...

Support Us

ކޮލަމް މާޒީ: އަތުކުށް– 16

އަޅުގަނޑުމެން ކުރާ ނުވަތަ ލިޔާ ޢިބާރާތެއްގައި އަތުކުށަކީ ކިހާ މުހިންމު އެއްޗެއްކަން ދެނެގަންނާން ޖެހެނީ އަތުކުށުން ސަލާމަތް ނުވެވިއްޖެ ނަމަ، ތިމާ ލިޔާ ޢިބާރާތުން ތިމާ ގަސްތުކުރި މާނަ ނޫން މާނައެއް، އެ ލިޔުމެއް ކިޔާ މީހަކަށް ދޭހަވެދާނެތީއެވެ. އެހެންވެއްޖެ ނަމަ އެއީ ކޮންމެ ފަދަ ނޭދެވޭ ނަތީޖާއެއް ވެސް ނުކުމެދާނެ ކަމެކެވެ. ގިނަ ކުށްތައް އަޅުގަނަޑުމެންނަށް ލިޔެވޭ ކަމަށް އަޅުގަނޑަށް ފާހަގަކުރެވެނީ ދޭންވާ ސަމާލުކަން ނުދެވި ލިޔެލުމާއެކު އެ ލިޔާ ލިޔުމެއް ދޫކޮށްލެވޭތީއެވެ.

ޢިބާރާތުގެ ލަފުޒީ މާނައަކީ [މާނައެއް ދޭހަވާ ގޮތަށް އެތުރިފައިވާ ލަފުޒުތައް]ކަމަށް ބަސްފޮތުގައި އޮވެއެވެ. އެހެންނަމަވެސް ޢިބާރާތުގެ އިޞްޠިލާޙީ މާނައަކީ ވަކި ކަމެއް މާނަކޮށްދިނުމަށްޓަކައި ނުވަތަ އޮޅުންފިލުވައިދިނުމަށްޓަކައި ނުވަތަ ބަޔާންކޮށްދިނުމަށްޓަކައި ޖުމުލައެއްގެ ބައަކުން، ނުވަތަ ޖުމުލައަކުން، ނުވަތަ ޖުމުލަތަކަކުން އަތުރައިލެވޭ ލަފުޒުތަކެވެ. އެހެންކަމުން ޢިބާރާތްކުރާއިރު ލަފުޒުތައް ތަރުތީބުކުރާންވާނީ އެ ޢިބާރާތެއް ކުރާ މަޤުޞަދު ޙާޞިލުވާ ގޮތަށެވެ.

އަތުކުށް ނުވަތަ އިނގިރޭސިބަހުން ކިޔާ ޓައިޕޯއަކީ ލިޔާއިރު ނުވަތަ ޓައިޕުކުރާއިރު، (ސަމާލުކަން ކުޑަވުމުގެ ސަބަބުން) ޖެހޭ ނުވަތަ ލިޔެވޭ ކުށެވެ. އަތުކުށުން ސަލާމަތްވުމަށް ޓަކައި ވަރަށް އާދައިގެ ކުޑަކުޑަ ކަމެއް ކޮށްލައްވައިގެން އެކަމުން ސަލާމަތްވެވިދާނެއެވެ. ތިމާ ކޮށްފައިވާ ޢިބާރާތުން ދޭހަވަނީ ތިމާ ބޭނުންވާ މާނަތޯއާއި އެހެން މާނައެއް ދޭހަނުވޭތޯ ކަށަވަރުކޮށްލެއްވީމާ އެ ނިމުނީއެވެ. ނަމަވެސް ގިނަ ފަހަރަށް ތިމާ އެއްޗެއް ލިޔެފައި އެ ވަގުތު ކިޔައިލައިފި ނަމަ، ތިމާއަށް ދޭހަވާނީ ތިމާ ގަސްތުކުޅަ މާނައެވެ. ޢިބާރާތުގެ ދެލިގަނޑުން ދޭހަވާ މާނައެއް ނޫނެވެ. އެހެންވީމާ، އެހެން މީހަކު ލައްވައި ޗެކުކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ވަކީން ޚާއްޞަކޮށް ނޫސްމަޖައްލާތަކުގައި ލިޔާ ޚަބަރާއި ރިޕޯޓުތަކާއި ޓީވީ އިސްކިރީނުގައި ލިޔެފައި ހުންނަ ލިޔުންތައް ޗެކުކޮށް އިޞްލާޙުކުރާނޭ މީހަކު ހުރުމަކީ އެ ނޫހަކާއި ޓީވީ އިސްޓޭޝަނެއްގެ ޤަދަރު އުފުލޭނޭ ކަމެކެވެ. މި ވެނި ނޫހެއްގައި ނުވަތަ ޓީވީއެއްގައި ކުށެއް ނުހުންނާނެޔޭ ނުވަތަ ވަރަށް ވެސް ކުށް މަދޭ މުޖުތަމަޢުގެ ގިނަ މީހުން ބުނާ ނަމަ، އެއީ ޝަރަފެކެވެ.

