Support Us

އިސްރާއީލު ސިފައިންނާ ދެމެދު ކުރިމަތިލުންތައް ހިނގައި މަސްރަޙު އަލުން ހޫނުވަނީ

ހުޅަނގު އައްސޭރީގެ ނާބްލުސް ސަހަރުގެ އުތުރުގައި އޮންނަ ބުރްޤާ ނަމަކަށް ކިޔާ ރަށުގައި ވަޒަންވެރި ކުރުވައިފައިވާ ޔަހޫދީންނާއި ފަލަސްޠީނުގެ ޒުވާނުންނާ ދެމެދުގައި އިއްޔެ ވަރުގަދަ ކުރިމަތިލުންތަކެއް ހިނގައިފިއެވެ.

މި ކުރިމަތިލުންތައް ހިނގީ ބުރްޤާގައި ޔަހޫދީންތަކެއް ވަޒަންވެރިކުރުވަން ވެގެން އިސްރާއީލު ސިފައިން މި ރަށަށް އެރުމުން އެމީހުންނާ ކުރިމަތިލުމަށް ޓަކައި ބުރްޤާއާއި ބުރްޤާގެ އަވަށްޓެރި ރަށްތަކުގެ ޒުވާނުން ތެދުވުމުންނެވެ.
ޙަޤީޤީ ވަޒަން ބޭނުން ކުރުން

ސަބަސްޠިއްޔާ ގައި ހިނގި ކުރިމަތިލުންތައް މައިތިރި ކުރުމަށް ޓަކައި އިސްރާއީލު ސިފައިން ފަލަސްޠީނުގެ ޒުވާނުންނާ ދެކޮޅަށް ޙަޤީޤީ ވަޒަން ބޭނުންކުރިކަމަށް ފަލަސްޠީނު ނުސް އޭޖެންސީ ބުންޏެވެ. ފަލަސްޠީނުގެ ޒުވާނުން ބުރްޤާއާއި ޖަނީން ސަހަރުގެ އިރު އުތުރުގައި އޮންނަ ޖަލްމާއާއި ދެކުނު ނާބްލުސްގައި އޮންނަ ޙައްވާރާ ސަރަޙައްދުގައި އިސްރާއީލު ސިފައިންނާ ކުރިމަތިލައިފައިވަނީ އޮށްގަލާއި ލަޓިބުރިތަކުންނެވެ. އިސްރާއީލު ސިފައިންގެ ވަޒަންތަކުން ފަލަސްޠީނުގެ 300 މީހަކު ޒަޚަމުވިއެވެ. ހުޅަނގު އައްސޭރީގެ އުތުރުގެ ރަށެއް ކަމުގައިވާ ބައްޒާރިޔާ ގައި ހިނގި ކުރިމަތިލުންތަކުގައި ފަލަސްޠީނުގެ ޒުވާނަކު ވަރަށް ބޮޑަށް ޒަޚަމުވިއެވެ.

ފަލަސްޠީނުގެ ރެޑް ކްރެސެންޓު ޖަމްޢިއްޔާ ގެ ޑިރެކްޓަރު އަޙްމަދު ޖިބްރީލް ހާމަކުރެއްވި ގޮތުގައި ބުރްޤާގައި ހިނގި ކުރިމަތިލުންތަކުގައި 247 މީހަކު ޒަޚަމުވެފައި ވެއެވެ. މީގެތެރެއިން 10 މީހަކު ޒަޚަމުވެފައިވަނީ ޙަޤީޤީ ވަޒަނުންނެވެ. 48 މީހަކު ޒަޚަމުވެފައި ވަނީ ރަބަރު ވަޒަނުންނެވެ.

ފަލަސްޠީނު ޒުވާނުންނާ ދެކޮޅަށް އިސްރާއީލު ސިފައިން ކަރުނަ ގޭސް ވެސް ބޭނުން ކޮށްފައިވާ ކަމަށް ވަފާ ބުންޏެވެ. މި ކަމުގެ ސަބަބުން ނޭވާ ހާސްވެގެން 185 މީހަކަށް ފަރުވާ ދޭން ޖެހުނެވެ.
ސަބަސްޠިއްޔާ ރަށުގެ މޭޔަރު މުޙައްމަދު ޢާޒިމު ވިދާޅުވިގޮތުގައި ޔަހޫދީ ވަޒަންވެރީން ރަށުގެ ރަށްބޭރުގެ ދޮރޯށިކައިރީގައި ހުރި ފަލަސްޠީނު މީހުންގެ ގެތަކަށް ގަލުން ޙަމަލާދިނުމަށްފަހު ބަޑިން ޙަމަލާދިނެވެ. އެ މީހުން ބޭނުންކޮށްފައި ވަނީ ޙަޤީޤީ ވަޒަނެވެ. ޔަހޫދީން މި ރަށަށް އެރުމުން ރަށުގެ ޒުވާނުން އެމީހުންނާ ކުރިމަތިލުމަށް ޓަކައި ނުކުތީއެވެ.

