކޮށްލެވިދާނެއެވެ. އެއް ބޭނުމަކީ، އިންޑިޔާގެ ޔުނިވަސިޓީތަކުން، އަލަށް ދަސްވެނިވާ އިންޑިޔާގެ ޑޮކްޓަރުންނާއި ނަރުހުންނަށް އަމަލީ ތަމްރީނު ލިބޭނޭ ތަނަކަށް މި ހަސްފަތާލު ހެދުމެވެ. އަދި، އެފަދަ ތަމްރީނުތައް ލިބިގަތުމުގެ މަސައްކަތުގައި އުޅުމުގައި ހެދޭ އެއްވެސް ގޯހަކަށް މަސްއޫލިއްޔަތު އުފުލަން ނުޖެހޭ ގޮތަށް ކަންތައް އޮތުން ވެސް ހަމަޖެހިފައި އޮތުމެވެ. (އިންދިރާ ގާނދީ މެމޯރިއަލް ހަސްފަތާލުގައި އިންޑިޔާ މީހެއްގެ އިހުމާލުން ދިވެއްސެއްގެ ގަޔަށް އެއިޑްސް ބަލީގެ މީހެއްގެ ލޭ އެޅުނު މައްސަލައާއި އިންޑިޔާގެ އެ މީހާ، ސިއްރުސިއްރުން، އަވަސްއަވަހަށް، ރާއްޖެއިން ބޭރުކޮށްލެވުނު ގޮތް ހަނދާނަށް ގެންނާށެވެ!) މީގެ އިތުރުން، ޑިޕްލޮމެޓުންގެ ގޮތުގައި 250 ޑޮކްޓަރުންނާއި ނަރުހުން ރާއްޖޭގައި ބޭތިއްބުމުގެ އަނެއް ބޭނުމަކީ ދިވެހިންނާއި ރާއްޖޭގެ ކަންތައްތައް ރަނގަޅަށް ދެނެގަނެ، ރާއްޖެއާ މެދު އިންޑިޔާ ގެންގުޅޭ ސިޔާސަތަށް ތާއީދުކުރާނޭ ސިޔާސީ ބަޔަކު ހޯދުމެވެ. މި މީހުން މެދުވެރިކޮށް، އިންޑިޔާއިން އެދޭ ކަންތައްތައް ކުރުމަށެވެ. މީގެތެރޭގައި ރާއްޖޭގެ ސިޔާސަތު އިންޑިޔާއިން އެދޭ ގޮތަށް– އިންޑިޔާއިން ބޭނުންކުރާ އިބާރާތުން ބުނާ ނަމަ، ހުރިހާ ކަމެއްގައި ވެސް، 'ފުރަތަމަ-އިންޑިޔާ' ގެންގުޅުމުގެ ސިޔާސަތު– އޮތުމުގެ އިތުރުން، ދިވެހިން މެދުވެރިކޮށް އިންޑިޔާ ބޭނުންވާ ޖާސޫސީ މަސައްކަތްތައް ވެސް ކުރިއަށް ގެންދިޔުން ހިމެނެއެވެ. (ދެހާސް ދިހައެއްގެ އަހަރުތައް ނިމުނުއިރު، ރާއްޖޭގެ ދާޚިލީ ކަންތައްތަކާ އިންޑިޔާއިން ބެހެން ފަށައިފިއެވެ. ރާއްޖޭގެ ބައެއް ސިޔާސީ ޕާޓީތަކުގެ ވެރިން، ރާއްޖޭގެ ރިޔާސީ އިންތިޚާބުގައި އިންޑިޔާއިން އެހީވި ވާހަކަ ބުނެފައި ވެއެވެ. ރާއްޖޭގެ ނޫސްވެރިންނަށް ވެސް އިންޑިޔާއިން ބޭނުން ގޮތްގޮތަށް ޚަބަރުތައް ގެނެސްދިނުމަށްޓަކައި އިންޑިޔާއިން ނުފޫޒު ފޯރުވާ ވާހަކަ ވެސް އިވެއެވެ. މިފަދަ އެންމެ ފަހުގެ ވާހަކައަކަށް އިވުނީ، ރާއްޖެ މެދުވެރިކޮށް އިންޑިޔާއިން ޕާކިސްތާނުގައި ޖާސޫސީ ހަރަކާތްތަކެއް ހިންގި ވާހަކައެކެވެ!) ކޮންމެއަކަސް ރައީސް މައުމޫނުގެ ސަރުކާރުން ޑިޕްލޮމެޓުންގެ ގޮތުގައި އިންޑިޔާގެ 250 ޑޮކްޓަރުންނާއި ނަރުހުން ބޭތިއްބުމަށް އެއްބަސްނުވުމުން އެކަން އެއިރު އެ ސިފައިގައި ކުރެވޭ ގޮތެއް ނުވިއެވެ.

ދެހާހުގެ އަހަރުތަކަށް އެޅި، ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެއްދުމަށް ފުރުސަތު ލިބި، ގިނަ ސިޔާސީ ޕާޓީތަކެއް އުފެދުމުން، މިކަމުގެ ފައިދާ އިންޑިޔާއަށް ވަރަށް ބޮޑަށް ކުރިއެވެ. ބައެއް ސިޔާސީ ޕާޓީތަކުގެ މީހުން، އެމީހުންގެ ވާދަވެރި އެހެން ސިޔާސީ ޕާޓީތަކާއި މީހުންގެ މައްޗަށް ކުރި ހޯދުމުގެ އެދުމުގައި އިންޑިޔާއާ ގުޅި، އެމީހުންގެ ކިބައިން އެހީ ހޯދިއެވެ. މިކަން މިހެންވުމުން، ރާއްޖޭގެ މައްޗަށް އިންޑިޔާގެ ބާރާއި ނުފޫޒު ފޯރުވުމުގެ ގޮތުން ހިންގާލަން ބޭނުންވާ މަޝްރޫއުތައް ހިންގާލުމުގެ މަގުފަހިވިއެވެ. މި ހިސާބުން، ކުޑަކޮށް މަޑުޖައްސާލާފައި، މިފަދަ ކަންތައްތައް، އާދެ، ބޭރު ގައުމުތަކުން އެހެން ގައުމުތަކަށް ވަދެގަތުމުގެ މަގު ފަހިވަނީ ކީއްވެތޯ ވިސްނުމުގެ އަވަސް ނަޒަރެއް ހިންގާލަން ޖެހެއެވެ. މީގެ ބޭނުމަކީ، މިފަދަ ކަންކަމާ މެދު، އަޅުގަނޑުމެން ވެސް، ޒާތީ ތައައްސުބުން އެއްކިބާވެ ތިބެ، އަމިއްލައަށް ވިސްނަން ފެށުމެވެ. އަދި، އަޅުގަނޑުމެންގެ ދާޚިލީ މައްސަލަތަކުގެ ތެރެއަށް ބޭރު ގައުމުތަކުން ވަންނަން މެދުވެރިވާ ހާލަތްތަކަކީ ކޮބައިކަން ދެނެގަނެ، އެފަދަ ހާލަތްތައް ނެތިކޮށް، އެ ފަދަ ދޮރުތައް ބަންދުކުރަން މަސައްކަތްކުރުމެވެ.

ބޭރު ރާއްޖެތަކުން، އެހެން ގައުމުތަކަށް ވަދެގަތުމުގެ ފުރުސަތު ލިބިދޭ މައިގަނޑު ދެ ސަބަބެއް އޮވެއެވެ. ފުރަތަމަ ސަބަބު ގުޅެނީ ތަނުގެ އާންމު ރައްޔިތުންނާއެވެ. ތިމާމެންގެ ދައުލަތާއި ތިމާމެންގެ ޖަމާއަތާ ދޭތެރޭ އާންމު ރައްޔިތުން ދެކޭ ގޮތާއެވެ. ދައުލަތޭ ބުނެވޭ ބަހުގެ މާނައަކީ ހުދޫދެއް ކަނޑައެޅިފައި އޮންނަ، މުސްތަގިއްލު ބައްރެކެވެ. ޖަމާއަތޭ ބުނެ މިތާ މި އިޝާރަތްކުރަނީ އެ ދައުލަތުގެ މުވާތިނުންނަށެވެ. އަހުލުވެރިންނަށެވެ. ތިމާމެންގެ ދައުލަތް ވާންޖެހޭނީ މުސްތަގިއްލު ދައުލަތެއް ކަމަށާއި އަދި ތިމާމެންގެ އަމިއްލަ ޖަމާއަތް އޮންނަންވާނީ މިނިވަން ބައެއްގެ ގޮތުގައިކަން، ތަނުގެ މުވާތިނުންގެ ހިތްތަކުން ފޮހެވިގެން ހިނގައްޖެ ނަމަ، މިފަދަ ގައުމުތަކަށް އެހެން ގައުމުތަކުން ވަނުމަށް މަގުފަހިވެއެވެ. ތިމާމެންގެ ރާއްޖެއަކީ މުސްތަގިއްލު ތަނެއްކަމާއި އަދި ތިމާމެންގެ ޖަމާއަތް އޮންނަން ޖެހޭނީ މިނިވަން ބައެއްގެ ގޮތުގައިކަން ހަނދާނުން ފިލައިދިޔުން މެދުވެރިވަނީ ތަނުގައި ހިންގާލެވޭ އަދުލުވެރިކަމާ ދުރު ސަރުކާރުތަކުގެ ސަބަބުންނެވެ.

އާދެ، މި އާދެވުނީ ބޭރު ރާއްޖެތަކުން، އެހެން ގައުމުތަކަށް ވަދެގަތުމުގެ ފުރުސަތު ލިބިދޭ މައިގަނޑު ދެވަނަ ސަބަބާ ހަމައަށެވެ. އެއީ ތަނުގައި އަދުލުވެރިކަން ނެތުމެވެ. އަދުލުވެރިކަން ނެތުމަކީ ކޮބައިހެއްޔެވެ؟ އެއީ ތަނުގެ ހުރިހާ ޚައިރާތެއް، މުއްސަނދިކަމެއް ވަކި މީހެއްގެ ނުވަތަ މަދު ބައެއްގެ އަތްމަތީ އޮތުމެވެ. އަދި، މިކަމުގެ ސަބަބުން، އާންމު ރައްޔިތުން ފަގީރު ހާލުގައި، ނިކަމެތިކަމުގައި، އެމީހުންގެ އެންމެ އަސާސީ ބޭނުންތައް ވެސް ނުފުދިފައި ތިބުމެވެ. މިހެން ކަންތައް އޮތްއިރު، ތަނުގެ އިސްވެރިޔާ ނުވަތަ އޭނައާއި އޭނާގެ އެންމެ ގާތް މީސްމީހުން ދުނިޔޭގެ ބޮޑެތި ބޮޑެތި މަހުޖަނުން އުޅޭ ގޮތް ގޮތަށް އުޅުމެވެ. އާންމުންގެ ނަޒަރުގައި ދައުލަތުގެ ފައިސާގެ އެހީގައެވެ.

