...

Support Us

ގިނަގިނައިން ހަނދާންކޮށްދޭށެވެ. ބަހާއި އަމަލުންނެވެ.

ހަޔާތަކީ ހާދަ ކުރު އެއްޗެކެވެ. އަހަރެމެން އިންސާނުންގެ ތެރެއިން ގިނަ މީހުން ވަނީ ޣާފިލްކަންމަތީގައެވެ. މާއްދިއްޔަތަށް ގެއްލި ހުސްވެފައެވެ. ހަވާ ނަފުސަށް ހެއްލި ދުނިޔެ ދައްކާ ވަގުތީ ދަޅަތަކުގައި ޖެހި ބެދިފައެވެ. ތަނަވަސް، އަރާމު، ހިތްހަމަޖެހޭ ދިރިއުޅުމެއް ހޯދަން އަހަރުމެން އެންމެން ގަދަ އަޅާ މަސައްކަތް ކުރެއެވެ. އަދި ދަރިންނަށް މަތީ ތައުލީމާއި މަތީ ދަރަޖަ ހޯދައިދިނުމަށް ކެނޑިނޭޅި މަސައްކަތްކުރެއެވެ. އަދި ތިމާގެ އަމިއްލަ ފުދުންތެރިކަމާ ދޭތެރޭ ފަޚުރުވެރިވެއެވެ. ތިމާގެ ދަރިންގެ ކުޅަދާނަކަމާ ދޭތެރޭ ބޮޑާވެ، ކިބުރުވެރިވެވެއެވެ. އެކަކު އަނެކަކު މިކަމުގައި ކުރިއަރައިދިއުމަށް ވާދަވެރިވެ ހަސަދަވެރިވެއެވެ.

މިކަމުގެ ތެރޭގައި އާޚިރަތް ދުވަސްމަތިން ހަނދާން ނެތިދެއެވެ. ނަމާދު ކުރުން ބުރައަކަށް ވެދެއެވެ. ނަމާދު އެއީ އެހެން ހުރިހާ ކަމެއް ކޮށްނިމި އިތުރު ވަގުތު އޮވެއްޖެނަމަ ކުރަން ޖެހޭ އެއްޗަކަށް ބަދަލުވެދެއެވެ. ޤުރުއާން ކިޔަވަން އަމުދުން ހަނދާނެއް ނުހުރެއެވެ. އަދި ބޮޑު ބުރައަކަށް ވެދެއެވެ. މަޑުމަޑުން ގޮސް ޚަތިމު ބަލައިގެން ކިޔެވުން ތަކުލީފަކަށް ވެދެއެވެ. ތިމާ ނަމާދު ކުރުމާއި ޤުރުއާން ކިޔެވުމާ ދުރުވެފައިވާއިރު ތިމާގެ ލޯބިވާ ދަރިފުޅު ހަލާކުގެ ތެރެއަށް ވެއްޓިގެންދާތަން ބަލަން ތިބާ އަށް ބޮޑު ކަމަކަށް ނުވެއެވެ. އެ ދަރިފުޅު އުޅޭލެއް ބުރަކަމުން ހިތްހަމަނުޖެހި ނުރުހުން ވެދާނެތީ ނަމާދުކޮށްލާށޭ ބުނަން ތިބާ އަކަށް ނުކެރެއެވެ. ތިބާގެ ދަރިފުޅު ވަރުބަލިވެފައި ހުންނާނެތީ ޤުރުއާން ކިޔަވާލާށޭ ބުނަން ތިބާއަކަށް ނުކެރެއެވެ. ތިބާގެ ދަރިފުޅު ކިޔަވަމުން ދިޔައިރު ކުލާހުން ފެއިލް ވެދާނެތީ ތިބާ ދެރަވެ ހާސް ވެއެވެ. ގަދަ ބާރުން އޮބި އަޅާ ބައިންދައިގެންވެސް ފިލާވަޅުތައް ދަސްކުރުވައެވެ. އެތަންމިތަނުން މުދައްރިސުން ގެނެސް ބޮޑު ޚަރަދުކޮށް ޓިއުޝަން ނަގައިދެއެވެ. އެހެނީ ތިބާގެ ފަރިފުޅު އިމްތިހާނުން ފެއިލްވެ މީސްތަކުންގެ މަލާމާތް ތިބާ ލޯބިވާ ދަރިފުޅަށް ކުރިމަތިވުމަކީ ތިބާގެ ލަގޮނޑިއަށް ކެތްވާނެ ކަމަކަށް ނުވެއެވެ.

ސުބްހާން ﷲ! މިއީ ތިބާގެ ދަރިފުޅު ދެކެ ތިބާ ލޯބިވާ މިންވަރެއެވެ. ތިބާގެ ދަރިފުޅަށް ހެޔޮގޮތް މެދުވެރިވާން ތިބާ އެދޭ މިންވަރެވެ. ތިބާގެ ލޯބިވާ ދަރިފުޅުގެ މުސްތަގްބަލް އުޖާލާވާން ތިބާ ބޭނުންވާވަރެވެ.

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ. ނިކަން ފުންކޮށް ވިސްނާލާށެވެ. އަހަރެމެންގެ އަމިއްލަ ނަފުސުތައް އަހަރެމެން ހަލާކުގެ ތެރެއަށް އެއްލާލާފައި އެވަރުން ނުފުދި އަހަރެމެންގެ ލޯބިވާ ދަރިންވެސް އަހަރެމެން ހަލާކުގެ ތެރެއަށް އެއްލައިލަނީއެވެ. ސުބަހާން ﷲ. މިއަދު މީސްތަކުންގެ މަލާމާތާ އެކުދިން ކުރިމަތިލާން ޖެހިދާނެތީ އަހަރެމެން ދެރަވެ، ކަންބޮޑުވެ، ބިރުގަނެ ލަދުގަނެ ހިތާމަކުރަމުއެވެ. ނަމަވެސް ތިމާ އާއި އެ ލޯބިވާ ދަރިފުޅު މަރުވެ، ކަށްވަޅުގެ ސުވާލުތަކާއި ކުރިމަތިލާންޖެހި ފެއިލްވެ، މަޚްޝަރުގެ މައިދާނުގައި އަބާއްޖަވެރިންގެތެރޭ ހިމެނި، މަލާއިކަތް ބޭކަލުންނާއި ﷲގެ ނުރުއްސެވުމާއި ލައުނަތް ލިބި، އަނދަ އަނދާ ހުރި ޖަހަންނަމައިގެ ގަދަފަދަ އަލިފާނުގެ ފުންވަޅުގަނޑެއްގެ ތެރެއަށް ވެއްޓިދާނެތީ ތިބާ ކަންބޮޑުނުވޭހެއްޔެވެ؟ ތިބާ މިކަމާ ހަމަ ކުޑަކޮށްވެސް ބިރުނުގަނޭ ހެއްޔެވެ؟ ދެރަނުވޭހެއްޔެވެ؟

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ. ތިޔަބައިމީހުން ދަރިން ވިހާ އެދަރިން ބޮޑުކުރުމަކުން އަދި ނިމުނީއެއް ނޫނެވެ. ކޮންމެ ކުއްޖަކުވެސް މިދުނިޔެއަށް އުފަންވަނީ ފިތުރަތުގެ ދީންމަތީގައެވެ. އެކުއްޖަކު ނަސާރާ އަކަށްވެސް، ޔަހޫދީ އަކަށްވެސް، އަދި މަޖޫޝީ އަކަށްވެސް ހަދަނީ އެކުއްޖެއްގެ މައިންބަފައިންނެވެ. ދަރިންނަކީ ﷲ ތިޔަބައި މީހުންނާ ހަވާލުކުރައްވާފައިވާ ވަރަށް މަތިވެރި، މާތް އަމާނާތެކެވެ. އެއަށް ރައްކައުތެރިވާށެވެ. އަންނަން އޮތް ދުވަހުގެ ބިރުވެރިކަމަށް ވިސްނާތިބޭށެވެ. ހަމަ ކަށަވަރުން ސުވާލު ވެވޭނެއެވެ. ޖަވާބުދާރީ ކުރުވޭނެއެވެ. ތިޔަބައިމީހުން ދަރިން ތަރުބިއްޔަތު ކުރުވި ގޮތާ ޒިންމާދާރު ކުރެވޭނެއެވެ.

ވަގުތުގެ ބޭނުން ހިފާށެވެ. ތިބާގެ ދަރިފުޅު ލައްވާ ގަޑިން ގަޑިއަށް ނަމާދު ކުރުވާށެވެ. ޤުރުއާން ކިޔަވާދޭށެވެ. ހެޔޮ ކަންތައްތަކަށް އަމުރު ކުރާށެވެ. ނުބައި އާދަތަކަށް ނޫނެކޭ ބުނާށެވެ. ތިބާ މިކަންތައްތަކުގައި އިސްވެ ނަމޫނާ ދައްކާށެވެ. ގިނަގިނައިން ހަނދާންކޮށްދޭށެވެ. ބަހާއި އަމަލުންނެވެ. ދިންނެވުން އޮތީ މިގޮތުގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *