...

Support Us

ކުރު ވާހަކަ: ފަސް ރާމާމަކުނާއި ދޮންކެޔޮވައް

އިލްމުވެރިންގެ ބަޔަކު ތަޖުރިބާއެއް ކުރަން ބޭނުންވިއެވެ. ވިސްނުމާއި ފިކުރުކުރުން ހުއްޓުވާނެ ގޮތެއް ހޯދުމަށްޓަކައެވެ. ދެން، ފަސް ރާމާމަކުނު ގެނެސް ކޮއްޓަކަށް ލިއެވެ. އަދި، އެ ކޮށީގައި ހަރުގަނޑެއް ބަހައްޓައި އެ ހަރުގަނޑުގެ އެެންމެ މަތީގައި ދޮންކެޔޮ ވަކެއް ބޭއްވިއެވެ.

ދެން، ދޮންކެޔޮވައް ނަގަން ހަރުގަނޑަށް މަކުނެއް އަރަށް އުޅުމުން، މަކުނުތަކަށް، މާގަނޑެއް މެދުވެރިކޮށް ބާރު އިސްޕީޑުގައި ފިނިފެން ޖެހިއެވެ. ދެން، އޭގެ ފަހުން، ދޮންކެޔޮވައް ނަގަން ހަރުގަނޑަށް މަކުނެއް އަރަން އުޅުމުން އެހެން ހުރިހާ މަކުނެއްވެގެން އެ މަކުނު ހަރުގަނޑަށް އެރިއަނުދީ ހިފަހައްޓައެވެ. ފިނިފެނުން، ތެމުމުން، އެންމެން ސަލާމަތް ވުމަށްޓަކައެވެ.

އިރުގަނޑަކަށް ފަހު، އިލްމުވެރިން، ފެންޖެހުން ހުއްޓާލިއެވެ. ނަމަވެސް، ދޮންކެޔޮވައް ނަގަން ހަރުގަނޑަށް މަކުނަކު އަރަން އުޅެފި ނަމަ، އެހެން ހުރިހާ މަކުނެއް ވެގެން އެ މަކުނު ހިފަހައްޓައެވެ.

ދެން އިލްމުވެރިން ނިންމީ، ފުރަތަމަ ފަސް މަކުނުގެ ތެރެއިން އެއް މަކުނު ކޮށިން ބޭރުކޮށްފައި އޭގެ ބަދަލުގައި އާ މަކުނެއް ކޮއްޓަށް ލުމަށެވެ. އެ އާ މަކުނު ކޮއްޓަށް ލުމާއެކުހެން، ދޮންކެޔޮވައް ނެގުމަށްޓަކައި ހަރުގަނޑަށް އަރަން އުޅުނެވެ. ނަމަވެސް، އެހެން ހުރިހާ މަކުނުތައް ވެގެން އޭތި ހިފެހެއްޓިއެވެ. ފިނިފެން ނުޖެހި ކަމުގައި ވިޔަސް ވެހެވެ.

ދެން، މިގޮތަށް އެންމެ ފުރަތަމަ ކޮއްޓަށްލީ ހުރިހާ މަކުނުތަކުގެ ބަދަލުގައި އާ މަކުނުތައް ލެވުނެވެ. އަދި، މަކުނެއް ހަރުގަނޑަށް އަރަން އުޅެފި ނަމަ، އެހެން ހުރިހާ މަކުނެއް ވެގެން އެ މަކުނު ހިފަހައްޓައެވެ.

އާދެ، މިފަދައިން މަކުނުތައް ކަންތައް ކުރާއިރު، އެކަން ކުރަނީ ކީއްވެގެން ކަމެއް އެ އެއްޗިއްސަކަށް ނޭނގެއެވެ. ކަމެއް ކުރުމަށް ވަކި ގޮތަކަށް އާދަވެފައި އޮތުމުން އެ ގޮތުގެ މަތިން އެކަން ކުރަމުން ގެންދަނީއެވެ.

މިވާހަކަ އަޅުގަނޑުމެންނާ ގުޅެނީ ކިހިނެއް ހެއްޔެވެ؟ އަޅުގަނޑުމެން ބައެއް ފަހަރު، ކަންކަމާ ދޭތެރޭ އަމަލު ކުރަނީ ހަމަ މިފަދަ ގޮތަކަށެވެ. ކަންކަމާ މެދު، އެ ކަމުގެ ހަގީގަތަކީ ކޮބައިތޯ ބެލުމެއް ނެތި، ކަނު ސިފައެއްގައި ކޮންމެ ވެސް މީހަކަށް ނުވަތަ މަދު ބަޔަކަށް ތަބާވެ، އެ މީހަކު ނުވަތަ ބަޔަކު ކަންކުރަން އެދޭ ގޮތަކަށް އެ ކަމެއް ކުރަނީއެވެ. މިފަދަ މަންޒަރުތައް މިހާރު އެންމެ ގިނައިން ފެންނަނީ ސިޔާސީ މައިދާނުންނެވެ. މަކުނުތައް ފަދައިން އަޅުގަނޑުމެން ތިބީ ޕުރޮގުރާމު ކުރެވި، އަމިއްލަ ވިސްނުން ބޭނުން ކުރުމުން ދުރުކުރެވިފައެވެ. އަޅުގަނޑުމެން ތާއީދުކުރާ މީހާ ނުވަތަ ޖަމާއަތް އެއްޗެއް ބުނެފި ނަމަ، ހަގީގަތަކީ ކޮބައި ކަމެއް ބެލުމެއް ނެތި، އާނއެކޭ އަޅުގަނޑުމެން ބުނަމުން ގެންދެއެވެ. ދަރަނިވެރިވުން ގުޅެނީ މޫސުމަށް އަންނަ ބަދަލުތަކާއޭ ބުނުމުން ވެސް، އެ ވާހަކަ ބުނަނީ އަޅުގަނޑުގެ މީހާ ކަމަށް ވަންޏާ އެއީ ތެދެކެވެ. ތިމާގެ އަމިއްލަ ނަފްސުގެ މައްޗަށް ދުވާލަކު، އެތައް ސަތޭކަ ހާސް ރައްޔިތުންގެ ފައިސާއިން ޚަރަދުކުރުމަކާ ދަރަނިވެރި ވުމަކާ ގުޅުމެއް ނެތެވެ. ސަރުކާރުގެ އިސް ދެތިން މީހަކު، ރައްޔިތުންގެ ފައިސާ ބޭނުންކޮށްގެން ބޭނުން ތަނަކަށް ބޭނުން ވަގުތަކު ދަތުރުކޮށް ހެދުމަކާއި ދަރަނިވެރިވުމާ ގުޅުމެއް ނެތެވެ. ބަދަލު ދިނުމުގެ ނަމުގައި ރައްޔިތުންގެ ފައިސާ ތިމާމެންގެ ގާތް ކުންފުނިތަކަށާއި މީސްމީހުންނަށް ބަހާލުމަކީ ދަރަނިވެރިވުމާ ގުޅުމެއް އޮތް ކަމެއް ނޫނެވެ. މިހާރުގެ ސަރުކާރާއި ވޭތުވެދިޔަ އެކިއެކި ސަރުކާރުތަކުގެ އިސް މީހުން ހިންގި ފަސާދައާއި ވައްކަމުގެ އަމަލުތަކަކީ ދަރަނިވެރިވުމާ ގުޅުން ހުރި ކަންކަމެއް ނޫނެވެ. ލޯނު ދެއްކުމުގެ އެކަށޭނަކަން އޮތްތޯ ނެތްތޯ ބެލުމެއް ނެތި، ލިބެން އޮތް ތަނަކުން ލޯނުތައް ނަގައި، ބޭކާރު ގޮތުގައި އެ ފައިސާ ޚަރަދުކޮށްލުމަކީ ދަރަނިވެރިވުމާ ގުޅުން ހުރި ކަމެއް ނޫނެވެ. ތަނުގެ މާލިއްޔަތު ބަލަހައްޓަން ނޭނގުމަކީ ދަރަނިވެރިވުމާ ގުޅުން ހުރި ކަމެއް ނޫނެވެ! ދަރަނިވެރިވުން ގުޅެނީ ހަމަ މޫސުމަށް އަންނަ ބަދަލުތަކާއެވެ!

މިއިން އެއްވެސް ކަމަކީ އަމިއްލައަށް ވިސްނާލުމުން ސަލާމަތް ބުއްދިއެއް ލިބިގެންވީ އެކަކަށް ވެސް ނޭނގިދާނޭ ކަމެއް ނޫނެއެވެ. ނަމަވެސް، ޒާތީ ތައައްސުބާއި، ތިމާގެ މީހާއާއި ތިމާގެ ޖަމާއަތް ކޮންމެ ގޮތެއް ހަދާފައި ވެސް ރަނގަޅުކުރަން ޖެހޭތީ، އަމިއްލަ ވިސްނުން ބޭނުން ނުކޮށް، ކޮއްޓަކަށް ލާފައި ތިބި ރާމާމަކުނުތަކެއް ފަދައިން ކަންތައް ކުރެވެނީއެވެ!

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.