...

Support Us

ގަފޫރާއެކު ޝަހީބު (ވ) މާރުކޭޓު ގޮޅީގައި 2019 އޮކްޓޫބަރުގައި

ޒިއުރިކް ގަފޫރުގެ ހަނދާނުގައި…

"ގަފޫރު ލޮލީއެއް- ގަފޫރު ގުޅައެއް،" އީޕީއެސްގައި އެ ޒަމާނުގައި ކިޔަވަން އުޅުނު އެއްވެސް ކުއްޖެއް، މިހެން ބުނެނުލާ ހުރެދާނެހެނެއް ހިޔެއްނުވެއެވެ. އެއީ ސްކޫލް އިންޓަވަލް ގަޑީގައި ކައިބޮއެ ހަދަން "އިންޓަވަލް ބޮކްސް" ގެންދިޔަ ޒަމާނެއް ނޫނެވެ. މިހާރުގެ ގޮތަށް ސޭންޑްވިޗާއި ޕިއްޒާ އާއި ތަފާތު ބުއިންތަކުގެ "ކާނާފޮށި" ދީފައި ސްކޫލަށް ފޮނުވޭހާ ފޯރުންތެރިކަމެއް ގިނަ އާއިލާތަކުގައި ނުވެސް ހުންނަނީއެވެ. އެހާ ހޭލުންތެރިކަން ވެސް ނެތީ ކަންނޭނގެއެވެ. އެހެންވެ އަޅުގަނޑުމެން ކޮންމެ ކުއްޖަކަށް ވެސް ޖެހެނީ ސްކޫލާ ޖެހިގެން ހުންނަ ޒިއުރިކަށް ވަދެ ލޮލީއެއް ބޯލައި، ކިރިމްޖެހި ބަނަހެއް ނޫނީ ގުޅައެއް ކާލާށެވެ. އަޖައިބުވާ ކަމަކީ އެންމެ 10 ލާރި އަށް ލިބޭ ލޮލީއެއް ބޯލުމުންވެސް، ކަރުހިއްކުމާއި ބަނޑުހައިހޫނުކަން ފިލައި، މީހާ އަށް ތާޒާކަން ލިބޭތީއެވެ.

އެއީ އަށްޑިހައިގެ ކުރީކޮޅެވެ. ޒިއުރިކަކީ ޗާންދަނީމަގުގައި، މިހާރު "ސްކޫޕް" ހުންނަ ތަނުގައި (ކަންމަތީގައި) ހުންނަ ކުޑަކުޑަ ފިހާރަގަނޑެކެވެ. ގަފޫރު "ޒިއުރިކް" ހިންގީ 1972 އިން ފެށިގެން 1994 އާ ހަމައަށެވެ. އަޅުގަނޑު ސްކޫލް ނިމުނީ 1987ގައެވެ. އުމުރަކީ 18 އަހަރެވެ.

ޒިއުރިކްގައި ހުންނަނީ ދެ ވައްތަރެއްގެ ލޮލީއެވެ. އެއީ 10 ލާރިއަށް ދޭ، އިލޮށިކޮޅެއްލީ ލޮލީއަކާއި، އާދައިގެ ޖޫސް އަޅައިގެން ހަދައިފައި އޮންނަ ގަނޑުލޮލީއެވެ. މިހާރުގެ ގޮތަށް ނަމަ އައިސްކިއުބެކެވެ. އެކަމަކު އާދައިގެ އައިސް ކިއުބަކަށްވުރެ އެ ގަނޑުލޮލީ ތަންކޮޅެއް ބޮޑުވާނެއެވެ. އޭގެ އަގަކީ ފަސް ލާރިއެވެ. ގަނޑުލޮލީ ބޯންޖެހޭނީ މުޅި އަތުގައި ހާއްކައިގެންނެވެ. އުޅޮނބަށިކޮޅުންވެސް ތިކި ޖަހާނެއެވެ. ގިނަ ފަހަރަށް ޔުނީފޯމުގައިވެސް އުނގުޅެއެވެ. އެކަމަކު ފަރުވާތެރިކަމާއެކު ލޮލީ ބޮއެފިއްޔާ ޔުނީފޯމަށް ތިއްކެއް ނުޖެހޭ ގޮތަށް ބޮވިދާނެއެވެ. (ލޮލީ ހަދައިފައި ހުންނާނީ ފޮޓޯ ނަގާ ފިލްމު ލާ ދަޅުގައެވެ.)

ކުދި ގުޅަވެސް އެތާ ހުރެއެވެ. ކްރީމު ޖެހި ބަނަހާއި ޑޮންޑޮންވެސް ހުރެއެވެ. ކްރީމު ޖެހި ބަނަހެއް ފަސް ލާރިއަށެވެ. ޑޮންޑޮންފުޅިއެއް 15 ލާރިއަށެވެ. ކިއްލިއެއް އެންމެ ލާރިއަކަށެވެ. އެކަމަކު ކުދިގުޅައެއް، ބަނަހެއް އަޅުގަނޑު ނުގަންނަމެވެ؛ ކާހިތްނުވާތީކީ ނޫނެވެ. ހަފުތާގެ އިންޓަވަލް ބަޖެޓަކީ 60 ލާރި ކަމަށްވާތީއެވެ. (އޭރު ހޮނިހިރުން ބުރާސްފައްޗަށް (ހަ ދުވަހު) ކިޔެވުން އޮންނާނެއެވެ. ސަރުކާރު އޮފީސްތައްވެސް އޮންނާނެއެވެ.)

ހަފުތާގެ އިންޓަވަލް ބަޖެޓަކަށް ދުވާލަކު 10 ލާރި މަންމަ ދޭ ސަބަބެއް އަދިވެސް ނޭނގެއެވެ. އެކަމަކު ޔަގީންވާ އެއްޗަކީ އިތުރަށް ލާރި ބޭނުންނުވާ ކަމެވެ. އެންމެ ލޮލީއަކުން ބަނޑު ފުރި، ކަރުހިއްކުން އޭރު ފިލައެވެ. ބަސް އަހައިގެން އުޅުމުން މަންމަ 20 ލާރި ދޭ ދުވަހެއް ވިއްޔާ ޒިއުރިކަށް ދަނީ ކޮންމެވެސް ކުއްޖެއް ގޮވައިގެންނެވެ. (މިހާރުގެ ކުއްޖެއްގެ އިންޓަވަލަށް ދުވާލަކު އެވްރެޖްކޮށް ވިހިތިރީސް ރުފިޔާވަރު ޚަރަދުވާނެއެވެ. އަދި އިންޓަވަލް ގަޑީގައި ކައިބޮއެ ހަދާނީވެސް ހަމަ ރަނގަޅު ފެންވަރުގެ ކާނާއެވެ. ސޭންޑްވިޗާއި ޕިއްޒާ އާއި މޭވާ ފަދަ ކާނާ އާއި ކިރާއި މައިލޯ ފަދަ ތަފާތު ބުއިންތަކެވެ.)

މިހާރުގެ ވާހަކަ ދެއްކުމުގައި، މީހަކަށް އުފާވެރި ކަމެއް ވާއިރަށް ސައިދޭންވާނެއޭ، ކޮފީ ދޭންވާނެއޭ، ކާންދޭންވާނެއޭ ބުނާ ގޮތަށް އޭރު އަޅުގަނޑުމެން ކިޔަނީ ލޮލީ ދޭންވާނެއޭއެވެ. ހުރިހައިވެސް އެއްޗަކީ ލޮލީއެވެ.

ޒިއުރިކަކީ ވަރަށް ކުޑަ ފިހާރައެއް ކަމަށް ވާތީ އެތަނަށް ވަދެވޭނީ އެއްފަހަރާ 10 ވަރަކަށް ކުދީންނަށެވެ. އެކަމަކު އީޕީއެސްގެ އިންޓަވަލް ރަނގަބީލާއެކު އެތަން އޮންނާނީ ފުރާލައިފައެވެ. (އޭރު އިންޓަވަލް ގަޑީގައި ބޭރަށް ނުކުމެފައި ވަދެވޭނެއެވެ. ފަހުންފަހުން ސައިބޯން ގެއަަށްވެސް އަންނަމެވެ.) އެންމެން ވަނުމުން އެތަން ހީވާނީ ކާއްޓަކަށް މުޑިއަރައިފައި އޮންނަހެންނެވެ. ފިތި ބާރުވެފައެވެ. އެއްބަޔަކު ދޮރުން ނުނުކުމެވިގެން އުޅޭއިރު އަނެއް ބަޔަކު އުޅޭނީ އަވަހަށް ވަންނާށެވެ. އެތެރެއަށް ވަދެ އެންމެން ތިބޭނީ ކައުންޓަރު ކުރިމަތީގައި ބޮނޑިއަކަށެވެ. އަތަށް ލާރި ލައިގެން، އަތްދިއްކޮށްގެންނެވެ. ދެތިން ހަތަރު ބަރި އޮންނާނެއެވެ. ބައެއް ކުދިން ތިބޭނީ ދިގުވާންވެގެން ކޮރައިގެންނެވެ. "ގަފޫރު ލޮލީއެއް، ގަފޫރު ލޮލީއެއް- ގަފޫރު ގުޅައެއް، ގަފޫރު ގުޅައެއް" ގޮވަންޖެހެނީ ދިއްކޮށްފައި އޮންނަ ލާރީގައި ގަފޫރު އަވަހަށް ހިފާތޯއެވެ. އެކަމަކު އެންމެން އެއްފަހަރާ އެހެން ގޮވަމުންދާތީ، ގަފޫރު ހުންނާނީ ފުރަތަމަ ހިފާނީ ކާކުގެ ލާރިއެއްގައިކަން ވެސް ނޭނގިފައެވެ.

އީޕީއެސްގެ އިންޓަވަލް ގަޑީގައި ވަންނަ ވަރަށް ކުދިންނެއް އެހެން އިރަކު ޒިއުރިކަށް ވަންނާނެހެނެއް ހިޔެއްނުވެއެވެ. އީޕީއެސް ކުރިމަތީގައި ހުންނަ އަމީނިއްޔާ ކުދިންވެސް ޒިއުރިކަށް ދާނެއެވެ. އެކަމަކު އެހާވަރެއް ނާރުވާނެއެވެ. ހީވާ ގޮތުން ޒިއުރިކްގެ ވިޔަފާރި އެންމެ ރަނގަޅުވާނީ ވެސް އީޕީއެސްގެ އިންޓަވަލް ގަޑީގައެވެ. އެއީ 15 ލާރިއަށް 10 ލާރިއަށް އެއްޗެއް ވިއްކިޔަސް، އެ ދުވަސްވަރަށް ބަލާއިރު އެެއީ ނިސްބަތުން ބޮޑު ސޭލްސްއަކަށް ވާނެކަން ޔަގީނެވެ.

އަޅުގަނޑު އޭރުވެސް އެންމެ ހައިރާންވަނީ ހުރިހައި ކުދިން އެއް އަޑަކަށް "ގަފޫރު ލޮލީއެއް، ގަފޫރު ލޮލީއެއް- ގަފޫރު ގުޅައެއް، ގަފޫރު ގުޅައެއް" ގޮވަމުންދާއިރުވެސް، ގަފޫރު ވަރަށް ހަމަޖެހިލައިފައި ހުންނާތީއެވެ. ހާސްވެގެން ދާހިތްލާފައެއްވެސް ދުވަހަކު ނުހުރެއެވެ. ގަފޫރަށް އެހީވުމަށް ބައެއް ފަހަރު އެހެން މީހަކުވެސް އެ ކޮށިގަނޑުގައި ހުރެއެވެ.

އުމުރުން 77 އަހަރުގައި ރޭ މި ދުނިޔެ ދޫކުރި އަބްދުލް ގަފޫރު މުހައްމަދަކީ ޗާންދަނީމަގުގައި އީޕީއެސް ހުރިއިރު ދަރިވަރުންނަށް ނުހަނު ގިނަ ހިދުމަތްތަކެއް ދިން، ހިތްހެޔޮ، ބަސް މަދު މީހެކެވެ.

ޒަމާންތަކަކަށްފަހު ގަފޫރާ އަޅުގަނޑު ދިމާވީ މާލޭ ލޯކަލް މާރުކޭޓުގެ ގޮޅިއެއްގެ ތެރެއިންނެވެ. އެއީ 2019 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 31 ވަނަ ދުވަހުއެވެ. ސްކޫލުން ވަކިވިތާ 34 ވީއިރުވެސް ގަފޫރު އެއްގޮތަކަށް ވެސް ނުދެކެމެވެ. އެ ދުވަހު ގަފޫރު ފެނުނީ ބަލިކޮށެވެ. ހުރީ ކުޑަކޮށް މުސްކުޅިވެފައެވެ. އެކަމަކު އަޅުގަނޑު ހުރީ މާބޮޑަށް މުސްކުޅިވެފައެވެ. ހަމަ ޔަގީނުންވެސް ގަފޫރުގެ ބޮލުގައި ހުރި ނުރައަށްވުރެ އަޅުގަނޑުގެ ބޮލުގައި ހުރި ނުރަ މަދެއްނުވާނެއެވެ. ގަފޫރުގެ ބޮލަކަށްވުރެ ވަކި، އަޅުގަނޑުގެ ބޮލުގައި ހުރި އިސްތައްޓެއް ވެސް ގިނައެއް ނުވާނެކަން ޔަގީނެވެ. މިއީ ދޮގެއްތޯ ބައްލަވަން ބޭނުންފުޅިއްޔާ ތިޔަ ބޭފުޅުން ވެސް މި ފޮޓޯތައް ނިކަން ރަނގަޅަށް ބައްލަވާލައްވާށެވެ.

ގަފޫރާއެކު ޝަހީބު (ވ) މާރުކޭޓު ގޮޅީގައި 2019 އޮކްޓޫބަރުގައި ސެލްފީ ނަގަނީ

އެ ދުވަހު ގަފޫރު ފެނުމާ އެކު "ގަފޫރު ގުޅައެއް، ގަފޫރު ލޮލީއެއް،" ކިޔައި ގޮވައިނުލެވުނީ ވެސް ހަމަ ކިރިޔާއެވެ. ނަސީބެއްތާއެވެ. އެ ގޮޅީގައި ލޮލީއެއް އަދި ގުޅައެއް ވެސް ނެތެވެ. ހުރީ، އެކި ފާޑުގެ ދިވެހި ލުއިކާނާ އާއި ރިހާކުރާއި ދިޔާ ހަކުރު ފަދަ ސާމާނެވެ.

ގަފޫރަކަށް އަޅުގަނޑެއް ނޭނގޭނެއެވެ. އެނގޭނެ ގޮތެއްވެސް ނޯންނާނެތާއެވެ. އޭރު އެއީ ސްކޫލް ޔުނީފޯމް ލައިގެން ހުރި ކުޑަކުއްޖެކެވެ. ފަހުން ފެނުނުއިރު ނުރަ ތުނބުޅިއެއްވެސް ލައިފައި ހުރި މީހެކެވެ. އެކަމަކު ފުރަތަމަ ފެނުމާއެކު ވެސް އަޅުގަނޑަށް ގަފޫރު އެނގިއްޖެއެވެ. ވަރަށް ދަންނަ، ވަރަށް ގާތް މީހެއްކަން އެނގިއްޖެއެވެ. އެހެންވެ އަވަހަށް ގޮސް ސަލާންކޮށްލައި، ހާލުއަހުވާލު އަހައިލައިފީމެވެ. އަދި މިއީ އީޕީއެސްގައި ކިޔަވަން އުޅުނުއިރު "ގަފޫރު ގުޅައެއް، ގަފޫރު ލޮލީއެ"ކޭ ގޮވި ކުދިންތަކުގެ ތެރެއިން އެކަކު ކަމުގައި ބުނީމެވެ. ގަފޫރު އެހެންހޭ ކިޔައި ހިނގަނޑެއް ޖަހައިލިއެވެ.

ޒިއުރިކަށްފަހު ގަފޫރުގެ ވިޔާފަރިއަކީ އެއީއެވެ. މާރުކޭޓު ގޮޅިއެވެ. އެހެންވެ އަނެއްކާވެސް ގަފޫރު ހޯދައިލާން އަޅުގަނޑު މިދިޔަ ޑިސެމްބަރު މަހު އެ ގޮޅިއަށް ދިޔައީމެވެ؛ ދެ އަހަރު ފަހުންނެވެ. ކުރީ ދުވަހު ހުރި ގޮޅީގައި ގަފޫރު ނެތުމުން ފުރަތަމަ ހިތަށް އެރީ ނުބައި ގޮޅިއެއް ބެލެނީ ކަމަށެވެ. އެކަމަކު ގަފޫރުގެ ގޮޅިއާ ޖެހިގެން ހުރި ގޮޅީގައި އިންނަ ދައްތަ އެ ދުވަހުވެސް އެތާ އިނެވެ. އެހެންވެ، އެއީ ހަމަ ގަފޫރުގެ ގޮޅިކަން ޔަގީންވިއެވެ. ގަފޫރު ގޮޅީގައި ސޭޓަކަށް ހުރީ ޒުވާން ފިރިހެނެކެވެ. އޭނާ ގާތު ގަފޫރު ކޮބައިތޯ އަހައިލުމުން ބުނީ "ބައްޕަ ވަރަށް ބަލިވެ، ގޭގައި" ކަމަށެވެ. އަސްތާ ހާދަ ދެރައެވެ. އެހެންވެ ބައްޕައަށް ހެޔޮ ދުއާ އާއި ސަލާމް ރައްދުކޮށްދިނުމަށް އޭނާގެ ކިބައިން އެ ދުވަހު އެދުނީމެވެ.

މާރުކޭޓު ގޮޅީގައި ގަފޫރު 2019 އޮކްޓޫބަރުގައި

ގަފޫރާއެކު ފޮޓޯ އާއި ސެލްފީތައް އެ ދުވަހު ނެގީމެވެ. ވަރަށް އުފާވިއެވެ. ގަފޫރަކީ ހަމަ ހީރޯއެކެވެ. ގަފޫރު ފެނުމުން ސްކޫލް ދައުރުގެ ސޮފުހާތައް އުކެންވެސް ފެށިއެވެ. އެއީ ދުވަހަކު ވެސް ހިތުން ފިލާނެ ހަނދާންތަކެއް ނޫނެވެ. ސްކޫލް ދައުރާ ގުޅޭ މާ ގިނަ ބަޔަކު ވެސް (ސްކޫލްގައި އުޅުނު ކުދިން ފިޔަވައި) މިހާރަކު ނެތެވެ. ސްކޫލެއް ވެސް ނެތެވެ. އަޅުގަނޑުމެންނަށް ކިޔަވައިދިން ގާތްގަނޑަކަށް ބިދޭސީ ހުރިހައި ޓީޗަރުން ކަހަލަ ގޮތަކަށް ވަނީ ނިޔާވެފައެވެ. އެއް ޓީޗަރަކު، އިސްލާމުވެ، ދިވެހި ކުއްޖަކާ އިނދެގެން މާލޭގައި އެބައުޅެއެވެ. ދާދި ފަހަކުން އޭނާއާވެސް ބައްދަލުވެ، ކޮފީ ބޮއެ ހެދީމެވެ. އަދި ލޯބިވާ ދިވެހި މުދައްރިސް އަބްދުﷲ ސޯދިގު (ސޯދުބެ) ވެސް ދުނިޔޭގައި އެބަހުންނެވިއެވެ. އެހެންވެ، މުދައްރިސެއް ނޫނެއް ކަމަކު ގަފޫރުވެސް ބެލެވިފައި ވަނީ ސްކޫލް ދައުރުގެ ވަރަށް ގާތް އަޚެއްގެ ގޮތުގައެވެ. އިންޓަވަލް ގަޑީގެ އެކުވެރިއާގެ ގޮތުގައެވެ.

އަދި ވަރަށް މަޖާ ކަމަކާވެސް ދިމާވިއެވެ. އަޅުގަނޑުމެންނާ އެއް ކުލާހުގައި ގަފޫރު ކިޔާ ކުއްޖެއް އުޅުނެވެ. އެހެންވެ އޭނާގެ ވަނަމަކަށް އެންމެންވެސް ކިޔަނީ "ގުޅަ ގަފޫރެ"ވެ. (ސްކޫލް ދުވަސްވަރު އެގޮތަށް ވަރަށް ގިނަ ކުދިންނަށް ވަނަން ކިޔަން ފަށައެވެ. ފަހުން އެ ނަން ދާއިމީވެގެން ވެސް، ބައެއް ފަހަރު ދެއެވެ.) އެކަމަކު ސްކޫލް ނިމުނު ފަހުން، އެކި މީހުން އެކި ދިމާލަށް، އެކި ވަޒީފާއަށް ގޮސް، އެއްކަލަ ގަފޫރާ، މީގެ ދިހަ ވަރަކަށް އަހަރު ކުރިން އަޅުގަނޑާ ދިމާވިއިރު އޭނާ އަކީ މާ "ބޮޑު" މީހެކެވެ. ސްކޫލްގައި ކީ ރަސްމީ ނަމުން ގޮވާނުލެވުނީ ހަމަ ކިރިޔާއެވެ.

ސްކޫލް ދައުރުގެ ސޮފުހާތައް ހުޅުވެންފެށުމުން މިގޮތަށް ކިތަންމެ ބައިވަރު ވާހަކައެއް ވެސް ލިޔެވިދާނެއެވެ. ވަރަށް ގިނަ ހަނދާންތައް އާވެ، ކަޅާއި ހުދާއި ކުލަ ފީތާތައް އެނބުރެން ފަށައިފިއެވެ. ލިޔެފައި ނުލިޔާނީ ކޮން ވާހަކައެއް ކަމެއްވެސް ނޭނގެއެވެ. އެހެންވެ އަޅުގަނޑު މި ނިންމީ މި ވަގުތަށް ފަރުދާ ކަހާލާށެވެ.

މަރުހޫމު ގަފޫރަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މާތް ﷲ މިންވަރު ކުރައްވާށިއެވެ. އަދި އާއިލާ އަށް ކެތްތެރިކަން ދެއްވާށިއެވެ! އާމީން!

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
421
ޚިޔާލު ފާޅުކުރައްވާ!

4 Responses

  1. އަމީނިއްޔާ ކުދިން ވެސް ވަރަށް ދިޔަ ތަނއެް ެލއއީ. އިންޓަރވަލް ގަޑީގައި ހަމަ އޮންނާނީ ފުރިބާރު ވެފަ. ޣަފޫރު ދެ ބުރި ހަލުވާ ގެ އަޑު ވެސް މަޑެއް ނުވާނެ.

  2. މަރްުޙޫމް ޢަބްދުލްޣަފޫރުގެ ހަނދާނަކީ، އަޅުގަނޑުގެ ވެސް މާޒީގެ ހަނދާންތަކާ ގުޅިފައިވާ ހަނދާނެކެވެ. އަޅުގަނޑުގެ ހަޔާތުގެ ބޮޑުބައެއް ހޭދަކުރެވިފައިވާގެ ހުންނަނީ ޣަފޫރުމެންގެ ގެއާއި އެއް މަގެއްގައެވެ. ހަދީބީ މިސްކިތުން ވެސް ވަރަށް ގިނައިން ބައްދަލުވެއެވެ. ޝަހީބު ފާހަގަ ކުރެއްވިހެން ގުޅައެއް ލޮލީއެއް ގަންނަން އިންޓޯލުގަޑީގައި ޒިއުރިކަށް، އަޅުގަނޑަށް ނުދެވުނު ނަމަވެސް ލޮލީއެއް ބޮއިލަން އެތައް ފަހަރަކު ދެވުނެވެ. އަދި ފަހުން މާރުކޭޓު ގޮޅިން ވެސް ޣަފޫރާ ބައްދަލުވެ ވާހަކަދެކެވިފައިވެއެވެ. މަޑުމައިތިރި ހިތްހެޔޮ ކަމާއެކުގައެވެ.
    އަދި ހަނދާން ހުންނަ އެއްކަމެއް ދަންނަވައިލާނަމެވެ. އޭރު ކޮޕީ މުހައްމަދު ރަޝީދު ނެރުއްވި ކުޑަކުދިންގެ މަޖައްލާ "ހިޔާ" އެ ފިހާރައިގައި ވިއްކަން ހުރެއެވެ. އެތަނުން ގަތް "ހިޔާ" ގެ އަދަދެއް މިހާރު ވެސް އަޅުގަނޑުގެ ލައިބްރަރީގައި އެބައޮތެވެ. އޭގައި އަޅުގަނޑުގެ އޭރުގެ އަތުއަކުރުން "ފޮތް ގަތް ތާރީޚް"ކަމަށް ޖެހިފައި އޮތީ 17 ޑިސެންބަރު 1980މ. 9 ޞަފަރު 1401ހ. އެވެ. އެއީ "ހިޔާ"ގެ (27) ، މާރިޗު 1978ގެ އަދަދެވެ.
    ޣަފޫރު ނިޔާވި ޚަބަރު ލިބުމާއެކު އަޅުގަނޑުގެ ވަރަށް ގާތް ނޫސްވެރިޔަކަށް ގުޅައި ޣަފޫރުގެ ހަނދާން އައުކޮށްލެވުނެވެ. ޝަހީބުގެ މި ލިޔުން ފެނުމުން ޣަފޫރުގެ ޒިކުރާ އަލުން އައުވިއެވެ. ޝަހީބަށް ދަރުމަހުއްޓެވެ. މަރުޙޫމްގެ ފާފަފުއްސަވައި ރަޙުމަތްލައްވާށިއެވެ. އާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ.

  3. އެމްއީއެސްގަ އުޅުނުއިރު ހެނދުނު ސްކޫލަށް ދާއިރު ދިމާވޭ ވަރަށް މުސްކުޅި ފުރައިގެ މީހެއް ގުޅަ ކަވާބު ވިއްކާނީ. އެމީހާ ގޮވަމުންދާނެ ގުޅަ ކަވާބު ގަންނާނީ ކާކު. ވަރަށް ގިނައިން އެމީހާ އަތުން ގުޅަ ކަވާބު ގަނެގެން ދަބަހަށް ލައިގެން ކަން. ވަރަށް ތާޒާވާނެ އަދި އެހާ މީރުވާނެ. އެއީ ދެހާހާ އެކެއްގެ އަހަރުތައް. އެއީ ދުވަސްވަރަކީ. ސްކޫލް ނިންމާލާފަ އަވަހަށް ވިކްޓަރީ ނިއު މެޗް ބަލަން ގަލޮޅު ދަނޑަށް.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *