...

Support Us

އިންސާނާ– އައްލާމާ މުހައްމަދު އިޤްބާލު

ތިރީގައި ހުށަހަޅާލެވިފައި ވަނީ ޢައްލާމާ މުޙައްމަދު އިޤްބާލުގެ "އިންސާނާ" މިޅެމުގެ ދިވެހި ތަރުޖަމާއެކެވެ. ޢައްލާމާ އިޤްބާލާ އުފަންވެވަޑައިގަތި 1877ވަނަ އަހަރުގައެވެ. އަވަހާރަވީ 1938 ގައެވެ. އޭނާ ތައުލީމު ހާސިލުކުރެއްވީ އިހުގެ އިންޑިޔާގައްޔާއި އިނގިރޭސިވިލާތުގައްޔާއި ޖަރުމަނުވިލާތުގައެވެ. އައްލާމާ އިޤްބާލަކީ ޕާކިސްތާނުގެ ފަލްސަފާވެރި ގައުމީ ޝާއިރެވެ. މުސްލިމުންގެ ވަކި ދައުލަތެއް، ޕާކިސްތާނުގެ ނަމުގައި، އުފެއްދުމުގެ ޚިޔާލުގެ ބާނީއެވެ.

މި ލިޔުމުގައި ޢައްލާމާ އިޤްބާލުގެ ލިޔުންތަކުގެ ވާހަކަ ނަންގަނެލައި، އޭނާގެ ލިޔުންތަކުގެ ރިސާލަތު، އާދެ، މެސެޖާ ބެހޭ ގޮތުންވެސް އެއްޗެއް ލިޔެލަން ގަސްދުކުރަމެވެ. "އިންސާނާ" މި ޅެމުގެ ތަރުޖަމާގެ މުގައްދިމާއެއްގެ ގޮތުންނެވެ.

އައްލާމާ އިޤްބާލުގެ ލިޔުންތައް ދެބަޔަކަށް ބަހައިލެވެއެވެ. ޅެން ބަހުރުވައިން ލިޔެވިފައިވާ ލިޔުމާއި ނަސްރުގެ ބަހަރުވައިން ލިޔެވިފައިވާ ލިޔުމެވެ. އޭނާގެ ގިނަ ޅެންތައް ލިޔެވިފައިވަނީ ފާރިސީ ބަހުންނެވެ. މީގެ އިތުރުން، އުރުދޫ ބަހުންވެސް، އޭނާގެ ބައެއް ޅެންތައް، ލިޔެވިފައި ވެއެވެ.

އޭނާގެ ޅެންތައް، އެކިއެކި ދީވާނުތަކުގައި، ޅެންފޮތްތަކުގައި، އެއްކުރެވި ޝާއިއު ކުރެވިފައި ވެއެވެ. ފާރިސީބަހުގެ ޅެންތަކުގެ ދީވާނުތަކުގެ ތެރޭގައި "އަސްރާރޭ ޚުދީ" (ނަފުސުގެ ސިއްރުތައް)، "ރުމޫޒޭ ބޭޚުދީ" (ނަފުސު އިންކާރު ކުރުމުގެ ރަމްޒުތައް) "ޕަޔާމޭ މަޝްރިޤް" (އިރުމަތީގެ މެސެޖު) "ޒަބޫރޭ އަޖަމް" (ފާރިސީ މުގައްދަސް ލަވަތައް)، އަދި "ޖާވީދު ނާމާ" (ޖާވީދުގެ ފޮތް) މި ދީވާނުތައް ހިމެނެ އެވެ. އަދި، އުރުދޫ ބަހުގެ ޅެންތަކުގެ ދީވާނުތަކުގެ ތެރޭގައި "ބާންގޭ ދަރާ" (ރަނގަބީލުގެ ގޮވުން)، "ބާލޭ ޖިބްރީލް" (ޖިބްރީލުގެ ފިޔަފުޅު) އާއި "ޕަސް ޗޭހ ބާޔަދް ކަރްދޭ އަޤްވާމޭ ޝަރްޤް" (އިރުމަތީ ގައުމުތަކުގެ މީހުންނޭވެ، ދެން ކުރަން އޮތީ ކޮންކަމެއް ހެއްޔެވެ؟)، "ޟަރްބޭ ކަލީމް" (މޫސާގެފާނުގެ [އަސާކޮޅުގެ] ޖެއްސެވުން) "އަރްމުޣާނޭ ޙިޖާޒް" (ޙިޖާޒުކަރައިގެ ހަދިޔާ)، މިދީވާނުތައް ހިމެނެއެވެ. އަރްމުޣާނޭ ޙިޖާޒުގައި ފާރިސީ ޅެން ވެސް ހިމެނެއެވެ.

އަދި ނަސްރުން ލިޔުއްވި "އިގުތިސާދީ އިލްމު" އޭނާ ލިޔުއްވީ އުރުދޫ ބަހުންނެވެ. މީގެ އިތުރުން، އޭނާ ލިޔުއްވި ދެ ފޮތް ލިޔުއްވީ އިނގިރޭސި ބަހުންނެވެ. އެއީ އޭނާގެ ދުކްތޫރާ ފާހުގެ (ޕީ.އެޗް.ޑީ.ގެ) ރިސާލަތް (ތީސިސް) ކަމަށްވާ "ފާރިސްކަރައިގައި މާވަރާއީ ފިކުރު ތަރައްގީވަމުން އައިގޮތް" މިފޮތާއި "އިސްލާމީ ދީނީ ފިކުރު އަލުން ބިނާކުރުން" މި ފޮތެވެ.

އައްލާމާ އިޤްބާލުގެ ލިޔުންތައް މައިގަނޑު ގޮތެއްގައި އަމާޒު ކުރެވިފައިވަނީ މުސްލިމުންނަށެވެ. އެލިޔުންތަކުގައި ގޮވައިލައިފައިވަނީ އެމީހުން އަލުން ކުރިއަރައި ދިޔުމަށްޓަކައި މަސައްކަތް ކުރުމަށެވެ. އެމީހުންގެ ދީނީ އަގީދާތަކާއި އުސޫލުތަކުގެ މަތީ ތިބެއެވެ. އޭނާގެ ޅެންތަކުގެ މަގުސަދަކަށްވެފައި އޮތީ މި މަސައްކަތް ކުރުމުގެ އެދުމާއި އަޒުމް، ހިތްވަރާއި ކެރުން، އެމީހުންގެ ހިތްތަކުގައި އުފެއްދުމެވެ. އަދި މިކަމުން، އެމީހުންގެ ނަފުސުތައް ހޭލައްވައިލުމެވެ. މިކަން ކުރުމުގެ ވަރުގަދަ ރޫހެއް އެމީހުންގެ ކިބައިގައި އުފެއްދުމެވެ. އެހެންވެ، އޭނާގެ ޅެންތައް އަމާޒުކުރެވެނީ އެމީހުންގެ ހިތުގެ އިހުސާސުތަކަށެވެ. އެމީހުންގެ ވުޖްދާނަށެވެ. ޖަޒުބާތުތަކަށެވެ. ޢައްލާމާ އިޤްބާލުގެ މިރިސާލަތު އޭނާގެ "އަސްރާރޭ ޚުދީ" (ނަފުސުގެ ސިއްރުތައް) މިޅެމުން ފެނިގެންދެއެވެ. މިކަން އިތުރަށް ސާފުކޮށްލުމުގެ ގޮތުން، މިދީވާނުގެ މައްޗަށް އަވަސް ކަޅިއެއް އެއްލަމާތޯއެވެ.

"އަސްރާރޭ ޚުދީ" (ނަފުސުގެ ސިއްރުތައް) އެންމެ ފުރަތަމަ ޝާއިއު ކުރެވުނީ 1915ވަނަ އަހަރު އެވެ. ބައެއް ނާގިދުން ދެކޭގޮތުގައި ޢައްލާމާ އިޤްބާލުގެ އެންމެ ރީތި ޅެންބައިތުތައް ހިމެނެނީ މި ދީވާނުގައެވެ. މިދީވާނުގައި ބަލާލައިފައިވަނީ "ނަފުސު" ނުވަތަ "ޒާތު"ގެ މައްޗަށެވެ. މިތާނގައި "ނަފުސު" ނުވަތަ “ޒާތު" ބޭނުން ކޮށްފައިވަނީ އިންސާނާގެ ޖައުހަރުގެ މާނައިގައެވެ. ކީރިތި ޤުރްއާނުގެ އިބާރާތުން ނަމަ "ރޫޙު"ގެ މާނައިގައެވެ. އާދެ، އިންސާނާއަށް ދިރުންދޭ އިލާހީ ބާރުގެ މާނައިގައެވެ. ކޮންމެ މީހަކަށް ވެސް މި ރޫޙު، އިލާހީ މި"އަނގުރުކޮޅު" ލިބިފައިވެއެވެ. ކޮންމެ މީހެއްގެ ވެސް ހަޔާތުގެ މައި މަގުސަދަކަށް ވާންޖެހޭނީ އޭނާގެ އިލާހީ "އަނގުރުކޮޅު"ގައި ހުޅު ހިއްޕާލުމެވެ. އެމީހެއްގެ "ރޫހަށް" ދަތުރުކުރެވެން އޮންނަ އެންމެ މައްޗަށް ދަތުރު ކުރުމަށްޓަކައި މަސައްކަތްކުރުމެވެ. އާދެ، އީމާންކަންމަތީ ހުރެ، އޭނާގެ ކިބައިގައި ފޮރުވިފައިވާ ކުޅަދާނަކަން ބޭރަށް ނެރުމެވެ. އޭނާގެ އަމިއްލަ ހިތްވަރުންނާއި މަސައްކަތުންނެވެ. އިލްމު އުނގެނި އެކިއެކި ހުނަރުތައް ހޯދައި ލިބިގަނެގެންނެވެ. ގުދުރަތުން އޭނާއާ ހަވާލުކުރެވިފައިވާ ވާޖިބު އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަށްޓަކައެވެ.

އިންސާނާގެ ކިބައިގައި ފޮރުވިފައިވާ އިލާހީ "އަނގުރުކޮޅު"ގެ މިސާލަކީ އޮށެއްގެ މިސާލެވެ. އެ އޮށުގައި ފޮރުވި ރައްކާކުރެވިފައިވާ މީރުވަސްދުވާ މަލަކާއި އަދި އަގުހުރި މޭވާ ލިބެނީ އެއޮށް އިންދައި އެއިން ގަސް ފަޅުވައި އެގަސް ހައްދައި ބޮޑުކޮށްގެންނެވެ. އެއޮށް، ފިނިހޫނުގެ ތެރެއަށް އެއްލާލެވި، އަޅާ ނުލެވި އޮވެއްޖެ ނަމަ، އެއޮށުގައި ފޮރުވިފައި އޮންނަ "ރޫޙު" ނުވަތަ އިލާހީ "އަނގުރު ކޮޅު" ނިވި، އަޅިއަށްވެ، ހުލިވެދެއެވެ. އިންސާނާވެސް އޭނާއަށް ލިބިފައި އޮތް އިލާހީ އަނގުރުކޮޅު ރޯކޮށް އޭގައި ހުޅު ހިއްޕަން މަސައްކަތް ނުކޮށްފި ނަމަ، އޭނާގެ "ނަފުސު" ނުވަތަ "ޒާތް" ހަލާކުވެދެއެވެ. މިފަދައިން، ހަލާކުގެ ތެރެއަށް އަމިއްލަ ނަފުސު އެއްލާލުމަކީ، އައްލާމާ އިޤްބާލު ދެކެވަޑައިގަންނަވާ ގޮތުގައި، ބޮޑު އިސްރާފެކެވެ. އެހެންވެ، އެމީހެއްގެ ކިބައިގައި ފޮރުވިފައިވާ މޮޅުކަމެއްގެ، ނުވަތަ، ހުނަރެއްގެ، މޭވާ ލިބިގަތުމަށްޓަކައި ކޮންމެ ފަރުދަކުވެސް މަސައްކަތް ކުރަން ޖެހޭނެއެވެ. އާދެ، "އަސްރާރޭ ޚުދާ" (ނަފުސުގެ ސިއްރުތައް) މި ޅެންފޮތުގެގައި ދެވިފައިވާ މެސެޖަކީ، ރިސާލަތަކީ، މިއެވެ. މުސްލިމުންނަށް ޢައްލާމާ އިޤްބާލު ފޯރުކޮށްދޭން ބޭނުންވާ މެސެޖަކީ މިއެވެ. ކޮންމެ މުސްލިމަކުވެސް ގަދައަޅައި މަސައްކަތްކޮށްގެން އޭނާގެ އަމިއްލަ ޒާތު، ބޭރަށް ނެރެ ފާޅުކޮށްލަންވީއެވެ. އިލްމާއި ހުނަރު ލިބިގަނެގެން، އިސްލާމީ އާ ޙަޟާރަތެއް ބިނާކުރުމުގެ މަސައްކަތް ކުރުމަށްޓަކައެވެ.

ޢައްލާމާ އިޤްބާލުގެ ނަސްރުން ލިޔެވުނު ލިޔުންތަކުގައި މިކަން ކުރެވޭނޭ ގޮތުގެ މައްޗަށް، އަލި އަޅުވާލެވިފައި ވެއެވެ. މިއަދު އެކަން ކުރެވޭނީ ކިހިނެއްކަމާ މެދުގެ މައްޗަށް، އޭނާގެ "ރީކޮންސްޓްރަކްޝަން" އާދެ "އިސްލާމީ ދީނީ ފިކުރު އަލުން ބިނާކުރުން" މިފޮތުގައި އަލިއަޅުވާލެވިފައި ވެއެވެ. (މި ފޮތުގައިވާ މި ޚިޔާލު، ތަފުސީލީ ގޮތެއްގައި އެމެރިކާގެ ޗިކާގޯ ޔުނިވަރސިޓީގައި 1968އިން ފެށިގެން 1988ވަނައަހަރާއި ހަމައަށް، އިސްލާމީ ދިރާސާތުގެ ޕޮރޮފެސަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ޕާކިސްތާނުގެ އިސްލާމީ އިލުމުވެރިއެއް ކަމަށްވާ ފަޟްލުއްރަޙްމާނު، އޭނާގެ "އިސްލާމް އެންޑް މޮޑާރނިޓީ– ޓްރާންސްފޯމޭޝަން އޮފް އެން އިންޓަލެކްޗުއަލް ޓްރެޑިޝަން" (އިސްލާމް ދީނާއި ޙަދާޘަތު [މިޒަމާން]– ޢަގްލަނީ ތަރިކައަކަށް އާ ސޫރައެއް ގެނައުން)، މިފޮތުގައި އިތުރަށް ތަރައްގީކުރެވި، ތަފްސީލެއް ދެއްވައިފައި ވެއެވެ.)

އަޅުގަނޑު ތަރުޖަމާ ކުރާ "އިންސާނާ"، މިޅެން، ނެގި ފައިވަނީ އޭނާގެ "ބާނގޭ ދަރާ" މި ދީވާނުންނެވެ. މި ދީވާނު ލިޔެވިފައިވަނީ، ކުރިންވެސް ނަންގަނެވިދިޔަ ފަދައިން އުރުދޫ ބަހުންނެވެ. މިޅެމާއި އަޅުގަނޑު ތަރުޖަމާ ކުރަމުން އަންނަ އައްލާމާ އިޤްބާލުގެ ހޮވާލެވިފައިވާ އެހެން ބައެއް ޅެންތައް ވެސް ތަރުޖަމާ ކުރެވެނީ، މިޅެންތަކުގެ އިނގިރޭސި އަދި އަރަބި ތަރުޖަމާގެ އެހީއާ ވެސް އެކުގައެވެ.

އެންމެ ފުރަތަމަ "އިންސާނާ"، މި ޅެމުގެ ޚުލާސާއެއް، ލިޔެލާނަމެވެ. މިޅެމުގައި ބަލާލެވިފައިވަނީ އިންސާނާގެ ހާލަތުގެ މައްޗަށެވެ. އިންސާނާއަށް، ގުދުރަތުން، ވިސްނުމާއި ފިކުރު ކުރުމުގެ އެކަށޭނަކަށް ދެއްވާފައިވެއެވެ. ނަމަވެސް، އޭނާއާއި ގުދުރަތުން ހަވާލުކުރެވިފައިވާ މަސްއޫލިއްޔަތު، މާތްﷲގެ ޚަލީފާއެއް ކަމުގައި ބިމުގައި ވުން، އަދާކުރުމުން އިންސާނާ ދުރަށް ދިއުމުގެ ސަބަބުން، އޭނާގެ ހިތްވަނީ ނުތަނަވަސްވެފައެވެ. އޭނާގެ ހިތަށް ހަމަޖެހުމެއް ނުލިބެއެވެ. އޭނާގެ ހަޔާތްވަނީ ހިތި ވެފައެވެ.

މިއާ ޚިލާފަށް، ދުނިޔޭގެ އެހެނިހެން މަޚްލޫގުތަކުން، އެ އެއްޗިއްސާ ގުދުރަތުން ހަވާލުކުރި ވާޖިބުތައް އަދާ ކުރުމުގައި އުފަލުގައި ދެމި ތިބެއެވެ. މީގެ މިސާލެއްގެ ގޮތުން އެންމެ ފުރަތަމަ އިޝާރަތްކޮށްލެވިފައިވަނީ ދެމެމުން ދާ ކޯރުތަކަށެވެ. އެ ކޯރުތަކުގެ ފެންގަނޑު ކަނޑާއި މިލްޖުލްވާ މަންޒަރަށެވެ. ދެން، ޖެހެމުންދާ ނަލަ ރޯޅިއާއި، މިރޯޅި، އުޑުމަތީގައި ހެދިފައިވާ ވިލާތަކަށް ކުރުވާ އަސަރަށެވެ. ރޯޅީގެ ސަބަބުން ވިލާތައް ދުވާތަނަށެވެ. މިދުވުން ސިފަކޮށްދީފައިވަނީ ރޯޅީގެ ކޮނޑުމަތީ ބަހައްޓައިގެން ވިލާތައް ގެންދާ ގެންދިޔުމެއްގެ ގޮތުގައެވެ. ދެން ތަރިތަކަށެވެ. ރޭގަނޑު، ފިޔަޖަހާލަ ޖަހާލަ، އުޑުމަތީގައި، ހައްޔަރުވެފައި އެތަރިތައް ތިބޭ ތަނަށެވެ. ދެން، އިރަށެވެ. އިރު، އަޅުވެރިއެއް ފަދައިން، ދުވާލުގެ އަލިކަމައިގެން، ހެނދުނާ އައިސް އެންމެން ހޭލައްވައެވެ. އަދި، ދުވާލުގެ ވަގުތު ނިމުމަކަށް އައުމުން، ފަރުބަދައިގެ ބިއްދޮށަށް ގޮސް ފިލާ ހުރެއެވެ. ދުނިޔޭގެ މައްޗަށް ގަދަ ރަތް ކުލަ އަރުވާލާފަ އެވެ. މިކަން ސިފަކުރެވިފައިވަނީ އިރު ބޮމުން ދާ ރަތްކުލައިގެ ރާތަށްޓެއްގެ ގޮތުގައެވެ.

އާދެ، ޅެންވެރިޔާގެ ނަޒަރުގައި، ގުދުރަތުން މިފެންނަ ހުރިހާ މަންޒަރުތަކެއްމެ ބުނެ އިއްވައިދެނީ، ވުޖޫދުގައިވާ ހުރިހާ އެއްޗެއްމެ، އެ އެއްޗެއްސާ ގުދުރަތުން ހަވާލު ކުރެވިފައިވާ ވާޖިބު އަދާކުރުމުގައި އުފަލުގައި ދެމިތިބި ވާހަކައެވެ. ވިސްނާ ފިކުރުމުގެ އެކަށޭނަކަން އެ އެއްޗެއްސަށް ލިބިފައިނެތް ކަމުގައި ވިޔަސް ވެހެވެ. ނަމަވެސް، އިންސާނާއަށް، ގުދުރަތުން އޭނާއާ ހަވާލު ކުރެވުނު ވާޖިބު އަދާ ނުކުރެވުމުގެ ސަބަބުން، އޭނާއަށް އޮތީ އޭނާގެ ހަޔާތުގެ ދުވަސްތައް ހިތްހަމަ ނުޖެހުމުގެ ތެރޭގައި ވޭތުކޮށްލަން ޖެހިފައެވެ. ގުދުރަތުން އޭނާއަށް، ދެއްވާފައިވާ ސިކުނޑިއަކަށް، ހަޔާތުގެ ސިއްރުތައް، މުސްތަގިއްލު ގޮތެއްގައި، ހޯދައިގަތުމުގެ އެކަށޭނަކަން ލިބިފައެއް ނުވެއެވެ. އިންސާނާ ދުނިޔެއަށް އައީ ކިހިނެއްކަމާއި ހަޔާތުގެ މާނައަކީ ކޮބައިކަމާއި އަދި އޭނާ ނިމިދަނީ ކޮންތާކަށްކަމާއި، މިކަންކަން ހޯދައިގަތުމުގެ ކުޅަދާނަކަމެއް އޭނާގެ ސިކުނޑިއަކަށް ލިބިފައެއްނުވެއެވެ. މި ނުކުޅެދުމުގެ ސަބަބުން، އޭނާއަށް ދާއިމީ އުފަލެއް، އަރާމެއް، ނުލިބެއެވެ. އާދެ، މިކަމުގެ ހައްލަކީ، އިންސާނާ، އޭނާ، ހެއްދެވި ފަރާތަށް ރުޖޫއުވުމެވެ. ހަޔާތުގެ ސިއްރުތައް ދެނެގަތުމުގައި، އެކަލާނގެ ހިދާޔަތު ހޯދުމެވެ. އަދި، އޭނާއާ ހަވާލު ކުރެވިފައިވާ ވާޖިބު، މާތްﷲގެ ޚަލީފާކަން، ފުރިހަމައަށް އަދާކުރުމެވެ. ދުނިޔެ އިމާރާތްކޮށް، ދުނިޔޭގައި އަދުލު އިންސާފު އެންމެންގެ ތެރޭގައި ހަމަހަމަ ގޮތެއްގައި ހިންގާލުމެވެ. އާދެ، ދެން، އިންސާނާ، މިޅެން، އޭގެ ތަރުޖަމާއަކާ އެކު ހުށަހަޅާލަމެވެ.

ޤުދްރަތު ކާ އަޖީބް ޔޭ ސިތަމް ހޭ

މިއީ ޤުދުރަތުގެ ކިހާ އަނިޔާވެރި އަޖައިބެއް ހެއްޔެވެ؟

އިންސާން ކޯ ރާޒް ޖޯ ބަނާޔާ

އިންސާނާއަކީ (އެކި ކަންކަމުގެ) ސިއްރު ހޯދަން މަސައްކަތް ކުރާމީހަކަށް ހެދުމެވެ.

ރާޒް އިސްކީ ނިގާހް މޭން ސޭ ޗުޕާޔާ

އެސިއްރުތައް އޭނާއަށް ފެނިދިއުން ފަރުދާކުރުމަށް ފަހުގަ އެވެ.

ބޭތާބް ހޭ ޛައުޤު އާގީ ކާ

(އުނގެނުމުގެ މަސައްކަތުގެ) އެދުން، އޭނާ ވަނީ ވަރުބަލިކޮށް (ހިތަށް ހަމަ ޖެހުން ލިބުމުން މަހްރޫމުކޮށް) ލާފަ އެވެ.

ކުހލްތާ ނެހީ ބޭހދް ޒިންދަގީ ކާ

ނަމަވެސް ހަޔާތުގެ ސިއްރުތައް (ހަޔާތަކީ ކޮބައިކަމާއި ހަޔާތުގެ މަގުސަދާއި، ފެށުމާއި ނިމުމާއި މިކަންކަމުގެ ސިއްރުތައް)، އޭނާއަށް، ހޯދޭގޮތެއް ނުވެއެވެ.

ޙައިރަތު އާޣާޒް ވަ އިންތިހާ ހޭ

(ހަޔާތުގެ) ފެށުމުގައިވެސް އަދި (ހަޔާތް) ނިމިދިޔުމުގައި ވެސް ވަނީ ހައިރާން ކަމެވެ.

އާއިނޭ ކޭ ގަހރްމޭ އައުރު ކިޔާ ހޭ؟

ހައިރާން ކުރުވާ ކަންކަން ނޫން ކަމެއް (ހަޔާތުގެ) މިލޯގަނޑުތަކުގެ ގޭގައި ވޭހެއްޔެވެ؟

މިބައިތުގައި ދުނިޔެ ސިފަ ކުރެވިފައިވަނީ "ލޯގަނޑުގެ ގެއެއް" (އާއިނޭ ކޭ ގަހރް) ކަމުގަ އެވެ. ހުރިހާ ބިތެއްގައި ލޯގަނޑު ޖަހާފައިވާ ގެއެއްގެ ތެރެއަށް ވަދެ ބަލައިލުމުން ފެންނަ މަންޒަރު ހިތަށް ގެންނަވާށެވެ! ފެށޭ ހިސާބެއް ނިމޭ ހިސާބެއް ކަނޑައަޅާލަކަށް ނޭނގެއެވެ. މަތީގައި ނަންގަނެވުނު ހަޔާތުގެ ސިއްރުތައް ސިފަކޮށްދެވިފައިވަނީ މި މިސާލުންނެވެ. އިންސާނާގެ ސިކުނޑިއަށް އޭގެ ހަގީގަތް ހޯދައިނުގެނެވޭނޭ ކަންކަމުގެ ގޮތުގައެވެ.

ހޭ ގަރްމޭ ޚަރާމް މަވްޖޭ ދަރްޔާ

ކޯރުގެ ރާޅުތައް ދެމެމުން ދެމެމުން ދެއެވެ.

ދަރްޔާ ސޫޔޭ ބެހެރް ޖަދާ ޕޭމާ

އަދި، އޭގެ މަގުގައި، ކޯރު، ކަނޑާއި (މިލްޖުލް ވުމަށް)، ދެއެވެ.

ބާދަލް ކޯ ހަވާ އުޅާ ރަހީ ހޭ

ވައިރޯޅި އައިސް އުޑުގެ ވިލާތައް ކަހައިލައިގެން ގެންދެއެވެ.

ޝާނޯނ ޕޭ އުޅާހތޭ ލާ ރަހީ ހޭ

ވައިރޯޅީގެ ކޮނޑުމައްޗަށް ލައިގެންނެވެ.

ތާރޭ މަސްތޭ ޝަރާބޭ ތަޤްދީރް

ތަރިތައްވަނީ ތަޤްދީރުގެ ރަލުން މުޅީން މަސްތުވެފަ އެވެ.

ޒިންދާނޭ ފަލަކް މޭނ ޕާ ބާ ޒަންޖީރް

އަދި އެ(ތަރިތައް) ވަނީ، އުޑުގެ ޖަލުގައި ކަސްތަޅުއެޅި، ހައްޔަރުވެފަ އެވެ.

ޚޫރްޝީދް، ވޯ ޢާބިދް، ސެޙެރް ޚޭޒް

އިރު، ކޮންމެ ހެނދުނަކު ހޭލާ، އެ އަޅުވެރިޔާ،

ލާނޭ ވާލާ ޕިޔާމޭ ބަރްޚޭޒް

އަދި، "ހޭލާށެވެ"، މިގޮވުން ގޮވާ (އަޅުވެރިޔާ)

މަޣްރިބް ކީ ޕަހާރިޔޫންމޭނ ޗުޕް ކަރް

އެހެރީ ހުޅަނގު ފަރާތުގެ ފަރުބަދަތަކުގެ ބިއްދޮށުގައި (ނިވާވެގެން) ފިލައެވެ.

ޕީތާ ހޭ މަޔޭ ޝަފަޤް ކާ ސާޣަރް

ރަތްވިލާގެ ރާ ތަށްޓެއް ބުއިމުގަ އެވެ.

ލައްޒަތު ގީރޭ ވުޖޫދު ހަރްޝޭ

ކޮންމެ އެއްޗެއްމެ ވުޖޫދުގައި ވިޔަތީވެ އުފާ ފާޅުކުރަމުން ދަނީ އެވެ.

ސަރް މަސްތޭ މަޔޭ މަޔޫދް ހަރްޝޭ

ކޮންމެ އެއްޗެއްމެ ވަނީ ވުޖޫދުގެ ރަލުން (ރާ ބޮއި) މަސްތުވެފަ އެވެ.

ކޮއީ ނަހީނ، ޣަމް ގުސާރޭ އިންސާނ

(ނަމަވެސް) އިންސާނާގެ ހިތާމަތައް ފިލުވާލަދޭނެ އެއްވެސް މީހަކު ނެތެވެ.

ކިޔާ ތަލްޚް ހޭ ރޯޒްގާރޭ އިންސާނ!

އިންސާނާގެ ދުވަސްތައް ހާދަހާވާ ހިއްޗެވެ.