ރާއްޖޭގެ އެހާރާއި މިހާރުގެ ސަރުކާރުތަކަށް ބަލާލުމުން މިކަމުގެ ހެކި ފެނެއެވެ. ރައީސް އަމީން ދީދީގެ ވެރިކަން ވެއްޓިގެން ދިޔަ ސަބަބުތައް ބަޔާންކޮށްދެއްވަމުން ރައީސް އަމީން ދީދީއަށް އޭނާގެ އަމިއްލަ ފައިސާއާއި ދައުލަތުގެ ފައިސާ އޮޅި މަސްހުނިވި ވާހަކައާއި، އާންމު ރައްޔިތުން ބަނޑަށްޖެހި، މަރުވަމުން ދިޔައިރު، ރައީސް އަމީން ދީދީއާއި އޭނާގެ ގާތް ބޭފުޅުން، 'އުދުހިފައި' އުޅުނު ވާހަކަ، މަރުހޫމު އިބްރާހިމް ޝިހާބު ފަދަ އިހުގެ މުއުތަބަރު ލިޔުންތެރިން ލިޔުއްވައި ފާހަގަކުރައްވާފައި ވެއެވެ. ރައީސް ނާސިރުގެ ވެރިކަމުގައި، ހަތްދިހައިގެ އަހަރުތަކުގެ ކުރީކޮޅު ރާއްޖޭގެ ބައެއް ހިސާބުތައް ކާޑަށް ޖެހެނުވެ. މާލޭގައި ހަނޑޫ ނުލިބި ޒުވާރި ކޭ އިރު، ބައެއް ރަށްރަށުގައި ފަތްކައި އުޅުނެވެ. މިކަން މި ގޮތަށް އޮތް އިރު، ރައީސްއާއި އޭނާގެ ގާތް ބޭފުޅުންނަށް އެއްވެސް ކަހަލަ ދަތިތަކަކާ ކުރިމަތިލާކަށް ނުޖެހެއެވެ. މިކަން ހައްލުކުރުމުގެ ގޮތުން، ރައީސް ނާސިރާއި އަދި އޭރުގެ ސަރުކާރުގެ އިސް ދެވެރިންނާއި ތިން ބޭފުޅުންގެ މެދުގައި، އާންމުންނަށް ކާންދޭން ގެރި ކާނާ ރާއްޖެ އެތެރެކުރުމުގެ ވާހަކަވެސް ދެކެވުނެވެ. ނަމަވެސް، އެ ތިން ބޭފުޅުންގެ ތެރެއިން އެއް ބޭފުޅަކު މިކަމަށް އިންކާރު ކުރެއްވުމުން، އެކަމަށް އަމަލީ ސިފަ ނުގެނެވުނީއެވެ.

ދެން، އައި ތިރީހަކަށް އަހަރު ދުވަހުގެ ތެރޭގައި ވެސް އާންމުންގެ ދިރިއުޅުމަކަށް މާ ބޮޑު ބަދަލުތަކެއް ނާދެއެވެ. ކެއުންބުއިމާއި ބޯހިޔާވެހިކަމުގެ ދަތިކަން ގިނަ ބަޔަކު އެދުވަސްވަރު ވެސް ބަރުދާސްތުކުރިއެވެ. ބައްޔެއް ވެއްޖެ ނަމަ، ސަލާން ޖަހައިގެން ފައިސާ ހޯދައިގެން ނޫން ގޮތަކަށް ބޭސް ފަރުވާ ކުރެވެނީ މަދު ބަޔަކަށެވެ. ނަމަވެސް، މުޅި ދައުލަތަކީ ވެރިޔާގެ މިލްކެއްގެ ގޮތުގައި ބެލެވިފައި އޮވެއެވެ. އާދެ، އަދުލުވެރިކަން ނެތުމަކީ މިއެވެ. ތަނުގެ ޚައިރާތުތައް ވަކި ބައެއްގެ މިލްކެއްގެ ގޮތުގައި ބެލެވި، އަދި، އެ ބަޔަކު ހެޔޮފުޅުކަމުން ދިއްކޮށްލި އެއްޗެއް ނޫނީ އާންމުންގެ ގިނަ ބަޔަކަށް ނުލިބޭ ފަދަ ބޭއިންސާފީ ނިޒާމެއް ގާއިމުވެފައި އޮތުމެވެ.

މިފަދަ ގޮތަކަށް ކަންތައް އޮންނައިރު، ސިޔާސީ ނިޒާމާ ދޭތެރޭ އެއްވެސް އެއްޗެއް ބުނުމުގެ މިނިވަންކަމެއް ނޯވެއެވެ. ނިޒާމާ މެދު ނުރުހި، މީހަކު އެއްޗެއް ބުނެފި ނަމަ، ނުވަތަ އެއްޗެއް ބުނެފި ކަމާ މެދު ޝައްކުކުރެވުނަސް، އެމީހަކު ހައްޔަރު ކުރެވި އެމީހާގެ ޖާނާއި މާލުގެ ދުވަސް ވެސް ދުއްވާލެވެއެވެ. މިފަދަ ބައެއް މިސާލުތަކުގެ ވާހަކަ މިހާރު ލިޔެވި ޝާއިއުކުރެވިފައި ވެއެވެ. ރައީސް ނާސިރުގެ ދުވަސް ވަރު އަނިޔާ ލިބި، ނިޔާވެ ދިޔަ ބައެއް މީހުންގެ ވާހަކަތައް 1979 އާއި 1980ގެ ހަވީރު ނޫހުގެ ނަމްބަރުތަކުން ފެންނާނެއެވެ. ހަމަ އެހެންމެ، މަރުހޫމު އަލީ ހުސައިންގެ "އަޅުގަނޑު ދުށްތަން ދުށްގޮތަށް" މިފޮތާއި، މަރުހޫމު ސިއްކަގޭ ނަސީމުގެ "އަޅުގަނޑުގެ ހަނދާންތައް" މި ފޮތްބައިން ވެސް މިފަދަ ބައެއް ވާހަކަތަކުގެ މައުލޫމާތު ލިބޭނެއެވެ. އަދި 1970ގެ ކުރީކޮޅު، ކުރެވުނު ދޮގު ރިޕޯޓެއްގެ ސަބަބުން، މަހުގެ ވިޔަފާރިކުރި ވިޔަފާރިވެރިއެއްގެ ހުރިހާ މުދަލާއި ފައިސާ ގެއްލި، އެ ކަމުގެ ހިތާމައިގައި އެ ވިޔަފާރިވެރިޔާ ނިމި ދިޔައެވެ. (އެ ވިޔަފާރީގައި މަސައްކަތް ކުރަން އުޅުނު މީހަކު، އެ ވިޔަފާރިވެރިޔާއަށް ނުވަ ލައްކަ ރުފިޔާގެ ނަގުދު ފައިސާ ގެއްލުންވި ވާހަކަ އަޅުގަނޑު ގާތު ބުންޏެވެ.)

އަދުލުވެރިކަން ނެތް، މިފަދަ ބޭއިންސާފީ ސިޔާސީ ނިޒާމެއް ގާއިމުވެފައި އޮތުމުން، އާންމުންނަށް އަރާ ވަރަށް ބޮޑު އޮޅުމެއް އޮވެއެވެ. އެއީ ދައުލަތާއި ސަރުކާރު އޮޅި، އެ ދޭއްޗަކީ އެކައްޗަކަށް ވުމެވެ. ސަރުކާރަކީ ދައުލަތް ހިންގުމުގެ މަސްއޫލިއްޔަތު އުފުލާ މުއައްސަސާއެވެ. ދައުލަތުގެ މައްޗަށް ތަނުގެ މުވާތިނުންގެ ވަފާތެރިކަން އަބަދުވެސް އޮންނަން ޖެހެއެވެ. ސަރުކާރަކާ މެދު ނުރުހި، ދެކޮޅު ހަދައި ފާޑު ކިޔިދާނެއެވެ. ނަމަވެސް، ދައުލަތާ މެދު މިފަދައިން ކަންތަކެއް ނުކުރެވޭނެއެވެ. ކަން އޮންނަން ޖެހެނީ މިހެން ކަމަށް ވިޔަސް، ބޭއިންސާފީ ނިޒާމެއް ހިންގާ ސަރުކާރެއް އޮތުމުން، ސަރުކާރާ އިދިކޮޅު ހެދުމާއި ދައުލަތާ އިދިކޮޅުވުން އެކައްޗަކަށް ވެއެވެ. ދެން، ސަރުކާރު ވައްޓާލުމުގައި، ބޭރު ދައުލަތްތަކަށް ދައުވަތު ދެވޭ ގޮތް ވެއެވެ. ތަނުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަނުމަށް ބޭރުގެ ދައުލަތަކަށް ދައުވަތު ދިނުމަކީ ސަރުކާރާ ދެކޮޅު ހެދޭ ހެދުމެއްގެ އިތުރުން، ޚުދް ތިމާ، އެ ދައުލަތަކަށް ނިސްބަތްވާ ދައުލަތާ އިދިކޮޅު ވެގަން ގަތުމެކެވެ. އެހެންވެ، މިފަދަ އަމަލުތައް ހިންގާ މީހުންނަކީ ޣައްދާރުން ކަމުގައި އެކިއެކި ގައުމުތަކުގެ ގާނޫނުތަކުގައި ކަނޑައެޅި އެފަދަ މީހުންނަށް ވަރަށް ހަރުކަށި އަދަބުތައް ކަނޑައެޅިފައި އޮވެއެވެ.

އަޅުގަނޑުމެންގެ ރާއްޖެއިން ވެސް، މި މަންޒަރު، އާދެ، ސަރުކާރާއި ދައުލަތް އޮޅޭ ގޮތްވާތަން ދޭތެރެ ދޭތެރެއިން ފެނެއެވެ. ޕޯޗުގީޒުންނާއި ހޮޅީންގެ އަތްމައްޗަށް ވެރިކަން ދާން މެދުވެރިވީ މިފަދައިން ދައުލަތާއި ސަރުކާރަކީ އެކެއްޗެއް ކަމަށް ދެކި، ވެރިކަމުގެ ދަހިވެތިކަމުގައި ބޭރު ބައެއްގެ އެހީ ހޯދުމެވެ. އެހެން ކަންތައް ކުރުމުން، ދެކޮޅު ހެދެނީ ހަމައެކަނި ސަރުކާރަކާ ނޫނެވެ. ދައުލަތާ ވެސް މެއެވެ. ނޮވެމްބަރު ތިނެއްގެ މައްސަލައަކީ ވެސް މިފަދަ ކަމެކެވެ. ސަރުކާރު ވައްޓާލުމުގެ ގޮތުން، ބޭރު ބައެއްގެ އެހީ ހޯދައި ދައުލަތާ ވެސް އިދިކޮޅު ހެދުނީއެވެ. ހަމަ އެހެންމެ، 2000ގެ އަހަރުތަކުގައި، ޚިޔާލު ފާޅުކުރުމުގެ ކޮންމެ ވެސް ވަރެއްގެ މިނިވަންކަމެއް ލިބި، ސިޔާސީ ޕާޓީތައް އުފެދެން މެދުވެރިވުމުން، އޭރު އޮތް ސަރުކާރު ވައްޓާލުމުގެ ގޮތުން، ބޭރު ގައުމުތަކުގެ އެހީ ހޯދަން ބައެއް ސިޔާސީ ވެރިން އުޅުނެވެ. މިގޮތުން، ބައެއް ސިޔާސީ ވެރިން، އޭރު، ދިވެހި ސިފައިންގެ މުއައްސަސާ އުވާލައި ބޭރު ބަޔަކާ ރާއްޖޭގެ އަމަން އަމާންކަން ބެލެހެއްޓުން ހަވާލުކުރުމުގެ މަޝްވަރާ ވެސް ކުރިއެވެ. އާދެ، ހުރިހާ ވެސް ބޭނުމަކަށް ވެފައި އޮތީ، ކޮންމެ ގޮތެއް ހަދައިގެން ނަމަވެސް، ތިރީސް އަހަރުގެ ދިގު މުއްދަތަށް ދެމިގެން ދިޔަ ވެރިކަން ނައްތާލުމެވެ. ބޭރު ބައެއްގެ އަތްދަށަށް ތަން ދިޔުން ވެސް އޭރު ބައެއް ސިޔާސީ ވެރިންނަށް އޮތީ ވަރިހަމަ ވެފައިކަން، ދެންމެ މިނަންގަތް ކަންތަކުން ދޭހަވެއެވެ.

މިހިސާބަށް ކަންތައް ދިޔުމުން، އާދެ، ސިޔާސީވެރިންނާއި އަދި އާންމުންގެ ގިނަ ބައެއްގެ ހުރިހާ ވެސް އަމާޒަކީ ވެރިކަން ބަދަލުކޮށްލުން ކަމުގައި ވުމުން، މި އަމާޒަށް ވާސިލުވުމަށްޓަކައި ބޭރު މީހުންގެ އެހީ ހޯދުން ވެސް އެންމެ ރަނގަޅުވިއެވެ. އަދި، މި ރަނގަޅުވީ ވުން އިންޑިޔާއާ މި ނަންގަތް ފަދަ ބައެއް ސިޔާސީ ވެރިންނާ ގުޅެން މެދުވެރިވިއެވެ. މިކަމުގެ ނަތީޖާއަކަށްވީ، ވެރިކަން ބަދަލުވެ، އެ ނިޒާމާ މެދު ނުރުހުންވެވުނު، އަދުލުވެރިކަމެއް ނެތް ބޭއިންސާފީ ނިޒާމުގެ ބަދަލުގައި އަދުލުވެރި، އިންސާފުގެ ނިޒާމެއް ގާއިމުކުރުމެއް ނޫނެވެ. ނަމަވެސް، ވެރިކަމަށް އަންނަ ބަޔަކު، ވެރިކަމުގައި ދެމިތިބޭނޭ ގޮތް ހެދުމެވެ. އާދެ، ޖޯޖު އޯވެލްގެ އެނިމަލް ފާމުގައި ބުނެފައި އޮންނަ ގޮތަށް، އިންސާނުންގެ ވެރިކަމުން ޖަނަވާރުން މިނިވަންކޮން ޖަނަވާރުންގެ މެދުގައި އަދުލު އިންސާފު ގާއިމުކުރުމުގެ ބަދަލުގައި އިންސާނުން ހިންގި ބޭއިންސާފުވެރިކަން، ޖަނަވާރުންގެ ބަޔަކު ހިންގަން މެދުވެރިވުމެވެ. އާދެ، ކުރިން ނަފްރަތު ކުރި ނިޒާމު، ބޭރުފުށުގެ ކުޑަ ބަދަލަކާއެކު، ކުރިއެކޭ އެއްފަދައިން މުސްތަބިއްދު ސިފައެއްގައި ހިންގާލުމެވެ. މިކަން ސާފުވެ ދިޔުމަށްޓަކައި އިތުރު ތަފްސީލެއް ދޭން ޖެހެއެވެ.

ރައީސް މައުމޫނުގެ ތިރީސް އަހަރުގެ ވެރިކަމުގެ މައްޗަށް ބަލާލާއިރު، ސިއްހީ ޚިދުމަތް ރާއްޖޭން ލިބެން ނެތް ނަމަ، ތީމުގެއިން އެހީ ލިބޭ ގޮތް އޮތެވެ. އާދައިގެ މީހަކު ބަލިވުމުން، ބަލި މީހާއަށާއި އޭނާއަށް އެހީތެރިވާނޭ މީހަކު، ސިރިލަންކާއަށް ނޫނީ ޓުރިވެންޑުރަމަށް ދާން، ޓިކެޓު ލިބެއެވެ. ދެން، މީހާގެ ދަރަޖައަށް ބަލައި– މާނައަކީ ސަރުކާރުގެ އަދާކުރާ ވަޒީފާއަށް، ނޫނީ ވެރިކަމާ ގުޅުމެއް އޮތް މީހެއްތޯ، ބަލައި– އިތުރަށް 200 ޔޫ.އެސް. ޑޮލަރާއި 600 ޔޫ.އެސް. ޑޮލަރާ ދެމެދުގެ ފައިސާގެ އަދަދެއް ދެވެއެވެ. ބަލި މީހާގެ ބައްޔަށް މިއިން ބޭސް ކުރެވުނަސް ނުވަތަ ނުކުރެވުނަސް ވަރިހަމައެވެ. ސަރުކާރުގެ އެންމެ އިސް މަތީ މަގާމުތަކުގައި އުޅޭ މީހުން 'އަރިދަފުސް ރޯގާ' ޖެހުމުން ވެސް ސިންގަޕޫރު ފަދަ ތަންތަނަށް އޭރު ވެސް ދެވެން އޮވެއެވެ. ދެން، މިހާރުގެ ހާލަތަކީ ކޮބައިހެއްޔެވެ؟ މާ ވަރުގަދަ އާސަންދައެއް ހަމަޖެހިފައި އޮވެއެވެ. ގިނަ ފަހަރު، ހަމަ ކުރިއެކޭ އެއްފަދައިން، އާސަންދައިން ވެސް ކަމެއް ހަމަޖެހެން އޮތް ނަމަ، ހަމަ ޖެހެނީ ބަލީގެ ޚަރަދުގެ ބައެކެވެ. ދެން، އާންމުންނަށް ޖެހެނީ ހަމަ ކުރިއެކޭ ވެސް އެއްފަދައިން ސަލާން ޖަހާށެވެ. މީގެ ހެކި ބޭނުން ނަމަ، ފޭސް ބުކްގެ ސަފުހާތައް ފަދަ ތަންތަން ބަލާލާށެވެ! ބޭސްކުރާނޭ ގޮތެއް ނެތިގެން، ސަލާން ޖަހަން އުޅޭ އާންމު ނިކަމެތިން ފެންނާނެއެވެ! ނަމަވެސް، 'ބޮޑު ބޭފުޅަކު' ބަލިވެއްޖެ ނަމަ، މުޅި ދައުލަތުގެ ހުރިހާ ފައިސާއެއް ވެސް އެބޭފުޅަކަށްޓަކައި ޚަރަދު ކޮށްލެވޭ ގާނޫނީ ސިފަ އޮވެއެވެ!

ދެން، އެންމެ ކުޑަ އުޖޫރައިގެ މައްސަލައިގެ މައްޗަށް ބަލާލާށެވެ! އެ އުޖޫރައެއް ކަނޑައެޅުނީ ނަމެއްގައެވެ. މިހެން ބުނަން ޖެހެނީ އެއީ އެ އުޖޫރައެއް ލިބިގެން، މިނިވަން ގޮތެއްގައި، ދިރިއުޅުމެއް އުޅެވޭނޭ އުޖޫރައަކަށް ނުވާތީއެވެ. އެ އުޖޫރައަކީ ރަނގަޅު އުޖޫރައެއް ކަމަށް ވަންޏާ، މާނައަކީ އެއިން ދިރިއުޅެވޭނޭ ކަމަށް ވަންޏާ، ރައްޔިތުންގެ މަޖުލީހުގެ މެމްބަރަކަށް އެ އުޖޫރަ ދީފައި ނިންމާލަ ބަލާށެވެ! މިފަދަ ގޮތެއްގައި އެންމެ ކުޑަ އުޖޫރަ ކަނޑައެޅުނު އިރު، އެވެސް ދެވޭ ގޮތެއް ނުވެއެވެ. އެ އުޖޫރަ ހަމަ ކުރަން ޖެހެނީ، މުސާރަކަމުގައި ނުހިމެނޭ ގޮތަށް، އިތުރަށްދޭ ފައިސާއެއް ދީގެންނެވެ. އެއްބަޔަކަށް، ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމުތަކޭ އެއްފަދަ ގޮތެއްގައި މުސާރަ ދެވޭ އިރު، އާންމު މީހާއަށް މި ލިބެނީ ދުވާލަކު އެއް އިރު ވެސް ކައިގެން ނޫޅެވޭ ފަދަ އުޖޫރައެކެވެ!

މީގެ އިތުރުން ތިރީސް އަހަރުގެ ވެރިކަމުގައި ހިންގުނު ފަސާދައާއި ވައްކަމުގެ މައްސަލަތައް ހިތަށް ގެންނާށެވެ. މިސާލެއްގެ ގޮތުން އެ ދުވަސްވަރުގެ އެންމެ ބޮޑު ވައްކަން ކަމުގައިވި އެފް.ޕީ.އައި.ޑީ.ގެ މައްސަލަ މަތިން ހަނދާންކޮށްލާށެވެ! އެމައްސަލައިގައި ދެ މީހަކު ބަންދުކޮށްގެން ކުޑަ ދުވަސްކޮޅަކު ގެންގުޅުމަށް ފަހު، ސާބިތުވާ ވަރަށް ހެކި ނެތިގެން ދޫކޮށްލެވުނެވެ. ފަހުން، އެމީހުންވީ ރިސޯޓުތަކާއި ބޭރު ދުނިޔެން ގެތައް ގަން ބަޔަކަށެވެ. ދެން، މިއަދުގެ ސަރުކާރުގައި ހިމެނޭ މީހުން، މިކަންކަމީ އެމީހުންގެ ދަރިންގެ އަމިއްލަ މަސައްކަތްތުން ހޯދި ތަންތަން ކަމުގައި ބުނެ، އެކަން ދިފާއުކުރަން މަސައްކަތްކުރެއެވެ. ދެން، އާ ސިޔާސީ ނިޒާމުގެ ދުވަސްވަރު ހިނގި އެމް.އެމް.ޕީ.އާރު.ސީ.ގެ މައްސަލަ ނިމިގެން ދިޔަ ގޮތް ބަލާށެވެ. އެ ބޮޑު ޚިޔާނަތުގައި ހިމެނޭ އެންމެ ބޮޑެތި މީހުން، ތިބީ ނަމަކަށް ބަންދުގައި ނޫނީ ދޫވެފައެވެ. ހެކި ނެތިގެންނެވެ! ކުރީގެ ތިރީސް އަހަރާއި މިހާރާއި ތަފާތެއް އެބަ ފެނޭ ހެއްޔެވެ؟ މިފަދަ ގޮތަކަށް ޝަރީއަތުގެ ނިޒާމު އޮތް ތަނެއްގައި، ވެރިކަމެއް ބަދަލުވުމުން، ފަސާދައާއި ވައްކަމާއި ޚިޔާނަތުގެ އަމަލުތަކަށް ހުއްޓުމެއް އަންނާނެ ހެއްޔެވެ؟ ނާންނާނެ ކަމުގެ އެންމެ ބޮޑު ހެއްކަކީ އެފަދަ އަމަލުތައް ރޯމާ ދުވާލު އެންމެންގެ ކުރިމަތީގައި ހިނގަމުން މިހާރު ވެސް ދާކަމެވެ! އެކަމުގެ ހެކިތައް ނޫސްތައް ބަލާލުމުން ފެންނާނެއެވެ!

މި މިސާލުތައް ލިޔުމުގެ ބޭނުމަކީ، 2008ގައި ނިޒާމު ބަދަލުވެ، އާ ނިޒާމެއް ގެނެވުނު އިރު، އެ އާ ނިޒާމު ވެސް، އަދުލުވެރި އިންސާފީ ނިޒާމަކަށް ނުވާކަން ފާހަގަކުރުމުގެ ގޮތުންނެވެ. މިފަދަ ނިޒާމެއް ގާއިމުކުރެވޭނީ އާންމުންގެ ފިކުރީ ހޭލުންތެރިކަން އިތުރުވެ، އެފަދަ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް އަމިއްލައަށް ކުރެވިގެންނެވެ. ވަރަށް ގިނަ ފަހަރު، މީހުންނަށް ހީވެފައި އޮންނަނީ މިއީ މަތިން، އާދެ، ސަރުކާރުތަކުގެ ހަމައިން ފެށިގެން، ހަމަޖެހިގެންދާ ކަމެއް ކަމުގައެވެ. މަދު ފަހަރަކު މިހެން ވިޔަސް (ސިންގަޕޫރާއި ބުރުންޑީއަކީ މީގެ މިސާލެކެވެ!) ގިނަ ފަހަރަށް މިކަން އޮންނަނީ މި ގޮތަކަށް ނޫނެވެ. ތާރީޚު ވެސް ހެކިދޭ ގޮތުގައި، މިކަން މުޅިންހެން ވެސް ފެށެނީ ތިރިންނެވެ. އާންމު ރައްޔިތުންގެ ހިސާބުންނެވެ. އާންމުންގެ ލިޔެކިޔުމާ ގުޅިފައެވެ. އިލްމީ ލިޔުންތައް ލިޔެވި އެ ލިޔުންތައް ފަހުމްވުމެ، ފިކުރީ ގޮތުން ކުރިލިބިގެންނެވެ. މީގެ ތަފްސީލު، އިރާދަކުރެއްވިއްޔާ، ފަހުން ގެނެވޭ ބައެއްގައި ހިމަނާލެވޭނެއެވެ. މިތަނުގައި ފާހަގަކޮށްލަން ބޭނުންވަނީ، މިފަދަ ހޭލުންތެރިކަމެއް ނެތުމުން އަދުލުވެރި އިންސާފީ ސިޔާސީ ނިޒާމެއް ގާއިމުނުކުރެވުމާއި އެކަމުގެ ހިތާމެވެރި ނަތީޖާއެވެ.

އަދުލުވެރި އިންސާފީ ނިޒާމެއް ގާއިމު ނުކުރެވުމުން، ވެރިކަމަށް އަންނަ ކޮންމެ ބައެއްގެ އެދުމަކީ ވެސް، ހަމަ އިހެކޭ އެއްފަދައިން، ވެރިކަމާ ގުޅިފައިވާ މާއްދީ ފައިދާތައް ލިބިގަތުމަށްޓަކައި ވެރިކަމުގައި ދެމިތިބުމެވެ. ރައްޔިތުން އެކަމާ ރުހުނަސް ނުވަތަ ނުރުހުނަސް ވެހެވެ. ކަން މިހެން އޮތުމުން، ވެރިކަމުގައި ތިބޭ މީހުންނަށް، އެމީހުންގެ 'ތާއީދީ މަސްދަރަކަށް' (ސަޕޯޓް ބޭސްއަކަށް) ބޭނުން ޖެހެއެވެ. އެއްވަނަ ދުނިޔޭގެ ކުރިއަރާފައިވާ ޑިމޮކުރަސީތަކުގައި ވެރިކަމަށް އަންނަ ބަޔެއްގެ ތާއީދީ މަސްދަރަކަށް ވެފައި އޮންނަނީ އާންމު ރައްޔިތުންނެވެ. އެތަންތަނުގައި އާންމު ރައްޔިތުން އެމީހުންގެ ސަރުކާރުތަކަށް ތާއީދުކުރުމާއި ނުކުރުން ގުޅިފައި އޮންނަނީ ވެރިކަމުގެ ހެޔޮ ސިޔާސަތުތަކުގެ މައްޗަށެވެ. ޚާއްސަ ގޮތެއްގައި ތަނުގެ އިގުތިސާދީ ކުރިއެރުމާއެވެ. ދެން، ވިރާސީ ރަސްކަން އޮންނަ ތަންތަނުގައި ރަސްރަސްކަލުންގެ ތާއީދީ މަސްދަރަކަށް އޮންނަނީ ތަނުގެ ސިފައިންނެވެ. އެ ފަދަ ތަންތާނގެ ސިފައިންގެ މުއައްސަސާގެ އެންމެ އިސް ސަފުތަކުގައި ތިބެނީ ރަސްކަމުގެ އާއިލާގެ އިސް މެމްބަރުންނެވެ. މި މީހުންގެ އެންމެ މުހިއްމު މަސްއޫލިއްޔަތަކީ އެމީހުންގެ ރަސްކަން ދެމެހެއްޓުމެވެ.

ނަމަވެސް، ރާއްޖޭގައި އަލަށް އުފެދުނު ގިނަ ސިޔާސީ ޕާޓީތަކުގެ ނިޒާމުގެ ދަށުން، ކުރިން ވެސް ބުނި ފަދައިން، ދައުލަތުގެ މުއްސަނދިކަން އަދުލުވެރި ގޮތެއްގައި އެންމެންގެ މައްޗަށް ބެހިގެންދާ ނިޒާމެއް ގާއިމު ނުކުރެވުމުން، އާންމު ރައްޔިތުންގެ ތާއީދު އޮތުމާ މެދު، ބައެއް ސިޔާސީ ޕާޓީތަކަށް ޝައްކުކުރެވުނެވެ. އަދި، ހަމަ އެހެންމެ، ތަނުގެ ސިފައިންގެ މައްޗަށް ވެސް އިތުބާރެއް ނުކުރެވުނެވެ. ސިޔާސީ ޕާޓީތަކުގެ ބައެއް ވެރިންގެ ބަސްތަކުން މިކަން ފެނިގެން ދެއެވެ. މިފަދަ ސިޔާސީވެރިން، ސިފައިންގެ މުއައްސަސާގެ އަގުވެއްޓޭ ގޮތަށް، ހުއްޓުމެއް ނެތި، ތަކުރާރުކޮށް ވާހަކަދައްކައެވެ. އާންމު ރައްޔިތުންނަށާއި އަދި ތަނުގެ އަސްކަރީ މުއައްސަސާއަށް އިތުބާރު ނުކުރެވުމުން، ތިމާމެންގެ ވެރިކަން ދެމެހެއްޓުމަށްޓަކައި ދެން ޖެހެނީ ބޭރު މީހުންގެ އެހީ ހޯދާށެވެ. އެ މަސައްކަތް 2008ގެ ފަހުން ފެށުނެވެ. އަދި، މި މަސައްކަތުގެ ނަތީޖާއަކަށްވީ 1965 އިން ފެށިގެން، ރާއްޖެއާ މެދު، އިންޑިޔާގެ ބޮލުގައި ރިހުނު ރިހުން ފިލުވާލުމަށްޓަކައި، 1980 އަހަރުތަކާ ހިސާބުން ފެށިގެން އިންޑިޔާގެ ބާރުގެ ދަށުގައި ރާއްޖެ ބޭއްވުމަށްޓަކައި ކުރެވުނު މަސައްކަތް ކާމިޔާބުވުމެވެ. މިކާމިޔާބު ފެށުނީ، ޖީ.އެމް.އާރުއާ ރާއްޖޭގެ މައި ވައިގެ ބަނދަރު ހަވާލުކުރުމާ އަދި 2010ގައި އިންޑިޔާއާއި ރާއްޖޭއާ ދެމެދު ވެވެނު އަސްކަރީ އެއްބަސްވުންތަކާ ހަމައިންނެވެ. އެކަމަށް، 2012ގައި ހުއްޓެމެއް އައި ކަމުގައި ވިޔަސް، 2018ގައި އެކަން ހަގީގަތަކަށް ހަދާލެވުނެވެ.

ދެން އަންނަ ބައެއްގައި، އިރާދަކުރެއްވިއްޔާ އިތުރު ތަފްސީލު ގެނެސްދެވޭނެއެވެ.

(ނުނިމޭ)