Support Us

ދެ ރަހުމަތްތެރިންގެ ކަންބޮޑުވުން

އަހަންމަދާއި ހުސޭނާ ދެވެރިން އާދައިގެ މަތިން ވަރަށް އޮލަ ވާހަކައެއްގައި ތިއްބެވެ. ދެވެރިން ދައްކާ ވާހަކައެއް އޮޅުން ފިލުވާލުމުގެ ޝައުގުވެރިކަން އުފެދި ކައިރިވެލީމެވެ.

އަހެރެމެން އިންސާނުން ދިރިއުޅުމަށް މިދުނިޔެ އުފެއްދެވި މަތިވެރި އިލާހުގެ ހުސްތޯހިރުވަންކަމާދޯއޭ ދުފުންގަނޑު އާކޮށްލަމުން ހުސޭނު އަހަންމަދާ ދިމާލަށް ބުނެލިއެވެ. މި ދުނިޔޭގައި އެކަލާނގެ ލައްވާފައިވާ ފުރިހަމަ ޤުދުރަތީ ނިޒާމާ ދޭތެރޭ ނިކަން ފުންކޮށް ވިސްނާލަބަލާށެވެ. އެ ފުރިހަމަ ނިޒާމަށް ކުޑަވެސް ބަދަލެއް އައިސްފިނަމަ އަހަރެމެން ދިރި މިއުޅޭ މާހައުލަށް އޭގެ ނޭދެވޭ އަސަރުކޮށް އަހަރެމެންގެ ދިރިއުޅުމަށް އޭގެ ނުރަނގަޅު އަސަރު ކުރެއެވެ.

މި ކަންކަމުން އަހަރެމެން ސަލާމަތްވުމަށް އެކަލާނގެ އަހަރެމެން އިންސާނުން އުޅެންވީ ގޮތާއި އަމަލުތައް ބަހައްޓަންވީ ގޮތް ވަރަށް ތަފްސީލްކޮށް ބަޔާން ކޮށްދެއްވާ މިހާރު ބޭނުންކުރާ ބަހުރުވައިން ބުނާނަމަ ދެ މެނުއަލެއް ވަނީ އަހަރެމެނަށް ގެނެސްދެއްވާފައެވެ. އެއީ އެކަލާނގެ މަތިވެރި ކަލާންފުޅު ކަމުގައިވާ ކީރިތި قرآن އާއި ރަސޫލް ﷺ ގެ ސުންނަތެވެ. މީގައި އިންސާނާގެ އަމަލުތައް ބަހައްޓަންވީ އިންތަކާއި މިންތައް ބަޔާންކޮށްދެއްވާފައިވާއިރު ދިރިއުޅުމުގައި ބަލަންޖެހޭ މިންގަނޑުތަކާއި އިންސާނާގެ އުމުރުފުރާ ބެހިގެންދާ ގޮތްވެސް ބަޔާންކޮށްދެއްވާފައިވެއެވެ. އަދި އެކި އުމުރު ފުރާގައި އެކަކު އަނެކަކުގެ މައްޗަށްވާ ވާޖިބުތައް އަންގަވަމުން މައިންބަފައިންގެ މައްޗަށްވާ ދަރިންގެ ވާޖިބުތަކާއި، ދަރީންގެ މައްޗަށްވާ މައިންބަފައިންގެ ވާޖިބުތަކާއި، މުޖުތަމައުގެ މައްޗަށް ވާ ކުޑަކުދިންގެ ވާޖިބުތަކާއި، ވެރިންގެ މައްޗަށް ވާ ޤައުމުގެ ވާޖިބުތައް ވަރަށް ތަފްސީލުކޮށް ބަޔާން ކޮށްދެއްވާފައިވެއެވެ.

