Support Us

ބޭސްކުރަން ޖެހޭނީ ބައްޔަށެވެ! ބަލީގެ އަލާމާތްތަކަކަށް ނޫނެވެ!

މަނިކުބޭ މިއަދު ވެސް ޖުހާއާ ބައްދަލުކޮށްލަން ދިޔައެވެ. އިވޭ އަޑުތަކާއި ފެންނަ މަންޒަރުތަކުގެ ވާހަކަ ދައްކާލައި ހިތުގެ އުދާސްތައް ބޭރުކޮށްލުމަށެވެ. މަނިކުބޭ ޖުހާ ގެއަށް ދިޔައިރު އަހުމަދު ވެސް އިނެވެ. ދެ މީހުން ވެސް ތިބީ އޮލަ ވާހަކައިގައެވެ. ދެ މީހުން ކައިރީގައި އިށީނުމަށް ޖުހާ އިޝާރަތްކޮށްލިއެވެ. ދެން މަނިކުބޭ އިށީނދެ ދެމީހުންގެ ވާހަކައިގައި ބައިވެރިވިއެވެ.

ޖުހާ: ކަލޭމެން ތިބުނަނީ ވެރިން ޖައްބާރޭ ގޯހޭ، ކަންތައް ކުރަނީ މިހެންނޭ އެހެންނޭ ނޫން ހެއްޔެވެ؟ އަހަރެން މިބުނަނީ އެއީ ކަލޭމެން ހޮވާފައި ތިބި މީހުން ނޫން ހެއްޔެވެ؟

އަހުމަދު: އާނއެކެވެ. އަހަރުމެން ބުނާނީ ތިހެންނެވެ! ގޯތި ދޭ ނަމޭ ކިޔާފައި ގޯއްޗެއް ނުދެއެވެ. ނަމަވެސް ދެ ތިން މީހަކަށް، އެމީހުންގެ ގޯއްޗާއި ގެދޮރު ނޫނީ ފުލެޓުތައް، މި ހުރިހާ އެއްޗެއް ލިބިފައި އޮތް އިރު ވެސް، މުޅި ދައުލަތުގެ ހުރިހާ ފައިސާ ހޭދަކޮށްލައިގެން ނަމަވެސް، އުޅޭނޭ ތަންތަން ހަމަޖައްސަން ޖެހެއެވެ. ބަލިވީމާ އާސަންދައިން ބޭސްކުރެވޭނެ ގޮތް އޮންނާނޭ ބުނާއިރު، އެކަން ވާކަށް ނޯވެއެވެ. ނިކަމެތިންނަށް ޖެހެނީ ނާށިގަނޑު ހިފައިގެން އެފް.ބީ.އަށް ނިކުމެ އެމީހުންގެ އޮތް ނަމަ އޮތް އަބުރަކާއި ނަފްސުގެ އިއްޒަތް އެއްލާލާފައި ސަލާން ޖަހާށެވެ. އަނެއްކޮޅުން، ވަކި މީހަކު ބަލިވެއްޖެ ނަމަ، މުޅި ދައުލަތުގެ ބަޖެޓު އެއްވެސް ހައްދެއް ނެތް ގޮތުގައި ތިން ހަތަރު މަސް ދުވަސް ވަންދެން އޭނާ ބޭނުން ތަނަކުން އޭނާ ބޭނުން ގޮތަކަށް ޚަރަދުކޮށްލެވޭ ގޮތް ހަމަޖެއްސެއެވެ. މިއީ އިންސާފު ހެއްޔެވެ؟ މިއީ ހަމަ ޑިމޮކުރަސީގެ އުސޫލު ހެއްޔެވެ؟

ޖުހާ: ތީ ތިކަން އޮތް ގޮތެވެ. ތިކަމާ މަށެއް ދެބަހެއް ނުވަމެވެ. މަ މިބުނާ ވާހަކައަކީ މައްސަލައަކީ ތިއީ ނޫން ކަމެވެ!

ދެން، އަހަމަދު ރުންކުރުވެފައި، މެދު ކަނޑާލާފައި ބުންޏެވެ.

އަހުމަދު: ދެން މައްސަލައަކީ ކޮބާ ހެއްޔެވެ؟ ގޯހީ އެގޮތަށް ކަންތައް ކުރާ މީހުން ނޫން ހެއްޔެވެ؟

ޖުހާ: އަޑު އަހާށެވެ. އެމީހުން އެކުރާ ކަންތައް އަހަރެން ރަނގަޅެއް ނުކުރަމެވެ. ޝައްކެއް ނެތެވެ. އެކަން ގޯހެވެ. ދެތިން މީހަކަށް، އެއީ ކޮންމެ ފަދަ ބަޔަކަށް ވިޔަސް، ކޮންމެ މަގާމެއްގައި ތިބި ބަޔަކަށް ވިޔަސް، އެހެން މީހުން، އެމީހުންގެ އަސާސީ ހައްގުތަކުން– ކެއުން ބުއިން، އަންނައުނު، ބޯހިޔާވެހިކަން، ކިޔެވުމާއި ސިއްހީ ޚިދުމަތް– މިކަންކަމުން މަހުރޫމުކޮށްފައި، އެ ފަދަ އިމްތިޔާޒުތަކެއް އެ މީހުންނަކަށް ލިބިދީގެން ނުވާނެއެވެ. މިއީ އަހަރެން އަބަދުވެސް ދެކޮޅުހަދާ ކަމެކެވެ. އަހަރުމެން ބޭނުންވަނީ މޮޅު މީހުންނާއި ދެރަ މީހުންގެ މައްޗަށް މުޖުތަމައު ބެހިފައި އޮންނަ އިހުގެ އިނގިރޭސި އެރިސްޓޯކުރަސީގެ ނިޒާމެއް ނޫނެވެ. ނޫނީ ހުރިހާ ހައްގުތަކާއި އިމްތިޔާޒުތަކެއް، މަތީ ގިންތީތަކުގެ މީހުންނަށް ލިބިފައި އޮންނަ ހިންދޫންގެ ގިންތީ ނިޒާމެއް ވެސް ނޫނެވެ. ނޫނީ ބޭފުޅުންނަށް ހުރިހާ ކަމެއް ލިބިފައި އޮންނަ، އަހަރުމެންގެ ސަގާފީ ޝާހީ ނިޒާމެއް ނޫނެވެ. އަހުމަދު ތި ބުނާ އެއްޗަކާ މަ އެއްބަހެވެ. އެންމެނަށްވެސް، އަދުލުވެރި ގޮތެއްގައި ދެންމެ މި ބުނި އަސާސީ ބޭނުންތައް ހަމަޖެހިފައި އޮންނަން ޖެހެއެވެ.

އަހުމަދު: އެހެންވެއްޖިއްޔާ ތި ބުނަން އުޅެނީ ކީކޭ ހެއްޔެވެ؟ ވެރިންނަށް ތިބޭ ބަޔަކު އެ ހައްގުތަކެއް އަހަރުމެން އާދައިގެ މީހުންނަށް ހޯދައެއް ނުދޭނޫ ހެއްޔެވެ؟ އަހަރުމެންގެ ފައިސާއިން ލައްކައިން މުސާރަ ނަގައިގެން، އަދި އެވަރުން ފަރުނުޖެހިގެން، ހަމަ އަހަރުމެންގެ ފައިސާ ބޭނުންކޮށްގެން މިލިޔަނުން ޚަރަދުކޮށްގެން، އެމީހުން ޗުއްޓީ ދަތުރުތައްކޮށް، މަޖާކުރުމުގައި އެ ތިބީ ނޫން ހެއްޔެވެ؟ ހަމަ ހިތަށް އަރާއިރަށް ލަންކާއަށް ނޫނީ އިންޑިޔާއަށް ނޫނީ އިނގިރޭސިވިލާތަށް ނޫނީ އެމެރިކާއަށް އެ ދަނީ ނޫން ހެއްޔެވެ؟ އެމީހުންގެ އަމިއްލަ ފައިސާގައި، އަމިއްލަ ޚަރަދުގައި އަމިއްލަ ދަތުރުތައް ކުރާ ނަމަ ރަނގަޅު ނޫން ހެއްޔެވެ؟ އެމެރިކާގައި އަހަރުމެން މުސާރަދީގެން ހުންނަ މީހާ، އޭނާ ޗުއްޓީ ހަދާލަން ރާއްޖެ އަންނަންވީމާ ރައްޔިތުންގެ ޚަޒާނާ ޖާޑިއަށް އޭނައަށް ވެސް އަތް ބޭނޭ ނޫން ހެއްޔެވެ؟ މިހެން ކަންތައް ކުރަނީ އެމީހުން ނޫން ހެއްޔެވެ؟ ނޫނީ ޖުހާ ތިބުނަނީ މިކަން ކުރަނީ އަހަރުމެންނޭ ހެއްޔެވެ؟

ޖުހާ: އަހައްމަދާ މައިތިރިވެބަލާށެވެ! ތިޔަ ދައްކަނީ ހަމަ ރަނގަޅު ވާހަކައެކެވެ. އެކަން އެކުރަނީ އެމީހުންނެވެ. ރައްޔިތުން ވާވައްދާފައި އެކަން އެކުރަނީ ހަމަ އެމީހުންނެވެ؟ މަގޭ ވާހަކައަކީ އެމީހުންނަށް އެކަން ކުރެވެނީ ކަލޭމެންގެ ސަބަބުން ކަމުގެ ވާހަކައެވެ؟

އަހުމަދު: އެއީ ކިހިނެއް ހެއްޔެވެ؟ އަހަރުމެން އެކަމަކާ ނުރުހެމެވެ. ނަމަވެސް، ހަމަ ކުރީގެ ޖައްބާރުން ފަދައިން މުޅި ދުނިޔެ އޮތީ އެމީހުންގެ މުށުގައި ކަމަށް ހީކޮށް އެމީހުން އެކަން އެ ގޮތަށް ކުރަނީ ނޫން ހެއްޔެވެ؟ ދެން، މިކަމުގައި އަހަރުމެންގެ އޮތީ ކޮން ކުށެއް ހެއްޔެވެ؟ ޖުހާ ވެސް އަހަރުމެން ކުށްވެރިކޮށް މޮޔަ ގޮވަން ނޫޅޭށެވެ!

ޖުހާ: އެންމެ ރަނގަޅެވެ! އެމީހުން ވެރިކަމަށް ގެނައީ ކަލޭމެން ނޫން ހެއްޔެވެ؟ ވެރިކަމަށް އަންނަ ބަޔަކު އަންނަނީ ރައްޔިތުން ހޮވީމަ ނޫން ހެއްޔެވެ؟ އިހުގައި ވެއްޖިއްޔާ ކުޑަ ކާފާއި ބޮޑު ކާފާއި ޖަހައި ބޭނުން ގޮތަކަށް ވޯޓު ބަދަލުކޮށްގެން ނަތީޖާ ބޭނުންވާ ގޮތަކަށް ނެރެނީއޭ ބުނެވިދާނެއެވެ. ނަމަވެސް، މިހާރު އެކަމެއް ނޯވޭ ނޫން ހެއްޔެވެ؟

އަހުމަދު: އާނކެވެ. މިހާރު އެ އަޑެއް ނީވެއެވެ.

ޖުހާ: އެންމެ ރަނގަޅެވެ. އަހައްމަދާ ސުއާލެއް ކޮށްލާ ނަމެވެ.

އަހުމަދު: ކޮށްބަލާށެވެ!

ޖުހާ: ކަލޭމެން ވެރިން ހޮވާއިރު ހޮވަނީ ކިހިނެއް ހެއްޔެވެ؟ ފަހަރެއްގައި ވެސް އެމީހުންނަކީ ކަމަށް ގާބިލު އެކަށޭނަ މީހުން ކަމުގައި ބަލަމު ހެއްޔެވެ؟ ގައުމުގެ މައްސަލަތައް ފާހަގަކުރެވިފައިވާ އެކަންކަން ހައްލު ކުރަން އެނގޭ ބައެއް ކަމުގައި ކަލޭމެން ބަލަމު ހެއްޔެވެ؟

އަހުމަދު: އެކަން އެނގޭނީ ކިހިނެއް ހެއްޔެވެ؟ ކޮންމެ މީހަކު ވެސް ބުނަނީ ހުރިހާ ކަމެއް ކުރާނެ ވާހަކައެވެ!

ޖުހާ: މީހަކު، ކަލޭގެ ކަނާތުގައި އިރު، ވާތުގައި ހަނދު ބާއްވާނަމޭ ބުނީމައި އެމީހަކީ ކަންކަން ކުރެވޭ މީހެއް ކަމަށް ކަލޭމެން ގަބޫލުކުރާނަން ހެއްޔެވެ؟

އަހުމަދު: ނޫނެކެވެ. ނުކުރާ ނަމަވެ.

ޖުހާ: ނޫނެކެވެ. ކަލޭމެން އެކަން ގަބޫލުކުރެއެވެ. ކަލޭމެންގެ ގާތް ތިމާގެ މީހެއް ނަމަ، އެމީހަކު މޮޔަ ގޮވިޔަސް، އެކަން ކަލޭމެން ގަބޫލު ކުރެއެވެ. މިސާލަކަށް އަހަރެއްހާ ދުވަހުގެ ތެރޭގައި ކާށިދޫ ކަނޑު ހިއްކައި، ރާއްޖޭގެ އެންމެނަށް ގޯތި ދޭނަމޭ، ބުނެފައި ދައުލަތުގެ ޚަޒާނާއިން ހިތަށް އެރިވަރަކަށް ފައިސާ ނަގައިގެން ޗުއްޓީ ހަދާލަން ބޭރަށް ދިޔުމުން ވެސް، އޭނާއީ ކަލޭމެންގެ ރުހުން ލިބިފައި ހުރި މީހެއް ނަމަ، އެކަން ކަލޭމެން ގަބޫލުކުރާނެއެވެ. ކީއްވެ ހެއްޔެވެ؟ ދެ ސަބަބަކާ ހުރެއެވެ. އެއް ސަބަބަކީ އެއީ ކަލޭމެން ރުހޭ މީހާވީމައެވެ. ކަމެއް ކުރެވޭތީ އެއް ނޫނެވެ. ކަލޭމެންގެ ތިމާގެ މީހާ ނޫނީ ރައްޓެހި މީހާ ނޫނީ ކަލޭމެންނަށް އޭނާގެ ކިބައިން ކޮންމެވެސް ކަހަލަ ޒާތީ ފައިދާއެއް ލިބުމުގެ އެދުމެއް އޮތީމައެވެ. ދެވަނަ ސަބަބަކީ– މިއީ އެންމެ މުހިއްމު ސަބަބުކަން ދަންނާށެވެ!– ކަލޭމެންގެ ނަޒަރުގައި އޭނަ ވެރިކަމުގައި ނުހުރެއްޖެ ނަމަ، ދެން ހުންނާނީ ކަލޭމެންގެ ޖާނީ ދުޝްމަނެއްގެ ގޮތުގައި ދެކޭ މީހާއެވެ. ކަލޭމެންގެ މީހާއަށް ވައްކަމާއި ފޭރުމާއި އެއީ ހުއްދަ ކަމެކެވެ. ނަމަވެސް، ކަލޭމެންގެ ދުޝްމަނު މީހާއަށް އެކަން ހަރާންވެގެން ވެއެވެ! މިއީ ކަލޭމެންގެ ބުއްދީގެ ހަމަ ނޫން ހެއްޔެވެ؟

ފަހަރެއްގައި ވެސް، ކާށިދޫ ކަނޑު ހިއްކާ ވާހަކަ ބުނީމާ އެކަމާ މެދު ކަލޭމެންގެ އަމިއްލަ ނަފްސާ ސުއާލުކޮށްލިން ހެއްޔެވެ؟ މިއީ ކުރެވިދާނެ ކަމެއް ހެއްޔެވެ؟ މިކަން ކުރުމަށް ޚަރަދުތަކެއް ވެސް ދާނެ ނޫން ހެއްޔެވެ؟ އެ ފައިސާ ހޯދާނީ ކޮންތާކުން ހެއްޔެވެ؟ ދެން، އަމިއްލައަށް ވިސްނާ ފިކުރުކޮށްލުމުން ވެސް އެއީ ކުރެވޭނެ ކަމެއްތޯ ނުވަތަ ނޫންތޯ ކަލޭމެންނަށް ވެސް އެނގޭނެއެވެ. އެއީ ކުރެވޭނެ ކަމަކަށް ވަނީ ނަމަ، އެ ބުނީ ރަނގަޅު ވާހަކައެކެވެ. ކާށިދޫ ކަނޑު ހިއްކާފައި އެންމެނަށް ގޯތި ދޭނެއެވެ. ނަމަވެސް އެއީ ނުކުރެވޭނޭ، މުޅިން މުސްތަހީލު ކަމަކަށް ވަންޏާ އެވާނީ ރޯ ބުހުތާން ދޮގަކަށެވެ. މިކަން ދެނެގަންނާކަށް މާ މަތީ ފާސްތަކެއް ހޯދާކަށެއް ނުޖެހެއެވެ. ގޭ ދޮށު ކުނި ކަހާ މީހާއަށް ވެސް ކާށިދޫ ކަނޑު ހިއްކޭނެތޯ ނުވަތަ ނުހިއްކޭނެތޯ ބުނަން އެނގޭނެއެވެ.

ނަމަވެސް، ކަލޭމެން އެއްގޮތަކަށް ވެސް ވިސްނާނުލާ ގައުމުގެ ލަގަން ހަވާލު ކުރަނީ އިދާރީ އެއްވެސް އަމަލީ ތަޖުރިބާއެއް ނެތް، އާއިލީ ގުޅުންތަކުގެ ސަބަބުން، މަޖުލީހުގައި އެތާ ޖަހާފައި ހުންނަ ތަނބެއް ފަދައިން، ބައިންދާފާ އިންނަ މީހަކީ ކަމަށް އެންމެ އެކަށީގެންވާ މީހާ ކަމުގައި ދެކިގެންނެވެ. މިފަދައިން ކަންތައް ކޮށްފައި، ދެން، ކަންކަން އިސްލާހު ނުކުރެވުނީމައި ކަލޭމެން ކަންކަން ނުކުރެވޭ ވާހަކަ ދައްކަންޏާ ކުށްވެރިވާނީ ކާކު ހެއްޔެވެ؟ ހަމަ އެކަނި ވެރިންނެތް ނޫނެވެ. ކަލޭމެންވެސް ކުށްވެރިވާނެއެވެ. ބަޑިޖަހައި މީހަކު މާރާލުމުން ގާތިލު ކުށްވެރިވާ ގޮތަށް، އެ ގާތިލު އަތަށް ބަޑި ދިން މީހާ ވެސް ކުށްވެރިވޭ ނޫން ހެއްޔެވެ؟

މީގެ އިތުރުން، މިހާރު ތިބުނާ މޮޅު ފިކުރުގެ މީހުންނަކީ އެ މީހުންގެ މޮޅު ފިކުރު އެއް ފަހަރު ކަލޭމެން ތަޖުރިބާ ކޮށްފައި އޮތް ފިކުރެކެވެ. އެއްފަހަރު ފޭލިވެފައި އޮތް ފިކުރެކެވެ. ކުރިން ވެސް އެބުނާ ފިކުރުގެ މީހުން އުޅުނީ ތަނަށް ބޭރު މީހުން ވެރިކުރުވާން ނޫން ހެއްޔެވެ؟ ތަނުގެ އަގުތަކާއި އާންމު ސަގާފަތަށް އެއްވެސް ބެލެމެއް ނެތި، އެ މީހުން އުޅުނީ އާންމުގެ ތެރޭގައި ރާ އާންމުކޮށްލަން ނޫން ހެއްޔެވެ؟ އަދި، އެމީހުން އެ ފަހަރު ފޭލިވީ މިކަމުގެ ސަބަބުން ނޫން ހެއްޔެވެ؟ އެއްފަހަރު ގާގަނޑެއްގައި އަޅައިގެންފައި ވެއްޓުނީމައި ދެވަނަ ފަހަރަށް ހަމަ އެ ގާގަނޑުގައި އަޅައިގަންނާނީ މޮޔައެއް ނޫން ހެއްޔެވެ؟ އެއް ހޮރަކުން ނަގުލަންދާއްޓެއް ކަށި ޖެހީމައި އެ ހޮރަށް ދެވަނަ ފަހަރަށް ބުއްދި ހަމަ މީހަކު އަތް ލާނެ ހެއްޔެވެ؟ ނަމަވެސް، އެއްފަހަރު، ބަޔަކު މީހުން ވަކި ގޮތަކަށް ކަންތައް ކުރިތަން ފެނުމުން ވެސް، ކަލޭމެންނަށް ހޭލެވޭ ގޮތެއް ނުވިއެވެ. ހަމަ އަނެއްކާ ވެސް ހަމަ އެބައިގަނޑު ވެރިކަމަށް ގެނެސް ކުރިއެކޭ އެއް ގޮތަށް ކަންތައް ކުރަން އެމީހުންނަށް ކަލޭމެން މަގުފަހިކޮށްދިނީ ނޫން ހެއްޔެވެ؟ އަދި ވެސް ނުވިސްނޭ ހެއްޔެވެ؟ އަޑު އަހާށެވެ!

މިއީ ޕާޓީއާ ބެހޭ މައްސަލައެއް ނޫނެވެ. މިއީ ކަލޭމެންގެ އާންމު ވިސްނުމާއި ފިކުރާ ބެހޭ ކަމެކެވެ. ކަލޭމެންގެ ކިބައިގައި ތި ހުރި ގުނބޯ ހެދުމުގެ އެކަށޭނަކަން ފިލުވާލަން ޖެހެއެވެ. ކުރީގައި އެމީހުން އުޅުނީ މާލޭތެރޭގައްޔާއި އަދިވެސް އެހެންވެސް އާންމު މީހުން އުޅޭ ތަންތަނުގައި ރާ ވިއްކަން ނޫން ހެއްޔެވެ؟ ދެން، މިހާރު ވެސް އެކަމަށް މަގުފަހިވާނޭ ގޮތްގޮތް ހަދަމުން އެ ދަނީ ނޫން ހެއްޔެވެ؟ ގޭގޭގައި ބޭރު މީހުން ބައިތިއްބައި ކުއްޔަށް ތަންތަން ދެވޭ ގޮތް ހެދީ ނޫން ހެއްޔެވެ؟ މިއީ ކަލޭމެން އެދޭ ގޮތް ނޫން ހެއްޔެވެ؟ ރާ ވިއްކަން އުޅެގެން ފޭލިވިމާ ކަލޭމެން ބުނީ ބަޣާވަތް ކުރި ވާހަކައެވެ. އެހެންވެ، އަލުން ފުރުސަތު ދިނީއެވެ. ދެންވެސް، ހަމަ އެކުރަނީ އެއް ކަމެއް ނޫން ހެއްޔެވެ؟ އަމިއްލަ ގޭގޭގައި ގެސްޓުން ބައިތިއްބަނީ ކަލޭމެންގެ އެދުމުގެ މަތިން ނޫން ހެއްޔެވެ؟ ދެން، ކަލޭމެންނަށް ވެސް އެމީހުންގެ ބޭނުންތައް ފުއްދައި ރަލާއި އަދި އެމީހުން ބޭނުންވާ ކެއުމުގެ ޚިދުމަތްތައް ވެސް ދޭން ޖެހޭ ނޫން ހެއްޔެވެ؟ ރިސޯޓުތަކުގައި ރާ ވިއްކޭ އިރު، ގޭގޭގައްޔާއި އާންމު ސައި ހޮޓާތަކާއި ރެސްޓޯރަންޓުތަކުގައި، ބޭރު މީހުންނަށް ރާ ނުވިއްކެންވީ ކީއްވެތޯ ކަލޭމެން ބުނާނެއެވެ. ދެން ރަށުތެރޭގައި އޮރިޔާމުން މީހުން އުޅެން ފެށުމުން ކަލޭމެން ބުނާނީ އެއީ މިހާރު އެންމެން ވެސް ބަލާ މަންޒަރެއް ނޫން ހެއްޔެވެ؟ އެކަމުގައި މައްސަލައެއް އޮތް ކަމަކަށް ކަލޭމެން ނުދެކޭނެއެވެ! މިހާރު ޑުރަގު މައްސަލަ އޮތީ މުޅިން އާންމުވެ އެކަން ހުއްދަކޮށްލާ ދަރަޖައަށް ގޮސްފައި ނޫން ހެއްޔެވެ؟ އޭގެ ތެރެއަށް ރާ އިތުރުކޮށްލީމާ އޮތީ ކޮން މައްސަލައެއް ހެއްޔެވެ؟ ކަލޭމެންގެ ޓުވިޓަރު ހަސަން ރަސްގެފާނު އެ ގޮވަނީ އެވާހަކަ ނޫން ހެއްޔެވެ؟ ރަލާއި އޫރު މަހާއި އެއްޗެހި ވިއްކާއިރު ކެސިނޯތައް ވެސް ހެދެން ޖެހޭނެ ނޫން ހެއްޔެވެ؟ އަދި އޭނަގެ މޮޅު ސިކުނޑި ދެކެނީ މިއީ އެއްވަނަ ދުނިޔެއަށް ރާއްޖެ ގެންގޮސްދޭނޭ ވަސީލަތް ކަމެވެ! މިއީ މިކަން އޮންނަ ގޮތް ނޫން ކަމަށް ވިޔަސް، އެއީ ކަލޭމެންގެ ރަސްގެފާނުވީމައި އެވާހަކަ ވެސް ކަލޭމެން ގަބޫލުކުރާނެއެވެ! ކާށިދޫ ކަނޑު ހިއްކޭނޭ ވާހަކަ ބުނެފި ނަމަ، އެވާހަކަ ވެސް ގަބޫލުކުރާނޭ ފަދައިންނެވެ. ކަންކަން ގޯސްވީމައި އެންމެ ފުރަތަމައިން ވެސް ކަލޭމެން ކުށްވެރިކުރަން ޖެހެނީ، މިއީ ކުރިން ވެސް ކަންތައް ދިޔަގޮތްކަން އެނގެން އޮތް އިރު އެފަދަ ބަޔަކާ ގައުމުގެ ލަގަން ހަވާލުކުރީމައެވެ.

ދެން ކަލޭމެން ބުނާނީ އެހެންވެއްޖިއްޔާ ދެން ގައުމުގެ ލަގަން ހަވާލުކުރަންވީ ވައްކަން ކުރާ ބަޔަކާ ހެއްޔެވެ؟ ނޫނެކެވެ. ދެބައި މީހުންވެސް ކުރަނީ ހަމަ އެއްކަމެކެވެ. އެއްބަޔަކު ގޯސްވިމާ އަނެއް ބަޔަކު ރަނގަޅެއް ނުވެއެވެ. ކަންކަން ރަނގަޅު ކުރަން ބޭނުން ނަމަ، އެންމެ ފުރަތަމަ މައްސަލަ ދެނެގަންނަން ޖެހެއެވެ. ބައްޔަކީ ކޮބައިކަން ފާހަގަކުރަން ޖެހެއެވެ. ދެން، ބޭސް ކުރަން ޖެހޭނީ އެ ބައްޔަށެވެ! ކަލޭމެންނަށް ފެންނަނީ ބަލީގެ ނުބައި ތައުސީރެވެ. އަދި، ކަލޭމެންނަށް ހީވަނީ އެކަމަށް ބޭސްކުރުމުން ބަލި ފަސޭހަ ވެދާނޭ ކަމެވެ. ކެނޑި ނޭޅި ބޮލުގައި ރިއްސަން ފެށުމުން، އެކަންވާން މެދުވެރި ކުރުވަނީ ކޮން ކަމެއްތޯ ނުބަލައި، ޕެނަޑޯލު ގުޅައަކުން ތިއުޅެނީ ބޮލުގެ ރިއްސުން ފިލުވާލާށެވެ. ބޮލުގަ ރިއްސުން ގުޅެނީ ކެންސަރާ ކަމެއް ނޫނީ ހިތުގެ މައްސަލައަކާ ކަމެއް ކަލޭމެން ބަލާކަށް ނުހަދައެވެ! އަހަރުމެންގެ ގައުމަށް ވެސް މިއޮތީ ކެންސަރު ފަދަ ބައްޔެއް ޖެހިފައެވެ. ޕެނަޑޯލު ގުޅައަކުން އެކަން ފަސޭހައެއް ނުކުރެވޭނެއެވެ.

މަނިކުބޭ: ދެން އެކަން ރަނގަޅު ކުރާނީ ކިހިނެއް ހެއްޔެވެ؟

ޖުހާ: އެކަން ރަނގަޅު ކުރުމާއި ނުކުރުން ފެށެނީ ކަލޭމެންގެ ކިބައިންނެވެ! ކަލޭމެން އަމިއްލައަށް ވިސްނަންފަށައި ކަލޭމެންގެ ކިބައިގައިވާ ގުނބޯހެދުމުގެ އެކަށޭނަކަން ފިލުވާލައިގެންނެވެ. މަނިކުބޭ ނިކަން މަނިކުބޭގެ ބަނޑަށް ބަލާލަ ބަލާށެވެ! މަނިކުބޭގެ ޒުވާން އިރުގައި ތި ބަނޑެއް ނުހުރެއެވެ. ތި ބަނޑުލާން ކިހާ ދުވަހެއް ނެގި ހެއްޔެވެ؟ މަނކުބޭ ތި ބަނޑު ފިލުވާލަން ބޭނުން ނަމަ، އެކަން ކުރެވޭނެއެވެ. ނަމަވެސް އެކަން ކުރުމާއި ނުކުރުން އޮތީ މަނިކުބޭ އަތްމަތީގައެވެ. ކެއުމަށް ބަދަލު ގެނެސް ގަވާއިދުން ކަސްރަތުކޮށް، ދުވަސް ގަނޑަކުން މަނިކުބޭގެ ތި ބޮޑު ބަނޑު ނެތިކޮށްލެވިދާނެއެވެ. ހަމަ އެހެންމެ، މަނިކުބޭމެން ސިކުނޑީގެ ކަސްރަތުކޮށް، ވިސްނުމުގެ ގޮތް ބަދަލުކޮށްލަނިކޮށް، މަނިކުބޭމެންގެ ތެރެއިން ހެޔޮ ވިސްނޭ، ކަންކަން ކުރަން އެނގޭ ރަނގަޅު ބަޔަކު އުފެދި، އެމީހުންނާ ގައުމުގެ ލަގަން ހަވާލުކުރެވިދާނެއެވެ. ނަމަވެސް، މަނިކުބޭގެ ބަނޑުލާން ވަގުތު ނެގި ފަދައިން، އެ ބަނޑު ހިންދަން ވެސް ވަގުތު ނަގާނެ ނޫން ހެއްޔެވެ؟ ހަމަ އެގޮތަށް ގައުމުގެ ކެންސަރު ބަނޑު ހިންދަން ވެސް ވަގުތު ނަގާނެއެވެ.

އަހުމަދާއި މަނިކުބޭ އެއްފަހަރާ: ދެން، އެކަން ކުރާނޭ ގޮތް ބުނެބަލާށެވެ!

ޖުހާ: އެއީ ދިގު ވާހަކަތަކެކެވެ. އެވާހަކަތައް އެހެން ފަހަރަކުން ކިޔައިދޭނަމެވެ. މިހާރު އިރުއޮއްސެނީއެވެ. މަޣުރިބު ވަގުތުވެސް ޖެހުނީއެވެ. އެވާހަކަތަކުގެ ޚުލާސާއަކީ ކޮންމެ މީހަކު ވެސް އަމިއްލައަށް ވިސްނަން ފެށުމެވެ. ކާށިދޫ ކަނޑު ހިއްކާ ކަހަލަ ވާހަކަ މީހުން ދެއްކުމުން، އެއީ ކޮންމެ މީހަކަށް ވިޔަސް، އެކަން ނުވާނޭ ވާހަކައި އެފަދަ ވާހަކަ ދައްކަނީ، މީސްތަކުން ގުނބޯހެއްދޭނޭ ހާލަތެއްގައި ތިބީމާކަން ދެނެގަނެ، އެ ހާލަތުން އަރައިގަނެ، އެފަދަ މީހުންނަކީ ހަމައެކަނި އެމީހުންގެ އަމިއްލަ މަސްލަހަތައިގެން އުޅޭ ބައެއް ކަމުގައި ދެކެންވީއެވެ. ތިމާގެ މޮޅުކަމާއި ބޮޑުކަން، މާތްކަމާއި އިތުރުކަން ދެއްކުމުގެ ގޮތުން، ރައްޔިތުންގެ އަސާސީ ބޭނުންތައް ނުފުދިފައި ތިއްބައި، ރައްޔިތުންގެ ފައިސާ ތިމާ އަމިއްލަ ދަތުރުތަކަށް ޚަރަދުކޮށްލަން ކެރޭ މީހަކީ ގައުމީ ލީޑަރެއްގެ ގޮތުގައި ނުދެކުމެވެ. ހަމައެހެންމެ، ދައުލަތުގެ ބަޖެޓަކީ ތިމާ ހިތުހުރި ގޮތަކަށް ތިމާ ބޭނުން ތަނަކަށް ބޭނުން ވަގުތަކު ދަތުރުކުރާށާއި ތިމާގެ އަމިއްލަ އެދުންތައް ފުއްދުމުގެ ގޮތުން، ދުވާލެއްގެ މައްޗަށް ލައްކައިން ޚަރަދުކޮށްލުމަކީ ތިމާގެ ޒަމީރު އެކަމާ މައްސަލައެއް ނުޖައްސާ މީހަކު ގައުމުގެ އެއްވެސް އިސް މަސްއޫލުވެރި މަގާމަކަށް އިސްވުމުގެ މަގުފަހިކޮށް ނުދިނުމެވެ.

ޖަމާއީ މައްސަލަތަކާ މެދު ބަހުސް ކުރާއިރު، ޕާޓީ އަދި ޒާތީ ތައައްސުބުން އެއްކިބާވެ ހުރެ، ޖަމާއަތުގެ މަސްލަހަތު އިސްކޮށްގެން ވާހަކަ ދައްކަން ދަސްކުރުމެވެ. މިކަން ކުރެވޭނީ އެންމެނަކީ ވެސް ތަންދޮރު ދަންނަ، ހޭލުންތެރި، އިލްމީ ސަގާފަތެއްގެ ވެރި ބަޔަކަށް ވެގެންނެވެ. މިހެންވާން މެދުވެރިވަނީ އެންމެނަށް ފާސަތަކެއް ލިބިގެންނެއް ނޫނެވެ. ކިޔުން އާދަ ކުރެވިގެންނެވެ. ކިޔާ އެއްޗެއްގެ މައްޗަށް، ޒާތީ ތައައްސުބުން އެއްކިބާވެ ހުރެ، ބިނާކުރަނިވި ގޮތެއްގައި ފާޑުކިޔަން އެނގިގެންނެވެ. ވަގުންގެ ބަޔަކު ވެރިކަމުން ދުރުކުރެވިދާނެއެވެ. ނަމަވެސް، ވަގުންގެ ބަޔަކު ވެރިކަމަށް އަންނަން މެދުވެރިވި ސަބަބު، އާންމު ރައްޔިތުން އެކަމުގެ މަގު ފަހިކޮށް ދިނުން، މިކަން ނެތިކޮށް ނުލެވޭ ނަމަ، ދެންވެސް ވެރިކަމަށް އަންނާނީ ހަމަ އެފަދަ ވަގުންގެ ބަޔެކެވެ. އެއީ ތަނުގައި ވައްކަމާއި ފަސާދައިގެ ސަގާފަތެއް އާންމުވެ، އަށަގަންފައި އޮތީމައެވެ. މިކަން ފިލުވޭނީ އަހަރުމެންގެ އަގުތަކުގެ މަސްދަރު ކަމުގައިވާ އަހަރުމެންގެ ދީނުގެ އަގުތަކާއި އުސޫލުތަކަށް ރުޖޫއަވެގެންނެވެ. އޭގެ ތެރޭގައި އެންމެ މުހއްމު ޖައުހަރީ އަގަކީ، އުސާލަކީ އަހަރުމެންނަކީ ހެޔޮ ލަފާ ބަޔަކަށް ވުމެވެ. އަދި، އަހަރުމެން އެންމެންނަކީ ވެސް، ހަމަހަމަ ބައެއްކަމާއި އަހަރުމެންގެ ތެރޭގައި ކަންކަން ހިންގާލެވެންވާނީ އަދުލު އިންސާފުގެ މަތިންކަމެވެ. މިކަން ކުރެވޭނެ ގޮތް ތަފްސީލު ގޮތެއްގައި ބަޔާން ކުރަން ޖެހެއެވެ. އަދި އެކަމުގެ މައްޗަށް އެންމެން ރަނގަޅަށް ވިސްނައި އެކަމަށް އަމަލީ ސިފަ ގެނެވޭނޭ ގޮތް އެންމެން ވެގެން ހޯދަން ޖެހެއެވެ. މިއީ ކުރެވިދާނޭ ކަމެކެވެ. އަދި ކުރަން ޖެހިއްޖެ ކަމެކެވެ. ކަންކަން ގޯސްވީމައި ހަމައެކަނި ވެރިން ކުށްވެރިކޮށް، އެމީހުން ދުރުކުރުމަށް ގޮވާލުމަކީ މައްސަލައިގެ ހައްލެއް ނޫނެވެ. ހައްލު އޮތީ އަހަރުމެންގެ އަތުގައެވެ. އަހަރުމެންގެ ތެރެއިން ކަންކަން އިސްލާހުކުރާނޭ ހެޔޮލަފާ، އަހަރުމެންގެ އަގުތަކަކީ ކޮބައިކަން ދަންނަ، އެ އަގުތައް ގަބޫލުކޮށް އެއާ އެއްގޮތްވާ ގޮތުގެ މަތިން ކަންތައް ކުރާނޭ ބަޔަކު އުފެއްދުމެވެ. ހަމައެކަނި ވެރިން ކުށްވެރިކޮށް، ވެރިކަމުން އެމީހުން ދުރުކުރުމަކީ ބޮލުގާ ރިއްސާލުމުން، އެކަމުގެ އަސްލަކީ ކޮބައިތޯ ނުބަލައި ޕެނަޑޯލު ގުޅައެއް ކާލުން ކަހަލަ ކަމެކެވެ. ބަލީގެ އަލާމާތްތަކަށް ފަރުވާކުރުން ކަހަލަ ކަމެވެ. ނަމަވެސް، އަހަރުމެން ފަރުވާކުރަން ޖެހެނީ ބައްޔަށެވެ. އަހަރުމެންގެ ވިސްނުމާއި ފިކުރުކުރުމަށެވެ. ވައްކަމާއި ފަސާދައާއި އަހަރުމެންގެ އަގުތަކާއި އުސާލުތަކާއި ޚިލާފު ކަންކަމާ ދެކޮޅު ހަދައި، އެކަން އިސްލާހުކޮށް، ހަމަހަމަކާއި އަދުލުވެރިކަމާއެކު އެންމަނަށް ވެސް އެންމެންގެ އަސާސީ ހައްގުތައް ފުއްދައިދޭން ޖެހޭނޭ ކަމުގެ ވިސްނުމަކާއި އެކަން ކުރާނީ ކިހިނެއްކަން އެނގޭނޭ ހެޔޮ ވިސްނުމެއް ލިބިގަތުމަށެވެ. ކުރިން ވެސް ބުނިހެން، މިކަމާ އުޅެފި ނަމަ، މިކަން ވާނެއެވެ!

އަހައްމަދާއި މަނިކުބޭ: އެންމެ ރަނގަޅެވެ. ދެން، އެހެން ފަހަރަކުން ތިވާހަކަތަކުގެ އިތުރު ތަފަސީލުކިޔައި ދޭނޭކަމަށް ހީކުރަމެވެ.

އެ ހިސާބުން، މަޣުރިބު ނަމާދުގެ ވަގުތުގެ ބަންގީގެ އަޑު އިވުނެވެ. ދެން ތިންވެރިން، މިސްކިތަށް ދާން ނިކުތެވެ.