Support Us

ޅެމަކާއެކު ވަގުތުކޮޅެއް: އައްލާމާ އިގުބާލުގެ މަލާއިކަތުންގެ ލަވަ، މިޅެމުގެ ކިޔައިލުމެއް

ސުރުޚީގައި ބަޔާންކުރެވިފައިވާ ފަދައިން، އަދުގެ ވާހަކަކޮޅު ގުޅެނީ ޅެމަކާއެވެ. ފަލްސަފީ ޅެންވެރިޔެއްގެ ގޮތުން މަޝްހޫރުވެފައިވާ އައްލާމާ އިގުބާލުގެ ޅެމަކާއެވެ. ޅެމާއި ޅެމުގެ ތަރުޖަމާއަކާއި ޅެމުގެ މަޒްމޫނު، އޭގައި އެކުލެވޭ ޖުމްލަ މާނަ، ހުށަހަޅާލައި ޅެމުގެ މައްޗަށް ކަޅިއެއް އެއްލުމުގެ ކުރިން، އެންމެ ފުރަތަމަ ޅެމާ ބެހޭ ގޮތުން އެއްޗެއް ބުނެލަން ބޭނުންވެއެވެ.

ޅެމާ ބެހޭ ގޮތުން އެއްޗެއް ބުނަން ބޭނުންވަނީ ޅެމުގެ ތައުރީފު، ޅެމަކީ ކޮބައިކަން، މިކަމާ ބެހޭ ގޮތުންނެތް ނޫނެވެ. ނުވަތަ ޅެމުގެ ސޫރަ، ބޭރު ފުށް، މިކަމާ ބެހޭ ގޮތުންނެއް ވެސް ނޫނެވެ. މިއަދު، މި މަގާމުގައި، ޅެމާ ބެހޭ ގޮތުން ފާހަގަކޮށްލަން ބޭނުންވަނީ ޅެމުގެ ތަރުބަވީ ދައުރާ ބެހޭގޮތުނެވެ. ވިސްނުމާއި ފިކުރުކުރުން ކުރިއެވުމަށްޓަކައި ޅެން ކުޅޭ ތައުލީމީ ދައުރާ ބެހޭ ގޮތުންނެވެ.

ޅެމުގައި އެކުލެވޭ މާނަ އޮންނަނީ ޅެމުގެ ލަފްޒުތަކުގެ ތެރޭގައި ޖުމްލަ ގޮތެއްގައި 'ފޮރުވިފަ’އެވެ. އަދި، ޅެމުގެ ފޭރާން ޒީނަތްތެރިކޮށް، ރީތިކުރުމަށްޓަކައި، ޅެންވެރިޔާ ބަސްތައް އަތުރާލާ ގޮތުންނާއި އޭނާ ބޭނުންވާ މާނަ ފޯރުކޮށްދިނުމުގައި ބޭނުންކުރާ، އެއްގޮތްކުރުންތަކާއި، މަޖާޒީ ބަސްތަކާއި ތަޝްޚީސުކުރުމާއި އަދި މި ނޫންވެސް އަދަބީ ވަސީލަތްތަކުގެ ސަބަބުން، ބައެއް ފަހަރު، މާނަ އިތުރަށް ފޮރުވި، ވަޅުލެވޭ ގޮތް ވެއެވެ. މިކަމުގެ ސަބަބުން، ޅެމުގެ މާނަ ދެނެގަތުމަށްޓަކައި ކިޔުންތެރިޔާ، އޭނާގެ ވިސްނުމާއި ފިކުރު، އޭނާގެ ޚިޔާލާއި ރައުޔު، ބޭނުންކުރަން ޖެހެއެވެ. ފޮތެއް ކިޔައި އޭގެ މާނަ ދެނެގަނެ ފަހުމުކުރުމަށްޓަކައި މިކަންކަން ބޭނުންކުރަން ޖެހޭ ވަރަށްވުރެ އިތުރަށެވެ. ފޮތްފޮތުގައި، މާނައެއް، ޖުމްލަގޮތެއްގައި ގެނެސްދެވޭ ނަމަ، އެކަން އިތުރަށް ތަފްސީލުކޮށްދީ ބަޔާންކުރެވެއެވެ. މައުނަވީ ގޮތެއްގައި ބަޔާންކުރެވޭ ނަމަ، އޭގެ ހިއްސީ ސޫރައެއް ގެނެސް، އެކަން އިތުރަށް ސާފުކޮށްދެވެއެވެ. އެހެންވެ، ގިނަ ފަހަރަށް، ފޮތެއްކިޔައި އޭގެ މާނަ ދެނެގަތުން ޅެމެއް ކިޔައި އޭގެ މާނަ ދެނެގަތުމަށް ވުރެ ފަސޭހަވެއެވެ.

ޅެމުގެ މާނަ، އޭގެ ލަފްޒުތަކުގައި ފިއްތާލެވި، ފޮރުވިފައި، އޮތުމުގައި އީޖާބީ ކަމެއް، ނުވަތަ ދާދި ފަހުން ބޭނުންކުރަން ފެށުނު ބަހެއް ބޭނުންކުރާނަމަ 'ފައްސި' ކަމެއް ވެސް އޮވެއެވެ. އެގޮތުގައި އެކަން އޮތުމުން، ލިބޭ ފައިދާއެއް އެބަ އޮތެވެ. ކުރިން ބަޔާންކުރެވުނު ފަދައިން، ކިޔުންތެރިޔާ އޭނާގެ ޒިހުނީ މަސައްކަތް އިތުރަށް ކުރަން ޖެހުމެވެ. މިސާލަކަށް، މިއަދުގެ ވާހަކައިގެ ސުރުޚީ ހިތަށް ގެންނަވަ ބައްލަވާށެވެ. 'މަލާއިކަތުންގެ ލަވަ' މި ސުރުޚީގެ މައްޗަށް ނަޒަރު ހިންގާލައްވަ ބައްލަވާށެވެ! ތަފާތު ސުއާލުތައް ހިތުގައި އުފެދެއެވެ. މަލާއިކަތުން ލަވަ ވިދާޅުވޭ ހެއްޔެވެ؟ އެ ބޭކަލުން ލަވަ ވިދާޅުވާ ނަމަ، އެ ލަވަވިދާޅުވެ ދެއްވަނީ ކާކަށް ހެއްޔެވެ؟ އެ ބޭކަލުން ލަވަ ވިދާޅުނުވާ ނަމަ، މިތަނުގައި 'މަލާއިކަތުން' މި ލަފްޒުގެ މުރާދަކީ ކޮބައި ހެއްޔެވެ؟ ޅެންވެރިޔާ، މި ލަފްޒު، މިތާ، ބޭނުންކުރުމުގެ މަގުސަދަކީ ކޮބައިހެއްޔެވެ؟ މިފަދަ، ތަފާތު އެތައް ސުއާލެއް، ސުރުޚީ އެކަނި ވެސް އެބަ ކުރިމަތިކުރެއެވެ. މި ސުއާލުތަކުގެ ޖަވާބު ޅެމުގައި ބަޔާންކުރެވިފައެއް ނުވެއެވެ. އޭގެ ޖަވާބު ހޯދަން ޖެހެނީ ކިޔުންތެރިޔާ އަމިއްލައަށެވެ. ޅެމުގެ މާނައިގެ މައްޗަށް ވިސްނުމާއި ފިކުރުކުރުމުގެ ނަޒަރެއް ހިންގާލުމަށް ފަހު، އޭނާ ނެރޭ އޭނާގެ އަމިއްލަ ރައުޔުގެ މައްޗަށް ބިނާކޮށެވެ. ތައުލީމީ އޮނިގަނޑެއްގެ ތެރޭގައި، އަދަބީ މާއްދާއެއް ކިލާހެއްގެ ތެރޭގައި، މި ޅެމާ ބެހޭ ގޮތުން ވާހަކަ ދައްކާ ނަމަ، މުދައްރިސެއްގެ އެއް އަމާޒަކަށް ވާނީ، ކިޔަވާކުދިންނަށް މިފަދަ ސުއާލުތައް ކުރަން ދަސްކޮށްދިނުމެވެ. އަދި އެ ސުއާލުތަކުގެ ޖަވާބުގައި އެކުދިންނަށް ފެންނަ އެއްޗެއް ބުނުމުގެ ހިއްވަރު ދިނުމެވެ. އަދި އެކުދިންގެ ޖަވާބުތަކުގެ ތަބުރީރު، އެ ޖަވާބުތައް ދިނީ ކީއްވެގެންތޯ، ބަޔާންކޮށްދީ ހެކިދެއްކުމަށް އެހީވުމެވެ. އާދެ، ޅެމުގެ މާނަ، ލަފްޒުތަކުގައި ފޮރުވިފައި އޮތުމުން، މިފަދަ ސުއާލުތައް އުފައްދައި، އެ ސުއާލުތަކުގެ ޖަވާބުގައި، ފެންނަ އެއްޗެއް ބުނުމަށް އިތުރު ހިއްވަރު ލިބެއެވެ. ސުއާލުތަކުގެ ޖަވާބު، ޅެމުގައި، ސީދާ ގޮތެއްގައި، ކަނޑައެޅިފައި ނެތުމުންނެވެ. ޅެން އަދާކުރާ ތަރުބަވީ ދައުރުގެ ތެރޭގައި މިކަން ހިމެނެއެވެ. ތަފާތު ގިނަ ސުއާލުތައް ކުރުމާއި އެ ސުއާލުތަކުގެ ޖަވާބު ލިބިގަތުމަށް މަސައްކަތްކޮށް، ވިސްނާ ފިކުރުކުރުން ކުރިއަރުވައި ތަރައްގީކުރަން އެހީވުމެވެ. އެހެންވެ، ޅެމެއްގެ މައްޗަށް ނަޒަރު ހިންގާލާއިރު، މިފަދަ ސުއާލުތައްކޮށް އަމިއްލައަށް އޭގެ ޖަވާބު ހޯދަން މަސައްކަތްކުރުމަކީ އަމިއްލަ ވިސްނުމާއި ފިކުރު ކުރިއަރުވައި ތަރައްގީކުރުމަށް އެހީވެދޭނޭ ކަމެކެވެ.

ދެން ޅެމުގެ ތަރުޖަމާގެ އެހީގައި ނަމަވެސް، ޅެމުގެ މާނައިގެ މައްޗަށް ބަލައިލަމާތޯއެވެ. ޅެމުގެ އަސްލު ބަސް ނޭނގުމަކީ މައްސަލައެއް ނޫނެވެ. އަޅުގަނޑަކީ ވެސް، ޅެމުގެ އަސްލު ބަސް، ކޮންމެވެސް ވަރަކަށް އެނގުނު ނަމަވެސް، އެ ބަސް އެނގެއޭ ބުނަން ކެރޭ ވަރަށް، އެބަސް އެނގޭ މީހެއް ނޫނެވެ. އެހެންވެ، އަޅުގަނޑުގެ ތަރުޖަމާ ވެސް ބިނާވެފައިވަނީ ޅެމުގެ އިނގިރޭސި ތަރުޖަމާއެއްގެ އެހީއާ ވެސް އެކުގައެވެ.

އަގްލް ހައި ބޭޒަމާމް އަބީހ، އިޝްގު ހައި ބޭ މަގާމް އަބީހ

ނަގްޝް ގަރޭ އަޒަލް، ތޭރާ ނަގްޝް ހައި ނާތަމާމް އަބީހ

ސިކުނޑި އަދިވެސް އޮތީ ލަނގަން މޮހާ ނުލެވިއެވެ. ލޯބި އަދިވެސް އޮތީ އޭގެ މަގާމު އެއަށް ނުލިބިއެވެ. އަޒަލުގައި ލިޔުއްވާ ރަސްކަލާނގެއެވެ! އިބަރަސްކަލާނގެ (އަޒަލުގައި ލިޔުއްވި އެ) ލިޔުއްވުން އަދިވެސް އޮތީ (ހަގީގަތަކަށްވެ،) ފުރިހަމަ ނުވެއެވެ.

މި ބައިތުގައި ބޭނުންކުރެވިފައިވާ ދެތިން ލަފްޒެއްގެ ކައިރީ ކުޑަކޮށް މަޑުޖައްސާލަމާތޯއެވެ. އެންމެ ފުރަތަމަ 'އަގްލު’، މި ލަފްޒުގެ ކައިރީގައެވެ. މިލަފްޒުން އިޝާރަތްކުރެވެނީ އިންސާނާގެ ވިސްނާ ފިކުރުކުރުމުގެ ބާރަށެވެ. ޅެންވެރިޔާ ވިދާޅުވާ ގޮތުގައި މި ބާރު، އޮތީ އަހެއްގެ ލަގަނުގައި ހިފަހައްޓައި އެ އަސް މަތަކޮށް، ހައްޔަރުކުރެވިފައިވާ ފަދައިން، ހައްޔަރުކޮށް ހިފެހެއްޓިފައެވެ. މިތަނުގައި އިގުބާލު އިޝާރަތް ކުރައްވަނީ، މުސްލިމުންގެ އަގުލަށެވެ. އެމީހުންގެ ހިތްތަކާއި ސިކުނޑިތަކަށެވެ. އެމީހުންގެ ވިސްނުމާއި ފިކުރުކުރުމަށެވެ. މިކަން ހުއްޓި، ކުރިއަރުވަން ނޫޅެވޭ ކަމެވެ. އެމީހުންގެ އިސްލާމީ ތައުލީމީ މުއައްސަސާތަކުންނާއި އެ ތަންތަނުގައި ހިންގާލެވޭ އިސްލާމީ ތައުލީމީ ނިޒާމު، މުސްތަގިއްލު ގޮތެއްގައި ވިސްނާ ފިކުރުކުރާ މީހުން އުފައްދަމުން ނުދާކަމެވެ. މިކަމުގެ ނަތީޖާއަކީ ކޮބައިތޯއެވެ؟ މުސްލިމުންނާ މާތްކަލާނގެ ކަނޑައަޅުއްވައި ހަވާލުކުރައްވާފައިވާ ވާޖިބު އަދާ ނުކުރެވުމެވެ. އެކަލާނގެ އެދިވެވޮޑިގެންވާ ފަދަ އަފުރާދުންނާއި އެ މީހުންގެ މައްޗަށް އެކުލެވޭ މުޖުތަމައުއެއް އުފެއްދުމަށް ނުކުޅެދިފައިވުމެވެ. އެކަކު އަނެކަކަށް ލޮބުވަތައި އަޅާލައި އުޅޭ، އަދި، އެ މީހުންގެ ތެރޭގައި ހަމަހަމަކަމާއި އަދުލުވެރިކަން އޮތް މުޖުތަމައު އެއް އުފެއްދިފައި ނުވުމެވެ. އަދި އެއްފަހަރު ބައިތުގެ މާނަ ބައެއް އިތުރުކުރުންތަކާއެކު ކިޔާލަމާތޯއެވެ؟

އޭ އަޒަލުގައި (ކަންކަން) ފަރުމާކުރެއްވި މާތްރަސްކަލާނގެއެވެ! ސިކުނޑީގައި އެޅިފައިވާ ކަސްތަޅުތައް އަދި ނައްޓާލެވިފައި ނުވުމުން، (ހިތްތަކުގެ މައްޗަށް ލޯބި ވެރިނުވެ، މަގުމަތިވެ، އަދި) ލޯބީގެ މަގާމު ގެއްލިފައި ވުމުން، އިބަރަސްކަލާނގެ (ދުނިޔޭގެ ކަންތައްތައް އޮންނަންޖެހޭގޮތް) ފަރުމާކުރައްވައި އިރާދަފުޅުކުރެއްވި ގޮތް އަދިވެސް އޮތީ (ދުނިޔޭގައި) ފުރިހަމަ ނުވެ، އެގޮތް ހަގީގަތަކަށް ހަދާނުލެވިފައެވެ!

މުސްލިމުންގެ ސިކުނޑީގައި ކަސްތަޅު އެޅި، ވިސްނުމާއި ފިކުރުގެ އަސް ނެރި ތަފާތު މައިދާންތަކުގައި ދުއްވުމަށް ނުކުޅެދިފައި ވަނީ ކީއްވެ ހެއްޔެވެ؟ ދެން އޮތް ބައިތުތަކުގައި މިކަމުގެ ސަބަބުތައް ބަޔާންކުރައްވާ ގޮތް ބަލާލަމާތޯއެވެ؟

ޚަލްގޭ ޚުދާ ކީ ގާހތް މޭ، ރިންދޯ ފަގީހޯ އަމީރޯ ޕީރް،

ތޭރޭ ޖަހާނ ހައި ވޮހީ، ގަރުދްޝޭ ސުބްހޯ ޝާމް އަބީހ

(ދުނިޔޭގެ އުފަލުގައިޖެހި) މަސްތުވެފައި ތިބި މީހުންނާއި، (ބޭރުފުށް އެކަނި ފެންނަ) ފިގުހުގެ، (އިސްލާމް ދީނުގެ)، އިލްވެރިންނާއި، (ވެރިކަމުގެ ދަހިވެތިކަމުގައި ޖެހިފައިވާ ފާސިދު) އަމީރުންނާއި (ދުނިޔޭގެ ފައިދާއަށްޓަކައި) ދީންވެރިވެގެން އުޅޭ މީހުން އިބަ ރަސްކަލާނގެ އާންމު އަޅުތަކުން (އަޅުވެތިކުރުމަށްޓަކައި) ފާރަވެރިވެ އެބަ ތިއްބެވެ! އެހެންވެ، އިބަރަސްކަލާނގެ މި ދުނިޔޭގައި (ލެއްވެވި) ހެނދުންތަކާއި ހަވީރުތަކަށް، (މި ދުނިޔޭގެ ދުވަސްތަކަށް) އަދިވެސް (އިސްލާހެއް އައިސް، ހެޔޮ) ބަދަލެއް ނާދެއެވެ.

ކުރީ ބައިތުގައި އިޝާރަތްކުރެވި ދިޔަ ފިކުރީ ހޭލުންތެރިކަން މުސްލިމުންނަށް ނުލިބި ތިބެންޖެހިފައިވާ ބައެއް ސަބަބުތައް މި ބައިތުގައި ބަޔާންކުރެވިފައިވެއެވެ. ހުރިހާ ދިމާއަކުން ވެސް މުސްލިމުންގެ އާންމު މީސްތަކުން ތިބީ ފިކުރީ ގޮތުން ކަސްތަޅު އެޅުވި، އަމިއްލައަށް ވިސްނުމަށް މަސައްކަތްކުރުން ހުއްޓުވާފައެވެ. އެއްކޮޅުން މުސްލިމުންގެ ސިޔާސީވެރިންނެވެ. އިހުގައި މުސްލުމުންގެ ސިޔާސީ ޒައީމުންނަކީ އުނގެނުމާއި އުނގަންނައިދިނުން، ހުރިހާ ރޮނގެއްގައި ވެސް، އިލްމީ ގޮތުން ކުރިއަރާ ދިޔުމުގެ މަގުފަހިކޮށްދެއްވި އިލްމުވެރި ޒައީމުންނެވެ. މުސްލިމުންގެ ތެރޭގައި އިލްމުވެރިކަން ކުރިއަރައި ފެތުރިދިޔުމަށްޓަކައި މަދަރުސާތަކާއި ޖާމިއާތައް، ލައިބުރަރީތައް ބިނާކުރެއްވިއެވެ. އިލްމީ ފޮތްތައް އެތައް މިތަނުން ހޯއްދަވައިގެން ގެންނަވައި، އެ ފޮތްތައް ތަރުޖަމާކުރައްވުމުގެ މަގުފަހިކޮށްދެއްވި، އުއްމަތުގެ މަސްލަހަތު އިސްކުރެއްވި ދުރު ވިސްނިވަޑައިގެން ތިއްބެވި ޒައީމުންނެވެ. ނަމަވެސް، އަދުގެ ހާލަތަކީ ކޮބައި ހެއްޔެވެ؟ މުސްލިމުންގެ ތެރޭގައި އިލްމުގެ މަފްހޫމު ވެސް އޮތީ ޖާމިދު އެއްޗެއްގެ ގޮތުގައެވެ. ޚާއްސަ ގޮތެއްގައި ދީނީ އިލްމަކީ އިހުގެ އިލްމުވެރިންގެ އުފެއްދުންތައް ހިތުދަސްކުރުމުގެ މައްޗަށް ބިނާވެފައި އޮންނަ އިލްމެކެވެ. އެ ފަދަ ދީނީ މަންހަޖެއްގެ ކިޔަވައި ދަސްވެނިވެގެން، ނިކުންނަ ދީނީ ތައުލީމުގެ މީހުންނަށް، ދުނިޔެއަށާއި އިސްލާމީ މުޖުތަމައުތަކަށް އަންނަމުންދާ ބަދަލުތައް ކުރިމަތި ކުރުވާ މައްސަލަތައް ހައްލުކުރުމުގެ ގޮތުން، ދީނީ އުސޫލަތަކުގެ އަލީގައި އެއްޗެއް ބުނުމުގެ ގާބިލިއްޔަތުކަން ލިބިގަނެވޭ ގޮތެއް ނުވެއެވެ. މިސާލެއްގެ ގޮތުން އެއްޗެއް ނަންގަނެލާނަމެވެ. ޒަކާތަކީ މުސްލިމު މުޖުތަމައުގައި ފަގީރުކަން ނައްތާލުމަށްޓަކައި އޮތް ވަސީލަތެއްކަމަށްވީއިރު، އެގޮތުގައި އެކަން ތަރައްގީކުރެވޭ ގޮތެއް އަދިވެސް ނުވެއެވެ. ޒަކާތުގެ މައްސަލަތައް އަދިވެސް ވިސްނަނީ އިހުގައި ފައިސާގެ މަފްހޫމު އޮތް ގޮތުގެ މައްޗަށް ބަލާފައެވެ. ރަނާއި ރިހި، ގެރި ބަކަރިއާއި ޖަމަލު، އަދި ގޮވާމުގެ ބާވަތްތައް ފައިސާގެ ގޮތުގައި ބޭނުންކުރެވުނު އިރު ކަންތައްތައް އޮތް ގޮތުގެ މައްޗަށް ބަލާފައެވެ. މިހާރުގެ ފައިސާއަކީ މި ގޮތުގައި އޮތް އެއްޗަކަށް ނުވިޔަސް، އަދިވެސް، ޒަކާތުގެ މައްސަލަތައް ކިޔަވައި ދެވެނީ ހަމަ އިހުގެ ކަންތައްތައް އޮތް ގޮތަށެވެ. އާދެ، އަދުގެ ގިނަ ފިގުހުވެރިންނަކީ ހަމަ އެކަނި ފިގުހީ މައްސަލަތުގެ ބޭރުފުށަށް ބަލާބަޔަކަށް ވުމުންނެވެ. ދެން، ކިރިޔާވެސް އެއާ ޚިލާފަށް އެއްޗެއް މީހަކު ބުނެފި ނަމަ، އެމީހާ ކާފިރުކޮށް އޭނާ ދީނުން ބޭރުކުރެއެވެ. އަދި، ބައެއް ފަހަރު، އޭނާގެ ފުރާނައަށް ނުރައްކާވެ، އޭނާގެ އަމިއްލަ ރާއްޖޭ ދޫކޮށްލަންވެސް ޖެހޭ ފަހަރު އާދެއެވެ.

ދެން ތިބީ ދީންވެރިވެގެން އުޅޭ މީހުންނެވެ. ދީނަކީ ހަމައެކަނި ބޭރުފުށުގެ ކަމެއްކަމަށް ބަލައި، ދީނުގެ ހުރިހާ ތައުލީމާތުތަކަކީ ބޭރުފުށާއި ގުޅިފައި އޮންނަކަމެއް ކަމަށް ދައްކާލައި އުޅޭ މީހުންނެވެ. މީހާގެ ތަގުވާވެރިކަން ބިނާވެފައި އޮންނަނީ މީހާގެ ތުނބުޅީގެ ދިގުމިނުގެ މައްޗަށާއި އޭނާ ލާ ހެދުމާއި އެ ހެދުމުގެ ކުލައިގެ މައްޗަށްކަން، އެމީހުންގެ އަމަލުތަކުން ދައްކާ ޕީރުންނެވެ. ދީނީ ތައުލީމުގެ އެއްވެސް މިންވަރެއް ލިބިފައި ނެތަސް، މިފަދަ ޕީރުން، ދީނީ ވާހަކަދައްކައި ފަތުވާދިނުމުގައި އުޅެއެވެ. އަދި، ބައެއް ފަހަރު، ދީނުގެ ނަމުގައި، އަގަށް ފެންކިޔަވައި، ފަންޑިތަ ސިހުރު ހާހޫރަ ހަދައި ވިޔަފާރިވެސްކޮށް އުޅެއެވެ. މިއިން ކަމަކާ މީހަކު އިދިކޮޅު ހަދައިފި ނަމަ، އަނެއްކާވެސް އެމީހަކު ކާފިރުކޮށް، ދީނުން ބޭރުކުރެއެވެ.

އާދެ، ޅެންބައިތުގައި ބުނެފައި ވަނީ، މިފަދަ ވެރިންނާއި ފިގުހުވެރިންނާއި ދީންވެރިވެގެން އުޅޭ މީސްމީހުން، އެބައި މީހުންގެ އަމިއްލަ މަސްލަހަތުތައް ރައްކާތެރިކުރުމަށްޓަކައި އާންމު މީހުންގެ ވިސްނުމުގައި ކަސްތަޅުއަޅުވާފައި ވެއެވެ. މިނިވަންކަމާއެކު އެއްޗެއް ބުނެފި ނަމަ، ހައްޔަރުކޮށް ނުވަތަ ދީނުން ބޭރުކޮށް، އަދި ބައެއް ފަހަރު އެފަދަ މީހުންގެ ފުރާނައަށް ވެސް ގެއްލުންދީގެންނެވެ. މިފަދަ ގޮތެއްގައި މުސްލިމުންގެ ހާލުއޮތް އިރު އިލްމީ ހޭލުންތެރިކަމެއް އެމީހުންގެ ތެރައަށް ގެނެވޭނީ ކިހިނަކުން ހެއްޔެވެ؟ ޅެންވެރިޔާގެ އިބާރާތުން ބުނާ ނަމަ، އެމީހުންގެ ހެދުންތަކާއި ހަވީރުތަކަށް ހެޔޮ ބަދަލެއް ގެނެސް އަލުން ޒީނަތްތެރިކުރެވޭނީ ކިހިނަކުން ހެއްޔެވެ؟

ތެރޭ އަމީރު މާލޭ މަސްތް، ތޭރޭ ފަގީރް ހާލޭ މަސްތް

ބަންދާ ހައި ކޫޗާ ގިރްދް އަބީހ، ޚުވާޖާ ބަލަނދެ ބާމް އަބީހ

(މުދަލާއި ފައިސާގެ ނިއުމަތް ދެއްވި) އިބަރަސްކަލާނގެ މުއްސަނދި އަޅުތަކުން، ފައިސާގެ މަސްތުގައި ޖެހިފައި، (އެހެން މީހުންނަށް އަޅާލެވޭ ވަރެއް ނުވެއެވެ.)

(މުދަލާއި ފައިސާވެރިކަމުގެ ނިއުމަތުން މަހްރޫމުވެފައި ވާ) އިބަރަސްކަލާނގެ ފަގީރު އަޅުތަކުން (އެމީހުންގެ) ހާލަތުގެ މަސްތުގެ ތެރެއަށް ގެނބި، ފުދި ރުހި ތިބުމުން، (އެމީހުންގެ ހާލަތު ބަދަލުކުރަން މަސައްކަތްކުރެވޭ ގޮތެއް ނުވެއެވެ.)

އަޅުވެތިވެފައިވާ މީހުންގަނޑު، އަދިވެސް، މަގުތަކުގައި ހާސްވެ ކަންބޮޑުވެގެން އެނބުރެނީއެވެ. އެމީހުންގެ ސާހިބުންގެ (ގާތަށް އެހީއެއް ހޯދަން ދެވޭ ވަރަށް ވުރެ ސާހިބުންގެ ގަނޑުވަރުތަކުގެ) ފާރުތައް މާ އުހެވެ.

މުސްލިމުންގެ މެދުގައި ފިކުރީ ހޭލުންތެރިކަމެއް އުފެދި ދިޔުމަށް އެހެން ހުރަސްތައް ވެސް އެބަ ހުއްޓެވެ. އެމީހުންގެ އިގުތިސާދީ ހާލަތެވެ. އެމީހުންގެ ތެރޭގައި އޮތް މުއްސަނދިކަމާއި ފަގީރުކަމުގެ ތަފާތު ބޮޑުކަމެވެ. މުއްސަނދިން އިތުރަށް މުއްސަނިދިވެ އެމީހުން ވަނީ އެކަމުގެ މަސްތުގައި ޖެހި، މުދާވެރިވުން ނޫން އެހެން ކަމެއް ކުރުމުގެ އެދުމާއި ބޭނުމެއް ނެތިފައެވެ. ދެން ތަނުގެ ބޮޑު އަޚުލަބިއްޔަތެއް އޮތީ ނުލާހިކު ފަގީރު ހާލަތެއްގައެވެ. އެމީހުންގެ ޒަރޫރީ ބޭނުންތައް ވެސް އަމިއްލައަށް ފުއްދާ ނުލެވޭ ފަދަ ހާލަތެއްގައެވެ. އެކަންކަން ފުއްދާލެވެން އޮތް ހަމައެކަނި ގޮތަކީ މުއްސަނދިން ގާތަށް ގޮސް ސަލާން ޖެހުމެވެ. ނަމަވެސް، އެފަދަ މުއްސަނދިންގެ ގަނޑުވަރުތަކުގެ ފާރުތައް އުސްވެ، އެމީހުންނާ ހަމައަށް ދިއުން ވެސް ނުހަނު އުނދަގުލެވެ. މިފަދަ ގޮތެއްގައި އެމީހުންގެ ހާލަތު އޮތް އިރު، އިލްމީ ހޭލުންތެރިކަމެއް އެމީހުންގެ ތެރެއަށް ގެނެވޭނީ ކިހިނަކުން ހެއްޔެވެ؟

ދާންޝޯ ދީނޯ އިލްމީ ފަންނު ބަންދަގީ އޭ ހަވާސް ތަމާމް

އިޝްގޭ ގުރަހް ކުޝާޔޭ ކާ ފައިޒް ނެހީ ހައި އާމް އަބީހ

ދީނާއި ސައިންސުގެ އިލްމާއި ފަންނުތަކުގެ އިލްމު ހޯދައި އުނގެނުމުގެ (ބޭނުމަކަށްވެފައި އޮންނަނީ، ވިސްނުން ތަރައްގީ ކުރުމަށްވުރެ ބޮޑަށް، އަމިއްލަ) މާއްދީ ބޭނުންތައް ފުއްދުމަށް ކޮށާލެވޭ މަގަކަށެވެ.

ހުރިހާ ކަމަކަށް އޮތް ފަރުވާކަމުގައިވާ، (އެކަކު އަނެކަކަށް) ލޯބިކުރުމާއި (އެކަކު އަނެކަކަށް، ކަމޭހިތައި) އަޅާލުމުގެ ނިއުމަތުގެ ސިފަ މީސްތަކުންނަށް އަދިވެސް ލިބިގަނެވޭ ގޮތެއް ނުވެއެވެ.

ދެން މުސްލިމު މުޖުތަމައުގައި އިލްމު އުނގެނުމުގެ މަގުސަދުގެ މައްޗަށް ނަޒަރު ހިންގާލުން ހުއްޓެވެ. އުނގެނުމާއި ތައުލީމު ހާސިލުކުރުމުގެ ބޭނުމަކީ ވިސްނުމާއި ފިކުރުކުރުން ތަރައްގީކޮށް، އިލްމު އުފައްދައި ތަނުގެ ހާލަތު އިސްލާހުކޮށް ހެޔޮ ބަދަލެއް ގެނައުމެއް ނޫނެވެ. ކިޔެވުމުގެ މައިގަނޑު މަގުސަދަކަށް ވެފައި އޮންނަނީ ތިމާމެންގެ މޮޅުކަން ދެއްކުމާއި ބޮޑެތި ވަޒީފާތައް ލިބުގަތުމަށްޓަކައި ކޮށާލެވޭ މަގަކަށެވެ. ތިމާ ހާސިލުކުރާ ސެޓުފިކެޓަކީ ރަނުގެ ޗޭނެއް ކަހަލަ އެއްޗެކެވެ. ވީހާވެސް ދުރަށް ފެންނަ ގޮތަކަށް ތިމާގެ ކަރުގައި އަޅުވާލެވޭއެވެ. ކިޔެވުމާއި ތައުލީމު ހާސިލުކުރުމުގެ ބޭނުމަކީ ހިލްމުވެރިކަން، އާދެ، ރިވެތި އަޚުލާގެއްގެ ވެރިބަޔަކަށްވެ، އެންމެނަށް އަޅާލައި ލޯބިކޮށް، ޚިދުމަތް ކުރުމުގެ ގާބިލުކަމާއި އެކަށޭނަކަމުގެ ހުނަރު ހޯދަން ކުރާކަމަށް ނުވެއެވެ. އިލްމު ހާސިލުކުރުމުގެ އަމާޒުފަތްގަނޑަކީ، ހަމައެކަނި މާއްދީ ފައިދާތަކެއް ލިބިގަތުމަށްޓަކައި ކުރާ ކަމަކަށް ވެފައި އޮތުމުން، އިލްމީ ހޭލުންތެރިކަމެއް އުފައްދާލެވޭނީ ކިހިނެއް ހެއްޔެވެ؟

ޖައުހަރޭ ޒިންދަގީ ހައި އިޝްގު، ޖައުހަރޭ އިޝްގު ހައި ޚުދީ

އާހް! ކޭ ހައި ޔޭ ތޭޚޭ ތޭޒް ޕަރްދަގީ މޭނ ނިޔާމް އަބީހ

ހަޔާތުގެ ޖައުހަރަކީ، ރޫހަކީ، (ހަޔާތަށް ދިރުންދޭ އެއްޗަކީ ހަޔާތްދެކެ، އަދި އެކަކު އަނެކަކަށް) ލޯބިކުރުމެވެ. މިލޯބިކުރުގެ ޖައުހަރުގެ (މަގާމަކީ، ގެއަކީ، އެ ސިފަ އުފެދިންގެ އަންނަތަނަކީ، ތިމާގެ) އަމިއްލަ ނަފްސެވެ. އާހ! (ލޯބީގެ) މި ތޫނު ކަނޑި އަދިވެސް އޮތީ އޭގެ (ގެއަށް ނުގޮސް، އޭގެ) އުރައިގެ ތެރޭގައި (އަދިވެސް) ނިދާފައެވެ!

އާދެ، ހަޔާތަށް ހަގީގީ ދިރުން ގެންނަނީ އެކަކު އަނެކަކަށް ލޯބިކޮށް، އެކަކު އަނެކަކަށް އިހުތިރާމު ކުރެވިގެންނެވެ. އެންމެންނަކީ ވެސް ގަދަރާއި އިއްޒަތް ލިބިގެންވާ ބައެއްކަމުގައި ދެކެވިގެންނެވެ. މިކަން ކޮންމެ ނަފްސަކަށް ވެސް، ކޮންމެ މީހަކަށް ވެސް ގަބޫލުކުރެވިގެންނެވެ. އަދި، ކޮންމެ ނަފްސެއްގައި ލެއްވިފައިވާ ކުޅަދާނަކަން ތަރައްގީކުރެވިގެންނެވެ. އެންމެނަށް އުނގަންނައިދީ، އަދި، އުނގަންނައި ދިނުމުގެ ބޭނުމަކީ ވިސްނާ ފިކުރުކުރަން ދަސްކޮށްދިނުންކަން ދެކި، އެ މަގުސަދު ހާސިލުކުރެވިގެންނެވެ. މިކަން ކުރެވިއްޖެ ނަމަ، މުސްލިމުންގެ ހާލަތުވެސް އިސްލާހުވެ، އެމީހުންނަށް ވެސް ކުރިއެރުން ލިބޭނެއެވެ. އާދެ، މަލާއިކަތުންގެ ލަވައަކީ މިއެވެ.