Support Us

ކޮލަމް މާޒީ: އަދަދުތައް މައްޗަށް، ސަމާލުކަން ދަށަށް!! ޢަމަލުކުރާންވީ ކިހިނެއް؟

ކޮވިޑް19ގެ އެންމެ ފަހުގެ ތަފާތަރު ކަމަށްވާ އޮމިކުރޯން ދުނިޔެއަށް ފެތުރެމުންދަނީ ވަރަށް ބާރަށެވެ. މިއީ ތަފާސް ހިސާބުން ފެންނަ ގޮތެވެ. އޮސްޓްރޭލިއާގައި މި ތަފާތަރަށް ފައްސިވާ އަދަދު ދުވާލެއްގެ މައްޗަށް ލައްކައަކަށްވުރެ އިތުރުވެފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ. ދިވެހިރާއްޖޭގައި ވެސް މި ނިސްބަތް މިހާރު އުޅެނީ ދެ ހާހަށްވުރެ މަތީގައިކަމަށް ޚަބަރު ލިބެއެވެ. ރާއްޖޭގައި ކޮވިޑު ޖެހުނު މީހުންގެ ޢަދަދު މިހާރު ލައްކައަކަށްވުރެ މާ މައްޗަށް ހިނގައްޖެއެވެ. ނަތީޖާއެއްގެ ގޮތުން ސަރުކާރުން ވެސް ވަނީ ހަރުކަށި ބައެއް ފިޔަވަޅުތައް އަލުން ތަޢާރަފުކުރައްވައިފައެވެ. ބައެއް ރަށްރަށް މޮނީޓަރުކުރުމުގެ ޙާލަތަށް ގެންދެވުމާއި ޕީސީއާރު ޓެސްޓުހެދުމާއި ގޭގައި އެކަހެރިކޮށް ހުރުމާއި ކަރަންޓީނުގެ ބައެއް އުސޫލުތައް އެކި ޙާލަތާ ގުޅިގެން ވަނީ ތަޢާރަފުކުރައްވައިފައެވެ. އަދި ބޭނުންތެރި ވަރަށް ގިނަ ޞިއްޙީ އިރުޝާދުތަކެއް ދެއްވަމުން އެބަ ގެންދަވައެވެ. މި  ފަދަ ބައެއް ފިޔަވަޅުތައް، ގިނަ ފިޔަވަޅުތައް، އަޅާން ޖެހެނީ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރާއިރުއެވެ. އެހެންވީމާ ކޮވިޑްގެ ޙާލަތު އިތުރަށް ގޯސްވީކަމަށް ބެލެވެއެވެ. ތަފާސް ހިސާބުން ދައްކަނީ އެ ގޮތަށެވެ.

އަނެއްކޮޅުން ކޯވިޑް-19ގެ ހާލަތުން އަރައިގެނެވޭނެ ދުވަހެއް އަދި ކައިރި ވެސް ނުވާކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ-ޑަބްލިޔޫ.އެޗް.އޯ އިން ވަނީ ހާމަކޮށްފައެވެ. ޑަބްލިޔޫ.އެޗް.އޯގެ އަމީންޢާންމު ޓެޑްރޯސް އަދްހާނަމް ވިދާޅުވީ ކޮވިޑްގެ ހާލަތުން އަރައިގަނެވޭނެ ދުވަހެއް ވިދާޅުވާން އަދި އެނގިވަޑައިނުގަންނަވާކަމަށެވެ. އޭނާ ވިދާޅުވީ ހާލަތު ސީރިއަސް ނުވި ނަމަވެސް މިހާރު ފެތުރެމުންދާ އޮމިކްރޯން ތަފާތަރަކީ އެންމެ ހަލުވިކަމާއި އެކު ފެތުރެމުންދާ ތަފާތަރުކަމަށެވެ.

