...

Support Us

އާނ! މިއީ ބަކައްޓެއް ނޫނެވެ، ހަމަ ކުއްތާއެކެވެ!

އެއް ދުވަހަކު މީހަކު އޭނާގެ ބަކަރި ކޮށިން ބަކައްޓެއް ހިފައިގެން ވިއްކާލަން ބާޒާރަށް ދިޔައެވެ. ހަތަރު ވަގަކަށް މިތަން ފެނުނެވެ. އަދި، ބަކަރީގެ ވެރި މީހާ އަތުން ބަކަރި އަތުލާނެ ގޮތަކާ މެދު ސައްލާކުރިއެވެ. ދެން، ހަތަރު ވަގުން އެއްބަސްވީ ބަކަރީގެ ވެރިޔާ ބާޒާރަށް ދާ މަގުގެ އެކި ހިސާބުތަކުގައި، ހަތަރު ވަގުން ވަކިވަކިން، އޭނައަށް ފާރަލައިގެން ތިބެ އޭނައާ ދިމާކުރުމެވެ.

ބަކަރީގެ ވެރިޔާ، ބާޒާރަށް ދާން، ހިނގަމުން ދަނިކޮށް، މަގުގެ އެއްފަރާތުގައި އިން މީހަކު އޭނާއަށް ގޮވާލައި ބުނި އަޑު އިވުނެވެ. ބޭބޭ އެވެ! ކުއްތާއެއްގެ ކަރުގައި ވާގަނޑެއް އައްސައިގެން ބޭބެގެ ފަހަތުގައި އޭތި ބާއްވައިގެން ތިދަނީ ކޮންތާކަށް ހެއްޔެވެ؟ ދެން، ބަކަރީގެ ވެރިޔާ ވަރަށް ރުޅިއައިސްފައި، އެ މީހާ ދިމާއަށް ބުންޏެވެ. ކަލޭގެ ލޯ ތިހުރީ ސަލާމަތުން ހެއްޔެވެ؟ މިއީ ކުއްތާއެއް ނޫނެވެ. މިއީ ބަކައްޓެކެވެ! މިހެން ބުނެ ބާޒާރާ ދިމާއަށް ބަކަރީގެ ވެރިޔާ އަވަސް ހިނގުމެއްގައި ހިނގަމުން ދިޔައެވެ.

މާގިނަ އިރުތަކެއް ނުވަނީސް، މަގުމަތިން އަނެއްކާ ވެސް މީހަކާ ދިމާވިއެވެ. އޭނާ ވެސް ބަކަރީގެ ވެރިޔާއަށް ގޮވާލައިފައި ބުންޏެވެ! ބޭބޭއެވެ. ތިއޮތީ ހާދަ ރީތި ކުއްތާއެކެވެ؟ ތި ކުއްތާގެ ކަރުގައި ވާގަނޑެއް އައްސައިގެން ފަހަތުގައި އޭތި ބާއްވައިގެން ތިދަނީ ކޮންތާކަށް ހެއްޔެވެ؟ މިފަހަރު، ބަކަރީގެ ވެރިޔާ، ފަހަތަށް އެނބުރި އޭނާގެ ބަކައްޓާ ދިމާއަށް ބަލާލިއެވެ. އޭނާއަށް ގެނެވުނީ ބަކައްޓެއްތޯ ނޫނީ ބަކަރި ކޮށީގެ ފާރަމަރަން ގެންގުޅޭ ކުއްތާތޯ ޔަގީންކޮށްލުމުގެ ގޮތުންނެވެ. ދެން، އޭނާ ބުންޏެވެ. މިއީ ބަކައްޓެކެވެ! މިދަނީ މި ބަކަރި ވިއްކާލަން ބާޒާރަށެވެ.

ބަކަރީގެ ވެރިޔާ ބާޒާރާ ދިމާއަށް، ހިނަގުމުން ކުރިއަށް ދިޔައެވެ. އަނެއްކާ ވެސް، އެހެން މީހަކާ މަގުމަތިން ދިމާވެ އޭނާވެސް އެހީ ކުއްތާއެއްގެ ކަރުގައި ވާގަނޑެއް އައްސައިގެން ކޮންތަނަކަށް ދާ ވާހަކައެވެ. މިފަހަރު، ބަކަރީގެ ވެރިޔާ ވަރަށް ހައިރާންވިއެވެ. އަދި، ހިތުގައި ޝައްކުތައް އުފެދުނެވެ. އޭނާއަށް ހިފައިގެން މިދަނީ ބަކައްޓެއްތޯއާ މެދުއެވެ. ނޫނީ އޭނާގެ ލޮލާއި ބޮލަށް މިއަދު ކޮންމެވެސް މައްސަލައެއް ދިމާވެފައި ހުރުމުގެ ސަބަބުން ބަކައްޓާއި ކުއްތާ ވަކިކުރަން ނޭނގުނީ ބާވައެވެ! ކޮންމެ އަކަސް ތިންވަނަ މީހާ ބުނި އެއްޗަކަށް ޖަވާބު ނުދީ ގަސްދުކުރީ ހިނގަމުން ކުރިއަށް ދާށެވެ. ބާޒާރަށް ދެވުމުން، އޭނާގެ ގެނައީ ބަކައްޓެއްތޯ ނޫނީ ކުއްތާއެއްތޯ ޔަގީންކޮށްދޭނެތާއޭ ހީކޮށްލާފައެވެ.

ދެން، ބާޒާރާ ކައިރިވެފައިވަނިކޮށް ހަތަރު ވަނަ ވަގާ އޭނައާ މަގުމަތިން ދިމާވިއެވެ. އަދި އޭނަވެސް، ހަމަ ކުރިން ދިމާވި ތިން މީހުން ބުނިފަދައިން ބުންޏެވެ. 'ބޭބޭއެވެ! ކުއްތާއެއްގެ ކަރުގައި ވާގަނޑެއް އައްސައިގެން މާ ބާރަކަށް ތިޔަދަނީ ކޮންތާކަށް ހެއްޔެވެ؟ މިއަދުގެ ދިލަ ހޫނުގެ ސަބަބުން އަނެއްކާ ބޭބެއަށް ކޮންމެވެސް ނުރަނގަޅު އަސަރެއް ކޮށްފައިވަނީ ހެއްޔެވެ؟ މިފަހަރު ބަކަރީގެ ވެރިޔާ ހިތަށް އެރިއެވެ. ހަތަރު މީހުން ދޮގުހަދައި އެކައްޗެއް ނުކިޔާނެއެވެ! އަހަންނަށް މިހިރީ ކޮންމެވެސް ކަމެއް ވެފައެވެ. ދެން، އެހެން ތިން މީހަކު ވެސް ހަމަ އެ ވާހަކަ ބުނިކަމަށް އިއުތިރާފުވާން ލަދުގަނެ، ބުންޏެވެ! އާނއެކެވެ! މިއީ ހަމަ ކުއްތާއެކެވެ. އެހެން ބުނެފައި ބަކަރީގެ ކަރުގައި އޮތް ވާގަނޑު މުހާލައިފައި، އޭތި ދޫކޮށްލާފައި އަނބުރާލާފައި ގެއާ ދިމާއަށް ދާން ދުއްވައިގަތެވެ.

ވަގުންގެ ހީލަތް ކާމިޔާބުވުމުން، ބަކަރި ހިފައިގެން ހަތަރުވަނަ ވަގު، ހެމުންހެމުން، އަނެއް ތިންވަގުން ތިބި ތަނާ ދިމާއަށް ދިޔައެވެ.

މިއީ ވެދާނެ ކަމެއްތޯ ބައެއް މީހުން ސުއާލު ކޮށްފާނެއެވެ. އަދި، އެ ސުއާލުގެ ޖަވާބުގައި މިއީ މުސްތަހީލު ކަމެކޭ ބުނެފާނެއެވެ. އެ ސުއާލާއި އަދި އޭގެ ޖަވާބާ މެދު ބުނާނީ ކީކޭ ހެއްޔެވެ؟ މިކަން މި ސިފައިގައި ހިނގިޔަސް ނުވަތަ ނުހިނގިޔަސް، މިފަދަ ކަންކަން އަބަދުވެސް ހިނގާކަން ކަށަވަރެވެ. މީހުންގެ ތެރެއަށް އެމީހުން ނުރުހިދާނޭ ކަންކަން ވައްދައި، މީސްތަކުން އެކަން ބަލައިގަންނަ ގޮތް ހަދަނީ މިސިފައިގައެވެ. މަކަރާއި ހީލަތް ހަދައި އޮޅުވާލި، ބަކަރި ކުއްތާއަކަށް ހެދި ފަދައިން، މުޖުތަމައުގެ އިސްވާރުންގެ ދައުރު އަދާކުރަން ތިބޭ ބަކަރި ކުއްތާއަށް ހަދާ ވަގުންގެ އޮޅުވާލުމުގެ މަސައްކަތް ކޮށްގެންނެވެ. ކުރިން ވެސް މިފަދަ މަންޒަރެއް ފެނި، ބަކައްޓެއް ކުއްތާއަކަށް ވިއެވެ. އަދި، މިހާރު އަނެއް ބަކަރި ކުއްތާއަކަށް ހެދުމުގެ މަސައްކަތް ފެށިއްޖެއެވެ.

ކުރިން، ބަކައްޓެއް ކުއްތާއަކަށް ހެދީއޭ ހެއްޔެވެ؟ އާނއެކެވެ. ރާއްޖޭގައި އިންޑިއާގެ ސިފައިން ތިބުމުގެ މައްސަލައިގެ ވާހަކަ ފެށުނު ގޮތް މަތިން ހަނދާން ކޮށްލާށެވެ! އަދި، އެކަމާ މެދު، އަމިއްލައަށް ވިސްނާލާށެވެ! އެންމެ ފުރަތަމަ، އެކަން ފެންމަތިވުމުން، މަސްއޫލު ފަރާތްތަކުން އިވުނީ ކޮން އަޑެއް ހެއްޔެވެ؟ އެކަމަށް އިންކާރު ކުރި އަޑެވެ! ރާއްޖޭގައި އިންޑިޔާ ސިފައިން ނުތިބޭނޭ ވާހަކައިގެ އަޑެވެ. ދެން، ބަޔަކު އިނގިލި ދިއްކޮށްފައި ބުނާ ހެން، އިންޑިޔާ ސިފައިން އެތިބީ ނޫން ހޭ، ބުނީމާވެސް، ދެންވެސް ކުރީ އިންކާރު ނޫން ހެއްޔެވެ؟ މިފަހަރު ބުނީ ނުތިބޭނޭ ވާހަކައެއް ނޫނެވެ. މިފަހަރު ބުނީ އިންޑިޔާ ސިފައިން ނެތް ވާހަކައެވެ. ކަލޭމެން އިނގިލި ދިއްކޮށްފައި އިންޑިޔާ ސިފައިނޭ ބުނާ މީހުންނަކީ ސިފައިން ނޫން ކަމެވެ! ބަނގުރާ ފުޅިއެއްގެ ލޭބަލް ނައްޓާލާފައި 'ރުކުރާ’ގެ ލޭބަލް އެޅުވުން ކަހަލަ ކަމެކެވެ. ދެން، އިންޑިޔާ ސިފައިންގެ މަރުކަޒުތަކާއި އިންޑިޔާގެ ސިފައިން ރާއްޖޭގައި ތިބިކަމާއި އަދި ތިބޭނޭކަން ވެސް އިންކާރު ނުކުރެވޭ ދަރަޖައަށް ދިޔުމުން، މިހާރު ބުނަނީ ކީކޭ ހެއްޔެވެ؟ އިންޑިޔާ ސިފައިން ރާއްޖޭގައި ތިބެން ޖެހޭނޭ ކަމުގެ ބަހަނާތަކުގެ ވާހަކައެވެ! އިންޑިޔާ ކަނޑުގައި ރާއްޖެ އޮތުމުން، އިންޑިޔާގެ ސިފައިން ރާއްޖޭގައި ތިބެން ޖެހޭނޭ ކަމެވެ! އިންޑިޔާއިން ކާބޯތަކެއްޗާއި އެހެނިހެން މުދާ ގެންނާތީ ރާއްޖޭގައި އިންޑިޔާ ސިފައިން ތިބެން ޖެހޭނޭ ކަމެވެ! ބޭހަށާއި ކިޔެވުމަށް، އަދި ޗުއްޓީއަށް އިންޑިޔާއަށް، ދިވެހިން ދާތީ ރާއްޖޭގައި އިންޑިޔާ ސިފައިން ތިބެން ޖެހޭ ކަމެވެ. ރާއްޖޭގެ އަމްނާ ސަލާމަތް ގުޅިފައި އޮތީ އިންޑިޔާއާ ކަމުން އިންޑިޔާގެ ސިފައިން ރާއްޖޭގައި ތިބެން ޖެހޭ ކަމެވެ! ރާއްޖެ ތަރައްގީ އިންޑިޔާއާ ގުޅިފައި އޮތުމުން އިންޑިޔާގެ ސިފައިން ރާއްޖޭގައި ތިބެން ޖެހޭ ކަމެވެ! އެންމެ ފަހުން އިވުނީ، ދުނިޔޭގައި އެއްވެސް ތަނެއް، އެ ތަނެއްގައި ބޭރު ސިފައިން ނުތިބެ، ތަރައްގީވެފައި ނެތުމުން، ރާއްޖޭގައި އިންޑިޔާގެ ސިފައިން ތިބެން ޖެހޭނޭ ކަމެވެ.

މިވާހަކަތަކަކީ އޭގެ ކުރީ ބަޔާއި އެއިން ނެރޭ ނަތީޖާއާ މަންތިގީ ހަމައެއްގެ މަތިން ގުޅޭ ކަމެއް ނޫނެވެ. މިސާލަކަށް، އިންޑިޔާ ކަނޑުގައި ރާއްޖެ އޮތުމުން، އެކަމާ އިންޑިޔާ ސިފައިން ރާއްޖޭގައި ތިބުމާ އޮތް ގުޅުމަކީ ކޮބާ ހެއްޔެވެ؟ އެހެން ކަމަށްވާ ނަމަ، އިންސާނުންނަކީ ޖަނަވާރުންނަށް ވެފައި، ކުއްތާއަކީ ވެސް ޖަނަވާރުންނަށްވެ، އަދި މިދެބާވަތަކީ ވެސް އެއްޗެހި ކާ ޖަނަވާރުންނަށް ވުމުން، އިންސާނުންނަކީ ކުއްތާތަކެކޭ ވެސް ބުނެވިދާނެއެވެ! މީގެ އިތުރުން، މަދީގައި ދެއްކިފައިވާ ބަހަނާތަކަކީ އޭގައި އެއްވެސް ތެދެއް އެކުލެވޭ ވާހަކައެއް ނޫނެވެ. ތަންތަން ކުރިއަރަނީ ބޭރުގެ ސިފައިން ތިބެގެންނެއް ނޫނެވެ. އޭގެ ހެއްކަކީ ކޮބައި ހެއްޔެވެ؟ ސިންގަޕޫރު ކުރިއެރީ ބޭރުގެ ސިފައިން އެތާ ތިބީމާ ހެއްޔެވެ؟ ޝައްކެއް ނެތެވެ. ތަރައްގީގެ މަސައްކަތް ސިންގަޕޫރުގައި ފެށިއިރު، ބޭރު ގައުމުތަކުގެ ސިފައިންގެ އެހީއަށް ސިންގަޕޫރުގެ ވެރިން އެދި، އެ އެހީ ހޯދިއެވެ. އެކަމުގައި އޮތީ ދެ ބޭނުމެކެވެ. މެލޭޝިއާގެ ފެޑެރޭޝަނުން ސިންގަޕޫރު ވަކިވާން ޖެހުމުން، މެލޭޝިއާއިން ސިންގަޕޫރަށް ހަމަލާއެއް އަތުވެދާނެ ކަމުގެ ބިރު އޮތުމެވެ. ދެވަނަ ސަބަބަކީ ސިންގަޕޫރުގެ ސިފައިން ތަމްރީނުކުރުމެވެ. ސިންގަޕޫރުގެ ތައުލީމީ އިގުތިސާދީ އަދި މިނޫން ވެސް ތަރައްގީގެ ބޮޑު މަސައްކަތުގައި ބޭރުގެ ސިފައިންނެއް ބައިވެރިއެއް ނުވެއެވެ. ހަމަ އެހެންމެ ޖަޕާނުގައި ބޭރުގެ ސިފައިން ތިއްބެވެ. އެމީހުން ތިބީ ޖަޕާނު ތަރައްގީ ކުރާކަށް ނޫނެވެ. ދެވަނަ ބޮޑު ހަނގުރާމަ ނިމި، ކުރެވުނު މުއާހަދާތައް ހިންގާލުމަށްޓަކައެވެ. ޖަޕާނުގެ ތަރައްގީގެ މަސައްކަތް ކުރީ އެމީހުން އަމިއްލައަށެވެ.

ކޮންމެ އަކަސް، މި މަގާމުގައި މުހިއްމީ ބަކަރި ކުއްތާއަށް ހެދުމުގެ މައްސަލައެވެ. ދޮގު ހަދައި އޮޅުވާލައިގެން މަގުސަދު ހާސިލުކުރުމުގެ މައްސަލައެވެ. އިންޑިޔާ ސިފައިން ރާއްޖެ ގެނެސް، ރާއްޖޭގެ ހުރިހާ ހިސާބެއްގައި އެމީހުން އަސްކަރީ މަރުކަޒުތައް މިހާރު އެ އޮތީ ގާއިމުކުރާ ގޮތަށް ހަމަޖެހިފައެވެ. އުތުރާއި ދެކުނު ގައެވެ. އަދި މެދު ރާއްޖޭގައި ވެސް މެއެވެ. ހަނިމާދޫ، އައްޑޫ އަދި ލާމުގައި ވެސް މެއެވެ. އިންޑިޔާއަށް ތަނެއް ތަރައްގީ ކުރެވޭނެ ނަމަ، އެންމެ ފުރަތަމަ އެމީހުން ތަރައްގީ ކުރާނީ އިންޑިޔާއެވެ! މިއީ އެކަކަށް ވެސް އިންކާރު ނުކުރެވޭނޭ ކަމެކެވެ. އިންޑިޔާ ތަރައްގީ ނުކޮށް، އެމީހުންނަށް ރާއްޖެ ތަރައްގީކޮށް ރާއްޖެއަކީ އެއްވަނަ ދުނިޔޭގެ ގައުމަކަށް ހެދުމުގެ އެދުމާއި ގާބިލުކަމާއި އެމީހުންނަށް ލިބިފައި އޮތްކަން ގަބޫލުކުރާނީ ބަކަރީގެ ވެރިޔާ ބަކައްޓަކީ ކުއްތާއެއްކަން ގަބޫލުކުރި ގޮތަށެވެ! އަމިއްލަ ވިސްނުމެއް ފިކުރެއް ނުކޮށް، އަމިއްލަ އެދުމާއި މަސްލަހަތު ކުރިއަށް ނެރެގެން އުޅޭ ބައެއްގެ ކުރިމަތީގައި ދޮގެއް އެތައް ފަހަރަކު އެކި ގޮތްގޮތަށް ތަކުރާރުކުރުމުން، އެ ދޮގު ތެދަކަށް ބަދަލުވެ، އެކަން ބަލައިގަނެވޭ ގޮތްވާތީއެވެ. މިކަމުގެ ތެދުކަން އިންޑިޔާ ސިފައިންނާއި އެމީހުންގެ މަރުކަޒުތައް ގާއިމުކުރަން، ހަތަރު ވަގުން، ބަކައްޓަކީ ކުއްތާއެއްކަން ބަކަރީގެ ވެރިޔާއަށް ދެއްކި ގޮތަށް، އަހަރުމެންގެ ވެރިންގެ ގޮތުގައި އިސްކޮށްފައި ތިބި ހަމަ އެފަދަ 'ޣަދަރުވެރި ވަގުންގެ' ހީލަތްތެރިކަމުން، ބައެއްގެ ކިބައިގައި ނެތް އެދުމަކާއި ނެތް ގާބިލުކަމެއް އެއީ އެމީހުންގެ ކިބައިގައި އޮތް ކަމެއްކަން މިހާރު ދައްކައިފިއެވެ!

ދެން، އޮތީ ހަމަ މިކަން ތަކުރާރުވާން އުޅޭ މިހާރުގެ ވާހަކައެވެ. އަނެއްކާ ވެސް ބަކައްޓެއް ކުއްތާއަކަށް ހަދަން ފަށައިފި ކަމުގެ ވާހަކައެކެވެ. އިއްޔެ ބައެއް ނޫސްތަކުގައި ރާއްޖެއާ އިޒުރޭލާ ސިޔާސީ ގުޅުން އުފައްދަން އުޅޭ ޚަބަރެއްގެ ވާހަކަ، އިޒުރޭލުގެ ބައެއް ނޫސްތަކާ ހަވާލާދީ ރިޕޯޓުކުރެވިފައި އޮތެވެ. އަދި، އޭގެ ކުރިން، ސަރުކާރުގެ ތާއީދާއި ބާރު ލިބިގެން ޓުވީޓު ކުރާ، ސަރުކާރު ހިންގާ ޕާޓީގެ މީހެއް ކަމަށް ޚުދް އޭނާވެސް އިޝާރަތްކުރާ 'ހަސަން ކުރުސީ' މިވާހަކަ އޭނާގެ ޓުވީޓެއްގައި ބުނެފައި ވެއެވެ. އިޒުރޭލުގައި ހުރިހާ މައިދާނެއްގައި ކުޅަދާނަ މީހުން ތިބަ ކަމާއި އަދި، އެމީހުންގެ ގައުމާއި ރާއްޖެއާއި ގުޅުން އުފެދުމުން، ރާއްޖޭގައި އެމީހުންނަށް އިންވެސްޓުކުރުމުގެ ފުރުސަތު ހުޅުވިގެންދާނޭ ވާހަކަ އެ ޓުވީޓުގައި ލިޔެވިފައި އޮތެވެ. ދެން، މިއާ ވިދިގެން އިވުނީ ކޮން ޚަބަރެއް ހެއްޔެވެ؟ ސަރުކާރުގެ ކަމާ ބެހޭ ފަރާތުން، މިކަން ދޮގުކޮށްފައި ނެރުނު ބަޔާނެއްގެ ޚަބަރެވެ. ރާއްޖެއާއި އިޒުރޭލާއި އެއްވެސް ގުޅުމެއް އުފައްދަން މަޝްވަރާތަކެއް ނުކުރެވޭ ވާހަކައިގެ ޚަބަރެވެ! ނަމަވެސް، މިއިންކާރުކުރުން ކޮށްފައި އޮތީ އެހާ ވަރުގަދަކޮށެއް ނޫނެވެ. އަދި، އާދި، އަދި، އެކަން ނުކުރާ ވާހަކައެވެ. އެކަން ނުކުރާނޭ ވާހަކައެއް ނޫނެވެ!!

އާދެ، އިންޑިޔާގެ ސިފައިން ރާއްޖޭގައި ނެތްކަމާއި ނުތިބޭނޭކަން، އެންމެ ފުރަތަމައިން ބުނި ފަދައިންނެވެ! މިފަދަ ގުޅުމަކީ 'ހަސަން ކުރުސީ' ތަމްސީލުކުރާ ބައިގަނޑު ކުރިން ވެސް އުފައްދާފައިވާ ގުޅުމެކެވެ. އެހެންވެ، ބަކަރި ކުއްތާއަށް ބަދަލުކޮށްލުމުގެ ހީލަތް ބޭނުން ކޮށްގެން އަނެއްކާވެސް މި ފެނުނީ އެ ގުޅުން އުފެއްދުމުގެ ކޮޅުމައްޗެވެ. އަނެއްކާވެސް، މި މަގާމުގައި ފާހަގަކޮށްލަން ބޭނުންވަނީކީ މި ގުޅުމަމީ ރަނގަޅުކަމެއްތޯ ނުވަތަ ނުރަނގަޅުކަމެއްތޯއެއް ނޫނެވެ! ކަންކަން ކުރުމުގައި، ޑިމޮކުރަސީގެ އުސޫލު ނިޔާކުރާ ގޮތުން، ރައްޔިތުން އެދޭ ގޮތަކީ ކޮބައިތޯ ބެލުމެއް ނެތި، މަކަރުވެރި ހީލަތް ބޭނުންކޮށްގެން، ބަކަރި ކުއްތާއަށް ހަދާލެވޭ ހަމައިން، ތިމާމެން ވަކި ގޮތެއް ބޭނުންވީމައި، އެކަން ކުރާ ގޮތެވެ! ދެން، ވާނީ ވެސް އެހެން ނޫން ހެއްޔެވެ؟ ކަންކަން ކުރުމުގައި، ހަތަރު ވަގުންގެ އޮޅުވާލުމުގެ ހީލަތް ނޫން ގޮތެއް ނޭނގޭ ބަޔަކަށް، އެ ނޫން ގޮތަކަށް ކަންކަން ކުރަން އެނގޭނީ ހެއްޔެވެ؟

ދެން، އޮތް ސުއާލަކީ، ބަކަރީގެ ވެރިޔާ، ހިތާހިތާ ބުނިފަދައިން، އަހަރުމެންވެސް، އަހަރުމެންނަކީ ބޯ ހަމަ ނުޖެހޭ ބަޔެއްކަމުގައި ދުށުން ހެއްޔެވެ؟ އެއީ އެއް ގޮތެވެ. އެހެން ވެއްޖެ ނަމަ، މިނިވަންކަމާއި އަޅުވެތި ކަމަކީ ހަމަ އެއްފަދަ ކަމެކޭ ހީވާން ފަށާނެއެވެ. މިހާރު ވެސް އެއްބަޔަކު އެހެން ބުނަން ފަށައިފިއެވެ. މަލިކު މީހުން އެތިބީ މޮޅު ހޯދައިގެން ކަމެވެ! އެހެން ބުނި މީހާ އެބުނަނީ އެމީހުންވެސް މަލިކު މީހުން ފަދައިން، ރާއްޖެއާއި، ނުވަތަ އޭނާގެ އިބާރާތް ބޭނުން ކުރާ ނަމަ 'މާލޭ ސަރުކާރާއި' ވަކިވެ، އިންޑިޔާއާ ގުޅުން ބުއްދިވެރިކަމެވެ. ހަމަ އެހެންމެ އަހަރުމެންގެ ދީނާއި އަގުތަކަކީ ވެސް ބޭކާރު އެއްޗެއް ކަމުގައި ފެންނަން ފަށާނައެވެ. ހަސަން ކުރުސީ އެއޮތީ އެ ދައުވާކޮށް އެ މަސައްކަތް ފަށާފައެވެ. މިފަދައިން ބަކަރި ކުއްތާއަށް ހަދާލައި، ހަމަތައް އެފުށް މިފުށަށް ޖަހާލަން، ޕާޓީތަކުގެ ތައައްސުބުން އެއްކިބާވެ ހުރެ، ބަލާލާފި ނަމަ، ހީވަނީ ބޮޑު އަޚުލަބިއްޔަތެއް ބަކަރި ކުއްތާއަށް ބަދަލުވާ މަންޒަރު ދެކެން ބޭނުން ނުވާނޭ ކަމެވެ. ބޮޑު އަޚުލަބިއްޔަތަކަށް ބަކަރި ބަކައްޓެއްގެ ގޮތުގައި، އަދި، ކުއްތާ ކުއްތާއެއްގެ ގޮތުގައި ފެންނާނޭނޭ ލޮލާއި، ބޯ ލިބިފައިވާނޭ ކަމެވެ! އެހެން ކަމަށްވާ ނަމަ، ފެނި މިދިޔަތަނުން އިބުރަތް ލިބިގަނެ، ހަތަރު ވަގުންނަކީ، އެމީހުންގެ ވާހަކަތައް ކިތަންމެ އޮމާންވި ކަމުގައި ވިޔަސް، މުޅި ރާއްޖޭގެ ކަނޑުތައް ހިއްކައި، ރާއްޖޭގެ ކޮންމެ ރައްޔިތަކަށް ރަނުން ގަނޑުވަރު އަޅާދެން ބުންޏަސް، އެމީހުންގެ ހަގީގަތް، އެމީހުންގެ ޣަދަރުވެރި ތަބީއަތް ބަދަލު ނުވާނޭކަން ދެނެގަންނަން ޖެހެއެވެ. އެއްފަހަރު އޭގައި އަޅައިގެންފައި ވެއްޓުމުން، ދެވަނަ ފަހަރަށް އެގާގަނޑުގައި އަޅައި ނުގަންނާނޭ ގޮތަށް މަސައްކަތްކުރުމެވެ. އެއްފަހަރު އެ ހޮރަކުން ކަށިޖެހި ހޮރަށް ދެވަނަ ފަހަރު އަތް ނުލުމެވެ. ދެފަހަރު، އޮޅުވާލުމާއި މަކަރުން ކަންތައްކޮށް، ބަކައްޓަކީ ކުއްތާއެކޭ އަހަރުމެންގާތު ބުނެ، ހަތަރު ވަގުން ވެގެން ބަކަރީގެ ވެރިޔާ މޮޔަހެއްދި ފަދައިން، އަހަރުމެން އިތުރަށް މޮޔަ ހެއްދުމުގެ ފުރުސަތު ނުދިނުމެވެ. ބަކައްޓަކާ ދިމާއަށް ކުއްތާއެކޭ ބުނާ މީހުންގެ ވާހަކައަށް ނުހެއްލި ބަކައްޓަކީ ބަކައްޓެއްކަމާއި ކުއްތާއަކީ ކުއްތާއެއްކަން ދެނެ ގަނެ، މަކަރުވެރި ހީލަތްތެރި ޣަދަރުވެރިންގެ ކިބައިން އަހަރުމެން ސަލާމަތްކަން ހޯދުމެވެ. އެފަދަ މީހުންނަށް، އެއީ ކޮންމެ މީހަކަށް ވިޔަސް، އަދި، ކޮންމެ ޕާޓީއެއްގެ މީހަކަށް ވިޔަސް، ވޯޓު ނުދިނުމެވެ.

(ތަރުޖަމާއެއް، ކުޑަ ބަދަލަކާއި އިތުރުކޮށްލުމަކާއެކު)

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.