Support Us

ދިވެހި އަދަބީ ފިލާވަޅެއް- ކުރުކޮށް

ތިރީގައި މި ވަނީ ދިވެހި އަދަބީ ފިލާވަޅެކެވެ. ދިވެހި އަދަބިއްޔާތާ ބެހޭ ގޮތުން މައުލޫމާތު ހޯދާ ދަރިވަރުންނަށް ވެސް މުހިންމު މައުލޫމާތަކަށް ވާނެ ކަމަށް ހީކުރަމެވެ.

1. ޤައުމިއްޔަތުގެ މައިގަނޑު ބަހާއަކީ ކޮން އެއްޗެއް؟

ޖ. އަދަބިއްޔާތު

2. ދިވެހި އަދަބިއްޔާތު މާނަ ކުރެވެނީ ކޮން ގޮތަކަށް؟

ޖ. ދިވެހިބަހުން ލިޔެފައިވާ ލިޔުންތަކާއި ޒަމާނުއްސުރެ އަޅުގަނޑުމެންގެ ތެރޭގައި ބޭނުންކުރެވެމުންދާ ޅެމުގެ ބާވަތްތައް

3. ދިވެހި އަދަބިއްޔާތު ބަހާލެވިފައިވާ ދެ ބަޔަކީ ކޮބާ؟

ޖ. ލިޔުންތެރިކަމުގެ ބަޔާއި ޅެންވެރިކަމުގެ ބައި

4. ޒަމާނުއްސުރެ މި ޤައުމުގައި ލިޔެކިޔުމުގެ ކަންތައްތައް ހިގާފައިވާކަން ސާބިތުވަނީ ކޮންކަމަކުން؟

ޖ. އެއީ ވަރަށް ކުރީ ޒަމާނުގެ ލިޔުން ލިޔެފައިވާ ތަކެތި ރާއްޖޭގެ ބިމުގެ އަޑިން ފެނިފައިވާތީއާއި އެކަމަށް ހެކިދޭ އާސާރީ ކިތަންމެ އެއްޗެއް ފެނިފައިވާތީ.

5. ދިވެހި އަދަބިއްޔާތުގެ ލިޔުންތެރިކަމުގެ މުއްސަނދިކަން ހާމަވާ ދަލީލު ތަކަކީ ކޮބާ؟

ޖ. ކުރުވާހަކައާއި ދިގު ވާހަކަ، ބަޔޮގުރަފީ އާއި ދަތުރު ނާމާ އަދި ޢިލްމީ އެކިއެކި މަޢުޟޫއަށް ލިޔެފައިވާ ބޮޑެތި ފޮތްތައް

6. ލިޔުންތެރިކަމުގައި ހިމެނޭބައެއް ބައިވަތްތަކުގެ ނަން ލިޔޭ!

ޖ. ދީނީ ފޮތްތައް، ޢިބްރަތްތެރި ވާހަކަ، ޢިލްމީ މަޒުމޫނުތައް، ކުރުވާހަކަ، ދިގުވާހަކަ، ބަޔޮގްރަފީ، ދަތުރުނާމާ، ތާރީޚީ ފޮތްތައް.

7. ވަޒަން ބަހުރުވައިގެ ތެރޭގައި ހިމެނޭ ބާވަތްތަކަކީ ކޮބާ؟

ޖ. ބަނދި، ކާ، ފަރިހި، ރައިވަރު، ޅެން، އަންބާ، ލަވަ، އާޅެން

8. އިހުގެ ދިވެހިންގެ ދިރިއުޅުން އެންމެބޮޑަށް އެނގެނީ ވަޒަން ބަހުރުވައިގެ ކޮން ބާވަތަކުން؟ އަދި އެއީ ކީއްވެ؟

ޖ. ރައިވަރުން. އެއީ އިހުދިވެހިން އާންމުކޮށް ވާހަކަ ދެއްކުމުގައި ވެސް ބޭނުންކުރި އެއްޗެއް ކަމުގައި ވާތީ.

9. އިހުގެ ދިވެހިންގެ ދިރިއުޅުން އެންމެބޮޑަށް އެނގެނީ ލިޔުންތެރިކަމުގެ ކޮން ބާވަތަކުން؟ އަދި އެއީ ކީއްވެ؟

ޖ.ރައިވަރުން. އެއީ އިހުދިވެހިން އާންމުކޮށް ވާހަކަ ދެއްކުމުގައި ވެސް ބޭނުންކުރި އެއްޗެއް ކަމުގައި ވާތީ.

10. އިހު ދިވެހިންގެ ދިރިއުޅުމުގެ ކަންތައްތައް ކުރަމުން ދިޔަގޮތާއި، ދިރިއުޅުމުގައި ބޭނުންކުރި ތަކެއްޗާއި، އޭރުގެ ދިވެހި ބަހުގެ ބަސްކޮށާރު ދެނެގަތުމަށް އެންމެ މުހިންމު ވަޞީލަތަކީ ކޮބާ؟

ޖ. ރައިވަރު

11. ދިވެހީންގެ އާންމު ދިރިއުޅުމުގައި ފާހަގަ ކުރެވޭ ވަރަށް ގިނަ ކަންތައްތަކަށް ރައިވަރު ހެދިފައިވެއެވެ. އޭގެ ތެރެއިން ތިން ކަމެއް ލިޔޭ!

ޖ. މައިން ބަފައިންގެ ފަރާތުން ދީފައިވާ ދީނީ ނަސޭހަތްތައް، ދުނިޔެވީ ހަޤީޤަތްތައް އޮޅުން ފިލުވައި ދިނުން، ދެފަރާތުގެ ދެމެދުގައި އޮންނަ ރަޙުމަތްތެރިކަމުގެ ގުޅުން.

12. ބޮޑުތަރުތީބަކީ ކޮންކަހަލަ ފޮތެއް؟

ޖ. އިސްލާމްދީނުގެ ފިޤުހުޢިލްމާއި ބެހޭ ފޮތެއް

13. ބޮޑުތަރުތީބު ލިޔުއްވީ ކޮން ބޭފުޅެއް؟

ޖ. ޢަލީ އެދުރުތަކުރުފާނު (އައްޝައިޚު އަލްޚަޠީބު ޢަލީބިން މުޙައްމަދު އަލް މަޙްލީ)

14. ބޮޑުތަރުތީބު ޗާޕުކުރީ ކޮން އަހަރަކު؟

ޖ. ހިޖުރައިން 1323 (މީލާދީން 1905)

15. "ޞައްޔާޙެއްގެ ޔައުމިއްޔާގެ ގަނޑެއް "މިފޮތަކީ ކޮންކަހަލަ ފޮތެއް؟ އަދި މިފޮތް ލިޔުއްވީ ކޮން ބޭފުޅެއް؟

ޖ. ދަތުރުނާމާއެއް. ލިޔުއްވީ މުޙައްމަދު އަމީން ދީދީ.

16. ތިލަދުންމަތީ ދަތުރުގެ ހަނދާން މި ފޮތް ލިޔުއްވީ ކޮން އަހަރަކު؟ އަދި ކޮން ބޭފުޅެއް؟

ޖ. ހިޖުރައިން 1362. (މީލާދީން 1943). ލިޔުއްވީ އަލްއުސްތާޛު މުޙައްމަދު ޖަމީލު ދީދީ

17. ސިޔަރަތުއް ނަބަވިއްޔާ މި ފޮތް ދިވެހި ބަހަށް ތަރުޖަމާކޮށް ލިޔުއްވީ ކޮން ބޭފުޅެއް؟ އަދި އެއީ ކޮން އަހަރަކު؟

ޖ. ޙުސައިން ޞާލާޙުއްދީން. ހިޖުރައިން 1356، މިލާދީން 1937 ވަނަ އަހަރުގައި

18. "ފަހުބަސް" މިފޮތުގައި ހުރީ ކޮން ކަހަލަ ވާހަކަ ތަކެއް؟ އަދި މި ފޮތް ލިޔުއްވީ ކޮން ބޭފުޅެއް؟

ޖ. ހުރީ ކުރުކުރު މަޒުމޫނުތަކެއް. ލިޔުއްވީ ރައީސް އަލްއުސްތާޒު މައުމޫން ޢަބުދުލްޤައްޔޫމް

19. "ޢީރާނުން ފިލާވަޅެއް" މިއީ ކޮން ބޭފުޅެއް ހައްދަވާފައިވާ ޅެމެއް؟

ޖ. މޫސާ ފަތުޙީ

އަލްމަރުހޫމް އަލްއުސްތާޒު މުޙައްމަދު ޖަމީލު ދީދީ

20. އުޖާލާވި ރަންތަރިއަކީ ކޮންބޭފުޅެއް؟

ޖ. މުޙައްމަދު ޖަމީލު ދީދީ

21. މުހައްމަދު ޖަމީލު ދީދީއަށް ލިބިވަޑައިގެންފައިވާ ބައެއް އިނާމު ތަކާއި ލަޤަބުތަކަކީ ކޮބާ؟

ޖ. އުސްތާޛުލް ޖީލު، އުޖާލާވިރަންތަރި، ދިވެހި ނޫސްވެރިކަމުގެ ރަންގަލަން، ދިވެހިބަހަށް ޚިދުމަތްކުރެއްވުމާއި ދީނީ ފޮތް ލިޔުއްވުމުންޢާއްމު ޚިދުމަތުގެ ޝަރަފުވެރިކަމުގެ އިނާމު

22. ޖަމީލުދީދީ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ކޮން ތާރީޚަކު؟

ޖ. 1 މެއި 1915

23. ޖަމީލުދީދީ މި ދުނިޔެ ދޫކުރެއްވީ ކޮން ތާރީޚަކު؟

ޖ. 15 މާރިޗު 1989

24. މުޙައްމަދު ޖަމީލު ދީދީއަށް ދިވެހި މުޖުތަމަޢުގައި އެންމެ ބޮޑު ޤަދަރަކާއި ޢިއްޒަތެއް ދެވިފައިވަނީ ކޮން ކަމަކުން؟

ޖ. ދީނީ ރޮނގުން ކުރެއްވި ޚިދުމަތުން

25. ލިޔުންތެރިކަމުގެ ފަންނުގައި ޖަމީލު ދީދީގެ ކުޅަދާނަކަން ހާމަވާ ދެ ސަބަބެއް ބުނެދީ!

ޖ. ބަހުގެ ބަލާޣާތްތެރިކަމާއި، ޝައުޤު އުފެދޭގޮތަށް ބަސް ގެންނެވުން އަދި މިސާލު ޖެއްސެވުމުގެ ކުޅަދާނަކަން

26. ޖަމީލުދީދީގެ ޑުރާމާތަކާއި ތަމްސީލުތަކަށް މުޅިރާއްޖެއިން ތަރުޙީބު ލިބުނު ސަބަބަކީ ކޮބާ؟

ޖ. ޑުރާމާ ތަކާއި ތަމްސީލުތަކުގެ މަޖާ ކަމާއި، އެއިން ލިއްބައިދޭ ޢިބުރަތުގެ ރަނގަޅުކަން.

27. ޖަމީލުގެ މަޒުމޫނުތައް 1، 2، 3 މި ފޮތް ތަކުގައި ހުރީ ކޮން ކަހަލަ މަޒުމޫނު ތަކެއް؟

ޖ. ޖަމީލުގެ މަޒުމޫނުތައް 1ގައި ހުރީ ދީނީ މަޒުމޫނުތައް

ޖަމީލުގެ މަޒުމޫނުތައް 2ގައި ހުރީ އަދަބީ، ތާރީޚީ، ޘަޤާފީ މަޒުމޫނުތައް

ޖަމީލުގެ މަޒުމޫނުތައް 3ގައި ހުރީ ދިވެހިބަހާއި ބެހޭގޮތުން ލިޔުއްވާފައިހުރި މަޒުމޫނުތައް

28. ޖަމީލުދީދީއަކީ ފަސްމީރު ކުރިރުކެއްކަން ބަޔާންކުރެވޭ ސަބަބުތަކަކީ ކޮބާ؟

ޖ. ޚިދުމަތް ގިނަވުން، އަދަބީ އުފެއްދުންތައް ގިނަވުން، އެއީ ތެދު ޙައްޤުބަހުން އަޅުގަނޑުމެންގެ ސިކުނޑިތަކުގެ މައްޗަށް އަސަރު ފޯރުވި ފަރާތެއްކަމުގައިވުން

29. ޤައުމީ ސަލާމުގެ ޅެން ހެއްދެވީ ކޮންބޭފުޅެއް؟

ޖ. މުޙައްމަދު ޖަމީލް.

30. އުސްތާޛުލް ޖީލުގެ ލަގަބު ލިބިވަޑައިގެންފައިވާ ޢިލްމުވެރިޔަކީ ކޮބާ؟

ޖ. މުޙައްމަދު ޖަމީލު.

31. މުޙައްމަދު ޖަމީލަށް އުޖާލާވި ރަންތަރީގެ ނަމުން މަޝްހޫރުވެފައިވަނީ ކޮން ރޮނގަކުން؟

ޖ. ޅެންވެރިކަމުގެ ރޮނގުން

32. މުޙައްމަދު ޖަމީލުގެ ދިރިއުޅުއްވުމުގެ ކުރު ތަޢާރަފެއްދީ!

ޖ. ސާދާ ދިރިއުޅުވުން- މުރާލިކަމުގެ ނަމޫނާއެއް- ވަގުތަށްކަމޭ ހިއްތެވުން- ތަރުތީބުން ކަންކަން ކުރެއްވުން- ދީނަށް ހުރުމަތްތެރިކޮށް ހިތްތެވުން، އިންސާނީ ރީތި ސިފަތައް ހަޔާތުގެ ޝިޔާރުކަމުގައި ހެއްދެވުން.

33. މުޙައްމަދު ޖަމީލުގެ ދިރިއުޅުއްވުން ފެންނަ ފާހަގަކޮށްލެވޭ ބައެއް ސިފަތަކަކީ ކޮބާ؟

ޖ. ސާދާ ދިރިއުޅުވުން- މުރާލިކަމުގެ ނަމޫނާއެއް- ވަގުތަށްކަމޭ ހިއްތެވުން- ތަރުތީބުން ކަންކަން ކުރެއްވުން- ދީނަށް ހުރުމަތްތެރިކޮށް ހިތްތެވުން، އިންސާނީ ރީތި ސިފަތައް ހަޔާތުގެ ޝިޔާރުކަމުގައި ހެއްދެވުން.

34. މުޙައްމަދު ޖަމީލުގެ ޤައުމީ ޚިދުމަތް ތަކުގެ ތެރެއިން ތިން ޚިދުމަތެއް ލިޔޭ!

ޖ. އުއްތަމަ ފަނޑިޔާރުކަން، މާލޭ މުނިސިޕަލްޓީގެ ރައީސްކަން، ބަންޑާރަ ނައިބުކަން، މަޖީދިއްޔާ ސްކޫލްގެ ނާޒިރުކަން، ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒެއްގެ އިސްވެރިއެއް، ދީނުގެ މަގުގެ މުހައްރިރުކަން.

35. ދީނީ ރޮގުން މުޙައްމަދު ޖަމީލް ލިޔުއްވި ތިން ފޮތެއްގެ ނަން ލިޔޭ!

ޖ. ދީނީ ތަރުބިއްޔަތު 1، 2، ތަޢުލީމު ދިޔާނާ 1، 2، 3، ދުރޫސުލް އަޚްލާޤު.

36. މުހައްމަދު ޖަމީލު ބަހަށް ކުރެއްވި ޚިދުމަތްތަކުގެ ތެރެއިން ލިޔުއްވި ތިން ފޮތެއްގެ ނަން ލިޔޭ!

ޖ. ކުޑަކުދީންގެ ބަގީޗާ 1، 2، ދިވެހި ކިޔުން 1، 2، ދިވެހިބަހުގެ ގަވާއިދު ބަޔާން ކުރައްވާ ފިޔަވަޅު 1، 2، 3

37- ޖަމީލުގެ ތަމްސީލުތަކުގެ ޚަޒާނާއިން ފެންނަ ކުލަތަކަކީ ކޮބާ؟

ޖ. މަޖާ ދިރިއުޅުމުގެ ކުލަތައް، ތާރީޚީ ކުލަތައް، އިލްމީ ކުލަތައް.

38- މުހައްމަދު ޖަމީލް ޅެން ހައްދަވާފައިވަނީ ކޮން ރޮނގުތަކަކުން؟

ޖ. ދީނީ، ޢިލްމީ، ޤައުމީ، ލޯބި، ސިފަކުރުން.

39. ޢަބުދުﷲ ފަހުމީ ދީދީގެ ޅެންތަކުން ފެންނަން ހުރި ތިން ކަމެއް ބުނެދީ!

ޖ. ޢަރަބި ތަޢުލީމުގެ އަސަރު، ދިވެހި ވިސްނުމާއި، ދިވެހި އުޞޫލާއި، ދިވެހި ދިރިއުޅުން

40. ދިވެހިބަހުން ފުރަތަމަ ރިވާޔަތެއް (ދިގުވާހަކައެއް) ލިޔުއްވީ ކޮން ބޭފުޅަކަށް؟

ޖ. އަޙްމަދު ކާމިލް ދީދީ

އަލްމަރުހޫމް ބޮޑުފެންވަޅުގޭ ސީދީ

41. ބޮޑުފެންވަޅުގޭ ސީދީގެ ލިޔުއްވުންތަކުން ފާހަގަކޮށް ލެވޭ ދެކަމެއް ލިޔޭ!

ޖ. އަދަބީގޮތުން ލަޠީފު ލޫޅާފަތި ގޮތް، ހެއްވާ ސަމާސާގޮތް.

42. ދިވެހި އަދަބީ ޖައްވު ޒީނަތްތެރިވެ ކުލަތަކުން ފެވެންފެށި ދުވަސްވަރު އުފެދުނު ކޮމެޓީއަކީ ކޮބާ؟

ޖ. ވާހަކަ ކޮމިޓީ

އަލްމަރުހޫމު މުޙައްމަދު އަމީން ދޮށިމޭނާ ކިލިގެފާނު

43. ޤައުމީ ސަލާމުގެ ޅެމަށް އަދަބީ ގޮތުން އެހާ ފުރިހަމަކަމެއް ލިބިފައިވަނީ ކޮން ގޮތަކުން؟

ޖ.  މުޙައްމަދު އަމީން ދެއްވި ޚިޔާލުފުޅުތަކާއި މުޙައްމަދު ޖަމީލުގެ އަދަބީ ޝުޢޫރުގެ ފުރިހަމަކަމުންނާއި ޅެންވެރިކަމުގެ މޮޅުކަމުން.

44. ލިޔުންތެރިކަމުގައި މުޙައްމަދު އަމީނު ބޭނުން ކުރެއްވި ރަމްޒީ ނުވަތަ ގަލަމީ ނަންފުޅުތަކަކީ ކޮބާ؟

ޖ. އގއ، އޯކިޑު.

45. މުހައްމަދު އަމީނު ލިޔުއްވި ފޮތްތަކުގެ ތެރެއިން ހަތަރު ފޮތެއްގެ ނަންލިޔޭ!

– ދިވެހިރާއްޖެ ހަނގުރާމައިގެ ވިލާގަޑެއްގެ ދަށުގައި

– ދަރިއެއްގެ ޝުކުރު

– ދިވެހިރާއްޖޭގެ ތާރީޚުގެ ތަންތަންކޮޅު

– ޚަރުދަނާ އަޚްލާޤު.

46. މުޙައްމަދު އަމީނުގެ ލިޔުއްވުންތަކުގެ ތެރެއިން އަދި ނުފެންނަ ބާވަތުގެ ލިޔުމަކީ ކޮބާ؟

ޖ. ހެއްވާ ބާވަތުގެ ލިޔުން

47. ދިވެހިރާއްޖޭގެ ލިޔުންތެރިކަމަށް ޚާއްޞަ އިންގިލާބެއް އައީ ކޮން ދުވަސްވަރެއްގައި؟

ޖ. ޢިލްމީ މަތިވެރިނޫރުގެ ޝުޢާއުން އަލި ރައްދުވާން ފެށި ދުވަސްވަރު

48. ދިވެހިރާއްޖޭގެ ޤައުމީ ސަލާމުގައި ހިމެނެނީ ކިތައް ބައިތު؟

ޖ. 8 ބައިތު

ފަޟީލަތުއް ޝައިޚް ހުސައިން ސަލާހުއްދީނު

49. ޙުސައިން ޞަލާޙުއްދީނުގެ ލިޔުއްވުން ތަކުގައި ބޮޑަށް ފެންނަނީ ކޮންސިފައެއް؟

ޖ. ޢިލްމީ ގޮތާއި ދީނީގޮތް.

50. "ދޮންބީފާނު ވާހަކަ"، "ރިވާޔަތު ނުޢުމާން ވަމަރިޔަމް" މި ދެ ފޮތް ލިޔުއްވީ ކޮންބޭފުޅެއް؟

ޖ. ޙުސައިން ޞަލާޙުއްދީން

  • މައުލޫމާތު: އަބްދުﷲ ސަޢީދުގެ ލިއުއްވުމަކުން ނަގައިފައި

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *