...

Support Us

ޚަބަރެއްގެ ވާހަކަ: އިންޑިޔާގެ މުސްލިމުން މަރައި ހުސްކުރުމަށް އިންޑިޔާގެ ހިންދީ ދީނީ ބައެއް ލީޑަރުންގެ ގޮވާލުން

އިންޑިޔާގެ އުތުރުގައި އޮންނަ އިންޑިޔާގެ އިސްޓޭޓެއް ކަމުގައިވާ އުއްތަރުޚާންދުގެ ދެވަނައަށް އެންމެ ބޮޑު ރަށްކަމުގައިވާ ހަރިދުވާރުގައި، ވޭތުވެދިޔަ ހަފްތާގައި، ޑިސެމްބަރު 17އިން 19އަށް، އޮތް އެއްވުމުގައި، ހިންދީ ދީނީ ބައެއް ލީޑަރުން، އިންޑިޔާގެ މުސްލިމުން މަރައި ހުސްކޮށް، އިންޑިޔާއަކީ ޚާލިސް ހިންދީ ދައުލަތަކަށް ހެދުމަށް ގޮވާލައިފިއެވެ.

އިންޑިޔާގެ އެކިއެކި ތަފާތު ދީނީ އަދި ނަސްލީ ޖަމާއަތްތަކުގެ މެދުގައި އޮންނަ ހަމަޖެހުން ގެއްލުވާލުމަށް، ބަހުން ނުވަތަ އަމަލުން ވެސް ކަމެއްކުރުމަކީ އިންޑިޔާގެ ގާނޫނު ކުށްވެރިކުރާ ކަމަށް ވިޔަސް، އިންޑިޔާގެ ސަރުކާރުގެ ރަސްމީ ފަރާތްތަކުން މިކަމާ ބެހޭ ގޮތުން އެއްޗެއް އަދި ނުބުނެއެވެ. ނަމަވެސް، މި ހާދިސާއާ ގުޅިގެން، އިންޑިޔާގެ ފުލުހުންނަށް ޝަކުވާ ހުށަހެޅިފައިވާ ވާހަކައާއި އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ވާހަކަ ވެސް އިންޑިޔާގެ ފުލުހުން ޚަބަރު ދެއެވެ.

މި އެއްވުމުގައި، އިންޑިޔާގެ ހުރިހާ މުސްލިމުން މަރާލުމަށް ގޮވާލި ގޮވާލުމުގެ ވީޑިޔޯއެއް ޚަބަރު ފަތުރާ ވަސީލަތްތަކުގެ މިންބަރުތަކުގައި ފެތުރެމުން މިހާރު އެބަދެއެވެ. އަދި، މިކަމާ ގުޅިގެން ޚަބަރު ފަތުރާ ދުނިޔޭގެ ބޮޑެތި އޭޖެންސީތަކުގެ ފަރާތުންވެސް މި ވާހަކަ ގެނެސްދެމުން އެބަދެއެވެ. ބީ.ބީ.ސީއާއި އަލްޖަޒީރާއާއި އެސް.ބީ.އެސް ފަދަ ނޫސް އޭޖެންސީތަކުންނެވެ. މި ވީޑިޔޯގެ ފީތާ މި އޭޖެންސީގެ މި ޚަބަރުގެ ވާހަކަތަކާ އެކުގައި ވެސް ގެނެސްދެވިފައި ވެއެވެ. މި ވީޑިޔޯއާއި މި ވާހަކަތަކުގެ އިތުރު ތަފްސީލު މި ނަންގަތް ނޫސް އެޖެންސީތަކުގެ ޚަބަރުތައް އަޑުއަހާލައި ނުވަތަ ބަލައި ކިޔާލުމުން ލިބޭނެއެވެ.

މި ނަންގަތް ވީޑިޔޯގައި ހިންދީ ދީނީ ލީޑަރަކު ބުނާ އަޑު އިވެއެވެ. "އަހަރުމެން [ހިންދޫން]ގެ ތެރެއިން، ސަތޭކައެއްހާ މީހުން، ސިފައިންނަށްވެ، އެމީހުންގެ، [މުސްލިމުންގެ]، ދެ މިލިޔަނެއްހާ މީހުން މަރާލިޔަސް، އަހަރުމެން [ހިންދޫން]ނަށް ކާމިޔާބު ލިބޭނެއެވެ… މި ގޮތުގައި ހިފަހައްޓައި، ތިބެގެން މެނުވީ އަހަރުމެންނަށް އަހަރުމެންގެ ސަންޓާނާ ދަރުމާ [އަހަރުމެންގެ އަޒަލީ ދީން ކަމުގައިވާ ހިންދީ ދީން] ރައްކާތެރިއެއް ނުކުރެވޭނެއެވެ."

އެ އެއްވުމުގައި، އިންޑިޔާގެ ވެރިކަން ކުރާ ބީޖޭޕީ ޕާޓީތަކުގެ އިސް ބައެއް ވެރިންނާއެކު ފޮޓޯތަކުން ވަރަށް ގިނައިން ފެންނަ އެހެން ހިންދީ ދީނީ ލީޑަރަކު ވެސް، އެ އެއްވުމުގައި ހާޒިރުވެ ތިބި މީހުންނާ މުޚާތަބުކޮށް، މުސްލިމުން މަރައި އިންޑިޔާ ސާފުކުރުމަށްޓަކައި، މަރަން ނުވަތަ މަރުވެދާން ތައްޔާރުވާން ވެއްޖެކަމުގައި ބުނެފައިވެއެވެ. އެ އެއްވުމުގައި އޭނާ މިހެން ވެސް ބުނާއަޑު އިވެއެވެ. "ބަރުމާ ފަދައިން، [އިންޑިޔާގެ] ފުލުހުންނާއި ސިޔާސީވެރިންނާއި ސިފައިންނާއި އަދި އިންޑިޔާގެ ކޮންމެ ހިންދީއަކު ހަތިޔާރު ހިފައިގެން ނިކުމެ މިކަން [މުސްލިމުން މެރުން] ކުރަންޖެހެއެވެ. މި ނޫން ޚިޔާރެއް އަހަރުމެންނަކަށް ނެތެވެ." އިނގިރޭސީންގެ އަތް ދަށުން އިންޑިޔާއަށް މިނިވަންކަން ހޯއްދަވައި ދެއްވުމަށް މަސައްކަތްކުރެއްވި އިންޑިޔާގެ ގައުމީ ލީޑަރުގެ ގައިގޮޅަށް ބަޑިޖަހައި އަވަހާރަކޮށްލި ނަތުރަމް ގޮޑްސޭއަށް ހެޔޮ އެދި އިންޑިޔާގެ އެންމެން ވެސް ދުއާކުރަން ޖެހޭ ވާހަކަ ވެސް މި އެއްވުމުގައި ގޮވާލެވިފައި ވެއެވެ. އަދި ވެސް، މި އެއްވުމުގައި، އިންޑިޔާގެ ކުރީގެ ބޮޑު ވަޒީރު، ސިކު ދީނުގެ ބޭކަލެއްކަމުގައިވާ މަންމޯހަން ސިންގު މަރާލެވުނު ނަމައޭވެސް ހިތަށް އަރައޭ ވެސް ބުނެފައި ވެއެވެ.

ހަރިދުވާރުގައި އޮތް އެއްވުމުގައި، މަތީގައިވާ ބުނެފަވައިވާ ހިންދީ މީހުންގެ ބުނުންތަކުން ސީދާ އަދި ނުސީދާ ގޮތެއްގައި ދޭހަވަނީ ހިންދީ ދީނީ މީހުންގެ ނަޒަރުގައި އެމީހުންގެ ދީން ރައްކާތެރިކުރުމަށް މުސްލިމުންނާއި އަދި އެހެން ދީންތަކުގެ މީހުން މެރުމަކީ ވެސް ކޮންމެހެން ވެސް ކުރަން ޖެހޭނޭ ކަމެކެވެ. މިކަން، ހިންދީ ދީނުގެ އުނގަންނައި ދިނުންތަކާ ގުޅިފައި އޮވެދާނެއެވެ. ޝައްކެތް ނެތް ގޮތުގައި ހިންދީ ދީނުގައި، މީސްތަކުން ގިންތިތަކަކަށް ބަހާލެވިފައި އޮވެއެވެ. ހުރިހާ ހައްގުތަކެއް، ނުވަތަ ގިނަ ހައްގުތަކެއް ލިބިފައި އޮންނަ މަތީ ގިންތިތަކުގެ މީހުންނާއި ހައްގުތަކުން މަހުރޫމުވެފައި ތިބޭ، 'އެމީހުންގެ ގައިގައި އަތްޖެހުމުން އެހެން މީހުން ނަޖިސްވާ' ދަށުގިންތީގެ މީހުންގެ މައްޗަށެވެ. ބައެއް ފަހަރު، މިފަދަ، ދަށު ގިންތީގެ މީހުން، ހިންދީ ދީން ދޫކޮށް، ކުރިސްޓިއަން ދީނާއި އަދި އިސްލާމް ދީން ފަދަ ދީންތައް ޚިޔާރުކޮށް ގަބޫލުކުރެއެވެ. މީގެ އިތުރުން، ބައެއް ހިންދީ ދީނުގެ ދީނީ ލީޑަރުން ދެކޭ ގޮތުގައި، އިންޑިޔާގެ މުސްލިމުންނާއި އިންޑިޔާގެ ބައެއް އެހެން ދީންތަކުގެ މީހުންނަކީ އެމީހުންގެ ހިންދީ ދީން ދޫކޮށްލާފައި ވުމުން، އިންޑިޔާއަށް ޚިޔާނަތްތެރިވެ ޣަދަރުގެ އަމަލު ހިންގާފައިވާ ބައެކެވެ. އެހެންވެ، އިންޑިޔާއާ ވަކިވެ ގޮތް ޕާކިސްތާނާއި ބަންގުލާ ދޭޝްގެ މީހުންނަށް ވެސް އޮތީ ހިންދީ ދީން ގަބޫލުކޮށް، އެތަންތަނަކީ ހިންދީ ތަންތަން ކަމުގައި ހަދައި އިންޑިޔާއާ ގުޅުމެވެ. އާދެ، ޔަހޫދީ ޒަޔަނިސްޓުން، 'ނީލަ ކޯރުން ފެށިގެން ފުރާތާއި ދިޖުލާގެ ކޯރުގެ ދެމެދުގައިވާ' ހުރިހާ ތަންތަނަކީ ޔަހޫދީންގެ ބިން ކަމުގައި ދެކޭ ފަދައިން، ހަރުކަށި ހިންދީ ދީނީ ގައުމިއްޔަތުގެ ފިކުރުގެ މީހުން ދެކެނީ އިންޑިޔާގެ އިތުރުން، ޕާކިސްތާނާއި ބަންގުލާ ދޭޝްއަކީ ވެސް ހިންދީންގެ ތަންތަން ކަމެވެ. އެހެންވެ، އެތަންތަން ހިންދީންގެ ތަންތަނަށް ހެދުމުގެ މަސައްކަތް ކުރަން ޖެހެއެވެ.

މި ނަންގަތް ސަބަބުތަކަށްޓަކައި، އިންޑިޔާގެ ބައެއް ހިންދީ ދީނީ އަދި ސިޔާސީ ގައުމީ ލީޑަރުން ވެސް، އިންޑިޔާގެ މުސްލިމުންނާއި އަދި އެނޫން ވެސް ބައެއް އެހެން ދީންތަކުގެ މީހުންނާ މެދު ދަތިކުރުމުގެ ފިޔަވަޅުތައް އަޅައި، އަދި ބައެއް ފަހަރު، އެމީހުންނާ މެދު މަރާމާރީގެ އަމަލުތައް ހިންގުމަށް ވެސް ގޮވާލައި ހިއްވަރުދެއެވެ. މީގެ އިތުރުން، ޚަބަރު ފަތުރާ ވަސީލަތްތަކުގެ އެކިއެކި މިންބަރުތަކުގައި، ހިންދީ ދީނީ ގައުމީ ފިކުރުގެ މީހުން ކެނޑި ނޭޅި ކީރިތި ގުރުއާނާއި އިސްލާމް ދީނާއި އަދި މުސްލިމުންނާ ބެހޭ ގޮތުން ނަފުރަތާއި ޒާތީ ދެކޮޅުވެރިކަމުގެ ވާހަކަތައް ލިޔެ ފަތުރަމުން ގެންދެއެވެ. މީގެ ހެއްކެއްގެ ގޮތުގައި ހަމައެކަނި 'ކުއޯރާގައި' މިފަދަ ހިންދީން ކޮންމެ ދުވަހަކުހެން ލިޔެ، ދައްކަމުންދާ ވާހަކަތައް ބަލާލާށެވެ. އެހެންވީމާ، އުއްތަރުޚާންދުގެ ހަރިދުވާރުގެ މިދިޔަ ހަފްތާގައި ބޭއްވުނު އެއްވުމުގައި އިންޑިޔާގެ ބައެއް ހިންދީ ދީނީ ގައުމީ ލީޑަރުން އިންޑިޔާގެ މުސްލިމުން މަރައި ހުސްކުރުމަށް ގޮވާލި ގޮވާލުމުކީ ހައިރާންވީ ކަމެއް ނޫނެވެ.

ދެން، އަޅުގަނޑުމެންގެ ތެރެއިން ބަޔަކު، ޚާއްސަ ގޮތެއްގައި އަދުގެ ސަރުކާރުގެ އިސްމީހުންނާއި އެމީހުންގެ ފިކުރަށް ތާއީދުކުރާ ބަޔަކު، ބުނެފާނެއެވެ. މިއީ އިންޑިޔާގެ ދާޚިލީ ކަމެކެވެ. އެކަމާ އަޅުގަނޑުމެން ދިވެހިންނާ އޮތީ ކޮން ގުޅުމެއް ހެއްޔެވެ؟ މަލިކުގައި، މަލިކުގެ މީހުންގެ އެދުމާ ޚިލާފަށް، ހުކުރު ދުވަހުގެ މުގައްދަސުކަން ގެއްލޭ ފަދަ ގޮތަކަށް، އެތަނުގެ ގަވާއިދުތައް ބަދަލުކުރަން އުޅުމުން، މަލިކު މީހުން މިކަމާ ނުރުހުން ފާޅުކޮށް އިހުތިޖާޖު ކުރުމުގެ ޚަބަރު ދިވެހި ބައެއް ނޫސްތަކުގައި ގެނެސް ދިނުމުން، ބައެއް ދިވެހިން ބުނި ފަދައިންނެވެ. އާދެ، މިކަންކަމީ ތަނުގެ ދާޚިލީ ކަންކަމެވެ. އެހެންވެ، ތަނެއްގެ ދާޚިލީ ކަންކަމާ ބެހުމުގެ ހައްގެއް އެހެން ބަޔަކަށް ނޯންނާނޭކަން ބައެއް ދިވެހިން ބުންޏެވެ.

ވަރަށް ވެސް ރަނގަޅު ވާހަކައެކެވެ. ތަންތަނުގެ ދާޚިލީ ކަންކަމާއި ބެހުމުގެ ހައްގެއް އެހެން ބަޔަކަށް ލިބިގެން ނުވެއެވެ. މިއީ ހަމަ އެންމެ ރަނގަޅު އުސޫލެކެވެ. ނަމަވެސް، ތަނެއްގެ ބަޔަކު އެމީހުންގެ ތެރޭގައި އުޅޭ ބަޔަކު މަރަން ގޮވުމަކީ އެއާ މެދު އެއްވެސް އެއްޗެއް ނުބުނެ ދޫކޮށްލަން ޖެހޭނޭ ކަމެއް ހެއްޔެވެ؟ އަދި، އެފަދަ ކަންކަމާ ގުޅޭ ޚަބަރުތައް ގެނެސް ދިނުމަކީ ވެސް، ތަންތަނުގެ ދާޚިލީ ކަންކަމާ ބެހުން ހެއްޔެވެ؟ އަހަރުމެންގެ ތެރޭގައި އަނގަ ތަންމިނަށް ހުޅުވާފައި އިންސާނީ ހައްގުތައް ދިފާއުކުރުމުގެ ވާހަކަ ގޮވާ މީހުން ކޮބާ ހެއްޔެވެ؟ މީހުން މަރަށް ގޮވާ ގޮވުމަކީ މި ހައްގުތަކާ ފުށުއަރާ ކަމަކަށް ނުވޭ ހެއްޔެވެ؟ މިފަދަ ޚަބަރެއް ގެނެސް ދިނުން ވެސް އެއީ ގޯސް ކަމެއް ހެއްޔެވެ؟ ޝައްކެތް ނެތެވެ. އެއީ ގޯސް ކަމެއް ނޫނެވެ. އެ ވާހަކަތައް ދައްކަން ޖެހެއެވެ. އަދި، އެފަދަ ޚަބަރުތައް ގެނެސްދޭން ވެސް ޖެހެއެވެ. ހަރިދުވާރުގެ ހާދިސާގެ ވާހަކަތައް ބޭރުގެ އެތައް ނޫހެއްގައި ގެނެވުނީ އެހެން ވެގެންނެވެ!