Support Us

ޤިޔާމަތް ދުވަހު ޙުކުމް އިއްވާ، މަޙުކަމާ ނުވަތަ ކޯޓުގެ ބައެއް އިޖުރާއީ އިންސާފުވެރި ހަމަތައް

1: އެއްވެސް ފައިލެއް ސިއްރެއް ނުކުރެވޭނެއެވެ. ކޮންމެ ފައިލެއް ވާނީ، ނިއުޅާލެވިފައެވެ.

މާތް الله ވަޙީކުރެއްވިއެވެ.

﴿ونُخرِجُ لَهُ يَوْمَ القِيامَةِ كِتابا يَلقاهُ مَنْشُورًا﴾ الإسراء_13

މާނައީ:" އަދި ޤިޔާމަތް ދުވަހުން، ތިމަން الله އެމީހަކަށް ފޮތެއް ނެރުއްވާހުށީމެވެ. އެ ފޮތް ނިއުޅައިލެވިގެންވާ ޙާލުގައި، އޭނާ ދެކޭނެތެވެ."

2: ތުހުމަތުކުރެވޭ މީހާ، ހާޒިރުކުރެވޭނީ އޭނާ ވަށައިގެން ގާޑުކުރެވިފައިވާ ޙާލަތެއްގައެވެ.

މާތް الله ވަޙީކުރެއްވިއެވެ.

وَجَاءَتْ كُلُّ نَفْسٍ مَّعَهَا سَائِقٌ وَشَهِيدٌ. ق_21

މާނައީ: "އަދި (އެދުވަހު) ކޮންމެ ނަފްސެއް (މަޙްޝަރު ބިމަށް) އަންނަހުށީ، އޭނަޔާ އެކުގައި ލަވައި ގެންދާނޭ މަލާއިކަތަކާއި، ހެތްކަކުވާ ޙާލުގައެވެ."

3: އެކަކާ މެދު ވެސް އަނިޔާވެރިވުމެއް ނެތެވެ.

މާތް الله ވަޙީކުރެއްވިއެވެ.

وَمَا أَنَا بِظَلَّامٍ لِّلْعَبِيدِ. ق_29

މާނައީ: އަދި ތިމަން اللهއީ، އަޅުތަކުންނަށް އަނިޔާވެރިވެވޮޑިގެންވާ އިލާހަކު ކަމުގައި ނުވަމެވެ.

4: ތިބާ ދިފާޢު ކުރާނެ ވަކީލެއް ނުވެއެވެ.

މާތް الله ވަޙީކުރެއްވިއެވެ.

اقْرَأْ كِتَابَكَ كَفَىٰ بِنَفْسِكَ الْيَوْمَ عَلَيْكَ حَسِيبًا. الإسراء_14

މާނައީ: (އަދި އަންގަވާނެތެވެ.) ތިބާގެ ފޮތް ތިބާ (ޚުދު އަމިއްލައަށް) ކިޔާށެވެ! މިއަދު ތިބާގެ މައްޗަށް ޙިސާބު ކުރާ މީހަކަށް، ތިބާގެ އަމިއްލަނަފްސު ފުދެއެވެ.

5: ރިޝްވަތު ދިނުމާއި މެދުވެރިންގެ އެހީ ހޯދުމަކީ، މުސްތަހީލު ކަމެކެވެ.

މާތް الله ވަޙީކުރެއްވިއެވެ.

﴿يَوْمَ لا يَنفَعُ مَالٌ وَلا بَنُونَ﴾

މާނައީ: "އެދުވަހަކީ، މުދަލެއްވިޔަސް، އަދި ދަރިންނެއްވިޔަސް، މަންފާއެއް ނުކުރާނެ ދުވަހެވެ."

6: ނަންތައް އެއްގޮތް ކަމުން ޤާޟީއަށް އޮޅުންއެރުމެއް ނެތެވެ.

މާތް الله ވަޙީކުރެއްވިއެވެ.

﴿وَمَا كَانَ رَبُّكَ نَسِيًّا﴾ مريم 64

މާނައީ: "އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، ހަނދުމަނެތިވެވޮޑިގެންވާ ކަލަކުކަމުގައި ނުވެއެވެ."

7: ތިމާގެ ހުކުމް (ވަގުތުން) އަތަށް ލިބޭނެއެވެ.

މާތް الله ވަޙީކުރެއްވިއެވެ.

﴿فَأَمَّا مَنْ أُوتِيَ كِتَابَهُ بِيَمِينِهِ فَيَقُولُ هَاؤُمُ اقْرَؤُوا كِتَابِيهْ﴾

މާނައީ: "ފަހެ، އެމީހެއްގެ ފަތް، އެމީހެއްގެ ކަނާތަށް ލިބުނުމީހާ ދަންނާށެވެ! ފަހެ، އެމީހާ ބުނާނެތެވެ. މިއޮތީއެވެ. ތިޔަބައިމީހުން ތިމަންގެ ފަތް ކިޔައިބަލާށެވެ!"

8: ޣައިރު ޙާޒިރުގައި ޙުކުމް އިއްވުމެއް ނޯންނާނެއެވެ.

މާތް الله ވަޙީކުރެއްވިއެވެ.

﴿وَإِنْ كُلٌّ لَمَّا جَمِيعٌ لَدَيْنَا مُحْضَرُونَ﴾ يس_32

މާނައީ: "އަދި އެ އެންމެންނީ (ޤިޔާމަތް ދުވަހުން) ތިމަން اللهގެ ޙަޟްރަތަށް ޙާޟިރު ކުރައްވާނެ ބަޔަކުކަމުގައި ނޫނީ ނުވެއެވެ."

9: އިސްތިއުނާފުކުރުމެއް ވެސް، އަދި ޙުކުމް ބާޠިލުކުރުމެއްނުވެއެވެ.

މާތް الله ވަޙީކުރެއްވިއެވެ.

﴿مَا يُبَدَّلُ الْقَوْلُ لَدَيَّ﴾

މާނައީ: "ތިމަންالله ގެ ބަސްފުޅު ބަދަލުވުމެއްނެތެވެ."

10: ދޮގުހެކިދޭ ހެކިވެރިންނެއް ނުތިބޭނެއެވެ.

މާތް الله ވަޙީކުރެއްވިއެވެ.

﴿ يَوْمَ تَشْهَدُ عَلَيْهِمْ أَلْسِنَتُهُمْ وَأَيْدِيهِمْ وَأَرْجُلُهُم بِمَا كَانُوا يَعْمَلُونَ}

މާނައީ: " އެދުވަހަކީ، އެއުރެންގެ މައްޗަށް އެއުރެންގެ ދޫތަކާއި، އަތްތަކާއި ފައިތައް، އެއުރެން ކޮށްއުޅުނު ކަންތައްތަކާމެދު ހެކިވާ ދުވަހެވެ."

11: ހަނދާން ނެތިފައިވާ ފައިލްތަކެއް ނުހުންނާއެވެ.

މާތް الله ވަޙީކުރެއްވިއެވެ.

{أحْصَاهُ اللَّهُ وَنَسُوهُ ۚ} المجادلة_6

މާނައީ: " ﷲ އެކަންތައްތައް ހިމަނުއްވައި ލިޔުއްވިއެވެ. އަދި އެއުރެން އެ ކަންތައްތައް ހަނދާން ނައްތައިލޫއެވެ."

12: ޢަމަލުތަށް ކިރާ ވަޒަންކުރާނީ ސީދަލަށް ހަމަކޮށް ބަރާބަރަށެވެ.

މާތް الله ވަޙީކުރެއްވިއެވެ.

{وَنَضَعُ الْمَوَازِينَ الْقِسْطَ لِيَوْمِ الْقِيَامَةِ فَلَا تُظْلَمُ نَفْسٌ شَيْئًا وَإِن كَانَ مِثْقَالَ حَبَّةٍ مِّنْ خَرْدَلٍ أَتَيْنَا بِهَا وَكَفَىٰ بِنَا حَاسبين}

މާނައީ: "ތިމަންالله ޤިޔާމަތް ދުވަހުން ޢަދުލުވެރިކަމުގެ ތިލަފަތްތައް ޤާއިމް ކުރައްވާހުށީމެވެ. ފަހެ، އެއްވެސް ނަފްސަކަށް، އެއްވެސް ކަމަކުން ބޭއިންސާފެއް ނުކުރައްވާހުށްޓެވެ. އަދި އެއީ ރެވިއޮށްޓަރެއްގެ ބަރުދަން ކަމުގައިވިޔަސް، އެ، ގެންނަވާހުށީމެވެ. ހިސާބު ބައްލަވާ ކަލަކު ކަމުގައި ތިމަންالله ފުދެއެވެ."

މި އިންސާފުގެ ދުވަހަށް ތައްޔާރުވަމާ ހިނގާށެވެ!

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *