Support Us

ޙާދިސާތަކުން ފުރިފައިވާ އަހަރަކަށް ފަހު އިސްރާއީލަށާއި ފަލަސްޠީނަށް 2022 ވާނީ ކޮންފަދަ އަހަރަކަށް ބާ!

ފަލަސްޠީނީންނަށާއި އިސްރާއީލީންނަށް ބަލާއިރު 2021އަކީ ތަފާތު ހާދިސާތަކުން ފުރިފައިވާ އަހަރެކެވެ. ފަނަރަ ދުވަހަށް ދެމިގެންދިޔަ ބިރުވެރި ހަނގުރާމައެއް ފަލަސްޠީނުގެ ޖަމާޢަތްތަކާއި އިސްރާއީލާ ދެމެދުގައި ހިނގިއެވެ. މި ހަނގުރާމައިގައި ފަލަސްޠީނީންގެ ރޮކެޓްތައް އިސްރާއީލުގެ ވަރަށް ފުނަށް ވަނީ ވާޞިލުވެފައެވެ. ވެރިރަށް ތައްލު އަބީބުގައި ބޭރަށް ނުކުމެ އުޅުން މަނާކުރެވުނެވެ. މި ރޮކެޓްތައް ވަނީ އިސްރާއީލުގެ ދިފާޢީ ނިޒާމު ކަމުގައިވާ ދަގަނޑު ޤުއްބު ފަހަނަޅައި އެތެރެއަށް ވަދެފައެވެ. މި ހަނގުރާމަ ހުއްޓުމަކަށް އައީ ސަރަޙައްދީ ޤައުމުތައް މި މަސްއަލައިގެ ތެރެއަށް ވަދެގެންނެވެ.

މި އަހަރުގެ ތެރޭގައި ވަރަށް މުހިއްމު ސިޔާސީ ހާދިސާއެއް ވެސް ވަނީ ހިނގައިފައެވެ. 14 އަހަރު ވެރިކަމުގައި ހުންނެވި އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫއަށް މި އަހަރު ވަނީ ވެރިކަން ގެއްލިފައެވެ. ވަކި ޕާޓީއަކަށް އަޣުލަބިއްޔަތު ނުލިބުނު ހަތަރު ޢާންމު އިންތިޚާބުތަކަކަށް ފަހު އިސްރާއީލުގެ ސިޔާސީ މަސްރަޙުގައި އެއްގަލަށް އަރައިވަޑައިނުގެން ތިއްބެވި ސިޔާސީ ބީރަށްޓެހީންތަކެއް ރަށްޓެހީންކަމަށް ހެދިވަޑައިގެން ނަތަންޔާހޫ ބޮޑުވަޒީރުކަމުން ދުރަށްލެއްވިއެވެ. މި އެއްބާރުލުމުގައި ހިމެނެނީ އިސްރާއީލުގެ ހައްދުފަހަނަޅައިފައިވާ ކަނާތު ފިޔައިގެ ބާރުތަކާއި ޢަރަބި – އިސްރާއީލު ޕާޓީއެކެވެ.

އެމެރިކާގެ ފޮރިން ޕޮލިސީ މަޖައްލާގެ ރިޕޯޓެއް ބުނާގޮތުގައި މި ދެ ހާދިސާގެ ތާސީރުތައް ވަރަށް ބޮޑެވެ. އެހެންކަމުން 2022ގައި މިއިން ކޮންމެ ޙާދިސާއެއް "ގޮވައިގެން ފަޅައިގެން" ހިނގައިދާނެކަމަށް ނިމުތު ކުރެވެއެވެ. މިއިން ކަމެއް ފަޅައިގެން ހިނގައްޖެނަމަ 2022ގައި މުހިއްމު ހާދިސާތަކެއް ހިނގައިގެން ދާނެއެވެ.
1- ވަހުމީ ފެހި ރޮނގު: 1967ން ފެށިގެން އިސްރާއީލާއި ފަލަސްޠީނުގެ ބިމުގައި ޙައްލު ނުކުރެވިފައި އޮތް އެންމެ މުހިއްމު މަސްއަލައަކީ އެއް ދައުލަތުގެ މަސްއަލައެވެ. ޢަސްކަރީގޮތުން ބަލާއިރު އެ ސަރަޙައްދުގައި އޮތީ އެއް ދައުލަތެވެ. މި ދައުލަތަކީ އެންމެވެސް އެއްބަސްވާނެ ފަދައިން އިސްރާއީލެވެ.އިސްރާއީލު ހިފައިފައިވާ ސިލްވާން ނަމަކަށް ކިޔާ ރަށުން ފާހަގަކޮށްލެވޭ އެއް ކަމަކީ ފަލަސްޠީނު މީހުން ދިރި އުޅޭ ގެތަކާއި ޢިމާރާތްތަކުގެ މައްޗަށް ނަގައިފައި ހުރި އިސްރާއީލުގެ ދިދަތަކެވެ. މި ދިދަތައް ރަމްޒުކޮށްދެނީ އިސްރާއީލުން މި ބިންތަކަށް އަތްގަދަކުރަން ކުރަމުންދާ މަސައްކަތެވެ. މި ރަށަކީ އިސްރާއީލު ހިފައިފައިވާ އިރުމަތީ ޤުދްސުގެ ދެކުނުގައި ވާ ރަށެކެވެ. މި ރަށުގެ ވަޒަންވެރީންނަށް ބަލާއިރު މި ދިދަތައް ރަމްޒުކޮށްދެނީ އިސްރާއީލުގެ އަނިޔާވެރިކަމާއި ޚުދްމުޚްތާރުކަމެވެ. މި ގެތަކަށާއި ޢިމާރާތްތަކަށް ވެރވެގަތުމަށް އިސްރާއީލުން ކުރަމުންދާ މަސައްކަތްތަކަކީ މުޅި ރަށަށް އަތްގަދަކުރުމަށް އިސްރާއީލުން ރާވައިފައިވާ ނުބައި ރޭވުމުގެ ބަޔެކެވެ. ފަލަސްޠީނުގެ މުޙައްލިލުން ވިދާޅުވާ ގޮތުގައި ފަލަސްޠީނީންގެ ޙަޔާތް ހުޅަނގު އައްސޭރީގައި ބައްޓަންކުރަމުންދާ ބާރަކީ އިސްރާއީލެވެ. ފަލަސްޠީނު ސަރުކާރުގެ އިދާރާތަކުގެ އެއްވެސް ބާރެއް ނެތެވެ. ޣައްޒާއަށް ބަލާއިރު އެ ބިންކޮޅު އޮތީ އިސްރާއީލުގެ ޙިޞާރުގެ ދަށުގައެވެ. އިސްރާއީލުން ބޭނުންވާއިރަށް ޣައްޒާއަށް ހަމަލާދެއެވެ. މުޙައްލިލުން ވިދާޅުވާ ގޮތުގައި ފެހި ރޮނގަކީ ނަޒަރީ ގޮތުން މުހިއްމު ރޮނގެކެވެ. މި ރޮނގުގެ ސަބަބުން "ޢުދްވާނީ ގޮތުން ހިފައިފައިވާ ބިންތައް ކަނޑައެޅި" އެނގޭތީއެވެ. އެހެނަސް ޢަމަލީ ގޮތުން ބަލާއިރު އެއީ އެއްވެސް މާނައެއް އޮތް ރޮނގެއް ނޫނެވެ. އިސްރާއީލުން ބައިނަލްއަޤްވާމީ އެއްވެސް ޤާނޫނަކަށް އަދި ޤަރާރަކަށް އިޙްތިރާމު ނުކުރާތީ ފެހި ރޮނގޭ ކިޔުމުގެ މާނައެއް ނެތެވެ. އިސްރާއީލުން ދަނީ "ހިފައިފައިވާ މި ބިންތަކަށް" އަތްގަދަކުރަމުންނެވެ. އިސްރާއީލުގެ މަޤްޞަދަކީ ދާއިމީ ސިފައެއްގައި މި ބިންތައް އިސްރާއީލުގެ ބިންތަކެއްކަމުގައި ހެދުމެވެ. އިސްރާއީލުގެ މި "ބޯހަރުކަމުގެ ސަބަބުން" 2022ގައި މި ސަރަޙައްދު އަލުން ފަޅައިގެން ގޮވައިގެން ހިނގައިދާނެކަމަށް މުޙައްލިލުން ދެކެވަޑައި ގަންނަވައެވެ.
2- ވޮޝިންގްޓަންގެ ސިޔާސަތު: މި ދިޔަ މޭމަހު ފަލަސްޠީނުގައި ހިނގި ހަނގުރާމަ ފެށުމާ ވިދިގެން މޭޒުގެ ދެ ފަރާތުގައި ތިބި ދެ ފަރާތުގެ މަންދޫބުން ރައީސް ބައިޑްނާ ދެކޮޅަށް ފޮރިން ޕޮލިސީ މަޖައްލާގައި ގަދައަށް ފާޑު ވިދާޅުވާން ފެށްޓެވިއެވެ. ފަލަސްޠީނުގައި ދީމުޤްރާޠީ އިންތިޚާބެއް ބޭއްވުމަށް ވައިޓްހައުސުން ބާރު ނާޅައިކަމަށް ތުހްމަތު ކުރެއްވިއެވެ. އެމެރިކާގެ ސިޔާސަތާ ދެކޮޅަށް ފާޑުވިދާޅުވާ ބޭފުޅުން ވިދާޅުވާ ގޮތުގައި އެމެރިކާގެ ސިޔާސަތުގެ ސަބަބުން އިސްރާއީލު ދެކޭގޮތުގައި ފަލަސްޠީނުގައި ހަނގުރާމަ ކުރުމަށްވުރެ މިނިވަންކަން މަނާކުރުމުގެ އަގު މާކުޑަ ވާނެއެވެ. މި ކަމުގެ ސަބަބުން ސަމާލުކަން ކުޑަކޮށްލުން އިސްރާއީލުގެ ސިޔާސަތަކަށް ވެގެން ދިޔައެވެ. އެމެރިކާގެ ސިޔާސަތާ ދެކޮޅަށް ފާޑުވިދާޅުވާ ދެ ލިޔުންތެރިއެއް ކަމުގައި ޒަހާ ޙަސަނާއި ދާނިޔާލް ލޭވީ ވިދާޅުވާ ގޮތުގައި އެމެރިކާއިން މި ވަގުތު އެންމެ އިސްކަންދޭން ޖެހޭނީ ޣައްޒާގެ ޙިޞާރު ނައްތައިލުމަށާއި ފަލަސްޠީނުގެ ބިންތައް އިސްރާއީލަށް ނެގުން ހުއްޓުވުމަށާއި ފަލަސްޠީނު މީހުން އެމީހުންގެ ބިންތަކުން ފައްސައިލުން ހުއްޓުވުމަށާއި ފަލަސްޠީނު މީހުން ޖަމާޢަތްޖަމާޢަތަށް ބަންދު ކުރުން ހުއްޓައިލުމަށާއި އިސްރާއީލުގެ ހަރުކަށި ޢަމަލުތައް ހުއްޓުވުމަށާއި އާބާދީތަކުގައި ވަޒަންވެރި ކުރުވާފައިވާ ތިބި ޔަހޫދީން ފަލަސްޠީނު މީހުންނާ ދެކޮޅަށް ހިންގަމުންދާ ނިރުބަވެރި ޢަމަލުތަކަށް އަދަބު ދިނުމަށެވެ. މި ދެބޭފުޅުން އިންޒާރު ކުރައްވާ ގޮތުގައި އެމެރިކާއިން މެދުއިރުމަތީގައި ގެންގުޅޭ ސިޔާސަތަކީ ނާކާމިޔާބު ސިޔާސަތެކެވެ. މި ކަމުގެ ސަބަބުން ކުރިމަގުގައި އެމެރިކާއަށް ވަރަށް ބޮޑު ބުރައެއް އުފުއްލަން ޖެހޭނެއެވެ. އެމެރިކާއިން މި ސިޔާސަތުގައި ކުރިއަށްދާނަމަ މި އަންނަ އަހަރު މެދުއިރުމަތީގައި އައު ކުރިމަތިލުންތަކެއް ހިނގައިފާނެއެވެ.
3- ހުޅަނގުގެ ހަމްދަރްދީ އިސްރާއީލަށް ގެއްލުން: ސެޕްޓެންބަރު 11ގެ ޙާދިސާއަށްފަހު އިސްރާއީލު ސަރުކާރުގެ ރިވާޔަތްތަކުގައި ސަމާލުކަންދީފައި ވަނީ އިސްލާމީ ނިރުބަވެރކަމާ ދެކޮޅަށް ދީމުޤްރާޠިއްޔާތުތައް ތެދުވުމަށް ގޮވައިލުމަށެވެ. އެހެނަސް 20 އަހަރުފަހުން އެމެރިކާގެ ފުލުހުންގެ އަތުން ޖޯރޖް ފްލޮއިޑް މަރުވި ހާދިސާއާއި ނަސްލީ ޢަދާލަތުގެ މަސްއަލައަށް ލިބެމުންދާ ސަމާލުކަމާހެދި އިސްރާއީލުން ހިފާފައިވާ ފަލަސްޠީނު ބިމުގެ އަހްލުވެރީންގެ އިޙްތިޖާޖުތަކަށް ލިބެމުންދާ ސަމާލުކަން ވަނީ އިތުރުވެފައެވެ. މިއީ އިސްރާއީލު ސަރުކާރަށް އޮތް ނުބައި ޚަބަރެކެވެ. ނިރުބަވެރިކަމާ ދެކޮޅަށް އިސްރާއީލުން ހަނގުރާމަ ކުރަމުންދާ ކަމަށް ދައްކަމުން ދިޔަ ވާހަކަތަކުގެ އަޑު މިއަދު ދުނިޔެ ބަލައިނުގަންނަކަމަށް މި ބޭފުޅުން ވިދާޅުވިއެވެ. މި ބޭފުޅުން ވިދާޅުވާ ގޮތުގައި މި ޒަމާނުގެ "ބަހުރުވައިގެ ތެރެއިން ލައިފާ" ފަލަސްޠީނު މީހުންނަށް ލިބެމުންދާ ތާއީދު މިހާރު ދަނީ އިތުރުވަމުންނެވެ. މި އަހަރު ޣައްޒާއަށް އިސްރާއީލުން ދިން ޙަމަލާތަކުގައި މި ކަން ވަނީ ފެނިފައެވެ. އައްޝައިޚު ޖައްރާޙުގެ އަވަށުގެ މީހުންނަށާއި ޣައްޒާގެ ރައްޔިތުންނަށް ދުނިޔެއިން ލިބުނު ހަމްދަރްދީއަށް ބަލައިލުމުން މި ކަން ސާފުކޮށް އެނގެއެވެ.
4- އިޤްތިޞާދީ ގުޅުމުން ފައިދާއެއް ނެތް: މެދުއިރުމަތީގެ ސިޔާސީ މަސްރަޙު ދިރާސާކުރައްވާ ބޭފުޅުން ވިދާޅުވާ ގޮތުގައި އިޤްތިޞާދީ ފާގަތިކަމުގެ ސަބަބުން އިސްރާއީލު – ފަލަސްޠީނު މައްސަލަ ސިޔާސީ މަގުން ޙައްލު ކުރުމަށް މަގުފަހިވާނެކަމަށް އިސްރާއީލާއި އެމެރިކާ ޤަބޫލުކުރެއެވެ. އަބްރާމު އެއްބަސްވުމުގައި ޢަރަބި ހަތަރު ޤައުމަކުން ސޮއިކުރިނަމަވެސް އަދި މި އެއްބަސްވުމަށް ދޮޅު އަހަރު ފާއިތުވެގެންގޮސްފައި ވިޔަސް އިސްރާއީލު – ފަލަސްޠީނު ގުޅުންތަކަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ.މި ދިޔަ މޭ މަހު އިސްރާއީލުން ޣައްޒާއަށް ޙަމަލާދިނުމުން މި އެއްބަސްވުން ވެފައިވަނީ އެ ޤައުމުތަކަށް ލިބުނު ބޮޑު މަލާމާތަކަށެވެ. ހާވަރޑް ޔުނިވަރސިޓީގެ ޓްރިނިޓީ ކޮލެޖްގެ އުސްތާޒެއްކަމުގައިވާ އިބްރާހީމުއް ޝިޤާޤީ ވިދާޅުވާ ގޮތުގައި ބައެއް ޢަރަބި ޤައުމުތަކާ އިސްރާއީލާ ދެމެދުގައި ޤާއިމު ކުރެވުނު އިޤްތިޞާދީ އެއްބާރުލުމުގެ ސަބަބުން ފަލަސްޠީނީންނަށް އެއްވެސް އެއްޗެއް ލިބިފައެއް ނުވެއެވެ. އޭނާ ވިދާޅުވިގޮތުގައި ބައިނަލްއަޤްވާމީ ބާރުތަކުން މަސައްކަތް ކުރާންވީ ފަލަސްޠީނުގައި މިނިވަން އިޤްތިޞާދެއް ބިނާކޮށްދިނުމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *