...

Support Us

އަލީގެފާނުގެ ހިކުމަތުގެ ބަސްކޮޅެއް

އަލީގެފާނަކީ މުސްލިމުންގެ ހަތަރު ވަނަ ޚަލީފާއެވެ. އެކަލޭގެފާނު އަވަހާރަވީ ހިޖުރައިން 40ވަނަ އަހަރުއެވެ. އެކަލޭގެފާނަކީ ޅެންވެރިއެކެވެ. އަދީބެކެވެ. ތިރީގައި އެވަނީ އެކަލޭގެފާނަށް ނިސްބަތްކުރެވޭ ހިކުމަތުގެ ބަސްކޮޅެއްގެ މާނަކޮށްލުމެކެވެ.

  1. ބޮޑެތި، މާތް ކަންކަން ހާސިލުވެވެނީ ކެތްތެރިކަމުގެ ތެރެއިންނެވެ.
  2. "މީސްތަކުންނޭވެ! ތެދުވެރިވާށެވެ! އެހެނީ، މާތްﷲގެ އެހީތެރިކަން ތެދުވެރިންނާއެކު ވެއެވެ. ދޮގުހެދުން ދޫކޮށްލާށެވެ! އެހެނީ، ދޮގު ހެދުމަކީ އީމާންކަން ގެއްލުވާލާ ކަމެކެވެ. އަދި ދެނެތިބޭށެވެ! ތެދުވެރިން ވަނީ މާތްކަމާއި ޝަރަފުގެ ތުންފަތްމަތީގައެވެ. އެއާ ޚިލާފަށް ދޮގުވެރިންވަނީ ގެެއްލުމާއި ހަލާކުގެ ތުންފަތްމަތީގައެވެ.
  3. މީސްތަކުން ކަލެއަށް އުނދަގޫކޮށް އެއްޗެހި ކިޔާ ނަމަ، އަޅާނުލާށެވެ! އެހެނީ، މީރު މޭވާ ގަންނަ ގަސްގަސް ތެޅުމަކީ ތަބީއަތުގެ ގާނޫނުތަކުގެ ތެރެއިންވާ ކަމެކެވެ.

އާދެ، ދިވެހިން ބުނެ އުޅޭ ފަދައިން، މީރު މޭވާ ގަންނަ ގަސްގަހަށް ގިނަ ގަޅި އުކޭނެއެވެ.

  1. އެންމެ ލަދުވެތިކަން ބޮޑު ކަމަކީ ތިމާގެ ކިބައިގައި ހުރި އައިބެއްގެ ވާހަކަ ދައްކައި، އެހެން މީހުންނަށް މަލާމާތްކުރުމެވެ.
  2. ކަލޭގެ ޝަޚުސު، ކަލެއަކީ ކާކުކަން، ކަނޑައަޅާލަނީ ދެކަމެކެވެ. އެއްވެސް އެއްޗެއް ކަލޭ އަތުގައި ނެތް އިރު ކަލޭ ކެތްކުރާކުރުމާއި ކަލޭގެ އަތްމަތި ތަނަވަސްވާ ހިނދު، ކަލޭގެ ކިބައިން ފެންނަ ސިފައެވެ.
  3. އެންމެ ފުރަތަމަ މާފަށް އެދޭ މީހާއަކީ އެންމެ ކެރޭ މީހާއެވެ. އެންމެ ފުރަތަމަ މާފުކުރާ މީހަކީ އެންމެ ބާރުގަދަ މީހާއެވެ. އެންމެ ފުރަތަމައިން، އަނެކާގެ ކުށް ހަނދާނުން ފުހެލާ މީހަކީ އެންމެ އުފާވެރި މީހާއެވެ.
  4. ދަތިތައް ގިނަވެ، އުނދަގޫތަކާ ކުރިމަތިލާން ޖެހުމަކީ ކަންބޮޑުވެ، ފިކުރު ކުރުން މެދުވެރިކުރުވާ ކަމަކަށް ވިޔަ ނުދޭށެވެ. އެހެނީ، ތަރިތައް އެންމެ ގަދައަށް ފިޔަޖަހައި ވިދަން ފަށަނީ ރޭގަނޑުގެ އަނދިރިކަން އެންމެ ގަދަވާ ވަގުތުގައެވެ.
  5. ކަލޭގެ ރަހުމަތްތެރިޔާގެ ދުޝްމަނާއާ އެކު ރަހުމަތްތެރިކަމުގެ ގުޅުން އުފެއްދުން ބުއްދިވެރިއެއް ނޫނެވެ. އޭރުން، ކަލޭގެ ރަހުމަތްތެރިޔާ ކަލޭގެ ދުޝްމަނަކަށް ބަދަލުވެދާނެއެވެ.
  6. އޭނާގެ އަމިއްލަ އައިބުތައް ފެނި ފާހަގަވުމުން، އެހެން މީހުންގެ އައިބުތައް ދުށުމުން ދުރުކުރާ މީހާއަކީ އޭނާގެ މައްޗަށް ބަރަކާތް ލެއްވިގެންވާ މީހެކެވެ.
  7. ހަމަކަށަވަރުން، ބައެއް ފަހަރު، އެއްޗެއް ނުބުނެ ހަނުހުރުމަކީ އެންމެ ބަލާޣާތްތެރި ޖަވާބުކަމުގައި ވެއެވެ.
  8. ފާފަތަކަށް އަރައިގަނެ، އޭގެ ތެރެއަށް ގެނބިގެންދާކަށް، ކަލޭ ދެކެ ލޯބިވާ މީހަކު ކަލޭ ދުލެއް ނުކޮށްލާނެއެވެ.
  9. ފޮތްފޮތަކީ އިލްމުވެރިންގެ މާބަގީޗާއެވެ.
  10. ކަލޭގެ ހިތްވަނީ ކޮންތާކުކަން އެނގެން ބޭނުން ނަމަ، ކަލޭގެ ފިކުރު އާވާރާވުމަށް ދޫކޮށްލެވޭ ވަގުތު، ކަލޭގެ ފިކުރުދާ ދިމާ ބަލާށެވެ!
  11. ކަލޭ މަރުވުމުން، ކަލޭގެ މައްޗަށް ގިސްލައި ރޮއި، އަދި ކަލޭ ނެތުމުން ކަލެއާ ބައްދަލުވުމަށް އެދޭނޭ، ފަދަ ގޮތެއްގައި މީހުންނާ މުއާމަލާތް ކުރާށެވެ.
  12. އެންމެ މޮޅު ބަދަލުހިފުމަކީ މާފުކުރުމެވެ.
  13. ކޮންމެ ދޮރެއް ވެސް ހުޅުވާލަދޭނެ ތަޅުދަނޑިއެއް ވެއެވެ. ހަމަ އެހެންމެ، ކޮންމެ އަނދިރި ރެއަކަށް ވެސް ފަތިހެއް އޮވެއެވެ.
  14. މީހެއްގެ ހިތުގެ ތެރެއިން ނިކުންނަ ބަސް، މީހުންގެ ހިތު ތެރެއަށް ވަދެގެންދާނެއެވެ.
  15. އެންމެ ބޮޑަށް ތަންދޮރު ނުދަންނަ އަނދިރި މީހަކީ އެއް ގާގަނޑެއްގައި ދެ ފަހަރު އަޅައިގަންނަ މީހާއެވެ.
  16. ދަހިވެތިކަމުގެ ގައިދީއަކަށް ނުވާ މީހަކީ މުއްސަނދިންގެ ތެރެއިން ވެސް އެންމެ މުއްސަނދި މީހާއެވެ.
  17. ކަންބޮޑުވުމާއި ހިތާމަތައް މެދުވެރިކުރުވާ ކަންކަމާ ދުރަށް ދާށެވެ!
  18. ތިން ކަމެއްގައި މާތްކަން ވެއެވެ. ތިމާގެ ކިބައިގައި މާ ބޮޑު ތަނަވަސްކަމެއް ނެތް އިރު ވެސް ދީލަތިވުމުގައްޔާއި، އިހާނަތުގެ މަގަށް ނަފްސު ދީލާނުލައި، އުނދަގޫތައް ތަހައްމުލުކުރުމުގައްޔާއި މީސްމީހުންގެ ކިބައިން ކަންކަމަށް ނޭދުމުގައެވެ.
  19. ލަދުވެތިކަމަކީ ހުރިހާ ރީތިކަމަކާ ހަމައަށް ގެންގޮސްދޭ ވަސީލަތެވެ.
  20. ކަލޭގެ ފިކުރާއި ޚިޔާލު ސާފު ފެނަށް ވުރެ ވެސް ސާފުކަން މަތީ ބަހައްޓާށެވެ. އެހެނީ، ފެންތިކިތަކަކުން ކޯރު އުފެދޭ ފަދައިން ކަލޭގެ ފިކުރާއި ޚިޔާލުތަކުން ކަލޭގެ އީމާންކަމާއި އަޚުލާގު އުފެދިދެއެވެ.
  21. ރަނގަޅު ނަފްސަކާއި އޯގާތެރި ހިތަކަށް އެންމެ ބޮޑަށް އަނިޔާ ލިބޭ ކަމަކީ އެކަން ނުދަންނަ ބައެއްގެ ތެރޭގައި އުޅުމެވެ.
  22. މީހާގެ ބުރަދަން ބެލެނީ އޭނާ ބުނާ އެއްޗެެއްގެ މައްޗަށް ބިނާކޮށެވެ. އަދި އޭނާގެ އަގު ވަޒަންކުރެވެނީ އޭނާގެ އަމަލުތަކުގެ މައްޗަށް ބިނާކޮށެވެ. އެހެންވެ، ވާހަކަދައްކާއިރު ބުރަދަން ހުރި ވާހަކަ ދައްކާށެވެ. އަދި އަމަލުކުރުމުގައި އޭގެ އަގު ބޮޑު އަމަލުތައް ކުރާށެވެ.
  23. އާޚިރަތް ލިބިގަތުމަށްޓަކައި މަސައްކަތް ކުރުމުން ކަލޭ ދުރުކުރުމަށް، އެކަކަށް ވެސް ފުރުސަތު ނުދޭށެވެ!

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
21
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *