Support Us

ކުރު ވާހަކަ: ޓެކްސީ ދުއްވާ މީހާއާއި އޭނާ ގަތް ކުއްތާ

ޓެކްސީ ދުއްވާ މީހާ އޭނާގެ ކާރު ދެކެ ވަރަށް ލޯބިވިއެވެ. ސަބަބަކީ އެއީ އޭނާގެ ރިޒުގުގެ މަސްދަރުވީމައެވެ. އޭނާއާއި އޭނާގެ އާއިލާގެ ދިރިއުޅުން ބިނާވެފައި އޮތީ އެ ކާރު ޓެކްސީކޮށްގެން ލިބޭ އެއްޗަކުން ކަމަށްވާތީއެވެ. އެހެންވެ، ދުވާލު ޓެކްސީ ކުރުމަށް ފަހު، ރޭގަނޑުގެ ބޮޑު ބައެއް ކާރަށް ފާރަލައިގެން އިނދެއެވެ. އޭނާގެ ކާރު ވަގަށް ގެންގޮސްދާނެތީއެވެ. ނޫނީ އެއަށް ގެއްލުމެއް ދީފާނެތީއެވެ.

މި ގޮތުގައި ދުވަސްތައް ހޭދަކުރަމުންދާ އިރު، ޓެކްސީ ޑުރައިވަރު ހުންނަނީ އަބަދުވެސް ވަރުބަލިވެފައެވެ. ދުވާލުދާ ހަތަރުދަމު މަސައްކަތްކޮށްފައި ރޭގަނޑު ހަމައަށް ނިދި ނުލިބޭތީއެވެ. މިވާހަކަ އޭނާގެ ރަހުމަތްތެރިޔަކު ގާތު ބުނުމުން، އެކަމަށް ހައްލެއް ހޯދައިދޭނެ ވާހަކަ ބުންޏެވެ. ދެން، ރަހުމަތްތެރިޔާ ޓެކްސީ ޑުރައިވަރަށް ފާރަވެރި ކުއްތާއެއް ގަނެވޭނޭ މަގު ފަހިކޮށްދިނެވެ. އަދި، އެ ކުއްތާ ގެނެސް ކާރު ބަލަހައްޓަން ގޭގައި ބޭންދިއެވެ.

ދުވަސްކޮޅެއް ފަހެވެ. ޓެކްސީ ޑުރައިވަރު އެއް ދުވަހު ހޭލިއިރު، އޭނާގެ ކާރެއް ނެތެވެ. މީހަކު އައިސް ކާރު ވަގަށް ގެންދިޔައީއެވެ. އެ މައްސަލަ ފުލުހުންނަށް ރިޕޯޓުކުރުމުން، އެކަން ތަހުގީގު ކުރުމުގެ ގޮތުން ޓެކްސީ ޑުރައިވަރުގެ ގެއަށް ފުލުހުން އައިސް އޭނައާ ސުއާލުކުރިއެވެ. ކުއްތާ ހޯދީ ކޮން ތާކުންތޯ އާއި އަދި، ފާރަވެރި ކުއްތާއާ ބެހޭ ގޮތުން، ކާރު ވަގަށް ގެންދިޔަ ރޭ އޭތި ވައްވައް ޖެހިތޯ ވެސް އެއްސެވެ. ކުއްތާ ގަތީ ކޮންތާކުން ކާކުއަތުން ކަން، ޓެކްސީ ޑުރައިވަރު ފުލުހުން ގާތު ބުންޏެވެ. އަދި، ކާރު ވަގަށް ގެންދިޔަ ރޭ ކުއްތާ ވައްވައް ޖަހައި ނުގޮވާ ވާހަކަ ވެސް ބުންޏެވެ. ދެން، އެހެންހޭ ބުނެފައި ފުލުހުން ދިޔައެވެ.

ދެން، ކުއްތާ ވިއްކި މީހާގެ ގެއަށް ފުލުހުން ވަގުތުން ދިޔައެވެ. އަދި، އޭނާގެ ގެއިން ޓެކްސީ ދުއްވާ މީހާގެ ކާރު ފެނުނެވެ. ދެން، ކުއްތާ ވިއްކި މީހާ ހައްޔަރުކޮށްގެން ގެންދިޔައެވެ. އަދި، ކާރު ގެންގޮސް އޭގެ ވެރި ޓެކްސީ ދުއްވާ މީހާއާ ހަވާލުކުރިއެވެ.

ޓެކްސީ ދުއްވާ މީހާ، އޭނާގެ ކާރު އެހާ އަވަހަށް ހޯދުމުން، ހައިރާން ވެގެން، އޭނާގެ ކާރު ހޯދީ ކިހިނެއްތޯ ފުލުހުން ކުރެން އެއްސެވެ. ޖަވާބުގައި ފުލުހުން ބުންޏެވެ. ކާރު ވަގަށް ގެންދިޔަ ރޭ، ކުއްތާ މަޑުމަޑުން އޮތީ، ކާރު ގެންދިޔައީ އޭތި ދަންނަ މީހަކަށްވީމައެވެ. ކުއްތާގެ ކުރީ ސާހިބު މީހާ އައުމުން، އޭނާއަކީ ކުއްތާއަށް ކާންދީ ބޮޑުކުރި މީހާ ކަމަށްވާތީ، ވައްވައް ޖަހައިނުގަނެ މަޑުމަޑުން އޮތީއެވެ. އޭތީގެ ވަލާއު، ވަފާތެރިކަމާއި ތެދުވެރިކަން، އޮތީ އަދިވެސް އޭތި ގިނަ ދުވަސްތަކެއް ވަންދެން ގެންގުޅެ ހޭނުވި މީހާއަށެވެ. ކުއްތާ ވިއްކި މީހާ ކަލެއަށް ކުއްތާ ވިއްކީކީ ނޫނެވެ. ކަލެއާ ހަވާލުކޮށްލީއެވެ. ކަލޭގެ ކިބައިން ވަކި ފައިދާއެއް ލިބިގަތުމުގެ އެދުމުގައެވެ.

މި ވާހަަކައިން ފާހަގަކޮށްލެވޭ ވަރަށް ވެސް މުހިއްމު ކަމެއް އެބަ އޮތެވެ. ވަލާއުގެ (އެލީޖިއަންސްގެ) މައްސަލައެވެ. މީހާ އެ ޖަމާއަތަކަށް ތެދުވެރިވެ ވަފާތެރިވާ ފަރާތަކީ ކޮބައި ކަމެވެ. ވާހަކައިގައި ކުއްތާގެ ވަފާތެރިކަން އޮތީ އޭތީގެ ކުރީގެ ވެރިމީހާއަށެވެ. އޭތި ބަލަހައްޓައި ކާންދީ ބޮޑުކުރި މީހަކީ އެއީ ކަމަށްވާތީއެވެ. ފަހަރެއްގައި ވެސް އޭގެ ފަހުގެ ސާހިބު މީހާއަކަށް ނޫނެވެ.

އާންމު ގޮތެއްގައި މުސްލިމު ގައުމުތަކުގައި ވެރިންނާއި ސިޔާސީ ވެރިންގެ ވަލާއު އޮންނަނީ މިފަދަ ގޮތަކަށެވެ. ވާހަކައިގައި ކުއްތާގެ ވަލާއު އޮތް ފަދަ ގޮތަކަށެވެ. އެހެން ގައުމުތަކަށް ބަލާލާއިރު، ޚާއްސަ ގޮތެއްގައި، ކުރިއަރާފައިވާ ގައުމުތަކަށް ބަލާލާއިރު، އެ ގައުމުތަކުގެ ވެރިންނާއި ސިޔާސީ ވެރިންގެ ވަލާއު އޮންނަނީ އެމީހުންގެ ގައުމަށެވެ. އެމީހުންގެ ގައުމުގެ ޖަމާއަތަށެވެ. މި ނޫން ގޮތަކަށް އެމީހުންގެ ވަލާއު އޮންނަ ނަމަ، އެމީހުންގެ ގައުމުގެ ވެރިންނަށް ނޫނީ ސިޔާސީވެރިންނަކަށް އެމީހުންނަކަށް ނުވެވޭނެއެވެ.

ނަމަވެސް، މުސްލިމު ގައުމުތަކުގައި ވަލާއުގެ މައްސަލަ އޮންނަނީ މިފަދައަކުން ނޫނެވެ. މުސްލިމު ގައުމުތަކުގެ ވެރިންނާއި ސިޔާސީ ވެރިންގެ ވަލާއު އޮންނަނީ އެމީހުންގެ އަމިއްލަ މަސްލަހަތާ ގުޅިފައެވެ. އެމީހުން ތެދުވެރިވެ ވަފާތެރި ވަނީ އެމީހުންގެ އަމިއްލަ މަސްލަހަތު ރައްކާތެރިކޮށްދޭ ބަޔަކަށެވެ. ގިނަ ފަހަރަށް މި ފަދަ ބަޔެއް ކަމުގައި އެމީހުންނަށް ބެލެވެނީ ބޭރުގެ ކޮންމެވެސް ބައެކެވެ. ސަބަބަކީ އެމީހުންގެ އަމިއްލަ ޖަމާއަތުގެ މީހުން، އެމީހުންގެ އަމިއްލަ ފައިދާއާއި މަސްލަހަތު ރައްކާކޮށްދީފާނެ ކަމާ މެދު ޝައްކުކުރެވުމެވެ.

ދެން، ވަރަށް ގިނަ ފަހަރު، އެމީހުންގެ އަމިއްލަ މަސްލަހަތު ދިފާއުކުރުމުގެ ބޭނުމުގައި ބޭރުގެ ގައުމުތަކާ ގުޅުން އުފައްދައި އެގައުމުތަކުގެ އަސްކަރީ ބާރުތަކުގެ މަރުކަޒުތައް އެމީހުންގެ އަމިއްލަ ގައުމުތަކުގައި ގާއިމުކުރުމަށް އެދި، އެކަން ކުރެއެވެ. މިފަދައިން ކަންތައް ކުރަނީ ފަހަރެއްގައި ވެސް، ތަނުގެ ފައިދާއާއި މަސްލަހަތަށްޓަކައެއް ނޫނެވެ. އެފަދައިން ކަންތައް ކުރާ މީހުންގެ އަމިއްލަ ޒާތީ މަސްލަހަތަށްޓަކައެވެ. އެމީހުންގެ ވެރިކަން ވީހާ ވެސް ދިގު މުއްދަތަކަށް ދަމަހައްޓައި އެކަމުން ލިބޭ ފައިދާތައް ލިބި ގަތުމަށްޓަކައެވެ. އާޚިރުގައި އެމީހުންވަނީ ބޭރުގެ ކޮންމެ ވެސް ބާރަކަށް ތަބާވާ ބައަކަށެވެ. އެމީހުންގެ ވަލާއު، ތެދުވެރިކަމާއި ވަފާތެރިކަން، އޮންނަނީ އެ ބާރަށެވެ. އެމީހުންގެ އަމިއްލަ ގައުމާއި އަމިއްލަ ޖަމާއަތަކަށް ނޫނެވެ. އާދެ، ވާހަކައިގައި ކުއްތާ، އޭތި ގެންގުޅެ ބެލެހެއްޓި މީހާއަށް، ވަފާތެރިވި ފަދައިންނެވެ!