މި ކަމާ މެހޭ ގޮތުން މަޝްހޫރު ލިޔުންތެރިޔާ މަޑުލު މުޙަންމަދު ވަޙީދު "ލިޔަންވީ ކީއްވެ؟" މި މައުޟޫޢޫގެ ދަށުން ލިޔުއްވައިފައި ލިޔުއްވުމެއް ނިންމައިލެއްވި ޢިބާރާތުން ތަންކޮޅެއް ނަކަލުކޮށްލާނަމެވެ. އޭނާ ލިޔުއްވައިފައިވެއެވެ. "ލިޔެ ނިންމައިލައިފައި އެއްކޮޅުން އަނެއް ކޮޅަށް ކިޔައިލާންވާނެއެވެ. މިއީ ތާކުންތާކުޖެހޭ އެއްޗެއްތޯ ކަނޑައަޅާންވާނެއެވެ. އިމްލާ ކުށެއް، ޢިބާރާތުގެ ކުށެއް އޮތްނަމަ ރަނގަޅުކޮށްލާން ވާނެއެވެ. ހިމަނާންޖެހޭ ނުކުތާއެއް ނުހިމެނި އޮތްތޯ ވިސްނައިލާންވާނެއެވެ."

މި ޢިބާރާތް ލިޔުއްވުމަށް ފަހު ނިންމައިލައްވަމުން އޭނާ ވިދާޅުވެފައިވަނީ ވަރަށް ވަރުގަދަ ވާހަކައެކެވެ. "މި ގޮތަށް ނުލިޔެވޭނަމަ، ހަމަ ގައިމު ވެސް އަޅުގަނޑެއް ނުލިޔާނަމެވެ. މިއީ އުނދަގޫ، ގިރާކުރާން ދަތި ހަރުފަތްތަކެއް ކަމަށް ވާނަމަ، ލިޔުމަށްވުރެ ނުލިޔެ ހުރުން މާ ބުއްދިވެރިއެވެ."

މި ވާހަކަ އަޅުގަނޑު މި ލިޔެލީ އަޅުގަނޑުމެން އެންމެންނަށް ވެސް ލިޔެވިފައި ހުންނަ ކުށް ޢިބާރާތްތައް ހުންނަނީ ހަމަ ގައިމު ވެސް ނޭނގިގެންނެއް ނޫނެވެ. އަދި ވަކީން ޚާއްޞަކޮށް ނޫސްވެރިކަމުގެ ދާއިރާގައި އުޅުއްވާ ގިނަ ބޭފުޅުންނަކީ ތަޢުލީމީ ޤާބިލު ބޭފުޅުންނެވެ. ތަޖުރިބާކާރު، ޢިލްމީ ބޭފުޅުންނެވެ. އެ ފަދަ ބޭފުޅުން ނެރުއްވާ ލިޔުންތަކުގައި ޢިބާރާތުގެ ކުށްތައް ހުންނަނީ، އަޅުގަނޑު މި ދެންނެވި ނަޒަރުން ވިސްނައިވަޑައި ނުގަންނަވާތީއެވެ. ނުވަތަ އަލުން ވިދާޅުވާން ނުވަތަ އިޞްލާޙުކޮށްލާން ވަގުތު ލިބިވަޑައިނުގަންނަވާތީއެވެ. ނަމަވެސް ކުށް ރަނގަޅުކުރާން ވަކި މުވައްޒަފަކު ބަހައްޓަވައިފި ނަމަ، ހަމަ ގައިމު ވެސް، އެ އޮންނަ ކުށާއެކު ތާ އަބަދަކަށް އެ ލިޔުމެއް ނޯތީހެވެ.

ކުށެއް ލިޔެވިދާނެއެވެ. ލިޔެވޭނެއެވެ. "މުގުރީންނަށް ވެސް ކުށް ކިޔެއެވެ." ނަމަވެސް މި ޒަމާނުގެ ގިނަ ނޫސްތަކަކީ އޮންލައިނުކޮށް ޝާއިޢުކުރާ، އަދި ޗާޕު ނުކުރާ ނޫހަށް ވާއިރު، ފަހުން ވެސް އެ ފަދަ ކުށްތައް ރަނގަޅުކުރެވޭންވާނެ ކަމަށް އަޅުގަނޑު ދެކެމެވެ. ނޫސްތަކުގެ މައި ސުރުޚީތަކާއި ޓީވީ އިސްކިރީނުގެ ތިރިއަށް އަރާ ލިޔުންތައް، ފަހުން ނަމަވެސް ބަލައިލައި އިސްލާހުކޮށްލާނޭ ޒިންމާދާރު އެކަކު ވެސް ނުހުންނަނީބާއޭ ހިތަށް އަރާ ކިތަންމެ ފަހަރެއް އާދެއެވެ. ކޮންމެ ބޭފުޅަކު ބައްލަވައިލެއްވިޔަސް އެއީ ކުށެއްކަން ޔަގީންވާނޭ ކިތަންމެ ކުށެއް، ކުށުގެ ގޮތުގައި ދާއިމަށް އެބަ އޮވެއެވެ. ކުށަކާއެކު ޗާޕުކުރެވިއްޖެ ނަމަ، އެ ކުށެއް އަބަދު ވެސް އެ ގޮތަށް އޮވެދާނެއެވެ. އޮންނާނެއެވެ. ނަމަވެސް މި ޒަމާނުގެ އޮންލައިނު ނޫސްތަކުގައި އެ ފަދަ ކުށްތައް ދާއިމަށް އޮންނާން ޖެހޭނެ ކަމަކަށް އަޅުގަނޑެއް ގަބޫލެއް ނުކުރަމެވެ.

އަޅުގަނޑުގެ ވާހަކަ މާ ދިގުވެއްޖެއެވެ. "ދަންބެރަށް ވުރެ ތަގުޑި ދިގުވެއްޖެއެވެ." މިއަދު އަޅުގަނޑު އުޅުނީ ނޫހެއްގެ ސުރުޚީއެއްގެ ޢިބާރާތުގައި ލަފުޒުތައް ތަރުތީބު ކޮށްފައި އޮތް ގޮތުން ވަރަށް ނުރަނގަޅު މާނައެއް ދޭހަވާތީ އެ ވާހަކަ ދަންނަވައިލާށެވެ. ތިން ދުވަސް ވީއިރު ވެސް ހަމަ އެ ކުށް އެ ގޮތަށް އޮތީތީއެވެ. މިއީ ޚަބަރެއްގެ ސުރުޚީއެވެ. ފަރުވާތެރިކަމާއެކު ވިދާޅުވާށެވެ. ޑިސެންބަރު 27، 2021 ގެ އޮންލައިނު ނޫހެއްގެ ސުރުޚީއެއްގައި އޮތެވެ. "ޢާއިލާއިން އެދިގެން ޔާމީން މަރާލި މައްސަލައިގަ ޙުކުމް ކުރުން ފަސްކޮށްފި" ކަމަށެވެ. މި ސުރުޚީގައި ހުރި ގަވާއިދުގެ ކުށްތަކަށް ނުބައްލަވައި ހަމައެކަނި ޢިބާރާތްކުރުމުގެ ކުށަށް ނަޒަރެއް ދެއްވާށެވެ. އެ ޢިބާރާތުން ގަސްތުކޮށްފައި އޮތް ކަމަށް ދޭހަވާ މާނައަށް ނުބައްލަވައި ސީދާ ދެލިގަނޑުން ދޭހަވާ މާނައަށް ވިސްނަވާށެވެ!

އެ ޢިބާރާތުގެ ދެލިގަނޑުން ދޭހަވާ މާނައަކީ، ޔާމީންގެ ޢާއިލާއިން އެދިގެން ޔާމީން މަރައިލައިފައިވާކަމެވެ. މަރައިލީ ކާކުކަމެއް ނޭނގެއެވެ. އަދި އެ މައްސަލަ ބަލަމުން ގެންގޮސް ޙުކުމާ ހަމައަށް ދިޔަކަމެވެ. ނަމަވެސް އެ މައްސަލައިގެ ޙުކުމް ކުރުން ފަސްކޮށްފި ކަމެވެ. އަދި އެ ގޮތަށް ފަސްކުރީ ޢާއިލާއިން އެދިގެންކަމެވެ. ނަމަވެސް އެއީ މަޒުލޫމުގެ ޢާއިލާއިން ނުވަތަ މުއްތަހަމްގެ ނުވަތަ ގާތިލުގެ ޢާއިލާއިން އެދިގެންކަމެއް ސާފެއް ނޫނެވެ. ނަމަވެސް އަޅުގަނޑުމެންނަށް ލަފާކުރެވެނީ، އަދި މުޖުތަމަޢުން އެނގިފައިވާ މަޢުލޫމާތަށް ބަލާއިރު، ޔާމީން މަރައިލީ އޭނާގެ ޢާއިލާއިން އެދިގެން ކަމަށް އެއްވެސް މީހަކު ޝައްކެއް ވެސް ނުކުރެއެވެ. އަދި އެ ކުށް ކުރިކަމަށް ތުހުމަތު ކުރެވޭ އެހެން މީހުން ވެސް އެބަ ތިއްބެވެ. މީޑިއާގެ މަޢުލޫމާތަށް ބަލާއިރު ޙުކުމްކުރުން ފަސްކުރީ ޔާމީން ރަޝީދުގެ ޢާއިލާއިން އެދިގެންނެވެ. އެއީ ޢާއިލާގެ މެންބަރަކު މި ވަގުތު ބަލިވެ އުޅޭތީއެވެ. ޝަރީޢަތުގެ ކޮންމެ މަޖިލީހަކަށް ވެސް އެ ޢާއިލާއިން ހާޒިރުވާތީ ހުކުން އިއްވާ ޖަލްސާއަށް ވެސް ހާޒިރުވާން ބޭނުންވާތީއެވެ.

ވީމާ، ސުރުޚީގެ ޢިބާރާތުގައި ލަފުޒުތައް ތަރުތީބުކޮށްފައިވަނީ ރަނގަޅަކަށް ނޫންކަން އެބަ ސާބިތުވެއެވެ. ޢިބާރާތުގެ ދެލިގަނޑުން ދޭހަވަނީ، ޢިބާރާތުން ދޭހަކުރާން ލިޔުންތެރިޔާ ގަސްތުކުޅަ މާނަ ނޫންކަން ވަރަށް ސާފެވެ. ސުރުޚީގެ ޢިބާރާތުގައި ލަފުޒުތައް ތަރުތީބު ވެފައި އެވަނީ ފުރިހަމަ މާނަ ދޭހަވާ ގޮތަކަށް ނޫނެވެ. ނުރަނގަޅު މާނައެއް ދޭހަވާ ގޮތަކަށެވެ.

މި ސުރުޚީގެ ޢިބާރާތުން ފުރިހަމަ މާނައެއް ދޭހަކުރުމަށް ޓަކައި ކިތަންމެ ޢިބާރާތަކުން އެ ޖުމުލަ ލިޔެވިދާނެއެވެ. އަދި އެ ޢިބާރާތުގައި މިހާރު ހުރި ލަފުޒުތައް ފިޔަވައި އިތުރު ލަފުޒެއް ބޭނުންނުކޮށް ހަމައެކަނި ލަފުޒުތަކުގެ ތަރުތީބު ބަދަލުކޮށްލައިގެން ވެސް މާނަ ފުރިހަމަކޮށްލެވިދާނެއެވެ. މިސާލަކަށް: "ޔާމީން މަރާލި މައްސަލައިގަ ޙުކުމް ކުރުން ޢާއިލާއިން އެދިގެން ފަސްކޮށްފި" މި ގޮތަށް ތަރުތީބުކޮށްލެވިދާނެއެވެ. މި ގޮތަށް ތަރުތީބުކޮށްލީމާ ދޭހަކޮށްދޭން ގަސްތުކުޅަ މާނަ ދެލިގަނޑުން ދޭހަވާނެކަން ކަށަވަރެވެ.

މި ގޮތަށް ބަދަލުކޮށްލިޔަސް އެ ޖުމުލަ އަދި ކުށުން ސަލާމަތެއް ނުވެއެވެ. އައިބައިފިލީގެ ދެ ކުށަކާއި ލަފުޒު ރޫޅުމުގެ ކުށެއް އިޞްލާޙުކޮށްލާން އެބަޖެހެއެވެ. ވީމާ، އެ ގޮތަށް އިޞްލާޙުކޮށްލީމާ އޮންނަ ގޮތަށް އެ ޢިބާރާތުގެ ޖުމުލަ (ސުރުޚީ) ބަދަލުކޮށްލާނަމެވެ. އިޞްލާޙުކުރިބައިގެ އަކުރުތައް ފަލަކޮށްފައި އެވަނީއެވެ. "ޔާމީން މަރައިލި މައްސަލައިގައި ޙުކުމްކުރުން ޢާއިލާއިން އެދިގެން ފަސްކޮށްފި"އެވެ. "މަރާލި" އޮތް ތަން "މަރައިލި"އަށް ބަދަލުކޮށްލީ އާންމު އަދަބީ ބަހުރުވައިން "މަރާލި"، "މަރާފި" "ކާފި"، "ހިނގާފި" މި ގޮތްގޮތަށް ކިޔައި ނޫޅޭތީއެވެ. "މަރާލި"ގެ ބަދަލުގައި އޮންނާންވީ "މަރައިލި" މިހެންކަން ސާބިތުކޮށްލުމަށް ޓަކައި އެ ނިމިނިމުނުކަން ނަފީކޮށްލައްވާށެވެ! އަޅުގަނޑުމެން ލިޔެކިޔައި ހަދަނީ، "މަރައެއްނުލައި" މިހެންތޯ ނުވަތަ "މަރާއެއްނުލައި" މިހެންތޯ ވިސްނަވާށެވެ. އެ ރާގައި އޮންނަނީ އާބާފިއްޔެއް ނަމަ، ނަފީކުރިޔަސް ނުވަތަ އެކަހެރިކުރިޔަސް އަދި އާންމުކޮށްލިޔަސް އޮންނާނީ "މަރާއެއް" މިހެންނެވެ. ނަމަވެސް މިއީ އަޅުގަނޑުމެން ލިޔެކިޔައި އުޅޭ ގޮތެއް ނޫނެވެ. ވީމާ އެއީ އައިބައިފިލި އޮންނާން ޖެހޭ ތަނެއްކަން އެބަ އެނގެއެވެ. "މައްސަލައިގަ" މިއީ ވެސް ކުށް ގޮތެކެވެ. ސަބަބަކީ ދިވެހިބަހުގެ ހުރިހައި ގަވާއިދު ފޮތެއްގައި ވެސް ބަޔާންކޮށްފައިވަނީ ވަގުތާއި ތަން ބަޔާންކުރާން ބޭނުންކުރާ އަކުރަކީ "ގައި" ކަމެވެ. "ގަ"އެއް ނޫނެވެ.

އަޅުގަނޑު މި ދަންނަވައިލި ދެތިން ކުށް އެ ޢިބާރާތުގައި އޮތީ އެ ބޭފުޅުންނަށް އެނގިވަޑައި ނުގަންނަވާތީއެއް ނޫނެވެ. އަޅުގަނޑަށްވުރެ ތިޔަ ހުރިހާ ބޭފުޅުން ވެސް މާ މޮޅުފުޅުވާނެއެވެ. ނަމަވެސް ދެއްވޭ ސަމާލުކަން ކުޑަވީމާ، ދެވަނަ ފަހަރަށް ވިދާޅުނުވެވެނީއެވެ. އެހެންވެ އަތްދަށުންދަނީއެވެ. ވީމާ، މި ފަދަ ކުށްތަކުން ސަލާމަތްކުމަށް ޓަކައި ކޮންމެ ނޫހެއްގައި ވެސް "ކުށްކަނޑާ" މުވައްޒިފަކު ބެހެއްޓުމަކީ މުހިންމު ކަމެކެވެ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.