Support Us

އިހުތިފާލުތަކުގެ ދުވަސްވަރުގެ… އިހުތިފާލުތަކުގެ ތެރެއިން ޖަނަވަރީ ދޭއްގެ އިހުތިފާލު

އާދެ، މި ދުވަސްވަރަކީ އިހުތިފާލުތަކުގެ ދުވަސްވަރެވެ. ބައެއް ދީންތަކުގެ ބައެއް ދީނީ އިހުތިފާލުތަކާއި އަދި މީގެ އިތުރުން ބައެއް ސަގާފީ އިހުތިފާލުތައް ވެސް ކުރެވޭ ދުވަސްވަރެވެ. ޔަހޫދީންގެ 'ހަނޫކާގެ' ނުވަތަ 'އަލީގެ އިހުތިފާލު' ކުރުން ފާއިތުވެ ޑިސެމްބަރު މެދެއް ހިސާބު ނިމުނެވެ. އެ އިހުތިފާލު ފާހަގަކުރަނީ ޔޫނާނީންގެ އަތްދަށުން ޔަހޫދީން ގުދުސް މިނިވަންކޮށް، އެމީހުންގެ މައުބަދު ޔޫނާނީ އިލާހުންނަށް ގުރުބާންކޮށް އަޅުކަން ކުރުމުން ސާފުކުރި ކުރުން ފާހަގަކޮށް، އެ ހާދިސާ ހަނދާންކުރުމުގެ ގޮތުންނެވެ. މި އިހުތިފާލަށް 'އަލީގެ އިހުތިފާލު' ދެވިފައި ވަނީ، މިކަން ފާހަގަކުރުމުގެ ގޮތުން، ޔަހޫދީންގެ ފައްޅިތަކާއި ގޭގޭގައި އަށް ގޮފީގެ ބައްތިއެއް ދިއްލާތީއެވެ. މީގެ އިތުރުން، އެންމެނަށްހެން ވެސް އެނގޭ ފަދައިން، ޑިސެމްބަރު ފަންސަވީހުގައި އީސާގެފާނުގެ އީދު މީލާދު ފާހަގަކުރެވުނެވެ. މި އިހުތިފާލުތަކުގެ އިތުރުން، އާ އަހަރެއް ލައިގަތުމުން، ދުނިޔޭގެ އެކިކަންކޮޅުތަކުގައި އެކަން ވެސް ފާހަގަކުރެއެވެ. އަދި، މިކަން ބައެއް މުސްލިމު ގައުމުތަކުގައި ވެސް، އެހެން އަހަރުތަކޭ ވެސް އެއް ފަދައިން، ފާހަގަކުރަމުން ދެއެވެ.

އިހުތިފާލުތަކުގެ މި ދުވަސްވަރު ކުރެވޭ އެހެން އިހުތިފާލެއް ވެސް އޮވެއެވެ. ޖަނަވަރީ ދޭއްގައި އިސްޕޭނުގައި ކުރެވޭ އިހުތިފާލެކެވެ. އާދެ، 1492ވަނަ އަހަރުގެ ޖަނަވަރީ ދޭއްގައި އިސްޕޭނުގައި މުސްލިމުންގެ މައްޗަށް ނަސާރާއިން ހޯދި ކާމިޔާބީ ފާހަގަކުރުމުގެ އިހުތިފާލެވެ. އިސްޕޭނުގެ އެކި ރަށްރަށުގައި މި މުނާސަބާތް ފާހަގަކުރެއެވެ. މުސްލިމް ޣަރުނާތާގެ އެންމެ ފަހުގެ އަމީރު ބާރަ ވަނަ މުހައްމަދު ޣަރުނާތާގެ ތަޅުދަނޑި އިސްޕޭނުގެ ރަސްގެފާނާއި ހަވާލުކުރެއްވިއެވެ. އަދި، އެނބުރި ދެކުނާ ދިމާއަށް އަހުގައި ވަޑައިގަންނަވަމުން، ފަހަތް ބައްލަވާލައްވައި، 'މުސްލިމާގެ އެންމެ ފަހު މާނޭވާ' (ދަ މޯރސް ލާސްޓް ސައި) ލައްވައި، ކީރިތި ކުރެއްވިއެވެ. އެހިނދު އޭނާގެ މަންމާފުޅު އޭނާއާ މުޚާތަބުކޮށް ވިދާޅުވިއެވެ. "އެ ރާއްޖެ، ފިރިހެނެއްގެ ގޮތުގައި، ރައްކާތެރިކޮށް ބަލަހައްޓަން ނޭނގުމުގެ ސަބަބުން އަތުން ބީވެ، ގެއްލިދިޔުމުން، ދެން، އަންހެނެއް ފަދައިން ރޯށެވެ!"

ޣަރުނާތާގެ ތަޅުދަނޑި ހަވާލުކުރައްވަމުން، އަމީރު މުހައްދު ބާރަވަނައާއި އިސްޕޭުނުގެ އޭރުގެ ރަސްގެފާނު ފާޑިނަންޑާއި، 68 ބަންދުގެ މައްޗަށް އެކުލެވޭ މުއާހަދާއެއް ކުރެވުނެވެ. އެ މުއާހަދާއިގެ އެންމެ މުހިއްމު ބަންދުތަކުގެ ތެރޭގައި މިކަންކަން ހިމެނެއެވެ. މުސްލިމުންގެ ޖާނާއި މާލު ރައްކާތެރިކުރުމާއި އެމީހުން ދިރިއުޅެމުން އައި ތަންތަނުގައި މިނިވަންކަމާއެކު ދިރިއުޅެން ދޫކޮށްލުމާއި މިސްކިތްތަކަށް ގެންލުން ނުދީ ރައްކާތެރިކުރުމާއި މުސްލިމުންނަށް އެމިހުންގެ ދީން ދޫކޮށްލުމަށް މަޖުބޫރު ނުކުރުމެވެ. ނަމަވެސް، އޭރުގެ އިސްޕޭނުގެ ނަސާރާއިން މިއިން އެއްވެސް ކަމެއް ނުފުއްދައެވެ. މިއާ ޚިލާފަށް ތާރީޚުގައި މަޝްހޫރު މީހުންގެ އަގީދާ ބެލުމުގެ މަހުކަމާ (’އިސްޕެނިޝް އިންކުސިޝަން')، މުސްލިމުންނާއި ޔަހޫދީންގެ މައްޗަށް ހިންގާލެވުނެވެ. މި މަހުކަމާ އެންމެ ފުރަތަމަ ގާއިމުކުރެވުނި 1478ގައި، ނަސްރާނީންގެ ކެތަލިކު މަޒުހަބުގެ މީހުންގެ ގޮތުގައި ތިބެ އިސްލާމް ދީން ގަބޫލުކުރި މީހުން، އަނބުރާ ކެތަލިކުންނަށް ބަދަލު ކުރުމަށެވެ. ދެން، ފަހުން، 1492ގައި މުސްލިމުންނާއި ޔަހޫދީންގެ މައްޗަށް މި މަހުކަމާގެ އަމުރު ހިންގާލެވުނެވެ. ދީން ބަދަލުކުރުމަށް ނޫނީ ރަށުން ބޭރުވުމަށެވެ. އާދެ، ދާދި ފަހުން، އިންޑިޔާގައި މުސްލިމުންނާ ދޭތެރޭ، އިންޑިޔާގެ އުތުރުގެ ހަރިދުވާރުގައި ގޮވާލެވުނު ގޮވާލުން ފަދަ ކަމެކެވެ. މުސްލިމުން މަރާ ހުސްކުރުން ފަދަ ގޮވާލުމެކެވެ. މިކަމުން ސަލާމަތް ވުން އޮތީ އިންޑިޔާގެ މުސްލިމުން ހިންދީ ދީން އިޚްތިޔާރު ކުރުމެވެ. ނުވަތަ ރަށް ދޫކޮށް ބޭރުވުމެވެ. ކޮންމެ އަކަސް، އިސްޕޭނުގެ މި މަހުކަމާގެ 1492ގެ އަމުރާ ވިދިގެން، މުސްލިމުންނަށް އިސްޕޭނު ދޫކޮށް އުތުރު އެފްރިކާގެ ރަށްތަކަށް ހިޖުރަކުރިއެވެ. މިއަދުގެ އަލްޖީރީޔާ، ތޫނިސް އަދި މޮރޮކޯ އިން، އިސްޕޭނުގެ މުސްލިމުންގެ ދަރިކޮޅާއި އިސްޕޭނުގެ އަރަބި ބަހުގެ އަސަރު ފެނެއެވެ. އިސްޕޭނުގައި ތިބެން ބޭނުން ނަމަ، މުސްލިމުންނަށް އޮތީ ނަސާރާ ދީން ޚިޔާރުކުރުމެވެ. އަންސަލުސް، އާދެ މުސްލިމު އިސްޕޭނު، ގެއްލި ދިޔަ ހާދިސާ، އެދުވަސްވަރުގެ މުސްލިމު ޝާއިރަކު އޭނާގެ 'އަންދަލުސް ގެއްލި ދިޔުމުގެ ރުއިން' މިޅެމުގައި ވަރަށް އަސަރާއެކު ބަޔާން ކޮށްދީފައި ވެއެވެ. (ތިރީގައި، ކޮމެންޓެއްގެ ސިފައިގައި އެޅެމާއި އެޅެމުގެ ދިވެހި ތަރުޖަމާއެއް ފެންނަން އޮންނާނެއެވެ.)

އިސްޕޭނުގައި މުސްލިމުން ގާތްގަނޑަކަށް އަށް ގަރުނު ވެރިކަން ކުރިއެވެ. އޭގެ ތެރެއިން ފުރަތަމަ ތިންސަތޭކަ އަހަރު، އިސްޕޭނުގެ އެންމެ އުތުރު ފަރުބަދަމަތީ ކުޑަ ސަރަހައްދެއް ފިޔަވައި، މުޅި އިސްޕޭނުގައި ވެރިކަން ކުރިއެވެ. ދެން އައި ފައްސަތޭކަ އަހަރުގެ ތެރޭގައި މުސްލިމުންގެ ބާރު މަޑު މަޑުން އައީ ކުޑަވަމުންނެވެ. ދެން، އެންމެ ފަހުގެ 200 އަހަރު މުސްލިމުންގެ ވެރިކަން އޮތީ ހަމައެކަނި ޣަރުނާތާގައެވެ.

އިސްޕޭނުން މުސްލިމުންގެ ބާރު ނެތި ދިޔުމުގެ އެންމެ ބޮޑު ސަބަބަކީ ވެރިކަމާ ހެދި، މުސްލިމުންގެ ވެރިކަމުގެ އާއިލާތަކުގެ މެދުގައި އަރާރުންވުން އުފެދުމެވެ. އަދި، އެއް ބަޔަކު އަނެއް ބައިގެ މައްޗަށް ގަދަވެގަތުމަށް އެއް ބަޔަކު އަނެއް ބަޔާކާ ހަނގުރާމަ ކުރުމެވެ. މީގެ އިތުރުން، މި ހަނގުރާމަ ކުރުމުގައި އެއް މުސްލިމު ޖަމާއަތް އަނެއް މުސްލިމު ޖަމާއަތުގެ މައްޗަށް ގަދަވެގަތުމަށްޓަކައި ނަސާރާއިންގެ އެހީއަށް އެދުމެވެ. މިއަދު ވެސް މެދު އިރުމަތިން މިކަން ތަމްސީލުވެގެންދާތަން ފެނެއެވެ. އިރާގާއި ސީރިޔާއާއި ޔަމަނުގައެވެ. އަދި، ރާއްޖޭގައި ވެސް، މިފަދަ މަންޒަރެއް ފެންނަހެން ހީވާން ފަށައިފި ކަހަލައެވެ. އެއް ޕާޓީ ދެކެނީ އަނެއް ޕާޓީއަކީ މުޅިން އެހެން ރާއްޖެއެއްގެ ބީރައްޓެހި ބައެއްގެ ގޮތުގައެވެ. އަދި، އެއް ޕާޓީ އަނެއް ޕާޓީގެ މައްޗަށް ގަދަވެގަތުމަށް ބޭރުގެ އެހީ ހޯދުން ވެސް އެންމެ ރަނގަޅު ކަމެއް ކަމުގައި ދެކެއެވެ. މި ފަދަ ނުރަނގަޅު ވާދަވެރިކަމުގެ ނަތީޖާ މުސްލިމު އިސްޕޭނުން ފެނިގެން ދެއެވެ. މިނިވަންކަން ގެއްލި އަމިއްލަ ބާރާއި އިޚްތިޔާރު ނެތެނީއެވެ. ނަމަވެސް، އިސްޕޭނުގެ މުސްލިމު ވެރިން އެދުވަހު ތިބިފަދައިން، ވެރިކަމުގެ ދަހިވެތިކަމުގައި ނަފްސުތައް ގައިދުވެ އަޅުވެތިވެފައި ވުމުން، ކުރިމަގު ފެންނަ ގޮތެއް ނުވެއެވެ. ކޮންމެ ސިޔާސީ ވެރިޔެއްގެ އެންމެ ދުރަށް ފެންނަން އޮންނަނީ އޭނާގެ ނޭފަތުގެ ކުރިއެވެ. އޭނާގެ އަމިއްލަ މަސްލަހަތެވެ. އާދެ ނަތީޖާއަކީ ދެ ބުޅަލުގެ އަރާރުމުގެ ނަތީޖާއެވެ. އެކަކަށް ވެސް ބޯކިބާ ނުލިބި، މަކުނު ގާޒީ ބޯކިބާ ކާލުމެވެ.

ކޮންމެއަކަސް، ޖަނަވަރީ ދޭއް، މި ތާރީޚަކީ އިސްޕޭނުގައި މުސްލިމުން ބަލިކޮށް މުސްލިމުންގެ ބާރު ނެތިކޮށްލުން ފާހަގަ ކުރާ ތާރީޚެވެ. އެހެން އަހަރުތަކޭ އެއްފަދައިން އިސްޕޭނުގައި އިއްޔެ މިކަން ފާހަގަކުރެވުނެވެ. އިހުތިފާލުތަކުގެ ދުވަސް ވަރު، އަދި، އެ އިހުތިފާލުތަކުގައި، ބައެއް މީހުންގެ ނަޒަރުގައި 'ދަލު ބޭރުން ޖެހިގެން' މުސްލިމުން ވެސް ބައިވެރިވެ، އެކަން އުފަލާއެކު ފާހަގަކުރި އިރު، ޖަނަވަރީ ދޭއްގެ އިހުތިފާލުއަކީ ކޮބައިތޯއާއި އެ އިހުތިފާލު ފާހަގަކުރަނީ ކޮން މުނާސަބަތެއް ކަމާއި އެކަން މެދުވެރިވީ ކީއްވެގެންކަން، މި އިހުތިފާލީ މޫސުމުގައި ހަނދާންކުރަނީ ކިތައް މުސްލިމުން ބާވައޭ ބައެއް މީހުން ސުއާލު އެބަ ކުރެއެވެ! ތާރީޚު ނޭނގޭ ނަމަ، އެކަން ހަނދާން ވާނެ ގޮތެއް އޮންނާނެ ހެއްޔެވެ؟ އަދި، އެކަމުން ފިލާވަޅު ލިބި، ހޭލުންތެރިވެ، އެފަދަ ގެއްލުން ހުރި، ހިތާމަވެރި ހާދިސާތައް ތަކުރާރުވިޔަ ނުދޭނޭ ސިފައެއްގައި ސިޔާސީ ވާދަވެރިކަން ބެހެއްޓިދާނެ ބާވައެވެ؟

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
21

One Response

  1. އަތް ފައިގަ ބިޑި އަޅުވައިގެން ދުޝްމަނުން ހޭ އިރުވެސް ކޮހުން ނަށް ނޭނގޭ…

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *