...

Support Us

ކޮލަމް ކޯދު: ނުފެންނާނެ މީހުންނަށް ވުރެ ކަނު ބަޔަކު ނޫޅެއެވެ!

މަނިކުބޭ: ކީކީ ހެއްޔެވެ؟ ނުފެންނަ މީހުންނަށް ވުރެ ކަނު ބަޔަކު ނޫޅެއޭ ހެއްޔެވެ؟ ކަނު މީހުންނަކަށް ނުފެންނާނެ ނޫން ހެއްޔެވެ؟ ތިކިޔާ އެއްޗެއް މަށަކަށް ހަމަ ނޭނގުނެވެ!!

ޖުހާ: ނޫނެކެވެ! މި ބުނަނީ ނުފެންނަ މީހުންނަށް ވުރެ ކަނު ބަޔަކު ނޫޅޭނޭ ވާހަކައެއް ނޫނެވެ. ނަމަވެސް، ނުފެންނާނެ މީހުންނަށް ވުރެ ކަނު ބަޔަކު ނޫޅޭ ވާހަކައެވެ. މަނިކުބެ ތިބުނަނީ ނުފެންނަ ވާހަކަ ނޫން ހެއްޔެވެ؟ މަ މި ބުނަނީ ނުފެންނާނެ ވާހަކައެވެ! މަނިކުބޭ ތި ބުނާ ނުފެނުމަކީ އިޚްތިޔާރުން ބޭރުގައިވާ ނުފެނުމެއް ނޫންހެއްޔެވެ. ލޯ އަނދިރި ނޫނީ ލޯ ކަނު ނޫނީ ލޯފަން މީހުންނަށް ނުފެންނާނެ ވާހަކައެއް ނޫން ހެއްޔެވެ. އެމީހުންގެ ނުފެނުމަކީ އެމީހުންގެ އަމިއްލަ އިޚްތިޔާރުގެ ދަށުގައި އޮތް ކަމެއް ނޫނެވެ. އެކަން ގުޅެނީ އެމީހުންގެ ލޮލާއެވެ. ލޮލުގެ ފެނުމުން މަހުރޫމުވުމާއެވެ.

ނަމަވެސް މަ މި ދައްކަނީ އެވާހަކައެއް ނޫނެވެ. މަ މިބުނަނީ އެމީހުންގެ އަމިއްލަ އިޚްތިޔާރުގެ ދަށުން ނުފެންނަ ނުފެނުމެއްގެ ވާހަކައެކެވެ. ނުފެންނަ ކަމަށް ހެދީމައި ނުފެންނަ ނުފެނުމެއްގެ ވާހަކައެވެ! އާނއެކެވެ! ބަލަން ބޭނުން ނުވާ މީހުންނަށް އެއްޗެހި ނުފެންނާނެ ވާހަކައެވެ. ވަކި އެއްޗެއް ނުވަތަ މަންޒަރެއް ބަލަން ބޭނުން ނުވާ މީހަކަށް އެ އެއްޗެއް ނުވަތަ މަންޒަރެއް ފެނުނަސް، އެ ނުފެންނާނެ ވާހަކައެވެ. އެމީހުންގެ ލޯ ސަލާމަތުން ހުއްޓަސް ވެހެވެ. މިސާލަކަށް، ބުރިޖެއް ވިޔަސް، ޓަވަރެއް ވިޔަސް، އެހެން އެއްޗެއް ވިޔަސް، ނުފެންނާނެ މީހަކަށް ނުފެންނާނެ ވާހަކައެވެ! ކީއްވެ ހެއްޔެވެ؟ އެއީ އެފަދަ މީހުން ބަލަން ބޭނުން ނުވާ އެއްޗެހި، ބަލަން ބޭނުން ނުވުމެވެ. އެއީ ވުޖޫދުގައިވާ އެއްޗެއްކަން ވެސް އެނގޭކަށް އެމީހުން ބޭނުމެއް ނުވެއެވެ. މިކަމުގެ ސަބަބެއް ވެސް އޮވެއެވެ. ފަހުން އެވާހަކަ ދެއްކިދާނެއެވެ. އެންމެ ފުރަތަމަ މި އިބާރާތުގެ އަސްލުގެ މައްޗަށް ބަލާލަމާ ހެއްޔެވެ؟ މި އިބާރާތުގެ އަސްލު ނެގިފައިވަނީ އިނގިރޭސި ބަހުންނެވެ. އިނގިރޭސި ހަރުބަހެއްގައި މި އިބާރާތުން ދޭހަވާ މާނަ ދެ ގޮތަކަށް ލިޔެވިފައި އޮވެއެވެ.

މަނިކުބޭ: އެހެން ހެއްޔެވެ؟ އަޅެ ބުނެދީ ބަލާށެވެ!

ޖުހާ: އެއް އިބާރާތެއްގައި އޮންނަނީ 'ނަން އާ ސޯ ބްލައިންޑް އެސް ދޯސް ހޫ ވިލް ނޮޓް ސީ!' މިހެންނެވެ. ބަލަން ބޭނުން ނުވާ މީހުންނަށް ވުރެ ކަނު އެހެން އެއްވެސް ބަޔަކު ނޫޅެއެވެ. އަނެއް އިބާރާތުގައި އޮންނަނީ 'ނަން އާ ސޯ ޑެފް އެސް ދޯސް ހޫ ވިލް ނޮޓް ހިއަރ' މިހެންނެވެ. އަޑުއަހަން ބޭނުން ނުވާ މީހުންނަށް ވުރެ ބީރު އެހެން އެއްވެސް ބަޔަކު ނޫޅެއެވެ. މިހާރު ބަސް އެންމެ ފުރަތަމަ ބޭނުން ކުރެވެން ފެށީ މީލާދީ ސަނަތުން 16 ވަނަ ގަރުނުގެ މެދެއްހާ ހިސާބުގައެވެ.

މަނިކުބޭ: އެންމެ ރަނގަޅެވެ! ތި ހަރުބަހުގެ މުރާދުގެ، ގަސްދުކުރެވޭ މާނައިގެ، މައްޗަށް އެއްޗެއް ބުނެބަލާށެވެ! އަދި، ކުރިން ސާފުކޮށްދޭނަމޭ ބުނިހެން، އެކަމުގެ ސަބަބަކީ ކޮބާ ހެއްޔެވެ؟

ޖުހާ: އެ ބަހުގެ މުރާދުގެ މައްޗަށް މާ ދިގު ވާހަކަތަކެއް ނުދެއްކިޔަސް އެކަން ސާފުވެދާނެއެވެ. ބައެއް ފަހަރު، ހައްގު ބަސް އަހާކަށް މީހުން ބޭނުމެއް ނުވޭ ނޫން ހެއްޔެވެ؟ ރޯމާ ދުވާލުގެ ވަގުތުގައި މިއީ ދުވާލުގެ ވަގުތޭ ބުންޏަސް އެކަން ގަބޫލު ނުކުރަން ބޭނުން ވެއްޖެ ނަމަ، ކޮންމެ ވެސް ބަހަނާއެއް ދައްކަފާނެއެވެ. ދުރުން ފެންނަނީ ބަކައްޓެއްތޯ ނުވަތަ ދޫންޏެއްތޯއާ މެދު ދެބަސްވި ދެމީހުން، އެ އެއްޗެއް ކައިރިއަށް ގޮސް، އެ އެއްޗެއް އުދުއްސައިގެން ދިޔައިމާ އެއީ ބަކައްޓެއް ކަމަށް ދައުވާކުރި މީހާ ބުނީ ކީކޭ ހެއްޔެވެ؟ އުދުހިފައި ދިޔަޔަސް އަހަރެން ބުނާނީ އެއީ ހަމަ ބަކައްޓެއް ކަމެވެ. މިވާހަކައިން އެ ބަހުގެ މުރާދު ސާފުވެ، އެނގިދެއެވެ. ހެއްކާއި ގަރީނާއެކު ޒުވާބުދީ ހެދިކަމުގައި ވިޔަސް، ހައްގު ބަސް ގަބޫލުކުރަން ބޭނުން ނުވާ މީހަކު އެ ކަން ގަބޫލެއް ނުކުރާނެއެވެ!

ދެން މިކަމުގެ ސަބަބު ހެއްޔެވެ؟ މި ބުނި ހަރުބަހުގެ މާނައިގެ އޮންނަ އަރަބި ހަރު ބަހަށް ބަލާލުމުން އެހެންވުމުގެ ސަބަބު ހާމަވެއެވެ. ނުފެންނާނެ މީހުން ކަނުވަނީ ކީއްވެގެންކަން އެނގެއެވެ. މި މާނައިގައި އަރަބިން ބުނެ އުޅޭ ދެ ބަހެއް އޮވެއެވެ. އެއް ބަހަކީ 'الغرض مرض’، އެދުމަކީ ބައްޔެކެވެ.' އަނެއް ބަހަކީ 'الغرض يعمي البصر’، އެދުމަކީ ލޯ ކަނުކޮށްލާ ކަމެކެވެ. އާދެ، ފެނުން ނެތިކޮށްލާ ކަމެކެވެ. އިތުރަށް ބުނާ ނަމަ، ބައެއް ކަހަލަ މަންޒަރުތައް ނުފެންނަ ކަމަށް ހެދުމަށާއި ބައެއް ކަހަލަ ވާހަކަތައް ނީވޭކަމަށް ހެދުމަށް ތިމާގެ އަމިއްލަ ފައިދާއާއި މަސްލަހަތު ނިޔާކުރާތީ އެ ގޮތަށް، ކަންކަން ނުފެންނަކަމަށާއި ނީވޭ ކަމަށް ހަދާލަން ޖެހެނީއެވެ.

މަނިކުބޭ: މިއަދު ތި ވާހަކަ ދައްކަން ޖެހުނީ ކީއްވެ ހެއްޔެވެ؟

ޖުހާ: މި ފަދަ މަންޒަރުތައް ފެންނަލެއް ގިނަވީމައެވެ. މިސާލަކަށް މިވެނި މީހަކީ އަހަރުމެންގެ ތެރޭގައި ހުރި އެންމެ ބޮޑެތި ހަކީމުންގެ ތެރޭގައި ހުރި މީހެކޭ، މީހަކު ބުނުމުން، އެއީ ހައްގު ތެދު ވާހަކައެއްކަމާ މެދު އެއްވެސް ޝައްކެއް ނެތް ވާހަކަ، އަހަރުމެންގެ ތެރޭގައި ދީނީ ފަތުވާދޭން މަޝްހޫރު ދުލަކުން ވެސް ބުނިވާހަކައެވެ. އެ ބުނާ ހަކީމުގެ ހިކުމަތްތެރިކަމަކީ ކޮބައިކަން އެނގެން ނެތް އިރުވެސް މެއެވެ. އަދި، މިއާ ޚިލާފަށް ހުރި ހެކިތައް ގިނަ ކަމުގައިވާ އިރުވެސް މެއެވެ. މާ ބޮޑު އިލްމީ ތަޖުރިބާއެއް ނެތް ކަމެވެ. އެއްޗެއް ބުނަން އެނގެނީ މީހަކު އެއްޗެއް ލިޔެދީފައި ދިނީމައެވެ. އަދި އެވެސް ބަލައިގެން ވެސް ރަނގަޅަށް ކިޔަން ނޭނގޭ ތަން ފެނުމެވެ. ޚަރަދުތައް ކުޑަ ކުރަން ޖެހޭ ވަގުތު ވަގުތުގައި ދިމާ އިދިކޮޅަށް ކަންތައް ކުރުމެވެ. މިކަންކަން ބަލަން ބޭނުން ނުވާ މީހަކަށް މިކަންކަން ފެންނާނެ ހެއްޔެވެ؟ ނުފެންނާނެއެވެ! މިކަންކަން ގަބޫލުކުރަން ބޭނުން ނުވާނޭ މީހަކު މިކަންކަން ގަބޫލުކުރާނެ ހެއްޔެވެ؟ ނުކުރާނެއެވެ! ހެކި ދެއްކިޔަސް ނުވަތަ ނުދެއްކިޔަސް އެމީހުން ބޭނުންވާ ގޮތް ނޫން ގޮތެއް އެމީހުންނަކަށް ނުފެންނާނެއެވެ! ގަބޫލެއް ނުކުރާނެއެވެ! ކީރިތި ޤުރުއާނުގައި ބަޔާންކުރެވިފައިވާ ފަދައިން، އެމީހުންގެ ހިތްތަކާއި ކަންފަތްތައް ވަނީ ސިއްކަ ޖެހި ބަންދުކުރެވިފައެވެ. އެމީހުންގެ ލޯ މަތީ ވަނީ ފަރުދާއެއް އެޅިފައެވެ. އަމިއްލަ އެދުމުގެ ސިއްކައިގެ ސިއްކައަކުންނެވެ. އަމިއްލަ އެދުމުގެ ފަރުދާގެ ފަރުދާއަކުންނެވެ. އެހެންވީމާ، އެމީހުންގެ ލޮލަށް ފެނުމާއި އަދި އެހެން ހިއްސުތައް ސަލާމަތުން ހުރި ކަމުގައި ވިޔަސް އެމީހުންނަކީ صم بكم عمي، ބީރު މަންމަން އަދި ކަނު ބައެކެވެ! އާދެ، މަތީގައި އޮތް ހަރުބަސް ފަދައިން ނުފެންނާނެ އަދި ނީވޭނެ ބައެކެވެ. އެހެންވީމާ އެމީހުންނަށް ވުރެ ވަކިން ކަނު، އަދި ވަކިން ބީރު ބަޔަކު ނޫޅެއެވެ!

އަދިވެސް އެހެން މިސާލެކެވެ! މިވާހަކަ ބުނަނީ ހަސަން ކުރުސީގެ ނަމުގައި ލިޔާ މީހެކެވެ. ޔަގީންކަމާއެކު އެއީ ކާކު ކަމެއް ބުނާކަށް ނޭނގެއެވެ. އޭނާގެ ސިޔާސީ ޕާޓީއަކީ ކޮބައިކަން އޭނާއަށް ބުނަން ކެރެއެވެ. އޭނާގެ ޕާޓީގެ އެންމެން އޭނާގެ ވާހަކައަށް ތާއިދުކުރާނޭހެނެއް ހިޔެއް ނުވެއެވެ. ނަމަވެސް، އޭނާގެ ކިބައިގައި އެއްވެސް މާތް އުސޭލެއް ނެތްކަން އަންގައިދޭ މި އަމަލުތައި އެ އެންމެން ވެސް ބައިވެރިކޮށް ޝާމިލުކުރުމަށެވެ. ނަމަވެސް، އަމިއްލަ ނަމުގައި ލިޔެ އެއްޗެހި ބުނާހާ ހިއްވަރެއް ނެތެވެ. މުނާފިގު ދެފުށް ދެގޮތް މީހުން ފަަދައިން، އެއަށް ވުރެ މާ ފިނޑިއެވެ. ކޮންމެއަކަސް، ހަސަން ކުރުސީގެ ފުރަގަހުގައި ބޮނދާ އޮވެ، މި މީހަކު އިސްލާމީ އުނގަންނައިދިނުންތަކަށާއި އަދި އިސްލާމީ އަގުތަކަށް ގޮންޖަހަމުން ގެންދެއެވެ. ޒިނޭއާއި އެފަދަ ކަންކަމަށް ހިއްވަރުދޭ އިބާރާތްތައް ލިޔެއެވެ. ފައިސާ ހޯދަން ކޮންމެ ފަދަ ކަމެއް ވެސް ކުރުމަކީ ހުއްދަ ކަމެކޭ ދޭހަވާ އިބާރާތްތައް ބޭނުންކޮށްގެންނެވެ. ރާއްޖޭގައި އެފަދަ ހުރިހާ ކަމެއް ވެސް އާންމުކޮށް ފަތުރާލަން އޭނާ ބޭނުންވެ، އެކަން ކުރަން އޭނާ އެދޭ ވާހަކައެވެ. إن الذين يحبون أن تشيع الفاحشة في الذين آمنوا لهم عذاب أليم في الدنيا والآخرة، والله يعلم وأنتم لا تعلمون (އީމާންވި މީހުންގެ މެދުގައި (ޒިނޭފަދަ) ހަޑިހުތުރުވެގެންވާ އަމަލުތައް ފަތުރަން އެދޭ މީހުންނަށް، ދުނިޔެއާއި އާޚިރަތުގައި ވެސް ވޭންދެނިވި އަޒާބު ހުއްޓެވެ. (މިކަން މާތް) ﷲ ދެނެވޮޑިގެން ވެއެވެ. ކަލޭމެންނަކަށް އެކަން ނޭނގެއެވެ.) މިއާޔަތުގައި ބުނެވިފައި އެވާ ފަދައިންނެވެ. ޝައްކެއް ނެތް ގޮތުގައި، މިއާޔަތުގައި ބުނެފައި އޮތް ފަދަ ނުބައިކަންކަން މުއުމިނުންގެ މެދުގައި ފަތުރައި އެމީހުންގެ މުޖުތަމައުތައް ހަލާކުކޮށްލަން އުޅޭ މީހުންގެ ނިމުން، އެކަން އެހެން މީހުންނަށް ނޭނގުނު ކަމުގައި ވިޔަސް، ވަރަށް ހިތިވާނެއެވެ. ދުނިޔޭގައި ތިބި ބަޔަކަށް އެކަން ފެންނާނެއެވެ.

މިބުނާ ހަސަނެއް އެކަން ކުރަނީ، ބޮޑު އަޣުލަބިއްޔަތެއްގެ އާބާދީއަކީ މުސްލިމުން ކަމުގައި ހިމެނޭ ރާއްޖޭގެ މީހުންނަށް އަމާޒުކޮށްގެންނެވެ. އޭނާގެ ވާހަކަތަކުން އިވޭ ރާގަކީ ކޮބައި ހެއްޔެވެ؟ މާތްﷲ އަށާއި ކީރިތި ގުރުއާނަށް ގޮންޖަހައި ޗެލެންޖުކުރުމެވެ! ހެއްކަކީ ހެއްޔެވެ؟ އެންމެ ފުރަތަމަ އޭނާ ޚިޔާރުކޮށްފައި އޮތް ނަމަށް ބަލާލާށެވެ! 'ކުރުސީ' މިއިން އިޝާރަތްކުރަނީ ކީރިތި ޤުރުއާނުގެ އާޔަތަކަށެވެ. އާދެ، ކުރުސީގެ އާޔަތުގެ ނަމުން ނަންދެވިފައިވާ ބަޤަރާ ސޫރަތުގެ 255 ވަނަ އާޔަތަށެވެ. މުސްލިމުންގެ ގަބޫލުކުރުންތަކުގައި މުގައްދަސްކަން ބޮޑު، މާތްކަމާއި އިހުތިރާމުކުރުން އިންތިހާއަށް ދެވިފައިވާ އާޔަތަކަށެވެ. ކީރިތި ޤުރުއާނުގެ އާޔަތަކަށް އިޝާރާތްކުރާ ނަމެއް ޚިޔާރުކޮށް، އެ ނަމުގެ ބިއްދޮށުގައި ބޮނދައި ފިލައި އިނދެ، އެ ފޮތުގެ އުނގަންނައި ދިނުންތަކަށް ގޮންޖަހައި ތަހައްދީކޮށް، ބޮޑާކަމާއި ކިބުރުވެރިކަމާއެކު ބުނާ ކަހަލައެވެ! 'އަހަރެންގެ މި ގޮންޖެހުމާ މެދު ކަލޭމެންނަށް ދެން ކުރެވޭނީ ކޮން ކަމެއް ހެއްޔެވެ؟ ބާރު އޮތީ އަހަރެންގެ އަތުގައެވެ. ނުވަތަ އަހަންނާ އެއްކޮޅުގައެވެ! ނުރުހި ނުރުހި، ރުޅި އައިސް ކެކިކެކި ކަލޭމެންޖެހޭނީ ހަމަ ތިހެން ތިބޭށެވެ! އަހަރެން މިބުނާ ކަންކަން ކުރާނަމެވެ! އެކަން ހުއްޓޭނޭ އެކަކުވެސް ހަމަ ނެތެވެ!'

މައްސަލައަކީ އޭނާގެ ވާހަކައިން ދޭހަވާ އެއްޗެއް ނޫނެވެ! މައްސަލައަކީ މިފަދަ ހަސަނުތަކަށް މިފަދަ ބާރެއް ލިބޭނޭ ޖައްވެއް އުފެއްދުމަށް އާންމުން އެހީވުމެވެ. އަދި، މިފަދަ ހަސަނުތައް އުޅޭކަން، އެމީހުންގެ ވާހަކައިންނާއި އަމަލުތަކުން ކުރިން ވެސް ފެންނަން އޮތް އިރު އެކަން ނުފެންނަކަމަށް ހެދީމައެވެ. އެވާހަކަތައް އިވިފައި އޮތް އިރުވެސް، އެވާހަކަތައް ނީވޭ ކަމަށް ހެދީމައެވެ. ކުރިންވެސް މިކަހަލަ ހަސަނުތައް ފެންމަތިވެ، މިފަދަ އަމަލުތައް ހިންގަން އުޅެ ފޭލިވިއެވެ. މީހުން ދިރިއުޅޭ ހުރިހާ ތަނެއްގައި ވެސް ރާވިއްކަން އުޅުނު ހަސަނު ފަދަ ހަސަނުތަކެވެ. މިފަދަ ކަންކަން ފެންނަން އޮތް އިރު، އެކަން ނުފެނުމަކީ މަތީގައި އޮތް ހަރުބަހުގައި އިޝާރަތްކުރާ ނުފެނުމެވެ. ނުފެންނާނެ، މީހުންނަށް ވުރެ ކަނު އެހެން އެއްވެސް ބަޔަކު ނޫޅޭނޭ ބުނާ ބަހުގެ ނުފެނުމެވެ. ސަބަބަކީ ހެއްޔެވެ؟ އަމިއްލަ އެދުމާއި އަމިއްލަ މަސްލަހަތު އިސްކުރެވުމެވެ.

މަނިކުބޭ: އެންމެ ރަނގަޅެވެ. ހަރުބަހުގެ މާނަ ސާފުވެއްޖޭ ބުނެވިދާނެއެވެ! ދެން، އަހަރުމެންނަށް ކުރެވެން އޮތީ ކޮންކަމެއް ހެއްޔެވެ؟

ޖުހާ: އެއްކަމަކީ އެފަދަ މީހުންނަށް ރައްދު ނުދިނުމެވެ. އެމީހުންގެ ބޭނުމަކީ މީހުން ރުޅިއަރުވައި ހިލުވާލުމެވެ. ދެން، އެމީހުންގެ މަގުސަދު ހާސިލްވުމުން، މީސްތަކުންނީ، ދީނީ ހަރުކަށި ފިކުރުގެ މީހުންކަމާއި ހަމަ ބުއްދި ގެއްލިފައިވާ ބައެއް ކަމަށް ބުނެ، މީސްތަކުންނާ ދިމާއަށް ހީ މަލާމާތް ކުރުމެވެ. ފަހަރެއްގައި ވެސް މިފަދަ ހަސަނުންގެ މަގުސަދަކީ މީސްތަކުންނަށް ހެޔޮ އެދި، މީސްތަކުންނަށް ރަނގަޅު ގޮތް ހޯދައިދިނުމެއް ނޫނެވެ. ކޮންމެ ގޮތެއް ހަދާފައި ނަމަވެސް، ތަނުގެ ދީނީ އަގުތައް ފުނޑުފުނޑު ކޮށްލުމެވެ. މިސްކިތްތަކަށް ގަޟާހާޖަތްކޮށް، ޚަތިމުތަކަށް ރަތްކުޅު ޖަހައިގެންނާއި، ބޭރުގެ ޓީޗަރުންނާއި އަދި ތަނުގެ މީހުންލައްވައިވެސް ދީނަށް ބަދުބަސް ކިޔުއްވައިގެންނެވެ. މިފަދަ ދެފުށް ދެގޮތް ހަސަނުން، ކީރިތި ގުރުއާނުގައި ބަޔާންކުރެވިފައިވާ ފަދައިން، ތިމަންމެންނީ މީހުންނަށް ހެޔޮ އެދިގެން، އިސްލާހުގެ މަގަށް މަސައްކަތް ކުރާ ބައެއް ކަމަށް ދައުވާކުރެއެވެ. قالوا إنما نحن مصلحون (އެމީހުން ބުނެއެވެ. ތިމަންމެންނަކީ ހަމަކަށަވަރުން [ކަންކަން] އިސްލާހުކުރަން އުޅޭ ބަޔަކީމުއެވެ.) މިއާޔަތުގައި އޮތް ފަދައިންނެވެ.

މިފަދަ މީހުންގެ ވާހަކައަށް ރައްދު ނުދިނުމަކީ އެކަމާ އަޅާ ނުލުމެއް ނޫނެވެ. އެމީހުންގެ ހަގީގަތް އެމީހުންގެ ވާހަކަތަކުން ފެނި އެނގެއެވެ. އެހެންވެ، އެކަން ފާހަގަކޮށް، އެފަދަ ހަސަނުންނަށް އެމީހުންގެ ވިހަ ވާހަކަތައް ފެތުރުމުގެ ޖައްވެއް ލިބުމުގެ މަގު ފަހިނުކޮށްދޭންވީއެވެ. ކުރިންވެސް ބުނިހެން، އެފަދަ މީހުން އެމީހުން ބޭނުންވާ ގޮތަކަށް ކަންތައް ކުރެވެނީ އެކަން ކުރުމުގެ ބާރެއް އެމީހުންނަށް ލިބިފައި އޮތީމައެވެ. ނޫންނަމަ، އެމީހުން އެކަން ކުރުމަށް ހިއްވަރުދޭ ފަދަ ބާރެއް އެމީހުންނާ އެކުގައި އޮތީމައެވެ. އެފަދަ ބާރެއް އެމީހުންނަށް ލިބިދިނީ ހަމަ އާންމު މީސްތަކުންނެވެ. އެހެންވެ، ކަމެއް ކުރަން ބޭނުން ނަމަ، ހޭލުންތެރިވެ، މިފަދަ ހަސަނުންނަކީ އަބަދުވެސް އުޅޭނޭ ބައެއްކަން ދެނެގަނެ، އެ ފަދ މީހުން ފާހަގަކޮށް، އެ ފަދަ މީހުން ބާރުވެރި ނުކުރަން މަސައްކަތް ކުރަންވީއެވެ.

އަދިވެސް، މިފަދަ ހަސަނުންގެ ވާހަކަތައް ބިނާވާ އަސާސަކީ، އެއީ ފަލްސަފި ވިޔަސް ނޫނީ އިލްމީ ވިޔަސް، އެ އަސާސަކީ ކޮބައިކަން ކިޔައި ހޯދައި ދެނެގަންނަންވީއެވެ. ދީނަށް ލޯބިކުރާ މީހުން ކުރަން އެންމެ މުހިއްމު އެއް ކަމަކީ މިއެވެ. މިކަން ދެނެގެންފި ނަމަ، މިފަދަ ހަސަނުންގެ ވާހަކަތައް ބިނާވާ މާ ވަރުގަދަ އިލްމީ އަދި ފަލްސަފީ އެއްވެސް އަސާސެއް ނެތްކަން އެނގޭނެއެވެ. އަދި އެފަދަ ހަސަނުން އެމީހުންގެ މަގުފުރެއްދުމުގެ ވާހަކަތައް ދައްކަނި އެމީހުން އެމީހުންގެ ހަވާ ނަފްސަށް އަޅުވެތިވެފައި ވުމުން، އެހެން މީހުން ވެސް އެއަޅުވެތި ކަމުގެ ދަލުގައި ޖެއްސުމެވެ. މީގެ ތަފްސީލީ ވާހަކަތައް އެހެން ފަހަރަކުން ކިޔައިދޭނަމެވެ. މިވަގުތު ފާހަގަކޮށްލަން ބޭނުންވަނީ މި ބުނި އަސާސުތައް ދެނެގަތުމުގެ މުހިއްމު ކަމެވެ. އެކަން ދެނެގަނެ ތިމާމެންގެ ގަބޫލުކުރުންތައް ވަރުގަދަ ކުރުމެވެ. ތިމާމެންގެ ދީން ހިމާޔަތް ކުރަން ބޭނުން ނަމަ، އެކަން ކުރަން އޮތް އެންމެ ވަރުގަދަ ގޮތަކީ ތިމާމެންގެ ދީނީ ފިކުރު، ވަރުގަދަ ފިކުރީ އަސާސެއްގެ މަތީ ބިނާކުރުމެވެ. ފަލްސަފީ އަދި އިލްމީ ވަރުގަދަ އަސާސެއްގެ މަތީ ބިނާކުރުމެވެ.

ދެން، ހަނދާންކޮށްލަން ޖެހެނީ ކުރިން ވެސް ލިޔުނު ނޫރު ސޫރަތުގެ އާޔަތެވެ. އީމާންވި މީހުންގެ މެދުގައި ފާހިޝް އަމަލުތައް ފަތުރަން އަދައިގެން އުޅޭ މީހުން މަތިން މާތްﷲ ހަނދުމަނެތި ނުވާކަން އޮތް އާޔަތެވެ. އެމީހުންނާ މެދު، ދުނިޔޭގައި ވެސް އަދި އާޚިރަތުގައި ވެސް ފިޔަވަޅު އަޅުއްވާނޭ ވާހަކައެވެ. އެހެންވެ، މާތްﷲ އެފިޔަވަޅު އަޅުއްވާނެކަން ހިތުގެ އަޑިން ގަބޫލުކޮށްގެން ހުންނަން ޖެހެއެވެ. ވަގުތު ޖެހުމުން އެކަން ވާނެއެވެ. މިކަން ގަބޫލުކޮށް، ދެންމެ މިބުނިހެން، ތިމާމެންގެ ދީނީ ފިކުރު، ވަރުގަދަ ކުރެވިއްޖެ ނަމަ، ހަސަނުމެން ފަދަ ލާއިލާހިއްޔަތުގެ މީހުންނާ ކުރިމަތިލުމުގައި އަތްފައި އިސްކުރާކަށް ނުޖެހޭނެއެވެ. އަދި، އެފަދަ މީހުން ހިފައި ހައްޔަރުކުރަން ގޮވާކަށް ވެސް ނުޖެހޭނެއެވެ. އެފަދަ މީހުންގެ ވާހަކައަކީ މާ ބޮޑު އިލްމީ އަދި ފަލްސަފީ ބުރަދަނެއް ހުރި ވާހަކައަކަށް ނުވުމުން، ހުލިވެ، ނިވިދާ ބައްތިއެއް ހެން ނިވިގެން ދާނެތީއެވެ. އެ ހުޅުކޮޅު ރޯކޮށް ހިފަހައްޓައިދެނީ ދިނަށް ލޯބިކުރާ މީހުންގެ އިލްމީ ހޭލުންތެރިކަން ކުޑަވުމެވެ. އަދި، އެކަމުގެ ސަބަބުން، އެފަދަ މީހުންނަށް ރައްދު ދިނުމުގައި އަތް އިސްކޮށް ބާރުގެ ބޭނުންކުރުމަށް ގޮވާލަން ޖެހުމެވެ.

މި ވާހަކަ، އިތުރަށް ސާފުކޮށްލަދިނުމުގެ ގޮތުން ތާރީޚީ ވާހަކަކޮޅެއް ލިޔެލާނަމެވެ. ކީރިތި ޤުރުއާނުގައި ފީލު ސޫރަތުގައި އިޝާރަތް ކުރެވޭ ފީލުގެ، އާދެ، އެތުގެ ހާދިސާއާ ގުޅޭ ވާހަކައެކެވެ. މި ވާހަކަ ގުޅެނީ، އެވޭލާ ޒަމާނުގައި ޔަމަނުކަރައިގެ ގަވަރުނަކަށް ހުރި އަބްރަހާއޭ ކިޔުނު މީހަކު މައްކާގެ ކައުބާ ތަޅާލަން ރާވައި އެކަން ކުރަން އުޅުނު އުޅުމާއެވެ. އެކަން ކުރުމަށްޓަކައި އެތްތަކަކަށް ސަވާރުވެގެން ތިބި ލަޝްކަރެއް ގޮވައިގެން އަބްރަހާ މައްކާއަށް ދިޔައެވެ. އެ ދިޔަ ދިޔުމުގައި މައްކާގެ ރަށްބޭރުން އަބްދުލް މުއްތަލިބުގެ ނައަމްސޫފިތަކެއް ފޭރުނެވެ. މިކަމާ، ލަޝްކަރުގެ ވެރިޔާއާ އަބްދުލް މުއްތަލިބު ބައްދަލުކޮށް އެ ސޫފިތައް އަނބުރާ ދިނުމަށް އެދުނުވެ. އެ ވަގުތު، ލަޝްކަރުގެ ވެރިޔާ ބުނިކަމަށް ވެއެވެ. ތިމަންމެން އައިސް މިތިބީ އެމީހުންގެ އެންމެ މުގައްދަސު ބިނާ ތަޅާލައި ނެތިކޮށްލުމަށެވެ. ނަމަވެސް، މީނަ އައިސް އެ ބުނަނީ އޭނާގެ ގެރިބަކަރިތައް ދޭށޭއެވެ! މިއަށް އަބްދުލް މުއްތަލިބު ޖަވާބުދެމުން ބުނިކަމަށް ވެއެވެ. "ކައުބާއަށް ވެސް ވެރިޔަކު ވެއެވެ. އެވެރިޔާ ކައުބާ ހިމާޔަތް ކުރައްވާނެއެވެ. މި ގެރިބަކަރިތަކުގެ ވެރިޔަކީ އަހަންނެވެ. އެހެންވެ، އަހަރެން މިހުރީ އެއްޗެހި ހޯދަން އައިހެވެ!"

މަނިކުބޭ: ތި ވާހަކައިގެ މަތުލަބަކީ ކޮބައި ހެއްޔެވެ؟

ޖުހާ: އަބްދުލް މުއްތަލިބު ދުށް ގޮތުގައި، އަބުރަހާ ދެކެ ރުޅިއައިސް، އަތް އިސްކޮށް، އޭނައާއި އަދި އޭނާގެ އެތްތަކާ ދިމާކޮށް ހަނގުރާމަ ކުރުމުގެ ބޭނުމެއް ނެތެވެ. ނަމަވެސް، ކައުބާއަކީ މާތްﷲގެ ގެފުޅެވެ. އެހެންވީމާ އެ ކަލާނގެ ގެފުޅު އެކަލާނގެ ރައްކާތެރިކުރައްވާނެއެވެ. ކަންވީ ވެސް އެހެން ނޫން ހެއްޔެވެ؟ މައްކާއަށް އެރުމުގެ ކުރިން، ލަޝްކަރުގެ ތެރޭގައި ކަށިވިދުރި ކަހަލަ ބައްޔެއް ފެތުރި ލަޝްކަރު މުޅިން ހަލާކުވެ ނެތި ދިޔައީއެވެ. އެހެންވީމާ، މިސްކިތްތަކަށް، މާތްﷲގެ ގެފުޅުތަކަށް، ގަޟާހާޖާތްކޮށް، ޚަތިމުތަކަށް ރަތްކުޅުޖަހައި، ދީނީ ތައުލީމުތަކަށް ފުރައްސާރަކޮށް، ފާހިޝްކަންތައް މުއުމިނުންގެ މެދުގައި ފަތުރަން އުޅޭ ހަސަނުންނާ މެދު އަތްފައި އިސްކޮށް ބާރުގެ ބޭނުންކޮށްގެން ކަމެއް ކުރާކަށް ނުޖެހެއެވެ. އެފަދަ މީހުންނާ މެދު، މާތްﷲ ފިޔަވަޅު އަޅުއްވާނެތީއެވެ. ނަމަވެސް، ކުރިން ވެސް ބުނި ފަދައިން އެފަދަ ހަސަނުން އަބަދުވެސް އުޅޭނޭ ކަމާއި، އެފަދަ ހަސަނުން ބާރުވެރިކުރުވައި، ނުވަތަ އެމީހުންނަށް ހިއްވަރުދޭނޭ ބަޔަކުވެސް ބާރުވެރި ކުރުވައިގެން ފަރަކު ނުޖެހޭނެއެވެ. އެއްފަހަރު މިފަދަ ކަމެއް ވުމުން، އެކަމުން ފިލާވަޅު ލިބިގަނެ ދެވަނަ ފަހަރަށް އެކަން ވިޔަ ނުދިނުމަށް މަސައްކަތް ކުރަން ޖެހެއެވެ. މި ފަދައިން އަމަލު ނުކުރެވިއްޖެ ނަމަ، ލޮލާއި ކަންފަތް އަދި ބުއްދި ވެސް ސަލާމަތުން ހުރި ބަޔަކު ކަމުގައި އަހަރުމެން ވިޔަސް، އަހަރުމެންގެ އަމިއްލަ އެދުން އިސްކުރުމުގެ ސަބަބުން، އަހަރުމެން ތިބޭނީ ކަނު، ބީރު ބުއްދިފިލައި ގޮއްސައިވާ ބައެއްގެ ގޮތުގައެވެ. އޭރުން، މަތިގައި ލިޔެފައި އޮތް ހަރުބަސް ފަދައިން، އަހަރުމެން ވާނީ ކަންކަން ނުފެންނަ، ކަންކަމުގެ އަޑުނީވޭ ބަޔަކަށެވެ! ކަނު މީހުންނަށާއި އަދި ބީރު މީހުންނަށް ވުރެ ބޮޑަށް ވެސް މެއެވެ!

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
11

2 Responses

  1. "އެއްތަކަކަށް ސަވާރުވެގެން"، "އޭނާގެ އެއްތަކާ ދިމާކޮށް" މި 2 އިބާރާތުގައި އެއޮތް "އެއްތަކަކަށް" އާއި "އެއްތަކާ" މި 2 ލަފުޒުގައި އަލިފުސުކުން ކޮށްފައިވަނީ ރަނގަޅަކަށް ނޫން. އެތަނުގައި އަލިފުސުކުނުގެ ބަދަލުގައި އޮންނަންޖެހެނީ ތާސުކުން. އެއީ އެތުގެ ވާހަކަ ކަމަށްވާތީ. އުސްތާޛް ޢަބްދުލްޢަޒީޒް ޖަމާލު އަބޫބަކުރު ވިދާޅުވަނީ ކީކޭތޯ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.