Support Us

ސަމަރޭ އާއި ބަދުރު (ވ) "ބާއްޖަވެރި ހެނދުނެއް" ރެކޯޑްކުރައްވަނީ

ރޭޑިއޯއާ ގުޅިފައިވާ ސްކޫލް ދައުރުގެ ހަނދާންތަކެއް

"ޝަހީބު ހޭލާ އަވަހަށް! މިހާރު ހައެއް ޖަހައިފި،" ސްކޫލަށް ދާންވާއިރަށް ސައި ތައްޔާރުކުރަން ބަދިގެއަށް ވަންނަން ދަމުން މަންމަ ގޮވާލައެވެ. އެކަމަކު އޭރު ހައެއް ނުވެސް ޖަހާކަން ހަމަ ޔަގީނެވެ. އަޅުގަނޑު ނިދައިފައި އޮތެއް ކަމަކު އެވަރު އެނގެއެވެ. އެކަން އޮޅުވައެއްނުލެވޭނެއެވެ. ސަބަބަކީ ރޭޑިއޯއިން އަދި އަންނަނީ ގުރުއާން ކަމަށްވީމައެވެ.

ކުރިން ރޭޑިއޯ މޯލްޑިވްސް އަދި ފަހުން ދިވެހިރާއްޖޭގެ އަޑަށް ބަދަލުވެގެން ވެސް، ފަތިހު 5.30 އިން ފެށިގެން ހެނދުނު ހައެއް ޖަހަންދެން ރޭޑިއޯއިން އަންނާނީ ކީރިތި ގުރުއާނެވެ. މިސްރުގެ މަޝްހޫރު ޤާރީ މަހުމޫދު ޚަލީލް އަލް ހުޞަރީގެ ކިޔެވުމެވެ. ފަތިހު ތެދުވާ ގޮތަށް އެންމެ ފުރަތަމަ ކަމަކަށް ވެސް މަންމަ ހުޅުވާނީ ރޭޑިއޯއެވެ. އެހެންވެ، ދެބަދޭތެރެއިން ވެސް ރޭޑިއޯގެ އަޑު ހުންނާނީ އިވިއިވިއެވެ. އަމުދުން ސްކޫލަށް ދާ ދުވަހެއް ވެއްޖިއްޔާ އެ ގަޑީގައި އަޅުގަނޑަށް އޮންނާނީ ހޭލެވިފައެވެ. އެކަމަކު ކަންނެތްކަމުން ނުތެދުވާން އޮވެވެނީއެވެ. މަންމަ ގޮވާލާއިރަށް ކޮއްކޮމެން ތިބޭނީ ތެދުވެއެވެ.

"ޝަހީބު. ދެން ހޭލަބަލަ! މިހާރު ހަގަޑި ފަނަރަ ހިނގައިފިއޭ،" މަންމަ އުޅެނީ އަޅުގަނޑު އަވަހަށް ނަގަންކަން އެނގެއެވެ. އިތުރަށް ވަގުތު ލާފައި ގަޑި ބުނަނީ އެހެންވެގެންނެވެ. އެކަމަކު އަދި ހަގަޑި ފަނަރައެއް ނުހިނގާކަން ޔަގީނެވެ. ރޭޑިއޯއިން މިހާރު އެ އަންނަނީ ކީރިތި ގުރުއާނުގެ ދިވެހި ތަރުޖަމާއެވެ. މަރުހޫމު މުހައްމަދު ޖަމީލް ދީދީގެ އަޑެވެ. ގުރުއާން ތަރުޖަމާ އަންނާނީ ހަޔަކުން ހަގަޑި ފަނަރައަށެވެ. އެހެންވެ އަދި ތެދުވާކަށް ނުވެއެވެ. ސްކޫލަށް ދާންޖެހެނީ ހަތެއް ޖަހާއިރަށެވެ. އެހެންވެ އަދިވެސް ބާލީހުގައި އޮޅުލައިގެން ފިނިފިނި ތަންމަތީގައި އޮވެލަން ވަގުތުކޮޅެއް އެބައޮތެވެ.

"ޝަހީބު ދެން ތެދުވެބަލަ! މިހާރު ހަގަޑިބައިވަނީއޭ،" ރޮށި ފިހަން އުޅެފައި އަނެއްކާވެސް މަންމަ ވަދެ ގޮވާލައެވެ. އަޅުގަނޑު މި އޮންނަނީ "ނިދައިފަ"އެވެ. އެކަމަކު ގަޑިން ވާވަރު މަންމައަށް ވުރެ މާ ރަނގަޅަށް އަޅުގަނޑަށް އެނގެއެވެ. އަދި ކިރިޔާ ހަގަޑި ފަނަރަ ހިނގީއެވެ. "ބާއްޖަވެރި ހެނދުނެއް" ޕްރޮގްރާމް އަދިކިރިޔާ އެ ފެށީއެވެ. ސަމަރޭ އާއި ބަދުރު ވާހަކަ ދައްކަން ފަށައިފިއެވެ. ދުވަހާއި ނަކަތާއި މޫސުން ބުނެދޭން ފަށައިފިއެވެ. "ނިދައިފައި" އޮތަސް އެ ހުރިހާ އެއްޗެއް އަޅުގަނޑަށް އެބަ އިވެއެވެ.

("ބާއްޖަވެރި ހެނދުނެއް" ފުރަތަމަ ފެށި ދުވަސްކޮޅު ސަމަރޭ އާއި ބަދުރުވެސް "ބާއްޖަވެރި ހެނދުނެ"ކޭ ވިދާޅުވާނީ މޯޅިއަކަށް ދެމިލާ އަޑު ލައްވާލައިފައެވެ. އެކަމަކު ފަހުން، މޯޅިއަށްދެމޭ އަޑެއް ނުލައްވައެވެ؛ ފަތިސް ނަމާދަށް ނުތެދުވެ 6.15 ވަންދެން ނިދައިފައި ތިބެނީ ކަމަށް ބައެއް މީހުންނަށް ހީވާތީއޭ ބުނާ އަޑު އެހީމެވެ. ހަގީގަތެއް ނޭނގެއެވެ.)

"ބާއްޖަވެރި ހެނދުނެއް" ޕްރޮގްރާމަކީ ރާއްޖޭގެ މީޑިއާގައި ކުރިއަށް ގެންދާ އެންމެ ގިނަ ދުވަސްވީ ޕްރޮގްރާމުކަމާ މެދަކު ޝައްކެއް ނެތެވެ. އަޑުގެ އެންމެ އިސް ދެ ވެރިން- ރާއްޖޭގެ ބްރޯޑްކާސްޓް މީޑިއާގެ އެންމެ އުސް ދެ ތަނބު- ކަމަށްވާ ސަމަރްބްލޫ އިބްރާހިމް މަނިކު (ސަމަރޭ) އާއި ބަދުރުއްނަސީރު (ބަދުރު) އެކުގައި އެ ޕްރޮގްރާމް ގެނެސްދެއްވަން ފެއްޓެވީ 1979ގައެވެ. މިހާރުވެސް "ބާއްޖަވެރި ހެނދުނެއް" އަޑުން ފޮނުވައެވެ. މެދުނުކެނޑި އެ ޕްރޮގްރާމް ފޮނުވާތާ މިހާރު 42 އަހަރުވީއެވެ.

ކުރީގެ "ބާއްޖަވެރި ހެނދުނެއް" ޕްރޮގްރާމު އެހާ ޝައުގުވެރިވަނީ ސަމަރޭ އާއި ބަދުރުގެ ހުށަހެޅުން މޮޅުކަމުންނެވެ. ދައްކަވާ މަޖާ ވާހަކަތަކުގެ ސަބަބުންނެވެ. ސިޔާސީ ވާހަކަ ނޫން އެހެން ހުރިހައި ވާހަކައެއް އެ ބޭފުޅުން ދައްކަވާނެތެވެ.

އެ ޕްރޮގްރާމުގައި އަޅުގަނޑަށް އަބަދުވެސް އެންމެ އަޅައިގަންނަނީ އޭގެ ތީމު މިއުޒިކްކޮޅެވެ. އެންމެ ފުރަތަމަ ދުވަހުއްސުރެ، ހަމަ އެއް ރާގުކޮޅެކެވެ. އެއީ ހިންދީ ކޮންމެވެސް ލަވައެއްގެ ރާގުކޮޅެކެވެ. އެ ރާގުކޮޅު ފޮނުވާތާ 25 އަހަރު ފަހުން، ދިވެހިވަންތަ ގޮތަކަށް، ބޮޑުބެރާއެކު އެ ރާގު ފަހުން ވަނީ ރެކޯޑުކޮށްފައެވެ. އެއީ އިންފޮމޭޝަން މިނިސްޓަރުކަމުން ސަމަރޭ ވަކިވެވަޑައިގެން، ބާއްޖަވެރި ހެނދުނަކުން ވެސް ސަމަރޭ ދުރަށްޖެހިވަޑައިގަނެ، އަދި އަޑު ހިންގެވުމާ 2004 ގައި ބަދުރު ހަވާލުވެވަޑައިގެން ހިސާބުންނެވެ. އެ މިއުޒިކްކޮޅު ހެދުމުގައި އިސް ދައުރެއް އަދާކުރީ، ބަދުރާއެކު ބާއްޖަވެރި ހެނދުނެއް ގެނެސްދޭން ފެށި މުހައްމަދު ޒަހީނެވެ. (ޒަހީނަކީ މިހާރު ވީ.ޓީ.ވީގެ ސީ.އޯ.އޯއެވެ.) ބަދުރާއި ޒަހީނާއެކު އެ ދުވަސްކޮޅު ދެން ބައިވެރިވީ މުހައްމަދު ރަމީޒެވެ.

"ބާއްޖަވެރި ހެނދުނެއް" ރެކޯޑުކުރުމުގައި ބަދުރު (މ) އަދި ޒަހީނާއި ރަމީޒު (ވ) -ފޮޓޯ: ރަމީޒު/އެފް.ބީ

ޒަހީން ތައްޔާރުކުރި ރާގުކޮޅު އެއީ މާ ހިތްގައިމު ރާގުކޮޅެކެވެ. އެ ރާގުކޮޅު ގެންނަން ފެށި ދުވަސްވަރު، އެއް ދުވަހަކު އަޅުގަނޑު ބަދުރަށް ގުޅައިފައި ދެންނެވީމެވެ. "ބާއްޖަވެރި ހެނދުނެއް" ފަށަން މިހާރު ގެނެސްދޭ ރާގުކޮޅު އަޅުގަނޑަށް ވަރަށް ހިތްގައިމެވެ. އެކަމަކު ފޮނުވަނީ ވަރަށް ކުރު އެތިކޮޅެކެވެ. އެހެންވެ މާދަމާގެ ޕްރޮގްރާމުގައި ތަންކޮޅެއް ގިނައިރު އެ ރާގުކޮޅު ޖަހައިދެއްވަބައްލަވާށެވެ. ޖެހިގެން އައި ދުވަހުގެ ޕްރޮގްރާމު ނިންމަމުން ބަދުރު ވިދާޅުވި ވާހަކަ އަދިވެސް ހަނދާން އެބަހުއްޓެވެ.

"ޕްރޮގްރާމް ނިންމާ ގަޑިވެސް ޖެހެނީ މިހާރު. ނިންމާލުމުގެ ކުރިން ކުޑަ ވާހަކައެއް ދަންނަވާލާނަންޖެހޭ އެބަ. ދިވެހިރާއްޖޭގެ އަޑުގެ ޕްރޮގްރާމުތަކަށް ޝައުގުވެރިވާ އެކި ބޭފުޅުން ޝައުގުވެރި މިވަނީ އެކި ކަހަލަ ކަންކަމަށް. އަޅުގަނޑަށް އިއްޔެ ބޭފުޅަކު ފޯނުކުރައްވާފައި ވިދާޅުވީ މި ޕްރޮގްރާމުގެ ތީމު ރާގުކޮޅު ރީތި ވާހަކަ އާއި އެކަމަކު މާ ކުރުކޮށް އެ ރާގުކޮޅު ގެނެސްދޭތީ އެކަމާ ހިތްދަތިވާ ވާހަކަ. އެހެންވެ ތަންކޮޅެއް ދިގުކޮށް އެ ތީމު ރާގުކޮޅު މިއަދު ގެނެސްދޭން މި ޖެހެނީ. ވަރަށް ތަފާތު ރިކުއެސްޓެއް ދެއްތޯ މިއީ؟"

އެ ދުވަހު ވަރަށް ދިގުކޮށް އެ ރާގުކޮޅު ޖައްސަވައިދެއްވިއެވެ. އެއީ ހާދަހާވާ ރީތި ރާގުކޮޅެކެވެ. އަބަދުވެސް އަހާ ހިތްވެއެވެ. ބަދުރަށް ވަރަށް ބޮޑަށް ޝުކުރިއްޔާއެވެ.

ރަމީޒު (މ) އާއެކު "ބާއްޖަވެރި ހެނދުނެއް" މިހާރު ގެނެސްދޭ ޓީމު -ފޮޓޯ: އަޑު/އެފް.ބީ

އަޑުގައި ބަދުރުގެ ދައުރު، 2011 ގައި ނިމުމުން "ބާއްޖަވެރި ހެނދުނެއް" ގެނެސްދޭން ފެށީ ބޮޑު ޓީމަކުންނެވެ. އެ ޓީމުގައި އިސްކޮށް ހަރަކާތްތެރިވަނީ މުހައްމަދު ރަމީޒެވެ. ދެން ނަސްރުﷲ އިދުރީސް (ނަސްރު) އާއި މުހައްމަދު ޝާކިރެވެ. އަދި ފަހުންފަހުން އައިސް އަންހެން ޓީމެއް ވެސް ފުރަތަމަ ފަހަރަށް "ބާއްޖަވެރި ހެނދުނެއް"ގައި ބައިވެރިވާންފެށި އެވެ. އަދި ތީމު ރާގުކޮޅުވެސް އަނެއްކާ ވެސް މޮޑިފައިކުރިއެވެ. އެކަމަކު އަޅުގަނޑަށް އަދިވެސް ހިތްގައިމީ ޒަހީނު ތައްޔާރުކުރި ރާގެވެ.

"ބާއްޖަވެރި ހެނދުނެއް" މިހާރު ގެނެސްދެނީ ކޮންމެ ދުވަހަކު ހެނދުނު 6.05 އިން ފެށިގެން 8.30 އަށެވެ. ތަފާތު އެކިއެކި ސެގްމަންޓުތައް ހިމަނައިގެން، ސްޓޫޑިއޯއިން ވަގުތުންނެވެ.

އަނެއްކާ ވެސް ކުރިއަށް ޖެހިލާނަމެވެ.

އަޅުގަނޑު އެނދުން ނުތެދުވެ އޮއްވައި ބޮޑުބެރު ލަވަ އަންނަން ފަށައިފިއެވެ.

"ރެހި އަރާ ތިޔަ އޮތީ ފަޅުގައޭ ގަލުއަރާ، ހުރިއަރާ ހޮނޑަލި އަރާ ތިބެ ދަމަޔޯ އަބަދު އަރާ…" މިއީ އެންމެ ގިނައިން އަންނަ ބޮޑުބެރުލަވައެވެ. އޭރު ވެސް ކޮންމެ ދުވަހެއްގެ "ބާއްޖަވެރި ހެނދުނެއް" ފަށާނީ ބޮޑުބެރު ލަވައަކުންނެވެ. އެއީ ގާތްގަނޑަކަށް ހައެއްކަ މިނިޓެވެ. އެހެންވެ، ބޮޑުބެރު ލަވަ ނިމެންދެން ނުތެދުވެ މަޑުކޮށްލަނީއެވެ.

"މިއަދުވެސް ގަޑި ޖެހިގެން ދޯ ސްކޫލަށް ދާން ތި އޮންނަނީ؟" މަންމަ ކުޑަކޮށް ހޫނުވާން ފަށައިފިއެވެ. އެހެންވެ، ބޮޑުބެރު ލަވަ ނިމޭއިރަށް އަވަހަށް ތެދުވެ، ގިފިއްޔަށް ވަދެ، ދަތް އުނގުޅައި، ފެންވަރާލަނީއެވެ. ފެންވަރަނީ ވަޅުގެ ފެން ހޫނުކޮށް ހުންނަ ދުވަސް ދުވަހުއެވެ. އެހެން ނޫނީ ކުޑަކޮށް މަތި ހަދައިލައިގެން ނުކުތުމުން މަންމައަކަށް ނޭނގޭނެއެވެ. ހީވާނީ ހަމަ ފެންވަރައިފައި ހުންނަހެންނެވެ.

ފެންވަރައިގެން، ޔުނީފޯމް ލައިގެން، ނަމާދުކޮށްގެން ނުކުންނަންވާއިރަށް މަންމަ ހުންނާނީ ސައި ހަދައިފައެވެ. އަދިވެސް ސަމަރޭ އާއި ބަދުރު ވާހަކަ ދައްކަވަނީއެވެ. ކަސްރަތުގެ މުހިންމުކަމުގެ ވާހަކަ އާއި އިޖުތިމާއީ ތަފާތު އެކިއެކި ވާހަކަތައް ދައްކައި، ހީނ، ސަމާސާކުރައްވައިފައި، އެކި ކަހަލަ ލަވަތައް ޖަހަމުންދަނީއެވެ. ސިޔާސީ ވާހަކައެއް ކުޑަކޮށްވެސް ނުދައްކަވާނެއެވެ.

ގަޑިން 6.45 ހިނގާނީ އަޅުގަނޑު ސައިބޯން އިންދައެވެ.

(މަތީގައިވާ ވީޑިއޯއަކީ "ބާއްޖަވެރި ހެނދުނެއް"ގެ އެހާރާއި މިހާރުގެ ތީމް ރާގާއި ސަމަރޭ އާއި ބަދުރުގެ އަޑުވެސް ހިމެނޭ ގޮތަށް ތައްޔާރުކޮށްފައިވާ ކުރު ވީޑިއޯއެކެވެ. މި ވީޑިއޯ ވަރަށް ފުރިހަމައަށް ތައްޔާރުކޮށްދެއްވީތީ މޮންދު ޕްރޮޑްޝަންސްގެ ސީ.އީ.އޯ މުހައްމަދު އާސިފު (މޮންދު) އަށް ވަރަށް ޚާއްސަ ޝުކުރެއް ދަންނަވަމެވެ.)

"ޓޮއްޓޮއް ބުބުން ޓޮއް،" އަނެއްކާ ވެސް ބޮޑުބެރުގެ އަޑެވެ. އެކަމަކު އެއީ "ރޭޑިއޯ ހަވީރު" ފެށުނީއެވެ. ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 6.45 އިން ހަތަކަށް އަންނާނީ ރޭޑިއޯ ހަވީރެވެ. އެއީ، އެކި ދުވަހު އެކި މައުލޫއަށް އިންސާފުކުރާ، 15 މިނިޓުގެ ޕްރޮގްރާމެކެވެ. ކުރު، އެހެނަސް، ޝައުގުވެރި ސްޓައިލަކަށް ގެނެސްދޭ، މައުލޫމާތުން ފުރިގެންވާ ޕްރޮގްރާމެކެވެ. "ރޭޑިއޯ ހަވީރު" އަންނަންފެށީ 1980 ވަނަ އަހަރުން ފެށިގެންނެވެ. (އަޅުގަނޑު ސްކޫލް ނިމުނީ 1987 ގައެވެ.)

ބޮޑުބެރު ޖަހާލުމަށްފަހު "އާންމު ސިއްހަތު،" އޭ ބުނާނެއެވެ. މިއަދު މިއީ އާދިއްތަ ދުވަސްކަން ޔަގީންވީއެވެ. "ރޭޑިއޯ ހަވީރު"ގެ "އާންމު ސިއްހަތު" އަންނާނީ ކޮންމެ އާދިއްތަ ދުވަހެއްގައެވެ. އެ ޕްރޮގްރާމުގައި އޮންނާނީ ސިއްހީ އެކިއެކި މައުލޫމާތާއި ލަފާ ދިނުމެވެ.

އެ ދުވަސްވަރަކީ ގޭގައި ކަލަންޑަރު އެލުވައިގެން އުޅޭ ދުވަސްވަރެއް ނޫނެވެ. އެހެންވެ މިއަދު މިއީ އާދިއްތަކަމާއި ސްކޫލަށް ގެންދަންވީ އާދިއްތަ ދުވަހުގެ ފޮތްތައްކަން އެނގޭނެ އެންމެ ފަސޭހަ ގޮތަކީ އެއީއެވެ. (ރޭގަނޑު ނިދުމުގެ ކުރިން ޓައިމް ޓޭބަލަށް ފޮތްތައް ނަގަން މަންމަ ބުންޏަސް، ކުޅިވަރާ ހެދި ބިޒީކަމުން އެކަން އޮންނަނީ ނުވެފައެވެ.)

"ރޭޑިއޯ ހަވީރު"ގެ "ދިވެހި ބިމުން" އަންނަން ފެށުމުން އެއީ ހޯމަ ދުވަސްކަން ޔަގީންވީއެވެ. "ރާއްޖޭގެ އެތަންމިތަނުން" އަންނާނީ އަންގާރަ ދުވަހުއެވެ. ބުދަ ދުވަހު އަންނާނީ "ޢިލްމީ އަލި"އެވެ. ބުރާސްފަތި ދުވަހު، "ތާރީޚާއި އާދަކާދަ"އެވެ. ހުކުރު ދުވަހު ސްކޫލަށް ނުދިޔައަސް، ހުކުރު ދުވަހުގެ ޕްރޮގްރާމުވެސް އަޑު އިވެއެވެ. "ރޭޑިއޯ ހަވީރު"ގައި ހުކުރު ދުވަހު އަންނާނީ މަސްވެރިކަމާ ބެހޭ ޕްރޮގްރާމް "ދިޔަވަތް ރަނގަޅު އޮޑި ރިޔަލަށް ކެރެންޏާ"އެވެ. ހޮނިހިރުގައި އަންނާނީ "މުދައްރިސުންގެ ދުނިޔެ"އެވެ. (އޭރު ހޮނިހިރުން ބުރާސްފައްޗަށް ސްކޫލް އޮންނާނެއެވެ. ސަރުކާރު އޮފީސްތައް ވެސް ހުޅުވާނެއެވެ. ހުކުރާއެކު ހޮނިހިރު ބަންދުކުރީ މާ ފަހަކުންނެވެ.)

"ރޭޑިއޯ ހަވީރު" އަންނަން ފެށުމުން އަވަސްކޮށްލައިފައި ސައިތަށި ބޯލައިގެން، ފޮތްބޮނޑި ހިފައިގެން ގެއިން ނުކުންނަން ޖެހެއެވެ. ހެންވޭރު، މަޖީދިއްޔާ ކައިރިން ހިނގައިފައި ދާން މިޖެހެނީ، ޗާންދަނީ މަގުގައި ހުންނަ އީ.ޕީ.އެސް އަށެވެ. (އޭރު އީ.ޕީ.އެސް ހުރި ބިމުގައި މިހާރު އެހެރީ އަރަބިއްޔާ ސްކޫލެވެ.)

ސްކޫލަށް ވަދެވޭނީ ހަމަ ރަނގަބީލް ޖަހަނިކޮށެވެ. އޭރު މީހާ ހުންނާނީ ރަނގަޅަށް ދާހިތްލައިފައެވެ.

އީ.ޕީ.އެސްގައި ބޭނުންކުރި ކަހަލަ ރަނގަބީލެއް

އީ.ޕީ.އެސްގައި އޭރު ހުންނާނީ، ފައްޅިތަކުގައި ހުންނަ ކަހަލަ ބޮޑު، ލޯ ރަނގަބީލެކެވެ. އެއީ ޕްރިންސިޕަލް، މަރުހޫމު ހަސަން މާހިރު ކޮން ތަނަކުން ހޯއްދެވި އެއްޗެއް ކަމެއް ނޭނގެއެވެ. ގަޑި ޖެހުމުން ވަރަށް ގިނަ ފަހަރު އޭތި ތަޅުވައިގަންނާނެއެވެ. އެއާއެކު ދެން ޖެހޭނީ ސަފު ހަދާށެވެ. ސަފު ހަދާނީ އެ ކްލާހެއްގެ ދޮރުމަތީގައެވެ. އަންހެން ފިރިހެން ވަކިންނެވެ. ކުޑައިން ބޮޑަށެވެ. އެންމެ ކުރީގައި ހުންނާނީ އެންމެ ކުރު ކުއްޖާއެވެ. ފަހަތަށް ދާ ވަރަކަށް އިސްކޮޅުން ދިގުވާ ގޮތަށެވެ. އަޅުގަނޑުމެން ކްލާހުގެ ސަފުގެ އެންމެ ކުރީގައި އަބަދުވެސް ހުންނާނީ އަހުމަދު ގިޔާސް (ގިޔައްޓޭ) އެވެ. މިހާރު އެއީ އެމް.އެން.ޑީ.އެފްގެ ބޮޑު އޮފިސަރެކެވެ. އެކަމަކު ބައްދަލުވާ ކޮންމެ ފަހަރަކުވެސް އޭނާ ވަނީ ހަމަ ކްލާސް ކުއްޖަކަށެވެ. އެއްވެސް ބަދަލެއް ނާދެއެވެ.

ސަފުގައި އެހެން ތިއްބާ އެންމެ ފަހަރަކު ރަނގަބީލް ޖަހާނެއެވެ. އެއީ "ހިމޭން ރަނގަބީލް"އެވެ. އެ ގަޑީގައި ވާހަކަ ދެއްކުން މަނާވާނެއެވެ. ހިނގުން ވެސް މަނާވާނެއެވެ. އެހެންވެ އެކަކު ވެސް ޗުއްޕުވެސް ނުބުނާނެއެވެ. ގަޑިޖެހިގެން ވަންނަ ކުދިން ސަފުގައި ތިބޭނީ ފޮތްތައް ވެސް ހިފައިގެންނެވެ. ތިން ވަނަ ރަނގަބީލާއެކު ކްލާހަށް ވަންނަންވީއެވެ. ވާހަކަ ދެއްކުން އަނެއްކާ ވެސް ފަށަނީއެވެ. ގިނަ ދުވަސް ދުވަހު، ސަފު ހަދާ ގަޑީގައި، ފުރަތަމަ ޕީރިއަޑްގެ ޓީޗަރުވެސް ހުންނާނީ އައިސް ކްލާސް ދޮރުމަތީގައެވެ.

ކްލާހަށް ވަންނަ ރަނގަބީލް ޖެހުމުގެ ކުރިން، ރޭޑިއޯ އިން "ޓީ.ޓީ.ޓީ" ލައްވާ އަޑު އާންމުކޮށް އިވޭނެއެވެ. އެއީ ހަތެއް ޖެހީއެވެ. ޚަބަރު ގަޑިއެވެ. ޚަބަރުގައި ކިޔާ އެއްޗެއްގެ އަޑު ނީވުނަސް، ޖެހިގެން ހުންނަ ގެއެއްގެ ރޭޑިއޯ އަކުން ތިން ފަހަރު "ޓީ.ޓީ.ޓީ" ލައްވާ އަޑު ދުރުން ނަމަވެސް އިވޭނެއެވެ.

އެ ދުވަސްވަރު ހެނދުނު ނުވައެއް ޖަހާއިރު ރޭޑިއޯގެ ޕްރޮގްރާމްތައް މެދުކަނޑާލާނެއެވެ. ދެން ފަށާނީ މެންދުރުއެވެ. ނިމޭނީ ރޭގަނޑު 10.30ގައެވެ.

"ވަކިވުމުގެ ކުރިން" މިއީ ރޭޑިއޯގެ އެންމެ ފަހު ޕްރޮގްރާމެވެ. އެ ޕްރޮގްރާމު އަންނާނީ 10.30ގައެވެ. ހުށަހަޅައިދޭނީ ޒާހިދާ އިބްރާހީމެވެ. ޕްރޮގްރާމް ފެށުމުގެ ކުރިން އަންނަ ރާގުކޮޅު އިވިފައިވެސް މީހަކު ނިދި އަންނާނެއެވެ. އެއީ ހަތްދިހައިގެ އަހަރުތަކުގައި މަޝްހޫރުވި ހިންދީ ފިލްމު "އަބީމާން"ގެ "ޕީޔަބީނާ ޕީޔަބީނާ"ގެ ރާގެވެ.

އީ.ޕީ.އެސްގެ ރަނގަބީލުގެ ވާހަކަ ފެށުނީމާ އެއް ދުވަހަކު ދިމާވި ވަރަށް މަޖާ ކަމެއްގެ ވާހަކަ ވެސް ކުއްލިއަކަށް ހަނދާންވެއްޖެއެވެ. މި ވާހަކަ ދައްކާނުލައި ކުރިއަށް ދާން ވެސް އުނދަގޫ ވެއްޖެއެވެ.

ހީވާ ގޮތުން އެއީ 1983 އެވެ. އަޅުގަނޑުމެން ގްރޭޑް ހަޔެއްގައި ކިޔަވަމުންދިޔަ އަހަރެވެ. ޓީޗަރު ނާންނާތީ އެއީ ހުސް ގަޑިއެކެވެ. އެ ދުވަސްވަރަކީ ހިންދީ ފިލްމު "ސައްތޭޕޭ ސައްތާ" އަޅުވައިގެން އެންމެ ފޯރި ނެގި ދުވަސްވަރެވެ. އެހެންވެ ކްލާހުގައި ވެސް "ސައްތޭޕޭ ސައްތާ"ގެ މަންޒަރެއް ކުޅެނީއެވެ. އެކަމުގައި އެންމެން ސަކަރާތް ޖަހައި، ދުވެ ހަދަނިކޮށް، އެތަނަށް ކުއްލިއަކަށް އައީ ޑިސިޕްލިން މާސްޓަރ މރ. ކޭ. ސީ. ޕަރަމަލިންގަމްއެވެ. ކޮޅަށް ތެދުވެގެން އުޅުނު އެންމެން ވަގުތުން ކްލާހުން ބޭރަށް ނެރެ، އޮފީހަށް ދާށޭ ބުނެފިއެވެ. ދެން އެންމެން އޮފީހަށް ދިޔައީއެވެ. އެ ގްރޫޕުގައި ހިމެނެނީ އަބްދުﷲ ސުޖާއު، ސައީދު ގާސިމް، އަބްދުލްހަމީދު، އަބްދުލް މުންނިމް، މުހައްމަދު މަނިކު (މޯޑޭ)، އަބްދުﷲ ރާޝިދު (މިހާރު ނިޔާވެފައި) އަދި އަޅުގަނޑު، މި ހަތް "ކުދިން"ނެވެ. އެތަނުން އެންމެ ކުޑަކޮށް ހުންނާނީ އަޅުގަނޑެވެ. މިއީ ކްލާހުގައި އެންމެ ނަގާކިޔާ ގްރޫޕެވެ. ގިޔާއްޓޭއަކީ އޭރުވެސް އެންމެ ބަސް އަހާ ކުއްޖާއެވެ. އެހެންވެ މިކަހަލަ ކަންތަކުން އޭނާ ސަލާމަތްވާނެއެވެ.

އީ.ޕީ.އެސްގައި އެކުގައި ކިޔަވަން އުޅުނު ގްރޫޕުގެ ތެރެއިން.. (ކ-ވ) ގިޔާސް، ސައީދު ގާސިމް، ސުޖާއު އަދި ޝަހީބު 2019 ގައި ލަންކާގައި

ސްކޫލްގައި އޭރު ކިޔަވައިދޭ ޕީރިއަޑެއްގެ ދިގުމިނަކީ 35 މިނިޓެވެ. އަޅުގަނޑުމެން އޮފީހަށް ފޮނުވާލިއިރު އަދި އެ ޕީރިއަޑްގެ ވިއްސަކަށް މިނިޓުވެސް ނުހިނގާނެއެވެ. އޮފީސް ކައިރީގައި އަޅުގަނޑުމެން މަޑުކޮށްގެން ތިބިއިރު، އޮފީސް ތެރޭގައި އެކަކުވެސް ނެތެވެ. އެ ވަގުތު ފެނުނީ އެއްކަލަ ބޮޑު ރަނގަބީލެވެ. ރަނގަބީލް ހުންނާނީ ކުޑަދޮރެއްގައި އެލުވައިފައެވެ. ކުޑަދޮރު ކައިރީގައި އެންމެން ބޮނޑިވެފައި ތިބި ދަނޑިވަޅު ކޮންމެވެސް އެކަކު، އެ ރަނގަބީލް ޖަހައިފިއެވެ. އެއް ފަހަރުއެވެ. މާނައަކީ ޕީރިއަޑު ނިމުނީއެވެ. އެއާއެކު، ޓީޗަރުންތައް ކްލާސް ބަދަލުވާން ފަށައިފިއެވެ. އެތަންވެސް އަޅުގަނޑުމެނަށް އެބަފެނެއެވެ. އަޅުގަނޑު ހުރީ ވަރަށް ހާސްވެފައެވެ. ގިނައިރު ތަކެއް ނުވެ ހެޑްމާސްޓަރު މރ. ފެނާންޑޯ ދުންޖަހައިފައި އަތުވެއްޖެއެވެ. އޮފީސް ކައިރީގައި ތިބީ ކީއްވެގެންތޯ އާއި ރަނގަބީލް ޖެހީ ކާކުތޯ އަހައިފިއެވެ. އެކަމަކު އެކަމާ ހަވާލުވާނެ އެކަކުވެސް ނުވިއެވެ. ކޮންމެ މީހަކުވެސް ބުނަނީ ރަނގަބީލް ޖެހީ ކާކުކަމެއް ނޭނގޭ ކަމަށެވެ. އެކަމަކު އަޅުގަނޑުމެން ހަތް ކުދިން ނޫން ބަޔަކު އެތާކު ނެތެވެ. އެހެންވެ، ވަގުތުން އަޅުގަނޑުމެން އެންމެން ސަސްޕެންޑްކޮށް، ގެޔަށް ފޮނުވާލައިފިއެވެ. އަނެއް ދުވަހު ސްކޫލަށް ދާންޖެހުނީ ބެލެނިވެރިޔާ ގޮވައިގެންނެވެ. ފަހުން ވެސް އަޅުގަނޑު ބުނީ، ރަނގަބީލް ޖެހި މީހެއް އަޅުގަނޑަށް ނޭނގޭ ކަމަށެވެ. އެ މީހަކު އަދިވެސް އަޅުގަނޑަކަށް ނޭނގެއެވެ. ލަންކާގައި މިހާރު ދިރިއުޅޭ ސައީދު ގާސިމަށް މިއަދު ގުޅައިލުމުން ވެސް ބުނީ މީގެ 38 އަހަރު ކުރިން ހިނގި އެ ހާދިސާ ކިތަންމެ ރަނގަޅަކަށް ވެސް ހަނދާން އެބަހުރި ކަމަށާއި އެކަމަކު އެ ދުވަހު ރަނގަބީލް ޖެހި މީހެއް އޭނާއަށް ވެސް ނޭނގޭ ކަމަށެވެ. 

އެ ވާހަކަ މި ހިސާބުން ނިމުނީއެވެ.

އެ ދުވަސްވަރު ރޭގަނޑު 10.30 އަކީ ސްކޫލް ކުދިން ހޭލައި ތިބެން ދަން ގަޑިއެކެވެ. އަމުދުން، ބެލެނިވެރިޔަކާއެކު ނޫނީ ރޭގަނޑު 10ގެ ފަހުން، ސްކޫލް ކުދިން ބޭރަށް ނުކުމެ އުޅުމަކީ މަނާވެސް ކަމެކެވެ. އަޅުގަނޑުވެސް ނުނިދިއެއް ކަމަކު، އެނދަށް އަރައި އޮންނައިރު "ވަކިވުމުގެ ކުރިން" ވެސް އިވެއެވެ. "ވަކިވުމުގެ ކުރިން"ގައި ގެނެސްދޭނީ މުޅިން ވެސް ހިންދީ، މުސްކުޅި ލަވަތަކެވެ. މުޅިން ވެސް ނިދި އަންނަ ޒާތުގެ ލަވަތަކެވެ. މަދު ރެއަކު ނޫނީ އެ ޕްރޮގްރާމު ނިމުމުގެ ކުރިން އަޅުގަނޑަށް އޮންނަނީ ވަކިވެވިފައެވެ؛ ގުގުރީގައެވެ.

އެ ދުވަސްވަރު ދިވެހިރާއްޖޭގެ އަޑަކީ މާލެ އާއި އަތޮޅުތަކުގައިވެސް އެންމެންގެ ވެސް އެންމެ ގާތް އެކުވެރިޔާއެވެ. އެހެންކަމުން، ކޮން ދުވަހަކު، ކޮން ގަޑިއެއްގައި ފޮނުވާނީ ކޮން ޕްރޮގްރާމެއްކަން ވެސް ގިނަ މީހުންނަށް ވަރަށް ސާފުވާނެއެވެ. ބަދިގޭ މަސައްކަތުގައި އުޅޭއިރުވެސް ރޭޑިއޯ ހުންނާނީ އެންމެ ކައިރީގައެވެ.

އަތޮޅުތެރޭ ރަށެއްގައި ހަވާދު ފުނޑަމުންދާއިރު ރޭޑިއޯ ޕްރޮގްރާމް އަޑު އަހަނީ -ފޮޓޯ ވޮނަދޮނަ/އެފް.ބީ

އެ ދުވަސްވަރު ރޭޑިއޯ އިން މުޅިންހެން ވެސް ފޮނުވާނީ ރެކޯޑްކޮށްފައި ހުންނަ ޕްރޮގްރާމްތަކެވެ. ލަފާކުރެވޭ ގޮތުގައި ޚަބަރާއި ސަރުކާރުގެ އިއުލާން ފިޔަވައި އެހެން ހުރިހާ ޕްރޮގްރާމެއް ވެސް ހުންނަނީ ދުރާލައި ރެކޯޑު ކޮށްފައެވެ.

ހުކުރު ދުވަހު ހެނދުނު ފޮނުވާ "އެބައުޅޭ އެބައުޅޭ" ޕްރޮގްރާމަކީ، ތުއްތު ކުއްޖެއް ނޫނެއް ކަމަކު އަޅުގަނޑުވެސް ކޮއްކޮމެނާއެކު އަޑު އަހާ ޕްރޮގްރާމެކެވެ. މަރުހޫމާ ޒާހިދާ އިބްރާހިމް (ޒާހިދާއްތަ) އެ ޕްރޮގްރާމް ގެނެސްދެއްވިލެއް ހާދަހާވާ ހިތްގައިމެވެ. މަރުހޫމާ ޒާހިދާއްތައަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރުކުރައްވާށިއެވެ. އާމީން!

"ކުޑަކުދިންގެ ބަގީޗާ"އަކީ ވެސް އެހާ ޝައުގުވެރި ޕްރޮގްރާމެކެވެ. ކޮންމެ ހުކުރު ދުވަހަކު އެ ޕްރޮގްރާމް ގެނެސްދެއްވާނީ މިންނާ ވަޖީހު (މިންނާއްތަ) އެވެ. އަދި ހަމަ ކޮންމެ ދުވަހަކު މެންދުރު ދޭއްގެ ޚަބަރަށްފަހު ގެނެސްދޭ "ޚަބަރުފީތާ" އަކީ ވެސް ވަރަށް ޝައުގުވެރި ޕްރޮގްރާމެކެވެ. އެ ޕްރޮގްރާމް އާންމުކޮށް ގެނެސްދެއްވީ ޢަލީ އަބްދުﷲ އެވެ. މި ކަހަލަ އެތައް ޕްރޮގްރާމެކެވެ. ނަން ލިޔެފައި ނުލިޔާނެ ޕްރޮގްރާމެއް ނެތެވެ. (ދިވެހިރާއްޖޭ އަޑުގެ މެންދުރުގެ ޚަބަރު 1.30ގައި ގެނެސްދޭން ފެށީ ޓީ.ވީއެމުން ދޭއްގެ ހަބަރު ގެނެސްދޭން ފެށުމުން، ދެ ޚަބަރު ފުށުއަރާތީ ކަމަށް ބުނެއެވެ.)

ރަށެއްގެ ހޮޅުއަށީގައި އަރާމުގައި އޮވެލައިގެން މީހަކު ރޭޑިއޯ ޕްރޮގްރާމް އަޑު އަހަނީ.  -ފޮޓޯ ވޮނަދޮނަ/އެފް.ބީ

އަޑުގެ ޕްރޮގްރާމްތަކަށް ކުޑައިރުއްސުރެ ދެވުނު ޝައުގުވެރިކަމެއްގެ ބޮޑު ކަމުން، އަޅުގަނޑު ހުންނަނީ ރޭޑިއޯ އިން ވާހަކަ ދައްކާ މީހުންނާ ބައްދަލުކޮށްލާހިތް ވެފައެވެ. އަޅުގަނޑުގެ ބޮޑުބޭބެ، އަހުމަދު ރަޝާދު އޭރު އުޅުއްވަނީ އަޑުގެ އޮޕަރޭޓަރަކަށެވެ. އެހެންވެ، އަޑަށް ގެންގޮސް، އެ މީހުންނާ ބައްދަލުކޮށްލަދޭށޭ ބޮޑުބޭބެ ކައިރީގައި ވަރަށް ކިޔަމެވެ. އެހެން އުޅެނިކޮށް އަޑުގެ ރެކޯޑިން ސްޓޫޑިއޯ ހަކުރާ ފެއާގައި ހަދައިފިއެވެ. (ހަކުރާ ފެއާ ހުރި ތަނުގައި މިހާރު އެހެރީ ރައްޔިތުންގެ މަޖިލީސްކުރާ ގެއެވެ.) އެއީ ގެއާ ވަރަށް ކައިރިއެވެ. އެހެންވެ ބޮޑުބޭބެ ޑިއުޓީއަށް ދުރުވާއިރު ބައެއް ދުވަސްދުވަހު އަޅުގަނޑު ސްޓޫޑިއޯ އަށް ގެންދަވަން ފަށައިފިއެވެ.

ބޮޑުބޭބެއާ އެކު ސްޓޫޑިއޯ އަށް ގޮސް އިންނައިރު، ވަރަށް ގިނަ ޕްރޮގްރާމްތަކުގެ ރެކޯޑިން ހަދާނެއެވެ. ރޭޑިއޯގެ ހުރިހައި އަޑުތަކެއްގެ ވެރިން އަޅުގަނޑާ ބައްދަލުވެއެވެ. "ބާއްޖަވެރި ހެނދުނެއް،" "ވަކިވުމުގެ ކުރިން،" "އެބައުޅޭ އެބައުޅޭ" ފަދަ ހުރިހައި ޕްރޮގްރާމެއްވެސް ރެކޯޑުކުރާއިރު އަޅުގަނޑު އިންނަނީ ބަލާށެވެ. އެކަމަކު އެތަނުގައި ގޮނޑިއެއްގައި އިށީނދެލައިގެން އޭރު އެ އިންނަ ކުޑަކުއްޖަކީ މި ޝަހީބު ކަމެއް، އެ ހުރިހާ އެންމެނަކަށް އަދިވެސް އެނގޭނޭހެނެއް ހިޔެއްނުވެއެވެ. ހަމަ ގައިމުވެސް ބަދުރަށް އެނގިވަޑައިގަންނަވާނެއެވެ. ފަހުން، ދިވެހިރާއްޖޭގެ އަޑު ވެސް ހިމެނޭ ގޮތަށް، ރާއްޖޭގެ ހުރިހައި ރޭޑިއޯ/ޓީވީ ސްޓޭޝަނެއްގެ ބެލެނިވެރި ފަރާތް ކަމަށްވާ، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސްގެ މަގާމުގައި ބަދުރު، އަދި ނައިބު ރައީސަކަށް އަޅުގަނޑު ހުރި އިރު ވެސް ބަދުރު އެ ވާހަކަ ދައްކަވާނެއެވެ. އަދި ބަދުރަށްފަހު ކޮމިޝަންގެ ރައީސަކަށް އަޅުގަނޑު ހުރި އިރުވެސް، ބަދުރާ ދިމާވާ ބައެއް ފަހަރުފަހަރު އެ ހަނދާންތައް އާކުރައްވާނެއެވެ.

ބްރޯޑްކާސްޓިން ކޮމިޝަންގެ ފުރަތަމަ ރައީސް ބަދުރު (ކ) އަދި ދެ ވަނަ ރައީސް ޝަހީބު (15 މާރިޗު 2012ގައި)

"މީހަކު ހިތަށް ވެސް ނާރާނެދޯ ކުޑައިރު އަޑުގެ ސްޓޫޑިއޯގައި ޕްރޮގްރާމްތައް ރެކޯޑްކުރާތަން ބަލަން ގޮސް އިން ކުޑަ ކުއްޖެއް، މިއަދު ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސަކަށް ހުންނާނެއެކޭ،" ބަދުރު ވިދާޅުވެއެވެ.

ބަދުރަކީ އަޅުގަނޑަށް އެންމެ ހިތްގައިމު ރޭޑިއޯ އަޑެވެ. ކޮމިޝަންގައި އުޅުނުއިރު ވެސް ބަދުރު ވާހަކަ ދައްކަވަން ފެއްޓެވުމުން ހީވާނީ ހަމަ ރޭޑިއޯއަކުން އަޑުއިވޭހެންނެވެ. ބައެއް ފަހަރުފަހަރު، ލޯ މަރާލައިގެން ވެސް އަޑު އަހަން އިންނަމެވެ.

އަޑުގެ ޕްރޮގްރާމްތައް އޭރު ރެކޯޑުކުރަނީ ބޮޑެތި ފީތާ ލައްވާފައި ހުންނަ ޓޭޕްތަކަކަށެވެ. "ބާއްޖަވެރި ހެނދުނެއް"ގެ ފެށޭ ރާގުކޮޅު އެއް ޕްލެޔަރުން ޖަހައިފައި، ފެހި ބޮތްކެއް ދިއްލާލީމާ، ސަމަރޭ އާއި ބަދުރު ސަލާން ގޮވައި، ވާހަކަ ދައްކަވަން ފައްޓަވާނެއެވެ. އަނެއް ޕްލެޔަރަށް ދާނީ ރެކޯޑްކުރެވެމުންނެވެ. އޭރު ބޮޑުބޭބެ ހުންނާނީ ބޮޑުބެރު ލަވަ ތައްޔާރުކޮށްގެންނެވެ. ވާހަކަ ދެއްކުން ނިމޭއިރަށް ބޮޑުބެރު ލަވަ ފަށާނެއެވެ. އެ ދުވަހެއްގައި ޖަހާނެ ލަވަތައް ގިނަ ދުވަހު ހޮވާނީ ވެސް ބޮޑުބޭބެއެވެ. އަޅުގަނޑު ބުނާ ލަވަވެސް ބައެއް ފަހަރު ވައްޓާލާނެއެވެ. ބައެއް ލަވަތައް ހުންނާނީ ހޮޅިގަނޑުގައެވެ. އަނެއްބައި ލަވަތައް ފީތާ ޓޭޕުތަކުގައެވެ. އޭރު "ބާއްޖަވެރި ހެނދުނެއް" ރެކޯޑްކުރާނީ 43 މިނިޓް ވަންދެނެވެ. އެ ހިސާބުން ދެން ވައްސަލާމް އަލައިކުމް ކިޔާނެއެވެ. އެއީ ވަރަށް ޝައުގުވެރި މަސައްކަތެކެވެ. ރެކޯޑުކޮށް ނިންމައިފައި، ޓޭޕް ހިފައިގެން ބޭބެ ދުރުވާނީ އަޑަށް އެ ޓޭޕް ލައްވާށެވެ. ހެނދުނަށް ތައްޔާރުކޮށްފައި ބޭއްވުމަށެވެ. (ކުރިން އަޑު ހުރި ތަނުގައި މިހާރު އެ ހުރީ ސެނިހިޔަ ހޮސްޕިޓަލެވެ.)

އަޑުގެ އެހާރާއި މިހާރުގެ ބައެއް މުވައްޒަފުން: (ކ-ވ) އަޑުގެ އޮޕަރޭޓަރުން ކަމަށްވާ އަޙުމަދު ރަޝާދު، މުޙައްމަދު ސަމީރު، މަރުހޫމް މުޙައްމަދު ޒާހިރު ޢަލީގެ އިތުރުން މުޙައްމަދު ރަޝީދު، އިބްރާހީމް އާޒިމް (ބިއްދޮށުގައި) އޮޕަރޭޓަރު ޚާލިދު އިބްރާހީމް އަދި ޢަލީ ޙިލްމީ 2019 ޖަނަވަރީގައި. -ފޮޓޯ: އަލީ ހިލްމީ/ އެފް.ބީ

ސްކޫލަށް ދާން އަޅުގަނޑު ތެދުވުން، އަޑުގެ "ބާއްޖަވެރި ހެނދުނެއް" ޕްރޮގްރާމާއި "ރޭޑިއޯ ހަވީރާ" ގުޅިފައިވާ ގޮތަށް، 7.30 އަށް އޮފީސްތަކަށް ދާ މީހުންވެސް، އޭރު ބޮޑަށް ބަރޯސާ ވާނީ ހަތެއްގެ ޚަބަރާއި، ޚަބަރަށް ފަހު އަންނަ އިއުލާންތަކަށެވެ. އެހެންކަމުން، ގިނަ ބައެއްގެ މުޅި ދުވަހުގެ ތާވަލު އޭރު ގުޅިފައިވާނީ އަޑުގެ ޕްރޮގްރާމުތަކާއެވެ.

ދިވެހިރާއްޖޭގެ އަޑަކީ އޭރު އެހާ ވެސް މުހިންމު، ހަޔާތުގެ ބައިވެރިއެކެވެ. ކޮންމެ ދުވަހެއްގެ ވެސް ބައިވެރިއެކެވެ. ވަކިނުވެވޭނެ ބައިވެރިއެކެވެ. އަޑާ ގުޅިފައިވާ އެ ހަނދާންތަކަކީ މިހާ ދުވަސްވީއިރުވެސް އަޅުގަނޑަށް ވަކިނުވެވުނު ހަނދާންތަކެކެވެ. އެއީ މާޒީއެވެ. އުފާވެރި ހަނދާންތަކެއްގެ މާޒީއެކެވެ.

"މިހާ ހިސާބުން ޕްރޮގްރާމް ނިންމާލައިފައި ވަކިވެލާނަން. ބާއްޖަވެރި ދުވަހަކަށް އެދެން. ވައްސަލާމް އަލައިކުމް."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
8311
ޚިޔާލު ފާޅުކުރައްވާ!

4 Responses

  1. ވަރަށް ފުރިހަމަ. މާޒީ ހަނދާންކޮށްދީފި. ރޭޑިއޯ މިހާރުވެސް ވަރަށް ސަޅި. މިހާރު އަޑުއަހާ މީހުން މަދީ އެހެން ވަސީލަތްތައް ގިނަވީމަ. އެކަމަކު މިހާރުވެސް އަޑުގެ މުވައްޒަފުން ވަރަށް ބުރަކޮށް މަސައްކަތްކޮށް ވަރަށް ރަގަޅު ޕްރޮގްރާމް އުފައްދާ.

  2. ވަރަށް ފުރިހަމަ ލިޔުމެއް. މިއީ އޭރު ހަމަ އަޅުގަނޑުމެން ސްކޫލައްދާން ތައްޔާރުވާގޮތް. އެހަނދާންތައް ވަރަށް ބޮޑައް އައުކޮއްދީފި. ޝުކުރިއްޔާ ޝަހީބް

  3. ހާދަ އުފާވެރި ހަނދާންތަކެކޭ އެއީ. ޙުސަރީގެ ކިޔެވުން. ޖަމީލް ދީދީގެ އަޑުން ތަރުޖަމާ. ބަދުރާ މަނިކުގެ ހެއްވާމަޖާ ވާހަކަތަކާ އެކު ބާއްޖަވެރި ހެނދުނެއް. ލޭ ކައްކުވާލާ އަސްލު ބޮޑުބެރުލަވަ. (މިހާރުގެ މި ޖަހާ ރަނޑުބެރެއް ނޫން). އަދި ކޮބާ އަލީ އަބްދުﷲ މެން އަޑުން ރެކޯޑް ކޮއްފަ ހުންނަ ހީހީ ހަލާކުވާކަހަލަ އިޝްތިހާރުތައް (މިހާރުވެސް ހިތުދަސް ބައެއް އިސްތިހާރުތައް). ހުކުރުދުވަހު ހުކުރަށްފަހު ހޮޅުދޫ އަބްދޯމެން ރަޝާދުމެންގެ އަޑުން ކިޔާފަ ހުންނަ އަސަރުގަދަ މަދަހަތައް. އަލީ އަބްދޯ ގެނެސްދޭ ދަތުރުވެރިންނާއެކު.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *