...

Support Us

ކޮލަމް މާޒީ: ތެދެއް ބުންޏަސް ގަބޫލުކުރާން އުނދަގޫވާ މިންވަރަށް ދޮގުހެދުން އާންމުވެފައި

މީހަކު ސަމާސާއަކަށް ހަދައިފައި ތިމަންނަ މަރުވާނީއްޔޭ، މިނިކާވަގު ތިމަންނަ ކައިލަނީއްޔޭ ގޮވައި، މީހުން އެއްކޮށް އެއީ ސަމާސާއެއްކަމަށް ބުނެ ހިނިގަނޑެއް ޖަހައިލި ވާހަކައަކީ ދޮގުހެދުމުގެ ނުރައްކާތެރިކަން ކުޑަކުދީންނަށް ވިސްނައިދޭން ކިޔައިދޭ ކުޑަކުދީންގެ ވާހަކައެކެވެ. އެ ވާހަކައިގައިވާ ގޮތުން ތިން ހަތަރު ދުވަހަކު އެ ގޮތަށް ކަންތައް ހިނގީމާ އޭގެ ފަހުން އޭނާ އެހެން ގޮވާ ގޮވުމަކީ ދޮގެއްކަމަށް އެންމެންނަށް ވެސް ގަބޫލުކުރެވުނީއެވެ. އެންމެފަހުން ހަގީގަތުގައި ވެސް މިނިކާވަގެއް އޭނާއާ ހަމަލަ ދިން ދުވަހަކު އެ ވާހަކަ ގޮވާން ފެށުމުން ދާނެ އެކަކު ވެސް ނުވީއެވެ. އެންމެން ވެސް ޔަގީންކޮށްގެން ތިބީ އެއީ ހަމަ އެހެން ދުވަސްދުވަހު ވެސް އޭނާ ސަމާސާއަކަށް ހަދައިގެން ގޮވާ ދޮގު ގޮވެލިފަތި ގޮވަނީ ކަމަށެވެ. ނަމަވެސް ފަހުން އެނގުނީ އެ ޙަމަލާގައި އެ މިނިކާވަގު އޭނާ ނޮޅައިލައިގެން ކައިލިކަމެވެ. އަދި އެދުވަހު އޭނާ ގޮވީ ތެދު ގޮވުމެއް ކަމެވެ.

އަޅުގަނޑު މި ދަންނަވައިލީ ކުޑަކުދީންގެ ވާހަކައެއްގެ ޚުލާސާއެކެވެ. ވާހަކައިން ލިބޭ ޢިބްރަތަކީ ދޮގުހެދުން ޢާންމު ވެއްޖެ މީހަކަށް، މީހުން ކުރާ އިތުބާރު ގެއްލޭނެކަމެވެ. އެ ފަދަ މީހަކު ތެދު ވާހަކައެއް ބުންޏަސް އަޑުއަހާ މީހަކަށް އެކަން އަމިއްލައަށް ސާބިތުވެފައި ނެތްނަމަ އެ ވާހަކަ ވެސް ގަބޫލެއްނުކުރެވޭނެކަމެވެ.

މި ވާހަކައާ އަޅުގަނޑުގެ މިއަދުގެ މައުޟޫޢާ ގުޅުވައިލައިގެން ލިޔާން ގަސްތުކުރީ، މިއަދު ދައުލަތުގެ ޒިންމާދާރު އެކިއެކި މަޤާމުތަކުގައި ތިއްބަވާ ބައެއް ބޭފުޅުން ހަމަ އެއްވެސް ފިކުރުފުޅެއް ޚިޔާލުފުޅެއް ނެތި ބޮޑެތި އިތުރުފުޅުތައް (ދޮގުތައް) ހައްދަވާތީ ގައުމުގެ ފަރުދެއްގެ ހައިސިއްޔަތުން އެ ކަމާ ހިތްދަތިވާތީއެވެ. ކަންބޮޑުވާތީއެވެ. އެހެނީ ދައުލަތުގެ ޒިންމާދާރު މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް އަޅުގަނޑުމެން އިތުބާރުކުރާން ބޭނުންވެއެވެ. އަޅުގަނޑަކީ ވެސް 42 އަހަރު ވަންދެން އެކި ފެންވަރުގެ އެކި މަގާމުތަކުގައި ދައުލަތަށް ޚިދުމަތްކޮށްފައިވާ މީހަކީމެވެ. މި ކަމުގެ ސަބަބުން އަޅުގަނޑު އަބަދު ވެސް ދައުލަތަށް ޤަދަރުކޮށް އިޙުތިރާމްކުރަމެވެ. އަދި މި ގޮތުގައި ދެމި ހުންނާން ބޭނުން ވެސް ވެއެވެ. ކޮންމެ ސަރުކާރެއް އޮތްނަމަވެހެވެ. ނަމަވެސް ދައްކަވާ ކޮންމެ ވާހަކަފުޅެއްގައި ކުރައްވާ ކޮންމެ މެސެޖެއްގައި އަދި ދެއްވާ ކޮންމެ ތަޤުރީރެއްގައި ފާޅުކަން ބޮޑު ގޮތެއްގައި އިތުރުފުޅުތައް (ދޮގުތައް) ހައްދަވާތީ، އެ ބޭފުޅުން ހަމަ އިޚުލާސްތެރިކަމާއެކު ވާހަކަފުޅެއް ވިދާޅުވިޔަސް ގަބޫލުކުރާން އުނދަގޫވާ ހިސާބަށް ދަނީއެވެ. މިއީ އަޅުގަނޑު ވަރަށް ހިތްދަތިވާ ކަމެކެވެ. މިއީ ގައުމީ ނަޒަރަކުން ބަލާއިރު ވަރަށް ގެއްލުން ބޮޑު، ނުރައްކާތެރި ކަމަކަށް ވާތީ ފަރުދެއްގެ ހައިސިއްޔަތުން ހަމަ ހިތްދަތިވަނީއެވެ. މި ވާހަކަ ލިޔެލާން އަޅުގަނޑުގެ ޒަމީރު އަޅުގަނޑަށް މަޖުބޫރުކުރީ މި ސަބަބާހުރެއެވެ.

މި ދެންނެވި ފަދަ އެތައް ދޮގުތަކެއް މީޑިއާގައްޔާއި މީސްމީޑިއާގައި އާންމު ނުވާ އެންމެ ދުވަހަކު ވެސް މި ބިމަށް އިރުގެ އަލިކަން ފޯރައިފައެއް ނެތެވެ. އަދި މި ފަދަ ބޭބޭފުޅުންގެ ތަގުރީރުތައް ދިރާސާކޮށްލުމުން ފާޅުކަން ބޮޑު އެތައް އިތުރުފުޅެއް (ދޮގުތަކެއް)، ހަގީގަތާ ޚިލާފު އެތައް ވާހަކައެއް، ނެތް އެންމެ ތަގުރީރެއް ވެސް ނުފެނެއެވެ. އަދި މި ދެންނެވި ފަދަ ބޭފުޅުން މި ފަދަ ހަގީގަތާ ޚިލާފު ވާހަކަފުޅުތައް ދައްކަވާއިރު، އެއީ ކަނޑައެޅިގެން އިތުރުފުޅެއްކަން، ހަގީގަތާ ޚިލާފު ވާހަކައެއްކަން އަޅުގަނޑުމެން ފަދަ އެންމެ އާދައިގެ މީހާއަށް ވެސް އެނގޭނެއެވެ. މި ފަދަ ފާޅުކަން ބޮޑު ހަގީގަތްތަކާ މެދުގައި ނޫނީ އެ ބޭފުޅުން އިތުރުފުޅު ހައްދަވާން ބޭނުންފުޅު ވެސް ނުވާ ކަހަލައެވެ.

މި ފަދަ އިތުރުފުޅުތައް ހެއްދެވުމުގެ ބޭނުންފުޅަކީ ކޮބައިތޯ ވިސްނައިވިސްނައި ވެސް ފުރިހަމަ ނަތީޖާއަކާ ހަމައަކަށް ނުދެވުނެވެ. އެ ކަމާމެދު ވިސްނުމުން އަޅުގަނޑުގެ ހިތުގައި އުފެދުނީ އިތުރު ސުވާލުތަކެކެވެ. މިއީ ސަރުކާރުގެ އިތުބާރު ރައްޔިތުންގެ ކިބައިގައި ކުޑަކުރާން ސަރުކާރުގެ ތެރެއިން ބަޔަކު ރާވައިގެން ކުރާ ކަމެއް ބާވައެވެ. އެ މަގުޞަދު ހާސިލުވެއްޖެ ނަމަ، އެ ގޮތަށް އެ އިތުރުފުޅު ހައްދަވާ ބޭފުޅުންނަށް ވެސް މުޅި ގައުމަށް ވެސް ލިބޭނީ ގެއްލުމެވެ. އެއީ ސިޔާސީ ގޮތުން ރައްޔިތުންނަށް އޮޅުވައިލައްވާން ދައްކަވާ ވާހަކަފުޅުތަކެއް ބާވައެވެ! އެހެންކަމަށް ވާނަމަ، އެންމެ އާދައިގެ މީހާއަށް ވެސް އެނގޭ ފަދަ ހަގީގަތްތައް ރައްޔިތުންނަކަށް އޮޅުވައެއް ނުލެވޭނެއެވެ. ނުވަތަ ތަޢައްޞުބުގެ ސަބަބުން ނުވަތަ ޙަސަދައިގެ ސަބަބުން އެ ވާހަކަފުޅު އެ ގޮތަށް ދައްކަވާ ބޭފުޅުންގެ ވިސްނުންފުޅަށް އުނިކަމެއް އައިސްފައިވަނީބާވައެވެ. އެހެންކަމަށް ވެއްޖެ ނަމަ، ދަންނަވާނޭ އެއްޗެއް ނޭނގެއެވެ. ޙަސަދައަކީ މީހާ ހަލާކުކޮށްލަނިވި ފަދަ ނުރައްކާތެރި ބައްޔެކެވެ. އެ އިތުރުފުޅުތައް ހައްދަވަނީ މި ދެންނެވި ސަބަބުން ކަމުގައިވާނަމަ، އެ ފަދަ ބޭފުޅުންނަށް ތެދުމަގު ދައްކަވައި ހެޔޮ ވިސްނުން ދެއްވައި އަވަސް ޝިފާއެއް ދެއްވުން އެދި ދުޢާކުރަމެވެ. ސިޔާސީއަކަށް ވުމަކީ "ދޮގުހަދާން" ލިބޭ ލައިސަންސެއް ނޫނެވެ. ސަމާސާއަކަށް ވެސް ދޮގުހެދުމަކީ އިސްލާމް ދީނުގައި ހުއްދަ ކަމެއް ނޫނެވެ.

އިސްވެ މި ދަންނަވައިލެވުނު ބާވަތުގެ އެތައް ހާސް އިތުރުފުޅުތަކުގެ ތެރެއިން ބައެއް ޢިބާރާތްތައް ނަކަލުކޮށްލާނަމެވެ. އަދި އެ ވާހަކަފުޅުތަކަކީ ހަގީގަތާ ޚިލާފު ވާހަކަފުޅުތަކަކަށް ވީ ސަބަބު ވެސް ދަންނަވައިލާނަމެވެ. އަޅުގަނޑު މި ނަކަލުކޮށްލާ ޢިބާރާތްތަކަކީ ދައުލަތުގެ އެކި ބާރުތަކާއި ދައުލަތުގެ ކުންފުނިތަކާއި މި ނޫން ވެސް އެކި އިދާރާތަކުގައި ޒިންމާދާރު މަގާމުތައް އަދާކުރައްވާ އެކިއެކި ބޭބޭފުޅުން ވިދާޅުވެފައިވާ ބަސްފުޅުތަކެކެވެ. އެއީ ކޮން ތާކު ކޮން ބޭފުޅަކު ވިދާޅުވި ވާހަކަފުޅެއްކަން އަޅުގަނޑު ބަޔާންކުރާން ބޭނުންނުވީ އަޅުގަނޑަކީ މީހުންގެ ޒާތަށް ޚިޠާބުކުރުން ފިޔަވައި މައްސަލައާއި މައްސަލައިގެ މައުޟޫޢަށް އިންސާފުކުރާ މީހަކަށް ވާތީއެވެ. އަދި އަޅުގަނޑުގެ ނިޔަތަކީ މި ކަންކަމާމެދު އެ ފަދަ ބޭފުޅުން ވެސް ވިސްނައި ވަޑައިގެން އިސްލާހުގެ މަގަށް ވަޑައިގަންނަވާން އިލްތިމާސްކުރުން ކަމަށް ވާތީއެވެ.

ދެން ހަގީގަތާ ޚިލާފު ވާހަކަފުޅުތަކުގެ ލިސްޓުން ކުޑަ މިންވަރެއް ވިދާޅުވެލައްވާށެވެ!

  1. "ޔާމީންގެ ވެރިކަމުގައި ބްރިޖެއް ނާޅާ!" ޒިންމާދާރު ބޭފުޅަކު މިހެން ވިދާޅުވިޔަސް މިއީ ކަނޑައެޅިގެން ހަގީގަތާ ޚިލާފު ވާހަކަފުޅެއްކަން މި ދިވެހިރާއްޖޭގެ ހަމަ ކޮންމެ ރައްޔިތަކަށް ވެސް އެނގޭނެއެވެ. ބުރިޖު އެޅުމުގެ މަސައްކަތަށް އެހީތެރިވާން އިންޑިއާގެ އެހީއަށް އޭރު ސަރުކާރުން އެދިވަޑައިގަތްކަމާއި އެ ކަމަށް އިންޑިއާ ސަރުކާރުން އެކަށީގެންވާ އިޖާބައެއް ނުދެއްވުމުން ސީނުކަރައިގެ އެހީ ހޯއްދަވާން ކުރެއްވި މަސައްކަތްޕުޅާއި އެކަމަށް އެއްބަސްވެ ދެ ގައުމުން ސޮއިކުރި ހިސާބުން ސީނުކަރައާއި ދިވެހިރާއްޖޭގެ ރައީސުން އެ ކަމަށް ދެއްވި އިސްކަމާއި، ދިރާސާކުރުމުގެ މަސައްކަތުން ފެށިގެން މަސައްކަތުގެ ނޫޗާޕާއި ޢަމަލީ މަސައްކަތް މެދު ކެނޑުމެއް ނެތި 24 ގަޑިއިރު ކޮށްގެން އެ މަސައްކަތް ތިން އަހަރުން ނިންމައި ރަސްމީކޮށް ބުރިޖު ހުޅުވައި އެ ތާ މަތީގައި މީހުން ކާވެނިކޮށް މީހުން ހިނގައި، އުޅަނދުފަހަރު ދުއްވައި ހަދާން ފެށީ ރައީސް ޔާމީންގެ ދައުރުގައިކަން އެހެން ވިދާޅުވި ބޭފުޅަކަށް ވެސް (ހަމަބުއްދިފުޅު ހުރި ނަމަ) އެނގިވަޑައިގަންނަވާނެއެވެ. ވީމާ އެއީ ދުވާލުގެ މެންދުރު އިރު ހާމައަށް ފެންނާން ހުއްޓައި އެއީ ރޭގަނޑެކޭ ބުނުން ފަދަ ފާޅުކަން ބޮޑު ނާހަގީގީ ވާހަކަފުޅެކެވެ.
  2. "އައިޖީއެމްއެޗްކައިރީ އިތުރު ޓަވަރެއް އެޅުމަކީ އެއްވެސް ކަމެއް ނޫން" ބޭފުޅަކު މިހެން ވިދާޅުވި އިރު ވެސް މިއީ ބޮޑު، ބުރަ އަދި އުނދަގޫ ކަމެއްކަން އެ ބޭފުޅަކަށް ވެސް އެނގިވަޑައިގަންނަވާނެއެވެ. މި ވާހަކައިގައި ހަގީގަތާ ޚިލާފުވީ "އެއްވެސް ކަމެއް ނޫނޭ" ވިދާޅުވި ވިދާޅުވުމެވެ. ތިމަން މަނިކުފާނަށް ވެސް ނުވާނޭ ކަމެއް ނޫނޭ ވިދާޅުވި ނަމަ، މުޅިއަކުން ހަގީގަތާ ޚިލާފު ނުވީސްކަން ނޭނގެއެވެ. ނަމަވެސް އެއީ މަދަނީ އިންޖިނޭރުކަމާއި މަސައްކަތްކުރާނެ ބަޔަކާއި އެ މަސައްކަތަށް ބޭނުންވާ ތަކެއްޗާއި ފައިސާ ގިނަ އަދަދަކަށް ބޭނުންވާނޭ ކަމެކެވެ. އެހެންކަމުން 25 ބުރީގެ ބޮޑު ބިޔަ ޓަވަރެއް އެޅުމަކީ އެއްވެސް ކަމެއް ނޫނޭ ވިދާޅުވުމަކީ ކަނޑައެޅިގެން ހަގީގަތާ ޚިލާފު ވާހަކަފުޅެކެވެ. އެއްވެސް ކަމެއް ނޫންނަމަ، ބަސްފުޅު ގިނަ ނުކުރައްވައި އެ ފަދަ ޓަވަރެއް އެޅުއްވީސްތާއެވެ. އެކުވެރި އިމާރާތުގައި ވެސް ބުރުޖު ޚަލީފާ ވެސް އެޅީތާއެވެ. އެހެންނަމަވެސް އެއީ އެއްވެސް ކަމެއްނޫންކަމަކަށް އެ މީހުންނެއް ވެސް ނުބުނެއެވެ. އެހެންކަމުން އެއީ ވެސް ހަގީގަތާ ޚިލާފު ވާހަކަފުޅެއްކަން ސާބިތުވެއެވެ.
  3. "މުޅި ދުނިޔެއިން ވެސް ރައްޔިތަކަށް އަސާސީ ޚިދުމަތް ފޯރުކޮށްދެއްވި ފުރަތަމަ ރައީސަކީ ރައީސް ޞޯލިހު" ދިވެހިރާއްޖެއަކީ ތަރައްގީވެފައިވާ ގައުމެއް ނޫނެވެ. ދުނިޔޭގައި ތަރައްގީވެ ކުރިއަރައިފައިވާ އެތައް ގައުމެއް އެބަހުއްޓެވެ. ތަރައްގީވެފައިވާ ގައުމަކަށް ވަނީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފުރިހަމަ ކޮށްދެވިގެންނެވެ. ވީމާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދީ ތަޢުލީމާއި ބޭސްފަރުވާއާއި ކަރަންޓާއި ބޯފެނާއި ގެދޮރުވެރިކަން ރައްޔިތުންނަށް ހިލޭ ފޯރުކޮށްދޭ ގައުމުތައް ވެސް ދުނިޔޭގައި އެބަހުއްޓެވެ. އަދި ކޮންމެ ރައްޔިތަކަށް ފައިސާއިން އެލަވަންސް ދޭ ގައުމުތައް ވެސް އެބަހުއްޓެވެ. މި ވާހަކައަކީ ހަމައެކަނި ރާއްޖެއަށް ނިސްބަތަކޮށް ވިދާޅުވި ވާހަކަފުޅެއް ނަމަ، ހަގީގަތް ނޭނގޭ ބައެއް ރައްޔިތުން ގަބޫލު ވެސް ކޮށްފީސްކަން ނޭނގެއެވެ. ނަމަވެސް މުޅި ދުނިޔެއަށް ނިސްބަތްކޮށް އެހެން ވިދާޅުވީ އެއީ ހަގީގަތާ ޚިލާފު ވާހަކަފުޅެއްކަން ރައްޔިތުންނަށް އެނގޭވަރުކޮށްލައްވާން ކަމަށް ވެދާނެއެވެ. ވީމާ، އެއީ ހަގީގަތާ ޚިލާފު ވާހަކަފުޅެއްކަން އެހެން ވިދާޅުވި ބޭފުޅަކަށް ވެސް ރަނގަޅަށް އެނގިވަޑައިގަންނަވަނީތާއެވެ. އަދި އެއްވެސް މީހަކު ގަބޫލު ނުކުރާނެ ވާހަކައެއްކަން އެ ވާހަކަ ވިދާޅުވި ބޭފުޅަކަށް ވެސް އެނގިވަޑައިގަންނަވާނެއެވެ.
  4. "ރައީސް ނަޝީދަކީ ދީން ފަތުރާން މަސައްކަތްކުރެއްވި ހާއްޖީއެއް" މި ވާހަކައިގައި ކޮން ދީނެއް ކަމެއް ވިދާޅުވެފައި ނުވާތީ ޢިބާރާތުގެ އެބައި އެއީ ތެދަކަށް ވެސް ވެދާނެއެވެ. އެކަމަކު އެ އިޝާރާތްކުރައްވަނީ އިސްލާމްދީނަށް ކަމަށް ވާނަމަ އެއީ ހަގީގަތެއް ނޫނެވެ. އަދި "ހާއްޖީ"މި ލަފުޒުން ގަސްތުކުރައްވާ މާނައަކީ ޙާޖީ (ޙައްޖުގެ އަޅުކަން އަދާކޮށްފައިވާ މީހާ) ކަމަށް ވާނަމަ އެއީ ވެސް ފާޅުކަން ބޮޑު އިތުރުފުޅެކެވެ. (ކަނޑައެޅިގެން ދޮގެކެވެ.) މި ކަން ރާއްޖޭގެ އެންމެންނަށް އެނގޭނޭ ފަދައިން އެހެން ވިދާޅުވި ބޭފުޅަކަށް ވެސް އެ ކަން އެނގިވަޑައިގަންނަވާނެއެވެ. ވީމާ އެއީ ރައީސް ނަޝީދަށް ނުސީދާކޮށް ކުރެއްވި މަލާމާތަކަށް ވެސް ވެދާނެއެވެ. ކޮންމެ މަގުޞަދެއްގައި ވިދާޅުވި ވާހަކަފުޅެއްކަމަށް ވިޔަސް ރައީސް ނަޝީދަކީ "ޙާޖީއެއް"ކަމަށް ވިދާޅުވި ވާހަކަފުޅަކީ ހަގީގަތާ ޚިލާފު ވާހަކައެއްކަން، ބޮޑު ދޮގެއްކަން، ރާއްޖޭގެ އެންމެންނަށް ވެސް އެނގޭނެއެވެ.
  5. "ގޮނޑިތައްދީ، ބުނި ކޮންމެ ކަމެއް ކޮށްދޭނަން." މިއީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކެންޕޭނުތެރޭގައި އާބާދީ ބޮޑު އަތޮޅެއްގެ ރައްޔިތަކާ މުޚާޠަބުކުރައްވައި ބޭފުޅަކު ވިދާޅުވި ވާހަކަފުޅެކެވެ. މިއީ މުސްތަޙީލުކަމެއްކަން އެހެން ވިދާޅުވި ބޭފުޅަކަށް ވެސް އެނގިވަޑައިގަންނަވާނެއެވެ. ސަބަބަކީ ބުނި ކޮންމެ ކަމެއް ކޮށްދިނުމަކީ އެކަކަށް ވެސް ކުރެވޭނެ ކަމަކަށް ނުވާތީއެވެ. އަދި އަދަށް ދާނދެން ވެސް އެ އަތޮޅުގައި ކުރެވޭވަރުގެ ކަންކަން ވެސް ހުރީ ނުކުރެވިއެވެ. ވީމާ އެއީ ފުއްދަވާން ވެވަޑައިގަތް ވައުދެއް ކަމަކަށް ވެސް ނުވެއެވެ. ވީމާ މިއީ ވެސް ކަނޑައެޅިގެން އިތުރުފުޅެކެވެ. (ބޮޑު ދޮގެކެވެ.)
  6. "އިންޑިއާ އައުޓް ކެމްޕޭން ހިންގަނީ ސަރުކާރަށް ތާއީދު އިތުރުވާތީ." މިއީ ވެސް ހަގީގަތާ ޚިލާފު ވާހަކައެކެވެ. އެހެނީ ސަރުކާރަށް ތާއީދު އިތުރުވުމާއި މަދުވުމާ މި ޝިޢާރަކާ ގުޅުމެއް ނެތެވެ. މި ޝިޢާރު އުފުލަނީ، ރާއްޖޭގެ އަމިއްލަވަންތަކަމަށް ލޯބިކުރާ މީހުންނެވެ. އަދި މި ފަދަ މީހުން ސަރުކާރަށް ތާއީދު އިތުރުވާކަމަކަށް ގަބޫލެއް ވެސް ނުކުރެއެވެ. ހަމަ މިފަދައިން ސަރުކާރަށް ވެރިކަމަށް އާދެވުނީ ރައްޔިތުންގެ ތާއީދުން ކަމަކަށް ވެސް އެ މީހުން ގަބޫލެއް ނުކުރެއެވެ. އެހެންވީމާ، ސަރުކާރަށް ރައްޔިތުންގެ ތާއީދު ނެތްކަމަށް ގަބޫލުކުރާ ބަޔަކު، ސަރުކާރަށް ތާއީދު އިތުރުވާތީ ކަންބޮޑުވެގެން، ކަމެއް ކުރާކަށް ނޫޅޭނެއެވެ. މިއީ މަންޠިގީ ހަމައިން އެންމެންނަށް ވެސް އެނގޭނެ ކަމެކެވެ. އަދި ސަރުކާރަށް ތާއީދު އިތުރުވާނަމަ، މަދު ދެތިން "ކެނައަކު" އުފުއްލާ އެފަދަ ޝިޢާރަކުން ސަރުކާރު ކަންބޮޑެއް ނުވާނެތާއެވެ. ނަމަވެސް ފެންނަނީ، ސަރުކާރު އެ ކަމާ ކަންބޮޑުވެ، ސަރުކާރުގެ ބޮޑުން އެ ކަމާ ގުޅޭ ގޮތުން ދެކޮޅު ނުޖެހޭ އެތައް ވާހަކަފުޅެއް ދައްކަވާ ތަނެވެ. އެހެންވީމާ މިއީ ވެސް ހަގީގަތާ ޚިލާފު ވާހަކަފުޅެއްކަން އެބަ ސާބިތުވެއެވެ.
  7. "ޑްރަގާ ދެކޮޅަށް މަސައްކަތްކުރާތީ ކަންބޮޑުވާ ބަޔަކު އެބަ އުޅޭ." އަމަލުވާ ތަކެތީގެ މައްސަލައަކީ ޣައިރުމުސްލިމުން ވެސް ކަންބޮޑުވާ މައްސަލައެކެވެ. ނަމަވެސް ވޭތުވެ ދިޔަ ކައިރި މާޒީއަށް ބަލާއިރު ވެސް އަމަލުވާ ތަކެއްޗާ ދެކޮޅަށް މަސައްކަތްކުރައްވާ ކަމަށް ވިދާޅުވާ އަޑު އިވުން ފިޔަވައި މާބޮޑު ޢަމަލީ މަސައްކަތެއް ނުފެނެއެވެ. މަގުމައްޗަށް ބަލައިލުމުން ވެސް ފެންނަނީ މި ހަގީގަތެވެ. ވީމާ، ރައްޔިތުން ކަން ބޮޑުވަނީ މަސްތުވާތަކެތި އެތެރެކުރާ މީހުންގެ ބޮޑެތި ވިޔުގަތައް ފުލުހުން ހޯދި ކަމުގައި ވިޔަސް ފިޔަވަޅު ނޭޅި "އުންސުރު ހަމަނުވާތީ" ދޫވާ ތަން ފެންނާތީއެވެ. ރައްޔިތުން ކަންބޮޑުވަނީ، މި އިސްލާމީ މުޖުތަމަޢުގައި މަސްތުވާ ތަކެތި ބޭނުންކުރުން އިތުރުވާތީއެވެ. އެ ކަން ހުއްޓުވުމަކީ ރައްޔިތުން އުފާވާނޭ އަދި ތަރުޙީބު ދޭ ކަމެކެވެ. ޑްރަގާ ދެކޮޅަށް މަސައްކަތްކުރާތީ ކަންބޮޑުވާ ބަޔަކު އުޅޭކަމަށް ވިދާޅުވާ ނަމަ އެ ބަޔަކު ހާމަކޮށްދެއްވާން ވާނެއެވެ. އެ ފަދަ މީހުން ކަންބޮޑުވާ ކަމަށް ވިދާޅުވި ސަބަބު ވެސް ވިދާޅުވެދެއްވޭން ވާނެއެވެ. ވީމާ މިއީ ވެސް އެއްވެސް އަސާސެއްގެ މައްޗަށް ވިދާޅުވެފައިވާ ވާހަކަފުޅެއް ނޫންކަން ވަރަށް ސާފެވެ. ވީމާ އެއީ ވެސް ކަނޑައެޅިގެން ދޮގެކެވެ.
  8. "ދަރުމަވަންތަ ހޮސްޕިޓަލާއެކު އައިޖީއެމްއެޗްގެ ކިޔޫ ދިގުވުން ނޫން ކަމެއް ނުވާނެ." ކޮވިޑް19ގެ އެންމެ ގޯސް ޙާލަތުގައި އަޅުގަނޑުމެންނަށް އެންމެ ބޮޑު އެހީތެރިކަމެއް ލިބުނީ ދަރުމަވަންތަ ހޮސްޕިޓަލް އިމާރާތްކުރެވިފައި ހުރީތީއެވެ. މި ކަން ރާއްޖޭގެ ގިނަ ރައްޔިތުން ގަބޫލުކުރެއެވެ. ކޮވިޑުން އަރައިގަތުމަށް ޓަކައި ލިބުނު އެންމެ މުހިންމު ވަސީލަތަކަށްވީ ސިނަމާލޭ ބުރިޖާއި ދަރުމަވަންތަ ހޮސްޕިޓަލެވެ. މި ހަގީގަތް ދިވެހީން ވަނީ ތަޖުރިބާ ކޮށްފައެވެ. އަދި "ޝާހީ" ބޭފުޅުންނަށް ވެސް ކޮވިޑަށް ފަރުވާ ދެވުނީ އެ އިމާރާތުގައެވެ. އެހެންވީމާ ކިޔޫ ދިގުވުން ނޫން ކަމެއް ހަމަ ގައިމު ވެސް މި އޮތީ ވެފައެވެ. އެހެންކަމުން އެއީ ވެސް ހަގީގަތާ ޚިލާފަށް ވިދާޅުވެފައިވާ ވާހަކަފުޅެއްކަން ވަރަށް ސާފެވެ.
  9. "އެމްޑީޕީ ފިޔަވައި ށ. ކޮމަންޑޫއަށް ކަމެއް ކޮށްދިން ބަޔަކު ނޫޅޭ." "ޝަމްސުއްދީންގެ ވެރިކަމަށް ފަހު މިއަދާ ހަމައަށް ގާބުރިއެއްހާ މިންވަރު ވެސް ކޮމަންޑުއަށް އިތުރުވެފައި އޮތީ އެމްޑިޕީއަށް ވެރިކަން ކުރާން ލިބުނު ފުރުސަތުގައި." "ޗެލެންޖްކޮށްފައި މި ދަންނަވަނީ އެހެން އެއްވެސް ވެރިކަމެއްގައި ވީ ކަމެއް ނޯންނާނެ." ރައްޔިތު އެންމެންނަށް އެނގޭ މިފަދަ ބޮޑެތި އިތުރުފުޅުތައް (ދޮގުތައް) މި ހައްދަވަނީ ސަރުކާރުގައި ތިއްބަވައި ސަރުކާރަށް މަލާމާތްކުރައްވާންބާވައޭ ހިތަށް އަރައެވެ. އެހެނީ ށ. އަތޮޅު ތައުލީމީ މަރުކަޒުގެ ޢިމާރާތް ބިނާކުރީ ކޮން ވެރިކަމެއްގައިކަން ހަމަ ގައިމު ވެސް ކޮމަންޑޫ ރައްޔިތުންނަށް އެނގޭނެތާއެވެ. ސިއްޙީ މަރުކަޒު ބިނާކުރީ ވެސް ރައީސް މައުމޫންގެ ޒައާމަތުގައެވެ. އެ ރަށުގެ ފެނުގެ ނިޒާމަކީ ސިޔާސީ ޕާޓީތައް އުފެދުމުގެ މާކުރީން ގާއިމުކޮށްފައިވާ ނިޒާމެކެވެ. ރައީސް ޔާމީންގެ ޒައާމަތުގައި ކޮމަންޑުއަށް ވުރެ ބޮޑު ބިމެއް ހިއްކައިގެން ކޮމަންޑުއަށް އިތުރުކޮށްދީ އެ ވެލިހަނޑުގައި ބޮޑުހިލަ ޖަހައިފައިވެއެވެ. ސިއްޙީ މަރުކަޒު އިތުރަށް ތަރައްގީކޮށް ށ. އަތޮޅު ތަޢުލީމީ މަރުކަޒަށް ދެބުރި ޢިމާރާތެއް އެ ދައުރުގައި ވަނީ އިތުރުކޮށްދެއްވައިފައެވެ. އަދި ރައީސް ޔާމީންގެ ދައުރު ނިމުނީ، ކުރީން އޮތް ނަރުދަމާ ނިޒާމު ހަލާކުވެފައިވާތީ އެ ނިޒާމު މަރާމާތުކުރުމުގެ މަސައްކަތް ވެސް ބަޔަކާ ހަވާލުކޮށްފައި ވަނިކޮށެވެ. މި ނޫނަސް ކިތަންމެ ކަމެއް ކުރީގެ ސަރުކާރުތަކުން ވަނީ ކޮމަންޑޫއަށް ކޮށްފައެވެ. އެހެންކަމުން، "އެމްޑިޕީ ފިޔަވައި ށ. ކޮމަންޑޫއަށް ކަމެއް ކޮށްދިން ބަޔަކު ނޫޅޭ" ކަމަށް ވިދާޅުވުމަކީ ހަގީގަތާ ޚިލާފު ވާހަކަފުޅެއްކަން ކޮމަންޑޫ ކޮންމެ ރައްޔިތަކަށް ވެސް އެނގޭނެއެވެ.
  10. "ބޭރުން ކިތަންމެ ރީއްޗަސް ދަރުމަވަންތަ ހޮސްޕިޓަލަކީ ހޮހޮޅައެއް." އެ ޢިމާރާތަށް ވަދެ އެ ތަނުން ޚިދުމަތް ހޯދުމުގެ ފުރުޞަތު ލިބެންދެން އަޅުގަނޑު ވެސް ހީކުރީ އެއީ ތެދެއް ކަމަށެވެ. ނަމަވެސް އެ ތަނަށް ވަދެ އެ ތަނުން ޚިދުމަތް ހޯދި ކޮންމެ މީހަކަށް ވެސް މިއީ ގަހީގަތާ ޚިލާފަށް ބޭފުޅަކު ވިދާޅުވި ވާހަކަފުޅެއްކަން އެނގޭނެއެވެ. އެ އިމާރާތުގެ އިތުރު ތަޢާރަފެއް އެކަކަށް ވެސް ބޭނުމެއް ނުވާނެއެވެ. އެއީ އެހައި ވެސް ފުރިހަމަ ބިނާއެކެވެ. ވީމާ، މިއީ ވެސް އެއްވެސް އަސާސެއްގެ މައްޗަށް ބިނާނުކުރައްވައި ހަމަ މުޠުލަޤަށް ހެއްދެވި އިތުރުފުޅެކެވެ. ބޮޑުވެގެންވާ ދޮގެކެވެ.
  11. "ހިޔާ ފްލެޓްތަކަކީ ބޭރުން ބަލައިލާން ރީތި ނަމަވެސް އެތެރެއަށް ބަލާއިރު އެއީ ކޮތަރުކޮށިތަކެއް." މިހެން ވިދާޅުވި ބޭފުޅަކު މިހެން ވިދާޅުވީ ހަގީގަތާ ޚިލާފަށް ކަމަށާއި އެހެން ވިދާޅުވީ އެ ފުލެޓްތަކާ މެދު މީހުން ފޫހިކުރުވުމަށް ޓަކައިކަން އެނގެނީ މި ފްލެޓްތައް ދޭން ކުރީ ސަރުކާރުން ހޮވައި ޔަގީންކަންދީ ލިޔުންދީފައި ތިބި އެތައް ބަޔަކު ފުލެޓް ލިބުމުން މަޙުރޫމުކޮށް އެހެން ވިދާޅުވާ ބޭފުޅުންގެ އެއްބަނޑުއެއްބަފާ އުޚުތުންނާއި ގާތްތިމާގެ މީހުންނަށާއި ތަނަވަސްކަން ހުރި އެތައް ބަޔަކަށް ވެސް އެ ތަންތަން ފަހުން ދީފައިވާތީއެވެ. އަދި އެ ތަންތަނަށް ދިޔަ މީހުންގެ ޝުޢޫރުތަކުން އެ ތަނާ މެދު ހިތްހަމަޖެހޭކަން ފާޅުކުރަމުން ގެންދާތީއެވެ. ވީމާ އެއީ ވެސް ހަގީގަތާ ޚިލާފު ދޮގެކެވެ.
  12. "ސައުވީސް ގަޑި އިރު ކަރަންޓް ޔަގީންކޮށްދެއްވި ވެރިޔަކީ ރައީސް ސޯލިހު." މިއީ ހަގީގަތާ ޚިލާފު ވާޙަކައެއްކަން އަދި ދިވެހީން ހަނދާން ނެތޭހާ ދުވަހެއް ނުވެއެވެ. ރައީސް ޔާމީންގެ ދުވަސްވަރު ސިޔާސަތެއްގެ ދަށުން ހުރިހާ ރަށެއްގައި 24 ގަޑިއިރަށް ކަރަންޓް ގާއިމުކުރެއްވިއެވެ. އަދި ފެނާއި ކަރަންޓްގެ އަގު މާލެއާއި އަތޮޅުތަކުގައި ހަމަހަމަކޮށްދެއްވިއެވެ. އަދި އެ ދުވަސްވަރު މާލޭގެ އެއްވެސް ސަރަހައްދަކުން ކަރަންޓް ކެނޑުނަސް މަގުމަތީގައި އެކަމަށް މަލާމާތްކޮށް ސައިކަލު ދުއްވި ދުއްވުމުން އެނގެނީ، މިއަދު އެ ހަގީގަތް އޮޅުވައިލެވޭތޯ އުޅޭ މީހުން ވެސް، ރައީސް ޔާމީންގެ އެ ސިޔާސަތު ބަލައިގަތްކަމެވެ. އަދި ސިނަމާލޭ ބުރިޖު އަޅައި ބުރިޖު މެދުވެރިކޮށް މާރޭ ސަރަހައްދު ކަރަންޓް ވިޔުގަޔަކުން ގުޅައިލުމުގެ މަސައްކަތް ފަށައި ހުޅުމާޅޭގައި ބިޔަ އިންޖީނުގެޔެއް ވެސް ކުރީ ސަރުކާރުން ގާއިމުކުރިކަމީ ދެބަސްވެވޭން ނެތް ހަގީގަތެކެވެ.
  13. "ވެރިކަމުގެ 3 އަހަރު 100 އަށް ވުރެ ގިނަ މިސްކިތް ބިނާކުރި." ކާކުގެ ވެރިކަމެއްގެ ތިން އަހަރުކަން ސާފު ނުވިޔަސް، ތަފާސްހިސާބުތަކުން ފެންނަ ގޮތުގައި އެއްވެސް ވެރިކަމެއްގެ ތިން އަހަރު ދުވަހުގެ ތެރޭގައި 100 މިސްކިތް މި ރާއްޖޭގައި ބިނާކޮށްފައެއް ނުވެއެވެ. މިކަން އެއްވެސް ތަފާސްހިސާބަކުން ފެންނާކަށް ނެތެވެ. އެހެންކަމުން މިހެން ވިދާޅުވި ބޭފުޅަކު އެ ތިން އަހަރު ނިސްބަތްކުރެއްވީ ކޮންމެ ވެރިކަމެއްގެ ތިން އަހަރަކަށް ކަމަށް ވިޔަސް އެއީ ހަގީގަތާ ޚިލާފު ވާހަކައެކެވެ.
  14. "އެމްޑީޕީ ނޫން ސަރުކާރެއް ރާއްޖޭގައި އުފެދުމަށް ރައްޔިތުން ނޭދޭ." މި ބުނެވެނީ ހަގީގަތުގައި ރައްޔިތުންގެ ނިސްބަތުގައި ވަރަށް ވެސް ބޮޑު ބަދު ބަހެކެވެ. އޭގެ މާނައަކީ ގިނަ ޕާޓީތައް އެކުލެވޭ ޑިމޮކްރެސީއެއް ރާއްޖޭގެ ރައްޔިތުން ބޭނުން ނުވާ ވާހަކައެކެވެ. ނަމަވެސް "ރައްޔިތުން" މާނަކުރަނީ ރާއްޖޭގެ ހުރިހާ އެންމެންނަށް ކަމަށް ވާއިރު، އެމްޑީޕީ ފިޔަވައި ދެން ހުރި ޕާޓީތަކުގެ މެންބަރުން ހަމަ ގާއިމުވެސް އެދޭނީ އެ މީހަކު ނިސްބަތްވާ ޕާޓީއެއްގެ ސަރުކާރެއް އުފެދޭށެވެ. މިއީ ހަމަބުއްދި ހުރި ކޮންމެ މީހަކު ވެސް ގަބޫލުކުރާނެ ހަގީގަތެކެވެ. ވީމާ މިއީ ވެސް އެއްވެސް އަސާސެއް ނެތް އިތުރުފުޅެކެވެ. ބޮޑޫވެގެންވާ ދޮގެކެވެ.
  15. "ވާދަވެރީން ވައުދުވަމުން އަންނަނީ ކޮމަންޑޫއާއި ރާއްޖެތެރެ އުވާލާނެ ކަމަށް." ވާދަވެރީންނަކީ ކޮން ބަޔެއްކަން ބަޔާން ކުރައްވައިފައި ނުވިޔަސް އެ ފަދަ ވައުދެއް އެއްވެސް ބަޔަކު ކޮށްފައެއް ނުވެއެވެ. އެ ފަދަ ވައުދެއް ބަޔަކު ވީ ނަމަ، އެ ވައުދެއް (ލިޔުމުން) ދައްކާން ނުވަތަ (އަޑުން) އިއްވާންވާނެއެވެ. އަދި ކޮމަންޑުއާއި ރާއްޖެތެރެ އުވައިލުމަކީ ރާއްޖެ ދެމި އޮތްހާ ދުވަހަކު ކުރެވޭނެ ކަމެއް ވެސް ނޫނެވެ. އެހެނީ ރާއްޖެ ރާއްޖެއަކަށް ވަނީ "ރާއްޖެތެރެ" ހިމަނައިގެންނެވެ. ވީމާ މިއީ ވެސް އެއްވެސް ވިސްނުންފުޅެއް ނެތި ޖަޒުބާތުގައި ވިދާޅުވެފައިވާ ހޮޅި ވާހަކަފުޅެއްކަން ވަރަށް ސާފެވެ. އަސާސެއް ނެތް ބޮޑު ދޮގެކެވެ.
  16. "އިންޓަރނެޓް ސްލޯވެގެންނާއި އަގުބޮޑުވެގެން މިހާރު އެކަކު ވެސް ނޫޅޭ." މިއީ ހަގީގަތާ ޚިލާފު ވާހަކެއްކަން ރާއްޖޭގެ ގިނަ ބަޔަކަށް އެނގޭނެއެވެ. ހަމަ ގައިމު ވެސް އިންޓަރނެޓް ބޭނުންކޮށްގެން އަޅުގަނޑުމެން މަސައްކަތްކުރާ ގިނަ ދުވަހު އަޅުގަނޑުމެންގެ މަސައްކަތް ލަސްވަނީ އިންޓަނެޓް ސްލޯ (ލަސް)ވެގެންނެވެ. އަދި ބޭންކް ޓްރާންފާރ ކުރާ އިރު ވެސް ވަރަށް ގިނަ ފަހަރު މި މައްސަލަ ދިމާވެފައި އެބަހުއްޓެވެ. އެހެންވީމާ އެއީ ތެދެއް ނޫންކަން ހަމަ ގައިމު ވެސް އަޅުގަނޑަށް އެނގެއެވެ.
  17. "ކޮމަންޑޫ ދާއިރާގެ ގޮނޑި މިހާރު ވެސް އެމްއެންޕީއަށް ލިބިއްޖެ." މިހެން އެ ވިދާޅުވީ އެ ދާއިރާގައި ހުރި އަދަރާދަގޮނޑިއެއް ލިބިވަޑައިގެން ކަމަށް ވާނަމަ އެއީ ތެދަކަށް ވެދާނެއެވެ. ނަމަވެސް އެ އިޝާރާތްކުރެއްވީ އެ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ލިބުން ކަމަށް ވާނަމަ އެއީ އެންމެންނަށް އެނގޭ ބޮޑު ދޮގެކެވެ. އެހެނީ އިންތިޚާބު ބާއްވާން އޮތީ ވެސް މި ފެށޭ ފެބްރުވަރީ މަހު ފަސްވަނަ ދުވަހުއެވެ. އެ ބޭފުޅަކު އެހެންވިދާޅުވީ މި ޖަނަވަރީ މަހު 10 ގައެވެ. އަދި އެހެން ވިދާޅުވީ އެ ދާއިރާގެ އިންތިޚާބު ކާމިޔާބުކުރެއްވޭނެ ކަމުގެ ޔަގީންކަން އޮތީމާ ކަމަށް ވާނަމަ ވެސް އެ ހެއްދެވީ އިތުރުފުޅެކެވެ. އެހެން ގޮތަކުން ވެސް އެ ގޮނޑި ލިބިވަޑައިގެންފައި ވާނަމަ، އެ ދާއިރާގައި ބަޑަހަޖައްސަވައިގެން މިހާރު އުޅުއްވާނެ ކަމެއް ނެތްތާއެވެ. ވީމާ މިއީ ވެސް ހަމަ ހަގީގަތާ ޚިލާފަށް ވިދާޅުވި ވާހަކަފުޅެކެވެ.
  18. އިދިކޮޅު ޕީޕީއެމްގެ ވިސްނުމަކީ ރާއްޖޭގެ ރަށްތައް ފަޅުކޮށް ބޭރުގެ ފަރާތްތަކަށް އެ ރަށްތައް ވިއްކައިލުން". މިއީ ވެސް ހަމަ އެއްޗެއް ވިދާޅުވާން ނުވަތަ ވިދާޅުވާނެ ވިދާޅުނުވާނެ އެއްޗެއް އެނގިވަޑައިނުގެން ހާސްކަމާއި ޖަޒުބާތުގައި ވިދާޅުވި ވާހަކަފުޅެއްކަން އެންމެންނަށް ވެސް ޔަގީނެވެ. އެހެނީ، މިހެން ވިދާޅުވިތާ ދެތިން ދުވަހުގެ ތެރޭގައި ރާއްޖޭގެ 18 ފަޅުރަށެއް ވިއްކައިލާން އިޢުލާނުކޮށްފިއެވެ. ޕީޕީއެމް ވެރިކަމުގައި ޗައިނާއަށް ރަށްރައް ވިއްކަނީއޭ ގޮވައި ދޮގުތައް ހެދިޔަސް އެއީ އެއްވެސް އަސްލެއް ނެތް ވާހަކަތަކެއްކަން އެންމެންނަށް މިހާރު އެނގޭނެއެވެ. އަދި އެއްވެސް ކުންފުންޏެއް ވެސް އެ ޕާޓީގެ ވެރިކަމުގައި ވިއްކައިލައި ކުއްޔަށް ދީ ހަދައިފައެއް ވެސް ނެތެވެ. އެ ހަގީގަތް މިއަދު އެންމެންނަށް ވެސް އެނގޭނެއެވެ. އެހެންކަމުން މިއީ ވެސް ހަމަ އެނގިވަޑައިގެން ތިއްބަވައި ގަސްތުގައި ރައްޔިތުނަށް އޮޅޭނެ ކަމަށް ހީފުޅުކޮށް ހައްދަވާ ބޮޑެތި އިތުރުފުޅެވެ. ދޮގެވެ.
  19. "ޢަލީ ވަޙީދު ރާއްޖެ ގެނައުން ލަސްވަނީ އިނގިރޭސި ބަހުން ކޯޓު އަމުރެއް ނުލިބިގެން." މިއީ ދައުލަތުގެ ބާރުގަދަ މުއައްސަސާއެއްގެ ބަހެވެ. އަޅުގަނޑުމެން ހީކުރީ ތެދެއް ކަމަށެވެ. ނަމަވެސް މި ބަޔާނާ ގުޅިގެން އެ އިޝާރާތްކުރެއްވި ކޯޓަކުން ވިދާޅުވީ "ޢަލީ ވަޙީދުގެ ހައްޔަރު އަމުރުގެ ތަރުޖަމާއަކަށް…. ނޭދޭ" ކަމަށެވެ. އެހެންވީމާ މިތަނުން ތެދެއް ދޮގެއް ވަތްކެއް ނުވިއެވެ. އިތުބާރުކޮށްފައި ނުކުރާނީ ކޮން ވާހަކައަކަށް ކަމެއް ނޭނގުނެވެ. ޔަގީންވާ ކަމަކީ ކޮންމެވެސް އެއް އިދާރާއެއްގެ ވާހަކަ އެއީ ދޮގެއްކަމެވެ. ނަތީޖާއަކަށްވީ ދެ ވާހަކައާ މެދު ވެސް މީހުންގެ އިތުބާރު ގެއްލުމެވެ. ސަބަބަކީ އެއީ އިދާރީ ކަމަކަށް ވާތީ އާންމުންނަށް އެ ކަމުގެ ހަގީގަތް ބެލޭނެ ގޮތެއް ނޯންނާނެތީއެވެ. ހަމަ ގައިމު ވެސް އެއްކަމެއްގައި މުޅީން ތަފާތު ދެގޮތަކަށް ވިދާޅުވާނަމަ، ކޮންމެވެސް އެއް ވާހަކައަކީ ހަގީގަތާ ޚިލާފު ވާޙަކައަކަށް ވާނެއެވެ.
  20. ރާއްޖެ ދަރަނިވެރިވުން ގުޅިފައިވަނީ މޫސުމީ ބަދަލާ". އިޣްތިޞާދިއްޔަތުގެ ދާއިރާއިން ތަޢުލީމު ޙާޞިލުކޮށްފައި ނެތަސް އެންމެ އާދައިގެ ސިކުނޑިއަކުން ވިސްނައިލިޔަސް ދަރަނިވެރިވަނީ އަދި ދަރަނިވެރިވާނީ ލިބޭ އެއްޗަކަށްވުރެ ޚަރަދު ބޮޑުވާތީކަން އެނގޭނެއެވެ. ވީމާ ދަރަނީން ސަލާމަތްވުމަށް ޓަކައި އާމްދަނީ އިތުރުކުރާންޖެހެއެވެ. ރާއްޖެއަށް ވަންނަ ބޭރުފައިސާ ހިފެހެއްޓޭނެ ނިޒާމެއް ގާއިމުކުރާންޖެހޭނެއެވެ. އާމްދަނީ ލިބޭނެ ވަސީލަތްތައް ޤާއިމުނުކޮށް މަތިމައްޗަށް ޚަރަދު އިތުރުކޮށް، ރާއްޖޭގެ ހަރުމުދާ ރަހުނުކޮށް މަތިމައްޗަށް ދަރަނި ނެގުމަކީ ދަރަނިވެރިވުމުގެ މައިގަނޑު ސަބަބުކަން އެކަކަށް ވެސް ވިސްނައިގަންނާކަށް އުނދަގުލެއް ނުވާނެއެވެ. ލޯނު ނަގައިގެން އެ ފައިސާއިން އާމްދަނީ ލިބޭނެ މަގެއް ނުހޯދައި ޚަރަދުކޮށް ހުސްކޮށްލާ ނަމަ، ދަރަނި އިތުރުވުން ނޫން ކަމެއް ނުވާނެއެވެ. އަދި ރާއްޖެއަށް ބޭރުފައިސާ ވަންނަ މިންވަރާ ނުބައްދަލު މިންވަރަށް ފައިސާގެ ނޫޓު ޗާޕުކޮށް އިޤްތިޞާދުގެ ތެރެއަށް ވައްދާނަމަ، ދަރަނި އިތުރުވުން އޮތް ތާނގައި އޮއްވައި މުޅި ޤައުމު އިނދަޖެހި ބަނަގުރޫޓުވެދާނެއެވެ. ވީމާ، ދަރަނިވެރިވުމަކީ މޫސުމުގެ ސަބަބުން ވާ ކަމެއްކަމަށް ހައްދަވާން މަސައްކަތްކުރުމަކީ އޮޅުވައިލުމެކެވެ. އެއީ ވެސް އިތުރުފުޅެކެވެ. ދޮގެކެވެ.

މިއީ ލިޔެ ކޮޅުން ނުލާނޭ ފަދަ ދިގު ލިސްޓެކެވެ. އިރުއަރައި އޮއްސޭ ކޮންމެ ދުވަހަކު ދަނީ މި ލިސްޓަށް ދޮގުތައް އިތުރުވަމުންނެވެ. މި ވާހަކަ ވަކި ބޭފުޅަކަށް ނިސްބަތް ނުކޮށް ޢާންމު ގޮތެއްގައި މި ކަން މި ހާމަކޮށްލީ މި ފަދަ ދޮގުތައް ޢާންމުވުމުން މުޅި މުޖުތަމަޢަށް އޭގެ ގެއްލުން ފޯރާލެއް ބޮޑުކަމުންނެވެ. ދައުލަތުގެ ބޮޑުން ދައްކަވާ ވާހަކަފުޅުތަކުން ތެދެއް ދޮގެއް ވަކިނުވާ ހިސާބަށް ދިޔުމަކީ ނުރައްކާތެރި ކަމެކެވެ. ގަބޫލުކޮށްފައި ނުކުރާނީ ކޮން ވާހަކަފުޅެއްކަމެއް ނޭނގޭނެއެވެ. ދައުލަތުގެ ވެރީންނަށް އިތުބާރުކުރާން އަޅުގަނޑުމެން ކިތަންމެ ބޭނުން ވިޔަސް އިތުބާރުކޮށްފައި ނުކުރާންވީ ކޮން ބޭފުޅަކަށް ކަމެއް ނޭނގޭނެއެވެ. އަޅުގަނޑުމެން ފަދަ އާންމު ރައްޔިތުންނަށް އެއީ ދޮގެއްކަން އެނގޭ ފަދަ ހަގީގަތާ ޚިލާފު ވާހަކަތަކެއް ދައްކައިގެން ރައްޔިތުންނަށް އޮޅުވައިލެވިދާނެ ކަމަށް ހީފުޅުކުރައްވައިގެން ދައްކަވާ ވާހަކަފުޅުތަކެއް ކަމަށް ވާނަމަ އެއީ ވަރަށް ބޮޑު ކުށް ހީފުޅެކެވެ. އެ ފަދަ އިތުރުފުޅުތައް ހައްދަވައިގެން ތާއީދު އިތުރުވާނެކަމަށް ހީފުޅުވާނަމަ، އެ ކަން ވާނީ އޭގެ އަނެއްކޮޅަށް ކަމަށް ދަންނަވާން ޖެހެއެވެ. ނުވަތަ މިއީ ކަނޑައެޅިގެން ތާރީޚު އޮޅުވައިލައްވާން ކުރައްވާ ކަމެއް ނަމަ، އެއީ ޤައުމަށް ވެވޭނެ ވަރަށް ބޮޑު ޚިޔާނާތެކެވެ. ހާސްކަމާއި މާޔޫސީގެ ސަބަބުން ނުވަތަ ކޮންމެވެސް އެހެން ސަބަބަކާހުރެ، ބުއްދިފުޅު ފަސްވެގެން ވިދާޅުވެވޭ ވާހަކަފުޅުތަކެއް ކަމަށް ވާނަމަ، ހަމަދަރުދީވަމެވެ. އަވަސް ޝިފާއެއް ދެއްވުން އެދި ދުޢާކުރަމެވެ. އަދި އަވަސް ފަރުވާއެއް ހޯއްދަވާން އިލްތިމާސްކުރަމެވެ.

އިސްލާމް ދީނުގައި ދޮގުހެދުމަކީ ބޮޑު ފާފައެއްގެ ގޮތުގައި ކަނޑައަޅުއްވައިފައިވަނީ އެކަމުގެ ގެއްލުން ބޮޑުކަމުންނެވެ. ވީމާ ބޭނުންފުޅުވާ ގޮތަށް ހަގީގަތެއް ހާމަކުރެއްވޭން ނެތްނަމަ އެއްޗެކޭ ވިދާޅު ނުވެ ހަނުހުންނެވުމަކީ ވަރަށް މުހިންމު ކަމެކެވެ. އިސްލާމް ދީން ގޮވައިލަނީ އެ ގޮތަށް ޢަމަލުކުރާށެވެ. އޭރުން ތިމަތިމާމެންގެ އިތުބާރު ގެއްލި ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދޭކަށް ޖާގައެއް ނޯންނާނެއެވެ. މިހާރު ކަންތައް ހިނގާ ގޮތުންނާއި "ބޮޑުން"ގެ ބަސްމަގު ހުންނަ ގޮތުން ތެދެއް ހެދިޔަސް ގަބޫލުކުރާން އުނދަގޫ މިންވަރަށް ދޮގުހެދުން މި ވަނީ އާންމު ވެފައެވެ. މިއީ ގައުމުގެ ހައްގުގައި ހުއްޓައިލައްވާން ޖެހޭ ޢަމަލެކެވެ. މިއީ އަޅުގަނޑުގެ ވަރަށް އިޚުލާޞްތެރި އިލްތިމާސެކެވެ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.