...

Support Us

ސޫފިޔާނާ ޚިޔާލެއް: މާތްރަސްކަލާނގެ ލާނިހާއީ ކުޅަދުންވަންތަކަމާއި އެކަން ފަހުމުކުރުން

އިސްލާމް ދީނުގައި މާތްރަސްކަލާނގެ ދެނެގަނެ ފަހުމުކޮށްގަތުމުގައި ދެކެނީ އެކަލާނގެއީ ލާނިހާއީ (އިންފައިނައިޓު، ހުދޭދެއް، ނިމުމެއް ނެތް) ރަސްކަލާނގެ ކަމެކެވެ. އެކަލާނގެ ޒާތުފުޅުގެ ހަގީގަތް ދެނެގަތުން އިންސާނީ ސިކުނޑިއަށް ނުކުޅެދިފައި ވިޔަސް، އިންސާނާގެ ބުއްދީގެ އަލީގައި، އެކަލާނގެ ވޮޑިގެންވާކަމުގެ ހަގީގަތް ދެނެގަނެވެއެވެ. ކައުނާއި ކައުނުގައި ލެއްވިފައިވާ އެއްޗެއް ވުޖޫދަށް އައި ގޮތުގެ މައްޗަށް ބަލައިގެންނެވެ. ދުނިޔެއާއި ދުނިޔޭގައި ލައްވައިފައިވާ ދިރިހުރި ކާއިނާތުތައް ވެސް ވުޖޫދަށް އައި ގޮތުގެ މައްޗަށް ވިސްނާފައެވެ. ޝައްކެއް ނެތް ގޮތުގައި މިކަންކަން އޮޅުން ފިލުވައިދީ ސާފުކޮށް ދިނުމުގެ ގޮތުން، އިލްމީ ބައެއް ނަޒަރިއްޔާތުތައް ހުށަހަޅާލެވިފައި ވެއެވެ. ނަމަވެސް، ނެތުމުގެ ތެރޭން ދިރުން އައި ގޮތް، މިއިން އެއްވެސް ނަޒަރިއްޔާއަކަށް އެންމެ ފުރިހަމަ ގޮތެއްގައި މިކަންކަން ސާފުކޮށްދެވޭ ގޮތެއް ނުވެއެވެ.

އަދި، އެންމެ ޚަލިއްޔާ އެއްގެ މައްޗަށް އެކުލެވޭ ސާދާ ކާއިނާތުތައް އެތައް މިލިޔަން ޚަލިއްޔާތަކެއްގެ މައްޗަށް އެކުލެވޭ މުއައްގަދު ކާއިނާތުތަކަށް ފުރޮޅިގެން ދިޔުމުގެ ވާހަކަދައްކާއިރު ވެސް އެތައް މައްސަލަތަކެއް ހުރުމުން، އިލާހަކު މެދުވެރި ނުކޮށް އެކަން، އެކަން ރަނގަޅަށް އޮޅުން ފިލުވައިދެވޭ ގޮތެއް ނުވެއެވެ. މިކަން ސާފުނުކޮށްދެވުމުގެ އަސްލު ގުޅެނީ އެއް ކާއިނު އަނެއްކާއިނަށް ފުރޮޅިދާކަން ހަމައެކަނި ކާއިނެއްގެ ބޭރުފުށަށް ބިނާކޮށް ދައްކުވައިދިނުމުންނެވެ. މިސާލަކަށް ހަރުފައެއް މަހަކަށް ބަދަލުވާ ގޮތް ދައްކުވައިދޭން އުޅުމެވެ. އެއްގަމުގައި އުޅުނު ޖަނަވާރެއް ދޫންޏަކަށް ބަދަލުވާ ގޮތް ދައްކުވައިދޭން އުޅުމުގައެވެ. މިކަން މި ގޮތަށް ނުވާނޭކަން އިލްމީ ސިފައެއްގައި ބުނެދޭން އުޅޭ މީހުންގެ ވާހަކައަކީ ކޮންމެ އެއްޗެއްގެ ހުރިހާ ސިފަތައް ފޮރުވިފައިވަނީ އެއެއްޗެއްގެ ޑީ.އެން.އޭ ގައެވެ. އޭގައި އެކުލެވޭ މައުލޫމާތުގައެވެ. އެއްޗެއް އެހެން އެއްޗަކަށް ފުރޮޅި ބަދަލުވަމުންދާއިރު، އިހުގެ އެތީގެ ޑީ.އެން.އޭ. ބަދަލުވެ، މައުލޫމާތު އިތުރު ނުވާ ނަމަ، އާދައިގެ އެއްޗެއް އެއަށްވުރެ މުއައްގަދު އެއްޗަކަށް ފުރޮޅިގެން ގޮސް ބަދަލުވުމަކީ މުސްތަހީލު ކަމެކެވެ. މިސާލަކަށް ހަރުފައެއް ބޮޑުމަހަކަށް ބަދަލުވެވޭނީ ހަރުފައިގެ ޑީ.އެން.އޭގެ މައުލޫމާތަށް ބޮޑުމަހުގެ ޑީ.އެން.އޭގެ މައުލޫމާތް ފުރިހަމަ ވެގެންނެވެ. ކޮންމެއަކަސް، ވުޖޫދުގައިވާ ހުރިހާ ކާއިނެއް، ދިރިހުރި ކާއިނާތުތަކާއި ދިރުން ލިބިގެން ނުވާ ކައުނާއި އިރާއި ތަރިތައް ފަދަ ކާއިނާނުވެސް އިލާހަކު ވޮޑިގެންވާ ކަމަށް ދައްކަނީ މިހެން ވެގެންނެވެ. އިލާހަކުނުލައި މިކަން ކަން އެންމެ އެކަށީގެންވާ ގޮތުގައި ބަޔާން ނުކޮށްދެވޭތީއެވެ. މިއީ އަޅުގަނޑުމެންގެ ދީނީ ތައުލީމުގެ މީހުން ދިރާސާކޮށް އުނގެނެން ޖެހޭ މައްސަލަތަކެވެ. ތާކުންތާކު ނުޖެހޭ ޚިލާފީ ފަރުއީ މައްސަލަތަކުގެ ތެރޭގައި ވަގުތާއި ހަކަތަ ބޭކާރުކުރުމުގެ ބަދަލުގައެވެ.

ކޮންމެއަކަސް މާތްރަސްކަލާނގެ ޒާތުފުޅުގެ ހަގީގަތް އަޅުގަނޑުމެންނަށް އެނގޭގޮތް ނުވެވުނަސް، އެކަލާނގެ ވޮޑިގެންވާކަން އަޅުގަނޑުމެންނަށް ދެނެގަނެވެއެވެ. އަދި މިކަމުން، އެކަލާނގެއީ ލާނިހާއީ ކުޅަދުންވަންތަކަމުގެ ރަސްކަލާނގެކަން ދެނެގަނެވުނަސް، އަޅުގަނޑުމެން، ނޭނގި ނަމަވެސް، މިކުޅަދުންވަންތަކަމަށް ނިހާޔަތެއް، ނިމުމެއް ކަނޑައަޅައި، މަހްދޫދުކުރެއެވެ. އަޅުގަނޑުމެންގެ ތައައްސުބާއި ނޭނގުމާއި ބޮޑުވެގަތުމާއި އަދި ތިމާއީ އެންމެ ސޯލިހު މީހާކަމުގެ ދައުވާކުރުމާއި މިކަންކަމުގެ ސަބަބުންނެވެ.

އެހެންވެ، އަޅުގަނޑުމެންނަށް ބެލެވެނީ އެކަލާނގެ ރަހުމަތްފުޅު ޚާއްސަވަނީ ވަކި ބައެއްގެ މައްޗަށް ކަމަށެވެ. ކާއިނާތުގައި ލެއްވިގެންވާ ހުރިހާ އިންސާނުންނާއި އެއްޗިއްސަކަށް ނޫންކަމެވެ. މިފަދަ ތަސައްވުރެއް ހިތުގައި އުފެދިފައި އޮތުމުގެ ސަބަބަކި ތިމާމެންގެ ރަހުމަތް، އާދެ އޯގާވެރިކަން ތިމާމެންނަށް މަހުދޫދުކުރެވިފައި އޮތުމެވެ. ހަމައެކަނި އެ އޯގާވެރިކަމަކީ ތިމާމެންގެ ކުލަބުގެ މީހުންނަށް ޚާއްސަވެފައި އޮންނަ ކަމެއް ކަމުގައި ހަދާލެވޭތީއެވެ. އަދި އަމިއްލަ މި ތަސައްވުރު، މާތްރަސްކަލާނގެ މައްޗަށް ވެސް، ނޭނގި ނަމަވެސް ހިންގާލެވޭތީއެވެ.

އަދި ހަމަ އެހެންމެ، އެކަލާނގެ ދީލަތިކަންވެސް އަޅުގަނޑުމެންނަށް މަހްދޫދުކޮށް، އެކަމަށް ވެސް ނިމުމެއް ކަނޑައަޅާލައެވެ. އަޅުގަނޑުމެން ދެކެނީ އެކަލާނގެ ދީލަތިވެ ވޮޑިގަންނަވަނީ ހަމައެކަނި ވަކި ބަޔަކަށް ކަމެވެ. އާދެ، އަޅުގަނޑުމެންގެ ޕާޓީގެ މީހުންނަށް އެކަނި ކަމެވެ. ސަބަބަކީ އަޅުގަނޑުމެންގެ ދަހިވެތިކަމެވެ. މަދު ބަޔެއްގެ މައްޗަށް، ހިތް ނުރުހޭ ހާލު ނޫނީ އަޅުގަނޑުމެންނަށް ދީލަތި ނުވެވޭތީއެވެ. އަދި، މިކަންވެސް، މާތްރަސްކަލާނގެ ރަސްކަންފުޅުގެ މައްޗަށް، ނޭނގި ނަމަވެސް އަޅުގަނޑުމެންނަށް ހިންގާލެވޭތީއެވެ.

މީގެ އިތުރުން އެކަލާނގެ ލޯބިވެވޮޑިގެންވުން ވެސް މަހްދޫދުކުރެއެވެ. އަޅުގަނޑުމެން ދެކެނީ އެކަލާނގެ ލޯބިވެވޮޑިގަންނަވަނީ ހަމައެކަނި ވަކި ބައެއްދެކެ ކަމެވެ. އަޅުގަނޑުމެންގެ ޖަމާއަތުގެ މީހުން ދެކެ އެކަނި ކަމެވެ. އެހެން އެއްވެސް ބަޔެއް ދެކެ އެކަލާނގެ ލޯބިވެވޮޑިގެން ނުވާނޭ ކަމެވެ. މިހެންވަނީ ވެސް ހަމަ އަޅުގަނޑުމެންގެ އަމިއްލަ ނަފްސު މަސައްކަތްކުރާ ގޮތުގެ ސަބަބުންނެވެ. އަޅުގަނޑުމެންގެ ހިތްތަކުގައި އަނދަނީ ނަފުރަތާއި ހަސަދައާއި، ރުޅިވެރިކަމުގެ އަލިފާނެވެ. އެހެންވެ، އަޅުގަނޑުމެންނަކަށް އެއްވެސް އެހެން މީހަކަށް ހެވެއް ނޭދެވެއެވެ. އަބަދުވެސް އެދެވެނީ އޭނާގެ ހަލާކަށެވެ. އެހެންވެ، މާތްރަސްކަލާނގެ ލޯބިވެވޮޑިގެންވުން އަޅުގަނޑުމެންގެ އަމިއްލަ ނަފްސަށް ޚާއްސަކޮށް އަޅުގަނޑުމެން ނުރޭ އެންމެންނަށް އެލޯބިވެ ވޮޑިގެންވުން ނުލިބޭނޭކަން އަޅުގަނޑުމެންނަށް ކަނޑައަޅާލެވޭ ގޮތް ވެއެވެ.

އިލާހީ ކުޅަދުންވަންތަކަމަކީ ލާނިހާއީ ސިފަފުޅެއް ކަމުގައި ވިޔަސް، އަޅުގަނޑުމެންގެ ހިތްތަކުގެ ބަލިކަށިކަމާއި ނުކުޅެދުމުގެ ސަބަބުންނާއި، އަޅުގަނޑުމެންގެ ތައައްސުބާއި ކިބުރުވެރިކަމުގެ ސަބަބުންނާއި، ހެޔޮލަފާ މީހުންނަކީ ހަމައެކަނި އަޅުގަނޑުމެން ކަމުގައި އަޅުގަނޑުމެން އަމިއްލައަށް ކަނޑައަޅާލުމުގެ ސަބަބުންނާއި، މިހުރިހާ ކަމެއްގެ ސަބަބުން، އަޅުގަނޑުމެންގެ އަތްމަތީ އޮތް އިލާހީ ފޮތް ބެލެވެނީ އޭގެ އަސްލު މަގުސަދަކީ ކޮބައިކަން ދެނެގަނެ އެކަން ހާސިލުކުރުމުގެ މަސައްކަތްކުރުމަށް މަގުދައްކައިދީ ހިދާޔަތުގެ ފޮތެއް ނޫންކަމެވެ. އެ ފޮތަކީ އަނެކުންގެ މައްޗަށް މޮޅުހޯދައި އަނެކުން ދެރަކޮށް ނިކަމެތިކޮށްލައި އަނެކުން ޖަހައްނަމައަށް ލާން އޮތް ވަސީލަތެއްގެ ގޮތުގައެވެ. ސުވަރުގެވަންތަ ވެރިންނަކީ ހަމަ އެކަނި އަޅުގަނޑުމެންކަމަށް ދެކި، އަޅުގަނަޑުމެންގެ ގޮތާއި ޚިލާފުވާ ކޮންމެ މީހަކީ ނަރަކަންވަންތަ ވެރިޔަކަށް ހަދާލުމުގެ ވަސީލަތެއް ކަމެވެ. މިކަން ނިޔާކުރަނީ އަޅުގަނޑުމެން ސުވަރުގެވަންތަ ވެރިންނަށް ވުމަށްޓަކައި އަމިއްލައަށް މަސައްކަތްކުރުމެއް ނޫނެވެ. އެހެން އެންމެން ނަރަކައަށްލާން ވެސް ޖެހުމެވެ. ފަހަރެއްގައި ވެސް މިއީ މާތްރަސްކަލާނގެއަށް ޚާއްސަވެފައި އޮންނަ ކަމެއްކަމާއި މިކަން އެކަލާނގެ މިންވަރުފުޅަށް ދޫކޮށްލާކަށް އަޅުގަނޑުމެން ހިތްހަމައެއް ނުޖެހެއެވެ.

މިގޮތް ބަދަލުވާން ވެއްޖެއެވެ. އިލާހީ ފޮތަކީ ފަރުދީ ރޫހާނިއްޔަތު ކުރިއަރުވައި، ހެޔޮލަފާ އިންސާނަކަށް ވުމުގެ މަގު ބަޔާންކޮށް، އަޅުގަނޑުމެންގެ ޖަމާއަތުގައި އެންމެނަށް ވެސް ހަމަހަމަކަމާއި އިންސާފު ހޯދައިދޭނޭ އުސޫލުތަކެއް ކަނޑައަޅާފައި އޮތް ފޮތެއްކަން ދެނެގަންނަން ވެއްޖެއެވެ. އަދި، އަދުގެ ހާލަތަށް ބަލައި، އިހުގެ ތަޖުރިބާތަކުން ފިލާވަޅު ލިބިގަނެ، އަޅުގަނޑުމެންގެ ޖަމާއީ ހަޔާތުގައި އޮތް ނަހަމަކަމާއި ފަގީރުކަމާއި މުހުތާދުކަން ފިލުވާލާނޭ ގޮތެއް ގެނެވޭނޭ އާސޫރައެއް އެއުސޫލުތަކަށް ގެންނަން މަސައްކަތްކުރަން ވެއްޖެއެވެ. މިކަން ކުރެވޭނީ ވިސްނައި ފިކުރުކުރަން ދަސްވެގެންނެވެ. މިކަމާ ބެހޭ ލިޔުންތައް ކިޔައި ފަހުމުކޮށްގެންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *