...

Support Us

"ދީނީ ހަރުކަށި ފިކުރަ"ކީ ކޮބައިބާ؟- 1: ބައެއް މުހިއްމު މަފްހޫމުތަކުގެ މައްޗަށް ބަލައިލުމެއް

"ދީނީ ހަރުކަށި ފިކުރު" މިއީ މިހާރު ވަރަށް ގިނައިން އިވޭ އިބާރާތެކެވެ. "ދީނީ ހަރުކަށި ފިކުރު" މުޖުތަމައުގައި ފެތުރޭ ވާހަކައެވެ."ދީނީ ހަރުކަށި ފިކުރު"ގެ ނުރައްކާތެރިކަމުގެ ވާހަކައެވެ. ރާއްޖެއިން ބޭރުގައި، ބައެއް މުސްލިމު ގައުމުތަކުގައި، ކުރެވޭ ހަނގުރާމަތަކުގައި ބައިވެރިވުމަށް "ދީނީ ހަރުކަށި ފިކުރު"ގެ މީހުން ދާކަމުގެ ވާހަކައެވެ. ރާއްޖޭގައްޔާއި އަދި ރާއްޖޭން ބޭރުގައި ވެސް، މީހުން މެރުމާއި ފޭރުމާއި ވައްކަންކުރުމާއި މިފަދަ އަމަލުތައް، "ދީނީ ހަރުކަށި ފިކުރު"ގައި ޖެހިފައި ތިބި މީހުން ހިންގާ ވާހަކައެވެ.

"ދީނީ ހަރުކަށި ފިކުރު"ގެ މީހުންގެ ވާހަކަތައް ދެކެވޭއިރު، އަޑުއަހަން ވަރަށް ވެސް ބޭނުން، އެހެން ނަމަވެސް، އަޑު ނީވޭ، އެކަމާ ބެހޭ ބައެއް ވާހަކަތައް ވެސް އެބަ ހުއްޓެވެ. "ދީނީ ހަރުކަށި ފިކުރާ" ގުޅޭ ގޮތުން އެންމެ ފުރަތަމަ އަޑުއަހަން ބޭނުންވާ ވާހަކައަކީ 'ދީނީ ހަރުކަށި ފިކުރަކީ' ކޮބައިތޯ ސާފުކޮށް ބަޔާންކޮށްދިނުމުގެ ވާހަކައެވެ. 'ދީނީ ހަރުކަށި ފިކުރާ' ކުރިމަތިލުމުގެ އެދުން ފާޅުކުރެވޭއިރު، އެފިކުރަކީ ކޮބައިކަން ކަނޑަނޭޅޭ ނަމަ، އެފަދަ ފިކުރަކާ ކުރިމަތިލެވިދާނެތޯއެވެ؟ ހަމަ އެހެންމެ "ދީނީ ހަރުކަށި ފިކުރަށް" ޖާގައެއް ނެތްކަން ބުނާއިރު، އެފިކުރަކީ ކޮބައިކަން ބުނެނުދީ އެ ފިކުރަށް ޖާގަ ނުދޭނީ ކިހިނެއްތޯއެވެ؟ ހަމަ އެހެންމެ، ދީނީ ހަރުކަށި ފިކުރާ' ކުރިމަތިލައި އެކަމަށް ހައްލެއް ހޯދަން އުޅެވޭނީ ވެސް، އެފިކުރަކީ ކޮބައިކަން ބަޔާންކޮށްދެވިގެން ނޫންތޯއެވެ؟ މީގެ އިތުރުން އެކަމުގެ ހައްލެއް ހޯދަން މަސައްކަތްކުރަން ގަސްދުކުރާއިރު، އެކަން އެންމެ އެކަށީގެންވާ ގޮތުގައި ކުރެވޭނީ، އެންމެ ފުރަތަމަ، އެފަދަ ހަރުކަށި ފިކުރު ފެތުރެން ދިމާވާ ސަބަބަކީ ކޮބައިކަން ވެސް ދެނެގަނެ، މިސަބަބުތައް ނައްތާލެވިގެން ނޫންތޯއެވެ؟ ދީނީ "ހަރުކަށި ފިކުރާ" ބެހޭ ގޮތުން އަޑުއަހަން ގިނަބަޔަކު ބޭނުންވާނެ ކަމަށް ފެންނަ، މިނަންގަތް ވާހަކަތަކެއް ނީވެއެވެ. އެހެންވެ، މިކަންކަމުގެ މައްޗަށް އަލިއަޅުވާލުމުގެ ބޭނުމުގައި، މި ލިޔުން ލިޔަމެވެ. ތިން ނުކުތާއެއްގެ މައްޗަށް އަމާޒުކޮށެވެ. "ދީނީ ހަރުކަށި ފިކުރަ"ކީ ކޮބައިކަމާއި އެފަދަ ފިކުރެއް އުފެދެން ދިމާވާ ސަބަބާއި އަދި އެކަން ހައްލުކުރާނީ ކިހިނެއްތޯއާއި، މި ތިން ނުކުތާގެ މައްޗަށެވެ.

ދީނުގެ މާނަ

"ދީނީ ހަރުކަށި ފިކުރަކީ" ކޮބައިކަން ކަނޑައަޅާލުމަށްޓަކައި، އެންމެ ފުރަތަމަ، ދީނުގެ މާނައަކީ ކޮބައިކަން އެނގެންޖެހެއެވެ. ދީނީ ފިކުރު "ހަރުކަށިވަނީ" ކިހިނެއްކަން އެނގޭނީ ދީނަކީ ކޮބައިކަން އެނގިގެން ކަމަށްވާތީއެވެ. އެހެންވެ، އިސްލާމް ދީނުގައި 'ދީނު’ގެ މާނައަކީ ކޮބައިތޯ ބަލައިލަން ޖެހެއެވެ.

އިސްލާމް ދީނުގައި 'ދީނު’ގެ މަފްހޫމު ދެނެގަތުމަށްޓަކައި ހަތަރު ލަފްޒެއްގެ މާނައިގެ މައްޗަށް ބަލައިލާންޖެހެއެވެ. ދީން، 'އިސްލާމް’، ޝަރީޢަތް އަދި ފިގުހު، މި ހަތަރު ލަފްޒެވެ. އެހެންވެ، ކުރުގޮތަކަށް ނަމަވެސް، މި ލަފްޒުތަކުގެ މާނައިގެ މައްޗަށް ބަލާލާނަމެވެ. ދީނުގެ މަފްހޫމު ފަހުމްކޮށް ދެނެގަތުމަށްޓަކައެވެ.

'ދީން' މިލަފްޒުގެ އަސާސީ މާނައަކީ ބޯލަނބައި ކިޔަމަންގަތުމެވެ. މީގެ އިތުރުން، މި ބޯލަނބައި ކިޔަމަންތެރިވުމުގެ ނަތީޖާކަމަށްވާ 'ޖަޒާދިނުން' މިމާނައިގަ ވެސް 'ދީން’، މި ލަފްޒު، ބޭނުންކުރެވެއެވެ. ދީނީ އިސްތިލާހުގައި 'ދީން’، މި ލަފްޒު، އިޝާރަތްކުރަނީ މާތްކަލާނގެއަށް ބޯލަނބައި ކިޔަމަންގަތުމަށެވެ. އެކަލާނގެއަށް ބޯލަނބައި ކިޔަމަންތެރިކަން އަދާކުރަނީ އެކަލާނގެ ހަޟްރަތުން އެކަމުގެ ހެޔޮޖަޒާ ލިބުން އަދައިގެންނެވެ.

’އިސްލާމް’ގެ މާނަ

'އިސްލާމް' މި ލަފްޒުގެ އަސާސީ މާނައަކީ އިސްތިސްލާމުވުމެވެ. ނަފްސު ދީލާލައި އަމާންދިނުމެވެ. މިކަން ހިތަށް ގެނެސްގަތުމަށްޓަކައި މިނަންގަންނަ މަންޒަރު ހިތަށް ގެންނަވާށެވެ. ދެބައެއްގެ ދެމެދުގައި ހަނގުރާމައެއް ކުރެވި، އެއްބަޔަކު ގަދަވެ، އަނެއްބަޔަކު ބަލިވާ މަންޒަރެވެ. ބަލިވާ ބަޔަކަށް ޖެހޭނީ ގަދަވާ ބަޔެއްގެ ކުރިމަތީ އިސްތިސްލާމުވުމަށެވެ. އަމާންދީ ދީލާލާށެވެ. ދީނީ އިސްތިލާހީ މާނައިގައި މި އިސްތިސްލާމުވަނީ، ނުވަތަ އަމާންދީ ދީލާލަނީ މާތްކަލާނގެ ކިބަފުޅަށެވެ. މިކަން ކުރަނީ މުއުމިނާގެ ނަފްސު ހިފަހައްޓައި ކޮންޓުރޯލުކޮށްގެންނެވެ. ނުބައި ކަންތައް ކުރުމުން ނަފްސު ދުރުހެލިކުރުވައި، ހެޔޮކަންތައްތައް ކުރުމަށް ނަފްސު ހާނުވައި އެކަންކުރުން މަތީ ދަމަހައްޓަން މަސައްކަތްކޮށްގެންނެވެ. ދީނީ ބަހުރުވައިގައި މިއަށް ތަގުވާވެރިވުމޭ ވެސް ކިޔެއެވެ.

މި ހިސާބުން ކީރިތި ގުރުއާނުގެ ތިން އާޔަތަކާއި އެ ތިން އާޔަތުގެ މާނަ ލިޔެލަން ގަސްދުކުރަމެވެ. ދީނާއި އިސްލާމް މި ދެ ލަފްޒު، މަތީގައި ބަޔާންކުރެވިދިޔަ، މާނައިގައި ބޭނުންކުރެވިފައިވާ ގޮތުގެ މިސާލެއް ގެނެސްދިނުމަށްޓަކައެވެ. ފުރަތަމަ އާޔަތަކީ އާލު އިމްރާނު ސޫރަތުގެ 19 ވަނަ އާޔަތެވެ. إن الدين عند الله الإسلام މި އާޔަތެވެ. މާނައަކީ ހަމަކަށަވަރުން (މާތްކަލާނގެއަށް) ބޯލަނބައި ކިޔަމަންތެރިކަން އަދާކުރެވެނީ، އަމާންދީ (ނަފްސު) ދީލާލައިގެންނެވެ. ދެވަނަ އާޔަތަކީ ވެސް އާލު އިމްރާނު ސޫރަތުގެ އާޔަތެކެވެ. އެ ސޫރަތުގެ 85 ވަނަ އާޔަތެވެ. ومن يبتغ غير الإسلام دينا فلن يقبل منه މިއާޔަތެވެ. މާނައަކީ '(މާތްކަލާނގެއަށް) ބޯލަނބައި ކިޔަމަންތެރިކަން އަދާކުރުމަށްޓަކައި، އަމާންދީ (ނަފްސު) ދީލާލުން ނޫން އެހެން ގޮތަކަށް، އެކަން ކުރުމަށް، މީހަކު އެދެފި ނަމަ، އެގޮތެއް ބަލައެއް ނުގަނެވޭނެއެވެ.' މި ދެއާޔަތުން 'ދީން’، މި ލަފްޒު، ބޯލަނބައި ކިޔަމަންތެރިކަން އަދާކުރުމުގެ މާނާއިގައި ބޭނުންކުރެވިފައިވާތަން ފެނެއެވެ. އަދި 'އިސްލާމް' މި ލަފްޒު، އިސްތިސްލާމުވެ، ނަފްސު ދީލާލުމުގެ މާނައިގައި ބޭނުންކުރެވިފައިވާ ތަން ވެސް ފެނެއެވެ. ތިންވަނަ އާޔަތަކީ ފާތިހާ ސޫރަތުގެ ހަތަރު ވަނަ އާޔަތެވެ. مالك يوم الدين މި އާޔަތެވެ. މާނައަކީ (މާތްކަލާނގެއީ) ޖަޒާދެއްވާ ދުވަހުގެ ވެރި (އާދެ، ގިޔާމަތް ދުވަހުގެވެރި) ރަސްކަލާނގެއެވެ. މިއާޔަތުގައި 'ދީން’، މި ލަފްޒު، ބޭނުންކުރެވިފައިވަނީ ޖަޒާދިނުމުގެ މާނައިގައެވެ. އާދެ، މާތްކަލާނގެއަށް ބޯލަނބައި ކިޔަމަންތެރިވުމުގެ ނުވަތަ ނުވުމުގެ ނަތީޖާލިބުމުގެ މާނާއިގައެވެ. ކިޔަމަންތެރިވި މީހުންނަށް ހެޔޮޖަޒާއެވެ. އެނޫން މީހުންނަށް، އެމީހުންގެ އަމަލުތަކާ އެކަށީގެންވާ ޖަޒާއެކެވެ.

މައުލޫއާގެން ކުރިއަށް ދިޔުމުގެ ކުރިން، މިތަނުގައި، މުހިއްމު ނުކުތާއެއް ފާހަގަކޮށްލަން ބޭނުމެވެ. ކީރިތި ގުރުއާނުގައި ނަންގަނެވިފައިވާ 'އިސްލާމް' މި ލަފްޒާއި އަދި މިލަފްޒުން ނެގިފައިވާ 'އަސްލަމަ’އާއި 'މުސްލިމު' ފަދަ ލަފްޒުތައް ބޭނުންކުރެވިފައިވާ ގޮތުގެ މައްޗަށް އެއްޗެއް ބުނެއެވެ. އާންމު ގޮތެއްގައި، މިހާރު، 'އިސްލާމް' ނުވަތަ 'މުސްލިމު' މިހެން ބުނުމުން ވިސްނެނީ އެ ލަފްޒު އިޝާރާތްކުރަނީ ވަކި ދީނަކަށާއި އެ ދީނަށް ތަބާވާ މީހުންނަށްކަމަށެވެ. ސަލާމާއި ސަލަވާތްލެއްވި މުހައްމަދުގެފާނު ގެންނެވި ދީނަށާއި އެދީނަށް ތަބާވާ މީހުންނަށްކަމަށެވެ. އާދެ، 'އިސްލާމް' މިލަފްޒާއި އަދި 'މުސްލިމު' ފަދަ ލަފްޒުތައް މިހާރު ބޭނުންކުރެވެނީ މިނަންގަތް 'މުއައްސަސީ' މާނައިގައެވެ. ވަކި އަގީދާއަކާއި – ގަބޫލުކުރާކުރުންތަކަކާއި – ގާނޫނުތަކެއް އެކުލެވޭ ވަކި ދީނެއްގެ މާނައިގައެވެ. މިހާރު، މިގޮތަށް މި ލަފްޒުތައް ބޭނުންކުރެވުނު ކަމުގައި ވިޔަސް، ކީރިތި ގުރުއާނުގައި 'އިސްލާމް' މި ލަފްޒާއި އަދި މި ލަފުޒުން ނެގިފައިވާ 'މުސްލިމް' ފަދަ ލަފްޒުތައް ބޭނުންކުރެވިފައިވަނީ ދެންމެ މިނަންގަތް ފަދަ މުއައްސަސީ މާނައެއްގައެއް ނޫނެވެ. މި ލަފްޒުތައް ބޭނުންކުރެވިފައިވަނީ އަރަބި ބަހުގައި އެލަފްޒުތަކުގައި އެކުލެވޭ ލަފްޒީ މާނައިގައެވެ. އާދެ، އިސްތިސްލާމުވެ، އަމާންދީ ދީލާލުމުގެ މާނައިގައެވެ. ނަފްސު ހިފަހައްޓައި ކޮންޓުރޯލުކޮށް ނަފްސު އިސްލާހުކޮށް ރަނގަޅުކުރުމުގެ މާނައިގައެވެ.

މިކަން، އިހުގެ ބައެއް ތަފްސީރު ފޮތްތަކުންނާއި އަދި މިހާރުގެ ބައެއް ތަފްސީރު ފޮތްތަކުން ވެސް ސާފުވެއެވެ. މިސާލަކަށް، އަޅުނގަނޑުމެންގެ އަތުގައި އޮތް އެންމެ އިހުގެ ތަފްސީރުކަމުގައިވާ ތަބަރީގެ (އަވަހާރަވީ ހިޖުރައިން 310 ވަނަ އަހަރު) ޖާމިއުއޭ ކިޔޭ ތަފްސީރަށް ބައްލަވާލައްވާށެވެ. މަތީގައި ނަންގަނެވުނު އާލު އިމްރާނުގެ 19 ވަނަ އާޔަތުގައި ވާރިދުވެފައިވާ 'އިސްލާމް' މި ލަފްޒު ތަބަރީ މާނަކުރައްވަނީ ދެންމެ މިނަންގަތް އެ ލަފްޒުގެ ލަފްޒީ މާނައިގައެވެ. މުއައްސަސީ މާނައެއްގައެއް ނޫނެވެ. (ތަބަރީގެ އަލްޖާމިއުގެ 212/.3) އެހެން ނަމަވެސް، މިއާ ޚިލާފަށް، އާލު އިމްރާނުގެ 85 ވަނަ އާޔަތުގައި ވާރިދުވެފައިވާ އިސްލާމް، މި ލަފްޒަށް، ޖާމިއުގައި މުއައްސަސީ މާނައެއް ދޭން މަސައްކަތްކުރެވިފައިވެއެވެ. މިއާޔަތް ބާވާލެއްވުމުން، ތަފާތު ދީންތަކުގެ މީހުން ތިމަންމެންނަކީ 'މުސްލިމުން' ކަމުގައި ދައުވާކުރުމުން، ހައްޖުވުމުގެ އާޔަތް ބާވާލައްވުނު ކަމުގައި ވާރިދުވެފައިވާ ބައެއް ރިވާޔަތްތައް ގެނެވިފައިވެއެވެ. ދެން، އެ އާޔަތުގައިވާ ހައްޖުވުމުގެ އަމުރަށް ކިޔަމަންވެ، ހައްޖުވީ ހަމައެކަނި މުހައްމަދުގެފާނަށް ތަބާވި މުސްލިމުން ކަމުގައިވުމުން، 'އިސްލާމް' އެ އާޔަތުގައި ބޭނުންކުރެވިފައިވަނީ މި މީހުންގެ ދީނަށްކަމަށް ދޭހަވާގޮތަށް ޖާމިއުގައި ލިޔެވިފައިވެއެވެ. (ތަބަރީގެ ޖާމިއުގެ 339/3 ބައްލަވާ.)

ނަމަވެސް، އާލު އިމުރާނުގެ 85 ވަނަ އާޔަތުގެ ދާޚިލީ ސިޔާގަށް ބަލައިލުމުން، ބާރުލިބެނީ މިއާޔަތުގައި ވެސް 'އިސްލާމު' މި ލަފްޒު، ބޭނުންކުރެވިފައިވަނީ މުއައްސަސީ މާނައެއްގައި ނޫންކަމުގައެވެ. މާތްކަލާނގެއަށް ނަފްސު ދީދާލާލައި ނުބައި މަގަށް ނަފްސު ދިޔަނުދީ ހިފެހެއްޓުމުގެ ލަފްޒީ މާނައިގައިކަމެވެ. މި އާޔަތުގެ ކުރިން އޮތް 83 ވަނަ އާޔަތުގައި ބަޔާންކުރެވިފައިވަނީ އުޑާއި ބިމުގައިވާ ހުރިހާ އެންމެން ވެސް މާތްކަލާނގެއަށް 'އިސްލާމް’ވާކަމުގެ ވާހަކައެވެ. އާދެ، އިސްތިސްލާމުވެ، އެބައި މީހުންގެ ނަފްސު ދީލާލާ ވާހަކައެވެ. ދެންއޮތް 84 ވަނަ އާޔަތުގައި މުޚާތަބުކުރެވިފައިވަނީ ސަލާމާއި ސަލަވާތްލެއްވި މުހައްމަދުގެފާނާއެވެ. މި އާޔަތުގައި އެކަލޭގެފާނަށް އަމުރުކުރެވިފައިވަނީ އެކަލޭގެފާނަކީ މާތްކަލާނގެއަށާއި، އަދި އެކަލާގެފާނުގެ މައްޗަށް ބާވާލެއްވުނު ފޮތަށާއި، އެބަހީ ކީރިތި ގުރުއާނަށާއި، އެބޭކަލުންގެ މައްޗަށް ސަލާމްލެއްވުނު އިބުރާހީމުގެފާނާއި އިސްމާއީލުގެފާނާއި އިސްހާގުގެފާނާއި ޔައުގޫބުގެފާނާއި އެކަލޭގެފާނުންގެ ދަރިކޮޅާއި އަދި މޫސާގެފާނާއި އީސާގެފާނާއި މި އެންމެ ބޭކަލުންގެ މައްޗަށް ބާވާލެއްވުނު އެއްޗަކަށް ވެސް އީމާންވެ ހުންނެވި ބޭފުޅެށް ކަމުގައި، މީސްތަކުންގެ ކުރިމަތީގައި، އިއުލާނުކުރެއްވުމަށެވެ. އަދި އެއީ މާތްކަލާނގެ ކިބަފުޅަށް 'އިސްލާމް’ވުން ނިޔާކުރާކަމެއް ކަމުގެ ވާހަކަ ވެސް ވިދާޅުވުމަށް މިއާޔަތުގައި އެކަލޭގެފާނަށް އަމުރުކުރެވިފައިވެއެވެ. މި އާޔަތުގައި ވާރިދުވެފައިވާ 'އިސްލާމް' ތަބަރީ މާނަކުރައްވަނީ މާތްކަލާނގެއަށް އިސްތިސްލާމުވެ ނަފްސު ދީލާލުމުގެ ލަފްޒީ މާނައިގައެވެ. (ތަބަރީގެ ޖާމިއުގެ 338/3) އެހެން ކަމަށްވާއިރު، ދެން އޮތް އަށްޑިހަ ފަސް ވަނަ އާޔަތަކީ މިއާޔަތުގެ މާނައާއި ގުޅިގެން އައިސްފައިވާ އާޔަތެއްކަމުން، އެ އާޔަތުގައި އޮތް 'އިސްލާމް ނޫން އެހެން ދީނެއް' މާނަކުރެވެން ވާނީ މި ނަންގަތް ދާޚިލީ ސިޔާގާ އެއްގޮތަށް، އެ ލަފްޒުގެ ލަފްޒީ މާނައިގައެވެ. މާތްކަލާނގެއަށް ކިޔަމަންތެރިކަން އަދާކުރެވެނީ ނަފްސު ދީލާލައި ހިފެހެއްޓިގެންކަމުގެ މާނައިގައެވެ. ވަކި ދީނަކަށް އިޝާރަތްކުރާ މުއައްސަސީ މާނައެއްގައެއް ނޫނެވެ.

މިކަން އެންމެ ސަރީހަ ގޮތެއްގައި ބަޔާންކުރެއްވި އެއް ބޭކަލަކީ މިޒަމާނުގެ މުއުތަބަރު ތަފްސީރެއް ލިޔުއްވުމުގެ މަސައްކަތްކުރެއްވި މުހައްމަދު އަބްދުހޫއެވެ. (މީލާދީން 1905 އަހަރު އޭނާ އަވަހާރަވި އިރު، 'ތަފްސީރު އަލްމަނާރި’ގެ ނަމުން ފަހުން މަޝްހޫރުވި، އޭނާގެ ތަފްސީރު ފޮތުން ލިޔެވިފައިވަނީ ޔޫސުފު ސޫރަތުގެ ނިޔަލަށެވެ. އެހިސާބަށް ލިޔެވުނު ތަފްސީރު ފޮތުގައި 13 ޖިލްދު އެކުލެވިގެން ވެއެވެ.) މަތީގައި ނަންގަނެވުނު އާލު އިމްރާނުގެ 19 ވަނަ އާޔަތާއި 85 ވަނަ އާޔަތުގައި ވާރިދުވެފައިވާ 'އިސްލާމް’، މި ލަފްޒު، މުހައްމަދު އަބްދުހޫ ވެސް މާނަކުރައްވަނީ އޭގެ ލަފްޒީ މާނަކަމުގައިވާ 'އިސްތިސްލާމުވެ، ނަފްސު ދީލާލާ ހިފެހެއްޓުމު’ގެ މާނައިގައެވެ. މުއައްސަސީ މާނާއެއްގައި، އާދެ، ވަކި ބަޔަކަށް އިޝާރަތްކޮށް، އެބައެއްގެ ޖިންސިއްޔަތު އަންގައިދޭ ލަފްޒެއްގެ ގޮތުގައި، މިނަންގަތް ދެ އާޔަތުގައި، މި ލަފްޒު ބޭނުން ނުކުރެވޭކަން އޭނާ ފާހަގަކުރައްވައެވެ. (ތަފްސީރު އަލްމަނާރުގެ 258-257-3 އަދި 366-3:351 ބައްލަވާ.)

ކީރިތި ގުރުއާނުގައި 'އިސްލާމް' އާއި މި ލަފްޒުން ނެގިފައިވާ 'މުސްލިމު' ފަދަ އެހެން ލަފްޒުތައް ވެސް ބޭނުންކުރެވިފައިވަނީ މި ލަފްޒުތަކުގެ ލަފްޒީ މާނައިގައިކަން ދޭހަވާ އަނެއް ހެއްކަކީ އިހުގެ ނަބީ ބޭކަލުންނާއި އެބޭކަލުންނަށް ތަބާވީ މީހުންނަކީވެސް އިސްލާމް ދީން ގަބޫލުކުރި މުސްލިމުންކަމުގައި ކީރިތި ގުރުއާނުގައި ބަޔާންކޮށްފައި އޮތުމެވެ. އެބޭބޭކަލުންގެ މައްޗަށް ސަލާމްލެއްވުނު އިބުރާޙީމުގެފާނާއި ޔައުގޫބުގެފާނާއި މޫސާގެފާނާއި އީސާގެފާނާއި އަދި މިނޫންވެސް ރަސޫލު ބޭކަލުންނާއި ނަބީބޭކަލުންނާއި އަދި މި ބޭބޭކަލުންނަށް ތަބާވި މީހުންނަކީ ވެސް އިސްލާމްދީން ގަބޫލުކުރެއްވި މުސްލިމުން ކަމުގައި ކީރިތި ގުރުއާނުގައި ބަޔާންކުރެވިފައިވެއެވެ. (ކީރތި ގުރުއާނުގެ 2:131، 2:132، 3:52، 3:67، 5:54، 7:126، 10:84، 27:44 28:35، މި އާޔަތްތައް ބައްލަވާ.) މީގެ މާނައަކީ މިބޭބޭކަލުންނަކީ މާތްކަލާނގެ ކިބަފުޅަށް، އެބޭކަލުންގެ ނަފްސުދީލާލައި، ހެޔޮކަންތައްކޮށް، ނުބައިކަންތައްތައް ކުރުމުން ދުރުހެލި ވެވަޑައިގެން އުޅުއްވައި އެގޮތުގައި މާތްކަލާނގެއަށް ކިޔަމަންތެރިކަން އަދާކުރެއްވުމުގައި ދެމިތިއްބެވި ބޭކަލުންނަށް، އެބޭބޭކަލުން ވެވަޑައިގަތުމެވެ.

ކީރިތި ގުރުއާނުގައި ވާރިދުވެފައިވާ ލަފްޒުތައް މާނަކުރުމުގައި އެ ލަފްޒުތައް ކީރިތި ގުރުއާނުގައި ބޭނުންކުރެވިފައިވާ ގޮތަށް މާނަކުރަން ޖެހެއެވެ. އިސްލާމީ އިލްމީ ތާރީޚުގައި އުފެދުނު ތަފާތު އިލްމީ އޮއިވަރުތަކުގެ ސަބަބުން – އަގީދާގެ މަޒުހަބުތަކާއި ފިގުހީ މަޒުހަބުތަކާއި މިލަލީ ބަހުސްތަކުގެ (ތަފާތު ފިރުގާތަކާއި އަދި ދީންތަކާއި ކުރެވުނު ބަހުސުތަކާ ގުޅޭ) އިލްމީ އޮއިވަރުތަކުގެ ސަބަބުން – ބައެއް ލަފްޒުތަކުގެ މާނަ ފަހުން ބަދަލުވެ، އެ ލަފްޒުތަކަށް ލިބުނު އާ މާނައިގެ އަލީގައި ކީރިތި ގުރުއާނުގައި ވާރިދުވެފައިވާ ލަފްޒުތައް މާނަކުރުމަކީ ކީރިތި ގުރުއާނުގެ މާނަ ފަހުމުކޮށް ދެނެގަތުމަށް ހުރަސްއެޅޭނޭ ކަމެކެވެ. މިޒަމާނުގައި ކީރިތި ގުރުއާން އިނގިރޭސި ބަހަށް ތަރުޖަމާކުރައްވައި ތަފްސީރުކުރެއްވި ބޭކަލެއްކަމުގައިވާ މުހައްމަދު އަސަދު، (އަވަހާރަވީ މީލާދީން 1992ވަނަ އަހަރު) އޭނާގެ ދަ މެސެޖްގެ އިސްބަހުގައި މި މުހިއްމު މައްސަލަ ފާހަގަކުރައްވައިފައިވެއެވެ. އޭނާ ބަޔާންކުރައްވާ ގޮތުގައި 'އިސްލާމް' މި ލަފްޒާ އަދި މިލަފްޒުން ނެގިފައިވާ 'އަސްލަމަ' އާއި އަދި 'މުސްލިމު' ފަދަ ލަފްޒުތައް ކީރިތި ގުރުއާނުގައި ވާރިދުވެފައިވަނީ އޭގެ ލަފްޒީ މާނައިގައެވެ. އަދި ކީރިތި ގުރުއާން ފަހުމްކޮށް ދެނެގަތުމުގައި މިކަމަށް ސަމާލުވެ، މިފަދަ ލަފްޒުތައް ވާރިދުވެފައިވާ އަސްލުމާނައިގައި އެލަފްޒުތައް މާނަކޮށް އެ ގޮތުގައި ކީރިތި ގުރުއާން ފަހުމްކުރުމަށް އޭނާ ބާރުއަޅުއްވައެވެ. (’ދަ މެސެޖު’ގެ ސަފުހާ ނަމްބަރު iv ބައްލަވާ.)

މަތީގައި ނަންގަނެވުނު އާލު އިމްރާނުގެ إن الدين عند الله الإسلام މިއާޔަތާއި އަދި ومن يبتغ غير الإسلام دينا فلن يقبل منه މި ދެއާޔަތުގައި ވާރިދުވެފައިވާ 'އިސްލާމް' މި ލަފްޒު ބޭނުންކުރެވިފައިވަނީ އެލަފްޒުގެ ލަފްޒީ މާނައިގައިކަމަށް އަޅުގަނޑު ބާރުއަޅައި އެކަން ސާބިތުކޮށްދޭން ގިނަގުނަ ވާހަކަތަކެއް ދައްކަނީ ކީއްވެގެން ކަމާމެދު ބައެއް ބޭފުޅުން ސުއާލުކުރައްވަފާނެއެވެ. އެ ސުއާލުގެ ޖަވާބުގައި ދަންނަވަމެވެ. މި ދެއާޔަތަކީ ބައެއްފަހަރު 'ދީނީ ހަރުކަށި ފިކުރުގެ' މީހުން އެމީހުންގެ އަމަލުތައް ތަބުރީރުކުރުމުގެ ގޮތުން – އެއީ އެންމެ ރަނގަޅު ގޮތްކަމުގައި ދެއްކުމުގެ ގޮތުން – ބޭނުންކުރެވޭ ދެ އާޔަތެވެ. 'ދީނީ ހަރުކަށި ފިކުރު’ގެ މާނަ ސާފުކޮށްދެވޭއިރު މިކަމުގެ އިތުރު ތަފްސީލު ބަޔާންކޮށްދެވޭނެއެވެ.

މަތީގައި ނަންގަނެވުނު އާލު އިމްރާނުގެ ދެ އާޔަތަށް ނަޒަރު ހިންގާލުމުން، ދީނުގެ މަފްހޫމުގައި ހިމެނޭ އަސާސީ މާނަ ސާފުވެގެންދެއެވެ. އެއީ މާތްކަލާނގެއަށް އީމާންވެ، އެކަލާނގެއަށް ބޯލަނބައި ކިޔަމަންގަތުމެވެ. މި ކިޔަމަންގަތުން ފެނިގެންދަނީ ހެޔޮކަންތައްތައްކޮށް ނުބައިކަންތައްކުރުމުން ދުރުހެލިވެ ހުންނަ ހުރުމުންނެވެ. އިސްލާމް ދީނުގެ 'ދީނީ މާނަ’އަކީ މިއެވެ. އާދެ، ދީނުގެ ޖައުހަރު، އެސެންސް، ގުޅެނީ މިމާނައާއެވެ. މުއުމިނާގެ، އާދެ، މާތްކަލާނގެއަށް އީމާންވެ، ދީން ގަބޫލުކުރާ މީހާގެ، ނަފްސު އިސްލާހުކުރުމާއެވެ.

އިސްލާމް ދީނުގެ ދީނީ މާނަ ގުޅެނީ ހެޔޮކަންތައް ކުރުމާއި ނުބައި ކަންތައްކުރުމުން ދުރުހެލިވެ، މުއުމިނާގެ ނަފްސު އިސްލާހުކުރުމާ ކަމަށްވާއިރު، ހެވާއި ނުބައި، ރަނގަޅާއި ނުރަނގަޅު، ކަނޑައަޅާލެވެން ޖެހެއެވެ. އެހެނީ، ހެވާއި ނުބަޔާއި، ރަނގަޅާއި ނުރަނގަޅަކީ ކޮބައިކަން ސާފުކޮށް އެނގިގެން މެނުވީ ނަފްސު އިސްލާހުކޮށް މާތްކަލާނގެއަށް ބޯލަނބައި ކިޔަމަންތެރިކަން އަދާ ނުކުރެވޭނެތީއެވެ. މިކަން ކަނޑައަޅައި ބަޔާންކުރެވިފައިވަނީ ޝަރީއަތާއި އޭގެ ތަފްސީލު ބަޔާންކުރެވޭ ފިގުހު އިލްމުގައެވެ. އެހެންވެ، މިހިސާބުން ދެން ބަލާލަން ޖެހެނީ އިސްލާމް ދީނުގައި ދީނުގެ މަފްހޫމާ ގުޅޭ އަނެއް ދެ ލަފްޒުކަމުގައިވާ 'ޝަރީއަތާއި' 'ފިގުހުގެ' މާނައިގެ މައްޗަށެވެ.

ޝަރީއަތުގެ ލަފްޒީ މާނައަކީ މަގެވެ. ފެންއޮތް ދިމާއަކަށް ދާން އޮންނަ މަގެވެ. މިމާނަ ހިތަށް ގެނައުމަށްޓަކައި ރާއްޖޭގެ ރަށެއްގެ ވަލުތެރެ ހިތަށް ގެންނަވާށެވެ. އަދި ވަލުތެރޭގައި ހިނގުމަށްޓަކައި ހެދިފައިވާ މަގެއްގެ ސޫރަ ލޮލު ކުރިމައްޗަށް ގެންނަވާށެވެ. މިފަދަ މަގެއް ނިމެނީ ކުޅިއަކަށްކަން ނުވަތަ ޚިޔާލީ ކޯރެއްގެ އައްސޭރި ފަށަށްކަން ޚިޔާލަށް ގެންނަވާށެވެ. އެފަދަ މަގަކީ 'ޝަރީއަތެ’ކެވެ. އެފަދަ ފެންގަނޑެއް ކައިރިއަށް ދިއުމަށް މަގެއް ކޮށާ ނަމަ، ބުނެވޭނީ 'ޝަރުއު’ކުރާކަމަށެވެ. އެފަދަ މަގެއް 'ކޮށާ’ކަމަށެވެ. ދީނީ އިސްތިލާހީ މާނައިގައި 'ޝަރީއަތް' މި ލަފްޒު އިޝާރަތްކުރަނީ 'އިލާހީ ހިދާޔަތުގެ މަގަށެ’ވެ. ހެވާއި ނުބައި، ރަނގަޅާއި ނުރަނގަޅު، ކަނޑައަޅުއްވައި ބަޔާންކުރައްވައި، މީސްތަކުން އުޅުމަށްޓަކައި، މާތްކަލާނގެ ދައްކަވާފައިވާ އިލާހީ 'ތެދުމަގަ’ށެވެ.

ކީރިތި ގުރުއާނުގައި ބަޔާންކުރެވިފައިވާ ޝަރީއަތް، އިލާހީ ތެދުމަގު، ގުޅެނީ އެފޮތުގައި ވާރިދުވެފައިވާ ހުކުމްތަކާއެވެ. ކީރިތި ގުރުއާނުގައި ހިމެނޭ ހަހާސް ދުއިސައްތައެއްހާ އާޔަތްތަކުގެ ތެރެއިން ގާތްގަނޑަކަށް އަށްސަތޭކަ އާޔަތުގައި މިހުކުމްތައް ވާރިދުވެފައިވެއެވެ. މި އާޔަތްތަކަށް 'ހުކުމުގެ އާޔަތްތަކޭ' ކިޔެއެވެ. އާދެ، 'ޝަރީއަތް' މި ލަފްޒު އިޝާރަތްކުރަނީ މި ދެންނެވި ހުކުމްގެ އާޔަތްތަކަށެވެ. ޝަރީއަތުގެ މާނަ ބަޔާންކޮށް، މި ލަފްޒު އިޝާރަތްކުރާ ހުކުމްގެ އާޔަތްތައް ޖުމްލަ ގޮތެއްގައި ސިފަކޮށް، ތައާރަފުކޮށްދޭ އެންމެ އިހުގެ ތައާރުފުކަމުގައި ބެލެވޭ ގަތާދާގެ (މިތާބިއީ ކަލޭގެފާނު އަވަހާރަވީ ހިޖުރައިން 110ވަނަ އަހަރު) ތައާރުފުގައި މިހެން ބަޔާންކުރެވިފައިވެއެވެ. "الفرائض والحدود والأمر والنهي". ޝަރީއަތަކީ "(ކުރުން) ފަރުޟުކުރެވިފައިވާ ކަންތައްތަކާއި (އެ އިންތައް ފަހަނައަޅައި ނުދިޔުމަށް ކަނޑައެޅިފައިވާ) އިންތަކެވެ. (ކުރުން ފަރުޟުކުރެވިފައިވާ ކަންތައްތަކަކީ އެކަންކަން ކުރުމަށް މާތްކަލާނގެ) އަމުރުކުރައްވާފައިވާ ކަންތައްތަކެވެ. (އޭގެ އިން ފަހަނައަޅައި ނުދިޔުމަށް ކަނޑައެޅިފައިވާ ކަންތައްތަކަކީ މާތްކަލާނގެ) ނަހީކުރައްވާފައިވާ ކަންތައްތަކެވެ." (ތަބަރީގެ ޖާމިއުގެ 25/147.)

ފަރުޟުކުރެވިފައިވާ ކަންތައްތަކާއި ނަހީކުރެވިފައިވާ ކަންތައްތަކަށް އިޝާރަތްކޮށް، ހިޖުރައިން ފުރަތަމަ ދެ ގަރުނުގައި، 'ޝަރާއިއުއޭ' ކިޔުނެވެ. މި ޝަރާއިއުތައް ކީރިތި ގުރުއާނުގައި ވާރިދުވެފައިވަނީ ޖުމްލަ ގޮތެއްގައެވެ. އޭގެ ތަފްސީލުތަކެއް ނުހިމަނައެވެ. މި ޝަރާއިއުތަކުގެ ތަފްސީލު ބަޔާންކޮށްދެއްވީ ސަލާމާއި ސަލަވާތްލެއްވި ކީރިތި ރަސޫލާއެވެ. އެކަލޭގެފާނުގެ ބަސްފުޅުތަކުންނާއި އަމަލުފުޅުތަކުންނެވެ. އާދެ، އެކަލޭގެފާނުގެ ސުންނަތުންނެވެ. މިކަންކަން ފޮތްފޮތުގައި ލިޔެވި ތަދުވީނުކުރެވުމުން އެއަށް އެކަލޭގެފާނުގެ ހަދީސްފުޅުތަކޭ ކިޔުނެވެ. އެކަލޭގެފާނު ސުވަރުގެ ވަޑައިގަތުމަށްފަހު، އިޖުތިހާދާއި ގިޔާސުގެ އަލީގައި ޝަރީއަތުގެ ދާއިރާ ފުޅާވެ، އަދި އިޖުމާއު މެދުވެރިކޮށް މި ފުޅާކުރިކުރުމަށް ޝަރުއީ ސިފަ ލިބިގެންދިޔައެވެ. ދެން، ކީރިތި ގުރުއާނާއި ސުންނަތް ފަދަ ޝަރީއަތުގެ މަސްދަރުތަކާއި އަދި މި މަސްދަރުތައް މާނަކޮށްދޭ އިޖުތިހާދާއި ގިޔާސް ފަދަ ވަސީލަތްތަކާއި މި މާނަކުރުން ނެރެދޭ ނަތީޖާއަށް ޝަރުއީ ސިފަ ގެނެސްދޭ އިޖުމާއު ފަދަ ވަސީލަތްތައް ބޭނުންކޮށްގެން، ހިޖުރައިން ދެވަނަ ގަރުނު ނިމޭ ހިސާބަށް އާދެވުނުއިރު، ކީރިތި ގުރުއާނުގައި ވާރިދުވެފައިވާ ހުކުމްތަކުގެ ތަފްސީލު ބަޔާންކޮށް، ފޮތް ފޮތުގައި ލިޔެވި، ތަދުވީނުކުރެވެން ފެށުނެވެ. މި ތަދުވީނުކުރެވުމުން އިސްލާމީ ފިގުހުގެ އިލްމު އުފެދި ފުރިހަމަވިއެވެ. ފިގުހުގެ އިލްމު މައިގަނޑު ގޮތެއްގައި ދެތިންބަޔަކަށް ބަހާލެވެއެވެ. އިބާދާތު ނުވަތަ އަޅުކަމުގެ ބަޔާއި މުއާމަލާތުގެ ބަޔެވެ. ކައިވެންޏާ ވަރީގެ ބަޔާއި އަދި އުގޫބާތްތަކުގެ ބަޔެވެ. މިފަދައިން ޝަރީއަތުގެ ހުކުމްތައް ތަފްސީލު ގޮތެއްގައި ބަޔާންކުރެވުމުން، ކީރިތި ގުރުއާނުގައި އައިސްފައިވާ ޝަރީއަތް، އަމަލީ ސިފައެއްގައި، ހިންގާލެވޭނޭ ގޮތް ހަމަޖެހިގެން ދިޔައެވެ. ފިގުހު އިލްމު އުފެދި ފުރިހަމަވުމުން، ޖުމްލަ ގޮތެއްގައި، މި އިލްމަށް ޝަރީއަތުގެ އިލްމޭ ކިޔުނެވެ. އަދި ޝަރީއަތާއި ފިގުހު އެއްމާނައެއްގައި ބޭނުންކުރަން ފެށި، އިސްލާމީ ޝަރީއަތުގެ ހުކުމަތައް ދެނެގަތުމުގައި ރުޖޫއަވާން ޖެހޭ މަސްދަރަކީ ފިގުހުކަމުގައި ވެގެންދިޔައެވެ.

ދީނުގެ މަފްހޫމު ސާފުކޮށްދިނުމުގެ ގޮތުން މިހާތަނަށް ލިޔެވުނު ވާހަކަތަކުގެ ޚުލާސާ ލިޔެލާނަމެވެ. އިސްލާމް ދީނުގައި ދީނުގެ މަފްހޫމަކީ ކޮބައިކަން ދެނެގަތުމަށްޓަކައި މުހިއްމު ހަތަރު ލަފްޒެއްގެ މާނަ ދެނެގަންނަންޖެހެއެވެ. އެންމެ ފުރަތަމަ ދީނުގެ މާނައެވެ. އެއީ މާތްކަލާނގެއަށް ކިޔަމަންގަތުމެވެ. ދެވަނައަށް އިސްލާމް މި ލަފްޒުގެ މާނައެވެ. އެއީ މާތްކަލާނގެއަށް ތިމާގެ ނަފްސު ދީލާލުމެވެ. އާދެ، މާތްކަލާނގެއަށް ކިޔަމަންގަނެވެނީ އެކަލާނގެއަށް ތިމާގެ ނަފްސު ދީލާލައިގެންނެވެ. މިކަން ކުރެވެނީ، ނުރަނގަޅު ކަންތައްތައް ކުރުމުން ތިމާގެ ނަފްސު ދުރުހެލިކޮށް، ރަނގަޅު ކަންތައްތައް ކުރުން މަތީ ތިމާގެ ނަފްސު ދެމެހެއްޓިގެންނެވެ. ކުރިންވެސް ބަޔާންކުރެވުނު ފަދައިން، މިއީ، އާދެ، މާތްކަލާނގެއަށް އީމާންވެ، ނަފްސު އިސްލާހުކުރުމަކީ، އިސްލާމް ދީނުގެ ދީނީ މާނައެވެ. ދެންމެ މި ނަންގަތް ގޮތުގައި ތިމާގެ ނަފްސު ހެޔޮ ގޮތުގައި ދެމެހެއްޓުމަށްޓަކައި 'ރަނގަޅަ’ކީ ކޮބައިކަމާއި 'ނުރަނގަޅަ’ކީ ކޮބައިކަން އެނގެންޖެހެއެވެ. މުސްލިމުންނަށް، މިކަން ބަޔާން ކުރެވިފައި އޮތީ ކީރިތި ގުރުއާނުގައި ގެނެސްދެވިފައިވާ ޝަރީއަތުގައެވެ. އިލާހީ ތެދުމަގުގައެވެ. މި ޝަރީއަތް އިޝާރަތްކުރަނީ ކީރިތި ގުރުއާނުގެ ހުކުމްތަކާ ބެހޭ އާޔަތްތަކުގައި ފަރުޟުކުރެވިފައިވާ ކަންތައްތަކަށާއި ނަހީކުރެވިފައިވާ ކަންތައްތަކަށެވެ. މިކަމުގެ ތަފްސީލު ބަޔާންކުރެވިފައިވަނީ ފިގުހު އިލްމުގައެވެ.

ދެން އޮތް ބައިގައި، އެންމެ ފުރަތަމަ، ޝަރީއަތުގެ އިލްމު، އާދެ، ފިގުހު އިލްމުގެ އިތުރު ތަފްސީލު ގެނެސްދެވޭނެއެވެ. ދީނީ ހަރުކަށި ފިކުރަކީ ކޮބައިކަން ވިސްނައި ދެނެގަތުމަށްޓަކައި ޝަރީއަތުގެ އިލްމަކީ ކޮބައިކަމާ އަދި މިއިލްމުގެ ބައިތަކާ މި ބައިތައް ގުޅެނީ ކޮންކަމަކާކަމާއި އަދި، ޝަރީއަތުގެ ހުކުމްތައް ހިންގާލުމުގެ ބާރާއި އިޚުތިޔާރު ލިބިގެންވަނީ ކޮންފަރާތަކަށްކަން ދެނެގަންނަން ޖެހެއެވެ. ދީނީ ހަރުކަށި ފިކުރު ގުޅެނީ، ޝަރީއަތުގެ ހުކުމްތައް މާނަކުރުމާއި އަދި މިކަން ހިންގާލުމުގެ ބާރު ލިބިގެންވަނީ ކޮންފަރާތަކަށް ކަމާމެދު އަރާ އޮޅުންތަކާ ކަމަށްވާތީއެވެ. އެއަށް ފަހު، ދީނީ ފިކުރު ހަރުކަށިވުމުގެ ސަބަބުތަކާއި އެކަން ހައްލުކުރުމަށް ކުރެވިދާނެ ކަންކަމާމެދު ވެސް ބަލާލެވޭނެއެވެ.