Support Us

"ހައްގު ބަސް ބުނުމަކީ ވަކި މީހަކަށް ލިބިފައި އޮންނަ ކަމެއް ނޫނެވެ."

ޝައްކެއް ނެތެވެ. ތެދާއި ހައްގު، ހެވާއި ރަނގަޅު ގޮތް، މިކަން ކަމުގެ މައްޗަށް އެއްވެސް މީހެއްގެ އިހުތިކާރީ ބާރެއް (މޮނޮޕޮލީއެއް) ނޯވެއެވެ. ކޮންމެ ކަހަލަ މީހެއްގެ ދުލުން ވެސް ތެދު ބަހެއް ނިކުމެދާނެއެވެ. ކޮންމެ ކަހަލަ އަގީދާއެއްގެ ތެރެއިން ވެސް ހިކުމަތުގެ ބަހެއް ނިކުމެދާނެއެވެ. ކޮންމެ ކަހަލަ ދީނެއްގައި ވެސް ހެޔޮ ކަންތައްތަކަށް ދައުވަތު ދެވިފައި އޮވެދާނެއެވެ. ކޮންމެ ކަހަލަ ސަގާފަތެއްގައި ވެސް ރަނގަޅު ކަންތައްތަކެއް ހުރެދާނެއެވެ. މިފަދަ ކަންކަމީ އެކެއްގެ އަތުގައި ނުވަތަ ވަކި ބަޔަކަށް ޚާއްސަވެފައި އޮންނަ ކަންކަމެއް ނޫނެވެ.

މި ހަގީގަތް ނަބަވީ އިރުޝާދެއްގައި ވެސް ބަޔާން ކުރެވިފައި އޮވެއެވެ. މާނައިގައި އޮންނަނީ ޝައިތާނެއްވެސް ތެދެއް ބުނެފި ނަމަ، އެވާނީ ތެދަކަށެވެ. އޭނާއަކީ ބޮޑު ދޮގުވެރިއަކަށް ވިޔަސް ވެހެވެ. އެހެންވެ، އެހެން އަސަރެއްގައި – އެންމެ އިހުގެ މުސްލިމުންގެ ކިބައިން ރިވާކުރެވިފައިވާ ބަހެއްގައި -، އޮންނަނީ ހިކުމަތަކީ މުއުމިނާ ގެއްލިގެން ހޯދާ ފަދަ އެއްޗެކެވެ. ކޮންމެ ތަނަކުން ހިކުމަތެއް ފެނުނަސް، އޭނާއަށް އެ ހިކުމަތް ހައްގުވެގެން ވެއެވެ. އާދެ، އިލްމުވެރިކަމާއި ހިކުމަތަކީ ހަމަ އެކަނި ވަކި ބަޔެއްގެ ތެރޭގައި އޮންނަ ކަމެއް ނޫނެވެ. އެންމެންގެ ތެރޭގައި ވެސް އޮވެދާނެ ކަމެކެވެ. އެހެންވެ، މުއުމިނާގެ ވާޖިބަކަށްވަނީ އިލްމުވެރިކަމާއި ހިކުމަތްތެރިކަން އޮތް ތަނަކަށް ގޮސް، އެ ތަނަކުން އެކަންކަން ލިބިގަތުމެވެ. އާދެ، ޖުމްލަ ގޮތެއްގައި ހިކުމަތްތެރި މި ބަސް ބާރުއަޅަނީ ހުރިހާ އިރެއްގައްޔާއި ހުރިހާ ތަނަކުން ވެސް އުނގެނި، ކިޔެވުން ކުރިއަށް ގެންދިޔުމަށެވެ. ހިޖުރައިން 7/8 ވަނަ ގަރުނުގައި އުޅުއްވި މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިޚު އިބްނު ތައިމިއްޔާގެ ގާއިދާއެއް، އުސޫލެއް، ގައި އޮވެއެވެ. الحق يقبل من كل من تكلم به، ހައްގު ބަސް، އެ ބަސް ބުނި ކޮންމެ މީހެއްގެ ކިބައިން ވެސް ބަލައިގަނެވޭނެއެވެ.

މި ބުއްދިވެރި ބަސްކޮޅު މިއަދު ލިޔެލަން ޖެހުނު ސަބަބެއް އެބަ އޮތެވެ. އަޅުގަނޑުމެންގެ ތެރޭގައި ފެތުރިފައި އޮތް ޖާހިލީ ތައައްސުބީ ސިޔާސީ ވާދަވެރިކަން ނިޔާ ކުރަނީ މަތީގައި ނަންގަނެވިފައިވާ ސިޔާސީ ބަހާ ދިމާ އިދި ކޮޅު ގަބޫލުކުރުމެކެވެ. ތެދާއި ހައްގު، ހެވާއި ރަނގަޅު ގޮތް، މިކަންކަން އޮންނާނީ ވެރިކަން ކުރާ ޕާޓީއެއްގެ މުށުތެރޭގައި ކަމެވެ. އެ ފަދަ ބަޔަކަށް ފެންނާނީ ރަނގަޅު ގޮތް ކަމެވެ. އެފަދަ ބަޔަކު ބުނާނީ ހައްގު ތެދު ބަސް ކަމެވެ. ދެން، އެފަދަ ބަޔެއް ބުނާ ބަހެއް ނަފީކުރާ ނަމަ، ނުވަތަ އެފަދަ ބަޔެއް ކުރާ ކަމެއް ގޯސް ކުރާ ނަމަ، އެއީ ބަލއިގަނެވޭނޭ ބަހެއް، ކަމެއް ނޫނެވެ. ސަބަބީ ހެއްޔެވެ؟ ހައްގާއި ރަނގަޅު ގޮތް ވެރިކަން ކުރާ ބައެއްގެ މުށުތެރޭގައި އޮތުމުންނެވެ.

މި ޖާހިލީ ތައައްސުބީ ގޮތް އިތުރަށް ބަޔާންކޮށްދިނުމުގެ ގޮތުން ކުރު ވާހަކައެއް ލިޔެލާނަމެވެ. ދެ މީހަކު ހިނގަމުން ދަނިކޮށް، ދުރުން އޮތް ފެންގަނޑެއްގެ ކައިރީގައި ކޮންމެވެސް ދިރޭ އެއްޗެއް އޮތް ތަން ފެނުނެވެ. އެތާ އޮތީ ބަކައްޓެކޭ އެކަކު ބުންޏެވެ. އަނެކަކު ބުނީ އެތާ އިނީ ދޫންޏެއް ކަމެވެ. ދެ މީހުން ފެންގަނޑާ ކައިރިވި ތަނާ، ފެންގަނޑުން ފެންބޯން އިން ދޫނި އުދުހި ދިޔައެވެ. އެހެން ވިޔަސް، އެއީ ބަކައްޓެއް ކަމަށް ދައުވާ ކުރި މީހާ ބުންޏެވެ. އުދުހިފައި ދިޔަކަމުގައި ވިޔަސް އެއީ ހަމަ ބަކައްޓެކެވެ! އޭނާގެ ގޮތް އެއީ ހައްގު ގޮތް ކަމުގައި އޭނާ ދުށްޓެވެ. އެއީ ހަގީގަތާ ޚިލާފު ގޮތް ކަމަށް ވިޔަސް ވެހެވެ!

މިވާހަކަ މިއަދު އަޅުގަނޑުމެންގެ ސިޔާސީ މަސްރަހުގެ ހާލަތު ތަމްސީލުކޮށް ދައްކުވައިދެއެވެ. އެމީހަކު ދެކޭ ގޮތް އެއީ ހައްގު ގޮތެވެ. ހަގީގަތާ ޚިލާފުވުމާއި ނުވުން އެއީ އެހެން ކަމެކެވެ. ކޮންމެ ބަޔަކުވެސް ދެކެނީ އެބަޔަކުގެ މީހުން ދެކޭ ގޮތެވެ. އެމީހުންނަށް އެބަޔަކުގެ މީހުން ބުނާނީ ތެދެވެ! އެހެންވީމާ، އަހަރެން ގަބުލޫކުރަން ޖެހޭނީ އަހަރެންގެ މީހާ ބުނާ ގޮތެވެ! ހައްގާއި ހަގީގަތަކީ މުޅިން އެހެން އެއްޗެއް ކަމަށް ވިޔަސް ވެހެވެ. ބުއްދީގެ ހަމަތަކާ ޚިލާފު ވިޔަސް ވެހެވެ.

އެންމެ ފަހުން، މި މަންޒަރު، އާދެ، ބާރު ތިމާމެން އަތުގައި އޮތް ނަމަ، ތިމާމެން ކުރާ ހުރިހާ ކަމަކީ ވެސް ހައްގު ރަނގަޅު ގޮތް ކަމުގައި ދެކި، އުދުހިފައި ދިޔަ ކަމުގައި ވިޔަސް، ދޫންޏަކީ ވެސް ބަކައްޓެއް ކަމުގައި ތިމާމެން ގަބޫލުކުރާ އުސޫލު ރަނގަޅުވާ ގޮތް، ފެނިގެން ދިޔައީ ހުޅުމާލޭ ދެވަނަ ފިޔަވެހީގެ ދަށުން ހިއްކި ބިމުން ގޯތި ވިއްކުމާ ބެހޭ އިއުލާނުންނެވެ. އާދެ، ކަނޑައެޅޭ އުސޫލެއްގެ މަތިން ގަންނަން ބޭނުންވާ މީހަކަށް ގޯތި ވިއްކަން ނިންމުމާ ވިދިގެންނެވެ. މިކަން ދޫނި ބަކައްޓަކަށްވާ ގޮތާ ގުޅެނީ ކިހިނެއް ހެއްޔެވެ؟

ވިސްނާލި ކޮންމެ މީހަކަށް އެނގޭނޭ ފަދައިން، މިފަދައިން ގޯތި ވިއްކުމުގެ މަގުސަދަކަށް އޮތީ، ފަހަރެއްގައި ވެސް، ގެދޮރަށް ބޭނުން ޖެހިފައިވާ އާންމު މީސްތަކުންނަށް ގޯތި ގެދޮރު ހޯދައިދިނުމެއް ނޫނެވެ. ކުރީ 2008ގެ ތަޖުރިބާއިން އެނގުނު ފަދައިން، ތަން ރަނގަޅަށް ހިންގަން ނޭނގުމުގެ ސަބަބުންނާއި ހިތުހުރި ގޮތަކަށް ދައުލަތުގެ ފައިސާ ބޭނުންކުރުމުގެ ސަބަބުން، ސަރުކާރަށް ފައިސާގެ ދަތިކަން ކުރިމަތިވެފައި އޮތުމެވެ. ދެން އޮތީ ލިބެން އޮތް ތަނަކުން ލޯނު ނަގައި، ޖޫރިމަނާ ކޮށްގެންނާއި އަދި އެނޫން ވެސް ފައިސާއެއް ލިބެން އޮތް ގޮތަކުން ފައިސާ ނެގުމެވެ. ގޯތި ވިއްކުމަކީ މަގުސަދަކީ ވެސް ފައިސާ ހޯދުމުގެ ބޭނުމުގައި ކުރާ ކަމެއް ކަމުގައި ލަފާކުރެވެއެވެ. ފަހަރެއްގައި ވެސް ބޯހިޔާވެހިކަން ހޯދައިދިނުމަށްޓަކައި ކުރެވޭ ކަމެކޭ ނުބެނެވޭނެއެވެ. އެހެންވެ، އުދުހިފައި ދިޔަޔަސް، ދޫނި ބަކައްޓަށްވާ ފަދައިން، ތިމާ ބުނާ ބަހާއި ތިމާ ކުރާކަން ރަނގަޅުވާން ޖެހެއެވެ.މި

މިކަން ދެނެގަތުމަށްޓަކައި މާލެއިން ގޯތި ދިނުން، ފަންސާހުގެ ތެރެއިން ފެށިގެން ހިނގަމުން އައި ގޮތް، ހިތަށް ގެންނަން ޖެހެއެވެ. އެ ދުވަސް ވަރު، ގޯތި ބޭނުންވި މީހުންނަށް މާލޭގައި އޭރު އޮތް ހުސް އޮނިފީނު އަދި އެނޫން ވެސް ކޮށިތަކުންނާއި ވާވަލުން ދެވުނެވެ. ދެން، އެއަށް ފަހު، މިސްކިތްތަކުގެ ގަބުރުސްތާނުތަކުންނާއި ގޮނޑުދޮށުން ގޯތި ދެވުނެވެ. ދެން،، މޫދުން ހިއްކުމަށާއި، އަދި ފަހުން، ސަރުކާރުގެ ފަރާތުން މޫދު ހިއްކައިގެން ގޯތި ދެވުނެވެ. ކަޑަޖަހައި އިން ވަކިކޮށްގެންނެވެ. ނަމަވެސް، މި ފަދައިން ގޯތި ދިނުމަކީ، މާލޭގެ ގޯތީގެ މައްސަލައަކަށް ވެސް އަދި، ފަހުން، އެހެން ރަށްރަށުގެ ގޯތީގެ މައްސަލައަކަށް ވެސް އޮތް ދާއިމީ ހައްލަކަށް ނުވާނޭކަން މިހާރު މިއޮތީ ފެނި، އެނގޭށެވެ. ސަބަބަކީ ބިމަކީ، ރާއްޖޭގައި، ވަރަށް ވެސް ތަދު އެއްޗަކަށް ވާތީއެވެ. އެހެންވެ، ބޭނުންވާ އެންމެނަށް ކަޑަޖަހައި އިން ވަކިކޮށްފައި ގޯތި ދެވޭކަން ނޯންނާނެތީއެވެ.

މިކަމަށް އޮތް އެންމެ ރަނގަޅު ހައްލަކަށް އަދު ފެންނަން އޮތީ ބިމަކީ ދައުލަތުގެ އެއްޗެއްގެ ގޮތުގައި ބާއްވައި، ބިމުގައި، އުސްކޮށް އިމާރަތްކުރަން އެކަށީގެންވާ ވަރަކަށް، އިމާރާތް ކުރުމެވެ. އަދި، އެ އިމާރާތުން ފުލެޓު، މިލްކުކުރެވޭ ގޮތަށް، އެކަށީގެންވާ އަގެއްގައި، އަދި، އެ އަގު ފަސޭހައިން ދެއްކޭ ފަދަ ގޮތެއްގައި، ގެދޮރު ބޭނުންވާ މީހުންނަށް، ހަރުދަނާ އުސޫލެއްގެ މަތިން ދިނުމެވެ. ހަރުދަނާ އުސޫލެކޭ މިބުނީ ގެދޮރަށް މުހުތާދުވާ، އެމީހުންގެ އެފަދަ އެހެން އެއްވެސް ތަނެއް ނެތް މީސްމީހުންނަށެވެ. އަދި، މި ތަންތަނަކީ ފަހަރެއްގައި ވެސް ކުއްޔަށް ދެވިގެން ނުވާނޭ، އަދި، ކުއްޔަށް ދީފި ނަމަ، އެތަންތަން އަތުލައި އެތަންތާ އުޅެން ތިބި މީހުންނަށް އެތަންތަން ދެވޭ ތަންތަން ކަމުގައި ހެދުމެވެ.

މިފަދަ، ގޮތެއްގައި ކަންތައް ކުރުމަށް 'ހައުސިން ޕުރޮޖެކުޓުގެ' ނަމުގައި ބޯހިޔާވެހިކުރުމުގެ މަޝްރޫއެއް އޮތީ ކުރީ ސަރުކާރުގެ ދަށުން ހިންގާފައެވެ. މި މަޝްރޫއުގައި އުނިކަންތަކެއް ހުރި ކަމުގައި ވިޔަސް، އުސޫލެއްގެ ގޮތުން މިއީ ރަނގަޅު ކަމެކޭ ބުނެވިދާނެއެވެ. އެހެންވެ، މިއަދު އޮތީ މިކަމުގައި ހުރި އުނިކަންކަން ފޫބައްދައި އިތުރަށް މިފަދަ މަޝްރޫއުތައް ހިންގުމެވެ. ފަސްދޮޅަސް ގޯތިން ބޯހިޔާވެހިކަން ލިބޭނީ 60 އާއިލާއަކަށް ނޫން ހެއްޔެވެ؟ އަދި، އެ 60 ގޯތި ގަނެވޭނީ ނިސްބަތުން ވަރަށް ވެސް މަދު ބަޔަކަށެވެ. މުއްސަނދިންނާއި އެމީހުންގެ އާއިލީ މެމްބަރުންނަށް އެކަންޏެވެ. ފުރަތަމަ ފިޔަވަހީގެ ވެސް ކަންތައް ދިޔަ މަގުންނެވެ. ބޯހިޔާވަހިކަން ލިބުން ހައްގީ ވަކި ބަޔަކަށް ހެއްޔެވެ؟ އެ 60 ގޯތި ދޭ ތަންތަނުގައި ކިތައް އިމާރާތް ކުރެވި ކިތައް 60 އާއިލާ ދިރިއުޅުމުގެ މަގު ފަހިކޮށްދެވޭނެ ހެއްޔެވެ؟

ކުރިން ވެސް ބުނިހެން މިކަން ކުރަން ޖެހޭނީ ކުރިން ހިންގުނު މިފަދަ މަޝްރޫއުތަކުގައި ހުރި އުނިކަންކަން ފޫބައްދައިގެންނެވެ. އެއްތަނަށް އެއްކުރެވޭނީ ކިހާ އަދަދެއްގެ މީހުން ކަމާއި، އެމީހުންނަށް ބޭނުންވާ ފަސޭހަތައް ހަމަޖެއްސޭނެ ގޮތާއި މި ފަދަ ކަންކަމަށް ވެސް ބެލިގެންނެވެ. ކޮންމެ ގޮތެއް ވިޔަސް، ބޯހިޔާވެހިކަމަކީ އަސާސީ ހައްގެކެވެ. އެންމެން ވެސް އެކަމަށް ބޭނުން ޖެހޭ ކަމެކެވެ. އެހެންވެ، އެކަން ކުރަން ޖެހޭނީ، އެކަމަށް ބޭނުންޖެހިފައިވާ އެންމެނަށް ވެސް އަމާޒު ކުރެވިގެންނެވެ. އެ ފަދަ އެންމެނަށް ވެސް އެ ހައްގު ލިބުން ހަމަޖެހޭ ފަދަ ގޮތަކަށެވެ. ހަމައެކަނި މުއްސަނދިންނަށް އަމާޒުކުރެވިގެންނެއް ނޫނެވެ. މި ގޮތުން ބަލާއިރު، ކުރީގައި، އުސްކޮށް އިމާރާތްކުރެވި، ފެށުނު ބޯހިޔާވެހި ކަމުގެ މަޝްރޫއަކީ ރަނގަޅު މަޝްރޫއެކޭ ބުނެވިދާނެއެވެ. ނަމަވެސް، ހީވާ ގޮތުގައި މިކަން ފެށީ ކުރީ ސަރުކާރުން ކަމަށް ވެފައި، އެހެންވެ، ކޮންމެ ގޮތަކުން ނަމަވެސް އެކަން ގޯސްކުރަން ޖެހެއެވެ. ސިނަމާލެ ބުރިޖު ގޯސްކުރަން ޖެހޭ ގޮތަށެވެ. ދަރުމަވަންތަ ހޮސްޕިޓާ ވެސް ގޯސްކުރަން ޖެހޭ ގޮތަށެވެ. އެކަންކަން ރަނގަޅު ކަމެއްގެ ގޮތުގައި ދެކިއްޖެ ނަމަ ތިމާމެން ގޯސްވެދާނެހެން ހީވާ ކަހަލައެވެ. ނަމަވެސް، މިކަމަށް ހައްލެއް އެބަ އޮތެވެ. މަތީގައި ލިޔެފައި އޮތް ސުރުޚީ ކިޔާލާށެވެ! ތެދާއި ހައްގު، ހެވާއި ރަނގަޅު ގޮތް އެއީ ވަކި ބަޔަކަށް ޚާއްސަވެފައި އޮންނަ ކަމެއް ނޫނެވެ. ޝައިތާނާވެސް ތެދު ބަހެއް ބުނެފާނެއެވެ. ކިތަންމެ ނުލަފާ މީހަކުވެސް ރަނގަޅު ކަމެއް ކޮށްފާނެއެވެ. އެހެންވެ، ބުނި މީހެއްގެ ދުލަށް، ކަންކުރި މީހާކަށް، ނުބަލައި، ބުނި ބަހަށް، ކުރި ކަމަށް ބަލައި، ބުނި ބަސް ތެދުވެ، ކުރިކަން، ރަނގަޅު ވެއްޖެ ނަމަ، އެކަން ބަލައިގަތީމައި ނިމުނީއެވެ. އިބްނު ތައިމިއްޔާ ވިދާޅުވެފައިވާ ފަދައިން، އުސޫލަކަށް ވާންޖެހޭނީ ހައްގު ބަސް، އެ ބަސް ބުނި ކޮންމެ މީހެއްގެ ކިބައިން ބަލައިގަތުމެވެ. ރަނގަޅު ކަމެއް މީހަކު ކޮށްފި ނަމަ، އެކަން ބަލައިގަތުމެވެ. އެއީ ވަގެއް ނޫނީ ޚުދް ޝައިތާނާ ކަމުގައި ވިޔަސް ވެހެވެ!