Support Us

ކުރު ވާހަކަ: މިހެން ވެސް ކަންކަން ނިމިދެއެވެ.

އިބުރާހިމާ މަގުމަތިން އަންހެން ކުއްޖަކު ދިމާވެ، އިބުރާހިމަށް އޭނާ ވަރަށް ރީތިވިއެވެ. ދުވަސް ކޮޅެއް ވަންދެން އެކުއްޖާ ހިނގާ މަގުން އިބުރާހިމު ހިނގިއެވެ. އަދި، އޭނައާ މެދު ޚާއްސަ ގޮތަކަށް އިބުރާހިމު ދެކޭ ކަން އޭނާއަށް އެނގޭވަރު ކުރިއެވެ.

ދެން އިބުރާހިމު ގަސްދުކުރީ އެ އަންހެން ކުއްޖާގެ ގެއަށް ގޮސް، އެ ކުއްޖާގެ މައިންބަފައިންނާ ބައްދަލުކޮށް، އެކުއްޖާ ދެކެ އިބުރާހިމު ލޯބިވާ ވާހަކަ ބުނެ، އެކުއްޖާއާ ކައިވެނީގެ ގޮތުން ގުޅުމުގެ ވާހަކަ ދެއްކުމަށެވެ.

ކޮންމެއަކަސް، އިބުރާހިމު އެކުއްޖާގެ ގެއަށް ގޮސް އެ ކުއްޖާގެ ބައްޕައާ ބައްދަލުކޮށް ވާހަކަ ދެއްކިއެވެ. އެ ހިނދު، އެތަނުގައި އެކުއްޖާގެ އަންހެން ކޮއްކޮ ވެސް އިނެވެ. ދޭތެރެ ދޭތެރެއިން އޭނާ އިބުރާހިމާ ދިމާއަށް ބަލައިލައެވެ. އަދި، އޭނާގެ ލޮލުން އިބުރާހިމަށް އިޝާރަތްކޮށް ސަމާސާކުރާ ހެން ވެސް ހީވެއެވެ.

އޭގެ ދެތިން ދުވަސް ފަހެވެ. އިބުރާހިމު އިންނަން ބޭނުންވި އަންހެން ކުއްޖާގެ ކޮއްކޮ އިބުރާހިމާ ފޯނުން ގުޅިއެވެ. އަދި، ގެއަށް އައުމަށް ވެސް ދައުވަތު ދިނެވެ. އިބުރާހިމު އުފަލުން އެ ގެއަށް ދިޔައެވެ. ދެން، އެކޮއްކޮ އިބުރާހިމާ ބައްދަލުކޮށް އޭނާއަށް އެއްހާސް ރުފިޔާ ދެނިކޮށް އިބުރާހިމުގެ މިލްކަކަށް އޭނާ ވެދާނެ ވާހަކަ ވެސް ބުންޏެވެ.

ދެން، އިބުރާހިމު، އެގެއިން ނިކުމެގެން ހިނގައިގަތެވެ. މާ ދުރަށް ނުދެވި އުޅެނިކޮށް، އެކުދިންގެ ބައްޕަ އިބުރާހިމަށް ގޮވާލި އަޑު އިވުނެވެ. އޭނާ ބުނަމުން ދިޔައެވެ! "އިބުރާހިމާއެވެ! އިމްތިހާނުން ކަލޭ ފާސްވެއްޖެއެވެ! ކަލޭގެ އެދުމުގެ މަތިން، އަހަރެންގެ ދޮށީ ދަރިފުޅާ ކަލޭ ކައިވެނިކުރުމަށް އަހަރެން ރުހި ގަބޫލުވެއްޖައީމެވެ!"

މާގިނަ ދުވަސްތަކެއް ނުވެ، އެ ބައްޕަގެ ދޮށީ އަންހެން ދަރިފުޅާ އިބުރާހިމާ ކައިވެނި ކުރިއެވެ. އަދި އޭގެ ވިހި އަހަރު ފަހުން، އެ ރޭގެ ހަނދާން އިބުރާހިމު އާކޮށްލައި އޭނާގެ ހިތާހިތާ ބުންޏެވެ. "އެ ކޮއްކޮގެ ދައުވަތު ގަބޫލުކޮށް، އެ ރޭ އަހަރެން ދިޔައީ އަހަރެންގެ ސައިކަލު މަޑި ދަށުގައި އޮތް އެއްހާސް ރުފިޔާ ބަލާކަމެއް އެކަކު ކައިރީ ވެސް އަހަރެން ނުބުނަމެވެ!"

އާދެ، މިވެސް ބައެއް ފަހަރުފަހަރު ދިމާވާ ގޮތެކެވެ. ނުބައި މަގަކުން ތިމާ ހިންގަން ކަނޑައެޅިޔަސް، އެ މަގު ބަންދުވެ، ގުދުރަތުގެ އަތް ތިމާ ހެޔޮ މަގަށް އަޅުވައެވެ!