އަހަންމަދާ އަޅެފަހެ މިއުޅޭ މީހުން ވިސްނާ ފިކުރުކޮށްލާކަށް ނުވޭހެއްޔެވެ؟ އިންސާނުންގެ ވިސްނުން ކުރިއަރާ އެތައް ކާމިޔާބީ ތަކެއް މިނަސްލު ވަނީ ހޯދައިފައެވެ. މިކަން ހަމައެކަނި އަހަރެމެން ބަލިވުމުން މިކާލާ ބޭސްގުޅައަށް ބަލައިލިޔަސް ވަރަށް ސާފުކޮށް އެނގެއެވެ. އެކި ބަލިތަކަށް ވަނީ އެކިބޭސް އުފައްދާފައެވެ. އެބޭސް އުފެއްދުމުގައި ބޭނުންކޮށްފައިވާ ތަކެތީގެ ތަފްސީލާއި އޭގެ ޑޯސޭޖް ބަޔާން ކޮށްދީފައިވެއެވެ. އެ ބޭސް ބޭނުންކުރަންޖެހޭ ގޮތާއި ބޭނުން ކުރަންޖެހޭ ޑޯސޭޖް ބުނެދީވައިވެއެވެ. އެއީ ވަރަށް ބޮޑު ސަބަބަކަށްޓަކައެވެ. އެހެނީ އެބޭސް ބޭނުންކުރުމުގައި އެބޭސް އުފައްދާ ބޭނުންކުރަންވާ ޑޯސޭޖް އަންގައިދީފައި އޮއްވާ އެ އިރުޝާދާ ޚިލާފަށް ޑޯސޭޖް މަތިކޮށްފިނަމަ ހަށިގަނޑުގެ ނިޒާމް ގެއްލި ފުރާނަޔަށް އޭގެ ނޭދެވޭ އަސަރުކޮށް ވަރަށް ހިތާމަވެރި ހާދިސާތައް ހިނގުމުގެ ފުރުސަތު އިންތިހާ އަށް ބޮޑުވެ އަދި ޑޯސޭޖް ދަށްކޮށްފިނަމަ ހަށިގަނޑުގައި ހުންނަ ބެކްޓީރިޔާތައް އެބޭހަށް ހޭނި އެބޭހުގެ ބޭނުން މުސްތަޤުބަލުގައި ޖެހޭ ހިނދު އޭގެ އެއްވެސް ފައިދާއެއް އިންސާނާއަށް ނުކުރާ ދަރަޖައަށް ދެއެވެ. ވިސްނާލަން ޖެހޭ ކަމަކީ އެ ބޭސް އުފެއްދި ފަރާތުން ކަނޑައަޅާފައިވާ އިންތައް ހުރަސް ނުކުރުމެވެ. އެކަމުގައި ހުރި ނުރައްކަލާއި، ގެއްލުމާއި ހަލާކުގެ ބޮޑުކަމެވެ. މިޤައުމުގައި މިހާރުވެސް އޯވަޑޯސް ވެގެން ފުރާނަދާ ކިތަންމެ ބައެއްގެ ވާހަކަ އަޑުއިވެއެވެ. ވީމާ މީގެން ދޭހަކޮށްދޭ ހަޤީޤަތަކީ އެ އެއްޗެއް އުފެއްދި ފަރާތުން ކަނޑައަޅާ ބޭނުން ކުރަން ބުނެދީފައިވާ ޑޯސޭޖް ތިމާ އަމިއްލައަށް ބަދަލުކުރުމަކީ ތިމާ އަމިއްލައަށް ހަލާކުގެ ތެރެއަށް ވެއްޓިގަތުންކަމެވެ.