މި ކުރިމަތިލުންތަކާ ވިދިގެން އިސްރާއީލު ސިފައިން މިހާރު ވަނީ ޖަނީން- ނާބްލުސް ހަލިމަގު ބަންދުކޮށްފައެވެ. އިސްރާއީލު ބުނާގޮތުގައި އެ މަގު ބަންދު ކުރަން ޖެހުނީ ޔަހޫދީ އާބާދީއެއް ކަމުގައިވާ ޙޫމަޝް އާބާދީގެ ވަޒަންވެރީން ޙިމާޔަތް ކުރާން ވެގެންނެވެ.

ފަލަސްޠީނުގެ ދެ ޒުވާނަކު ހައްޔަރު ކުރުން

މި ކުރިމަތިލުންތަކުގެ އިތުރަށް ޔަހޫދީ ވަޒަންވެރީން ޙިމާޔަތް ކުރުމުގެ ނަމުގައި އިސްރާއީލު ސިފައިން ދަނީ ފަލަސްޠީނުގެ ރަށްތަކަށް އަރައި ގެތައް ފާސްކޮށް ޒުވާނުން ހައްޔަރު ކުރަމުންނެވެ. ވަފާ ނޫސް އޭޖެންސީ ބުނާގޮތުގައި ޖަނީނުގެ ދެކުނުގެ ރަށެއްކަމުގައިވާ ޖަބަޢު އަށް އިސްރާއީލު ސިފައިން ރޭ އަރައި ގޭގެ ފާސްކުރުމުގެ ތެރޭގައި އެ ރަށުން ދެ ޒުވާނަކު ހައްޔަރު ކުރިއެވެ. މީގެއިތުރަށް ފަލަސްޠީނު މީހުންގެ އުޅަނދުތައް ހުއްޓުވައި ފާސްކުރަމުންދާތަން ވެސް ފެނެއެވެ. މި ކަމުގެ ސަބަބުން މަގުމަތީގައި އުޅަނދުތައް ވަނީ ތޮއްޖެހި ޙަރަކާތް ހުއްޓިފައެވެ. ހުޅަނގު އައްސޭރީގެ ސަލްފީތު ސަރަޙައްދުގެ އިރުމަތީގައި އޮންނަ އިސްކާކާ ނަމަކަށް ކިޔާ ރަށުން އިސްރާއީލު ސިފައިން ޖައްރާފާއަކަށް ވެރިވެގަންފައިވާ ކަމަށް ސަލްފީތުގެ ގަވަރުނަރު ޢަބްދުﷲ ކުމައްޔިލު ވިދާޅުވިއެވެ. އޭނާ ވިދާޅުވިގޮތުގައި އިސްރާއީލުގެ ޖެއްސުންކުރުމުގެ މި ޢަމަލުތަކަކީ ރަށުގެ ރައްޔިތުންނަށް އުނދަގޫ ކުރުމާއި އެމީހުންގެ ބިންތަކުގައި ދަނޑުވެރިކަން ކުރިއަ ނުދިނުމެވެ. ގަވަރުނަރު އެ ސަރަޙައްދުގެ ރައްޔިތުންނަށް އެމީހުންގެ ބިންތައް ޔަހޫދީންނަށް ދޫކޮށްނުލުމަށް ގޮވައިލެއްވިއެވެ.

އިސްރާއީލު ޞުލްޙަ ބޭނުމެއް ނުވޭ

މި ކަންކަމާ ގުޅިގެން ފަލަސްޠީނުގެ ބޮޑުވަޒީރުގެ މުޝީރު ޢަބްދުލްއިލާހު އުތައިރާ ދެއްވި ބަޔާނެއް ބުނާގޮތުގައި "އިސްރާއީލުގެ ސަރުކާރަކީ ޙައްދުފަހަނަޅައިފައިވާ ކަނާތު ފިޔައިގެ ސަރުކާރެކެވެ. މި ސަރުކާރަކީ ޔަހޫދީން ފަލަސްޠީނުގެ ބިންތަކުގައި ވަޒަންވެރި ކުރުވަން މަސައްކަތް ކުރާ ސަރުކާރެކެވެ. އަހުރެމެން ޞުލްޙައަށް ޓަކައި އަތް ދިއްކޮށްލީމެވެ. އެހެނަސް އެ ކަން ވަނީ ނާކާމިޔާބު ވެފައެވެ. މި ވަގުތު ޞުލްޙައެއް ނެތެވެ. ކުރިމަތިލުމަށް ނިންމައިފިނަމަ އެކަމުގެ ޤާބިލުކަން އަހުރެމެންގެ ކިބައިގައި އެބް ހުށްޓެވެ."

ހުޅަނގު އައްސޭރީގައި ހިނގަމުންދާ ގަޑުބަޑުތަކާ ވިދިގެން ޙަމާސުން ވެސް ރޭ ވަނީ ބަޔާނެއް ނެރެފައެވެ. މި ބަޔާން ބުނާގޮތުގައި "ނިކަމެތިކަމާއި ނުކުޅެދުންތެރިކަމުގެ ސިޔާސަތާ ދުރަށްޖެހެން ވެއްޖެއެވެ. ޞިހްޔޫނީ އަނިޔާވެރިކަމާ ދެކޮޅަށް ހަނގުރާމަ ކުރާން ނުކުންނަން ވެއްޖެއެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *