Support Us

ކުރު ވާހަކަ: މިވެސް ހަމަ ވެދާނެ ގޮތެކެވެ.

ޒުވާން ދެމަފިރިއަކު، ވަރަށް އުފާވެރިކަމާއެކު، މަގުމަތިން ހިނގާފައި ދެއެވެ. ދެ މީހުންގެ ކިބައިން ވެސް ފެންނަނީ ޝަބާބުގެ އާރޯކަމާއި ބާރެވެ. ރީތިކަމާއި ނަލަކަމެވެ. އެ ދެމަފިރިންގެ ކުރިމަތިން، ވަރަށް ދުވަސްވީ މުސްކުޅި ބޭބެއަކުވެސް، ތުރުތުރު އަޅާ ހާލު ފިނިހަކު ދުވެލީގެ ހިނގުމެއްގައި ކުރިއަށް ދެވޭތޯ މަސައްކަތްކުރާތަން، އެ ދެމަފިރިންނަށް ފެނެއެވެ.

އެ ދެމަފިރިން، ހިނގާފައި އައިސް މުސްކުޅި ބޭބެއާ އަރާ ހަމަވިތަނާ ހެން، ކައިރީގައި އޮތް ޗަކަ ފެންގަނޑަކަށް އެ ބޭބެއަށް އެރުނެވެ. އަދި އެ ހަޑި ފެންގަނޑުން ފެން ބުރައިގެން ގޮސް، ޒުވާން އަންހެން މީހާ ލައިގެން ހުރި ރީތި ހުދު ހެދުމުގައި ޖެހި ހެދުން ހަޑިވިއެވެ. އެ ވަގުތު އަންހެން މީހާ މުސްކުޅި ބޭބެއާ ދިމާއަށް ހަޅޭލަވައިގަތެވެ. މަގުމައްޗަށް ބަލައިގެން ހިނގުމަށެވެ. ދެން، އޭނާގެ ނޯޖަވާން ފިރިމީހާ އައިސް، ބޭބެ ގައިގައި ތަޅައިގަނެ، އޭނާ ކޮއްޕާލިއެވެ. އަދި، ބޭބެ އެއްކަލަ ޗަކަ ފެންގަނޑުތެރަށް ވެއްޓުނެވެ. އެ ވަގުތު ބޭބެ ތުންތަޅުވައި އެއްޗެހި ތަކެއް ކިޔެއެވެ.

ދެމަފިރިން، ގޮސް އެތާ ކައިރީ ހުރި ގެއަކަށް ވަނެވެ. އަދި، އެކުގައި ސިޑިއަކުން މައްޗަށް އަރަމުން ދިޔައެވެ. ސިޑީގެ އެންމެ މަތީ ހަރުފަތާ ހަމައަށް ދެވުނު ތަނާ، ފިރިމީހާގެ ފައި ކައްސާލައިގެން، ތިރިއަށް ވެއްޓި، އޭނާގެ ކަނދުރާ ބިނދި، ވަގުތުން އޭނާ މަރުވިއެވެ. ދެން، ބޭއިޚްތިޔާރުގައި ޒުވާން އަނބިމީހާއަށް ހަޅޭލަވައިގަނެވުނެވެ. 'ލޯބިވާއެވެ! ލޯބިވާއެވެ! ތިޔަވީ ކިހިނެއް ހެއްޔެވެ؟' ނަމަވެސް، އޭރު މާ ލަސްވެއްޖެއެވެ. ފިރިމީހާ މި ދުނިޔެ ދޫކޮށްފައި ހިނގައްޖެއެވެ!

އަންހެން މީހާގެ ދެރަވުން ދެން ބަދަލުވީ ރުޅިއާއި ނަފްރަތަށެވެ! މަގުމައްޗަށް ނިކުމެ އެއްކަލަ މުސްކުޅި ބޭބެ ކައިރިއަށް ގޮސް އަނެއްކާވެސް ހަޅޭލަވައިގަތެވެ. "ކަލެއަކީ ނުލަފާ ސިހުރުވެރިއެކެވެ! ކަލޭ އަހަރެންގެ ފިރިމީހާއަށް ކިޔަވައި ސިހުރު ހެދީއެވެ! އަދި އެކަމުގެ ސަބަބުން އޭނާ ވެއްޓި މަރުވީއެވެ!"

އަންހެން މީހާ އޭނާގެ ފިރިމީހާގެ މައްސަލަ ޝަރީއަތަށް ހުށަހެޅިއެވެ. އަދި، ސިހުރު ހަދައި، މީހަކު މަރާލި ކަމުގެ ކުށުގެ ދައުވާ ބޭބެގެ މައްޗަށް އުފުލިއެވެ. ދެން، ދެ ޚަސްމުން- އަންހެން މީހާއާއި މުސްކުޅި ބޭބޭ- ޝަރީއަތުގެ މަޖުލިހަށް ހާޒިރު ކުރެވުނެވެ. އަދި، ބޭބޭގެ މައްޗަށް، ސިހުރު ހަދައި މީހަކު މަރާލި ކުށުގެ ދައުވާ އުފުލި، އެކަމުގެ ޝަރީއަތް ކުރެވުނެވެ.

ޝަރީއަތުގެ ގާޒީ ބޭބެއާ ސުއާލުކުރެއްވިއެވެ. ސިހުރު ހަދައި އަންހެން މީހާގެ ފިރިމީހާ މަރާލިންތޯ އައްސަވައެވެ. ދެން، ބޭބެ އެ ދައުވާއަށް އިންކާރު ކުރެއްވުމުން، މަގުމަތިން އެ ދެމެފިރިން ދާތަން ފެނުމުން ބޭބެގެ ތުންތަޅުވައި ކީ ކޮން އެއްޗެއްތޯ ވެސް ގާޒީ ބޭބެކުރެން އެއްސެވިއެވެ. އެ ސުއާލުގެ ޖަވާބުގެ ކަން ހިނގި ގޮތުގެ ތަފްސީލު، އެއްވެސް އުނިއިތުރުކުރުމަކާ ނުލައި ބޭބެ ކިޔައިދިނެވެ.

އެ ދެމަފިރިން، ބޭބެއާ އަރާ ހަމަވިތަނާ ބޭބެއަށް ކިލާ ފެންގަނޑަށް އެރި، ފެންގަނޑުން ދެތިން ތިއްކެއް އަންހެން މީހާގެ ހެދުމަށް ބުރިކަމާއި އެކަމާ ނުރުހި ބޭބެއާ ދިމާއަށް އަންހެން މީހާ އެއްޗެހި ކީކަމާއި އަދި، ފިރިހެން މީހާގެ ފިރިހެންކަން އޭނާގެ އަންހެނުންނަށް ދައްކާލުމުގެ ގޮތުން ބޭބެ ކޮއްޕާލަައި ވައްޓާލިކަމެވެ. އަދި ހަމަ އެވަގުތު، އެ ފިރިހެން މީހާގެ ގަދަ ބާރު، ނިކަމެތި ޟައީފު މުސްކުޅިއަކަށް ދައްކާލި ފަދައިން، އެ ބާރު އޭނާއަށް ދެއްވި ގަދަ ފަދަ ކީރިތި ވަންތަ މާތްﷲގެ ބާރުވެސް އޭނާއަށް ދައްކާލަދެއްވުމަށް އެދި ދުއާކުރި ވާހަކައެވެ.

ކަން ހިނގާ ގޮތް ސާފުވެ ދިޔުމުން، މަރުގެ މައްސަލަ ސާބިތު ނުވާކަމަށް ނިންމަވައި ބޭބޭގެ އެއްވެސް ކުށެއް ނެތް ކަމާއި ބޭބެއަކީ ކުށުން ބަރީއަ މީހެއް ކަމުގައި ގާޒީ ކަނޑައެޅުއްވިއެވެ. ދެން، އަންހެން މީހާއާ މުޚާތަބުކޮށް ގާޒީ ވިދާޅުވިއެވެ: ކަންކަން ދައުރުވަމުން ދިޔުމަކީ ދުނިޔޭގެ އާދައެވެ! ދުނިޔޭގައި ކަން ހިނގާ އެއަށް ބަދަލެއް ނާންނަ ގާނޫނެވެ. ޒުވާންކަމާއި ގަދަފަދަކަން އެއްބަޔަކަށް އެއް ދުވަހު ލިބިފައި އޮންނައިރު، އަނެއް ދުވަހު، މުސްކުޅިކަމާއި ނިކަމެތި ކަމަށް، އެކަން ބަދަލުވެގެން ދެއެވެ. ވެރިކަމާއި ބާރު އެއް ބައެއްގެ އަތުގައި އެއްދުވަހު އޮންނައިރު، އަނެއް ދުވަހު، އެމީހުންގެ އަތްމަތިން އެކަން ބީވެ، އެހެން ބައެއްގެ އަތްމައްޗަށް ވެރިކަމާއި ބާރު ފުރޮޅިގެން ދެއެވެ.

އެހެންވެ، ޒުވާން ކަމާއި ގަދަފަދަކަން، ވެރިކަމާއި ބާރު، ތިމާމެންނަށް ލިބިފައި އޮންނަ އިރު، ދުނިޔޭގެ މި ބުނި ވަރުގަދަ ބަދަލެއް ނުވާ ގާނޫނުގެ މަތިން ހަނދާންކުރަން ޖެހެއެވެ. ދުނިޔޭގައި އެއްވެސް ކަމަކީ އެކަމަށް ދާއިމީ ސިފަ ލިބިގެންވާ ކަމެއް ނޫންކަން ހިތުން ކައްސާލަދިޔަ ދީގެން ނުވާނެއެވެ. އަދި، ތިމާގެ އަތުގައި ގަދަފަދަކަމާއި ބާރު އޮވެ، އެހެން މީހުންނާ ދޭތެރޭ، އަދި ވަކިން ޚާއްސަ ގޮތެއްގައި އާރެއް ބާރެއް ނެތް ނިކަމެތިންނާ ދޭތެރޭ، އަނިޔާވެރިކޮށް ކަންތައް ކުރާ ނަމަ، އެމީހުންގެ ބަދު ދުއާގެ އަސަރު އެފަދަ އަނިޔާވެރިންނަށް ކުރުމީ ދާދި ގާތުގައިވާ ކަމެކެވެ.

ކަނބުލޭގެ ފިރިމީހާއާ ދިމާވީ ވަރަށް ވެސް ހިތާމަވެރި ހާދިސާއެކެވެ. އެކަން ބަދަލުކުރެވޭނެ ގޮތެއް ނެތެވެ. ނަމަވެސް، އެކަމުން މި އިބުރަތް ލިބިގަނެވިދާނެއެވެ. ވަގުތީ ބާރުވެރިކަމެއް ލިބުމުން، އެއީ ވަގުތީ ކަމެއްކަން ހަނދާންނެތި، ބޮޑާވެގަނެ، އަނިޔާވެރި އަމަލުތައް ކުރުމުން، ހިތާމަވެރި ގޮތްތައް ވެސް މެދުވެރިވެދާނޭ ކަމެވެ. ކީރިތި ގުރުއާނުގައި ބަޔާން ކުރެވިފައިވާ މި ބަސްފުޅު، إن ربك لبالمرصاد، ހަމަކަށަވަރުން، ކަލޭގެފާނުގެ ސާހިބުވަންތަ ރަސްކަލާނގެ (މީސްތަކުން ކުރާ ކަންތައް) ބެއްލެވުމުގައި ވޮޑިގެންވެއެވެ.