ނިކަން ވިސްނާލަބަލާށެވެ. ދެބަސްވެވެން ނެތް ހަޤީގަތަކީ އަހަރެމެން އިންސާނީ ނަސްލު ޚަލްޤު ކުރެއްވީ ﷲ ތަޢާލާކަމެވެ. އެ އިލާހު ވަނީ އަހަރެމެން އިންސާނުން ކަނޑައަޅަންޖެހޭ އަދި އަމަލުތައް ބަހައްޓަންޖެހޭ އިންތަކާއި މިންތައް ވަރަށް ތަފްސީލުކޮށް ބަޔާން ކޮށްދެއްވާފައެވެ. އެހެން ގޮތަކަށް ބުނާނަމަ ޑޯސޭޖްތައް ބަޔާން ކޮށްދެއްވާފައެވެ. މިއަދު އިންސާނީ ނަސްލު ކުރިއަރާ ގޮސް ޤައުމު ތަކަކަށް ބެހި އަދުލު އިންސާފު ޤާއިމްކުރުމަށް ވަނީ ޤާނޫނުތަކާއި ޤަވާއިދުތައް ހަދައިފައެވެ. އެއަށް އަމަލުކުރާނެ މިންގަނޑުތަކާއި މި ންގަންޑުތައް ކަނޑައަޅާ ބަޔާންކޮށްފައެވެ. އެންމެންގެ ރައްކައުތެރި ކަމަށްޓަކައެވެ. އެންމެންގެ ހައްޤުތައް ހިމާޔަތްކޮށްދިނުމުގެ ބޭނުމުގައެވެ. މިކަންކަން ކުރުމުގެ ތެރޭގައި އަހަރެމެން އިންސާނުން ޚަލްޤު ކުރެއްވި ފަރާތުން ކަނޑައަޅުއްވާފައިވާ ޑޯސޭޖް އަހަރެމެން އިންސާނުން އަމިއްލައަށް ބަދަލުކޮށްފައިވާ ކަމާއި އޭގެ ނުރަނގަޅު އަސަރާއި ތުރާލާއި ވޭނާއި މުޖުތަމައު ތަކުން އުފުލަމުން ދަނީ މަދެއްކޮށެއް ނޫނެވެ. ނިކަން ވިސްނާލަބަލާށެވެ. އަހަރެމެން އަމިއްލައަށް މިވަނީ އިންސާނާގެ އުމުރުފުރައިގެ ޑޯސޭޖް ބަދަލުކޮށް ހަލާކުގެ ތެރެއަށް ވެއްޓިގަނެފައެވެ. މިކަންދަނީ ދުނިޔޭގެ އެހެން ޤައުމުތަކެކޭ އެއްފަދައިން މި ދިވެހި މުޖުތަމައުންވެސް ފެންނަމުންނެވެ.

ކުރީ ދުވަހެއްގެ ޚަބަރުންވެސް އަޑު އިވުނީ ކުޑަކުއްޖަކު ކުޑަ އަންހެން ކުއްޖަކު ރަހީނުކޮށް އެ ރަހީނުކުރެވުނު ކުއްޖާގެ ބައްޕަ އަށް ބިރުދައްކާ ފައިސާ ފޭރެން އުޅުނު ޚަބަރެކެވެ. އެހެން ޚަބަރުތަކަށް ބަލާލާއިރު ތޫނު އެއްޗަކުން ކުޑަޖުއްޖަކު މީހަކަށް ހަމަލާދިން ވާހަކައަކާއި، ކުޑަ ކުދިންތަކެއް މަސްތުވާ އެއްޗެހި ބޭނުންކޮށް ވިއްކާ ވާހަކައާއި، ކުޑަކުދިން އިއްފަތް ފޭރޭ ވާހަކައާއި ކުޑަކުދިން ވައްކަން ކުރާ ވާހަކައާއި މިހެން ގޮސް ޤައުމުގައި ހިނގާ ބޮޑެތި ކުށްތައް ކުރުމުގައި ކުޑަކުދިންގެ ބައިވެރިވުން ކަންބޮޑުވާ ވަރަށް އިތުރުވެފައިވާ ވާހަކައެވެ. މި ކުދިންނަކީ ކުޑަކުދިންނަށް ވުމުން ދެވޭކަށް މާބޮޑު އަދަބެއް ނުއޮންނަ ކަމަށް ބުނާ އަޑުއިވެއެވެ. ބޮޑެތި މީހުންނަށް ދިރިއުޅުމަށް ވަނީ އުނދަގޫވެފައެވެ. މިގޮތުން މިދާކަށް ދުވަހު ރާއްޖޭގެ ރަށަކުން ރައްޔިތުން ނިކުމެ ހިފެހެއްޓި ކުޑަކުއްޖަކު ފެނިފައި އަހުރެން ހަމަ ހައިރާންވެ އަންތަރީސްވިއެވެ. އެހެންޏާފަހެ، އެ ކުޑަކުއްޖާ ޖާނުން ބިޔަވެފައި ބޮޑު މީހެކޭ އެއްވަރެވެ. ކަޅުކުލަ ގަދަ ބިޔަ ތުނބުޅި އަކާއި މަތިމަހެއް ހުއްޓެވެ. އެއްވެފައި ތިބިމީހުން ހަޅޭއްލަވާގޮވާ އަޑު އިވެއެވެ. މިއީވެސް ކުޑަކުއްޖެކެވެ. "މީނާއާ ހެދި މިރަށުގައި އުޅެން އުނދަގޫވެއްޖެ. މިރަށުން މީނާ ބާލާ!"

"އަހަންމަދާ އަޅެ ދޮގެއްތަ މަ މި ބުނަނީ. އަހަރެމެންނަށް ﷲ ތަޢާލާ ކުޑަކުދިންނަކީ ކޮބައިކަން ބަޔާން ކޮށްދެއްވާފައި ވަނިކޮށް އަހަރެމެން މިއޮތީ އިތުރަށް މޮޅުކޮށްލަން މިހާރުގެ ގޮތަށް ބުނާނަމަ މެނުފެކްޗަރ މެނުއަލާ ހިލާފަށް ކުޑަކުއްޖެއް ކަމުގައި ބަލަންޖެހޭ އުމުރު ފުރައިގެ ޑޯސޭޖް މަތިކޮށް އޯވަޑޯޒް ކޮށްލާފައި. އޭގެ ހިތިނަތީޖާ އަޅެ ނުފެނޭތަ؟ މުޅި މުޖުތަމައު ޚަރާބު ވެއްޖެ. ބިރުވެރި މާހައުލަކަށް ވެނިމިއްޖެ. ގެއިން ނިކުމެފައި ސަލާމަތުން ގެއަށް ވަދެވޭނެކަމުގެ އެއްވެސް ޔަޤީންކަމެއް ނެތް. ކުށުގެ ވެށީގައި ހުސް ކުޑަކުދިން. މިއަދު މީހަކާ އިނަސް މާދަމާ ދަރިން ލިބޭ ވަރުގެ ކުޑަކުދިން. ކުޑަކުދިން ވީމަ އެކުދިންގެ ހައްޤުތައް ހިމާޔަތް ކޮށްދިނުމުގެ ގޮތުން އެ ތުއްތު ކުދިންނާބެހޭ މައުލާމާތު ހާމައެއް ނުކުރޭ. އަނެއް ދުވަހު ނިކުމެ އަނެކާ ޝިކާރަކޮށްލާ."

އަހަންމަދު މައިނޭވާއެއްލާފައި ބުންޏެވެ.

"ހުސޭނާ، އަހަރެމެން ދެވެރިން ކިތަންމެ ވަރަކަށް މިވާހަކަ ދެއްކިޔަސް އަޑު އިވޭނެ ކަންފަތެއް ނުހުންނާނެ. އެކަމަކު އަހަރެމެން އިންސާނުން އަހަރެމެންގެ އަމިއްލަ އަތްތަކުން އަހަރެމެން ހަލާކުގެ ތެރެއަށް އެއްލާލާއިރު މިކަހަލަ ވާހަކަ ނުދައްކާވެސް ނުތިބެވޭނެތާދޯ. މިއުޅޭ ކުޑަކުދިންނާ ހެދި އަހަރެމެންނަށް މިހާރު މިހެން ނިކުމެ ވާހަކަ ދައްކާލަން ތިބެންވެސް ބިރުގަންނަ ހިސާބަށް މިހާރު މިވަނީ ކަންތައްތައް ގޮސްފައި ދޯ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *