Support Us

ކޮލަމް މާޒީ: އަޅުގަނޑުމެން ލިބިގަނެގެން ތިބިކަމަށް މި ބުނާ ޑިމޮކްރަސީއަކީ މިއީއެވެ.

ދިވެހިރާއްޖެއަކީ ދިވެހި ކާބަފައިންގެ އެތައް ޤުރުބާނީއަކާއެކު އެތައް ހާސް އަހަރެއް ވަންދެން އަމިއްލަ މިނިވަންކަންމަތީ ވެރިކަން ކުރަމުން އައި ޤައުމެކެވެ. މަދު ދެތިން ފަހަރެއްގައި ނޫނީ މި މިނިވަންކަމަށް ބުރޫ އަރައިފައެއް ނެތެވެ. ދިވެހީންގެ ކާބަފައިން މިއަދުގެ ޖީލާ ޙަވާލުކޮށްފައިވާ މި އަމާނާތް، މި މިނިވަންކަމާއި ސިޔާދަތު، ޙިމާޔަތްކުރުމަކީ މި ޖީލުގެ ކޮނޑުގައި އެޅިގައިވާ ޤައުމީ ވާޖިބެއް ކަމަށް ޤަބޫލުކުރާ ބަޔަކު މިއަދު ވެސް އެބަ އުޅެއެވެ. ދިވެހީންނަކީ ބަޔެއްގެ ތައްޕާހަށް ނުވެއްޓި އަމިއްލަވަންތަކަމާއެކު ދިރިއުޅެވޭނެ ބަޔެއް ކަމަށް ޤަބޫލުކުރާ ބަޔަކު ވެސް އެބައުޅެއެވެ. އަބަދު ވެސް އުޅޭނެއެވެ.

ދިވެހިރާއްޖެއަކީ ބަޔެއްގެ ތައްޕާހުންނޫނީ ނޫޅެވޭނެ، ނިކަމެތި، އަދި ތަރައްގީވެ މުއްސަނދިވުމުގެ ހައްގު ނެތް، އަދި އެފަދަ ޤާބިލުކަމެއް ނެތް، ގައުމެއް ކަމަށް ގަބޫލުކުރާ، ވިސްނުންކޮށި އަދި ލާޤައުމީ ބަޔަކު ވެސް އެބައުޅެއެވެ. ކުރީން ވެސް އުޅުނެވެ. އަބަދު ވެސް އެފަދަ ޣައްދާރުންނާއި ޚާއިނުން އުޅޭނެ ވެސްމެއެވެ. ޙިމާޔަތުގެ ނަމުގައި 1887 ގައި އިނގިރޭސީންގެ "އަޅުވެތިކަމަށް" ދިޔައީ، ޤައުމީ ހިތްވަރެއް ނެތް މި ފަދަ ވިސްނުންކޮށި އިސްވާރުންގެ ސަބަބުންނެވެ. ނަމަވެސް ބަޔަކު ހެދިހާ ގޮތަކަށް ހެދިގެން ފިއްތި ވަރަކަށް ފިތިގެން މި ފަދަ ނިކަމެތިކަމެއްގައި ތިބުމަކީ، ޤައުމީ ޖޯޝްހުރި ޤައުމީވަންތަ ދިވެހީން އޭރު ވެސް ރުހުނު ކަމެއް ނޫނެވެ. ނަތީޖާއެއްގެ ގޮތުން ޤައުމީ ރޫޙު ހުރި ޤައުމީވަންތަ ޒުވާން އިސްވާރެއްގެ ފަހަތްޕުޅުން ދިވެހީން ނުކުމެ، އެ "ޙިމާޔަތުގެ" އަޅުވެތިކަމުން ސަލާމަތްވުމުގެ ކެރުންތެރިކަމާއި ޤާބިލުކަން ދިވެހީން ލިބިގަތެވެ. ދިވެހީން މާ ނިކަމެތި ޙާލުގައި ތިބި ހިނދެއްގައިމެއެވެ. އޭރު ވެސް ޤައުމީ އިސްވާރުން މިނިވަންކަމަށް ޓަކައި ޝުޢޫރު ފާޅުކުރިއެވެ. އެތައް ކަމެއް ކުރިއެވެ. އެންމެ ފަހުން ފުރިހަމަ މިނިވަންކަން ލިބިގަތެވެ. އެ މިނިވަންކަމުގެ ނަތީޖާ ވެސް ދިވެހީންނަށް ފެނުނީ ފާގަތި ގޮތެއްގައެވެ.

