...

Support Us

ކުރު ވާހަކަ: ޖާރިޔާއެއްގެ ނަޒަރުގައި އެންމެ ރީތި ރާއްޖެ

އުއެވޭލާ ޒަމާނުގައި އުޅުއްވި ރަސްކަލެކެވެ. އެ ދުވަސްވަރަކީ އަޅުންނާއި ޖާރިޔާއިން ގަނެވިއްކައިގެން އުޅުނު ދުވަސްވަރެކެވެ.

އެއް ދުވަހަކު ރަސްގެފާނަށް އިވިވަޑައިގަތީ ވަރަށް ރީތި ޖާރިޔާއެއް ބާޒާރުގައި ވިއްކާލަން އުޅޭ ވާހަކައެވެ. ދެން، ރަސްގެފާނު މި ޖާރިޔާގެ ޚަބަރު އޮޅުންފިލުއްވަވައި، ޖާރިޔާގެ އަގަކީ ކޮބައިތޯ ވެސް ބެއްލެވިއެވެ. ރަސްގެފާނަށް ލިބިވަޑައިގެންނެވި މައުލޫމާތު ބުނާ ގޮތުން، އެ ޖާރިޔާއަކީ ވަރަށް ވެސް ރީތި ކުއްޖެކެވެ. އަދި، އޭނާގެ އަގު އެހާ ބޮޑު ވެސް މެއެވެ.

ކޮންމެއަކަސް، ޖާރިޔާ ދެކެވަޑައިގަތުމަށް ރަސްގެފާނު ބޭނުންފުޅުވިއެވެ. ދެން، އަޅުން ވިއްކާ ބާޒާރަށް ރަސްގެފާނު ވަޑައިގެން، ޖާރިޔާ ދެކެވަޑައިގެން، އޭނާއާ ބައްދަލުކުރެއްވިއެވެ. ރަސްގެފާނަށް ޖާރިޔާ ވަރަށް ރީތިވިއެވެ. އަދި، ޖާރިޔާ ބައްލަވައިގަންނަވަން ނިންމެވިއެވެ. ނަމަވެސް، ޖާރިޔާ ބައްލަވައިގަތުމުގެ ކުރިން، ޖާރިޔާއާ ބައެއް ސުއާލުކޮށްލައްވައި ޖާރިޔާ އިމްތިހާނުކޮށްލައްވަން ބޭނުންފުޅުވިއެވެ. ދެން ރަސްގެފާނު ޖާރިޔާއާ މުޚާތަބުކޮށް ވިދާޅުވިއެވެ.

ރަސްގެފާނު: ކަނބުލޭގެ އަގު އެހާ ބޮޑީ ކީއްވެހެއްޔެވެ؟

ޖާރިޔާ: އަޅުގަނޑު ރީތިވެފައި ވިސްނުން ތޫނުވީމައެވެ.

ރަސްގެފާނު: އެންމެ ރަނގަޅެވެ! ކަނބުލޭގެ ކިތަންމެހާ ވެސް ރީއްޗެވެ. ނަމަވެސް ކަނބުލޭގެ ވިސްނުން ހުރި ނެތްގޮތް ބަލާލަން ބޭނުމެވެ. އެހެންވެ، ދެތިން ސުއާލެއް ކަނބުލޭގެއާ އަހަރެން ކޮށްލާނަމެވެ.

ފުރަތަމަ ސުއާލަކީ އެންމެ ރީތި ހެދުމަކީ ކޮބާ ހެއްޔެވެ؟ ދެވަނަ ސުއާލަކީ އެންމެ މީރު ވަހަކީ ކޮބައިހެއްޔެވެ؟ ތިންވަނަ ސުއާލަކީ އެންމެ މީރު ކެއުމަކީ ކޮބާ ހެއްޔެވެ؟ ހަތަރު ވަނަ ސުއާލަކީ އިންސާނަކު ނިދާނެ އެންމެ އަރާމު ތަންމައްޗަކީ ކޮބައި ހެއްޔެވެ؟ ފަސްވަނަ ސުއާލަކީ އެންމެ ހިތްގައިމު އެންމެ އުފާވެރި، ދުނިޔެމަތީ ސުވަރުގެއެއް ފަދަ ރާއްޖެއަކީ ކޮބައިހެއްޔެވެ؟

އަދިވެސް ރަސްގެފާނު ޖާރިޔާއަށް ވިދާޅުވިއެވެ. މި ފަސް ސުއާލަށް ރަނގަޅު ޖަވާބެއްދީ، އެކަމުން، ކަނބުލޭގެ ވިސްނުންތޫނުކަމާއި ކަނބުލޭގެ އަގުބޮޑުވަނީ ކީއްވެގެން ސާބިތުކޮށްދީފި ނަމަ، އަހުރެން، ކަނބުލޭގެ މިނިވަންކުރާނަމެވެ.

ދެން، ޖާރިޔާ ވަރަށް ހިތް ހަމަޖެހިލާފައި ދެންނެވިއެވެ.

އެންމެ ރީތި ހެދުމަކީ ފަގީރު މީހާއަށް ލިބިފައި އޮންނަ އެއް ހެދުންގަނޑެވެ. އެ ނޫން ހެދުމެއް އޭނާ އަތަކު ނޯންންނާއެވެ. ހޫނަސް ނޫނީ ފިންޏަސް، އެ ހެދުމަކީ މޫސުމާ ގުޅޭ ހެދުމެއް ކަމުގައި އޭނާ ދެކެއެވެ. އަދި، އެ ހެދުން އޭނާއަށް ލިބިފައިވާތީ، އެކަމާ އޭނާ ޝުކުރުކޮށް އުފާ ވެސް ކުރެއެވެ.

އެންމެ މީރު ވަހަކީ، ތުއްތު ކުއްޖާއަށް އޭނާގެ މައިމީހާގެ ހަމުގައި ބީހިލުމުން ދުވާ ވަހެވެ. އެ މައިމީހާ ކޮންމެ ފަދަ މަސައްކަތެއް ކޮށްފައި އައިސް ވެސް، އެ ތުއްތު ކުއްޖާ އުރާލައި ގާތުން ދޭން އުޅޭއިރުއެވެ.

އެންމެ މީރު ކެއުމަކީ ބަނޑުހައި ހޫނުކަން މަތީ ހުރެ އިންސާނާ ކާ ކެއުމެވެ. ބަނޑުހައިހޫނުކަމަކީ ކާނާގެ ރަހަ މީރުކުރަން އަޅާ އެންމެ މޮޅު ސޯސް ކަމުގައި ބުނެ އުޅޭ ނޫން ތޯއެވެ؟

އިންސާނަކަށް ނިދާލަން ލިބޭނޭ އެންމެ އަރާމު ތަންމައްޗަކީ ކަންބޮޑުވުންތަކުން އެއްކިބާވެ، އޭނާގެ ހިތް ސާފުކަންމަތީ އޮށޯވެލަން އޭނާއަށް ލިބޭ ތަންމައްޗެވެ. ކަންބޮޑުވުންތަކާއި ފިކުރުތަކުން އެއްކިބާވެ، އިންސާނާގެ ހިތް ސާފުވާނީ، އެހެން މީހުންގެ ހައްގުތަކަށް އަރައިގަތުމުން ދުރުހެލިވެ، އެއްވެސް ހާލެއްގައި އެހެން މީހުންނަށް އަނިޔާވެރިނުވާ މީހާއެވެ. އަދި، އެ މީހަކާ ހަވާލުކުރެވިފައިވާ އަމާނާތަކަށް ޚިޔާނާތްތެރިނުވާ މީހާއެވެ. ހަމަ އެހެންމެ، މީސްތަކުންނަށް ހަސަދަވެރިވުމުން ދުރުވެ، އޭނާގެ ނަފްސަށް ލިބުން އެދޭ ހެވެއް، އެމީހުންނަށް ވެސް އެދޭ މީހާއެވެ. އަދި، މީގެ އިތުރުން، އޭނާއާއި އޭނާ ހެއްދެވި ފަރާތާ ދެމެދުގެ ގުޅުން ގާއިމުކޮށް އެ ގުޅުން ރަނގަޅުކުރުމުގައި ދެމިހުރެ، ތިމާގެ އަމިއްލަ ނަފްސަށް ވެސް އަނިޔާވެރިނުވާ މީހާއެވެ.

ދެން އޮތީ އެންމެ ފަހުގެ ސުއާލުގެ ޖަވާބެވެ. އެންމެ ހިތްގައިމު އެންމެ އުފާވެރި، ދުނިޔެ މަތީ ސުވަރުގެއެއް ފަދަ ރާއްޖެއަކީ ކޮބައިތޯ ކުރެއްވި ސުއާލުގެ ޖަވާބެވެ. މި ސުއާލުގެ ސީދާ ޖަވާބަކަށް ދިޔުމުގެ ކުރިން، ހާކިމުންނާއި މަހްކޫމުންގެ ބާވަތްތަކުގެ މައްޗަށް، ވެރިންނާއި އެބައެއްގެ މައްޗަށް ވެރިކަން ކުރެވޭ މީހުންގެ ބާވަތްތަކުގެ މައްޗަށް ކުރުކޮށް ނަމަވެސް އަލިއަޅުވާލަައި ބަލާލަން ޖެހެއެވެ.

އަދި، މި ބާވަތްތަކުގެ މައްޗަށް ބަލާލުމުގެ ކުރިން، ތަނެއްގައި އުފަލާއި ހިތްހަމަޖެހުން، ބާއްޖަވެރިކަމާއި ހަމަޖެހުން މެދުވެކުރުވާ ޖައުހަރީ މިންގަނޑަކީ ކޮބައިކަން ވެސް ފާހަގަކޮށްލަން ޖެހެއެވެ. އެމިންގަނޑަކީ ހަމަހަމަކަމާއި އަދުލުއިންސާފުވެރިކަމެވެ.

ހާކިމުންނާއި މަހްކޫމުންގެ މައްޗަށް ބަލާލާއިރު ފެންނަ ފުރަތަމަ ބާވަތަކީ ޖާހިލުންގެ މައްޗަށް ޖާހިލުންގެ ބަޔަކު ވެރިކަން ކުރާ ވެރިކަމެވެ. މި ފަދަ ވެރިކަމެއްގައި މި ނަންގަތް ދެ ކަމުން ކުރެ އެއްކަމެއް ވެސް ކުރެވޭ ގޮތެއް ނުވާނެއެވެ. ހަމަހަމަކަމެއް ވެސް އިންސާފުވެރިކަމެއް ވެސް ނޯންނާނެއެވެ. ސަބަބަކީ އެންމެންނަކީ ވެސް ޖާހިލުން ކަމުގައި ވާތީއެވެ. މިފަދަ ހާލަތެއްގައި އެންމެން ތިބި އިރު، ވެރިކަމަށް އަންނަ ބަޔަކު، އެމީހުންގެ މޮޅު އިތުރުކަން ދައްކާލަން ބޭނުންވާނެއެވެ. އެކަން އެމީހުން ކުރާނީ، ތަނުގެ ޚައިރާތުތަކަކީ އެމީހުންގެ އަމިއްލަ އެއްޗެއް ކަމުގައި ދެކިގެންނެވެ. އަދި، އެހެން އެންމެން ނިކަމެތި ދަތި ހާލުގައި ބައިތިއްބައިގެންނެވެ. އެމީހުންގެ މޮޅު އިތުރުކަން ދައްކާ އެއްގޮތަކީ މިއެވެ. އެމީހުންގެ އަމިއްލަ ރައްޔިތުން ފަގީރުކޮށް ދެރަކޮށްލައިގެންނެވެ. ދެވަނަ ގޮތަކީ ބޭރުގެ މޮޅު މީހުންނާ އެމީހުން އެއްގޮތްކަން ދެއްކުމެވެ. ބޭރުގެ މޮޅު މީހުން މި ފަދަ ވެރިންގެ ހަގީގަތް ދަންނަކަން، މިފަދަ ވެރިންނަށް އިހުސާސެއް ނުކުރެވެއެވެ. ހިސާބަަށް ވުރެ ޖާހިލުކަން ބޮޑުވީމައެވެ. މިފަދަ ހާލަތެއްގައި އޮތް ރާއްޖެއެއް ވާނީ، ބުނުމުގެ ބޭނުމެއް ނެތް ފަދައިން، އަބާއްޖަވެރި، ވޭނީ ހިތާމައިގެ ތަނަކަށެވެ. ނަރަކައިގެ ހޮހޮޅައެއް ފަދަ ތަނަކަށެވެ.

ހާކިމުންނާއި މަަހުކޫމުންގެ މައްޗަށް ބަލާލާއިރު ފެންނަ ދެވަނަ ބާވަތަކީ ތަންދޮރު ދަންނަ ވެރިންގެ ބަޔަކު ތަންދޮރު ނުދަންނަ، ނުވަތަ ހޭލުންތެރިކަން ކުޑަ، ބައެއްގެ މައްޗަށް ވެރިކަން ކުރުމުގެ މަންޒަރެވެ. މިހެން އޮތުމުން ދެގޮތެއް ކުރިމަތިވުމުގެ އެކަށޭނަކަން އޮވެއެވެ. ފުރަތަމަ ގޮތަކީ ވެރިކަމުގައި ތިބޭ މީހުންގެ ދަންނަކަމާއި ހޭލުންތެރިކަން ހެޔޮ ގޮތުގައި ބޭނުންކޮށްގެން ހަމަހަމަކަމާއި އަދުލުވެރިކަން ރައްޔިތުންގެ މެދުގައި ގާއިމުކުރުމުވެ. މިކަން ކުރެވޭނީ ރަނގަޅު ތައުލީމީ ނިޒާމެއް އުފަންކޮށް، ގާއިމުކޮށް، މީހުންނަށް ހެޔޮ ތައުލީމަކާއި ތަރުބިއްޔަތެއް ދެވި، އެމީހުންނަށް އަމިއްލައަށް ވިސްނުމާއި ފިކުރުކުރަން ދަސްކޮށްދީ، އެކަން ކުރިއަރުވައިގެންނެވެ. މިކަން ކުރެވިއްޖެ ނަމަ، ހިތް ހަމަޖެހުމާއި ބާއްޖަވެރިކަމުގެ މަންޒިލަށް ދަތުރުކުރެވޭނެއެވެ. އަދި، އެ ފަދަ ރާއްޖެއެއް ވާނީ އުފާވެރި ތަނަކަށެވެ. ދުނިޔެމަތީގައި އޮންނަ ސުވަރުގެއެއް ފަދަ ތަނަކަށެވެ.

ތަންދޮރު ދަންނަ ބަޔަކު، ތަންދޮރު ނުދަންނަ ނުވަތަ ހޭލުންތެރިކަން ކުޑަ ބައެއްގެ މައްޗަށް ވެރިކަން ކުރަން އައުމުން، ދިމާވެދާނެ އަނެއް ގޮތީ، ދަންނަ މީހުން ނުދަންނަ މީހުންގެ ނުދަންނަ ކަމުގެ ނާޖާއިޒު ފައިދާ ނަގައި އެމީހުން މޮޔަ ހައްދައި، ކުރީ ބައިގެ ވެރިން ފަދައިން ތަނުގެ ހުރިހާ ޚައިރާތެއް އެއީ ވެރިކަމުގައި ތިބޭ ބައެއްގެ ހައްގެއް ކަމަށް ދެކި، އެ އެއްޗެހި އެމީހުންގެ އަމިއްލަ މިލްކެއް ކަމުގައި ހެދުމެވެ. ގިނަ ފަހަރަށް ކަންތައް ވަނީ މިހެންނެވެ. މިހެން ކަންތައް ވުމުން، ވެރިކަމުގައި ޖާހިލުން ތިބުމެކޭ ތަންދޮރު ދަންނަ މީހުން ތިބުމެކޭ ހަމަ އެއްގޮތެވެ. ތަނުގެ އާންމުން އުޅެން ޖެހެނީ ނިކަމެތި ފަގީރު ހާލުގައެވެ. އެމީހުންގެ އަސާސީ ބޭނުންތައް ވެސް- ކެއުން ބުއިން، އަންނައުނު، ބޯހިޔާވެހިކަން- އޮންނަނީ އެންމެ ހެޔޮ ގޮތުގައި ފުރިހަމަ ކުރެވޭ ގޮތް ނުވެފައެވެ. މިހެންވުމުން، މި ތަން ވެސް ވާނީ ހަމަ އަބާއްޖަވެރި، ނަރަކައިގެ ހޮހޮޅައެއް ފަދަ ތަނަކަށެވެ.

ހާކިމުންނާއި މަަހުކޫމުންގެ މައްޗަށް ބަލާލާއިރު ފެންނަ ތިން ވަނަ ބާވަތަކީ ތަންދޮރު ދަންނަ ނުވަތަ ކޮންމެ ވެސް ވަރެއްގެ ތަންދޮރު ދަތުމެއް، ހޭލުންތެރިކަމެއް އޮތް ބަޔެއްގެ މައްޗަށް، އެތަނުގައި ތިބި ޖާހިލުންގެ ބަޔަކު ވެރިކަމަށް އައުން މެދުވެރިވުމެވެ. މިހެން ދިމާވުމުން، ތަނުގައި ހަމަހަމަކަމާއި އަދުލު އިންސާފު ގާއިމުކުރެވޭ ގޮތެއް ނުވެއެވެ. އެކަމުގެ މައިގަނޑު ދެތިން ސަބަބެއް ވެއެވެ. ފުރަތަމަ ސަބަބަކީ އެ ފަދަ ޖާހިލުން ވެރިކަމަށް އަންނަނީ ފަަހަރެއްގައި ވެސް ތަނުގައި އަދުލުވެރިކަމާއި އިންސާފު ގާއިމުކޮށް ގައުމު ބިނާކުރާކަށެއް ނޫނެވެ. ދެވަނަ ސަބަބަކީ އެފަދަ ޖާހިލު ވެރިނަންނަށް އެކަން ކުރާނީ ކިހިނެއް ކަމެއްކަން ވެސް ނޭނގޭތީއެވެ. އަދި، އެކަން ކުރާނެ ގޮތް މީހަކު ބުނެދިނަސް އެވާހަކަ އަޑުއަހައި އެކަން ވިސްނި ދިޔުމުގެ އެކަށޭނަކަން ވެސް އެމީހުންގެ ކިބައިގައި ނެތީމައެވެ. ކުރިން މިބުނި ސަބަބާ ހެދިއެވެ. ވެރިކަމަށް އަންނަނީ ގައުމު ބިނާކުރާކަށް ނޫނެވެ. ގައުމުގެ ޚައިރާތުތަކުން ތިމާމެންގެ އަމިއްލަ ފައިދާއަށްޓަކައި ލިބިގަނެވެން އޮތް އެއްޗެއް ވީ އެންމެ ކުރު މުއްދަތެއްގެ ތެރޭގައި ލިބިގަތުމަށެވެ. އެފަދަ ވެރިންގެ ދެން އޮންނަ މަގުސަދަކީ ވީހާ ވެސް ދިގު މުއްދަތަކަށް ވެރިކަން ދެމެހެއްޓޭނޭ ގޮތް ހެދުމެވެ. ދުނިޔޭގެ ތާރީޚު ދައްކާ ގޮތުން، މިފަދަ ވެރިން މިކަން ކުރަނީ، ބޭރުގެ ބާރުތަކާ ގުޅިގެން، އެމީހުންގެ އަސްކަރީން ތަނުގައި ބައިތިއްބައިގެން އެމީހުންގެ އެހީ ހޯދައިގެންނެވެ. މިފަދައިން ކަންތައް އޮތް ތަނަކަށް ހަމަޖެހުމެއް ނާންނާނެއެވެ. މިފަދަ އެއްބަޔަކު ދާއިރަށް މިފަދަ އެހެން ބަޔެއް އަންނާނެއެވެ. އަދި، ތާރީޚު އިއާދަވެ، އާންމު މީސްތަކުން ނިކަމެތި ހާލުގައި ދެމިތިބެން ޖެހެއެވެ. ޖާހިލު ވެރިންނަށް ކަނު ސިފައެއްގައި އަތް ޖަހައި ޚުޝާމަދުކުރުމުގައެވެ. އެމީހުންގެ ފަރާތުން ލިބިދާނެ ހަނޑޫ ފުކެއްގެ ދަހިވެތިކަމުގައި ދޫ ނެރެގެންނެވެ.

ދެން އޮތީ އެންމެ ފަހުގެ ބާވަތެވެ. ހާކިމުންނާއި މަހުކޫމުންގެ މައްޗަށް ބަލާލާއިރު، ވެރިކަން އޮންނަ ފަހުގެ ބާވަތެވެ. މި ފަހުގެ ބާވަތުގެ ވެރިކަމެއްގައި ފެންނަނީ ހޭލުންތެރި، ގައުމަށް ތެދުވެރި އިޚުލާސްތެރި ރައްޔިތެއް މަހްކޫމުންގެ ގޮތުގައި ތިބޭ ތަނެއްގައި ގާއިމުވާ ވެރިކަމެވެ. ގައުމަށް އިޚުލާސްތެރިވެ ތެދުވެރިވެވެނީ ކިހިނެއް ހެއްޔެވެ؟ ދުނިޔޭގެ ކޮންމެ ގައުމަކަށް ބަލާލި ކަމުގައި ވިޔަސް، ފެންނާނެ މަންޒަރެއް އޮވެއެވެ. އެ ގައުމުތަކުގެ ފަރުދީ އަދި މުޖުތަމައީ އަގުތަކެވެ. ފަރުދުންނާއި މުޖުތަމައު ގަބޫލުކުރާ އަގުތަކެވެ. މި އަގުތައް، މައިގަނޑު ގޮތެެއްގައި ގުޅެނީ ދީނާއެވެ. ތަނުގެ ދީނާއެވެ. ދީނީ ޖައުހަރީ އުނގަންނައިދިނުންތަކާއެވެ. ގައުމަށް ތެދުވެރިވެވޭނީ ދީނީ މި އުނގަންނައިދިނުންތަކާ ގުޅޭ އަގުތަކަކީ ކޮބައިކަން ދެނެގަނެ، އެ އަގުތަކުގައި ހިފެހެއްޓިގެންނެވެ. މިސާލަކަށް ތެދުވެރިވުމާއި އަމާނާތްތެރިވުމެވެ. އެކަކު އަނެކަކަށް އަޅާލުމާއި މިކަން ނިޔާ ކުރާ، އެންމެނަށް ވެސް ހެޔޮ އެދުމާއި، އެންމެނަށް ވެސް ހިތް ހަމަޖެހިގެން އުޅެން ޖެހެވޭނޭކަން ގަބޫލުކުރުމެވެ. އެކަކު އަނެކަކަށް ހަމްދަރުދީވެ، އެކަކު އަނެކަކުގެ ހިތާމަތަކުގައި ބައިވެރިވުމެވެ. މިފަދަ ގޮތެއްގައި ހޭލުންތެރިކަން އޮތް ރައްޔިތެއް އޮތް ތަނެއްގެ ވެރިކަމަށް އަންނާނީ ވެސް މިފަދަ އަގުތަކެއް ގަބޫލުކުރާ، އަދި، އެކަން އިތުރަށް ދިރުވައި ދަމަހައްޓާން ބޭނުންވާނޭ ވެރިންނެވެ. މިފަދަ ހާކިމުންނާއި މަހުކޫމުން އޮތް ތަނެއް ވާނީ ބާއްޖަވެރި ތަނަކަށެވެ. އަދި، ދުނިޔޭގައި އޮތް ސުވަރުގެއެއް ފަދަ އުފާވެރި ތަނަކަށެވެ. މިފަދަ ރާއްޖެއެއް އުފަންކުރުމުގެ މަސައްކަތް ފެށެނީ ރައްޔިތުންނާ ހަމައިންނެވެ. އެމީހުންގެ އަމިއްލަ މަސައްކަތުން، ހޭލުންތެރިވެވިގެންނެވެ. ހޭލުންތެރި ކުރުވާނޭ ބަޔަކު އުފެދި، އެހެން މީސްތަކުން ވެސް ހޭލުންތެރި ކުރުވުމުގެ މަސައްކަތް ކުރެވިގެންނެވެ. ތައުބާ ސޫރަތުގެ 122ވަނަ އާޔަތުގައި އިޝާރަތް ކުރެވިފައިވާ ފަދައިންނެވެ!

ޖާރިޔާގެ ވާހަކަ އައްސަވައި ރަސްގެފާނު ހިތްޕުޅާވެ، ޖާރިޔާ މިނިވަން ކުރެއްވިއެވެ. އަދި އަމިއްލަ ނަފްސާ މުޚާތަބުކުރައްވައި ވިދާޅުވިއެވެ. އަހަރުމެންގެ ގައުމު ހިމެނެނީ ޖާރިޔާ ފާހަގަކުރި ބާތްވަތްތަކުގެ ތެރެއިން ކޮން ބައެއްގެ ތެރޭގައި ބާވައެވެ! އަހަރުމެންގެ ރާއްޖެ އެންމެ އުފާވެރި ތަނަކަށް ހަދާނީ ކިހިނެއް ބާވައެވެ! މި ސުއާލުތައް ކުރައްވަމުން، އެ ސުއާލުގެ ޖަވާބާ މެދު ފިކުރުކުރައްވަމުން ގަނޑުވަރަށް އެނބުރި ވަޑައިގަތެވެ.

އާދެ، ދެން އޮތީ ފަހުގެ ބަހެވެ. މި މައްސަލައާ މެދު ރަނގަޅަށް ވިސްނައި ބަހުސް ކުރުމަށް ފަހު، ރަސްގެފާނަށް އެހީތެރިވެ، ރަނގަޅު ޖަވާބެއް ރަސްގެފާނަށް އަރުވައި، ރަސްގެފާނުގެ އުއްމީދު ހަގީގަތަކަށް ހަދާލާނޭ ގޮތް ތިޔަ އެންމެ ބޭފުޅުން ރަސްގެފާނަށް ދަންނެވުމުގެ ވާހަކައެވެ!

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.