...

Support Us

ނެޕޯލިޔަން އަށް ނިސްބަތް ކުރެވޭ ބުއްދިވެރި ބަސްކޮޅެއް

ނެޕޯލިޔަންއަކީ ފަރަންސޭސި ވިލާތުގެ ސިޔާސީ އަދި އަސްކަރީ ލީޑަރެކެވެ. އޭނާގެ ނަން މަޝްހޫރުވެގެންދިޔައީ ފަރަންސޭސި އިންގިލާބުގެ ތެރެއިންނެވެ. އިންގިލާބީ ލީޑަރުންނަށް، އިންގިލާބަށް ފަހު، ފަރަންސޭސި ވިލާތަށް ހަމަޖެހުން ނުގެނެވުމުން، އެކަން ކުރެވޭނީ އަސްކަރީ މީހަކަށް ކަމުގައި ދެކި، 1799ގައި ނެޕޯލިޔަން އާއި ފަރަންސޭސިވިލާތުގެ ވެރިކަން ހަވާލުކުރެވުނީއެވެ. އަދި، ފަހުން، 1804 ފެށިގެން 1814 ވަނަ އަހަރާ ހަމައަށް، ފުރާންސުގެ އެމްޕަރާގެ ލަގަބު ލިބިގަނެ، އެ ނަމުގައި ވެރިކަންކުރިއެވެ. އަދި 1814ގައި އޭނާ ވެރިކަމުން ދުރުކުރެވުނެވެ. ނަމަވެސް ކުޑަ ދުވަސް ކޮޅަކަށް 1815 ވަނަ އަހަރު ވެރިކަމަށް އައެވެ. ނަމަވެސް ހަމަ އެ އަހަރު އޭނާ ވެރިކަމުން ދުރުކުރެވި ސެންޓު ހެލީނާއޭ ކިޔުނު ރަށަށް އޭނާ އަރުވާލެވި، އެތަނުގައި އޭނާ ނިމި ދިޔައެވެ.

ނެޕޯލިޔަންއަކީ ދުނިޔެ ދުށް ވަރުގަދަ އަސްކަރީ ލީޑަރުންގެ ތެރޭގައި ހިމަނާލެވޭ ލީޑަރެކެވެ. އަދި، މުސްތަބިއްދު ގޮތެއްގައި ވެރިކަން ކުރި ކަމުގައި ވިޔަސް، ފަރަންސޭސި އިންގިލާބު ގެނުވި އިސްލާހުތައް- ހަމަހަމަކަމާއި އެއްބައިވަންތަ ކަމާއި މިކަންކަން އަމަލީ ގޮތުން ފަރަންސޭސީ މުވާތިނުންގެ މެދުގައި ހިންގާލުން- ފޭލިވިޔަނުދީ ހިފެހެއްޓި ކަމުގެ ޝަރަފު ލިބެނީ އޭނާއަށެވެ. އޭނާގެ މަދަނީ ގާނޫނުތައް ވެގެން ދިޔައީ މިކަން ހަގީގަތަކަށް ހަދާލުމުގެ އަސްލަށެވެ. އަދި، އެކަމުގެ ސަބަބުން މުޅި ޔޫރަޕަށް ހެޔޮ ބަދަލުތަކެއް އައިސް، މިއަދު ހުޅަނުގު ދުނިޔޭގައި މިފެންނަ މިނިވަންކަމާއި އިންސާނީ ހައްގުތަކަށް އިހުތިރާމުކުރުމާއި، މީހުންގެ ހުނަރަށް ރިއާޔަތް ކޮށްގެން ވަޒީފާތައް ދިނުން ފަދަ ކަންކަން ފެތުރިގެންދާ ގޮތް މެދުވެރި ވިއެވެ.

ތިރީގައި އެވަނީ ނެޕޯލިޔަންއަށް ނިސްބަތް ކުރެވޭ ބުއްދިވެރި ބަސްކޮޅެކެވެ.

*******

  1. ދުނިޔޭގެ ދެބައިކުޅަ އެއްބައި މީހުންނަކީ އެމީހުންގެ ވިސްނުން، އާދައިގެ މީހުންގެ ވިސްނުން ހުންނަންޖެހޭ ވަރަށް ވުރެ، ދަށް މީހުންނެވެ.
  2. ކަލޭ ހީކުރަނީ ކަލެއަކީ މާތްﷲ ވޮޑިގެންވާކަން ގަބޫލުކުރުމަށް ވުރެ ވެސް ވިސްނުން ތޫނު މީހެެއް ކަމަށް ހެއްޔެވެ؟ އަހަންނަކީ އެ ފަދަ ވިސްނުން ތޫނު މީހެއް ނޫނެވެ.
  3. ކާމިޔާބު ލިބުމަކީ ހަނގުރާމައިގެ ކޮންމެ މައުރަކާއެއް (ކުރިމަތިލުމެއް، ބެޓްލް) ކާމިޔާބުކުރުމެއް ނޫނެވެ. ބަލިވާ ކޮންމެ ފަހަރަކު ތެދުވުމެވެ.
  4. ހަގީގީ އިންސާނާ އެކަކު ދެކެ ވެސް ފޫހިވެ، އެކަކަށް ވެސް ނަފުރަތެއް ނުކުރާނެއެވެ.
  5. ކަމެއް ރަނގަޅަށް ކުރަން އެދޭ ނަމަ، ކަލޭ އަމިއްލައަށް އެކަން ކުރާށެވެ!
  6. ވޭންތައް ބަރުދާސްތުކުރަން، މަރުވުމަށް ބޭނުންވާ ހިއްވަރަށް ވުރެ، އިތުރު ހިއްވަރު ބޭނުންވެއެވެ.
  7. ކަލޭގެ ދުޝްމަނާއަށް އޮޅިގެން ކަމެއް ކުރެވެމުން ދާއިރު، ފަހަރެއްގައި ވެސް މެދުކަނޑާލައި ހުރަސް އަޅަން ނުހަދާށެވެ.
  8. ފުއްލާއެއްގެ ޒައާމަތުގެ ދަށުގައިވާ ސިންގާތަކެއްގެ ލަޝްކަރެއް ސިންގާތަކެއްގެ ލަޝްކަރަކަށް ނުވާނެއެވެ.
  9. އިންސާނުންނަށް ކުރިމަތިވެފައި އޮންނަ އެންމެ ބޮޑު ދުޝްމަނަކީ މަސައްކަތްކުރަން ނުކެރުމެވެ.
  10. އާންމު ގޮތެއްގައި، ކުޑަ ދަރިފުޅުގެ މުސްތަގުބަލުގެ ތަގުދީރު އަބަދުވެސް ބައްޓަންކޮށް ކަނޑައަޅާލަނީ އޭނާގެ މަންމަގެ މަސައްކަތުންނެވެ.
  11. ފަގިރު ހާލަތުގައި ދެމިހުރުމުގެ އެންމެ ޔަގީންކަން ބޮޑު ގޮތަކީ ތެދުވެރިކަންމަތީ ހުރުމެވެ.
  12. ހަށިގަނޑަށް ލިބޭނޭ އެންމެ ރަނގަޅު ފަރުވާއަކީ ހަމަހިމޭން ހިތެއް ލިބިފައި އޮތުމެވެ.
  13. އަހެއްގެ މަތީ ކަލޭ އިނުމަކީ ކަލެއަށް ހެއްވާ ކަމަކަށް ވެއްޖެ ނަމަ، ކަލޭގެ ޒައާމަތުގެ ދަށުގައި މައުރަކާ އަކައިގެން (ހަނގުރާމައިގެ ކުރިމަތިލުމަކައިގެން، ބެޓްލް، އަކައިގެން) ކުރިއަށްދިއުން، ކަލެއަށް ހައްގުވެގެން ނުވެއެވެ.
  14. މީހަކު ދެނެގަންނަން ބޭނުން ނަމަ، އޭނާގެ އުމުރުން 20 އަހަރުގައި އޭނާގެ ދުނިޔޭގައި ވަމުންދިޔަ ކަންތައްތައް އެނގެން ޖެހެއެވެ.
  15. ކަލޭގެ ކުރިމަތީ ހެމުންދާ އަންހެނެއް ކަލެއަށް ކާމިޔާބު ކުރެވިއްޖެއެވެ.
  16. ކާމިޔާބަކީ މީހުންގެ ހިތްތަކަށް ޔަގީންކަން ގެނެސްދޭ އެންމެ މޮޅު ވާހަކަ ދެއްކުންތެރިޔާއެވެ.
  17. ހިއްވަރު ނޭލޭ ކަމަށް ވަންޏާ، އެއްވެސް އެއްޗެއް ގެއްލިއްޖެ ކަމުގައި ނުބެލެވޭނެއެވެ.
  18. އޭނާއަކީ ރަހުމަތްތެރިއެއްކަން ނޭނގޭ މީހަކު ހުރުމަށް ވުރެ، އޭނާއަކީ ދުޝްމަނެއްކަން އެނގޭ މީހަކު ހުރުން ރަނގަޅެވެ.
  19. މީހުން އެއްބައިކުރާ ދެ ބާރެއް ވެއެވެ. އަމިއްލަ މަސްލަހަތާއި ބިރުގަތުމެވެ.
  20. އެންމެ ނުރައްކާތެރި ވަގުތު ކުރިމަތިވަނީ ކާމިޔާބީއެއް ލިބުމާ ވިދިގެންނެވެ.
  21. ސިޔާސީ މައިދާނުގެ ރަހުމަތްތެރިންނާ މެދު، އަބަދުވެސް، މުއާމަލާތްކުރަން ޖެހޭނީ ކޮންމެ ވެސް ދުވަހަކު އެމީހުން ދުޝްމަނުންނަށް ވެދާނޭ ކަމަށް ބަލައިގެންނެވެ.
  22. ވަރަށް ގިނަ ފަހަރު، ސިޔާސީ ވެރިން ކާމިޔާބު ހޯދަނީ ހުރިހާ ކަމެއް ކުރަން ވައުދުވެފައި އެއްވެސް ވައުދެއް ނުފުއްދައެވެ.
  23. ކަލޭގެ ވަގުތުތަކުގެ ތެރެއިން ގެއްލިގެންދާ ކޮންމެ ގަޑިއެއްގެ އިރަކީ ވެސް، މުސްތަގުބަލުގައި ބަދުނަސީބުވެރި ގޮތެއް މެދުވެރިކުރުމުގެ އެކަށޭނަކަން އޮތް ކަމެކެވެ.
  24. ކަލޭގެ ފިޔަތައް ދަމާ ނުލާހާ ހިނދަކު، ކަލެއަށް އުދުހި ދެވޭނީ ކިހާ ދުރަކަށް ކަމެއް ކަލެއަކަށް ނޭނގޭނެއެވެ.
  25. ފިރިހެންނުން ބަލަނީ ވަނަވަރު ބޮޑު އަންހެނަކު ލިބޭތޯއެވެ. އަންހެނުން ބަލަނީ ބޮޑު މުއްސަނދިކަމެއް ލިބިފައިވާ ފިރިހެނަކު ލިބޭތޯއެވެ!
  26. ކަމެއް ކުރަން ހިތުގައި ކަނޑައަޅައި ނިންމައިފުމުން، ދެން، ނަމައޭ ނުވަތައޭ ނުކިޔައި އެކަމަކައިގެން ކުރިއަށްދާށެވެ!
  27. ހިއްވަރު ލިބިފައި އޮތުން ގުޅެނީ ކަމެއް ކުރުމާއި ނުކުރުމުގެ ބާރާއި ހަކަތަ އޮތުމަކާ ނޫނެވެ. ބާރާއި ހަކަތަ ނެތިދާ ވަގުތުގައި ވެސް ކުރިއަށް ދިޔުމުގައި ދެމިހުރުމުގައެވެ.
  28. ކަލޭގެ ޒައާމަތުގެ ދަށުގައި މީސްތަކުން ގޮވައިގެން ކުރިއަށް ދެވޭނޭ މަގަކީ އެމީހުންނަށް ހެޔޮ މުސްތަގުބަލެއް ލިބިދާނެ ގޮތް ދެއްކުމުވެ. ހަގީގީ ޒައީމަކީ މީސްތަކުންގެ އުއްމީދުތައް ދިރުވައި އެކަން ހަގީގަތަކަށް ހަދާލަދޭ މީހާއެވެ!
  29. މޮޔަ، ބުއްދި ނުވާ މީހަކަށް، ހޭޖެހޭ، ބުއްދިވާ މީހެއްގެ މައްޗަށް އެއް ކަމަކުން ކުރިލިބިފައި އޮވެއެވެ. މޮޔަ، ބުއްދި ނުވާ މީހާ އަބަދުވެސް ހުންނަނީ އޭނާގެ ނަފްސާމެދު ހަމަޖެހި ފަޚުރުވެރިވެ، ބޮޑާވެފައެވެ.
  30. ފޮތް ކިޔާ އާއިލާއެއްގެ މީހުން އަހަންނަށް ދައްކާށެވެ! އޭރުން، ދުނިޔެ ގުޑުވާލައި، ބަދަލުކޮށްލައި ކުރިއަށް ގެންދަނީ ކޮން ބަޔެއްކަން ކަލޭމެންނަށް އަހަރެން ދައްކާނަމެވެ.
  31. އޮޅިގެން ކަމެއް ކުރެވުމުން، ނޫނީ ދެރަ ގޮތެއް މެދުވެރިވުމުން، މޮޅު މީހާ، އަނެއްކާ ވެސް އޭނާގެ ފައިމައްޗަށް، ކޮޅަށް ތެދުވެއެވެ.
  32. އާންމު ގޮތެއްގައި، އޭނާގެ ހައްގުތައް ހޯދުމަށް ވުރެ ބޮޑަށް، އޭނާގެ އަމިއްލަ މަސްލަހަތަށްޓަކައި އިންސާނާ ގަދައަޅާ މަސައްކަތްކުރެއެވެ.
  33. ތައުލީމީ އަންހެނަކު އަހަންނާ ހަވާލުކުރާށެވެ! އޭރުން، ތައުލީމީ ރީތި އަދަބުތަކުގެ ވެރި ގައުމެއް އުފަންވާނޭ ކަމުގެ ވައުދު އަހަރެން ވާނަމެވެ.
  34. ހަގީގަތް އޮޅުވާލައި، ވަޅުލައި ފޮރުވާކަށް ނުޖެހެއެވެ. ހަމައެކަނި ކުރަން ޖެހޭ ކަމަކީ، ހަގީގަތަކީ ކޮބައިކަމާ މެދު، މީސްތަކުން އަޅާނުލާ ހިސާބަށް ދަންދެން، ހަގީގަތް ހާމަކުރުން ލަސްކޮށްލުމެވެ.

މިއީ މިއަދު އަޅުގަނޑުމެންނާ ދިމާވެފައި އޮތް އެންމެ ބޮޑު އެއް މައްސަލަ ކަމުގައި ބުނެވިދާނެއެވެ. ހަގީގަތަކީ ކޮބައިކަން ހޯދަން ބޭނުން ނުވުމެވެ. އެހެންވެ، ސިޔާސީވެރިންނަށް ބޭނުން އެއްޗެއް ކިޔުމުގެ ފުރުސަތު ލިބިފައި އޮވެއެވެ.

މިކަމާ ބެހޭ މިސާލެއް ލިޔެލާނަމެވެ. ބޯހިޔާވެހިކަމުގެ މައްސަލައަށް ހައްލެއް ގެނައުމާ ބެހޭ ގޮތުން، ދާދި ފަހުން ބޭއްވުނު ބައްދަލުވުމެއްގައި ދެކެވުނު ވާހަކަތަކެވެ. މާލޭގެ ރަށްވެހިންނަށް އެކަން ހައްލުކޮށްދިނުމުގެ ގޮތުން، އެންމެ ރަނގަޅު ގޮތަކީ ހުޅުމާލޭން އެމީހުންނަށް ގޯތި ދިނުން ކަމުގައި މި ބައްދަލުވުމުގައި ނިންމުނެވެ.

ޝައްކެތް ނެތް ގޮތުގައި، އުސޫލެއްގެ ގޮތުން، މިއީ ރަނގަޅު ކަމެކެވެ. ނަމަވެސް، ހުޅުމާލެއިން، މާލޭގެ ރަށްވެހިންގެ ތެރެއިން ގޯތި ދޭން ޖެހޭ ކޮންމެ މީހަކަށް ގޯތިދެވޭނޭހާ ބިން އެބަ އޮތް ހެއްޔެވެ؟ އަދި، މިފަދައިން ގޯތި ދިނުމަކީ ބޯހިޔާވެހިކަމުގެ ދަތިކަމަށް އޮތް ދާއިމީ ހައްލެއް ހެއްޔެވެ؟

މި ސުއާލުގެ ޖަވާބު ހޯދަން، މި މައްސަލަ ހައްލުކުރުމުގެ ގޮތުން، މާލެއިން ގޯތި ދިނުމުގެ ތާރީޚަށް ނަޒަރު ހިންގާލާށެވެ. ސާޅީހުގެ ފަހުގެ އަހަރުތަކާއި ފަންސާހުގެ އަހަރުތަކުގެ ތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކުން، ކިޔަވާށާއި އަދިވެސް އެހެން ކަންކަމުގައި އައި މީހުން މާލޭގައި ވަޒަންވެރިވާން ދިމާވިއެވެ. އެ ދުވަސްވަރު މާލޭގައި ކޮންމެވެސް ވަރަކަށް، ވަލާއި ބިން އޮތެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މިތަންތަން ގޯތިދީ ހުސްވިއެވެ. ދެން ހަތްދިހައިގެ އަހަރުތަކުގެ ތެރޭގައި މާލޭގެ މިސްކިތްތަކުގެ ގަބުރުސްތާނުތަކުން ގޯތިދޭން ފެށުނެވެ. އަދި، ކުޑަ ދުވަސްކޮޅެއްގެ ތެރޭގަައި މިތަންތަން ވެސް ގޯތިދީ ހުސްވިއެވެ. ދެން ހަމަ މިއާ އެއްކޮށް މާލޭގެ ގޮނޑުދޮށާއި ފަޅުތެރޭން ވެސް ގޯތިދޭން ފެށުނެވެ. އެންމެ ފުރަތަމަ އެތަންތަން ހިއްކީ ގޯތި ލިބުނު މީހުން އަމިއްލައަށެވެ. ދެން، އަށްޑިހައިގެ ތެރޭގައި އެކަން ކުރީ އޭރުގެ ސަރުކާރުގެ ފަރާތުންނެވެ. މިއީ ޝުކުރުވެރިކަމާއެކު ފާހަގަކުރަން ޖެހޭކަމެކެވެ. އެހެން ނޫންނަމަ، މާލޭގެ ފަޅު، ދެކުނާއި ހުޅަނގު ފަރާތާއި އަދި ހުޅަނގު އުތުރު ފަރާތުން ހިއްކެން އޮތް ބައި ހިއްކަން ވަރަށް ގިނަ ދުވަސްތައް ނެގީހެވެ. ކޮންމެ އަކަސް އެތަންތަން ހިއްކައި މީސް މީހުންނަށް ގޯތި ދިނެވެ. ގޯތި ދިނީ އެންމެ އިންސާފުވެރި، އަދުލުވެރި ގޮތުގައޭ ބުނެވޭން ނެތަސް ގޯތި ދީ، ހިއްކި އ ބިންތައް ވެސް ފުރާލިއެވެ.

މިކަމުގެ އެނގެނީ ކޮން އެއްޗެއް ހެއްޔެވެ؟ ރާއްޖެ ފަދަ، ބިމުގެ ދަތިކަން އޮތް ތަނަކީ ގޯތި ދީގެން ބޯހިޔާވެހިކަން ހައްލު ކުރެވޭނޭ ތަނެއް ނޫންކަމެވެ. ގޯތި ދޭން ފެށުމުން، މީސްމީހުން މިކަމުގެ ނާޖާއިޒު ފައިދާތައް ނަގައެވެ. (ފުލެޓްތައް ދޫކުރުމުގައި ވެސް ކަންއޮތީ މިހެންނޭ ބުނަން ޖެހެއެވެ.) ލ. އަތޮޅުން މިކަން ފެންނާނެއެވެ. މީހުން ގޯތިތައް ނަގައި، އެތަނުގައި އެެއްވެސް ކަމެއް ނުކޮށް ހުރި ގޯތިތައް އެބަހުއްޓެވެ. ދެން، ޗުއްޓީ ހަދާލަން ދާން ހަދާފައި ހުރި އެތައް ތަނެއް ވެސް އެބަހުއްޓެވެ. ބިމުގެ ދަތިކަން އޮތް ތަނެއްގައި މިފަދައިން ކަންތައް ކުރަން ދޫކޮށްލުމުން މުސްތަގުބަލުގައި އިތުރު މައްސަލަތައް ކުރިމަތިވާނެކަން ކަށަވަރެވެ. މާލޭގެ މިސާލުން މިކަން ފެނިގެން ދެއެވެ.

އެހެންވީމާ، ބޯހިޔާވެހިކަމުގެ ހައްލަކަށް ރާއްޖޭގައި އޮންނާނީ ރާއްޖޭގެ ބިން، އެއްވެސް މީހަކަށް މިލްކުނުކުރެވޭ، ދައުލަތުގެ އެއްޗެއްގެ ގޮތުގައި އޮންނަން ޖެހެއެވެ. މިހެން ބާއްވައި، ދައުލަތުން އިމާރާތްތައްކޮށް، ފަސޭހައިން، އޭގެ މާނައަކީ، މީހުންނަށް އޭގެ އަގުތައް ތަހައްމުލު ކުރެވޭނޭ ފަދަ ގޮތެއްގައި، ހަރުދަނާ އުސޫލެއްގެ މަތިން، ފުލެޓު ދިނުމެވެ. މިއީ ހަމައެކަނި މާލޭގެ ރަށްވެހިންނަށް އޮތް ކަމަކަށް ހެދިގެން ނުވާނެއެވެ. ޝައްކެެއް ނެތް ގޮތުގައި، ހުޅުމާލޭގައި ފެށުނު 'ހައުސިން ޕުރޮޖެކްޓަކީ' ރަނގަޅު ފިޔަވަޅެކެވެ. އިބިލީސް ވެސް ރަނގަޅު ކަމެއް ކޮށްފި ނަމަ ރަނގަޅު ކަމެކޭ ބުނަން ޖެހެއެވެ. ނަމަވެސް، ރާއްޖެއަށް ތައާރުފު ކުރެވުނު ގިނަ ޕާޓީގެ ޑިމޮކުރަސީގެ ރީތި ހަމަތައް ނިޔާކުރަނީ ތިމަންމެންނަށް ނުކުރެވުނު ނަމަ، އެއީ ކިތަންމެ ބޮޑު ފައިދާއެއް ލިބެން އޮތް ކަމަކަށް ވިޔަސް، އެކަން ގޯސްކުރުމެވެ. މީގެ އެންމެ ރީތި އެއް މިސާލު 2019ވަނަ އަހަރު ވެރިކަމަށް އައި ޕާޓީގެ އިސް ބަޔަކު ބޭރުން ރާއްޖެ އައިސް ސިނަމާލޭ ބުރިޖަށް ނާރާން ވެގެން، ކަނޑުމަގުން މާލެއައި މަންޒަރު ހަނދާންކޮށްލާށެވެ! އެ ބުރިޖަކީ ނޭޅޭނޭ ބުރިޖަކަށް ވެފައި އެކަމަށް ޚަރަދު ކުރީ ތިމާމެން ނުރުހޭ ބަޔަކަށް ވެފައި، ކޮންމެ ގޮތެއް ހަދާފައި ނަމަވެސް އެކަން ގޯސްކުރަން ބޭނުންވުމެވެ! ނަމަވެސް، ވިސްނާލުމުން، އެއީ ކޮންމެ ބަޔަކު ކުރި ކަކަމަށް ވިޔަސް، ޚުދް އިބިލީސް އައިސް ކޮށްދިން ކަމަކަށް ވިޔަސް، އަދި، އިބިލީސް އެއީ ލައުނަތް ލެއްވިގެންވީ ބޮޑު ޝައިތާނާ ކަމަށް ވިޔަސް، އެކަން، އެ ބުރިޖު އެޅި އެޅުމުން ފައިދާކުރަނީ އެންމެނަށެވެ! ނަމަވެސް މަތީގައި ބުނެފައި އޮތް ގޮތުން މި ހަގީގަތް ހާމަކުރުން ލަސްކޮށް، އެކަމަކީ ވެސް ތާކުންތާކު ނުޖެހޭ ކަމެއްކަން، ޕާޓީގެ ތައައްސުބުގައި ޖެހިފައި ތިބެގެން ވާހަކަދައްކާ މީހުން އުޅެއެވެ.

ކޮންމެއަކަސް، ހުޅުމާލޭގައި ފެއްޓުނު ހައުސިން ޕުރޮޖެކްޓަކީ ރަނގަޅު ފިޔަވަޅެއްކަމުގައި ދެކެމެވެ. ކޮންމެ މީހަކު ކުރި ކަމުގައި ވެސް މެއެވެ. ދެން ކުރަންޖެހޭ ކަމަކީ، މިކަމުން އިބުރަތް ލިބިގަނެ އިތުރު ބދަލުތަކާއި އިސްލާހުތައް ގެންނަން ޖެހޭ ނަމަ، އެކަން ކޮށްގެންއިތުރު އިމާރާތްތައް ހަދައި، ފުލެޓު ދޫކުރުމުގެ އުސޫލު ހަރުދަނާކުރުމެވެ. އެންމެ ފަހުން ފުލެޓު ދެވުނު އިރުވެސް، ފުލެޓު ލިބުނު މީސްމީހުންނެވެ. އަދި، ބައެއް ފަހަރު، ރާއްޖޭން ބޭރުގައި ވަޒަންވެރިވެ، ބޭރުގައި އަމިއްލަ ގެދޮރު ހުރި މީސްމީހުންނަށް ވެސް ފުލެޓު ލިބިފައި އެބަހުއްޓެވެ. މިހެން ކަންތައް ވުމީ ފަހަރެއްގައި ވެސް، އިމާރަތްކުރުމާއި ފުލެޓު ދިނުމަކީ ގޯސްކަމަކަށް ވުމެއް ނޫނެވެ. އެކަން ކުރުމުގެ ހަރުދަނާ އުސޫލެއް ނެތްކަމެވެ. ފުލެޓު ދިނުމުގައި އަދުލުވެރިކަން ނެތުމުގެ މައްސަލައެވެ. މިލިޔަނުން ޚަރަދުކޮށް ސަރުކާރުގެ އިސް މީހުން ކުރާ ދަތުރުތައް ހުއްޓާލައިފި ނަމަ، ނުވަތަ މަދުކޮށްލެވިއްޖެ ނަމަ، މިފަދަ އިމާރާތްތައް އަޅޭނޭ ގޮތް ފަހިވާނެއެވެ.

ދެން ކޮންމެ އަކަސް، ކުރިން ނަންގަތް ޖަލްސާގެ ވާހަކަތަކަށް ވިސްނާލާށެވެ! ހުޅުމާލޭން ގޯތިދީގެން ބޯހިޔާކުރުމުގެ ދަތިކަމަށް ހައްލެއް ގެނެވިދާނެ ހެއްޔެވެ؟ ކުރިން ބަޔާން ކުރި މާލޭގައި ގޯތި ދިނުމުގެ ކައިރި މާޒީއަށް ބަލާލުމުން އެނގޭ ހަގީގަތަކީ އެކަން އެ ގޮތަކަށް ކޮށްގެން އެމައްސަލަ ހައްލު ނުވާނޭ ކަމެވެ. އެ ޖަލްސާގައި ވާހަކަ ދެއްކި މީހުންނަށް މިކަން ނޭނގެނީ ހެއްޔެވެ؟ ނޫނެކެވެ. މިކަން ރަނގަޅަށް އެނގޭނެހެން ހީވެއެވެ. ނަމަވެސް، މި ހަގީގަތް އެނގުން ލަސްކޮށްލީއެވެ. ސަބަބަކީ ކޮބައިހެއްޔެވެ؟ ޖަލްސާގެ ހަގީގީ ބޭނުމަކީ ފަހަރެއްގައި ވެސް ހުޅުމާލޭން މީހުންނަށް ގޯތި ދިނުމެއް ނޫނެވެ. ޖަލްސާގެ ބޭނުމަކީ މުޅިން އެހެން މަގުސަދެކެވެ. އިންޑިޔާގެ ސިފައިން ރާއްޖޭގައި ބޭތިއްބުމާ ދެކޮޅަށް ހިންގޭ ހަރަކާތް ކުށްވެރިކޮށް ވާހަކަ ދެއްކުމެވެ. މީސްތަކުންގެ މުހުތާދުކަމުން ނާޖާއިޒު ފައިދާ ހޯދައި، މީސްތަކުންގެ ކުރިމައްޗަށް ގޯތި ދިނުމުގެ އެންކޮޅެއް އުކާލައި، ހުސްބުޅީގައި އެމީހުން ގަންނަ ގޮތް ހެދުމެވެ! އާދެ، މަތީގައި އޮތް ނެޕޯލިޔަންގެ ބަސްކޮޅުގެ މާނައިގައިވާ ފަދައިން، ހަގީގަތް ފޮރުވާކަށް ނުޖެހެއެވެ. އަމިއްލަ ބޭނުން ފުއްދާލުމުގެ ވަގުތު ހޯދުމަށްޓަކައި ހަގީގަތް އެނގުން ލަސްކޮށްލީމައި ނިމުނީއެވެ!

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.