...

Support Us

ދުނިޔޭގައި ދިރިހުރިހައި ހިނދަކު ހިނިތުންވެ ހުންނާށެވެ.

މިއީ ވެސް އީލިޔާ އަބޫ މާޟީގެ ޅެމެއްގެ ތަރުޖަމާއެކެވެ. އޭނާގެ "އިބްތަސިމް" (ހިނތުންވެލާށެވެ!) މިޅެމުގެ ދިވެހި ތަރުޖަމާއެކެވެ. މިޅެން ގެނެސްދެވިފައި ވަނީ ޝާއިރާއި އޭނާގެ އެކުވެރިޔަކާ ދެމީހުން ދައްކާ ވާހަކަތަކެއްގެ ސިފައިގައެވެ. އެއްކޮޅުން ރަހުމަތްތެރިޔާ ދައްކަނީ އޭނާގެ ހަޔާތް އަބާއްޖަވެރިވެ، އެކަމުގެ ސަބަބުތަކެވެ. ދުނިޔެއިން ފެންނަ ހިތާމަވެރި މަންޒަރު ތަކެވެ. ޒުވާންކަން ގެއްލިދިޔުމެވެ. ލޯބީގައި ނާކާމިޔާބުވުމެވެ. ވިޔަފާރީގައި ގެއްލުންވުމެވެ. ދުޝްމަނުންގެ ހަސަދައާއި ގެއްލުންދިނުމަށް އެމީހުން އަބަދުވެސް ފެންބޮވައިގެންފައި ތިބުމެވެ. ފަގީރުވެ، އަތްމަތި ދަތިވެފައި ވުމެވެ. ހަޔާތުގައި ހިތި ތަޖުރިބާތަކެއް ކުރަންޖެހިފައި ވުމެވެ. މިހުރިހާ ހިތާމަތަކާ ކުރިމަތިލާން ޖެހިފައި ވިޔަސް، ޝާއިރު، އޭނާގެ އެކުވެރިޔާ ގާތު ބުނަމުން ގެންދަނީ ހިނިތުންވެ ހުރުމަށެވެ. ޝާއިރު އޭނާގެ އެކުވެރިޔާއަށް ހަނދާންކޮށްދެނީ ދުނިޔެއަކީ ދާދި ކުޑަ ހިނދުކޮޅަކު އުޅެން އޮތް ތަނަކަށް ވުމުން، މޫނަށް ރޫއަރުވައި، ހިތާމައިގެ ސާލެއްލައިގެން ހުރުމަކުން ވަކި ކުރާނޭ ފައިދާއެއް ނޯންނާނޭ ކަމެވެ. އެހެންވެ، ހަޔާތުގައި ދިމާވާ ކޮންމެ ކަމަކާ ވެސް ހިނިތުންވެ ހުރެ ކުރިމަތިލާން ދަސްކުރަން ޖެހެއެވެ. އޭރުން، ހަޔާތުގެ ކަންތައްތައް ތަހައްމުލުކުރަން ފަސޭވެގެންދާނެތީއެވެ.

*****

قال السماء كئيبة وتجهما قلت: ابتسم يكفي التجهم في السما

(އަހަރެންގެ އެކުވެރިޔާ) ބުންޏެވެ. އުޑުމަތި ވަނީ ބަނަވެ އަނދިރިވެފައެވެ. ދެން އޭނާގެ މޫނު ކުނިކޮށް، ނުރުހުންވިއެވެ. އަހަރެން ބުނީމެވެ. ހިނިތުންވެލާށެވެ. އަނދިރިކަން އުޑުމަތީން ފާޅުވުން ފުދެއެވެ. (އެކަމާ ވިދިގެން ކަލޭ ހިތާމައިގެ ސާލެއްލާކަށް ނުޖެހެއެވެ.)

قال: الصبا ولى! فقلت له: ابتــسم لن يرجع الأسف الصبا المتصرما !!

އޭނާ ބުންޏެވެ. (އަހަރެންގެ) ޒުވާންކަން ގެއްލި ހިނގައްޖެއެވެ. (ދެން އަހަންނަށް ހިނިތުންވެވޭނީ ކިހިނެއް ހެއްޔެވެ؟) އަހަރެން ބުނީމެވެ. ހިނިތުންވެލާށެވެ! ހިތާމަކުރުމަކުން ގެއްލިދިޔަ ޒުވާންކަމެއް އެނބުރިއެއް ނާންނާނެއެވެ.

قال: التي كانت سمائي في الهوى صارت لنفسي في الغرام جــهنما

އޭނާ ބުންޏެވެ. ލޯބީގެ (ދުނިޔޭގައި އިއްޔެ) އަހަރެންގެ ސުވަރުގެ ކަމުގައިވި ކަނބުލޭގެ (މިހާރު) އަހަންނަށް (ވޭންދެނިވި) ނަރަކައަކަށް ވެއްޖެއެވެ.

خانت عــــهودي بعدما ملكـتها قلبي , فكيف أطيق أن أتبســما !

އަހަރެންގެ ހިތް އޭނާއަށް ހިބަކޮށްދީ ހެދި ފަހުން، އަހަންނަށް، އޭނާވީ އަހުދާއި ވައުދުތައް އުވާލައި، އަހަންނަށް ޚިޔާނަތްތެރި ވެއްޖެއެވެ. ދެން އަހަންނަށް ހިނިތުންވުމުގެ ހިތްވަރު ލިބޭނީ ކިހިނަކުން ހެއްޔެވެ؟

قلـــت: ابتسم و اطرب فلو قارنتها لقضيت عــــمرك كــله متألما

އަހަރެން ބުނީމެވެ. ހިނިތުންވެލާށެވެ. އަދި ނަށައި (އުފާކުރާ)ށެވެ! އެހެނީ ކަލޭގެ (ހަޔާތުގެ) ބައިވެރިޔަކަށް އޭނާ ހެދި ނަމަ ކަލޭގެ މުޅި ހަޔާތް ހޭދަކޮށްލަން ޖެހުނީހީ ވޭނުގައެވެ.

قال: الــتجارة في صراع هائل مثل المسافر كاد يقتله الـــظما

އޭނާ ބުންޏެވެ. ވިޔަފާރި (ދަށްވެ) ބޮޑު ހަމަނުޖެހުމެއްގެ ތެރެއަށް ވެއްޓިއްޖެއެވެ. އަދި ފެނަށް ޖެހި މަރާ ކުރިމަތިލާން ޖެހިފައިވާ ދަތުރުވެރިއެއް ފަދައިން (މުޅީން ގެއްލުންވެ، ވިޔަފާރި ބަނގުރޫޓުވެ ނިމިދާން ކައިރިވެއްޖެއެވެ.)

أو غادة مسلولة محــتاجة لدم، وتنفث كلما لهثت دما

ނުވަތަ (އޭގެ އެހެން މިސާލަކީ) ކެއްސުންބަލި ޖެހިފައިވާ ޒުވާން އަންހެން ކުއްޖެއްގެ މިސާލެވެ. ކެއްސާލާ ކޮންމެ ފަހަރަކު އޭނާގެ އަނގައިން ލޭ އައިސް، (އިތުރު) ލެއަށް ބޭނުންޖެހިފައިވާ (ބަލި ކުއްޖެއްގެ މިސާލެ)ވެ. (ވިޔަފާރި ކުރިއަށް ގެންގޮސް ފައިދާ ނެރެވޭނެ އެއްވެސް ގޮތެއް ނެތެވެ. މުޅިން ވެސް ވަނީ ގެއްލުމެވެ.)

قلت: ابتسم ما أنت جالب دائها وشفائها، فإذا ابتسمت فربما

އަހަރެން ބުނީމެވެ. ހިނިތުންވެލާށެވެ! އެކަނބުލޭގެ ބަލީގެ ސަބަބަކީ ކަލެއެއް ނޫނެވެ. އަދި ކަލޭގެ އަތްމަތީގައި އެބަލީގެ ޝިފާއެއް ވެސް ނެތެވެ. އެކަމަކު ހިނިތުންވެލަނިކޮށް، ފަހަރެއްގައި، (ކޮންމެސް ލުޔެއް އެކަނބުލޭގެއަށް ލިބިދާނެއެވެ.) (ވިޔަފާރީގައި ގެއްލުންވުމުގެ މެދުވެރިއަކީ ކަލެއެއް ނޫނެވެ. އަދި އެކަމުގެ ހައްލު ވެސް ކަލެއެއް ހޯދައިނުގަނެވިދާނެއެވެ. ނަމަވެސް، ކަލޭ ހިނިތުންވެލައިފި ނަމަ، ކޮންމެވެސް ލުޔެއް ކަލެއަށް ލިބިދާނެއެވެ.)

أيكون غيرك مجرما وتبيت في وجل كأنك أنت صرت المجرما؟

އަޅެފަހެ އެހެން މީހަކު ކުށެއް ކުރީމައި، އެއީ ކަލޭ ކުރި ކުށެއް ކަމަށް ދެކިގެން، ކަންބޮޑުވެ، ބިރުން އޮވެ، ކަލޭގެ ރޭތައް ހޭދަކޮށްލަންވީ ހެއްޔެވެ؟

قال: العدى حولي علت صيحاتهم أَأُسر و الأعداء حولي في الحمى؟

އޭނާ ބުންޏެވެ. އަހަރެންގެ ދުޝްމަނުންގެ އަޑުގަދަވެއްޖެއެވެ. އެމީހުން އައިސް އަހަރެންގެ ގޯތި ވަށައިލައިގެން ވަނިކޮށް އަހަރެން ހަމަ އުފާކޮށް ހީހަދަންވީ ހެއްޔެވެ؟

قلت: ابتسم، لم يطلبوك بذمهم لو لم تكن منهم أجل وأعظما

އަހަރެން ބުނީމެވެ. ހިނިތުންވެލާށެވެ. ކަލޭ އެމީހުންނަށް ވުރެ މާތްވެފައި މަތިވެރިނުވި ނަމަ ނުބައިމީސްކުރުމުގެ އަމާޒަކަށް އެމީހުން ކަލޭ ނުހެދީހެވެ.

قال: المواسم قد بدت أعلامها وتعرضت لي في الملابس والدمى

އޭނާ ބުންޏެވެ. އީދުގެ ދުވަސްތަކުގެ ދިދަތައް ފެންނަން ފަށައިފިއެވެ. (އީދު އައިސް ޖެހިއްޖެއެވެ.) އަދި ހެދުންތަކާއި ކުޅޭ ސާމާނު އަހަރެންގެ ކުރިމައްޗަށް ގެނެވި އަތުރާލެވިއްޖެއެވެ.

وعلي للأحباب فرض لازم لكن كفي ليس تملك درهما

އަދި އަހަރެން ލޮބުވެތި (ދަރީންނާއި ތިމާގެ) މީހުންނަށްޓަކައި އަހަރެންގެ މައްޗަށް އޮތް ވާޖިބެއް އެބަ އޮތެވެ. (މި އުފާވެރި މޫސުމުގައި އެވެރީންނަށް ހެދުމާއި ކުޅޭ ސާމާނު ގަނެދިނުން އަހަރެންގެ މައްޗަށް ވާޖިބުވެގެންވެއެވެ.) ނަމަވެސް އަހަރެންގެ އަތަކު އެންމެ ފައިސާ ފޮއްޗެއް ވެސް ނެތެވެ. (އެހެންވެ، އަހަންނަށް ހިނިތުންވެވޭނީ ކިހިނަކުން ހެއްޔެވެ!)

قلت: ابتسم, يكفيك أنك لم تزل حيا، ولست من الأحبة معدما

އަހަރެން ބުނީމެވެ. (އެހެންވިޔަސް) ހިނތުންވެލާށެވެ! ކަލޭ މަރުނުވެ، ދިރި ދުނިޔޭގައި ހުރިކަން (ހިނިތުންވެލުމުގެ ސަބަބަކަށް) ފުދެއެވެ! އަދި (ފައިސާއިން މަހުރޫމުވެގެން ވިޔަސް) ކަލޭ ދެކެ ލޯބިވާ ގާތް ތިމާގެ މީހުން ލިބިފައިވުމުން ކަލޭ މަހުރޫމުވެފައެއް ނުވެއެވެ.

قال: الليالي جرعتني علقما قلت: ابتسم ولئن جرعت العلقما

އޭނާ ބުންޏެވެ. ޒަމާން އަހަންނަށް ހިތި ހަބަރު ބޯންދީފިއެވެ. އަހަރެން ބުނީމެވެ. ހިނިތުންވެލާށެވެ. ކަލޭ ހިތި ހަބަރު ބޮވުނު ކަމުގައި ވިޔަސް ވެހެވެ.

فلعل غيرك إن رآك مرنما طرح الكآبة جانبا و ترنما

އެހެނީ، ފަހަރެއްގައި، އެހެން މީހަކަށް ކަލޭ ހިނިތުންވެ އުފާކުރާ މަންޒަރު ފެނިގެން، އޭނާ ވެސް، އޭނާގެ ހިތާމަތައް ހަނދާނުން ފޮހެލައި ނަށައި އުފާކުރަން ފަށައިފާނެއެވެ.

أتُراك تغنم بالتبرم درهما أم أنت تخسر بالبشاشة مغنما ؟

ހިތާމަކުރުމުން ފައިދާއެއް ވާހެން ކަލެއަށް ހީވަނީ ހެއްޔެވެ؟ ނުވަތަ ހިނިތުންވެލުމުން އެއްވެސް ގެއްލުމެއް ކަލެއަށް ލިބެނީ ހެއްޔެވެ؟

يا صاح, لا خطر على شفتيك أن تتثلما, و الوجه أن يتحطما

އޭ އެކުވެރިޔާއެވެ! ކަލޭގެ ތުންފަތުން ހިނިތުންވުން ފާޅުވުމަކުން، ނޫނީ، ކަލޭގެ މޫނުމަތިން އުފާވެރިކަން ފާޅުވުމަކުން ކަލެއަށް އޮތީ ކޮން ނުރައްކަލެއް ހެއްޔެވެ؟

فاضحك فإن الشهب تضحك و الدجى متلاطم, و لذا نحب الأنجما !

(އަބަދުވެސް، ކަލޭ ވާނީ) ހީލަހީލައި ހުންނާށެވެ. އެހެނީ އުޑުމަތީގައިވާ ތަރިތައް، ކަޅު އަނދިރިކަން، އެ ތަރިތައް ވަށާލައިފައި ވީއިރު ވެސް، އަބަދުމެ އެތިބެނީ ހީލަހީލައެވެ. އެހެންވެ، ތަރިތަކަށް އަހަރުމެން ލޯބިކުރަމެވެ. (ތަރިތަކުން އަހަރުމެން އިބުރަތް ލިބިގަނެ، ހިތާމަތައް އައިސް އަހަރުމެން ވަށާލިކަމުގައި ވިޔަސް، ހިނިތުންވާން އަހަރުމެން ދަސްކުރަންވާނެއެވެ.)

قال: البشاشة ليس تسعد كائنا يأتي إلى الدنيا ويذهب مرغما

އޭނާ ބުންޏެވެ. އޭނާގެ އެއްވެސް އަމިއްލަ އިޚުތިޔާރެއް ނެތި ދުނިޔެއަށް އައިސް އަދި އެއަށް ފަހު، ދުނިޔެއިން ނިކުމެގެން ދާންޖެހޭ އިންސާނާގެ ހަޔާތް، ހިނިތުންވެލުމަކުން ބާއްޖަވެރިއެއް ނުކުރެވޭނެއެވެ.

قلت ابتسم مادام بينك والردى شبر، فإنك بعد لن تتبسما

އަހަރެން ބުނީމެވެ. ކަލޭގެ ދިރިހުރުމާއި ނެތި ފަނާވެދިޔުމާ ދެމެދު ހުރީ އެންމެ ކައިވަތެކެވެ. އެހެންކަމަށްވާ އިރު، ހިނިތުންވެ ހުންނާށެވެ! (އެހެނީ މަރުވުމަށްފަހު، ދެން،) ހިނިތުމެއް ނުވެވޭނެއެވެ!

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.