Support Us

ހިވާރެއް: ހިޔަޅަކާއި ކުއްތާއަކާ ދެމެދު ދެކެވުނު ވާހަކައެއް

ހިޔަޅު ކުއްތާއަށް ބުންޏެވެ. އޭ އަހަރެންގެ ބޮޑުބޭބެގެ ދަރިފުޅާއެވެ! އާދަމުގެ ދަރިންނާ މެދު ކޮއްކޮގެ ޚިޔާލަކީ ކޮބާހެއްޔެވެ؟

ކުއްތާ: އެމީހުން މީހަކު ދައްކޮށް، ދެރަކޮށްލަން ވެއްޖެ ނަމަ، އެމީހަކާ ދިމާއަށް ކުއްތާއޭ ކިޔައި ގޮވައެވެ!

ހިޔަޅު: އެމީހުން އެހެން އެ ގޮވަނީ އަޅެ ކޮއްކޮ އެމީހުންގެ ޅަދަރިން ކަމުހެއްޔެވެ؟

ކުއްތާ: ނޫނެކެވެ!

ހިޔަޅު: އެހެންވެއްޖިއްޔާ އެމީހުންނަށް ކޮއްކޮ ބޭވަފާތެރިވީން ހެއްޔެވެ؟

ކުއްތާ: ނޫނެކެވެ!

ހިޔަޅު: އަހަރެން އެމީހުންނަށް ދޭ ހަމަލާތަކުގެ މަތިން ކޮއްކޮ އެމީހުން ރައްކާތެރިކޮށް ނުދެނީ ހެއްޔެވެ؟

ކުއްތާ: ނޫނެކެވެ. އެކަން އަހަރެން ކުރަމުއެވެ.

ހިޔަޅު: އެހެން ވެއްޖިއްޔާ އެމީހުންގެ ތެރެއިން ވިސްނުން ތޫނު، ކެރޭ މީހުންނަށް އެމީހުން އެ ކިޔަނީ ކީކޭ ހެއްޔެވެ؟

ކުއްތާ: އެފަދަ މީހުންނަށް އެމީހުން ހިޔަޅޭ ކިޔައި އުޅެއެވެ!

ހިޔަޅު: ކޮއްކޯއެވެ! ހިޔަޅަކަށް ވެގެން ބޭބެމެންނާ އެކު އުޅެން ކުރިންވެސް ބޭބެ ކޮއްކޮ ގާތު ބުނީމު ނޫން ހެއްޔެވެ؟ އަހަރުމެން ހިޔަޅުން އާދަމުގެ ދަރިންނަށާއި އެމީހުންގެ މުދަލަށް ގެއްލުން ދެމެވެ. އެމީހުންގެ ޅަދަރިންނާއި ޖަނަވާރުން ހިފައި ކައި ހަދަމެވެ. އަދި، ހުއްޓާނުލާ އެމީހުންނަށް ޚިޔާނަތްތެރިވަމެވެ. އެހެން ކަމަށް ވިޔަސް، އަހަރުމެންނަށް އެމީހުން ތައުރީފުކޮށް މަދަހަ ކިޔައި، އެމީހުންގެ ތެރެއިން ހޭލުންތެރި، މޮޅު މީހުން ކަމަށް ދެކޭ މީހުންނަށް އަހަރުމެންގެ ނަމުން ނަންދީ ހިޔަޅޭ ކިޔާ ވާހަކަ ކޮއްކޮ ވެސް ދެންމެ ބުނީމު ނޫން ހެއްޔެވެ؟

ކޮއްކައަށް މިހާރު އެނގެންވެއްޖެ ނޫން ހެއްޔެވެ؟ އާދަމުގެ ދަރިން ތަބާވެ، އަޅުކަން ކުރަނީ އެމީހުންނަށް ޚިޔާނަތްތެރިވާ ޣައްދާރުންނަށެވެ! އެމީހުންގެ މުދާތައް ފޭރޭ އެމީހުންގެ ޖާނު ވެސް ދުއްވާލަން ފަސް ނުޖެހޭނޭ ޖައްލާދުންނަށެވެ! ނަމަވެސް، އާދަމުގެ ދަރިން، އެމީހުންނަށް އިޚުލާސްތެރި ކަމާއެކު ޚިދުމަތްކޮށް، އެމީހުންނަށް ވަފާތެރިވާ މީހުން ދަށްކޮށް، ނިކަމެތިކޮށްލައި އިހާނެތްތެރިކޮށްލައެވެ!

  • ހިވާރު: ދެމީހެއްގެ ދެމެދުގައި ދެކެވޭ ވާހަކައެއް، ޑައިލޯގެއް