ޓެޑްރޮސް ވިދާޅުވީ އޮމިކްރޯންގެ ސަބަބުން ދުނިޔޭގައި ވައިރަސް ފެތުރެމުންދާ ގޮތަށް ބަދަލު އައިސް މިސްރާބު ބަދަލުވަމުންދާ ކަމަށެވެ. އަދި ބަލީގައި މީހުންގެ ހާލަތު ސީރިއަސް ނުވި ނަމަވެސް ބަލީގެ ވޭދަނަތައް ކުއްލިއަކަށް އިތުރުވުމަކީ ސިއްހީ ޚިދުމަތް ފޯރުކޮށްދިނުމުގައި ހުރަސްތަކެއް ދިމާވެދާނެ ކަމަށްވާތީ ދުނިޔޭގެ ހުރިހާ ގައުމަކުން ވެސް މި ކަމަށް ސަމާލުކަން ދިނުން މުހިންމު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އަނެއްކޮޅުން ކޮވިޑްގެ އާ ތަފާތަރެއް ކަމަށްވާ އޮމިކްރޯނާއެކު އިނގިރޭސިވިލާތަށް އައި ކޮވިޑްގެ އާ ބާނި ނިމޭނެ ކަމަށް ބަލައިގެން ކޮވިޑާ ގުޅިގެން އަޅައިފައިވާ ހަރުކަށި ފިޔަވަޅުތަކަށް އެ ގައުމުގައި ވަރަށް ބޮޑަށް ލުއިދޭން ފަށައިފިއެވެ. އެންމެ ފުރަތަމަ ލުއިދޭނީ މާސްކުއެޅުން މަޖުބޫރުކޮށްފައި އޮތް އޮތުމަށެވެ. އިސްކޫލުތަކުގެ ދަރިވަރުންނާއި އިދާރީ މުވައްޒިފުން މާސްކު އެޅުމުން މިއަދުން ފެށިގެން އެ ގައުމުގައި އިސްތިސްނާ ވާނެއެވެ. އަދި މިއަދުން ފެށިގެން މާސްކު ނާޅާ މީހުން ކުށްވެރިނުވާނެ ކަމަށާއި އެޅުމާއި ނޭޅުން އެއީ އިޚުތިޔާރީ ކަމެއް ގޮތުގައި އޮންނާނެ ކަމެއް ކަމުގައި ވެސް އެ ގައުމުން ވަނީ ކަނޑައަޅައިފައެވެ.

އިނގިރޭސިވިލާތުގެ މި ނިންމުމަކީ ކޮވިޑަކީ އާދައިގެ ރޯގާއެއްގެ ގޮތުގައި ބަލައިގަންނާން ވެގެން ނިންމި ނިންމުމެއްކަމުގައި ބައެއް މަސްދަރުތަކުން ބުނެއެވެ. އެ ގައުމުން ލިބޭ މައުލޫމާތަށް ބަލާއިރު އޮމިކްރޯނާއެކު އައި ބާނި ފެށުނީ މިދިޔަ ޑިސެންބަރުގެ ފަހުކޮޅުގައެވެ. މިހާރު އަދަދުތައް ވަނީ މަދުވާން ވެސް ފަށައިފައެވެ. އެ ގައުމުން މިހާރު ދެކެނީ ކޮވިޑުގެ އާ ބާނި މިހާރު އެ ވަނީ އުފުލޭނެ އެންމެ މައްޗަށް އުފުލިފައި ކަމަށާއި ދެން އެ ބާނި ތިރިވާނީ ކަމަށެވެ.

ކޮވިޑުގެ އާ ބާންޏާއެކު އިނގިރޭސިވިލާތުން އެޅި (ޕްލޭން ބީގެ) ފިޔަވަޅުތައް ރަސްމީކޮށް ނިމޭނީ އަންނަ މާރިޗް މަހުގެ ތެރޭގައެވެ. ނަމަވެސް މިހާރުން ފެށިގެން ފިޔަވަޅުތައް ލުއި ކުރަމުން ގޮސް އެ ތާރީޚުގެ މާ ކުރީން ވެސް "ޕްލޭން އޭ"އަށް ރުޖޫއަވެވިދާނެ ކަމުގައި އެ ގައުމުގެ ސަރުކާރުން ގަބޫލުކުރެއެވެ.

މާސްކު އެޅުން ނިމުމަކަށް ގެނައުމުގެ އިތުރަށް ވެސް އިތުރު ބައެއް ނިންމުންތަކެއް ވެސް އިއްޔެ އެ ގައުމުން ނިންމައިފައިވެއެވެ. މީގެ ތެރޭގައި އަމިއްލައަށް އެކަހެރިވެގެން ތިބޭންޖެހޭ މުއްދަތު ފަސް ދުވަހަށް ކުރުކުރުމާއި އާންމު ހިދުމަތް ހޯދުމުގައި ވެކްސިން ކާޑުތަކާއި ކޮވިޑް ސޭފް ކާޑުތަކުގެ މަޖުބޫރީ ހާލަތު ނިމުމަކަށް ގެނައުން ފަދަ ކަންކަން ހިމެނެއެވެ.

