Support Us

ކޮލަމް: އަލި

އަމިއްލަ ވަޒަން ދޫކޮށް ކުރި ހިޖުރަ- 2

އާދޭހެވެ! ލޯބިވާ ވަޒަން ދޫކޮށް މާލެ އައި މަގުސަދު ވަރަށް ވެސް ބޮޑެވެ. އެއީ މަންމައާއި ބައްޕަގެ އުންމީދާ ގުޅިފައިވާ މަގުސަދެވެ. ހިތާއި ވިންދާއި ތުއްތު އިރާއި ފުރާވަރުގެ އެތައް ހަނދާނަކާ ގުޅިފައިވާ ލޯބިވާ ރަށް ނިލަންދުއާއި އެކުވެރިން ދޫކޮށް މާލެ ހިޖުރަ ކުރި މަގުސަދެވެ. ކިޔެވުމެވެ. ތައުލީމު ހާސިލްކުރުމެވެ. އަމާޒަކީ އެއީއެވެ. ތަސައްވަރަކީ ވެސް އެއީއެވެ.

ނިޔަތުގައި ސާބިތުވީމެވެ. އަޒުމު ވަރުގަދަ ކުރީމެވެ. ހިތްވަރު އައު ކުރީމެވެ. ނަވާރަ ސަތޭކަ ނުވަދިހަ ވަނަ އަހަރުގެ ފެށުމާ އެކު މަދަރުސާއަށް ދާން ފެށީމެވެ. މުޅިން އައު ޔުނީފޯމެއްގައެވެ. މުޅީން އައު ފޮތްތަކަކާ އެކުއެވެ. ގުރޭޑު 3ބީ ކުލާހުގައެވެ. މަދަރުސަތުލް ޢާލިޔާއަށެވެ. އިންޑެކްސް ނަންބަރަކީ ތޯއެވެ! އެއީ 3345އެވެ.

ކުލާހުން ފުރަތަމަ ވެސް މަރުޙަބާ ވިދާޅުވީ ލޮބުވެތި އިނގިރޭސި ޓީޗަރެވެ. މިސް ޏާނަ މުއްތުއެވެ. ސިރީލަންކާގެ ޓީޗަރެކެވެ. އަޅުގަނޑުގެ އިނގިރޭސީބަހުގެ މަންމައެވެ. ހިތްހެޔޮ އޯގާވެރި ޓީޗަރެކެވެ. އަޅުގަނޑު ދެކެ ވަރަށް ލޯބިވާނެއެވެ. އަޅުގަނޑުމެންގެ ކުލާސް ޓީޗަރު ވެސް މެއެވެ. ދުވަސްކޮޅަކުން މުޅިން ބީރައްޓެހިކަން ކެނޑިއްޖެއެވެ. އައު ރައްޓެހިންނާއި އައު ކަންކަން ތަޖުރިބާ ކުރަން ޖެހުނެވެ. އެކުވެރި ސިނާނާއި އެކުވެރި ހައިކަލްއަކީ އެންމެ ގާތް ދެ މިތުރުންނެވެ. ފޫހިކަން ފިލައި އުފާވެރި މިޒާޖަށް ނަފުސުގެ ޖަޒުބާތައް ބަދަލުވުމުގެ ރޫޙެއް ވެރިވާން ފެށިއެވެ. މިހާރު ސިނާނަކީ މަޝްހޫރު ނޫހެއްގެ ވެރިޔެކެވެ. ތިޔަ ހީފުޅުވީ ރަނގަޅަށެވެ.

ސިނާން ޢަލީ އެވެ. އާދޭހެވެ. ވަން އޮންލައިގެ ވެރިޔާއެވެ. ހައިކަލް ވީ ތަނެއް ކަނޑައެޅިގެން ނޭނގެއެވެ. ވިޔަފާރިވެރިއެއްކަން އެނގެއެވެ. އޭރު ޢާލިޔާއާ ނިކަން ކައިރީގައި ކުޑަކުޑަ ފިހާރައެއް ހުރެއެވެ. އިންޓޯލް ގަޑި ޖެހުމާ އެކު ބައެއް ދުވަސްދުވަހު އެ ފިހާރައަށް އަޅުގަނޑުމެން ތިން މީހުން ދަމެވެ. އޭރު އެންމެ މަޝްހޫރު އާވި ބުއިމަކަށް ހުންނަނީ ޑޮންޑޮނެވެ. ކޯކާއި ފެންޓާއާއި ސްޕްރައިޓު ރާއްޖެއަށް ތައާރަފްވި ދުވަސްކޮޅެވެ. އަޅުގަނޑުމެން އާންމުކޮށް ބޮނީ ކޯކެވެ. ނޫނީ ފެންޓާއެވެ. ގިނަ ދުވަސްދުވަހު އިންޓޯލް ގަނެދޭނީ ހައިކަލެވެ. އެއީ ވަރަށް މަޖާ ގަޑިތަކެކެވެ. ތަފާތު ޖޯކުތައް ވެސް އަޅުގަނޑުމެން ކިޔައި ހީނސަމާސަކޮށް މަޖާ ވެސް ކުރަމެވެ. މިހާރުވެސް ސިނާނާ ދިމާވާ ކޮންމެ އިރަކު ވެސް އެ ހަނދާންތައް އަޅުގަނޑުމެން އައުކޮށްކޮށްފައި ހީނ ހަދަމެވެ. ދޭތެރެއަކުން ފޯނުން ނަމަވެސް އަޅުގަނޑުމެން އެ ހަނދާންތައް އައުކޮށް ބަނޑުގުޅަކަންދެން ހީނހަދަމެވެ. ދިރިއުޅުމަކީ މިއީތާއެވެ. ފާއިތުވެ ދިޔަ ތަން ދިޔައީއެވެ. އެ ދުވަހެއް އެ ވަގުތެއް އެ ވާހަކަތަކެއް އެނބުރިއެއް ނާންނާނެއެވެ. އޮތްހައި ވެސް ކަމަކީ ހިތުތެރޭގައި އުތުރޭ އެ ފަދަ ހަންދާންތައް ދޭތެރެދޭތެރެއިން ތާޒާކޮށް ހިތް އުފާކުރުމެވެ. ތިޔަ ބޭފުޅުންނަށް ވެސް ކުރެއްވޭނީ ހަމަ އެކަމެވެ. ވިދާޅުވަމުން ކުރިޔަށް ވަޑައިގަންނަވާށެވެ.

ނަވާރަ ސަތޭކަ ނުވަދިހަ ވަނަ އަހަރަކީ ފާހަގަކުރެވޭ ފަދަ އުފާވެރި އަހަރަކެވެ. އެއީ ދިވެހިރާއްޖޭގެ މިނިވަންކަމަށް 25 އަހަރު ފުރުނު އުފާވެރި ތާރީޚީ އަހަރު ވެސް މެއެވެ. މުޅި މާލެ ދިޔައީ ދިއްލަމުންނެވެ. ގައުމީ ކުލަތަކުން ޒީނަތްތެރިކުރަމުންނެވެ. މައިމަގުތައް އެކަންޏެއް ނޫނެވެ. އާންމު ގެތައް ވެސް މެއެވެ. ހަމަ އެ އަހަރަކީ ސާކު ސަމިޓު މާލޭގައި އޮތް އަހަރު ވެސްމެއެވެ. އެއީ ފަސްވަނަ ސަމިޓެވެ. ސަމިޓު އޮތީ 1990ވަނަ އަހަރުގެ ނޮވެންބަރު މަހު 21އިން 23އަށެވެ. މާލޭގެ ދެކުނުކޮޅުގައި ފެންނާން އަދިވެސް އެހަރަ ދަރުބާރު ގެއަކީ އެ ކަމަށް ޓަކައި އެ އަހަރު ސަރުކާރުން އެޅުއްވި ތަނެކެވެ. އެތަން އަޅުއްވާން ވެއްޔާއި ގައު އުފުލައި ބިން ހިއްކަވަން ކުރެއްވި މަސައްކަތްތަކުގައި މާލޭގެ މަދަރުސާތަކުގެ ދަރިވަރުން ވެސް ބައިވެރި ކުރެއްވިއެވެ. އަޅުގަނޑު ވެސް ބައިވެރިވީމެވެ. އެއީ ގައުމީ ޖޯޝުގައި ކުރި ގައުމީ މަސައްކަތެކެވެ. އާދޭހެވެ! އެއީ ގައުމީ ރޫޙާއި ބާރުން ގުޅުނު ހިތްތަކާއި އަތްތަކުން ބިނާކުޅަ ޤައުމީ އިމާރާތެކެވެ. ސާކު ސަމިޓުގެ ރަސްމީ ދަރުބާރު އޮތީ އެ ދަރުބާރުގޭގައެވެ. ސަމިޓު ނިމުމުން ދަރުބާރުގެ އާންމުންނަށް ދައްކަވާން ސަރުކާރުން ވަކި ގަޑިތަކެއްގައި ދަރުބާރުގެ ހުޅުއްވިއެވެ. ތަނުގެ ރީތިކަމާއި ފުރިހަމަކަން ފެނި އަޖައިބުވެގެން އެތައް ބަޔަކު އެ ވާހަކަ ދައްކައި ހެދޫއެވެ. ފޮޓޯނަގައި ވެސް ހެދޫއެވެ.

މިނިވަންކަންމުގެ ރިހި ޔޫބީލްގެ ކުލަތައް ރިއްޗެވެ. ކާނިވާތައް އެކިއެކި އިސްކޫލުތަކުގައި އޮތެވެ. އެކިއެކި ބާޒާރުތައް އޮތެވެ. ނިވިދިއްލޭ ކުލަކުލައިގެ ބޮކިތަކުން މުޅި މާލެ އޮތީ ހުޅުދާންވެފައެވެ. ރޭގަނޑުވުމުން އެންމެންގެ ހެން ކަމަކަށް އޮންނަނީ ބޮކިފަތި ބަލައިލަން ދިޔުމެވެ. އެއްބަޔަކު ހިނގައިފައެވެ. އަނެއް ބަޔަކު ޕިކަޕު ބުރުބުރުގައެވެ. އަޅުގަނޑު ވެސް އަވަށްޓެރި ގެޔަކުން އިންތިޒާމްކޮށްގެން ބޭއްވި ޕިކަޕުބުރެއްގައި ބައިވެރިވީމެވެ. އެއީވާ ނިކަން މަޖާ ރެއެކެވެ. މުޅި މާލެ ބެލީމެވެ. ހެމުން ސަކަރާތް ޖަހަމުންނެވެ. އެކިއެކި މަގުމަގުގައި އެކި ފަރުމާތަކަށް ހަދައިފައި ހުރި ރީތި ބިޔަ ގިޑިގެތައް އަޖައިބެއް ފަދައެވެ. ގައުމީ ދިދައާއި މިނިވަން ރިހި ޔޫބީލް ނިޝާން ވެސް އެކި ތަންތާނގައި ވަނީ ރީތިކޮށް ޒީނަތްވާނޭހެން ކުރަހައި ދިއްލައިފައެވެ. މިހެން ދެންނެވިޔަސް އެ މިނިވަން ފަންސަވީހުގެ ކުލަތަކާއި އެކަމަށް ޓަކައި މާލޭގެ ރައްޔިތުން ލޮލުންނާއި ބޮލުންނާއި ހިތުން ރުހުމުން ކޮށްފައިވާ ގައުމީ މަސައްކަތް ސިފަކުރަން ދައްޗެވެ. އެ ކަން ދެކެދެނެތިބި ކިތަންމެ ބަޔަކު ވެސް ދުނިޔޭގައި އެބަ ތިއްބެވެ. މި ވާހަކަ ދެން ކުރުކޮށްލާނަމެވެ. އަޅުގަނޑުގެ މައުޟޫޢުގައި މިއީ މާ ބޮޑު މުހިންމު ކަމަކަށް ނުތްވަސް އެ އަހަރުގެ ހަނދާންތައް ހަމަ އައުކޮށްލާ ހިތްވީއެވެ. މި މޭރުމުން ދައްކަންޏާ ދައްކާނެ ވަރަށް ގިނަ ވާހަކަވާހަކަ ވެސް އެބަ ހުއްޓެވެ. އެއީ މުޅިން އެހެން ބާބެކެވެ. އިހަށް މި ބާބު ވިދާޅުވެ ނިންމަވާށެވެ

ކޮންމެއަކަސް އެ ގޮތަކުން މި ގޮތަކުން އެތައް ކަމެއްގެ ތެރެއިން ކިޔެވުމުގެ ވެސް މުޅިން އައު ދަސްކުރުންތަކެއްގެ ތެރެއިން ގޮސް 1990ވަނަ އަހަރު ނިމިއްޖެއެވެ. މަދަރުސާގެ ފަހު އިމްތިހާނުގެ ނަތީޖާ ވެސް ލިބިއްޖެއެވެ. ހުރިހައި މާއްދާއަކުން އަޅުގަނޑަށް ލިބުނީ އޭ ރިޕޯޓެވެ. ވަރަށް މަތީން މާކުސް ލިބިގެންނެވެ. ރިޕޯޓު ލިބުނު އިރު ޕްރޮމޯޓު ވެފައި އޮތީ ގުރޭޑު ހަތަރަކަށް ނޫނެވެ. ގުރޭޑު ފަހަކަށެވެ. އޭރުގެ އުސޫލު އޮންނަ ގޮތުން ނަތީޖާއަށާއި އުމުރަށް ބަލައިފައި ޑަބަލް ޕްރޮމޯޝަން ދެވެއެވެ. މި އުސޫލުގެ މަތިން އަޅުގަނޑަށް އެ ފުރުސަތު ދެއްވީއެވެ.

ދެން އޮތީ އުފާވެރި ދުވަސްތަކެވެ. ބޮޑު ޗުއްޓީއަށް ލޯބިވާ ރަށަށް ދިޔުމެވެ. މާލޭގައި ކިޔަވަން އައިސް ތިބޭ ކުދިންނަށް ލިބޭ އެންމެ ބޮޑު އުފަލަކަށް އޭރު ވެފައި އޮންނަނީ ބޮޑު ޗުއްޓީއެވެ. ރަށަށް ދިޔުމެވެ. ރަށުގައި މަޖާ ނެގުމެވެ. އުފާވެރި ހަފުލާތައް ބާއްވައި އުފާފާޅު ކުޅައުމެވެ. ކުރެވުނީ މުޅިން ތަފާތު އިހުސާސްތަކެވެ. އެއީތޯއެވެ! އިންތިޒާރުކޮށްލައްވާށެވެ.