މި މިނިވަންކަމުގައި، ބާރު މިނުގައި، ކުރިއަރަމުން އައި ދިވެހި ޤައުމު، ކުރިއަރާ ތަން ދެކޭން ހިތަށް ކުޅަދާނަ ނުވި ދުޝްމަނުންގެ މަޅީގައި ޤައުމާމެދު ނުވިސްނާ ބަޔަކު ޖެހި، މިނިވަންކަމުގައި އޮވެވޭނީ ބަޔެއްގެ ތައްޕާހުންނޭ ބުންޏަސް އެ ވާހަކަ އެންމެން ގަބޫލެއް ނުކުރާނެއެވެ. ދިވެހި ޤައުމު ޙިމާޔްތަކުރުމުގެ ޤާބިލުކަން ދިވެހީންނަށް ނެތްކަމަށް ބުނެ، ބޭނުން ބަޔަކު އައިސް ބޭނުން ވަގުތަކު ދިވެހިރާއްޖެ ހިފާންވީ ކަމަށްބުނެ އަމިއްލަ ޤައުމު ފަޟީޙަތްކުރި ކަމުގައި ވިޔަސް މިރާއްޖެއަކީ މި ރާއްޖެ ދިފާޢުކުރުމަށް ޓަކައި ކަނޑުމައްޗަށް ނުކުމެ ޤައުމު ދިފާޢުކުރި އަބްޠާލުން އުފެއްދި ފަސްގަނޑެއްކަން ދަންނަ ދިވެހީން މިއަދު ވެސް އެބަ ތިއްބެވެ. ދިވެހިރާއްޖެއަށްވުރެ ޤުދުރަތީ ވަސީލަތްތައް މާ މަދު، މާ ކުޑަކުޑަ ސަރަހައްދެއްގައި، ބިޔަ ގައުމެއްގެ ބަނޑުދޮށުގައި އޮވެ ތަރައްޤީވި ސިންގަޕޫރުގެ ޤައުމީ ތަރައްޤީއިން މިސާލު ނަންގަވައިގެން ދިވެހިރާއްޖެ ވެސް އަމިއްލަ ވަންތަކަމާއެކު ބަޔެއްގެ ފައިބުޑަށް ނުވެއްޓި ތަރައްޤީކުރެވޭނެކަން ގަބޫލުކުރާ މީހުން މި ޤައުމުގައި އެބަ ތިއްބެވެ. އެފަދަ ވިސްނުންތޫނު ތަޞައްވުރީ އިސްވާރުން ވެސް މި ޤައުމުގައި އެބަ އުޅެއެވެ. އެހެންވީމާ ފަހުން މި ދެންނެވިފަދަ ތަޞައްވުރީ އިސްވާރުން ޤައުމީ މިނިވަންކަމާއި ސިޔާދަތުގެ ދިފާޢުގައި ވާހަކަދައްކާނެއެވެ. ކަންފަތްމަތީގައި ޖެހިޔަސް އިންޒާރު ދިނަސް އެކަން އެ މީހުންގެ ފުރާނަ ހުރިހާ ހިނދަކު ކުރާނެއެވެ. އެއީ އެ ގޮތަށް ޤައުމީ މިނިވަންކަމުގެ ދިފާޢުގައި ވާހަކަދައްކައި ޚިޔާލުފާޅުކުރުމަކީ އަދި މިނިވަންކަމަށް ޓަކައި މަސައްކަތްކުރުމަކީ ޤައުމީ ވަޖިބެއް ކަމަށް ޤަބޫލުކުރާ މީހުންނެވެ. އެހެންވީމާ، ޤައުމީ ވާޖިބެއް އަދާކުރާނީ ދިމާވެދާނެ ކޮންމެ ޙަމަލާއަކަށް ތައްޔާރުވެގެން ތިބެއެވެ. މި މަސައްކަތުގައި ފުރާނަ ޤުރުބާންކުރާން ޖެހުމަކީ ވެސް ދިމާވެދާނެ ގޮތެއްކަމަށް ވިސްނައިގެންނެވެ. ޢަލި ރަސްގެފާނު ގިނިކަންޏާ ކަހަލަ ގޮތަކަށް ނުކުމެވަޑައިގެން ބޮޑު ބިޔަ ލަޝްކަރަކާ ޙަމަލާ ދެއްވައި ޝާހީދުވަންދެން ޖިހާދުކުރެއްވީ މި ރޫޙުގައެވެ. ކޮންމެވެސް ޒަމާނަކު ކޮންމެވެސް ބަޔަކު ޤައުމަށްޓަކައި ޤުރުބާންވެގެން ނަމަވެސް ޤައުމު ދިފާޢުކުރާނެކަން ދެނެވަޑައިގެން ހުންނަވައިގެންނެވެ.

މިއަދު ވެސް ދިވެހިރާއްޖެއިން މި ފެންނަނީ މި ފަދަ މިސާލުތަކެވެ. ޤައުމު ނިކަމެތިކޮށް ޤައުމަކީ އާރެއް ބާރެއް ނެތް، ބަޔެއްގެ ތައްޕާހުން ނޫނީ ނޫޅެވޭނެ ބަޔެއްކަމަށް ވަކާލާތު ކުރާ، ތަޞައްވުރީ ވިސްނުން ހަނި، އަމިއްލަ އެދުން ބޮޑު ބަޔަކު އެ ޝިޢާރު މިނިވަންކަމާއެކު އެބަ ފާޅުކުރެއެވެ. ޤައުމު ތަރައްޤީކޮށް އިޤްތިޞާދީ ގޮތުންނާއި މިޢުމާރީ ގޮތުން ޤައުމު ކުރިއަރުވައި ތަރައްޤީ ކުރާނެ ގޮތުގެ ތަޞައްވުރެއްނެތް ވިސްނުން ކޮށި ބަޔަކު، އެ ހަޅޭކެއް އެބަ ލަވައެވެ. ނުވަތަ އެ ވިސްނުންހުރެމެ، ޤައުމަށް އެއްވެސް ކުލުނެއް ނެތި އަމިއްލަ ޖީބު ވަގުތީ ގޮތުން ބޮޑުކުރުމުގެ އުންމީދުގައި ޤައުމަށް ކުޑައިމީސްވާ ގޮތަށް ޤައުމު ބަދުނާމުވާ ގޮތަށް އެތައް ތާކު ލާޤައުމީ އެތައް ޝުޢޫރެއް އެބަ ފާޅުކުރެއެވެ. އެކަމަށް ހުރަސްއަޅާ ބަޔަކު ނޫޅެއެވެ. އެއް ގޮތަކުން ބަލާއިރު އެއީ ޤައުމަށް ޣަދަރުވެރިވުން ކަމަށް ވިޔަސްމެއެވެ. އެއީ ޤާނޫނުއަސާސީގެ 27 ވަނަ މާއްދާއިން އެ މީހުންނަށް ލިބިފައިވާ ޙައްގެއް ކަމަށް ޤައުމީ ފިކުރުގެ މީހުން ތިބީ ހިތްދަތިކަމާއެކު ވެސް ގަބޫލުކޮށްލައިގެންނެވެ. އެއީ އެ ފަދަ މީހުންގެ ވިސްނުން ހުރި ނިކަމެތި ގޮތް ކަމަށް ބަލައިގެންނެވެ.

އަނެއްކޮޅުން ދިވެހިރާއްޖެއަކީ އަމިއްލަވަންތަ މިނިވަން މުސްތަޤިއްލު ޤައުމެއްގެ ގޮތުގައި ދެމި އޮންނާން ބޭނުންވާ މީހުން ގޮވަނީ މި ރާއްޖޭގެ ދާޚިލީ ކަންކަމާ ބޭރު ދައުލަތަކުން ބެހިގެން ނުވާނެ ކަމަށެވެ. މި ރާއްޖޭގެ ސިޔާދަތީ ބާރަށް ބުރޫއަރާ ގޮތަށް މި ތާގައި ތިބިނަމަ ތިބިހާ ބަޔަކު މި ޤައުމުން ބޭރުކުރާށެވެ. މިއީ އެ ފަދަ މީހުން ދިވެހި ސަރުކާރަށް ގޮވައިލާ ގޮވައިލުމެކެވެ. އެހެނީ އެތައް ސަތޭކަ ސިފައިންނެއް ޤާނޫނާ ޚިލާފަށް މި ތާނގައި ބައްތިއްބައިގެން ރައްޔިތުންގެ ފައިސާއިން ކާންބޯންދީގެން ގެންގުޅެނީ މި ދައުލަތުގެ ބާރުވެރީންނެވެ. ބަޔަކު ދަހިވެފައިވާ މުދާގަނޑެއް ހަމަ ހިލޭ ސާބަހަށް އެ ބަޔަކަށް ހަދިޔާކުރީމާ ކޮންމެ ބަޔަކު ވެސް އުފަލުން ގަބޫލުކުރާނެއެވެ. ވީމާ އިންޑިއާ ސިފައިން މި ޤައުމުން ބޭރުކުރާން އިލްތިމާސްކޮށް "އިންޑިއާ އައުޓް" ގޮވަނީ އެއީ އެބައިމީހުންގެ ޚިޔާލެވެ. އެބައިމީހުންގެ ނަޒަރުގައި މި ޤައުމުގައި ބޭރު ގައުމެއްގެ ސިފައިން ފައިހަރުކޮށްގެން ބޭއިތިއްބުމަކީ ކިހާ ނުރައްކާތެރިކަމެއްކަން އެ ބަޔަކަށް އެނގޭތީއެވެ. އެކަން އެބައިމީހުން ގަބޫލުކުރާތީއެވެ. މިއީ އެބައިމީހުންގެ ޖޯޝީ ޖަޒުބާތެވެ. އެ މީހުންގެ އިޙުސާސާއި ޝުޢޫރެވެ. ޚިޔާލާއި ފިކުރެވެ. އެ މީހުންގެ ބުއްދިއަށް ފެންނަ ގޮތެވެ. މި ގޮތަށް އެ މީހެއްގެ ބުއްދިއަށް ފެންނަ ގޮތާއި ޚިޔާލު، ދުލާއި ގަލަމުން އަދި މި ނޫންވެސް ގޮތްގޮތަށް ފާޅުކުރުމަކީ ޤާނޫނުއަސާސީގެ 27 ވަނަ މާއްދާއިން ދިވެހި ކޮންމެ ރައްޔިތަކަށް ދީފައިވާ ޙައްޤެކެވެ. އެހެނީ އެ މާއްދާގައި ވަނީ، "މިނިވަންކަމާއެކު ފިކުރުކުރުމާއި، އިސްލާމް ދީނުގެ އަޞްލަކާ ޚިލާފުނުވާ ގޮތެއްގެ މަތީން އެ މީހެއްގެ ބުއްދިއަށް ފެންނަ ގޮތްތަކާއި ޚިޔާލުތައް ދުލާއި ގަލަމުން އަދި މި ނޫން ވެސް ގޮތްގޮތަށް ފާޅުކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ." މިފަދައިންނެވެ. އެހެންވީމާ، މި ގޮތަށް ގަންޖުފަރާހުގެ ފުރަގަހާއި ކުރިމަތީގައި ޖަހައިން ނުވަތަ މީސްމީޑިއާގެ ވަސީލަތެއް ބޭނުންކޮށްގެން ނުވަތަ ލިޔުމުން ނުވަތަ އަނގަބަހުން ވެސް މި ފަދަ ޚިޔާލުތައް ފާޅުކުރުމަކަށް ޤާނޫނު މަނައެއް ނުކުރެއެވެ. އަދި އެއީ ޤާނޫނުއަސާސީއިން ރައްޔިތުންނަށް ދީފައިވާ އަސާސީ ޙައްގެކެވެ. ނަމަވެސް ޤާނޫނުއަސާސީގައިވާ ގޮތުގެ މަތީން މީހަކަށް ލިބިފައިވާ ޙައްގެއް ހިފަހައްޓައި މަނާކުރާން ގޮވުމަކީ ޤާނޫނާ ޚިލާފުކަމެކެވެ. އަދި ޢަމުދުން އެ ފަދަ މީހުންނަށް ޖިސްމާނީ ގޮތުން ހާނީއްކަކުރުމަށް ގޮވައިލުމަކީ ނިރުބަވެރިކަމަށް ހިތްވަރުދެވޭ ޤާނޫނީ ކުށެކެވެ. ފުލުހުން ވެސް ހުއްޓުވާންޖެހޭނީ ޑިމޮކްރެސީއާ ބީރައްޓެހި، ލާމަދަނީ، ނާތަހުޒީބު އެ ފަދަ ހުތުރު ޢަމަލުތަކެވެ. ދިވެހި ފަސްގަނޑުން "އިންޑިއާ (އަސްކަރީން) އައުޓް"ކުރާން ގޮވާ ގޮވުން ޤާނޫނީ ގޮތުން މަނާކުރެވޭނެ ހަމައެކަނި ގޮތަކީ އެއީ އިސްލާމް ދީނާ ޚިލާފު ޝިޢާރަކަށް ވާނަމައެވެ. ނަމަވެސް އެއީ އެ ފަދަ ޝިޢާރެއް ކަމަކަށް ހަމަ ގައިމުވެސް އަޅުގަނޑަކަށް ނުވިސްނެއެވެ. އަދި އެއީ ބަޔެއްގެ އަބުރާ ބެހުމެއް ވެސް ނޫނެވެ.

އެހެންވީމާ ގައުމީ ސިޔާދަތާއި އަމިއްލަވަންތަކަމުގެ ދިފާޢުގައި ގޮވާ ގޮވުންތަކާއި އުފުލާ ޝިޢާރުތައް ހުއްޓުވޭނެ ޤާނޫނީ އެއްވެސް ޙައިސިއްޔަތެއް އެއްވެސް ޙުއްޖަތެއް ނެތެވެ. އެކަމަކު، ޤާނޫނު އަސާސީން ލިބިދޭ ޙައްޤެއް ހުއްޓުވާން މަސައްކަތްކުރާކުރުން ހުއްޓުވާން އެބަޖެހެއެވެ. އިސްލާމް ދީނަށް ތައުހީނުކުރާ މީހުންގެ އެ ހަޑިހުތުރު ޢަމަލުތައް ހުއްޓުވާން އެބަޖެހެއެވެ. ﷲގެ ގެކޮޅުތައް ކަމަށްވާ މިސްކިތްތަކުގެ ޙުރުމަތްކަނޑައި މިސްކިތްތައް ނަޖިސްކުރާ މީހުންނަށް އަދަބުދެވޭން އެބަޖެހެއެވެ. ﷲގެ ކަލާމްފުޅަށް ރަތްކުޅުޖަހައި އެ މާތްފޮތަށް ޤާދަރުކުޑަކުރާ މީހުންނަށް ހަރުކަށި އަދަބުދެވޭން އެބަޖެހެއެވެ. އެހެންނަމަވެސް މި ފަދަ މީހުންނަށް "ގެއްލުންވެދާނެތީ" އެ ފަދަ މުޖުރިމުންނަށް ޙިމާޔަތް ދެވޭތަން ފެނުމަކީ ހިތާމަހުރި ލަދުވެތި ކަމެކެވެ. ހުއްޓުވާންވީ މި ފަދަ ޢަމަލުތަކެވެ.

ރާއްޖޭގެ އިޤުތިޞާދީ ސަރަޙައްދަށް ގާނޫނާ ޚިލާފަށް ފާޅުގައި ވަދެ، ދިވެހި މަސްކަނޑުތަކުން މަސްކޮޅު ކަހާލައިގެން ދާއިރު އަޅައި ނުލައި ދޫކޮށްލެވިގެން ނުވާނެއެވެ. އެއީ ކޮންމެ ބަޔެއް ކަމުގައި ވީނަމަވެހެވެ. ހުއްޓުވާންޖެހެނީ ޤައުމަށް ގެއްލުންހުރި މި ފަދަ ޢަމަލުތަކެވެ.

އާދޭހެވެ! ޤައުމުގެ ސިޔާދަތާއި މިނިވަންކަމަށް އެދިގެން ފާޅުކުރާ ޝުޢޫރުތައް ހުއްޓުވާން މަސައްކަތްކުރުމަކީ ޣަދަރުވެރި މަސައްކަތެކެވެ. އެއީ ޤާނޫނާ ޚިލާފު ވާހަކައެކެވެ. އެއީ ޑިމޮކްރެސީއާ ބީރައްޓެހި ނާތަހުޒީބު ޢަމަލެކެވެ. އެއީ ލާޤައުމީ ވާހަކައެކެވެ. "އިންޑިއާ އައުޓް"އަކީ އިސްލާމްދީނުގެ އެއްވެސް އަޞްލަކާ ޚިލާފު ޝިޢާރެއް ނޫނެވެ. އެ ޝިޢާރު ޤަލަމާއި ދުލުން ނުވަތަ އެހެން ގޮތްގޮތުން ވެސް ފާޅުކުރުމަކަށް ޤާނޫނީ އެއްވެސް ހުރަހެއް ނެތެވެ. ޤައުމުގެ އަމިއްލަވަންތަކަމާއި ސިޔާދަތަށް ލޯބިކުރާ މީހުން އެހެން ގޮވާނެއެވެ. ގޮވޭން ވާނެއެވެ. އަދި ގޮވާން ވެސް ވާނެމެއެވެ. މި ފަދަ ޤައުމީ ޝިޢާރުތައް ހުއްޓުވާން މަސައްކަތްކުރުމަކީ ޣަދަރުވެރި ޚިޔާނާތްތެރި ލަދުވެތި ޢަމަލެކެވެ. ޑިމޮކްރެސީއާ ޚިލާފު ނާތަހުޒީބު ޢަމަލެކެވެ. ޤާނޫނުއަސާސީގެ 27 ވަނަ މާއްދާ އެހެން ގޮތަކަށް ބަދަލު ނުކުރާހާ ހިނދަކު، "އިސްލާމް ދީނުގެ އަޞްލަކާ ޚި ލާފުނުވާ ގޮތެއްގެމަތީން އެ މީހެއްގެ ބުއްދިއަށް ފެންނަ ގޮތްތަކާއި ޚިޔާލުތައް ދުލާއި ގަލަމުން އަދި މި ނޫންވެސް ގޮތްގޮތަށް ފާޅުކުރުމުގެ މިނިވަންކަން" ކޮންމެ ބަޔަކަށް ވެސް އޮންނާންވާނެއެވެ. އެއީ އެއްކޮޅަސް ދެކޮޅަސް ކަނާތު ފިޔަޔަސް ވާތު ފިޔަޔަސް މި ޙައްޤު އޮންނާންވާނެއެވެ. އެންމެންގެ ޚިޔާލާ ފިކުރު ހުންނާންވާނީ އެއް ގޮތަކަށް ކަމަށް ދުށުމަކީ ވިސްނުމުގެ ހަނިކަމެވެ. އަޅުގަނޑުގެ ޚިޔާލާ ތިޔަ ބޭފުޅުންގެ ޚިޔާލާ އެއް ގޮތް ވާކަށް ނުޖެހޭނެއެވެ. އަޅުގަނޑުމެން އެންމެން ވެސް ހުރަސްކޮށްގެން ނުވާނެ ރަތް ރޮނގަކީ "އިސްލާމްދީނުގެ އަޞްލުތަކެވެ." މި ރޮނގު ހުރަސްނުކޮށް ގޮވާ ކޮންމެ ގޮވެލިފައްޗެއް ކޮންމެ ބަޔަކަށް ވެސް ގޮވޭންވާނެއެވެ. އަޅުގަނޑުމެން "ފަޚުރުވެރިކަމާއެކު" ލިބިގަނެގެން ތިބި ކަމަށް މި ބުނާ ޑިމޮކްރަސީއަކީ އެއީއެވެ.