އިނގިރޭސިވިލާތުން މި ނިންމުންތައް ނިންމައިފައި މި ވަނީ މުޅި އާބާދީއަށް ވެކްސިން ދީފައިވާ ނިސްބަތް ވަރަށް ބޮޑަށް އިތުރު ކުރުމަށްފަހުގައެވެ. މިހާރު ވެކްސިންގެ ހުރިހާ ޑޯޒުތަކެއް ފުރިހަމަކޮށްފައިވާ މީހުންގެ ނިސްބަތަކީ 76 އިންސައްތައެވެ.

އަނެއްކޮޅުން ދިވެހިރާއްޖޭގެ ހާލަތު ތަފާތެވެ. ކުރީން ވެސް ދަންނަވައިލެވުނު ފަދައިން ވޭދަނަތަކުގެ އަދަދު ދަނީ މައްޗަށެވެ. ފިޔަވަޅުތައް ވަނީ ހަރުކަށިކުރެވިފައެވެ. ކޮވިޑް ޓެސްޓް ހަދައިގެން ނޫނީ ރަށްރަށަށް ދަތުރެއް ނުކުރެވެއެވެ. އަދި މި ވަގުތު ބެލެހެއްޓުންތެރިކަމުގެ ހާލަތުގައި 14 ރަށެއް އޮތްކަމަށްވެއެވެ. އޭގެ ތެރޭގައި ބޮޑެތި އާބާދީ އޮންނަ އަދި ގިނަ ބަޔަކު ހިދުމަތް ހޯދުމަށް ޓަކައި ދާންޖެހޭ ރަށްރަށް ހިމެނެ އެވެ. މީގެ ތެރޭގައި ށ. ފުނަދުއާއި ބ. އޭދަފުށްޓާއި ލ. ގަމާއި އެ އަތޮޅު ފޮނަދުއާއި ރ. އުނގޫފާރު ހިމެނޭކަމަށް ޚަބަރު ލިބެއެވެ.

އިސްވެ މި ދަންނަވައިލެވުނު މަޢުލޫމާތާއި ތަފާސްހިސާބުތަކަށް ބަލާއިރު، ކޮވިޑްގެ ޙާލަތު ހަމަ ގައިމު ވެސް ރާއްޖޭގައި އޮތީ ވަރަށް ނުރައްކާތެރި ޙާލަތެއްގައެވެ. ނަމަވެސް ފެންނަ މަންޒަރުތަކަށް ބަލާއިރު އެ ކަމަށް މީހުން ދޭ ސަމާލުކަން ވަރަށް ކުޑަކަމަށް ދެންނެވޭން އެބަ އޮތެވެ. މާލޭ މަގުތަކަށާއި ފިހާރަފިހާރައަށް ނަޒަރެއް ދޭއިރު، ބަލިމަޑުކަމެއް ބޮޑުވެގެން އުޅޭ ކަމަކަށް ޢާންމުންނަށް އެނގޭ ކަމަކަށް ނުވެއެވެ. ނަމަވެސް މުޅި ރާއްޖެއާއި މުޅި ދުނިޔޭގެ ހަތަރުބިތުން ލިބޭ ޚަބަރުތަކަށް ބަލާއިރު، އޮމިކްރޯން ފެތުރެމުންދާ ނިސްބަތް ހަތަރު ގުނައަށް ވަނީ އިތުރުވެފައެވެ. ކުރީން ދަންނަވައިލި ތަފާސް ހިސާބަށް ބާލައިރު، ރާއްޖޭގައި ވެސް މިކަން މައިތިރިކުރެވިފައެއް އަދި ނެތެވެ. އެހެންވީއިރު ސުވާލަކީ އާންމުން ދޭ ސަމާލުކަން ކުޑަވެގެން މި އުޅެނީ ކީއްވެގެންތޯ އުފެދޭ ސުވާލެވެ.

މި ކަމުގެ ސަބަބެއް ކަމަށް އަޅުގަނޑަށް ފެންނަނީ، މި ކަމާ ގުޅިގެން ރާއްޖޭގައި އަމަލުކުރެވެމުންދާ އުޞޫލުތަކަށް ކުއްލިކުއްލިއަށް ގެންނަ ބަދަލާއި ވަކި ކަހަލަ ޙަރަކާތްތަކަކާ ގުޅިގެން ޢަދަދުތަކަށް އަންނަ ބަދަލާއި މި ކަންކަން ދިރާސާ ކޮށްލުމުން އާންމުންނަށް އިދާރާތަކާމެދު ކުރެވޭ އިތުބާރު ގެއްލިފައިވުމެވެ. ވަކި ބަޔަކަށް ދެވުނު ޚާއްޞަ ހުއްދައަކީ ކޮވިޑަށް އެނގޭނެ އެއްޗެއް ކަމަކަށް އާންމުންނެއް ގަބޫލެއް ނުކުރެއެވެ. ރައްކާތެރިކަމުގެ ގޮތުން އަޅާ ފިޔަވަޅުތައް ވަކި މީހަކަށް ތަފާތުކުރެވިގެންނުވާނެއެވެ. އަދި ކޮވިޑްޖެހިފައި ހުރިތޯ ބަލާން ކުރެވޭ ޓެސްޓާ މެދު ވެސް އާންމުންގެ ގިނަ ބަޔަކު އިތުބާރެއް ނުކުރެއެވެ.

އަނެއްކޮޅުން އޮމިކްރޯން ތަފާތަރު ކިތަންމެ ބާރަށް ފެތުރުނު ކަމުގައި ވިޔަސް ބަލިޖެހޭ މީހުންގެ 70 އިންސައްތައަކީ އެކަމުން އުނދަގުލެއް ފޯރާ ބަޔަކަށް ނުވުމާއި 80 އިންސައްތަ މީހުން ހޮސްޕިޓަލަށް ދައްކާން ނުޖެހޭ ކަމަށް ތަފާސް ހިސާބުތަކުން ދެއްކުމަކީ ވެސް އާންމުންގެ ސަމާލުކަން ކުޑަވުމުގެ ސަބަބެއްކަމަށް ވެދާނެއެވެ. އަދި އިނގިރޭސިވިލާތް ފަދަ ކުރިއަރައިފައިވާ ގައުމުތަކުން ކޮވިޑާ މެދު ގެންގުޅޭ ސިޔާސަތު އެނގުމަކީ ވެސް ޢާންމުންގެ ސަމާލުކަން ކުޑަވި ސަބަބަކަށް ވެދާނެއެވެ. ކޮވިޑްގެ ސަބަބުން މަރުވާ މީހުންގެ އަދަދު ކިތަންމެ އިތުރުވިޔަސް މުޅި ރާއްޖެއިން މަރުވާ މީހުންގެ ނިސްބަތް އިތުރުވެފައި ނުވުމަކީ ވެސް މީހުންގެ ހިތުގައި ކޮވިޑްގެ ތަފާސްހިސާބުތަކާމެދު ސުވާލު އުފެދުނު ކަމަކަށް ވެދާނެއެވެ.

ނަމަވެސް ގަބޫލުކުރާންޖެހޭ ހަގީގަތަކީ ކޮވިޑަކީ ހަގީގަތެއް ކަމެވެ. އަދި މާސްކުއެޅުމާއި ގައިދުރުކަން ބެހެއްޓުމާއި ސައިބޯނި ލައިގެން ރަނގަޅަށް އަތް ދޮވެގެން ނުވަތަ ޖަރާސީމު މަރާ ބޭހަކުން ދެ އަތްތިލައިން ޖަރާސީމު މަރައިފައި ނޫނީ އަނގައާއި ނޭފަތާއި ކަންފަތް ފަދަ ތަންތާނގައި އަތްނުލުމަކީ މި ބަލީން ރައްކާތެރިވުމަށް ޓަކައި ކޮންމެހެން އަޅާން ޖެހޭ މުހިންމު ފިޔަވަޅުތަކެއްކަން ގަބޫލުކުރާންޖެހެއެވެ. އަދި އިތުބާރު ހުރި ވެކްސިނެއްގެ ޑޯޒު ފުރިހަމަކުރުމަކީ ވެސް ރައްކާތެރިކަމުގެ ގޮތުން އަޅާން ޖެހޭ މުހިންމު ފިޔަވަޅެއް ކަމެވެ.

ވީމާ، ސަރުކާރުން މަޖުބޫރު ކުރެއްވިޔަސް ނުކުރެއްވިޔަސް މަގުމައްޗަށާއި އާންމު ތަންތަނަށް ނުކުންނަ އިރު، މާސްކު އެޅުމަކީ އަޅުގަނޑުމެންގެ އަމިއްލަ ސަލާމަތާއި ރައްކާތެރި ކަމަށް ޓަކައި ކުރާންޖެހޭނެ ކަމެއް ކަން ކަށަވަރެވެ. ޚާއްޞަކޮށް ދުއްވާތަކެއްޗާއި މީސްގިނަކަމުން މަގުތައް ތޮއްޖެހިފައިވާތީ މާލޭގައި މި ކަމުގެ މުހިންމުކަން މާ ބޮޑަށް ވެސް އިތުރެވެ. އަދި ގައިދުރުކަން ބެހެއްޓުމަކީ ކޮންމެހެން ކުރާންޖެހޭނެ ކަމެއްކަން ޔަގީނެވެ. އަދި ވެކްސިނަކީ ވެސް ބަލީން ރައްކާތެރިވުމަށް ޓަކައި އެޅޭނެ މުހިންމު ފިޔަވަޅެކެވެ.

ވީމާ، ކޮވިޑާ ގުޅިގެން ވިޔަސް ނުވަތަ ޢާންމު ސިއްހަތާ ބެހޭ އެހެން ކަމެއްގައި ނަމަވެސް ދެވޭ އިރުޝާދުތަކާއި އެޅޭ ފިޔަވަޅުތަކަކީ އާންމުންގެ އިތުބާރު ނުގެއްލޭ ގޮތަށް ދެވޭ އިރުޝާދުތަކަކާއި އެޅޭ ފިޔަވަޅުތަކަކަށް ވާން އެބަޖެހެއެވެ. އަދި އެއީ ބުއްދި ގަބޫލުކުރެވޭ ފަދަ ކަންތައްތަކަކަށް ވެސް ވާން އެބަޖެހެއެވެ. ހަމަ މި ފަދައިން ކޮންމެ މީހަކު ވެސް އެ މީހަކާއި އެ މީހެއްގެ އާއިލާގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި ފަރުދީ ގޮތުން އަޅާންޖެހޭ ފިޔަވަޅުތަކާމެދު ފަރުވާ ކުޑަނުކުރުމަކީ ވެސް ވަރަށް މުހިންމުކަމެކެވެ. އިވޭ ޚަބަރެއްގެ ސަބަބުން އަދި ފެންނަ ތަފާސް ހިސާބެއްގެ ސަބަބުން ވިޔަސް މި ސަމާލުކަން ކުޑަކުރެވިގެން ނުވާނެއެވެ. ވެކްސިންގެ ޑޯޒު ހަމަކުރާންވީއެވެ. ރައްކާތެރި ގޮތުގައި މާސްކުއަޅައިގެން ނޫނީ އާންމު ތަންތަނަށް ނުނުކުންނާންވީއެވެ. މީހަކާ ބައްދަލުކުރާ ނަމަ ވެސް ގައިދުރުކަން އިޚުތިޔާރުކުރާންވީއެވެ. އަތުން ޖަރާސީމު ފިލުވުމަށް ފަހުގައި ނޫނީ އަނގައާއި މޫނުގެ އެއްވެސް ތަނެއްގައި އަތް ވެސް ނުލާންވީއެވެ. އަދި އާދާޔާ ޚިލާފު ކަމެއް ފާހަގަކުރެވިއްޖެ ނަމަ ސިއްހީ ފަރުވާ ހޯދާންވީއެވެ. އޭރުން ކޮވިޑްގެ ނުރައްކަލުން މާތް ﷲގެ ރަޙުމަތްފުޅާއެކު އަޅުގަނޑުމެންނަށް ރައްކާތެރިކަން ލިބޭނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1

One Response

  1. ޤާނޫނަކުން މަޖުބޫރުކުރީމާ ނޫނީ ވެކްސިން ނުޖަހާނަމޭ ވިދާޅުވެފަ މިހާރު ކޮން ހާސަރެއް ތިޔަ ދަމަނީ…

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *