...

Support Us

ޕްރޮފެސަރ އުގައިލްގެ ކޮލަމް:

ޕްރޮފެސަރ އުގައިލްގެ ކޮލަމް: ވަކިކޮޅަކަށް ޖެހުން އެއީ ކަށީގައި ހުންނަ ކަމެއްބާ؟

މިހާރު ރާއްޖޭގެ ވެރިކަން ކުރައްވަމުން ގެންދަވާ ރައީސާއި މީގެ ކުރިން ވެރިކަން ކުރި ރައީސާ މެދު ތިބާ ދެކެނީ ކިހިނެތް ހެއްޔެވެ؟ މި ދެ ރައީސުންނާ މެދު ތިބާ ކޮންމެ ގޮތަކަށް ދުށްކަމުގައި ވީނަމަވެސް، އެ ދެކޭގޮތަކާ މެދު ޚިޔާލު ތަފާތުވާ ބަޔަކު ތިބާ ދަންނާނެ ކަމީ އެއްވެސް ޝައްކެތް އޮތް ކަމެއް ނޫނެވެ. އެކަމަކާ މެދު ނުވަތަ މީހަކާ މެދު އެކި މީހުން ދެކޭގޮތް ތަފާތުވަނީ ކީއްވެބާވައެވެ؟ މީގެ ޖަވާބަކީ އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުވެސް މިވަނީ ވަކިކޮޅަކަށް ޖެހިފައިކަމެވެ. ނުވަތަ އިނގިރޭސި ބަހުން ބުނާނަމަ "ބަޔަސް" ވުމެވެ. ގަބޫލު ކުރަންވެސް ފަހަރުގައި ދަތި ވެދާނެއެވެ. އެހެންނަމަވެސް ހަގީގަތަކީ މިއެވެ. މީހަކު ވަކިކޮޅަކަށް ޖެހުމުގެ އެތަކެއް ބައިވަރު ސަބަބުތަކެއް ވެއެވެ. މިސާލަކަށް އެމީހަކު ހިމެނޭ ސިޔާސީ ޕާޓީއެއްގެ ސަބަބުން، ނުވަތަ އާއިލާއާއި ރައްޓެހިން އަދި އެމީހަކު ކިޔާ ނޫހެއް ނުވަތަ ބަލާ ޓީވީ ޗެނެލެއްގެ ސަބަބުންވެސް މީހުން ވަކިކޮޅަކަށް ޖެހުމަށް މަގުފަހިވެއެވެ.

ދެން އުފެދިދާނެ ސުވާލަކީ، އަޅުގަނޑުމެން ތެރެއިން ވަކިކޮޅަކަށް ޖެހިފައި މިތިބީ ކޮންބައެއް ހެއްޔެވެ؟ ހަމަ ގައިމުވެސް، މީގެ ޖަވާބު ބިނާވެގެންދާނީ، ސުވާލު ކުރެވިގެންދާ ބަޔަކާއެވެ. އަޅުގަނޑުމެންނަށް ނޭނގުނު ކަމުގައިވިޔަސް، އަޅުގަނޑުމެން ކުރާ ކޮންމެ ކަމަކާ އަދި ވިސްނާ ކޮންމެ ގޮތަކީވެސް، އެކަމަކާ މެދު އެމީހަކު ދެކޭގޮތުގެ މައްޗަށް ބިނާކޮށް އޭގައި ވަކި "ކުލައެއް" ޖެހިފައިވާ ކަމެއް ކަމަށް ސައިކޮލޮޖިސްޓުން ވިދާޅުވެއެވެ. އެހެންކަމުން، ދުނިޔޭގައި ކަން ހިނގާ ގޮތްތަކުގެ ހަގީގަތަށް ބަލާލުމަށްވުރެ ބޮޑަށް އަޅުގަނޑުމެންނަށް ކަންތައްތަކަށް ބަލާލެވެނީ ނުފޫޒާއި އަމިއްލަ ފައިދާއަށް މަސައްކަތް ކުރަން ބޭނުންވުމުގެ ފަރުދާއެއްގެ ފަހަތުންނެވެ.

"ބަޔަސް" ނުވަތަ ވަކިކޮޅަކަށް ޖެހުން ދަނެގަތުމަށް ކުރީގައި ދެންނެވުނު މިސާލަށް އަލުން ބަލައިލަމާ ހިނގާށެވެ. މިގޮތުން، ރާއްޖޭގައި މިހާރު ވެރިކަން ކުރަމުންދާ ރައީސާ މެދު ތިބާ އަމިއްލައަށް ދެކޭގޮތާ މެދު ވިސްނާލާށެވެ. ހެކިތަކުގެ މައްޗަށް ބިނާކޮށް މިހާރުގެ ރައީސަށް ސަޕޯޓް ކުރާ ކޮންމެ މީހަކުވެސް ރައީސާ މެދު ދެކޭގޮތް އެއީ އެންމެ ރަނގަޅު ގޮތްކަމަށް އެމީހަކު ހިތުގެ އަޑިން ގަބޫލުކުރެއެވެ. އަދި އެއީ އެންމެ ބުއްދި ގަބޫލުކުރާ ފަދަ ގޮތްކަމަށް ވެސް އެމީހަކު ދެކެއެވެ. ކޮންމެ މީހަކުވެސް ތިމާ ގަބޫލުކުރާ ކަންތައްތަކަކީ އެންމެ ތެދު އަދި އެންމެ ރަނގަޅު ގޮތްކަމަށް ދަނެއެވެ. އަދި އެކަމާ އިދިކޮޅުވާ މީހުންނަކީ ވަކި ކޮޅަކަށް ޖެހިފައި ތިބި މީހުން ކަމަށް ކޮންމެ މީހަކުވެސް ބުނެއެވެ. މިހާ ހިސާބުން ހިތަށް އަރާފާނެއެވެ. "އެހެން މީހުންނަކީ ވަކިކޮޅަކަށް ޖެހިފައިތިބި މީހުން ކަމުގައި ވީނަމަވެސް، "އަޅުގަނޑު" ވަކިކޮޅަކަށް ނުޖެހެމެވެ. އަޅުގަނޑު ގަބޫލުކުރަނީ ތެދު ހަގީގަތެވެ." އެހެން ގޮތަކަށް ބުނާނަމަ، އަޅުގަނޑުމެން އަމިއްލައަށް ވަކިކޮޅަކަށް ޖެހިފައިވާ ކަމަށް އަޅުގަނޑުމެންނަށް ގިނަ ފަހަރަށް އިޙްސާސްވެސް ނުކުރެވެއެވެ!

އަޅުގަނޑުމެން މިހާބޮޑު ކަނު އަދިރިކަމެއްގެ ތެރޭގައި މިވަނީކީއްވެބާއެވެ؟ އިންސާނާއަށް ވަކިކޮޅަކަށް ޖެހުން ނުވަތަ ކަމަކާ މެދު ވަކިގޮތަކަށް ގަބޫލުކުރެވެން ފެށުމުގެ ބިންގާ އެޅެން ފަށަނީ ތުއްތުއިރުން ފަށައިގެންނެވެ. އެމީހަކު ގަބޫލުކުރާ ކުރުންތަކާ މެދު، ކޮންމެ މީހެއްގެ ހިތުގައި ސުވާލުތަކެއް އުފެދެއެވެ. އެހެންނަމަވެސް، އެމީހަކު ގަބޫލުކުރާ ކަންތައްތަކާމެދު ފުންކޮށް ވިސްނާލުމަށް އަމިއްލަ ނަފްސަށް ފުރުސަތެއް ނުދެވެއެވެ. އެހެންކަމުން، އެކަންތަކާ މެދު ފުންކޮށް ވިސްނުމުގެ ބަދަލުގައި އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ކޮންމެ މީހަކުވެސް ނިންމައެވެ.

ކޮންމެއަކަސް، ކަމަކާމެދު ނުވަތަ ވަކިފަރާތަކާ މެދު މީހާ ދެކޭގޮތް ހިއްސާކުރުމަކީ ގޯހެއް ނޫނެވެ. އެހެންނަމަވެސް، އެމީހަކު ދެކޭ ގޮތަށްވުރެ އިތުރަށް ތެދު ހަގީގަތަކީވެސް ވަރަށް މުހިންމު އެއްޗެކެވެ. ބައެއް މީހުން އެމީހުން ޖެހިފައިވާ ކޮޅަކީ އެންމެ ރަނގަޅު ކޮޅުކަން ގަބޫލު ކުރުމަށްޓަކައި، އެކަމަކާ ބެހޭގޮތުން ގަބޫލުކުރެވޭނެ ފަދަ "ތެދު"ތައް އަމިއްލަ ސިކުނޑީގައި އުފައްދައެވެ.

ހަމަ މިގޮތުން، އެމީހަކު ޖެހިފައިވާ ކޮޅަކަށް ނުވަތަ އެމީހަކު ގަބޫލުކުރާ ކުރުންތަކަށް ބުރަވާގޮތަށް ކޮންމެ މީހަކުވެސް މައުލޫމާތު ހޯދައެވެ. އަދި އެކަމާ އިދިކޮޅު ފަރާތްތަކުގެ މައުލޫމާތުތަކަށް ޝައުގުވެރިކަމެއް ނުބަހައްޓައެވެ. ނޫހެއްގެ އޮންނަ ލިޔުމަކާ ބެހޭ ގޮތުން މީހުން ކޮށްފައި ހުންނަ ކޮމެންޓުތައް ކިޔާއިރު ތިމާ ގަބޫލު ކުރާ ގޮތާ އިދިކޮޅަށް ލިޔެފައި ހުންނަ ކޮމެންޓުތަކަށް ޝައުގުވެރިކަން ދިނުމުގެ ބަދަލުގައި ތިމާގެ ޚިޔާލާ އެއްގޮތް ޚިޔާލުގެ މައްޗަށް ބުރަވެ މީހުން ލިޔެފައި ހުންނަ ކޮމެންޓުތަކަށް ޝައުގުވެރިކަން އަޅުގަނޑުމެންނަށް ދެވޭކަމީ ވެސް މީގެ ފުރިހަމަ މިސާލެކެވެ.

އިންސާނުން ވަކިކޮޅަކަށް ޖެހުން ނުވަތަ "ބަޔަސް" ވުމާ މެދު ވަރަށް ގިނަ ދިރާސާތައްވެސް ވަނީ ކުރެވިފައެއެވެ. މިގޮތުން ޚިޔާލުތަފާތުވާ ފަދަ މައުޟޫއުތަކަށް ހެކި ހިމެނިފައިވާ ލިޔުންތައް ކިޔާލުމަށް ދިނުމަށްފަހު، އެ މައުޟޫއުތަކަށް ބަހުސް ކުރުމަށް ދިނުމުން ވެސް، ތަހުލީލުތަކުގައި ބޭނުނުކުރެވުނު މީހުން ބުރަވެފައިވަނީ އެމީހަކު ޖެހިފައިވާ ކޮޅަކަށް ބުރަވާ މައުލޫމާތުތަކަށެވެ. ގަބޫލު ކުރާ ގޮތާ އިދިކޮޅު ތެދު މައުލޫމާތުތަކަށް ގިނަ މީހުން އަހަންމިއްޔަތު ކަމެއް ނުދެއެވެ. އަދި މި ދިރާސާތަކުން އެނގުނު ގޮތުގައި މީހަކު ގަބޫލުކުރާ ގޮތަކާ މެދު އިދިކޮޅަށް ހެކިތައް ދައްކަމުން ދާވަރަކަށް އެމީހަކު ގަބޫލު ގޮތް އިތުރަށް ވަރުގަދަވަމުން ދެއެވެ. މިއީ ކަންބޮޑުވާންޖެހޭ ފަދަ ކަމެކެވެ.

މިކަންތައް އިތުރަށް ގޯސްވެގެން ދަނީ މުޖުތަމައުގެ ތެރޭގައި ފެތުރޭ ހަގީގަތާ ޚިލާފް ވާހަކަތަކުގެ ސަބަބުންނެވެ. އިނގިރޭސި ބަހުން ބުނާމަ "ސްޕްރެޑް-ދަ-ލައި" އެވެ. އެއީ ދޮގެއް ގިނަގިނައިން ތަކުރާރުކޮށް ކަންފަތަށް އަޑު އިވެމުންދާނަމަ އާޚިރުގައި އެއީ ތެދެއް ކަމަށް ސިކުނޑީގައި ހަރުލާން ފެށުމެވެ. މިސާލަކަށް، ކަނޑައެޅިގެން ދޮގުތައް ފަތުރައިގެން މީހުންގެ ސިކުނޑިތަކާ ކުޅެލުމަކީ ޒަމާނީ ސިޔާސީ ހަރަކާތްތަކުގެ އެންމެ މުހިންމު އެއް ހަތިޔާރެވެ. މިގޮތުން ސިޔާސީ ލީޑަރުން، ވަކިކަމަކާ މެދު އާންމުން ދެކޭގޮތް ބަދަލުކުރުމަށް، ނުވަތަ ވޯޓުގެ ދުވަސްވަރު، މިފަދަ ޕްރޮޕެގެންޑާ ފަތުރައެވެ. މީގެ އެންމެ ހައިރާންކުރަނިވި ކަމަކީ މި މީހުންގެ މަސައްކަތް ކޮންމެވެސް ހިސާބަކުން ކާމިޔާބުވެގެން ދާކަމެވެ. އެހެނީ، މީހުންނަށް ގަބޫލުކުރެވޭނެ ފަދަ ވާހަކަތައް ހިމަނައިގެން ފެތުރޭ ދޮގުތައް ތަކުރާރުކޮށް މީހުންނަށް އަޑުއިވޭނަމަ، އެއީ ތެދުކަމަށް އާންމުންނަށް ގަބޫލުކުރެވެއެވެ.

ދުނިޔެދުށް އެންމެ އަނިޔާވެރި އެއް އިންސާނެއް ކަމަށްވާ އެޑޯލްފް ހިޓްލަރުވެސް ސިޔާސީގޮތުން މީހުން ވާވައްދަން ބޭނުންކުރީ ހަމަ މި އުކުޅެވެ. އަދި މީގެ އެންމެ ހައިރާން ވާންޖެހޭ ކަމަކީ މިގޮތުން ދޮގެއް އެއީ ތެދެއް ކަމަށް ގަބޫލު ކުރެވުމަށް ފަހު، ފަހުން ހެއްކާއި ގަރީނާތަކުގެ އަލީގައި އެއީ ހަގީގަތާ ޚިލާފް ވާހަކައެއްކަން އެނގިގެން ދިޔަނަމަވެސް، މީހުން ކުރީގައި ގަބޫލު ކުރަމުން އައި ގޮތް ބަދަލުނުވާ ކަމެވެ!

ކޮންމެއަކަސް، ތިމާ ގަބޫލުކުރާކުރުންތައް މުޖުތަމައުގައި ފަތުރާލެވޭ ވާހަކަތަކުގެ ނުފޫޒުން އެއްކިބާކުރެވިދާނެ ގޮތްތަކެއްވެސް އެބަހުއްޓެވެ. މިގޮތުން މީހުން ފަތުރާ ހަގީގަތާ ޚިލާފް ވާހަކަތަކުގެ ސިލްސިލާތަކާ މެދު ތިމާ އަމިއްލައަށް ވިސްނާށެވެ. އަދި އަމިއްލަ ނަފްސަށް ތެދުވެރިކަމާއެކު، ވަކިކޮޅަކަށް ޖެހުމުގެ ކުރިން ތިމާގެ ނިންމުންތައް ނިންމަން މެދުވެރިވި ސަބަބުތަކާ މެދު ފުންކޮށްވިސްނާށެވެ. ކަންތައްތަކާ މެދު ފުންކޮށް ވިސްނާ މީހުން އެމީހަކު ދެކޭގޮތަށް ތާއަބަދު ތަބާވެގެން ނުތިބޭނެއެވެ. އެމީހުން ތަބާވާނީ ހަގީގަތާއެވެ. އަދި އެމީހަކު ގަބޫލުކުރާ ކުރުންތަކާއި އިދިކޮޅަށް ހަގީގަތަށް ބުރަވެ މީހަކު ހެކިތަކެއް ދެއްކުމުން އެކަމާ މެދު ޖެހިލުންނުވެ، އާންމުންގެ ކުރިމަތީގައި ތިމާ ގަބޫލުކުރާކުރުންތައް ބަދަލުކުރުމުގެ ފުރުސަތު ހުޅުވާލުމަކީ ބުއްދިވެރިންނަށް ލިބިފައިވާ ނިއުމަތެކެވެ.

 

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.